އިސްލާމީ ޢަޤީދާއަށް ދެވޭ ހަމަލާއެއް
އިސްލާމް ދީނުގެ އެންމެ މުހިންމު މަޤްޞަދަކީ ﷲ އެއްކައުވަންތަކަމަށް ގޮވާލުމެވެ. އަދި އެކަލާނގެއަށް އީމާންވެ، ޝިރުކާއި ކުފުރުން މީސްތަކުން އެއްކިބާ ކުރުވައި އެކަމާމެދު މީސްތަކުން ހޭލައްވައިލުމެވެ. ﷲގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ޢަލައިހިވަސައްލަމަ ރަސޫލުކަމާގެން ފޮނުއްވުނުއިރު މީސްތަކުންވީ ޖަހާލަތާއި އަނދިރިކަމުގެ ތެރޭގައެވެ. މީސްތަކުން އެ އަނދިރިކަމުން އަލިކަމުގެ ތެރެއަށް ނެރެދިނީ އިސްލާމް ދީނެވެ. އިސްލާމީ ޢަޤީދާއެވެ. ނުބައި އަޚްލާޤާއި އާދަކާދަތަކާއި ފާޙިޝް ޢަމަލުތައް ފޮހެލި އެއްޗަކީ މި ޢަޤީދާއެވެ. ﷲ ތަޢާލާއަށް ޝިރުކުކުރުމަކީ އެންމެ ބޮޑު ފާފަކަމުގައި އެކަލާނގެ ލައްވާފައިވެއެވެ. ﷲ ވަޙީ ކުރައްވާފައި ވެއެވެ. (إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ)[1] މާނައީ: “ހަމަކަށަވަރުން ޝަރީކު ކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ.” އެހެންކަމުން އިސްލާމްކަމުގައި ހުރުމަށް ފަހު އެދީނަށް ފުރަގަސްދީފައި ދިއުމީ މި ޢަޤީދާއަށާއި އޭނާގެ ނަފްސަށާއި އެ ޢަޤީދާގެ މަތީގައި ތިބި މީހުންގެ ހިތްތަކަށް ދެވޭ އަނިޔާއަކަށް ނުވަތަ ހަމަލާއަކަށް ނޫނީ ނުވާނެއެވެ. އަދި ޝައިޠާނީ ދަންމަޅިއެއްގައި މީސްތަކުން ބެއްދުންކަމުގައި މެނުވީ އެކަން ނުމެވޭމެއެވެ.
އިސްލާމީ މަންހަޖަށް ހުރި ނުރައްކަލެއް
އިސްލާމް ދީނަކީ މުޅި އިންސާނީ ޙަޔާތަށްވާ މަންހަޖެކެވެ. އަދި މުޅި އިންސާނިއްޔަތުގެ ސުލޫކަށް ޢާންމުވެހުރި ނިޒާމެކެވެ. ކޮންމެ ނިޒާމަކީވެސް އެނިޒާމެއްގެ ރުކުންތައް ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި އެއަށް ޙިމާޔަތާއި ރައްކާތެރިކަން ނުހަނު ބޮޑަށް ބޭނުންވާނެ އެއްޗެކެވެ. އެހެންކަމުން އެފަދަ ނިޒާމެއް ދަމަހައްޓައި ރައްކާތެރިކުރުމަށްޓަކައި އެ ނިޒާމުން ބޭރުވުން މަނާވެފައި އޮތުމަށް ވުރެ ވަރުގަދަ އުޞޫލެއް ނޯންނާނެކަން ކަށަވެރެވެ. އިސްލާމްދީނުން ބޭރުވެގަތުމީ މި އުޞޫލުގެ ދަށުން ބަލާއިރު އެ ދީނަށް ވެވޭ ބޮޑު ޚިޔާނާތެކެވެ. އަދި އެއީ މުޅި އިސްލާމީ މަންހަޖާ ދެކޮޅަށް ކުރެވޭ ބަޣާވާތެކެވެ. އެފަދަ ބަޣާވާތަކަށް ލިބެން ޖެހޭނެ އަދަބަކީ ޤައުމުތަކުގެ ނިޒާމުތައް މުގުރައި ބަޣާވާތްކުރާ މީހުންނަށް ވަޟަޢީ ޤާނޫނު ތަކުގައިވެސް އިއްތިފާޤުވެފައިވާ ފަދައިން، މަރުގެ އަދަބުކަން ކަށަވަރެވެ. ދުނިޔަވީ ނިޒާމުތަކުގައިވެސް މިފަދައިން ކަން އޮތް އިރު، މުރުތައްދުވާ މީހާ ޤަތުލުކޮށްލުމީ އިސްލާމްދީނުގައި ކަނޑައެޅިފައިވާ ޢަދުލުވެރި އަދި އިންސާފުވެރި ޢުޤޫބާތެއްކަން ވަޟައީ ޤާނޫނުތައްވެސް ހެކިދެއެވެ.
[1] سورة لقمان: 13