[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސަޖިދައިގައި ޤުރުއާނުގައިވާ ދުޢާގެ އާޔަތްތައް ކިޔޭނެތަ؟ – 1

الحمد لله.

ފުރަތަމައީ: ސަޖިދައިގައި އަދި ރުކޫގައި ޤުރުއާން ކިޔެވުމަކީ ނަބިއްޔާ صلى الله عليه وسلم ނަހީކުރައްވާފައިވާކަމެކެވެ.

އިބްނު ޢައްބާސް رضي الله عنهގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«أَلَا وَإِنِّي نُهِيتُ أَنْ أَقْرَأَ الْقُرْآنَ رَاكِعًا أَوْ سَاجِدًا، فَأَمَّا الرُّكُوعُ فَعَظِّمُوا فِيهِ الرَّبَّ عَزَّ وَجَلَّ، وَأَمَّا السُّجُودُ فَاجْتَهِدُوا فِي الدُّعَاءِ، فَقَمِنٌ أَنْ يُسْتَجَابَ لَكُمْ» [1]

މާނައީ: “ދަންނާށެވެ! ރުކޫޢުގައާއި ސަޖިދައިގައި ޤުރުއާން ކިޔެވުން ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރައްވަމެވެ. ފަހެ، ރުކޫގައި ތިޔަބައިމީހުންގެ ރައްބު عَزَّ وَجَلَّ މަތިވެރި ކުރާށެވެ. އަދި ތިޔަބައިމީހުން ސަޖިދައިގައި ދުޢާ ކުރުމުގައި ގަދަ އަޅާ މަސައްކަތް ކުރާށެވެ. އެހެނީ ސަޖިދައިގައި ކުރާ ދުޢާ އިޖާބަކުރެއްވުން ގާތްވެގެންވެއެވެ.”

ޢަލީ ބުން އަބީ ޠާލިބު رضي الله عنه ވިދާޅުވެފައިވެއެވެ.

«نَهَانِي رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنَّ أَقْرَأَ رَاكِعًا أَوْ سَاجِدًا» [2]

“ރުކޫޢުގައި އަދި ސަޖިދައިގައިވާ ޙާލު ޤުރުއާން ކިޔެވުން اللهގެ ރަސޫލާ صلى الله عليه وسلم ތިމަންކަލޭގެފާނަށް ނަހީކުރެއްވިއެވެ.”

ރުކޫޢުގައި އަދި ސަޖިދައިގައި ޤުރުއާން ކިޔެވުން މަކްރޫހަކަމުގައި ޢިލްމުވެރިންވަނީ އިއްތިފާޤުވެވަޑައިގެންފައެވެ. [3]

މިކަމުގެ ޙިކުމަތެއްގެ ގޮތުގައި ބުނެވެއެވެ.

ނަމާދުގައި އެންމެ މަތިވެރި ރުކުނަކީ ޤިޔާމުގައި ހުރުމެވެ. އަދި އެންމެ މަތިވެރި ޛިކުރަކީ ޤުރުއާނެވެ. ދެ މަތިވެރިކަންތައް (ނަމާދުގައި ޤިޔާމުގައި ހުރުމާއި ޤުރުއާން ކިޔެވުން) އެކީގައި ލެއްވިއެވެ. އަދި އިތުރު މަޤާމެއްގައި ޤުރުއާން ކިޔެވުން ނަހީކުރެއްވިއެވެ. އެއީ (ނަމާދުގެ) އިތުރު ޛިކުރުތަކާއި ޤުރުއާން ކިޔެވުން ހަމަހަމަވެގެންވާކަމުގައި ހީވިޔަނުދިނުމަށްޓަކައެވެ. [4]

އަދި ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ.

ޤުރުއާނަކީ އެންމެ މާތް ބަސްފުޅެވެ. އެހެނީ އެއީ ﷲ ތަޢާލާގެ ކަލާމްފުޅެވެ. އަދި ރުކޫޢުގައާއި ސަޖިދައިގައި އޮންނަ ޙާލަތަކީ އަޅާއަށް ނިކަމެތި ޙާލަތެކެވެ. ވުމާއެކު މި ދެ ޙާލަތުގައި ﷲ ތަޢާލާގެ ކަލާމްފުޅު ނުކިޔެވުން އެއީ އެންމެ އަދަބުވެރި އަދި ރަނގަޅު ގޮތެވެ. [5]

= ނުނިމޭ =


މަޞްދަރު

 

[1]  مسلم (479)

[2]  مسلم (480)

[3]  المجموع (٣/٤١١)، والمغني (١٨١/٢)

[4]  عون المعبود

[5]  مجموع الفتاوى (٣٣٨/٥)

 

މި ލިޔުމުގެ އެހެންބައިތައް