[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސަޖިދައިގައި ޤުރުއާނުގައިވާ ދުޢާގެ އާޔަތްތައް ކިޔޭނެތަ؟ – 2

ދެވަނައީ: ސަޖިދައިގައި ދުޢާކުރުމުގެ ޤަޞްދުގައި ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާއެއް ކިޔުމަކީ މައްސަލައެއް ނޫނެވެ. އެހެނީ އެއީ ޤުރުއާން ކިޔެވުމެއް ނޫނެވެ.

މިސާލަކަށް ޤުރުއާނުގައި ވާރިދުވެފައިވާ އަންނަނިވި ދުޢާ، ދުޢާކުރުމުގެ ޤަޞްދުގައި ސަޖިދައިގައި ކިޔުމަކުން އެއްވެސް މައްސަލައެއް ނެތެވެ.

(رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ) [1]

މާނައީ: “އަޅަމެންގެ ރައްބެވެ! ދުނިޔޭގައިވެސް ހެޔޮކަން އަދި އާޚިރަތުގައިވެސް ހެޔޮކަން އަޅަމެންނަށް ދެއްވާނދޭވެ! އަދި ނަރަކައިގެ ޢަޛާބުން އަޅަމެން ދިންނަވާނދޭވެ!”

އެހެނީ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.

((إِنَّمَا الأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى))

މާނައީ: “ހަމަކަށަވަރުން ޢަމަލު ބިނާވެގެންވަނީ ނިޔަތުގެ މައްޗަށެވެ. އަދި ކޮންމެ މީހަކަށްވެސްވަނީ އެމީހަކު ނިޔަތް ގަތް ކަމެކެވެ.” [2]

އައްޒަރްކަޝީ ވިދާޅުވެފައިވެއެވެ.

“މަކްރޫހަވެގެންވަނީ ޤުރުއާން ކިޔެވުމުގެ ޤަޞްދުގައި ކިޔުމެވެ. ދުޢާކުރުމާއި ﷲ އަށް ޘަނާކިޔުމަށް ޤަޞްދުކޮށް އެފަދައިން ކިޔުމަކީ، މީހަކު ޤުނޫތުގައި ޤުރުއާނުގެ އާޔަތެއް ކިޔުންފަދަ ކަމެކެވެ.”

ޤުނޫތުގައި ޤުރުއާނުގެ ބައެއް އާޔަތް ކިޔުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ. [3]

އައްނަވަވީ ވިދާޅުވެފައިވެއެވެ.

“ޤުރުއާނުގެ އާޔަތެއް ނުވަތަ އާޔަތްތަކެއް (ޤުރުއާނުގައި އައިސްފައިވާ ދުޢާގެ އާޔަތްތައް) ޤުނޫތުގައި ކީނަމަވެސް ޤުނޫތު ރަނގަޅުވާނެއެވެ. ނަމަވެސް މޮޅުއިތުރު ގޮތަކީ ސުންނަތުގައި ވާރިދުވެފައިވާ ދުޢާ ކިޔުމެވެ.” [4]

މިއީ ދުޢާކުރުމުގެ ޤަޞްދުގައި އާޔަތްތައް ކިޔައިފި ނަމައެވެ. [5]

ސަޢޫދީ ޢަރަބިއްޔާގެ ފަތުވާ ކޮމިޓީ، ލަޖްނާ ދާއިމާގެ ޢިލްމުވެރިންނާއި ސުވާލު ދެންނެވުނެވެ.

ސުވާލު: އެނގިފައިވާ ގޮތުގައި ސަޖިދާގައި ޤުރުއާން ކިޔެވުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. ނަމަވެސް ޤުރުއާނުގައި ދުޢާ އެކުލެވިގެންވާ ބައެއް އާޔަތް އެބަހުއްޓެވެ. މިސާލަކަށް (رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا). [6] މާނައީ: “އަޅަމެންގެ ރައްބެވެ! އަޅަމެންނަށް ހިދާޔަތް ދެއްކެވުމަށް ފަހު، އަޅަމެންގެ ހިތްތައް ޙައްޤުން އެއްކިބާ ނުކުރައްވާނދޭވެ!”) ވުމާއެކު މިފަދަ އާޔަތްތައް ސަޖިދައިގައި ކިޔުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟

ޖަވާބު: ” ޤުރުއާން ކިޔެވުމުގެ ޤަޞްދުގައި ނުކިޔަވާ، ދުޢާގެ ގޮތުގައި ކިޔައިފިނަމަ އޭގައި އެއްވެސް މައްސަލައެއް ނެތެވެ.” [7]

والله تعالى أعلم.


[1] سورة  البقرة ٢٠١

[2]  رواه البخاري (١)، ومسلم (١٩٠٧)

[3]  تحفة المحتاج (٦١/٢)

[4]  الأذكار ص.٥٩

[5] الفتوحات الربانية شرح الأذكار النووية لابن علان (٣٠٨/٢)

[6] سورة آل عمران ٨

[7] فتاوى اللجنة الدائمة (٤٤٣/٦)

 

މަޞްދަރު

 

މި ލިޔުމުގެ އެހެންބައިތައް