الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
މުޤައްދިމާ
މިސްކިތްތަކަކީ، ﷲ ތަޢާލާ ޙުރުމަތްތެރިކުރައްވާފައިވާ ތަންތަނެވެ. އަދި އެތަންތަނަކީ ﷲ ތަޢާލާގެ ޛިކުރުކޮށް، ދީނުގެ ޝިޢާރުތައް ފާޅުކުރުމަށް ލައްވާފައިވާ ތަންތަނެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
﴿فِي بُيُوتٍ أَذِنَ اللَّهُ أَن تُرْفَعَ وَيُذْكَرَ فِيهَا اسْمُهُ يُسَبِّحُ لَهُ فِيهَا بِالْغُدُوِّ وَالْآصَالِ﴾ [سورة النور ٣٦]
މާނައީ: “އެތަންތަނުގައި، އެއިލާހުގެ ނަންފުޅު ހަނދުމަކުރުމަށާއި އެތަންތަން މަތިވެރިކޮށް ބެލެހެއްޓުމަށް، ﷲ އިޛުނަދެއްވާފައިވާ ގެތަކެއްގައެވެ. (އެބަހީ: މިސްކިތްތަކެއްގައެވެ.) ހެނދުނާއި ހަވީރު، އެތަނުގައި އެއިލާހަށް ތަސްބީޙަ ކިޔައި އުޅެއެވެ.”
އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِن يَوْمِ الْجُمُعَةِ فَاسْعَوْا إِلَىٰ ذِكْرِ اللَّهِ وَذَرُوا الْبَيْعَ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ﴾ [سورة الجمعة ٩]
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ބަންގިގޮވައިލާހިނދު ފަހެ، ﷲ ހަނދުމަކުރުމަށް (އެބަހީ: ޚުޠުބާ އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ.”
މިސްކިތްތަކުގައި ފަރުޟު ނަމާދުތަކާއި ސުންނަތް ނަމާދުތައް އަދާކުރުން ޝަރުޢުކުރައްވާފައިވެއެވެ. އަދި ކީރިތި ޤުރުއާން ކިޔެވުމާއި ތަސްބީޙަ ކިޔުމާއި ތަހުލީލު ކިޔުމާއި ވާރިދުވެގެން އައިސްފައިވާ އެހެނިހެން ޛިކުރުތައް ކިޔުންވެސް މެއެވެ. އަދި އިސްލާމްދީން އުނގެނި އުނގަންނައިދިނުންވެސް މެއެވެ. އަދި އިޢުތިކާފަށް އިނުމާއި އެނޫންވެސް އެތައް އަޅުކަމެއް މިސްކިތްތަކުގައި އަދާކުރުންވަނީ ޝަރުޢުކުރައްވާފައެވެ.
އެހެންކަމުން މިސްކިތްތަކަށް ދޭން ޖެހޭ ޤަދަރު އަޅުގަނޑުމެން ދޭން ޖެހޭނެއެވެ. އަދި މިސްކިތްތަކާއި ގުޅުން ހުރި ކަންކަމުގައި މުޢާމަލާތުކޮށް އުޞޫލުތައް ކަނޑައަޅަންވާނީ އިސްލާމްދީނުގައި ބަޔާންކުރައްވާ އަންގަވާފައިވާ ގޮތުގެ މަތިންނެވެ. އަދި އެކަމާ ގުޅުން ހުރި ނައްޞުތަކުގެ އަލީގައެވެ. އަދި ޢިލްމުވެރިންގެ އިރުޝާދުތަކަށް ރިޢާޔަތްކޮށްގެންނެވެ.
މައްސަލައިގެ ތަޞައްވަރު
މި މައްސަލައިގެ ޙަޤީޤަތަށް ބަލާއިރު މިއީ ޒަމާނީ މައްސަލައެއްކަމުގައި ބުނެވިދާނެއެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައި، އިސްލާމްދީނުގެ ޙުކުމްތައް ޝަރުޢުކުރެއްވިގެން ދިޔައިރު ތާޅަފިލިތަކާއި އަޑުގަދަކުރާތައް އީޖާދުކޮށްފައި ނުވެއެވެ. އެހެނަސް އެޒަމާނުގައި އަޑު ގަދަކޮށް ގިނަ މީހުންނަށް ޚަބަރެއް ނުވަތަ އަޑެއް ފޯރުކޮށްދޭން ޖެހިއްޖެނަމަ، އެ ޙާލަތްތަކުގައި އެބޭކަލުންނަށް ބޭނުންކުރެވެން ހުރި ވަސީލަތްތައް ބޭނުންކުރައްވާ އުޅުއްވިއެވެ. އެގޮތުން:
ފުރަތަމަ ޙާލަތު: ބަންގި ގޮވުން
ބަންގި ގޮވުމާ ބެހޭގޮތުން ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«ارْفَعْ صَوْتَكَ بِالنِّدَاءِ، فَإِنَّهُ: لاَ يَسْمَعُ مَدَى صَوْتِ المُؤَذِّنِ، جِنٌّ وَلاَ إِنْسٌ وَلاَ شَيْءٌ، إِلَّا شَهِدَ لَهُ يَوْمَ القِيَامَةِ» [رواه البخاري (609)]
މާނައީ: “ބަންގި ގޮވާއިރު އަޑު ހަރުކޮށް ބަންގި ގޮވާށެވެ. ފަހެ ހަމަކަށަވަރުން ބަންގިގޮވާމީހާގެ އަޑު ފޯރާ ހިސާބުގައި ހުރި ކޮންމެ ޖިންނިއެއް، އިންސާނެއް އަދި އެއްޗެއް ޤިޔާމަތްދުވަހު އެކަމަށް ހެކިވާނެއެވެ.”
އަދި ބަންގީގެ އަޑަކީ ޝައިޠާނާއަށް ނުހަނު އުނދަގޫވާ އަޑެކެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«إِذَا نُودِيَ بِالصَّلاَةِ أَدْبَرَ الشَّيْطَانُ وَلَهُ ضُرَاطٌ، فَإِذَا قُضِيَ أَقْبَلَ، فَإِذَا ثُوِّبَ بِهَا أَدْبَرَ، فَإِذَا قُضِيَ أَقْبَلَ، حَتَّى يَخْطِرَ بَيْنَ الإِنْسَانِ وَقَلْبِهِ، فَيَقُولُ: اذْكُرْ كَذَا وَكَذَا، حَتَّى لاَ يَدْرِيَ أَثَلاَثًا صَلَّى أَمْ أَرْبَعًا، فَإِذَا لَمْ يَدْرِ ثَلاَثًا صَلَّى أَوْ أَرْبَعًا، سَجَدَ سَجْدَتَيِ السَّهْوِ» [رواه البخاري (3285)]
މާނައީ: “ބަންގި ގޮވުމުން، (ބަންގީގެ އަޑު ނާހާންވެގެން) ވައިބޭރުކުރާ އަޑު ލައްވަމުން ފުރަގަސްދީފައި ޝައިޠާނާ ދެއެވެ. އަދި ބަންގި ގޮވާ ނިމުމުން އަލުން އާދެއެވެ. އަދި ޤަމަތް ދިނުމުން ފުރަގަސްދީފައި (އަނެއްކާވެސް) ދެއެވެ. އަދި ޤަމަތް ނިމުމުން (އަލުން) އާދެއެވެ. އަދި އިންސާނާއާ އޭނާގެ ޚިޔާލުތަކާ ދެމެދަށް ވަދެ، މިވެނި އެވެނި ކަމެއް ހަނދުމަ ކުރާށޭ ބުނެއެވެ. އެއީ އެމީހަކަށް (ނަމާދުގެ ރަކުޢަތްތައް އޮޅި) ތިން ރަކުޢަތް ތޯ ނުވަތަ ހަތަރު ރަކުޢަތްތޯ (ކުރެވުނީ) ނޭނގޭ ވަރަށެވެ. ފަހެ ކުރެވުނީ ތިން ރަކުޢަތް ތޯ ނުވަތަ ހަތަރު ރަކުޢަތް ތޯ ނޭނގޭނަމަ(ޝައްކުވާނަމަ)، ކުށު ސަޖިދައިގެ ގޮތުގައި ދެ ސަޖިދަ ޖަހާށެވެ.”
ފަހެ އިހު ޒަމާނުގައި ގިނަ މީހުންނަށް ބަންގި ގޮވާ އަޑު އިއްވުމަށްޓަކައި އެބޭކަލުން ބަންގި ގޮވާ އުޅުނީ އުސްތަންތަނަށް އަރައިގެންނެވެ. [1] ނުވަތަ މިސްކިތުގެ މުންނާރަށް އަރައިގެންނެވެ. [2] މައްކާ ފަތަޙުކުރެއްވި ދުވަހު ބިލާލުގެފާނު ބަންގި ގޮވުމަށް އަރައިވަޑައިގަތީ ކަޢުބަތުﷲ ގެފުޅު މައްޗަށެވެ. [3] އަދި ގިނަ މީހުންނަށް ބަންގީގެ އަޑު އިއްވުމަށްޓަކައި އަޑު ހަރުކޮށް ބަންގިގޮވާ މީހަކަށް، ބަންގިގޮވަން ހަވާލުކުރުމަކީވެސް ސުންނަތްވެގެންވާ ކަމެކެވެ. [4]
ދެވަނަ ޙާލަތު: ބޮޑު ޖަމާޢަތެއްގައި އިމާމުވެ ނަމާދުކުރުން ނުވަތަ ޚުޠުބާ ކިޔުން
މިސްކިތް ފުރިގެން މީހުން ބޭރުގައި ހުކުރު ކުރަންޏާ ނުވަތަ ބޭރުގައި ނަމާދު ކުރަންޏާ، ދުރުގައި ތިބި މީހުންނަށް އެމީހުންނަށް ޙާޖަތް އޮތް މިންވަރަކަށް އަޑު ފޯރުކޮށްދޭން ޖެހެއެވެ. އެގޮތުން އިމާމުގެ އަޑު މަޑުކަމުން ބޭރުގައި ތިބޭ މީހުންނަށް ނީވޭނަމަ އިމާމުގެ އަޑު އިވޭ މީހަކު، ފަހަތުގައި ތިބި މީހުންނަށް ތަކުބީރުތައް އިއްވުމަށްޓަކައި އިމާމުގެ އަޑު ދަށުން ބާރަށް ތަކުބީރުތައް ކިޔައި އުޅުނެވެ. އެއީ އެކަމުގެ ޙާޖަތެއް އޮތްނަމައެވެ. [5]
އަދި ނަބިއްޔާ صلى الله عليه وسلم ، ޢީދު ނަމާދުގެ ޚުޠުބާ ދެއްވިއިރު އަންހެންކަނބަލުންނަށް އެ ޚުޠުބާގެ އަޑު ރަނގަޅަށް ނުއިވުމުން، އެކަލޭގެފާނު ޚުޠުބާ ނިންމާލެއްވުމަށް ފަހު ބިލާލުގެފާނާއެކު އަންހެން ކަނބަލުން ތިއްބެތި ތަނުގެ ކައިރިއަށް ވަޑައިގެން، އަލުން އެކަނބަލުންނަށް ޚާއްޞަ ޚުޠުބާއެއް ދެއްވިއެވެ. [6]
އަދިވެސް ދީނީ ދަރުސްތަކަށް ގިނަ މީހުން ޙާޟިރުވުމުންނާ [7] އަދި މީސްތަކުންނަށް ޢާންމު ޚަބަރުތައް ދީ، އެންގުންތައް އެންގުމަށް މިފަދަ ގޮތްތައް އެބޭކަލުން ބޭނުންކުރައްވާ އުޅުއްވިއެވެ. [8]
ތާޅަފިއްޔާއި މައިކާއި އަޑުގަދަކުރާތައް އީޖާދުވެގެން ދިޔުމަށް ފަހުގައި މި ހުރިހާކަމަށްވެސް އެފަދަ ސާމާނުތައް ބޭނުންކޮށް އުޅެއެވެ.
ފަހެ މި ފަދައިން ބޭނުންކުރާ ވަސީލަތްތަކުގައި ޢިލްމުވެރިން ބަޔާންކުރައްވާފައިވާ ޤަވާޢިދަކީ:
(الوَسَائِلُ لهَا أَحْكَام المَقَاصِد) [9]
މާނައީ: “ވަސީލަތްތަކުގެ ޙުކުމަކީ މަޤްޞަދުގެ ޙުކުމެވެ.”
މިޘާލަކަށް: ބަންގި ގޮވަން މައިކާ އަޑުގަދަކުރާ ބޭނުންކުރާނަމަ އެއީ އެދެވިގެންވާ ރަނގަޅު ކަމެކެވެ. ލަވަކިޔައި މިޔުޒިކު ޖެހުމަށް މައިކާއި އަޑުގަދަކުރާ ބޭނުންކުރާނަމަ އެއީ ޙަރާމްކަމެކެވެ.
ޖުމްލަ ގޮތެއްގައި އިސްވެ ބަޔާންވެ ދިޔަ ދީނީ އަދި ދުނިޔަވީ ގިނަ ކަންކަމުގައި މި ޒަމާނުގައި މައިކާއި އަޑުގަދަކުރާ ނުވަތަ ތާޅަފިލި ބޭނުންކުރެއެވެ. އެހެންކަމުން މި ލިޔުމުގައި އަލިއަޅުވާލާނީ މިސްކިތްތަކުގައި މައިކާއި އަޑުގަދަކުރާ ބޭނުންކުރާއިރު އަޑު ބަހައްޓަންވީ މިންވަރާ ގުޅުން ހުރި ބައެއް ޙުކުމްތަކާ ބެހޭގޮތުންނެވެ. إن شاء الله
މިސްކިތްތަކުގެ އަޑު ގަދަކުރަންވީ ވަގުތުތަކާއި މަޑު މަޑުކުރަންވީ ވަގުތުތައް
މިސްކިތްތަކުގެ އަޑުގަދަކުރަންވީ ވަގުތަކީ ބަންގި ގޮވާ ވަގުތެވެ. އަދި ނަމާދުކުރާ ވަގުތު މިސްކިތުގެ އަޑު ބަހައްޓަންވާނީ މިސްކިތްތަކުގައި ނަމާދުކުރާ މީހުންނަށް އަޑު އިވޭ ވަރަށެވެ. އެގޮތުން މިސްކިތުގެ އެކި ފަންގިފިލާތަކުގައި މީސްތަކުން ނަމާދުކުރާނަމަ އެއެންމެންނަށް ރީތިކޮށް އަޑު އިވޭ ވަރަށް މިސްކިތުގެ އަޑު ބަހައްޓަން ވާނެއެވެ. އަދި ހުކުރު ދުވަހު ނުވަތަ އެ ނޫން ވަގުތެއްގައިވެސް މިސްކިތް ފުރި، މިސްކިތުގެ ބޭރުގައި މީހުން ނަމާދުކުރާނަމަ އެމީހުންނަށް އަޑު އިވޭވަރަށް މިސްކިތުގެ އަޑު ގަދަކުރަންވާނެއެވެ.
އެހެނަސް މިކަމުގައި ވިސްނާލަން ޖެހޭ މުހިންމު ނުކުތާއަކީ އެއް މިސްކިތުގެ އަޑުގަދަވެގެން އަނެއް މިސްކިތުގައި ނަމާދުކުރާ މީހުންނަށް އޮޅޭ ވަރަށް މިސްކިތުގެ އަޑުގަދަވެގެން ނުވާނެއެވެ. އެއް މިސްކިތުގެ ތަކުބީރުގެ އަޑަށް އަނެއް މިސްކިތުގެ މީހުން އޮޅިގެން ބައެއް ފަހަރު ޙަރަކާތްކުރެއެވެ. އަދި އެއް މިސްކިތުން ފާތިޙާ ސޫރަތް ކިޔެވުމުން އަނެއް މިސްކިތުގައި ތިބޭ މީހުން އޮޅިގެން އާމީން ކިޔައެވެ. މިއީވެސް ބައެއް ޤައުމުތަކުގައި ހިނގާފައި ހުރި ކަންކަމެވެ.
އެހެންކަމުން މިފަދަ ޙާލަތްތަކަށް ރިޢާޔަތްކޮށް، ކައިރި މިސްކިތްތަކުގެ މީހުންނަށް މިފަދަ ކަމެއް ދިމާ ނުވާނެފަދަ ގޮތަކަށް އަދި އެ މިސްކިތެއްގައި ނަމާދުކުރާ މީހުންނަށް ސާފުކޮށް އަޑު އިވޭނެ ގޮތަކަށް މިސްކިތުގެ ‘ސައުންޑު ސެޓިން’ ހެދުމަކީ މުހިންމުކަމެކެވެ.
ފަޟީލަތުއް ޝައިޚު މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީނު رحمه الله ވިދާޅުވިއެވެ.
“އެކަމުގައި މަސްޖިދުލް ޙަރާމާއި މަސްޖިދުއް ނަބަވީ އިސްތިޘްނާ ކުރުމުގައި މައްސަލައެއް ނެތެވެ. (އެބަހީ: ނަމާދުކުރާ ގަޑީގައި ބޭރަށް އަޑު އިވޭ ގޮތަށް ބެހެއްޓުމުގައި މައްސަލައެއް ނެތެވެ.) އަދި ހަމަ އެފަދައިން ހުކުރު ކުރާ މިސްކިތްތައްވެސް މެއެވެ. އެހެނީ ނަމާދުކުރާ ބައެއް މީހުން މިސްކިތުގެ ބޭރުގައި ތިބުމުން އިމާމުގެ އަޑު އިވުމަށް ބޭނުން ޖެހިފައިވާނެއެވެ. ނަމަވެސް އެކަމުގެ ޝަރުޠަކީ ހުކުރު ކުރާ އެހެން މިސްކިތްތަކަށް އެކަމުގެ ސަބަބުން އުނދަގޫ ނުވުމެވެ. އެގޮތަށް (އުނދަގޫ) ވާނަމަ، މިސްކިތުގެ (ބޭރު ފާރުގައި)، ޚުޠުބާއާއި ނަމާދުކުރާ އަޑު އިވޭނެހެން ‘ސްޕީކަރުތަކެއް’ ހަރުކުރާނީއެވެ. އަދި މިސްކިތުގެ ބޭރަށް ހުންނަ ލައުޑު ސްޕީކަރު ނިވާލާނީއެވެ. އޭރުން އެހެން މީހުންނަށް ދަތި ނުވެ އެކަމުގެ ފައިދާ ޙާޞިލުވެގެން ދާނެއެވެ.” [10]
ނަބިއްޔާ صلى الله عليه وسلم މިސްކިތުގައި އިޢުތިކާފަށް އިންނެވިއެވެ. ފަހެ ބައެއް ބޭކަލުން ބާރަށް ޤުރުއާން ކިޔަވާ އަޑު އެކަލޭގެފާނަށް އިވިވަޑައިގެންނެވިއެވެ. ފަހެ އެކަލޭގެފާނުގެ ފަރުދާކޮޅު ކަޝްފުކުރައްވާފައި ޙަދީޘްކުރެއްވިއެވެ.
«أَلَا إِنَّ كُلَّكُمْ مُنَاجٍ رَبَّهُ، فَلَا يُؤْذِيَنَّ بَعْضُكُمْ بَعْضًا، وَلَا يَرْفَعْ بَعْضُكُمْ عَلَى بَعْضٍ فِي الْقِرَاءَةِ»، أَوْ قَالَ: «فِي الصَّلَاةِ» [رواه أبو داود (1332) وصححه الألباني في صفة الصلاة (1 / 371)]
މާނައީ: “ދަންނާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ކުރެ ކޮންމެ މީހަކުވެސް އެ މުނާޖާ ދަންނަވަނީ އޭނާގެ ރައްބަށެވެ. ފަހެ އެއްބަޔަކު އަނެއް ބަޔަކަށް އުނދަގޫ ނުކުރާށެވެ. އަދި އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް އަޑުހަރުކޮށް ޤުރުއާން ނުކިޔަވާށެވެ.” ނުވަތަ ޙަދީޘްކުރެއްވިއެވެ. “ނަމާދުގައި ކިޔަވާއިރު” އެވެ. (އެބަހީ: އެއްބަޔަކު އަނެއް ބަޔަކަށް އުނދަގޫވާ ގޮތަށް ނަމާދުގައި ނުކިޔަވާށެވެ.)”
އަލްބަޣަވީ رحمه الله ވިދާޅުވިއެވެ.
“ކިޔެވުމުގައި ސުންނަތް ގޮތަކީ އެއީއެވެ. އަދި އިމާމުގެ ފަހަތުގައި ނަމާދުކުރާއިރު (މައުމޫމުން) ކިޔާ ޛިކުރުތައްވެސް އެފަދައެވެ. އެމީހެއްގެ އަމިއްލަ ނަފްސަށް އިވޭ ވަރަށް ކިޔަވާށެވެ. އަދި އޭނާއާ ޖެހިގެން ހުރިމީހާއަށް ވުރެ ބާރަށް ނުކިޔަވާށެވެ.” [11]
އިބްނު ޢަބްދުލް ބައްރު رحمه الله ވިދާޅުވިއެވެ.
“ހެޔޮކަމެއް ކުރާއިރުގައާއި ޤުރުއާން ކިޔަވާއިރު އެއް މުސްލިމަކު އަނެއް މުސްލިމަކަށް އުނދަގޫ ކުރުން ނަހީކުރައްވާފައިވާއިރު، އެ ނޫންކަމެއްގައި މުސްލިމަކަށް އުނދަގޫކުރުމުގެ ޙަރާމްކަން ބޮޑުވެގެންވެއެވެ.” [12]
އެގޮތުން ޕާޓީތަކުގެ ޖަގަހަތަކުގައާއި ކެފޭތަކުގައާއި ޚިޠާނުކުރާ ގެތަކާ އަދި އެނޫން ތަންތަނުގައިވެސް ލަވަޖަހާ އަޑުގަދަކޮށް މީހުންނަށް އުނދަގޫކުރުމާއި މިފަދަ ހުރިހާކަމެއް މިކަމުގައި ހިމެނޭނެއެވެ. އަދި މިފަދަ ކަންކަމުގެ ނުބައިކަމާއި މުންކަރާތް މާ ބޮޑެވެ. ރޭގަނޑު ބާރަޖެހުމުގެ ކުރިން އެކަން ކުރުން މައްސަލައެއް ނޫންކަމުގައި ޤަވާޢިދެއްގައި ލިޔުނަސް، އެކަމުގެ ޝަރުޢީ ޙުކުމެއް ބަދަލެއް ނުވާނެއެވެ.
އަދި ޤަމަތް ދިނުމުގައިވެސް ރަނގަޅު ގޮތަކީ މިސްކިތުގެ ބޭރަށް އިވޭނެހެން ބާރަށް ޤަމަތް ދިނުމެވެ. އެހެނީ ޙަދީޘްބަސްފުޅުގައިވެއެވެ.
«إِذَا سَمِعْتُمُ الإِقَامَةَ، فَامْشُوا إِلَى الصَّلاَةِ وَعَلَيْكُمْ بِالسَّكِينَةِ وَالوَقَارِ، وَلاَ تُسْرِعُوا، فَمَا أَدْرَكْتُمْ فَصَلُّوا، وَمَا فَاتَكُمْ فَأَتِمُّوا» [صحيح البخاري (636)]
މާނައީ: “ޤަމަތުގެ އަޑު އިވޭ ހިނދުގައި ފަހެ ހަމަޖެހިގެން، މަޑުމޮޅިކަމާއެކު ނަމާދަށް ހިނގާފައި ދާށެވެ. އަދި އަވަސްއަރުވާ ނުލާށެވެ. ފަހެ އިމާމާއެކު ލިބުނު މިންވަރެއް (އިމާމާ އެކު) ކުރާށެވެ. އަދި ފާއިތުވީ މިންވަރެއް (އިމާމު ނިމުމުން) ފުރިހަމަ ކުރާށެވެ.”
ނަބިއްޔާ صلى الله عليه وسلم މި ފަދައިން ޙަދީޘްކުރައްވާފައިވުމުން އެނގިގެން ދަނީ ޖަމާޢަތަށް ޙާޟިރު ނުވާ މީހުންނަށް އިވޭ ވަރަށް ބާރަށް އެ ޒަމާނުގައިވެސް ޤަމަތުގެ އަޑު ހުންނަ ކަމެވެ.
އަދި ރާއްޖޭގެ މިސްކިތްތަކުގެ ޙާލަތަށް ބަލާއިރު ބަންގިއާއި ޤަމަތްދޭ ގަޑީގައި މެނުވީ ލައުޑު ނުޖެއްސުމަށް އަންގައިފިނަމަ އެކަމުން ވަރަށް ގިނަ އުނދަގޫތައް މެދުވެރިވުން އެކަށީގެންވެއެވެ.
އެގޮތުން:
– ރާއްޖޭގެ ބައެއް މިސްކިތްތަކުގެ ސައުންޑު ސިސްޓަމުގެ މައްސަލަތައް ދިމާވެ، ބައެއް ފަހަރު މިސްކިތުގެ އެތެރެއަށް ރަނގަޅަށް އަޑު ނީވޭތީ ދަރުސްދޭ ވަގުތުގައި މިސްކިތުގައި ބޭރުގައި މީހުން ދަރުސް އަޑު އަހަން ތިބެއެވެ.
– ބައެއް ވުޒާރާތަކާއި މުއައްސަސާތަކުން ރަށްތަކުގައި ހުންނަ ހޯލުފަދަ ތަންތަން ދީނީ ދަރުސްތަކަށް ނުދިނުމުން ރަށު ރައްޔިތުންނަށް ދަރުސް ދިނުމަށް މިސްކިތުގެ ތާޅަފިލި ބޭނުންކުރަން ޖެހޭ ޙާލަތްތައް މެދުވެރިވެއެވެ. އެފަދަ ބައެއް ރަށްރަށުގައި އަހަރަކު އެއް ދަރުސް ނުވަތަ އެއަށް ވުރެ މަދުން ދަރުސް ބޭއްވޭއިރު އެފަދަ ޙާލަތެއްގައި މިސްކިތުގެ ލައުޑު ބޭނުންކުރުމުގެ މަޞްލަޙަތު ބޮޑެވެ.
އެހެންކަމުން މިކަންކަމުގައި ގޮތެއް ނިންމާ އުޞޫލު ކަނޑައަޅާއިރު އެތަނެއްގެ ޙާލަތަށް ރިޢާޔަތްކުރުން މުހިންމެވެ.
ފަހެ މިކަމުގައި ސުޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ ޝައިޚު އިބްނު ބާޒު رحمه الله ގެ ދުވަސްވަރުގައި ބަޔަކު މީހުން ޝަކުވާކޮށްގެން، ބަންގިއާއި ޤަމަތާއި ހުކުރު ޚުޠުބާއާއި ދެޢީދުގެ ޚުޠުބާއާއި އިސްތިސްޤާ ނަމާދުފަދަ ކަންކަމުގައި ފިޔަވާ އެހެން ވަގުތުތަކުގައި މިސްކިތުގެ ތާޅަފިލި ބޭނުން ނުކުރުމަށް އިރުޝާދުދެއްވިއެވެ. އެހެނަސް ބައެއް ޝައިޚުންގެ ލަފާގެ މަތިން ޝައިޚުގެ މި ރައުޔު ބަދަލުކުރެއްވިއެވެ.
އެ ގޮތުން ރިޔާޟުގެ މިސްކިތްތަކާ ހަވާލުވެ ހުންނެވި ފަރާތުން ފޮނުވި ލިޔުމަކާ ހަވާލާދެއްވާ ޝައިޚު އިބްނު ބާޒު رحمه الله (15 / 6 / 1408 ހ ގައި) ދެއްވި ފުރަތަމަ ފަތުވާގައި ވެއެވެ.
“ފަހެ މިސްކިތްތަކުގެ މައިކުތަކާ ގުޅުން ހުރި މައުޟޫޢުގައި ތިޔަ ފަރާތުން ފޮނުވި ލިޔުމާ ހަވާލާދީ ދަންނަވަމެވެ. ފަހެ اللجنة الدائمة للبحوث العلمية والإفتاء އިން ވަނީ ނަމާދުކުރާ ވަގުތު މިސްކިތުގައި ސްޕީކަރުތައް ބޭނުން ކުރުމުގެ މައްސަލަ ދިރާސާކޮށްފައެވެ. އެއީ އެކަމުގައި ސުވާލުކުރާ މީހުން ގިނަވުމުންނެވެ. ފަހެ އެކަމުގެ ސަބަބުން ކައިރި ކައިރީގައި ހުންނަ މިސްކިތްތަކުގައި ނަމާދުކުރާ މީސްތަކުންނަށް ވަރަށް ގިނަ ފަހަރަށް އުނދަގޫވެއެވެ. އެގޮތުން ނަމާދުކުރާ ވަގުތުތަކުގައި މިސްކިތު ބޭރުގައި ހުންނަ ތާޅަފިލިތައް ނިއްވާލާފައި އެތެރޭގެ ސްޕީކަރުތައް ބޭނުންކުރުމަށް އެންގުމަށް ފަތުވާ ކޮމިޓީއަށް ފެނެއެވެ. އެއީ ބަންގިއާއި ޤަމަތާއި ހުކުރު ޚުޠުބާއާއި ދެޢީދުގެ ޚުޠުބާއާއި އިސްތިސްޤާ އެފަދަ ކަންކަމުގައި ފިޔަވައެވެ.”
އަދި އެއަށްފަހު (22 / 10 / 1408 ހ ގައި) ޝައިޚު އިބްނު ބާޒު رحمه الله މިކަމުގައި ދެއްވި ފަތުވާގައި ވެއެވެ.
“ކުރިން ނެރުނު ސަރކިއުލަރ އާ ގުޅިގެން، ވަރަށް ގިނަ ޝައިޚުންނާއި ދީން ކިޔަވާ ކުދިންނާ އަދި މަސްއޫލުވެރިން އަޅުގަނޑަށް ގުޅާފައި ސާފުކޮށްދެއްވި ގޮތުގައި ފިރިހެނުންނާއި އަންހެނުންގެ ތެރެއިން ގިނަ މީހުންނަށް ވަނީ ގެތަކުގެ ތެރޭގައި ތިއްބަސް ކީރިތި ޤުރުއާނާއި ޛިކުރުތައް އަޑު އެހުމަށް ބޭނުން ޖެހިފައެވެ. އަދި އިމާމުންގެ ކިޔެވުން އަޑު އިވުމަކީ ވަރަށް ގިނަ މީހުންނަށް މިސްކިތުގައި ޖަމާޢަތުގެ ނަމާދުކުރުމަށް ޙާޟިރުވުމަށް ލިބޭ ހިތްވަރެކެވެ. އެގޮތުން މިސްކިތުގައި ތާޅަފިލިތަކުގެ އަޑު ކަނޑާ ނުލާ ބެހެއްޓުމުން ނަމާދުކުރާ މީހުންނަށާ އެ ނޫން މީހުންނަށް ވަރަށް ގިނަގުނަ ފައިދާތައް ކުރެއެވެ. ފަހެ އެކަމަށް ރިޢާޔަތްކޮށް اللجنة الدائمة للبحوث العلمية والإفتاء ވަނީ މި މައުޟޫޢު އަލުން ދިރާސާކޮށްފައެވެ. އަދި މިކަމުގައި ލިޔެފައި ހުރި ލިޔުންތައް ދިރާސާކޮށްފައެވެ. އަދި މިސްކިތްތަކުގެ ތާޅަފިލީގެ އަޑު ކަނޑާ ނުލާ ހުރުމުން ލިބޭ ފައިދާތަކާއި މަޞްލަޙަތުތަކާއި މިސްކިތްތައް ކައިރީގައި ހުރުމުން ބައެއް ފަހަރު އެއް މިސްކިތުން އަނެއް މިސްކިތަށް ވެދާނެ އުނދަގޫތައް އަޅާކިޔާފައެވެ. އެގޮތުން ފަތުވާ ކޮމިޓީއަށް ފެނުނީ ތާޅަފިލިތައް ނުނިއްވާ ބެހެއްޓުމުގެ މަޞްލަޙަތު ބޮޑުވެފައި ފައިދާވެސް ޢާންމުވެގެންވާ ކަމެވެ. އަދި ބައެއް ފަހަރު ބައެއް މިސްކިތްތަކުން އުނދަގުލެއް ދިމާވާނަމަ އެކަން ޚާއްޞަ ގޮތެއްގައި (އެ މިސްކިތްތަކުގެ އަހުލުވެރިންނާ) ވާހަކަ ދައްކައިގެން ޙައްލުކޮށްލުމަށެވެ.”
އެހެންކަމުން މިކަމުން އެނގިގެން ދަނީ މިއީ ޢިލްމުވެރިން އިޖުތިހާދު ކުރައްވާފައިވާ މައްސަލައެއް ކަމެވެ. އަދި ނަމާދުކުރާ ގަޑީގައިވެސް މިސްކިތުގެ ތާޅަފިލީގެ އަޑު ބޭރަށް ބެހެއްޓުމުގައިވެސް ބައެއް ޙާލަތްތަކުގައި މަޞްލަޙަތު ހުރި ކަމެވެ. އަދި އެކަމުން ދިމާވާ ކުދިކުދި މައްސަލަތައް މަސްއޫލުވެރި ފަރާތްތަކަށް ޙައްލުކުރެވިދާނެ ކަމެވެ.
ރާއްޖޭގެ ޢާންމު ޙާލަތަށް ބަލާއިރުގައިވެސް މިސްކިތްތަކުގައި އެންމެ 10 ނުވަތަ 15 މިނަޓު ކުރާ ނަމާދުގެ އަޅުކަމުން ދިވެހިންގެ ތެރެއިން ގިނަ މީހުންނަށް އެކަމުގެ އުނދަގޫ ފޯރާފައި ނުވެއެވެ. އަދި ރާއްޖޭގައި ތާޅަފިއްޔާއި ލައުޑު ސްޕީކަރުތައް ބޭނުންކުރާތާވެސް ގިނަ އަހަރުތަކެއް ވެއްޖެއެވެ. އަދި ރާއްޖޭގައި ކުރިން އާދައިގެ ގޮތަކަށް ހަދާފައި ހުރި ގެތަކަށް މިކަމުން ނުވި އުނދަގޫތަކެއް މިހާރު އޭސީ ހަރުކޮށްފައި ބަންދުކޮށް ހަދާފައި ހުންނަ ގެތަކަށް ވުމަކީ ދުރުކަމެކެވެ.
ރާއްޖޭގައި ކަމެއް ބަދަލުވިއްޔާ ބަދަލުވީ ކަމަކީ ދީން ޤަބޫލު ނުކުރާ މީހުންނާއި ލާދީނީ މީހުންގެ ނުފޫޒު މުޖުތަމަޢުގައި ގަދަވެ، އެބައިމީހުންނާއި އެބައިމީހުންނަށް ވާގިދޭ ބޭރުގެ ޖަމާޢަތްތައް ރުއްސަން ގިނަ މަސައްކަތްތަކެއް ކުރެވި، އެކަމުގެ އަސަރު މުޅި ރާއްޖެއަށް ޢާންމުވެގެން ދިޔުމެވެ.
އެހެންކަމުން ވަކި މިސްކިތަކުން ގެއެއްގައި އުޅޭ ކުޑަކުދިންނަށް ނުވަތަ ބަލިމީހަކަށް އުނދަގޫވާނަމަވެސް މިކަމުގައި އޮތީ އެކަމުގެ ތެދުދޮގާއި އެ ވާ އުނދަގުލުގެ މިންވަރު ‘އިވެލުއޭޓުކޮށް’ ދިރާސާކުރުމަށް ފަހު މަޞްލަޙަތު ހުރި ގޮތަކަށް ޙައްލުކުރުމެވެ. އަދި ވަކިވަކި ފަރުދުންގެ މިފަދަ މަޞްލަޙަތުތަކަށް ވުރެ ޖަމާޢަތުގެ މަޞްލަޙަތު އިސްކުރުމެވެ.
ފަހެ މިކަމުގައި ސުޢޫދީ ޢަރަބިއްޔާގެ ފަތުވާދޭ ކޮމިޓީއިން މިކަން ދިރާސާކުރުމަށް ފަހު އެންމެ މަޞްލަޙަތު ބޮޑު ގޮތެއްކަމަށް ފެނުނީ މިސްކިތްތަކުގެ ތާޅަފިލިން ނަމާދުކުރާ ވަގުތުގައިވެސް ބޭރަށް އަޑު ހުންނަ ގޮތަށް ދޫކޮށްލާފައި ބެހެއްޓުމަށެވެ. އަދި އެކަމުގައި ދިމާވާ ޚާއްޞަ ޙާލަތްތައް ވަކިވަކިން ޙައްލު ކޮށްލުމަށެވެ. ސުޢޫދީ ޢަރަބިއްޔާއަކީ ރާއްޖެއަށް ވުރެ މިސްކިތްތައް ގިނަ މިސްކިތްތައް ވަރަށް ކައިރި ކައިރީގައި ބިނާކޮށްފައި ހުންނަ ޤައުމެކެވެ.
މިސްކިތްތަކުގެ އަޑު ކަނޑުވާލުމާއި އެކަމުގެ ނުބައިކަން
ނަމާދުގެ ބަންގިއަކީ އިސްލާމީ މަތިވެރި ޝިޢާރެކެވެ. އެއަޑު ފަޒާގެ ތެރެއިން އިވިގެން ދިޔުމަކީ މުސްލިމުން ދިރިއުޅޭ ރަށަކަށް ލިބިގެންވާ އެންމެ ޚާއްޞަ އެއް ސިފައެވެ. އެގޮތުން ނަބިއްޔާ صلى الله عليه وسلم ގެ ދުވަސްވަރުގައި ރަށަކަށް ހަނގުރާމަކުރުމަށް ވަޑައިގަންނަވާފައި އެ ރަށުން ބަންގީގެ އަޑު އިވޭތޯ ޔަޤީންކުރެއްވުމަށް މަޑުކުރައްވައެވެ.
އަނަސް رضي الله عنه ވިދާޅުވިއެވެ.
“ފަތިސްވުމުން ބަންގީގެ އަޑު އިވޭތޯ، ﷲ ގެ ރަސޫލާ صلى الله عليه وسلم ކަނުލާ އަޑުއައްސަވައެވެ. ފަހެ ބަންގީގެ އަޑު އިވިއްޖެނަމަ ހަމަލާ ނުދެއްވައެވެ. ނޫން ނަމަ ހަމަލާ ދެއްވައެވެ.” [صحيح مسلم 9 – (382)]
ބަންގިއަކީ އެހެން މިއްލަތްތަކުގެ މީސްތަކުންނާއި މުސްލިމުންނާ ތަފާތުވާ އެއް ކަމެވެ. އެގޮތުން ޔަހޫދީން މީސްތަކުން އެއްކުރަނީ ތާޅަފިއްޔެއް ފަދަ އެއްޗަކުން ފުމެގެންނެވެ. އަދި ނަޞާރާއިން މީސްތަކުން އެއްކުރަނީ ރަނގަބީލަކުންނެވެ. އެބައިމީހުންނާ ޚިލާފަށް މުސްލިމުންނަށް ޝަރުޢުކުރައްވާފައި ވަނީ ނަމާދުވަގުތުވުމުން އަޑު ހަރުކޮށް ބަންގި ގޮވުމެވެ. [13]
އެގޮތުން މުސްލިމުން ދިރިއުޅޭ ރަށެއްގައި ބަންގިގޮވުމަކީ ޖުމްހޫރު ޢިލްމުވެރިން ދެކިލައްވާ ގޮތުގައި ކިފާޔަތުގެ ފަރުޟެކެވެ. [14] އަދި ރަށެއްގެ އަހުލުވެރިން ބަންގިގޮވުން ދޫކޮށްލުމަށް އެއްބަސްވެއްޖެނަމަ، މުސްލިމު ވެރިން، އެބައިމީހުންނާ ހަނގުރާމަކޮށްގެން ވިޔަސް އެބައިމީހުންގެ މައްޗަށް އެކަން ލާޒިމުކުރަން ޖެހޭނެކަމަށް ފިޤުހުވެރިންވަނީ އިއްތިފާޤުވެފައެވެ. [15]
ފަހެ ހުރިހާ ޒަމާނެއްގައިވެސް ބަންގީގެ އަޑަކީ މުޝްރިކުންނަށް އުނދަގޫވާ އަޑެކެވެ. އަދި ބަންގިގޮވުމުން އެބައިމީހުން އެއަށް ފުރައްސާރަކޮށްވެސް އުޅެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَإِذَا نَادَيْتُمْ إِلَى الصَّلَاةِ اتَّخَذُوهَا هُزُوًا وَلَعِبًا ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَعْقِلُونَ﴾ [سورة المائدة ٥٨]
މާނައީ: “އަދި ތިޔަބައިމީހުން ނަމާދަށް ބަންގިގޮވައިފިނަމަ އެކަމަކީ ފުރައްސާރައެއް ކަމުގައްޔާއި، ކުޅިވަރެއް ކަމުގައި އެބައިމީހުން ހަދައެވެ. އެއީ އެބައިމީހުންނަކީ ހަމަކަށަވަރުންވެސް ނުވިސްނޭބަޔަކު ކަމުގައިވާތީއެވެ.”
އަދި ހަމަ މި ފަދައިން ރާއްޖޭގައި އުޅޭ ބައެއް “ލާދީނީ” މީހުންނަކީވެސް މިފަދަ ކަންކަމުގައި ޝަކުވާ ގިނަކޮށް، ދީނީ ޝިޢާރުތަކަށް ހުރަސްއަޅާ ބައެއްކަން ދަންނަން ޖެހެއެވެ. އަދި ބޮޑެތި މިސްކިތްތަކުގެ ސަބަބުން މާލޭގެ މަލަމަތި ހަޑިވެފައިވާކަމަށް ދެކޭ މީހުން އެބައިމީހުންގެ ތެރޭގައި އުޅެއެވެ. އަދި އެބައިމީހުންގެ ތެރެއިން ބައެއް މީހުންނަކީ ޚުޠުބާއަށް “ހޮޓުބާ” ހޭޝްޓެގެއް ބޭނުންކޮށްގެން އެތައް ދުވަހެއް ވަންދެން މި މަތިވެރި ޝިޢާރަށް ފުރައްރާސަ ކުރި ބައެކެވެ. އެހެންކަމުން ދީނުގެ ހުރިހާ ޝިޢާރުތަކަކުންވެސް އެބައިމީހުންނަށް އުނދަގޫ ވެދާނެއެވެ. އަދި ވަކިން ޚާއްޞަކޮށް ނަމާދުފަދަ ފާޅުކަންބޮޑު، ކޮންމެ ދުވަހަކު ތަކުރާރުވާ މިފަދަ ޝިޢާރަކުން އެބައިމީހުންނަށް އުނދަގޫވާނެތީ އެއީ އަޅުގަނޑުމެން އެކަމާ ކަންބޮޑުވާންޖެހޭނެކަމެއް ނޫނެވެ.
އައްޝައިޚު ޞާލިޙުލް ފައުޒާނު حفظه الله އާ ސުވާލު ދެންނެވުނެވެ.
“ބައެއް މީހުން ބުނެއެވެ. ބަންގީގެ ސަބަބުން އެބައިމީހުންނަށް އުނދަގޫވެއެވެ. އެފަދަ މީހުންނަށް އިންކާރުކުރާނީ ކިހިނެތް ހެއްޔެވެ؟”
ޖަވާބުގައި ވިދާޅުވިއެވެ.
“އާނއެކެވެ. އެއީ ނުބައިކަމުގެ އަހުލުވެރިންނަށް އުނދަގޫވާނޭ ކަމެކެވެ. އަހަރުމެން ބޭނުންވަނީ އެފަދަ ނުބައިކަމުގެ އަހުލުވެރިންނަށް އުނދަގޫ ކުރާށެވެ. އަދި އެފަދަ މީހުންނަށް ދަތިކުރާށެވެ.” (ޝައިޚުގެ އޯޑިއޯއަކުން ނަގާފައި)
އެ ގޮތުން މި ލިޔުމުގެ ކުރީކޮޅުގައި ބަޔާންކޮށްފައިވާ މައްސަލައާ މި މައްސަލައަކީ މުޅިން ތަފާތު ދެ މައްސަލައެކެވެ. މިފަދަ ސަބަބުތަކާ ހުރެ މިސްކިތުގެ އަޑު މަޑުކޮށް ނުވަތަ ބަންގީގެ އަޑު މަޑުކުރުން ބެލެވޭނީ މިސްކިތްތަކުގެ އަޑު ކަނޑުވާލުންކަމުގައެވެ. އެހެންކަމުން މިސްކިތްތަކުގެ އަޑު މަޑުކޮށްގެން ނުވާނެ ޙާލަތްތަކެއް ވެއެވެ. އޭގެ ތެރޭގައި:
– ލާދީނީ މީހުންނަށް އުނދަގޫވާތީ އަދި އެބައިމީހުން އެކަމާމެދު ޝަކުވާކޮށް ފުރައްސާރަކުރާތީ
– ފަތުރުވެރިން ގިނައިން ދާ ރަށްތައް އަދި ބޭރު މީހުން އުޅޭ ސަރަހައްދުތަކުގައި އެބައިމީހުންނަށް އުނދަގޫވާތީ
މިފަދަ ކަންކަމަކީ އަޅުގަނޑުމެން ހުށިހާރުވެ ސަމާލުވާން ޖެހޭނެ ކަންކަމެވެ. އެހެނީ މިފަދަ ދީނީ ގޮތުން ޚިލާފު އުފެދިފައިވާ ކަންތައްތަކުގެ ނިވަލުގައި ލާދީނީ މީހުން އެބައިމީހުންގެ ‘ސެކިއުލަރ’ އެޖެންޑާތައް ޙާޞިލުކުރަން މަސައްކަތްކުރާނެއެވެ.
މީގެ މިޘާލަކީ މީގެ ކުރިން ނަމާދުވަގުތު ޖެހުމުން، ބަންގިއާއި ބަންގި ދުޢާ ހުރިހާ ޓީވީތަކުންނާއި ކޭބަލް ޓީވީންވެސް ގެނެސްދީ އުޅުނެވެ. އަދި އެއީ މީސްތަކުން ނަމާދަށް ދިޔުމަށް ލިބިނު ހިތްވަރަކަށް ވިޔެއެވެ. ނަމަވެސް ފަހުން ބައެއް ފަރާތްތަކުން ނަމާދު ގަޑީގައި ‘ނަމާދު ވަގުތު’ މިފަދައިން އަރުވާފައި އެބައިމީހުންގެ ޕްރޮގްރާމުތައް ކުރިއަށް ގެންދިޔައެވެ. މިފަދަ އެތައް ކަމެއް ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެންގެ ލޯމަތިން މިދަނީ ފެންނަމުންނެވެ. އިސްލާމްދީނާ ދުރަށް މިސްރާބު ޖެހުން މިދަނީ ޢާންމުވަމުންނެވެ.
ދުޢާއަކީ ދިވެހިރާއްޖެއަކީ އަބަދުމެ އިސްލާމީ ޤައުމެއްގެ ގޮތުގައި ލެއްވުމެވެ! އަދި ރާއްޖޭގެ އަހުލުވެރިންނަކީ ދީނީ ޝިޢާރުތަކަށް މާތްކޮށް ހިތާ ބައެއްކަމުގައި ލެއްވުމެވެ!
[1] ބައްލަވާ: الأجوبة النافعة للألباني (1 / 246).
[2] ބައްލަވާ: سنن أبي داود (519) والإرواء للألباني (ص: 32).
[3] ބައްލަވާ: السيرة النبوية لمهدي رزق الله (2 / 136) والرحيق المختوم للمباركفوري (ص: 405).
[4] ބައްލަވާ: المغني لابن قدامة (1 / 301) والمجموع للنووي (3 / 102).
[5] ބައްލަވާ: مجموع الفتاوى لابن تيمية (22 / 403) ومجموع فتاوى لابن باز (12 / 154).
[6] ބައްލަވާ: صحيح مسلم (2 – (884)).
[7] ކުރީގެ ޢިލްމުވެރިންގެ ދަރުސްތަކަށް އެއްވަގުތެއްގައި ވަރަށް ގިނަ މީހުން ޙާޟިރުވެއެވެ. އެގޮތުން އިމާމު އަޙުމަދުގެ ބައެއް ދަރުސްތަކަށް ގާތްގަނޑަކަށް 5000 މީހުން ޙާޟިރުވެފައިވާކަމަށް އައްޛަހަބީ ވިދާޅުވިއެވެ. (ބައްލަވާ: السير للذهبي (11 / 316)).
[8] ބައްލަވާ: صحيح البخاري (3177).
[9] ބައްލަވާ: الشرح الممتع للعثيمين (2 / 94).
[10] مجموع فتاوى ورسائل العثيمين (13 / 81).
[11] شرح السنة للبغوي (3 / 87).
[12] تنوير الحوالك للسيوطي (1 / 78).
[13] ބައްލަވާ: سنن أبي داود (498) وصحيح أبي داود للألباني (511).
[14] ބައްލަވާ: الموسوعة الكويتية (2 / 357).
[15] ބައްލަވާ: الموسوعة الكويتية (2 / 357).