[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އެ ރަށް ބަންޑުން ޖެއްސެވި!

إن الحمد لله، نحمده تعالى ونستعينه ونستغفره، ونعوذ بالله من شرور أنفسنا، ومن سيئات أعمالنا، من يهده الله فلا مضل له، ومن يضلل فلا هادي له، وأشهد أن لا إله إلا الله وحده لا شريك له، وأشهد أن محمداً عبده ورسوله، أما بعد:

 

އިބްރާހީމްގެފާނާއި މާތްވެގެންވާ މެހެމާނުން

 

ފަހެ، ﷲ ތަޢާލާ އެއިލާހުގެ ނަބީބޭކަލުންގެ ވާހަކަތައް އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވާފައިވަނީ އެއިން ޢިބުރަތް ޙާޞިލުކޮށް ޢަމަލުކުރުމަށެވެ.

﴿نَحْنُ نَقُصُّ عَلَيْكَ أَحْسَنَ الْقَصَصِ﴾ [سورة يوسف 3]

މާނައީ: “އެންމެ ރިވެތި ވާހަކަތައް ތިމަންއިލާހު ކަލޭގެފާނަށް ކިޔައިދެއްވަމެވެ.”

﴿لَقَدْ كَانَ فِي قَصَصِهِمْ عِبْرَةٌ لِّأُولِي الْأَلْبَابِ﴾ [سورة يوسف 111]

މާނައީ: “ހަމަކަށަވަރުން އެބައިމީހުންގެ ވާހަކަތަކުގައި ބުއްދީގެ އަހުލުވެރިންނަށް ޢިބުރަތެއް ވެއެވެ.”

އެފަދަ އެއް ވާހަކައަކީ އިބްރާހީމުގެފާނުގެ އަރިހަށް ވަޑައިގެންނެވި މާތްވެގެންވާ މެހެމާނުންގެ ވާހަކައެވެ. އެކަލޭގެފާނަކީ ރިވެތި އަޚުލާޤުގެ ވެރި ބޭކަލެކެވެ. އެކަލޭގެފާނުގެ ގެކޮޅުގެ ދޮރުކޮޅު މެހެމާނުންނަށްޓަކައި ބަންދު ނުވެއެވެ. އެގޮތުން އެއްދުވަހަކު އެކަލޭގެފާނުގެ އަރިހަށް މެހެމާނުންތަކެއް ވަޑައިގެންނެވިއެވެ. އެއީ ﷲ ތަޢާލާ ފޮނުއްވި މަތިވެރިވެގެންވާ މަލާއިކަތުންނެވެ. އެބޭކަލުން އެކަލޭގެފާނުގެ އަރިހަށް ވަޑައިގެން ސަލާމް ދެންނެވިއެވެ.

﴿وَلَقَدْ جَاءَتْ رُسُلُنَا إِبْرَاهِيمَ بِالْبُشْرَىٰ قَالُوا سَلَامًا ۖ قَالَ سَلَامٌ﴾ [سورة هود 69]

މާނައީ: “އަދި ހަމަކަށަވަރުން އުފާވެރިކަމުގެ ޚަބަރާއިގެން ތިމަންއިލާހު ފޮނުއްވި ރަސޫލުން (އެބަހީ: މަލާއިކަތުން) އިބްރާހީމުގެފާނުގެ އަރިހަށް ވަޑައިގަތެވެ. އެބޭކަލުން ދެންނެވިއެވެ. ސަލާމެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ސަލާމެވެ!”

﴿فَرَاغَ إِلَىٰ أَهْلِهِ فَجَاءَ بِعِجْلٍ سَمِينٍ﴾ ‏[سورة الذاريات ‎٢٦]

މާނައީ: “ފަހެ، އެކަލޭގެފާނުގެ އަހުލުވެރިންގެ ގާތަށް ސިއްރިޔާތުގައި އެކަލޭގެފާނު ވަޑައިގަތެވެ. އަދި ރޫފަރަނގަޅު ޅަގެރިއެއް (ފިއްސަވައިގެން) ގެންނެވިއެވެ.”

އެކަލޭގެފާނުގެ އަހުލުން ތިއްބެވީ މެހެމާނުންނަށް އިސްތިޤުބާލުކުރެއްވުމަށް ތައްޔާރަށެވެ. އެއީ އަލްޚަލީލު އިބްރާހީމުގެފާނުގެ ތަރުބިއްޔަތެވެ. މެހެމާނުންނަށް ކެއުން ތައްޔާރުކުރެއްވުމަށް ފަހު އެބައިމީހުންގެ ޚިދުމަތުގައި އެކަލޭގެފާނުގެ އަނބިކަނބަލުން ހުންނެވިއެވެ.

﴿وَامْرَأَتُهُ قَائِمَةٌ﴾ [سورة هود 69]

މާނައީ: “އަދި އެކަލޭގެފާނުގެ އަނބިކަނބަލުން (އެ ހިނދު އެތަނުގައި) ހުންނެވިއެވެ.”

އިބްރާހީމުގެފާނު ފިހެފައި އޮތް ގެރި ގެންނަވާ އެބޭކަލުންގެ ކައިރީގައި ބެހެއްޓެވިއެވެ. ނަމަވެސް އެބޭކަލުން އެއިން ފަރިއްކުޅުވާކަށް ނުއުޅުއްވައެވެ. މިތަން ފެނިވަޑައިގެންނެވުމުން އެކަލޭގެފާނު ބިރުފުޅުގެން ވަޑައިގެންނެވިއެވެ.

﴿فَقَرَّبَهُ إِلَيْهِمْ قَالَ أَلَا تَأْكُلُونَ ‎﴿٢٧﴾‏ فَأَوْجَسَ مِنْهُمْ خِيفَةً﴾ ‏[سورة الذاريات ‎٢7، 28]

މާނައީ: “ދެން އެ މެހުމާނުންނާ އޭތި ކައިރިކޮށްލައްވައި ވިދާޅުވިއެވެ. ތިޔަބައިމީހުން ނުކާނަން ހެއްޔެވެ؟ [27] ފަހެ، އެކަލޭގެފާނުގެ ހިތްޕުޅަށް އެބައިމީހުންނާމެދު ބިރުވެރިކަމެއް ވަދެއްޖެއެވެ.”

﴿قَالُوا لَا تَخَفْ إِنَّا أُرْسِلْنَا إِلَىٰ قَوْمِ لُوطٍ﴾ [سورة هود ٧٠] ‎

މާނައީ: “އެބޭކަލުން ދެންނެވިއެވެ. ކަލޭގެފާނު ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން ތިމަންމެން ފޮނުއްވީ ލޫޠުގެފާނުގެ ޤައުމަށެވެ.”

މިހާ ހިސާބުން އެއީ ﷲ ތަޢާލާ ފޮނުއްވި މަލާއިކަތުންކަން އިބްރާހީމުގެފާނަށް އެނގިވަޑައިގެންނެވިއެވެ.

ލޫޠުގެފާނު އިބްރާހީމުގެފާނާއެކު ޢިރާޤުން ޝާމުކަރައަށް ހިޖުރަކުރެއްވިއެވެ. ދެން އެއަށްފަހު ﷲ ތަޢާލާ، އެކަލޭގެފާނު  ސަމޫދުގެ މީހުންގެ ގާތަށް ނަބީކަމައިގެން ފޮނުއްވިއެވެ. ސަމޫދު ބާގައިގެ މުޝްރިކުންވީ ނުބައިކަން ބޮޑު، ފާޙިޝް ޢަމަލަކަށް އަރައިގަންނަ ބައެއްކަމުގައެވެ. އިބްރާހީމުގެފާނުގެ އަރިހަށް ވަޑައިގެންނެވި މެހެމާނުންނަކީ މިމުޖުރިމުންގެ ނުބައިކަމުން ލޫޠުގެފާނު ސަލާމަތްކުރެއްވުމަށް ފޮނުއްވުނު މަލާއިކަތުންކަން އެކަލޭގެފާނަށް އެނގިވަޑައިގެންނެވިއެވެ. އަދި އެކަމާ އަޖައިބުވެ އެކަލޭގެފާނުގެ އަނބިއަނބަލުން ހިނިފުޅުވެޑުވިއެވެ. އެހިނދު އެބޭކަލުން އެކަމަނާއަށް އުފާވެރިކަމުގެ ޚަބަރު ދެއްވިއެވެ.

﴿وَامْرَأَتُهُ قَائِمَةٌ فَضَحِكَتْ فَبَشَّرْنَاهَا بِإِسْحَاقَ وَمِن وَرَاءِ إِسْحَاقَ يَعْقُوبَ﴾ [سورة هود ٧١] ‎

މާނައީ: “އަދި އެކަލޭގެފާނުގެ އަނބިކަނބަލުން (އެ ހިނދު އެތަނުގައި) ހުންނެވިއެވެ. ފަހެ، (އެބޭކަލުން އެހެން ވިދާޅުވުމުން) އެކަމަނާ ހިނިފުޅުވެޑުވިއެވެ. ފަހެ، އެކަމަނާއަށް އިސްޙާޤުގެފާނު ލިބިވަޑައިގަންނަވާނެކަމާ އަދި އިސްޙާޤުގެފާނުގެ ފުށުން ޔަޢުޤޫބުގެފާނު ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު، ތިމަންއިލާހު އެކަމަނާއަށް ދެއްވީމެވެ.”

މި ޚަބަރުވީ އެކަމަނާއަށް ވަރަށް އަޖައިބުކުރުވަނިވި ޚަބަރަކަށެވެ. އެހެނީ އެކަމަނާވަނީ މުސްކުޅި ވެފައެވެ. އަދި އެކަމަނާގެ ފިރިކަލުންވެސްވަނީ މުސްކުޅިވެފައެވެ.

﴿قَالَتْ يَا وَيْلَتَىٰ أَأَلِدُ وَأَنَا عَجُوزٌ وَهَٰذَا بَعْلِي شَيْخًا ۖ إِنَّ هَٰذَا لَشَيْءٌ عَجِيبٌ ‎﴿٧٢﴾‏ قَالُوا أَتَعْجَبِينَ مِنْ أَمْرِ اللَّهِ ۖ رَحْمَتُ اللَّهِ وَبَرَكَاتُهُ عَلَيْكُمْ أَهْلَ الْبَيْتِ﴾ [سورة هود ٧٢، ٧٣] ‎

މާނައީ: “އެކަމަނާ ވިދާޅުވިއެވެ. އޭހުރި އަޖައިބެއްގެ ބޮޑުކަމާއެވެ! ތިމަންނާ މުސްކުޅިޔަކު ކަމުގައިވާއިރުވެސް ތިމަން ވިހާނޭ ހެއްޔެވެ؟ އަދި ތިމަންގެ ފިރިކަލުން މިހުންނެވީ މުސްކުޅިވެފައެވެ. ހަމަކަށަވަރުން މިއީ އަޖައިބުވެގެންވާ ކަމެކެވެ. [72] އެބޭކަލުން ދެންނެވިއެވެ. ﷲ ގެ އަމުރުފުޅާމެދު ކަމަނާ އަޖައިބުވެ ވަޑައިގަންނަވަނީތޯއެވެ؟ ގޭގެ އަހުލުވެރިންނޭވެ! ތިޔަބޭކަލުންގެ މައްޗަށް ﷲ ގެ ރަޙްމަތާއި އެއިލާހުގެ ބަރަކާތް ހުށްޓެވެ.”

އިބްރާހީމުގެފާނަކީ ޚުލްޤު ހެޔޮ، ކޯފާ މަޑު، ގިނަގިނައިން ތައުބާވެވަޑައިގަންނަވާ ބޭކަލެކެވެ.

إِنَّ إِبْرَاهِيمَ لَحَلِيمٌ أَوَّاهٌ مُّنِيبٌ ‎﴿٧٥﴾ [سورة هود ٧٤، ٧٥] 

މާނައީ: “ހަމަކަށަވަރުން އިބްރާހީމުގެފާނީ ކޯފާ މަޑު، ދުޢާކުރެއްވުން ގިނަ، ﷲ ގެ ޙަޟްރަތަށް ރުޖޫޢަވެ، ތައުބާވެވަޑައިގަންނަވާ ބޭކަލެކެވެ.”

ލޫޠުގެފާނުގެ ޤައުމުގެ މީހުން ހަލާކުކުރެއްވުމުގެ ޚަބަރު ލިބިވަޑައިގެންނެވުމުން އިބްރާހީމުގެފާނު ކަންބޮޑުވެވަޑައިގެން ލޫޠުގެފާނާމެދު މަލާއިކަތުންގެ އަރިހުގައި ސުވާލު ދެންނެވިއެވެ. އަދި ލޫޠުގެފާނުގެ ޤައުމުގެ މީހުންނާމެދު ﷲ ގެ ޙަޟްރަތުގައި ދަންނަވަން ފެއްޓެވިއެވެ.

وَلَمَّا جَاءَتْ رُسُلُنَا إِبْرَاهِيمَ بِالْبُشْرَىٰ قَالُوا إِنَّا مُهْلِكُو أَهْلِ هَٰذِهِ الْقَرْيَةِ ۖ إِنَّ أَهْلَهَا كَانُوا ظَالِمِينَ ‎﴿٣١﴾‏ قَالَ إِنَّ فِيهَا لُوطًا ۚ قَالُوا نَحْنُ أَعْلَمُ بِمَن فِيهَا ۖ لَنُنَجِّيَنَّهُ وَأَهْلَهُ إِلَّا امْرَأَتَهُ كَانَتْ مِنَ الْغَابِرِينَ ﴿٣٢﴾‏ [سورة العنكبوت ٣١، ٣٢] 

މާނައީ: “އުފާވެރިކަމުގެ ޚަބަރާއިގެން ތިމަންއިލާހު ފޮނުއްވި މަލާއިކަތުން އިބްރާހީމުގެފާނުގެ އަރިހަށް ވަޑައިގަތްހިނދު އެބޭކަލުން ވިދާޅުވިއެވެ. ހަމަކަށަވަރުން ތިމަންމެން ފޮނުއްވީ މިރަށުގެ (އެބަހީ: ލޫޠުގެފާނުގެ ޤައުމުގެ) އަހުލުވެރިން ހަލާކު ކުރުމަށެވެ. ހަމަކަށަވަރުން އެ ރަށުގެ އަހުލުވެރިންވީ އަނިޔާވެރިން ކަމުގައެވެ. [31] އެކަލޭގެފާނު (އެބަހީ: އިބްރާހީމުގެފާނު) ވިދާޅުވިއެވެ. ހަމަކަށަވަރުން އެރަށުގައި ލޫޠުގެފާނު އެބަހުންނެވިއެވެ. އެބޭކަލުން ވިދާޅުވިއެވެ. އެރަށުގައިވާ ބަޔަކު ތިމަންމެންނަށް މާރަނގަޅަށް އެނގެއެވެ. ހަމަކަށަވަރުން ތިމަންމެން އެކަލޭގެފާނާއި އެކަލޭގެފާނުގެ އަހުލުވެރިން ސަލާމަތްކުރާ ހުށީމެވެ. އެކަލޭގެފާނުގެ އަނބިކަނބުލޭގެ މެނުވީއެވެ. އެކަނބުލޭގެވީ ހަލާކުވެގެންދިޔަ މީހުންގެ ތެރެއިންނެވެ. [32]”

يَا إِبْرَاهِيمُ أَعْرِضْ عَنْ هَٰذَا ۖ إِنَّهُ قَدْ جَاءَ أَمْرُ رَبِّكَ ۖ وَإِنَّهُمْ آتِيهِمْ عَذَابٌ غَيْرُ مَرْدُودٍ ‎﴿٧٦﴾‏ [سورة هود ٧٦] 

މާނައީ: “އޭ އިބްރާހީމުގެފާނެވެ! ތިޔަ ކަންތައް (އެބަހީ: ލޫޠުގެފާނުގެ ޤައުމުގެ މީހުންނާމެދު ދެންނެވުން) ދޫކޮށްލައްވާށެވެ! އެހެނީ، ހަމަކަށަވަރުން ކަލޭގެފާނުގެ ރައްބުގެ އަމުރުފުޅު އަތުވެއްޖެއެވެ. އަދި ހަމަކަށަވަރުން އަނބުރާ ރައްދު ނުކުރައްވާނޭ ޢަޛާބެއް އެބައިމީހުންގެ ގާތަށް އަންނާނެއެވެ.”

 

 

މެހެމާނުން ލޫޠުގެފާނުގެ އަރިހަށް ވަޑައިގެންނެވުން

 

ދެން އެ މަލާއިކަތުން ވަޑައިގެންނެވީ ލޫޠުގެފާނު ހުންނެވި ރަށަށެވެ. އިބްރާހީމުގެފާނުގެ އަރިހަށް ވަޑައިގެންނެވި ފަދައިން އެކަލޭގެފާނުގެ އަރިހަށްވެސް ވަޑައިގެންނެވީ މެހެމާނުންގެ ގޮތުގައެވެ. ނަމަވެސް އިބްރާހީމުގެފާނާ ޚިލާފަށް މެހެމާނުން ފެނުމުން ލޫޠުގެފާނު ހިތާމަކުރެއްވިއެވެ. އެއީ އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް އެ މެހެމާނުންގެ ޚަބަރު ލިބިގެން އައިސް އެބައިމީހުންނަށް އުނދަގޫކޮށްފާނެތީއެވެ. އަދި އެމީހުންގެ ފާޙިޝް ޢަމަލުތަކުން އެކަލޭގެފާނަށް މެހެމާނުން ސަލާމަތް ނުކުރެއްވިދާނެކަމަށްޓަކައެވެ.

﴿وَلَمَّا جَاءَتْ رُسُلُنَا لُوطًا سِيءَ بِهِمْ وَضَاقَ بِهِمْ ذَرْعًا وَقَالَ هَٰذَا يَوْمٌ عَصِيبٌ﴾ [سورة هود ٧٧] 

މާނައީ: “އަދި ތިމަންއިލާހުގެ ރަސޫލުން (އެބަހީ: މަލާއިކަތުން) ލޫޠުގެފާނުގެ އަރިހަށް ވަޑައިގަތްހިނދު (ޤައުމުގެ މީހުންގެ ފާސިދުކަމުގެ ސަބަބުން އެބޭކަލުންނަށް ދެރަގޮތެއް ވެދާނެތީ) އެބޭކަލުންނާމެދު ދެރަފުޅުވެ ހިތާމަކުރެއްވިއެވެ. އަދި އެބޭކަލުންނާމެދު ހިތްޕުޅު ދަތިވިއެވެ. އަދި ވިދާޅުވިއެވެ. މިއީ ވަރަށް ހިތާމަވެރި ދުވަހެކެވެ.”

ލޫޠުގެފަނުގެ ޤައުމުގެ މީހުން ކުރަމުން ދިޔައީ އޭގެ ކުރިން އެއްވެސް މީހަކުކޮށްފައި ނުވާ ފާޙިޝްކަން ބޮޑު ޢަމަލެކެވެ.

وَلُوطًا إِذْ قَالَ لِقَوْمِهِ أَتَأْتُونَ الْفَاحِشَةَ مَا سَبَقَكُم بِهَا مِنْ أَحَدٍ مِّنَ الْعَالَمِينَ ‎﴿٨٠﴾‏ إِنَّكُمْ لَتَأْتُونَ الرِّجَالَ شَهْوَةً مِّن دُونِ النِّسَاءِ ۚ بَلْ أَنتُمْ قَوْمٌ مُّسْرِفُونَ ‎﴿٨١﴾‏ [سورة الأعراف ٨٠، ٨١]

މާނައީ: “އަދި ލޫޠުގެފާނު، އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ވިދާޅުވި ހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުންގެ ކުރިން، ޢާލަމުތަކުގެ ތެރެއިން އެކަކުވެސް ކޮށްފައިނުވާ ފާޙިޝް ޢަމަލު ތިޔަބައިމީހުން ކުރަނީ ހެއްޔެވެ؟ [80] ހަމަކަށަވަރުން ތިޔަބައިމީހުން ޝަހުވާނީގޮތުން، އަންހެނުން ދޫކޮށް ފިރިހެނުންނާ ގާތްވަމުއެވެ. އަދި ކިއެއް ހެއްޔެވެ! ތިޔަބައިމީހުންނީ (ފާފަކުރުމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކީމުއެވެ. [81]”

އެކަލޭގެފާނުގެ އަނބިކަނބުލޭގެ މެހެމާނުންގެ ޚަބަރު އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ފޯރުކޮށްދިނެވެ. އަދި އެބައިމީހުން އަވަހަށް އެކަލޭގެފާނުގެ އަރިހަށް އައެވެ.

﴿وَلَقَدْ رَاوَدُوهُ عَن ضَيْفِهِ﴾ [سورة القمر ٣٧] 

މާނައީ: “އަދި ހަމަކަށަވަރުން އެކަލޭގެފާނުގެ މެހުމާނުންނާމެދު ނުބައި ކަންތައް ކުރުމަށްޓަކައި އެކަލޭގެފާނުގެ އަރިހުން އެބައިމީހުން އެދިގަތެވެ.”

وَجَاءَهُ قَوْمُهُ يُهْرَعُونَ إِلَيْهِ وَمِن قَبْلُ كَانُوا يَعْمَلُونَ السَّيِّئَاتِ ۚ قَالَ يَا قَوْمِ هَٰؤُلَاءِ بَنَاتِي هُنَّ أَطْهَرُ لَكُمْ ۖ فَاتَّقُوا اللَّهَ وَلَا تُخْزُونِ فِي ضَيْفِي ۖ أَلَيْسَ مِنكُمْ رَجُلٌ رَّشِيدٌ ‎﴿٧٨﴾‏ قَالُوا لَقَدْ عَلِمْتَ مَا لَنَا فِي بَنَاتِكَ مِنْ حَقٍّ وَإِنَّكَ لَتَعْلَمُ مَا نُرِيدُ ‎﴿٧٩﴾‏ قَالَ لَوْ أَنَّ لِي بِكُمْ قُوَّةً أَوْ آوِي إِلَىٰ رُكْنٍ شَدِيدٍ ‎﴿٨٠﴾‏ [سورة هود ٧٨، ٨٠] 

މާނައީ: “އަދި އެކަލޭގެފާނުގެ ޤައުމުގެ މީހުން އެކަލޭގެފާނުގެ އަރިހަށް އަވަސް އަވަހަށް އައެވެ. ކުރިންވެސް އެބައިމީހުންނަކީ ނުބައި (ފާޙިޝް) ކަންތައްތައް ކޮށްއުޅުނު މީހުންނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! މިތިބީ އަހުރެންގެ (އެބަހީ: ޤައުމުގެ) އަންހެން ދަރިންނެވެ. (ތިޔަބައިމީހުން ޝަރުޢީގޮތުން އެކަނބަލުންނާ ކައިވެނިކުރާނަމަ) އެކަނބަލުން ތިޔަބައިމީހުންނަށްޓަކައި ސާފުކަން ބޮޑެވެ. ފަހެ، ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! އަދި ތިމަންކަލޭގެފާނުގެ މެހުމާނުންގެ ކުރިމަތީގައި ތިމަންކަލޭގެފާނު ލަދުވެތި ނުކުރާށެވެ! ތިޔަބައިމީހުންގެ ތެރޭގައި ހޭޖެހޭ ފިރިހެނަކު ނުވަނީ ހެއްޔެވެ؟ [78] އެބައިމީހުން ދެންނެވިއެވެ. ހަމަކަށަވަރުން ކަލޭގެފާނުގެ (އެބަހީ: ޤައުމުގެ) އަންހެން ދަރިންނާމެދު އެއްވެސް ޙައްޤެއް (އެބަހީ: އެއްވެސް ބޭނުމެއް) ތިމަންމެންނަށް ނުވާކަން ކަލޭގެފާނަށް އެނގިވަޑައިގަންނަވާނެއެވެ. އަދި ހަމަކަށަވަރުން ތިމަންމެން އެދޭ ކަންތައް ކަލޭގެފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. [79] އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންނާމެދު ތިމަންކަލޭގެފާނަށް ބާރެއް ލިބިވަޑައިގެންފައިވާނަމައެވެ! ނުވަތަ ބާރުގަދަ ފަރާތަކަށް ދެވޭނެނަމައެވެ! [80]”

ޙަޤީޤަތުގައިވެސް އެކަލޭގެފާނު އެބައިމީހުންގެ ނުބައިކަމުން ސަލާމަތްވުމަށް ވާގިހޯއްދެވުމަށް ވަޑައިގެންނެވީ އެންމެ ބާރުގަދަ ފަރާތުގެ އަރިހަށެވެ. އެއީ ޢާލަމުތަކުގެ ވެރި އިލާހެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.

«وَيَرْحَمُ اللهُ لُوطًا لَقَدْ كَانَ يَأْوِي إِلَى رُكْنٍ شَدِيدٍ» [رواه البخاري (3372)، ومسلم (238 – (151))]

މާނައީ: “ﷲ ލޫޠުގެފާނަށް ރަޙްމަތް ލައްވާށިއެވެ. ހަމަކަށަވަރުން ބާރުގަދަ ފަރާތެއްގެ ވާތްގަތް އެކަލޭގެފާނު އެދިވަޑައިގެންނެވިއެވެ.”

އެކަލޭގެފާނު ކަންތައް ބޮޑުވެ، ހިތްޕުޅު ދަތިވިހިނދު މަލާއިކަތުން އެކަލޭގެފާނުގެ ހިތްޕުޅު ހަމަޖައްސަވައިދެއްވިއެވެ. އިބްރާހީމުގެފާނުގެ ހިތްޕުޅު ހަމަޖައްސަވައިދެއްވި ފަދައިންނެވެ.

﴿قَالُوا يَا لُوطُ إِنَّا رُسُلُ رَبِّكَ لَن يَصِلُوا إِلَيْكَ ۖ فَأَسْرِ بِأَهْلِكَ بِقِطْعٍ مِّنَ اللَّيْلِ وَلَا يَلْتَفِتْ مِنكُمْ أَحَدٌ إِلَّا امْرَأَتَكَ ۖ إِنَّهُ مُصِيبُهَا مَا أَصَابَهُمْ ۚ إِنَّ مَوْعِدَهُمُ الصُّبْحُ ۚ أَلَيْسَ الصُّبْحُ بِقَرِيبٍ﴾ ‎ [سورة هود ٨١] 

މާނައީ: “އެބޭކަލުން ދެންނެވިއެވެ. އޭ ލޫޠުގެފާނެވެ! ހަމަކަށަވަރުން ތިމަންމެންނީ ކަލޭގެފާނުގެ ރައްބު ފޮނުއްވި ބޭކަލުންނެވެ. ކަލޭގެފާނާ ހަމައަށް އެބައިމީހުންނަކަށް ވާޞިލެއް ނުވެވޭނެއެވެ. ފަހެ، ރޭގަނޑުން ބައެއްގައި ކަލޭގެފާނުގެ އަހުލުވެރިންނާއެކު ނުކުމެވަޑައިގެން ހިންގަވާށެވެ! ކަލޭގެފާނުގެ އަނބިކަނބުލޭގެ ފިޔަވައެވެ! އަދި ތިޔައިގެ ތެރެއިން އެކަކުވެސް އެނބުރި ފަސްނުބަލާށެވެ! ހަމަކަށަވަރުން އެބައިމީހުންނަށް (އެބަހީ: އެ ކާފިރުންނަށް) ޖެހޭކަމެއް އެކަނބުލޭގެއަށްވެސް ޖެހޭނެއެވެ. ހަމަކަށަވަރުން އެބައިމީހުންނަށް ކަނޑައެޅިގެންވާ ވަގުތަކީ ހެނދުނެވެ. ހެނދުނު ވަގުތު ގާތުގައި ނުވޭ ހެއްޔެވެ؟”

ޢަޛާބުގެ ވަގުތު ގާތްވެއްޖެއެވެ. ﷲ ތަޢާލާ ލޫޠުގެފާނަށް އެންގެވީ އެކަލޭގެފާނުގެ އަހުލުންނާއެކު ރޭގަނޑު ވަގުތުގައި އަވަހަށް އެރަށުން ނުކުތުމަށެވެ. ނަމަވެސް އެކަލޭގެފާނުގެ އަނބިކަނބުލޭގެ ނުލައެވެ. އެކަނބުލޭގެވީ ކާފިރުވި މީހުންގެ ތެރެއިންނެވެ. އެބައިމީހުންގެ މައްޗަށް ޢަޛާބު ފޮނުއްވުމުގެ ވަގުތަކީ ހެނދުނުގެ ވަގުތެވެ. ޢާންމު ގޮތެއްގައި ކާފިރުވިމީހުންގެ މައްޗަށް ﷲ ތަޢާލާ ޢަޛާބު ފޮނުއްވާފައިވަނީ ހެނދުނުގެ ވަގުތުގައެވެ. އެއީ އެބައިމީހުން ނިދާ ހޭލައިގެން ޣާފިލުކަމުގައި ކުޅިވަރާއި މަޖާ ފަށައިގަންނަ ވަގުތެވެ.

 

 

އެ ރަށް ބަންޑުން ޖެއްސެވުން

 

ﷲ ގެ އަޅުތަކުންނޭވެ! ހަމަކަށަވަރުން އެ ރަށަށް ﷲ ތަޢާލާ ފޮނުއްވީ ގަދަފަދަ ޢަޛާބެކެވެ. ކަމަކަށް ފަހު ކަމެއް ގުޅިގެންއައި ބިރުވެރި، ޢަޛާބުގެ ސިލްސިލާއެކެވެ.

އެގޮތުން ފުރަތަމަ ކަމަކީ އެބައިމީހުންގެ ލޯތައް ކަނުކުރެއްވުމެވެ. މަލާއިކަތަކު އެކަލޭގެފާނުގެ ފިޔަފުޅުން އެ ރަށު މީހުންގެ ގައިގައި ޖެއްސެވުމުން އެބައިމީހުންގެ ލޯތައް ކަނުވިއެވެ. ދެވޭ ނުދެވޭ ތަނެއް އެބައިމީހުންނަކަށް ނޭނގެއެވެ. ސަލާމަތް ފިޠުރަތާ ހިދާޔަތުގެ މަގުން އެބައިމީހުން އެއް ފަރާތްވެ، އެ މަގު ދެނެގަތުމަށް ކަނުވި ފަދައިންނެވެ. ޙައްޤުގޮތް ދެނެގަތުމަށް ކަނުވެގަތުމުން، ﷲ ތަޢާލާ އެބައިމީހުންގެ ލޯތަކުގެ ފެނުން ގެންދެވީއެވެ.

فَطَمَسْنَا أَعْيُنَهُمْ فَذُوقُوا عَذَابِي وَنُذُرِ ‎﴿٣٧﴾‏ [سورة القمر ٨١] 

މާނައީ: “ފަހެ، ތިމަންއިލާހު އެބައިމީހުންގެ ލޯތައް ކަނުކުރެއްވީމެވެ. (އަދި އެންގެވީމެވެ.) ފަހެ، ތިޔަބައިމީހުން ތިމަންއިލާހުގެ ޢަޛާބާއި އިންޛާރުގެ ރަހަ ލިބިގަންނާށެވެ!”

ދެން ގަދަފަދަ އަޑެއް ފޮނުއްވިއެވެ.

فَأَخَذَتْهُمُ الصَّيْحَةُ مُشْرِقِينَ ‎﴿٧٣﴾‏ [سورة الحجر ٧٣] 

މާނައީ: “ފަހެ، އިރުއެރި ވަގުތުގައި ގަދަފަދައަޑު (އައިސް) އެބައިމީހުން ހަލާކުކުރިއެވެ.”

އެއަށްފަހު، އެ ރަށް ބަންޑުންޖެއްސެވިއެވެ. ފަހެ، އެ ރަށް މައްޗަށް އުފުއްލެވިއެވެ. އެއަށްފަހު، އެރަށް ބަންޑުން ޖެއްސެވިއެވެ. އެބައިމީހުންގެ ފިޠުރަތު އެފުށްމިފުށަށް ޖެހިފަދައިންނެވެ. ﷲ ތަޢާލާ ދެއްވި ނިޢުމަތަށް ޝުކުރުވެރި ނުވެ، އެއިލާހުގެ މަތިވެރި ޙަލްޤުކުރެއްވުން ބަދަލުކުރި ފަދައިންނެވެ.

﴿نِسَاؤُكُمْ حَرْثٌ لَّكُمْ فَأْتُوا حَرْثَكُمْ أَنَّىٰ شِئْتُمْ﴾ [سورة البقرة ٢٢٣] 

މާނައީ: “ތިޔަބައިމީހުންގެ އަނބިންނީ، ތިޔަބައިމީހުންނަށްވާ ދަނޑުބިމެކެވެ. ފަހެ ތިޔަބައިމީހުން ބޭނުންފަދައަކުން ތިޔަބައިމީހުންގެ ދަނޑުބިމަށް އަންނާށެވެ!”

﴿هُوَ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ وَجَعَلَ مِنْهَا زَوْجَهَا لِيَسْكُنَ إِلَيْهَا﴾ [سورة الأعراف ١٨٩] 

މާނައީ: “އެއިލާހީ އެންމެ ނަފްސަކުން ތިޔަބައިމީހުން ހެއްދެވި އިލާހެވެ. އަދި އެ ނަފްސުން، އެނަފްސުގެ އަނބި ހެއްދެވިއެވެ. (އެއީ) އެކަނބުލޭގެ ގާތަށްގޮސް ހިތްހަމަޖެހުމާއި ހަމަހިމޭންކަން ލިބިގަތުމަށެވެ.”

ނަމަވެސް އެބައިމީހުންގެ ޝަހުވާނީ އެދުންފުއްދުމަށްޓަކައި އަންހެނުން ދޫކޮށް ފިރިހެނުންގެ ގާތަށް ދިޔައެވެ. ﷲ ތަޢާލާގެ ނިޢުމަތަށް ކުފުރުވެރިވީއެވެ. އެކަން ބަދަލުކުރުމުން، އެ ރަށް އޮތް ގޮތް ވެސް ﷲ ތަޢާލާ، ބަދަލުކުރެއްވީއެވެ. އެ ރަށް މައްޗަށް އުފުއްލެވުމަށް ފަހު، މައްޗަށް އޮތް ފުށް ދަށަށް ޖެއްސެވީއެވެ.

﴿جَعَلْنَا عَالِيَهَا سَافِلَهَا﴾ [سورة هود ٨٢] 

މާނައީ: “ތިމަންއިލާހު އެ ރަށް ބަންޑުން ޖެއްސެވީމެވެ.”

އެ ރަށް ބަންޑުންޖެއްސެވުމަށް ފަހު، ދެން އެ ރަށަށް އަލިފާނުން ދޮންކޮށްފައިވާ ހިލައިގެ ވާރޭ ވެއްސެވިއެވެ.

وَأَمْطَرْنَا عَلَيْهَا حِجَارَةً مِّن سِجِّيلٍ مَّنضُودٍ ‎﴿٨٢﴾ [سورة هود ٨٢] 

މާނައީ: “އަދި އަލިފާނުން ދޮންކުރައްވާފައިވާ، މަށީގެ ހިލައިން، ތިމަންއިލާހު އެ ރަށަށް ވާރޭ ވެއްސެވީމެވެ.”

މިއީ އެބައިމީހުންގެ ފާޙިޝް ޢަމަލުގެ ޢުޤޫބާތެވެ. މިއީ ލިވާޠު ފެށި ޤައުމުގެ ނިމުމެވެ. މިއީ އެއް ޖިންސުން ގުޅުން ހިންގި މީހުންގެ ނިމުން އައިގޮތެވެ. މިބައިމީހުންގެ ވާހަކަ ނިންމަވާލައްވަމުން ﷲ ތަޢާލާ ހޫދު ސޫރަތުގައި ވަޙީކުރެއްވިއެވެ.

وَمَا هِيَ مِنَ الظَّالِمِينَ بِبَعِيدٍ ‎﴿٨٣﴾ [سورة هود ٨٣] 

މާނައީ: “އަދި އެއީ އަނިޔާވެރިންނާ ދުރުގައިވާ ކަމެއް ނޫނެވެ.”

ފަހެ، އެބައިމީހުންނާ އެއްފަދައިން ޢަމަލުކުރާ ބައެއްގެ މައްޗަށް މިފަދަ ޢަޛާބެއް ބާވައިލެއްވުމަކީ ދުރުގައިވާ ކަމެއް ނޫނެވެ. އެބައިމީހުންނީ އެއްޖިންސުން ގުޅުން ހިންގާ، މަގުފޭރި، ޞާލިހުންނާ ޢަދާވާތްތެރިވެ އުޅުނު މީހުންނެވެ.

﴿وَلُوطًا إِذْ قَالَ لِقَوْمِهِ إِنَّكُمْ لَتَأْتُونَ الْفَاحِشَةَ مَا سَبَقَكُم بِهَا مِنْ أَحَدٍ مِّنَ الْعَالَمِينَ ‎﴿٢٨﴾‏ أَئِنَّكُمْ لَتَأْتُونَ الرِّجَالَ وَتَقْطَعُونَ السَّبِيلَ وَتَأْتُونَ فِي نَادِيكُمُ الْمُنكَرَ﴾  [سورة العنكبوت ٢٨، 29] 

މާނައީ: “އަދި ލޫޠުގެފާނު، އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ހަމަކަށަވަރުން ތިޔަބައިމީހުން ތިޔަކުރާ ފާޙިޝް ކަންތައްތަކަކީ ޢާލަމުތަކުގެ ތެރެއިން އެކަކުވެސް މީގެ ކުރިން ކޮށްފައިނުވާ ކަންތައްތަކެކެވެ. [28] ހަމަކަށަވަރުން ތިޔަބައިމީހުން ފިރިހެނުން ގާތަށް (ޝަހުވާނީ އެދުން ފުއްދުމަށް) ދަނީ ހެއްޔެވެ؟ އަދި ތިޔަބައިމީހުން މަގުފޭރި، ތިޔަބައިމީހުންގެ ނާދީތަކުގައި އެ ނުބައިކަންތައް ކުރަމުން ގެންދަނީ ހެއްޔެވެ؟”

قَالُوا أَخْرِجُوا آلَ لُوطٍ مِّن قَرْيَتِكُمْ ۖ إِنَّهُمْ أُنَاسٌ يَتَطَهَّرُونَ ‎﴿٥٦﴾ [سورة النمل ٥٦] 

މާނައީ: “އެބައިމީހުން ބުންޏެވެ. ތިޔަބައިމީހުން ލޫޠުގެފާނާއި އެކަލޭގެފާނަށް ތަބާވެގެން ތިބި މީހުން ތިޔަބައިމީހުންގެ ރަށުން ބޭރުކޮށްލާށެވެ! ހަމަކަށަވަރުން އެބައިމީހުންނީ ޠާހިރުވެ ތިބޭ ބައެކެވެ.”

ނަބީބޭކަލުންގެ ދަޢުވަތަށް ޢަދާވާތްތެރިވެ، މިފަދަ ބޮޑުވެގެންވާ ފާޙިޝް ޢަމަލުތައް ހިންގާ މީހުން ދަންނާށެވެ. މިއީ ސަދޫމުގެ މީހުންގެ ވާހަކައެވެ. އެބައިމީހުން ނިމިދިޔަ ގޮތެވެ. ފަހެ، ﷲ ތަޢާލާގެ ކޯފާއަށް ބިރުވެތިވާށެވެ.

 

 

އެއްޖިންސުން ގުޅުން ހިންގުމުގެ ފާޙިޝް ޢަމަލު ބައެއް ޤައުމުތަކުގައި ޤާނޫނުން ހުއްދަކުރެވި އެކަން ފާޅުވެ ފެތުރުން

 

ހުޅަނގުގެ ޤައުމުތަކުގައި އެއްޖިންސުން ގުޅުން ހިންގުމުގެ ފާޙިޝް ޢަމަލު ވަނީ ފާޅުކަން ބޮޑު ގޮތެއްގައި ފެތުރި ޢާންމުވެފައެވެ. އެއްޖިންސުން “ކައިވެނިކުރުން” އެންމެ ފުރަތަމަ ހުއްދަކުރީ 2000 ވަނަ އަހަރުއެވެ. އެ އަހަރު ނެދަލޭންޑްސްގައި އެއްޖިންސުން “ކައިވެނިކުރުން” ހުއްދަކޮށް ޤާނޫނެއް ފާސްކުރިއެވެ. އޭގެ ފަހުން ފަހުން ޔޫރަޕާއި އެމެރިކާގައި ފަހަރަކު ޤައުމަކުން އެކަން ހުއްދަކުރާ ޤާނޫނުތައް ފާސްކުރަން ފެށިއެވެ.  [1]

މިބައިމީހުން މި މުޑުދާރު ޢަމަލު ރީތިކުރުމަށް ގެންގުޅޭ ނިޝާނަކީ ވިއްސާރަދުނީގެ ކުލަތަކެވެ. އަދި ކޮންމެ އަހަރެއްގެ ޖޫން މަސް “pride month” ގެ ގޮތުގައި މިބައިމީހުން ފާހަގަކުރެއެވެ. ރީތި ނަމެއް ކިޔާ، މޮޅުކަމެއް ގޮތުގައި ދައްކަން މަސައްކަތްކުރިޔަސް، މިއީ ހުތުރުކަން ބޮޑު، ފާޙިޝް ޢަމަލެކެވެ. “ފަޚުރެއް” ކަމަށް ބުނެ މިއަދު ޢާންމުން ތެރެއަށް ނުކުތަސް، ޙިސާބު ބައްލަވާ ދުވަހު، މަޙްޝަރު ބިމުގައި، ﷲ ގެ ޙަޟްތަރުގައި ފަޚުރުވެރިވަމޭ ބުނެވޭނެ ހެއްޔެވެ؟

1981 ވަނަ އަހަރު ވައިރަސްއަކުން ޖެހޭ ނުރައްކާތެރި ބައްޔެއް ހުޅަނގުގެ ޤައުމުތަކުގައި ފެތުރެން ފެށިއެވެ. އެއީ މިހާރުވެސް ދުނިޔޭގައި ނުރައްކާތެރި ވައިރަސްއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ HIV ވައިރަސްއެވެ. ދިރާސާތަކުން ދައްކާގޮތުގައި އެ ޤައުމުތަކުގައި މި ބަލި ފުރަތަމަ ފެތުރެން ފެށީ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ މެދުގައެވެ. އެގޮތުން މިހާތަނަށް އައި އިރު އެއްޖިންސުން ގުޅުން ހިންގާ އެތައް ހާސް ބަޔަކަށް މިބަލި ޖެހި، އޭގެ ތެރެއިން އެތައް ހާސް ބަޔަކު މަރުވެސް ވެއްޖެއެވެ. [2] އަދި މިފަހުން ހުޅަނގުގެ ޤައުމުތަކުގައި ފެތުރެން ފަށާފައިވާ މަކުނުވިދުރި (monkeypox) ވެސް ގިނައިން ފެތުރެނީ އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ތެރޭގައިކަމަށް އެ ޤައުމުތަކުން ބުނެފައިވެއެވެ. [3] މިއީ އަޅުގަނޑުމެން ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.

«لَمْ تَظْهَرِ الْفَاحِشَةُ فِي قَوْمٍ قَطُّ، حَتَّى يُعْلِنُوا بِهَا، إِلَّا فَشَا فِيهِمُ الطَّاعُونُ، وَالْأَوْجَاعُ الَّتِي لَمْ تَكُنْ مَضَتْ فِي أَسْلَافِهِمُ الَّذِينَ مَضَوْا». [رواه ابن ماجه (4019)، وحسنه الألباني في سلسلة الأحاديث الصحيحة (106)]

މާނައީ: “އެއްވެސް ޤައުމެއްގައި ފާޙިޝުކަންތައްތައް ޢާންމުވެ ފާޅުވާ ހިނދު، އެތަނުގައި ޠާޢޫނާ އަދި މީގެ ކުރީގެ އުންމަތްތަކުގައިވެސް ނުވާފަދަ ބަލިތައް ފެތުރިގެން ދާނެއެވެ.”

 

 

ލިވާޠުގެ ޢުޤޫބާތް

 

މިހުރިހާ ސަބަބުތަކަށްޓަކައި އިސްލާމީ ޝަރީޢަތުގައި މި ޖަރީމާއަށް ކަނޑައަޅުއްވާފައިވަނީ ވަރަށް ބިރުވެރި ޢުޤޫބާތެކެވެ.

ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.

«مَنْ وَجَدْتُمُوهُ يَعْمَلُ عَمَلَ قَوْمِ لُوطٍ فَاقْتُلُوا الفَاعِلَ وَالمَفْعُولَ بِهِ». [رواه الترمذي (1456)، وصححه الألباني في إرواء الغليل (2350)]

މާނައީ: ” ލޫޠުގެފާނުގެ ޤައުމުގެ މީހުންކުރި ޢަމަލު ކުރާމީހަކު ފެނިއްޖެނަމަ އެކަންކުރިމީހާއާއި ކުރެވުނުމީހާ ޤަތުލުކުރާށެވެ.”

އެއީ ރުހިގެން އެކަން ކޮށްފިނަމަ އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ޢުޤޫބާތެވެ. [4]

ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.

«لَعَنَ اللهُ مَنْ عَمِلَ عَمَلَ قَوْمِ لُوْطٍ» [رواه ابن ابن حبان في صحيحه (4417) وصححه الألباني في صحيح الترغيب والترهيب (2421)]

މާނައީ: “ލޫޠުގެފާނުގެ ޤައުމުގެ މީހުންގެ ޢަމަލުކުރާމީހާއަށް ﷲ ލަޢުނަތް ލެއްވިއެވެ.”

ހަމަކަށަވަރުން މިއީ ރައްބާނީ ޝަރީޢަތެވެ. އަދި ޙަކީމުވަންތަ އިލާހުގެ ޙައްދެވެ. މިކަމުން ފެތުރިފާޅުވެފައި މިވާ ޖަރީމާގެ ބޮޑުކަން މީސްތަކުންނަށް އަންގައިދެއެވެ.

އޭ ﷲ ގެ އަޅުތަކުންނޭވެ! ތައުބާވާށެވެ. ގަދަފަދަވެގެންވާ ޢަޛާބެއް އައުމުގެ ކުރިން ﷲ ގެ ޙަޟްރަތަށް ރުޖޫޢަވާށެވެ.

اللهم طهر قلوبنا يا رب العالمين، اللهم طهر مجتمعاتنا من المنكرات يا أرحم الراحمين، اللهم اجعل بلادنا عامرة بذكرك، مقبلة على دينك، مطبقة لشريعتك.

اللهم نسألك فعل الخيرات، وترك المنكرات، وحب المساكين، اجعلنا في بلادنا آمنين مطمئنين، ومن أراد بلدنا وعقيدتنا بسوء فامكر به، واجعل كيده في نحره.

 

މިއީ އައްޝައިޚް މުޙައްމަދު ޞާލިޙު އަލްމުނައްޖިދު -حفظه الله- ދެއްވާފައިވާ ޚުޠުބާއެއް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.

 

____________________________

[1]  https://www.pewresearch.org/religion/fact-sheet/gay-marriage-around-the-world/

[2]  https://www.ncbi.nlm.nih.gov/pmc/articles/PMC2870809/

[3]  https://www.cdc.gov/poxvirus/monkeypox/response/2022/index.html

[4]   ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ލިވާޠުގެ ޢަމަލު ހިންގާ މީހާގެ ޙުކުމަކީ ޒިނޭގެ ޙައްދެވެ. އެހެނަސް ލިވާޠުގެ ޢަމަލު ހިންގާ މީހާ ޤަތުލުކުރުމާމެދު ޞަޙާބީ ބޭކަލުންގެ މެދުގައި ޚިލާފެއް ނެތެވެ. އެބޭކަލުން ޚިލާފުވެފައިވަނީ ޤަޠުލުކުރާނެ ގޮތަކާ މެދުގައެވެ. އެގޮތުން މިކަމުގައި އިބްނު ޢައްބާސް رضي الله عنهما ގެ ބަސްފުޅަކީ އެރަށުގައި ހުރި އެންމެ އުސް ތަނަށް އަރުވާފައި އެ ތަނުން ވައްޓާލައި މަތިން އޭނާގެ މައްޗަށް ހިލަތަކެއް އުކުމެވެ. އެއީ ލޫޠުގެފާނުގެ ޤައުމުގެ މީހުންގެ މައްޗަށް ފޮނުވުނު ޢަޛާބާ އެއްގޮތަށެވެ. އަދި ބައެއް އެހެން ޞަޙާބީ ބޭކަލުންގެ އަރިހުން އެފަދަ މީހުން މަރާނެ ގޮތާމެދު އެހެން ބަސްފުޅެއްވެސް ވާރިދުވެފައިވެއެވެ. (ބައްލަވާ: الشرح الممتع للعثيمين (14 / 243)).