[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މުރުތައްދުވާމީހުންގެ މައްޗަށް ޝަރުޢީ ޙައްދު ޤާއިމުކުރުން – 7

މުރުތައްދުވާ މީހާ ޤަތުލު ކުރުމާއި އިންސާނީ ޙައްޤު

 

އިސްލާމުވުމަށް ފަހު ކާފިރުކުރުމަކީ އެމީހެއްގެ ޙައްޤެއް ނޫނެވެ. ޢާލަމްތަކުގެ ރައްބުގެ ޙަޟްރަތުން އެކަމުގައި ކަނޑައަޅުއްވާފައިވާ ޙުކުމް ނަބިއްޔާ صلى الله عليه وسلم ވަނީ ބަޔާންކޮށްދެއްވާފައެވެ. އެއީ އިސްލާމްދީން ދޫކޮށްލާފައިދާ މީހާ ޤަތުލުކުރުމެވެ. ސްކޫލަކަށް ވަދެ އެތަނުގެ ޔުނިފޯމު ނުލާ އުޅޭ މީހެއްގެ މައްޗަށް ފިޔަވަޅު އަޅާ ހެނެވެ. އޭނާއަށް އިސްލާމްދީން ކަމުނުދިޔުމުން، ފަހެ މުސްލިމުންގެ ތެރޭގައި އެކަން ވަންހަނާކޮށްގެން އުޅެ މަރުވެއްޖެނަމަ ޤިޔާމަތް ދުވަހުން އޭނާގެ މައްޗަށް ޢަދުލުވެރި ޙުކުމުން ޙުކުމް ކުރައްވާނީ ޢާލަމްތަކުގެ ރައްބެވެ. އަދި ދުނިޔެމަތީގައި އޭނާގެ މައްޗަށް އެ ޙުކުމް ޤާއިމު ނުކުރެވިދާނެއެވެ. އަދި މުސްލިމުންގެ ރަށް ދޫކޮށްލާ ކާފިރުންގެ ރަށަކަށް ހިޖުރަކޮށް، އެތަނުގައި މުރުތައްދުވާމީހާ އެ އެދޭ ގޮތަކަށް އުޅުމުންވެސް އޭނާގެ މައްޗަށް މުސްލިމުންގެ ބާރު ނުފޯރާ ތަނެއްގައި ފިޔަވަޅެއް ނޭޅިދާނެވެ. އެއީ މިހާރުވެސް ހިނގަމުންދާ ކަންކަމެވެ. އެހެނަސް މުސްލިމު މުޖުތަމަޢެއްގައި މުރުތައްދުވެގެން އުޅެވެން ޖެހޭނެކަމަށް ކާފިރުން ދަޢުވާކުރަނީ އެއީ މުސްލިމު މުޖުތަމަޢުތައް ފަސާދަކުރުމަށެވެ. އެހެންކަމުން މުސްލިމަކު ދީނުން ބޭރުވުމަށް ޒިންމީއަކު ހިތްވަރުދިނުމަކީ އެމީހެއްގެ މުޢާހަދާ އުވޭނެކަމެއްގެ ގޮތުގައި ޢިލްމުވެރިން ކަނޑައަޅުއްވައެވެ. [1] އެއީ އެކަމުގެ ހުރި ފަސާދަައިގެ ބޮޑުކަމާއި ނުރައްކާތެރިކަމުންނެވެ. އަދި އެފަދަ މީހުން އީމާންކަމުގެ އަހުލުވެރިން އިމްތިޙާނުކުރުމުގެ މަގު ބަންދުކުރުމަށެވެ.

އައްޝައިޚު އިބްނު ޢުޘައިމީން رحمه الله އާ ސުވާލު ދެންނެވުނެވެ. ފިކުރީ މިނިވަންކަމުގެ ވާހަކަ ތިމަންމެން އަހަމުއެވެ. އެއީ ޢަޤީދާގެ މިނިވަންކަން ލިބިދިނުމަށް ގޮވައިލެވޭ ގޮވައިލުމެކެވެ. މިކަމާމެދު ދަންނަވަނީ ކީކޭތޯއެވެ؟ ޝައިޚު ޖަވާބު ދެއްވިއެވެ. “ތިކަމުގައި އަހުރެން ދަންނަވަން އޮތީ، އިންސާނާ އޭނާ ބޭނުން އެއްޗެއް ޤަބޫލު ކުރުމީ އޭނާއަށް ލިބިގެންވާ މިނިވަންކަމެއް ކަމުގައި ޤަބޫލުކުރުމާއި އޭނާ ބޭނުން ދީނެއް ޚިޔާރުކޮށްގެން އޭނާ އުޅެންވީ ކަމުގައި ޤަބޫލުކޮށްފި މީހާއީ ކާފިރެކެވެ. އެހެނީ މުޙައްމަދު صلى الله عليه وسلم ގެ ދީން ފިޔަވައި އެހެން ދީނެއް ޚިޔާރު ކުރުމީ ﷲ ތަޢާލާއަށް ކާފިރުވުންކަމުގައި އަހުރެމެން ދަންނަމުއެވެ. އެފަދަ މީހާ ތައުބާވާން ޖެހެއެވެ. ތައުބާ ނުވެއްޖެނަމަ އޭނާ ޤަތުލުކުރުން ވާޖިބުވެގެން ވެއެވެ. އަދި ދީންތަކަކީ ފިކުރެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ! އެއީ އެ މަގުން ހިނގުމަށްޓަކައި އެކަލާގެ އަޅުތަކުންނަށްޓަކައި ﷲ ތަޢާލާގެ ޙަޟްރަތުން ރަސޫލު ބޭކަލުންނަށް ބާވައިލެއްވުނު ވަޙީއެވެ. ޚުލާޞާކޮށް ދަންނަވީނަމަ މީހަކު ބޭނުން ދީނަކަށް އެމީހަކަށް އުޅެވެން ޖެހޭނެކަމުގައި ޤަބޫލުކޮށްފިމީހާއީ ކާފިރެކެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. (وَمَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ) (سورة آل عمران: 85) (އާޔަތުގެ މާނައީ: “ދީނެއްގެ ގޮތުގައި އިސްލާމްދީން ނޫން ދީނެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (އެކަން) ޤަބޫލެއް ނުކުރައްވާ ހުށްޓެވެ. އަދި، އާޚިރަތުގައި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.”) ދެންފަހެ އިސްލާމްދީން ފިޔަވައި އެހެން ދީނެއް ޚިޔާރުކުރުން ހުއްދަކަމުގައި ޤަބޫލު ކުރުމަކީ އެއްވެސް މުސްލިމަކަށް ހުއްދަވެގެންވާނެ ކަމެއް ނޫނެވެ. އެފަދައިން ޤަބޫލުކުރާ މީހާއީ މިއްލަތުން ބޭރުވެގެންވާ ކާފިރެއްކަމުގައި ޢިލްމުވެރިން ކަނޑައެޅި ބަޔާންކުރައްވައެވެ.” [2]

 


 

[1] ބައްލަވާ: الصارم المسلول لابن تيمية (ص: 6).

[2]https://www.islamweb.net/ar/fatwa/170755/%D8%B9%D8%AF%D9%85-%D8%A7%D9%84%D8%A5%D9%83%D8%B1%D8%A7%D9%87-%D9%81%D9%8A-%D8%A7%D9%84%D8%AF%D9%8A%D9%86-%D9%84%D8%A7-%D9%8A%D8%B9%D9%86%D9%8A-%D8%A7%D9%84%D8%A3%D9%85%D8%B1-%D8%A8%D8%AD%D8%B1%D9%8A%D8%A9-%D8%A7%D9%84%D8%A7%D8%B9%D8%AA%D9%82%D8%A7%D8%AF

 

މި ލިޔުމުގެ އެހެން ބައިތައް