މުރުތައްދު ވުމާއެކު ވަގުތުން ޤަތުލު ކުރަނީތަ؟
މުރުތައްދުވާ މީހާ އޭނާގެ ޢަމަލުން ނުވަތަ ފާޅުކަންބޮޑު ބަހަކުން މުރުތައްދުވުމާއެކު ވަގުތުން އޭނާގެ ހަށިގަނޑާއި ފުރާނަ ވަކިކޮށްލުމީ އިސްލާމީ ޝަރީޢަތުގައި އެކަން އިންތިޒާމު ކުރައްވާފައިވާ ގޮތެއް ނޫނެވެ. އޭނާއަށް އެކުށުން ތައުބާވެ ދީނަށް އެނބުރި އައުމުގެ ފުރުޞަތުވާކަމުގައި ޢިލްމުވެރިން ބަޔާން ކުރައްވައެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ. (وَتُوبُوا إِلَى اللَّـهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ)[1] މާނައީ: “ތިޔަބައިމީހުން އެންމެން ﷲ އަށް ތައުބާވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، ނަޞީބު ލިބުމަށްޓަކައެވެ.” އަދިވެސް އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا تُوبُوا إِلَى اللَّـهِ تَوْبَةً نَّصُوحًا)[2] މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތެދުވެރި، އިޚްލާޞްތެރި ތައުބާ އަކުން، ތިޔަބައިމީހުން ﷲ އަށް ތައުބާވާށެވެ.”
އަދި ﷲ ގެ ތައުބާގެ ދޮރުކޮޅު ހުޅުވިގެންވާކަން އެކަލާނގެ ނަބިއްޔާ ބަޔާން ކޮށްދެއްވާފައިވެއެވެ. ހަދީޘްކުރެއްވިއެވެ. ((إِنَّ اللهَ عَزَّ وَجَلَّ يَبْسُطُ يَدَهُ بِاللَّيْلِ لِيَتُوبَ مُسِيءُ النَّهَارِ، وَيَبْسُطُ يَدَهُ بِالنَّهَارِ لِيَتُوبَ مُسِيءُ اللَّيْلِ، حَتَّى تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا))[3] މާނައީ: “މަޣުރިބު ފަރާތުން އިރު އަރައްޖައުމަށް ދާންދެން، ދުވާލުގެ ވަގުތުގައި ފާފަކުރި ފާފަވެރީންގެ ތައުބާ ޤަބޫލުކުރެއްވުމަށްޓަކައި ﷲ ތަޢާލާ އެކަލާނގެ އަތްޕުޅު ރޭގަނޑުގެ ވަގުތުގައި ހުޅުއްވައިލައްވައެވެ. އަދި ރޭގަނޑު ފާފަކުރި ފާފަވެރިންގެ ތައުބާ ޤަބޫލުކުރެއްވުމަށްޓަކައި ދުވާލުގެ ވަގުތުގައި އެކަލާނގެ އަތްޕުޅު ހުޅުއްވައިލައްވައެވެ.”
ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި މުރުތައްދުވާ މީހާއަށް ތައުބާވުމުގެ ފުރުޞަތު ދިނުން ހުއްޓެވެ. އަދި އޭނާ މުރުތައްދެއްގެ ގޮތުގައި ޤަތުލު ކުރެވޭ ހުށީ އޭނާއަށް ތައުބާ ލައިދިނުމަށް ފަހުވެސް އޭނާ ތައުބާ ނުވެއްޖެނަމައެވެ. އެހެނީ ލޭ ހުއްދަވުމުގައި އެއްވެސް ޝައްކެއް ނެތް މިންވަރަށް އެކަން ޔަޤީން ކުރަން ޖެހޭތީއެވެ. އެކަން ޔަޤީން ކުރުމަށްޓަކައި އޭނާއަށް ތައުބާ ލައިދިނުމީ ވާޖިބެއް ކަމުގައި ޢިލްމުވެރިން ބަޔާންކުރައްވައެވެ. މިއީ މިކަމުގައި ގިނަ ޢިލްމުވެރިންގެ ބަސްފުޅެވެ. އަދި عمر، وعلي، وعطاء، والنخعي، ومالك، والثوري، والأوزاعي، وإسحاق، އަދި އިމާމު ޝާފިޢީގެ އެއް ބަސްފުޅާއި އަޞްޙާބުއް ރައުޔުގެވެސް ބަސްފުޅެވެ.[4]
[1] سورة النور: 31
[2] سورة التحريم: 66
[3] صحيح مسلم، كتاب التوحيد، باب قبول التوبة من الذنوب وإن تكررت الذنوب والتوبة. حديث: 2759. ص: 1104.
[4] ބައްލަވާ: المغني لابن قدامة. (9 / 5).