މުރުތައްދުވާ މީހާގެ ޙުކުމް
ޝަރުޢީ ޞައްޙަ ދަލީލުތަކުން އެނގި ބަޔާންވެގެންވާ ގޮތުގައި އިސްލާމްދީނަށް ވަނުމަށްފަހު އެ ދީނުން ބޭރުވެގަނެ މުރުތައްދުވާ މީހާގެ ޙުކުމަކީ ޤަތުލުކުރުމެވެ. عَنْ عِكْرِمَة، قَالَ: أُتِيَ عَلِيُّ رضي الله عنه، بِزَنَادِقَةٍ فَأَحْرَقَهُمْ، فَبَلَغَ ذَلِك ابُنْ عَبَّاسٍ، فَقَالَ: لَوْ كُنْتُ أَنَا لَمْ أَحْرِقْهُم، لِنَهْيِ رَسُوْلُ اللهِ صلى الله عليه وسلم: ((لَا تُعَذِّبُوْا بِعَذَابِ اللهِ)) وَلَقَتَلْتُهُم، لِقَوْلِ رَسُوْلِ اللهِ صلى الله عليه وسلم: ((مَنْ بَدَّلَ دِيْنَهُ فَاقْتُلُوْه))[1] މާނައީ: ޢިކްރިމާގެ އަރިހުން ރިވާވެގެން ވެއެވެ. މުސްލިމުންކަމަށް ހެދިގެން އުޅުނު ކާފަރުންތަކެއް (ޒިންދީޤުންތަކެއް) [2] ޢަލީ رضي الله عنه ގެ އަރިހަށް ގެނެވުނެވެ. އެހިނދު އެކަލޭގެފާނު އެމީހުން އަންދައިލެއްވިއެވެ. ދެންފަހެ މި ޚަބަރު އިބްނު ޢައްބާސްއާ ހަމައަށް އައުމުން އެކަލޭގެފާނު ދެންނެވިއެވެ. ރަސޫލުﷲ صلى الله عليه وسلم ނަހީ ކުރައްވާފައި ވާތީ، ތިމަންކަލޭގެފާނު ނަމަ އެމީހުން އަންދައި ނުލެއްވީމުހެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ﷲ ގެ ޢަޛާބުން ޢަޛާބު ނުދޭހުށިކަމެވެ. (އެބަހީ: އަލިފާނުން އަންދާ ނުލާށެވެ.) ” އެހެނަސް ނަބިއްޔާ صلى الله عليه وسلم ގެ މި ބަސްފުޅުގައި ވާ ގޮތުގެ މަތިން ތިމަންކަލޭގެފާނު އެމީހުން ޤަތުލު ކުރެއްވީމުހެވެ. “އެމީހެއްގެ ދީން ބަދަލުކޮށްފި މީހާ (އެބަހީ: އިސްލާމުވުމަށް ފަހު މުރުތައްދުވާ މީހާ) ޤަތުލުކޮށްލާށެވެ.” މި ޙަދީޘް އެކިއެކި ބޭކަލުންގެ އަރިހުން ތަފާތު ޢިބާރާތްތަކުން ރިވާވެގެން މަޝްހޫރު 07 (ހަތެއް) ޙަދީޘް ފޮތެއްގައި ޛިކުރު ކުރައްވާފައި ވެއެވެ.[3]
އަދިވެސް އެހެން ޙަދީޘެއްގައި ވަނީ ((لَا يَحِلُّ دَمُ امْرِئٍ مُسْلِمٍ، يَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ وَأَنِّي رَسُولُ اللهِ، إِلَّا بِإِحْدَى ثَلَاثٍ: الثَّيِّبُ الزَّانِي، وَالنَّفْسُ بِالنَّفْسِ، وَالتَّارِكُ لِدِينِهِ الْمُفَارِقُ لِلْجَمَاعَةِ))[4] މާނައީ: “ހަމަކަށަވަރުން ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވާކަމަށާ ތިމަންކަލޭގެފާނީ ﷲ ގެ ރަސޫލާކަމަށް އީމާންވެހުރި މުސްލިމެއްގެ ލޭ، މި ތިން ކަމުން ކުރެ ކަމަކުން މެނުވީ ހުއްދަވެގެން ނުވެއެވެ. (އެއީ) ކާވެންޏެއް ކުރުމަށްފަހު ޒިނޭ ކުރި މީހާއާއި، ނަފްސެއް މަރައިލުމުގެ ސަބަބުން (ޤިޞާޞްގެ ގޮތުގައި) އާއި، އަދި (މުރުތައްދުވެ) ދީން ދޫކޮށް، (މުސްލިމުންގެ) ޖަމާޢަތާ ވަކިވެގަންނަ މީހާއެވެ.”
މި ޙަދީޘުން އެނގޭ ގޮތުގައި ދީން ދޫކޮށް މުރުތައްދުވެއްޖެ މީހާގެ ލޭ ހުއްދަވެގެން ވެއެވެ. އެބަހީ އޭނާގެ ޙުކުމަކީ ޤަތުލު ކޮށްލުމެވެ. އަދި އެކަންކުރާނީ މުސްލިމުންގެ ޙާކިމާއެވެ. ނުވަތަ އޭނާ ކަނޑައަޅާ ނައިބެކެވެ. އެކަން ޢާންމު ފަރުދުންކޮށްގެން ނުވާނެއެވެ. އެއީ އޭގެ ސަބަބުން އެއްވެސް ބެލުމެއް ނެތި މީހުންގެ ޙައްޤުތަކަށް އަރައިގަނެވި، ބާޠިލު ދަޢުވާތަކުގައި މީހުންގެ ލޭ އޮހޮރުވުމާލުމަށް ހުޅުވިގެންދާ ދޮރަކަށް ވާނެއެވެ. ޢާންމު ފަރުދަކު އެކަން ކޮށްފިނަމަ ތަޢުޒީރުކުރެވޭނެއެވެ. [5]
[1] صحيح البخاري، كتاب استتابة المرتدين والمعاندين وقتالهم، باب حكم المرتد والمرتدة واستتابتهم. حديث 6922، ص: 1712.
[2]ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ. “މިތަނުގައި މަޤްޞަދަކީ، ފިޤުހުވެރިންގެ އިޞްތިލާޙުގައި ޒިންދީގަކީ ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައި އުޅުނު މުނާފިޤުންނަށް މުޚާޠަބަކުރަން ބޭނުން ކުރާފަދަ އިޞްތިލާޙެކެވެ. އެއީ އިސްލާމްކަން ފާޅުކޮށްފައި އެހެންކަމެއް ވަންހަނާކޮށްގެން ހުރުމެވެ. އެއީ ޔަހޫދީކަން ނުވަތަ ނަޞާރާކަން ވަންހަނާކޮށްގެން ހުރުން ނުވަތަ ރައްބަކު ވާކަން އިންކާރުކުރުން ނުވަތަ ޤިޔާމަތް ދުވަސް އިންކާރުކުރުން ފަދަ ކަންކަމެވެ.” مجموع الفتاوى (7 / 471 – 472).
[3] الردة والحرية الدينية، ص: 48.
[4] صحيح مسلم، كتب القسامة والمحاربين، باب ما يباح به دم المسلم، حديث: 1676, ص 694.
[5]ބައްލަވާ: المغني لابن قدامة (9 / 8).