[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

إِمَامُ الشَّاطِبِيُّ رحمه الله – 1

ނަންފުޅާއި ކުންޔާއާއި އުފަން ރަށް:

 

އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ: أَبُو مُحَمَّدٍ، وَأَبُو القَاسِمِ، القَاسِمُ بنُ فِيْرُّه بنِ خَلَفِ بنِ أَحْمَدَ الرُّعَيْنِيُّ، الأَنْدَلُسِيُّ، الشَّاطِبِيُّ އެވެ.[1] އެކަލޭގެފާނުގެ ކަމުގައި ބައެއް ބޭފުޅުން ވިދާޅުވަނީ އެއީ أَبُو مُحَمَّد[2] ކަމުގައެވެ. އަދި އަނެެއް ބައި ބޭފުޅުން ވިދާޅުވަނީ އެއީ أَبُو القَاسِم [3] ކަމުގައެވެ. އަދި ބައެއް ބޭފުޅުން ދެ كُنيَةُ ވެސް ބޭނުން ކުރައްވައެވެ.[4]

اِبْن خَلِّكَان رحمه الله ވިދާޅުވެފައިވެއެވެ: “އެކަލޭގެފާނުގެ كُنيَةُ އަކީ أَبُو القَاسِم އެވެ. އަދި މި كُنيَةُ އަކީ شيخގެ ނަންފުޅުވެސްމެއެވެ. އެކަމަކު شيخއަށް ލިބިފައިވާ إِجَازَاتތަކުގައި أَبُو مُحَمَّد القَاسِم ކަމުގައިވެސް ލިޔެވިފައިވާތީ ތިމަންލަކޭގެފާނު ދެކެވަޑައިގަތީމެވެ.”[5]

السَّخَاوِيُّ رحمه الله ވިދާޅުވާގޮތުން “އެކަލޭގެފާނުގެ ކުންޔަތަކީ أَبُو القَاسِم އެވެ. އެކަމު ގިނަ މީހުން ވިދާޅުވާގޮތުގައި އެކަލޭގެފާނުގެ ކުންޔަތަކީ أَبُو مُحَمَّد القَاسِمއެވެ.”[6]

الذَّهَبِيُّ رحمه الله ވިދާޅުވެފައިވެއެވެ: “އެކަލޭގެފާނުގެ كُنْيَةއަކީ أَبُو القَاسِمއެވެ. އަދި މިނަން އެހެންމީހަކަށް ނުކިޔާކަމުގައި السَّخَاوِيُّ ވިދާޅުވެފައިވެއެވެ. އެކަމަކު ހަޤީޤަތަކީ، އެކަލޭގެފާނުގެ ނަންފުޅަކީ القَاسِمއެވެ. އަދި كُنيَةُ އަކީ أَبُو مُحَمَّدއެވެ. މި ގޮތަށް ގިނަ ޢިލްމުވެރިން ވިދާޅުވެއެވެ.”[7]

المَقَرِّيُّ رحمه اللهވިދާޅުވެފައިވެއެވެ: “އެކަލޭގެފާނުގެ كُنيَةُ އަކީ أَبُو مُحَمَّدއެވެ. އެއީ އެކަލޭގެފާނުގެ إجَازَاتތަކުގައި ބަޔާންވެފައިވާ ގޮތެވެ.”[8]

فِيْرُّه އަކީ عرب ބަހުން ދަނގަޑެވެ. خَيْرُ الدِّيْن الزَّرْكَلِيُّ رحمه الله ވިދާޅުވެފައިވެއެވެ: “ލެޓިންބަހުން ދަގަނޑަށް ކިޔަނީ (Ferrum) ފާރަމްއެވެ. ފަރަންސޭސި ބަހުން (Fer) ފާ ކިޔާއިރު، ސްޕެއިން ބަހުންކިޔަނީ (Hierro) ހައިރޯއެވެ. އެއެން ކަމުން އަކަލޭގެފާނުގެ ނަންފުޅުވަނީ، ލެޓިނާއި ސްޕެއިން ބަހާއި ދެ ބަހުން އެކުލެވިފައެވެ.”[9]

الرُّعَيْنِيُّ ނިސްބަތްވަނީ ذُو رُعَيْن އަށެވެ. އެއީ يَمَنގެ ރަސްރަސްކަލުންކުރެ ރަސްކަލެކެވެ.[10]

الأَنْدَلُسِيُّ ނިސްބަތްވަނީ މިހާރުގެ ސްޕެއިނަށެވެ. އަދި الشَّاطِبِيُّ ނިސްބަތްވެގެންވަނީ ސްޕެއިންގެ شَاطِبَة ސިޓީއަށެވެ. އެއީ الأَنْدَلُسގެ އިރުމަތީ ފަރާތުގައިވާ، ވެލެންސިޔާއާއި 57 ކިލޯމީޓަރު ދުރުގައިވާ ސިޓީއެކެވެ.[11]

މި ސިޓީއަކީ އިސްލާމީ ތާރީޚުގައި އުފެދުނު ބޮޑަތި ޢިލްމުވެރިން އުޅުއްވި ސިޓީއެކެވެ. އޭގެ ތެރޭގައި عَبْدُ العَزِيزُ بن عَبْدُ الله  بن ثعْلَبَة أَبُو مُحَمَّد السَعْدِي الأَنْدَلُسِيُّ الشَّاطِبِيّ، އާއި أَحْمَدُ بِن مُحَمَّدُ بِن خَلَف بِن محرز بن مُحَمَّد أَبُو العَبَّاس المَالِكِيّ الأَنْدَلُسِيّ الشَّاطِبِيّ، އަދި أَبُو إِسْحَاق إِبرَاهِيْم بن مُوْسَى بِن مُحَمَّد اللخمي الشَّاطِبِيّ الأُصُوْلِيّ ހިމެނެއެވެ.

މިކަލޭގެފާނަކީ المُوَافقَاتُ އާއި الاِعْتِصَامُ ލިޔުއްވި ބޭފުޅާއެވެ.[12]

 


 

[1] سير أعلام النبلاء، للذَهَبي (21/263).

[2] وفيات الأعيان وأنباء أبناء الزمان، لابن خلكان (4/71).

[3] كنز المعاني شرح حرز الأماني، للجعبري (ص 9).

[4] طبقات الشافعية الكبرى، لتاج الدين السبكي (7/271).

[5] وفيات الأعيان وأنباء أبناء الزمان، لابن خلكان (4/73).

[6] سير أعلام النبلاء،  للذَهَبي (21/262).

[7] تاريخ الإسلام وَوَفيات المشاهير وَالأعلام، للذَهَبي (ص 384).

[8] نفح الطيب من غصن الأندلس الرطيب ، للمقري التلمساني (2/25).

[9] الأعلام للزركلي (5/180).

[10] وفيات الأعيان وأنباء أبناء الزمان، لابن خلكان (4/72).

[11] معجم البلدان للحموي (3/309-310).

[12] الحلل السندسية في الأخبار والآثار الأندلسية لشكيب أرسلان (3/256-291).

 

މި ލިޔުމުގެ އެހެންބައިތައް