الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ﷲ ތަޢާލާގެ މަތިވެރިކަމާއި އެއިލާހު މަތީގައި ވޮޑިގެންވާކަމަކީ ސާފު ފިޠުރަތުގައި ހުރި ކޮންމެ މުސްލިމަކުވެސް ދަންނަ ކަމެކެވެ. އަދި މިފަދަ ވާހަކަތަކުގެ ތަފްޞީލަކީ ޢިލްމީ ސާހާތަކުގައި ދެކެވި ލިޔެ ރައްކާކުރެފައިވާ ވާހަކަތަކެވެ. އެގޮތުން ކީރިތި ޤުރުއާނުގެ ޞަރީޙަ އާޔަތްތަކާއި، ޞައްޙަ ސުންނަތުންނާއި ޢިލްމުވެރިންގެ އިޖުމާޢުން މިކަން އެނގިގެން ދެއެވެ. [1] އަދި މަލާއިކަތުން އެއިލާހުގެ ޙަޟްރަތަށް އަރާވަޑައިގަންނަވާކަމާއި، ފޮތް ބާވައިލެއްވުމާއި، ބައެއް މަޚްލޫޤުން އެއިލާހުގެ ޙަޟްރަތަށް އުފުއްލެވުމުން މިކަން އިތުރަށް ކަށަވަރުވެގެން ދެއެވެ.
އެހެނަސް ހުރިހާ ޒަމާނެއްގައިވެސް ޝަރުޢީ ނައްޞުތަކުގެ މައްޗަށް ބުއްދި އިސްކޮށް ‘ތާކުން ތާކު ނުޖެހޭ’ ވާހަކަތަކާއި ބަހަނާތައް ދައްކައިގެން، އެކިއެކި ޝަރުޢީ ނައްޞުތައް ނަފީކުރާ މީހުން އުޅެއެވެ.
އެގޮތުން އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މިހާރު މިފަދަ ކަންކަމުގައި ސުވާލު އުފައްދާ މީހުން ފެނެއެވެ. ދީނުގައި ޝައްކެތް ނެތް މިންވަރަށް މިކަން އެނގެން އޮއްވާވެސް މިކަމުގައި ސުވާލު އުފައްދާ މީހުން އުޅެއެވެ. މިފަދަ ކަންކަމުގައި ސުވާލު އުފައްދާ، ޢާންމުންނަށް މިކަމުގެ ޙަޤީޤަތް އޮޅުވާލަން މަސައްކަތްކުރުމުން ދެން މިކަމުގެ ތަފްޞީލު މީހުންނަށް ބަޔާންކޮށްދިނުން ލާޒިމުވެގެން ދެއެވެ. އެގޮތުން ޢުޘްމާނު ބުން ސަޢީދުއް ދާރިމީ رحمه الله ވަނީ ބިޝްރުލް މަރީސީއަށް ރައްދެއްދެއްވާފައެވެ. އޭގައި އެކަލޭގެފާނު ވިދާޅުވިއެވެ.
“މަރީސީގެ މަގުފުރެއްދުންތައް މިމީހާ ފާޅުކޮށް ނުފެތުރިނަމަ، އޭނާގެ ވާހަކަ ނުދެއްކީމުހެވެ. އެއީ އޭނާ ދައްކާ ބައެއް ވާހަކަތައް ޖާހިލުންގެ ހިތުގައި ހަރުލަފާނެތީއެވެ. އަދި އެބައިމީހުންގެ ޚާލިޤުވަންތަ އިލާހާމެދު އެފަދަ މީހުންނަށް ޝައްކު އުފެދި، މަގު ފުރެދިދާނެތީއެވެ.” [2]
ފަހެ އެފަދަ ވާހަކަތައް ދައްކާ ފާޅުކުރުމުން ދެން އެފަދަ މީހުންނަށް ރައްދު ދީ، ޙައްޤު ގޮތް މީސްކަތަކުންނަށް ބަޔާންކޮށްދިނުމަކީ ސުންނަތް ޖަމާޢަތުގެ ޢިލްމުވެރިން ޢަމަލުކުރައްވާފައިވާ މަންހަޖެވެ.
ﷲ ތަޢާލާ ވޮޑިގެންވަނީ ހަތް އުޑުގެ މަތީގައިވާ ޢަރުޝީގެ މަތީގައި
ބައެއް މީހުން ދަޢުވާ ކުރާ ގޮތުގައި، ﷲ ތަޢާލާ ވޮޑިގެންވާ ތަނާ ބެހޭގޮތުން ސުންނަތް ޖަމާޢަތުގެ ޢިލްމުވެރިންގެ ބަހަކީ: ﷲ ތަޢާލާ ވޮޑިގެންވަނީ އުޑުގައެވެ. އެހެނަސް މިއީ ރަނގަޅު ވާހަކައެއް ނޫނެވެ. އަދި ކުށް ހީއެކެވެ.
ރަނގަޅު ގޮތަކީ އަދި ސުންނަތް ޖަމާޢަތުގެ ޢިލްމުވެރިންގެ ޢަޤީދާއަކީ: ﷲ ތަޢާލާ ވޮޑިގެންވަނީ ހަތް އުޑުގެ މަތީގައިވާ ޢަރުޝީގެ މަތީގައި އިސްތިވާވެ ވޮޑިގެންނެވެ. މިކަން ޞަރީޙަކޮށް ކީރިތި ޤުރުއާނުގެ ހަތް އާޔަތެއްގައި އައިސްފައިވެއެވެ. އަދި ޞައްޙަ ސުންނަތުގައި ވާރިދުވެގެންވެއެވެ. އަދި ސުންނަތް ޖަމާޢަތުގެ ޢިލްމުވެރިން މިކަމަށް އިޖުމާޢުވެވަޑައިގެންފައިވެއެވެ.
އެ ގޮތުން ކީރިތި ޤުރުއާނުގެ ދަލީލުތަކަށް ބަލާލާއިރު:
ފުރަތަމައީ: الأَعْرَاف ސޫރަތުގައި ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿إِنَّ رَبَّكُمُ اللَّهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ﴾ [سورة الأعراف ٥٤]
މާނައީ: “ހަމަކަށަވަރުން ތިޔަބައިމީހުންގެ ރައްބަކީ ހަ ދުވަހުގެ ތެރޭގައި އުޑުތަކާއި ބިން ޚަލްޤުކުރެއްވި ﷲއެވެ. އެއަށްފަހު އެއިލާހު ޢަރުޝީގެ މައްޗަށް އިސްތަވާވެވޮޑިގަތެވެ.”
ދެވަނައީ: يُونُس ސޫރަތުގައި ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿إِنَّ رَبَّكُمُ اللَّهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ﴾ [سورة يونس ٣]
މާނައީ: “ހަމަކަށަވަރުން ތިޔަބައިމީހުންގެ ރައްބަކީ ހަ ދުވަހުގެ ތެރޭގައި އުޑުތަކާއި ބިން ޚަލްޤުކުރެއްވި ﷲއެވެ. އެއަށްފަހު އެއިލާހު ޢަރުޝީގެ މައްޗަށް އިސްތަވާވެވޮޑިގަތެވެ.”
ތިންވަނައީ: الرَّعْد ސޫރަތުގައި ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿اللَّهُ الَّذِي رَفَعَ السَّمَاوَاتِ بِغَيْرِ عَمَدٍ تَرَوْنَهَا ۖ ثُمَّ اسْتَوَىٰ عَلَى الْعَرْشِ﴾ [سورة الرعد ٢]
މާނައީ: “ﷲއީ، ތިޔަބައިމީހުންނަށް ފެންނަ ތަނބުތަކަކާ ނުލައި، އުޑުތައް އުފުއްލެވި އިލާހެވެ. ދެން ޢަރުޝީގެ މައްޗަށް އެއިލާހު އިސްތަވާވެވޮޑިގަތެވެ.”
ހަތަރުވަނައީ: طه ސޫރަތުގައި ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿الرَّحْمَٰنُ عَلَى الْعَرْشِ اسْتَوَىٰ﴾ [سورة طه ٥]
މާނައީ: “ރަޙުމާނުވަންތަ އިލާހު، ޢަރުޝީގެ މައްޗަށް އިސްތަވާވެވޮޑިގަތެވެ.”
ފަސްވަނައީ: الْفُرْقَان ސޫރަތުގައި ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ﴾ [سورو الفرقان ٥٩]
މާނައީ: “އެއިލާހީ އުޑުތަކާއި ބިމާއި އެދެމެދުގައި ވާހާ އެއްޗެއް، ހަ ދުވަހުގެ ތެރޭގައި ޚަލްޤުކުރެއްވި އިލާހެވެ. ދެން ޢަރުޝީގެ މައްޗަށް އެއިލާހު އިސްތަވާވެވޮޑިގަތެވެ.”
ހަވަނައީ: السَّجْدَة ސޫރަތުގައި ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿اللَّهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ﴾ [سورة السجدة ٤]
މާނައީ:” اللَّه އީ، އުޑުތަކާއި ބިމާއި އެދެމެދުގައި ވާހާ ތަކެތި ހަ ދުވަހުގެ ތެރޭގައި ޚަލްޤުކުރެއްވި އިލާހެވެ. ދެން ޢަރުޝީގެ މައްޗަށް އެއިލާހު އިސްތަވާވެވޮޑިގަތެވެ.”
ހަތްވަނައީ: الْحَدِيد ސޫރަތުގައި ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿هُوَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ﴾ [سورة الحديد ٤]
މާނައީ: “އެއިލާހީ އުޑުތަކާއި ބިން ހަ ދުވަހުގެ ތެރޭގައި ޚަލްޤުކުރެއްވި އިލާހެވެ. ދެން އެއިލާހު ޢަރުޝީގެ މައްޗަށް އިސްތަވާވެވޮޑިގަތެވެ.”
މި އާޔަތްތަކުގައި މިވާ ‘އިސްތަވާވެވޮޑިގަތުން’ މި ލަފްޒުގެ ޢަރަބި މާނަ ބަޔާންކުރެއްވުމަށްޓަކައި ޢިލްމުވެރިން މައިގަނޑު 4 މާނައެއް ޛިކުރުކުރައްވާފައިވެއެވެ. އެ މާނަތައް އިބްނުލް ޤައްޔިމު رحمه الله އެކަލޭގެފާނުގެ ނޫނިއްޔާގައިވެސް ޛިކުރުކުރެއްވިއެވެ. އެއީ: علا، ارتفع، صعد، استقر އެވެ. [3]
ޢަރަބި ބަހުގައި اسْتَوَى ގެ މާނައަކީ: މަތިވެރިވެވޮޑިގެންނެވުމާއި، (އަމިއްލަ ޛާތުފުޅު) އުފުއްލަވާ ވޮޑިގެންނެވުމާއި އަރާވޮޑިގެންނެވުމާ އަދި އިސްތިޤްރާރުވެވޮޑިގެންނެވުން ކަމުގައެވެ.
އިމާމު މާލިކު رحمه الله ގެ އަރިހުގައި މީހަކު އައިސް ސުވާލު ދެންނެވިއެވެ.
﴿الرَّحْمَٰنُ عَلَى الْعَرْشِ اسْتَوَىٰ﴾ [سورة طه ٥]
މާނައީ: “ރަޙުމާނުވަންތަ އިލާހު، ޢަރުޝީގެ މައްޗަށް އިސްތަވާވެވޮޑިގަތެވެ.”
އެއިލާހު އިސްތިވާވެވޮޑިގެންވަނީ ކޮންފަދައަކުން ހެއްޔެވެ؟
އޭނާ އެކުރި ސުވާލާމެދު މާލިކުގެފާނު ހިތްހަމަ ޖެހިވަޑައިނުގަތުމުގެ ސަބަބުން އެކަލޭގެފާނުގެ ގައިން ދާ އޮހޮރެއްޖެއުމަށް ދާންދެން، އެއްވެސް އެއްޗެއް ވިދާޅުނުވެ އެކަލޭގެފާނު ހަނުހުންނެވިއެވެ. އަދި އެއަށްފަހުގައި ވިދާޅުވިއެވެ.
ﷲ ތަޢާލާ އިސްތިވާވެ ވޮޑިގެންވާކަން އެއީ އެނގިގެންވާ ކަމެކެވެ.
އަދި އެއިލާހު އިސްތިވާވެ ވޮޑިގެންވާ ކައިފިޔަތު (އިސްތިވާވެ ވޮޑިގެންވަނީ ކޮން ގޮތަކަށްކަން) އެއީ ސިކުނޑިއަކަށް ވިސްނޭނެކަމެއް ނޫނެވެ.
އަދި އެކަމާމެދު ސުވާލުކުރުމަކީ ބިދުޢައެކެވެ.
އެއިލާހު އިސްތިވާވެ ވޮޑިގެންވާކަމާމެދު އީމާންވުމަކީ ވާޖިބެކެވެ.
ތިމަންކަލޭގެފާނަށް ހީފުޅުވަނީ ތިޔައީ މަގުފުރެދިފައިވާ މީހެއް ހެންނެވެ.
އޭނާ މިތަނުން ނެރޭށެވެ.
އެހިނދު އެމީހާ މާލިކުގެފާނަށް ގޮވާލިއެވެ. އޭ އަބޫ ޢަބްދުﷲ އެވެ! ﷲ ގަންދެއްވާ ބުނަމެވެ. ހަމަކަށަވަރުން އަހަރެން ބަޞްރާގެ އަހުލުވެރިންނާއި ކޫފާގެ އަހުލުވެރިންނާއި ޢިރާޤުގެ އަހުލުވެރިންނާ މިކަމާއި ބެހޭގޮތުން ސުވާލުކުރީމެވެ. އަދި އެކަމަށް ކަލޭގެފާނަށް ތަޢުފީޤު ލިބިވަޑައިގެންފައިވާ ގޮތަށް އެހެންމީހުންނަށް ތައުފީޤު ލިބިގެންވާ ތަނެއް އަހަރެން ނުދެކެމެވެ.” [4]
މިކަމުގައި ސުންނަތް ޖަމާޢަތުގެ ޢަޤީދާ މިވަނީ އެކަލޭގެފާނު ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައެވެ. އެހެންކަމުން ﷲ ތަޢާލާ ވޮޑިގެންވުމަށް އެއްވެސް ފަރާތެއް، ތަނެއް ނުވެއޭ ބުނުމަކީ ސުންނަތް ޖަމާޢަތުގެ ޢަޤީދާ އާ ޚިލާފު ކަމެކެވެ. މިކަން އަންނަނިވި ޙަދީޘާއި އާޔަތްތަކުންވެސް އިތުރަށް ސާފުވެގެން ދާނެއެވެ. إن شاء الله.
ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް އަޅު އަންހެން ކުއްޖެއް ގެނެވުމުން އެކަލޭގެފާނު އެ ކުއްޖާއަށް ބައެއް ސުވާލުކުރެއްވިއެވެ. އެގޮތުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
“ﷲ ކޮބާ ހެއްޔެވެ؟
އެކުއްޖާ ޖަވާބުގައި ބުންޏެވެ. އުޑުތަކުގެ މަތީގައެވެ.
ދެން ޙަދީޘްކުރެއްވިއެވެ.
ތިމަންކަލޭގެފާނު މިއީ ކޮން ބޭކަލެއް ހެއްޔެވެ؟
އެކުއްޖާ ޖަވާބުގައި ބުންޏެވެ. ތިޔައީ ﷲ ގެ ރަސޫލާއެވެ.
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އޭނާ މިނިވަންކުރާށެވެ. އެއީ މުއުމިނެކެވެ.” [صحيح مسلم 33 – (537)]
މި ޞައްޙަ ޙަދީޘްގައި ރަސޫލާ صلى الله عليه وسلم އެވަނީ އެކުއްޖާގެ ޖަވާބަށް އިޤުރާރުވެވަޑައިގެން، އެކުއްޖާއަކީ މުއުމިނެއްކަމުގައި ހެކިވެވަޑައިގެންފައެވެ. އަދި ﷲ ތަޢާލާ ވޮޑިގެންވަނީ އުޑުތަކުގެ މަތީގައިކަމަށް އިޤުރާރުވެވަޑައިގެންފައެވެ. ދެން އެއަށްފަހުގައި މިކަމުގައި މުއުމިނެއްގެ ހިތުގައި ޝައްކެތް ވާނެ ހެއްޔެވެ.
އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
أَأَمِنتُم مَّن فِي السَّمَاءِ أَن يَخْسِفَ بِكُمُ الْأَرْضَ فَإِذَا هِيَ تَمُورُ ﴿١٦﴾ أَمْ أَمِنتُم مَّن فِي السَّمَاءِ أَن يُرْسِلَ عَلَيْكُمْ حَاصِبًا ۖ فَسَتَعْلَمُونَ كَيْفَ نَذِيرِ ﴿١٧﴾ [سورة الملك]
މާނައީ: ” އުޑުތަކުގެ މަތީގައި ވޮޑިގެންވާ އިލާހު، ތިޔަބައިމީހުންނާއިގެން ބިންގަނޑު ގަންބަވައިގެންފާނެ ކަމާމެދު (ބިރެއް ނެތި) އަމާންކަމުގައި ތިޔަބައިމީހުން ތިބީ ހެއްޔެވެ؟ ފަހެ، އެހާރުން ބިންގަނޑު ތެޅިފޮޅިގަންނާނެއެވެ. (16) ނުވަތަ އުޑުތަކުގެ މަތީގައި ވޮޑިގެންވާ އިލާހު، ތިޔަބައިމީހުންގެ މައްޗަށް ހިލައިގެ ވާރޭ ފޮނުއްވައިފާނޭކަމާމެދު (ބިރެއްނެތި) އަމާންކަމުގައި ތިޔަބައިމީހުން ތިބީ ހެއްޔެވެ؟ ފަހެ، ތިމަން އިލާހުގެ އިންޛާރުކުރެއްވުންވަނީ، ކޮންފަދައަކުންކަން ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެއެވެ. (17)”
އިސްވެ ދިޔަ ޙަދީޘާއި އާޔަތްތަކުގައި: فِي السَّمَاءِ މާނަ ކުރުމުގައި ސުންނަތް ޖަމާޢަތުގެ ޢިލްމުވެރިން ޞައްޙަ ދެ މާނައެއް ކުރައްވައެވެ. [5]
ފުރަތަމަ މާނަ: މަތީގައި ވޮޑިގެންވާ އިލާހު
ދެވަނަ މާނަ: އުޑުތަކުގެ މަތީގައި ވޮޑިގެންވާ އިލާހު
– މަތީގައި ވޮޑިގެންވާ އިލާހު
މި މާނަކުރައްވާ ޢިލްމުވެރިން فِي ގެ މާނަކުރައްވާފައި އެވަނީ ޢަރަބި ބަހުގައި ޢާންމުކޮށް ކުރާ މާނައިގައެވެ. އަދި السَّمَاء ގެ މާނަ ކުރައްވަނީ العُلُوّ ގެ މާނައިގައެވެ. މިކަމުގެ ދަލީލަކީ:
﴿أَنزَلَ مِنَ السَّمَاءِ مَاءً فَسَالَتْ أَوْدِيَةٌ بِقَدَرِهَا﴾ [سورة الرعد ١٧]
މާނައީ: “އެއިލާހު މަތިން ފެން ބާވައިލެއްވިއެވެ. ދެން ވާދީތަކުގައި ފެންބޮޑުވެ، އެއަށް ކަނޑައެޅިގެންވާ މިންވަރުގެ މަތިން އޮހޮރިގެން ދިޔައެވެ.”
އަޞްލު ޙަޤީޤަތުގައި ވާރޭ ވެހެނީ އުޑުގައިވާ ވިލާތަކުންނެވެ. އުޑަކުން ނޫނެވެ. އެހެންކަމުން މިތަނުގައި السَّمَاء ގެ މާނަ އައިސްފައި މިވަނީ العُلُوّ (މަތީ) ގެ މާނައިގައެވެ. އެބަހީ: ވާރޭ ވެހެނީ މަތިންނެވެ.
– އުޑުތަކުގެ މަތީގައި ވޮޑިގެންވާ އިލާހު
މި މާނަކުރައްވާ ޢިލްމުވެރިން فِي (އެއްޗެއްގެ ތެރޭގައި)ގެ މާނައިގައި ވިދާޅުވަނީ މި ނައްޞުތަކުގައި އޭގެ މާނައަކީ عَلَى (އެއްޗެއްގެ މަތީގައި)ގެ މާނަކަމަށެވެ. އަދި السَّمَاء ގެ މާނައަކީ އުޑުގެ މާނައިގައެވެ.
ކީރިތި ޤުރުއާނުގައިވެސް މި މާނައިގައި فِي ވާރިދުވެގެން އައިސްފައިވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَلَأُصَلِّبَنَّكُمْ فِي جُذُوعِ النَّخْلِ﴾ [طه ٧١]
މާނައީ: “އަދި ކަދުރުރުކުގެ ގަސްގަނޑުގެ މަތީގައި ހަމަކަށަވަރުން، ކަލޭމެން ޞަލީބަށް އަރުވާހުށީމެވެ.”
މިތަނުގައި އައިސްފައި މިވަނީ ‘ގަސްގަނޑުގެ ތެރޭގައި’ މި މާނައިގައެއް ނޫނެވެ. فِي ގެ ޢާންމު މާނައަކީ އެއީއެވެ. އެހެނަސް މި ނައްޞުގައި އައިސްފައި އެވަނީ ތަފާތު މާނައެއްގައެވެ.
އެހެންކަމުން ﷲ ތަޢާލާ ވަނީ އުޑުތަކުގެ ތެރޭގައޭ ސުންނަތް ޖަމާޢަތުގެ ޢިލްމުވެރިން ބުނާކަމަށް ކުރާ ދަޢުވާއަކީ ބާޠިލު ދޮގު ބުހުތާނު ދަޢުވާއެކެވެ.
ސުންނަތް ޖަމާޢަތުގެ ޢިލްމުވެރިންގެ އަރިހުގައި ﷲ ތަޢާލާ ވޮޑިގެންވަނީ ހަތް އުޑުގެ މަތީގައިވާ އަރުޝީގެ މަތީގައެވެ. އަދި މިކަމުގެ މައްޗަށް އެބޭކަލުންވަނީ އިޖުމާޢުވެވަޑައިގެންފައެވެ. މިކަމުގެ މައްޗަށް އިޖުމާޢު ނަޤުލުކުރެއްވި ބައެއް ބޭކަލުންގެ ބަސްފުޅުތައް ގެނެސްދޭނަމެވެ.
އަލްއަޢުޒާޢީ [އަވަހާރަވީ 157 ހ] رحمه الله
“ތިމަންބޭކަލުންނާއި ތާބިޢީ ބޭކަލުންވެސް އޭރު ވަރަށް ގިނައެވެ. މި ހުރިހާ ބޭކަލުންގެވެސް ބަހަކީ ﷲ ތަޢާލާ ވޮޑިގެންވަނީ ޢަރުޝީގެ މަތީގައެވެ. އަދި ސުންނަތުގައި ވާރިދުވެފައިވާ އެއިލާހުގެ ސިފަފުޅުތަކަށް ތިމަންބޭކަލުން އީމާންވަމެވެ.” [6]
ޤުތައިބާ ބުން ސަޢީދު [އަވަހާރަވީ 240 ހ] رحمه الله
“އަހްލުއް ސުންނަތު ވަލް ޖަމާޢާއާއި މުސްލިމުންގެ އިމާމުންގެ ބަސްފުޅަކީ: އަހަރެމެންގެ ރައްބު ވޮޑިގެންވަނީ ހަތް އުޑުގެ މަތީގައިވާ ޢަރުޝީގެ މަތީގައެވެ.” [7]
ޒަކަރިއްޔާ އައްސާޖީ [އަވަހާރަވީ 307 ހ] رحمه الله
“ތިމަން ބޭކަލުންނާ ބައްދަލުވި ޙަދީޘްގެ އަހުލުވެރިންގެ ބަސްފުޅަކީ ﷲ ތަޢާލާވަނީ އުޑުތަކުގެ މަތީގައިވާ ޢަރުޝީގެ މަތީގައެވެ. އަދި އެއިލާހު އިރާދަކުރެއްވި ގޮތަކަށް އަޅުތަކުންނާ ކުއްތަންވެވޮޑިގެންވެއެވެ.”[8]
އިބްނު ބައްޠާ [އަވަހާރަވީ 387 ހ] رحمه الله
“ޞަޙާބީބޭކަލުންނާއި ތާބިޢީ ބޭކަލުންނާއި މުއުމިނުންގެ ހުރިހާ ޢިލްމުވެރިން އިޖުމާޢުވެވަޑައިގަންނަވާފައިވާ ގޮތުގައި ހަމަކަށަވަރުން ﷲ تبارك وتعالى ވަނީ އުޑުތަކުގެ މަތީގައިވާ ޢަރުޝީގެ މަތީގައި އަޅުތަކުންނާއި ވަކިންނެވެ. އަދި އެއިލާހުގެ ޢިލްމުފުޅު ހުރިހާތަނެއް ވަށާލައެވެ. އެކަމަށް އިންކާރުކުރާނީ ނުވަތަ ދެކޮޅު ހަދާނީ ޙުލޫލީ މަޛްހަބުގެ އަހުލުވެރިންނެވެ. (އެބަހީ: ﷲ ހުރިހާ އެއްޗެއްގެ ތެރޭގައި ވާ ކަމަށް ބުނާ މީހުންނެވެ. މިއީ ބާޠިލު ބުނުމެކެވެ.) އެއީ އެބައެއްގެ ހިތް ޙައްޤު މަގުން އެއްކިބާ ވެފައިވާ ބައެކެވެ. އަދި ޝައިޠާނާ އެވަނީ އެބައިމީހުން މަގު ފުރައްދާފައެވެ. އެބައިމީހުން އެވަނީ ދީނުން ބޭރުވެފައެވެ. އެފަދަ މީހުންގެ ބަހަކީ ﷲ ތަޢާލާގެ ޛާތުފުޅު ހުރިހާ ތަނެއްގައި ވެއެވެ.” [9]
އަބޫ ޢުމަރު އައްޠަލަމަންކީ [އަވަހާރަވީ 429 ހ] رحمه الله
“ހަމަކަށަވަރުން އުޑުތަކުގެ މަތީގައި ﷲ ތަޢާލާގެ ޛާތުފުޅު އެއިލާހު އިރާދަކުރެއްވި ގޮތަކަށް އިސްތަވާވޮޑިގެންވާކަމަށް ސުންނަތް ޖަމާޢަތުގެ އަހުލުވެރިންވަނީ އިޖުމާޢުވެވަޑައިގެންފައި ވެއެވެ.” [10]
ﷲ ތަޢާލާ ފައިބައިވޮޑިގެންނެވުން
ކޮންމެ ރެއެއްގެވެސް ތިންބައިން ފަހުބައިގައި ﷲ ތަޢާލާ ދުނިޔޭގެ އުޑަށް ފައިބައި ވޮޑިގަންނަވާކަމީ ޞައްޙަ ޙަދީޘުން ޘާބިތުވެފައިވާ ކަމެކެވެ.
ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«يَنْزِلُ رَبُّنَا تَبَارَكَ وَتَعَالَى كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا حِينَ يَبْقَى ثُلُثُ اللَّيْلِ الآخِرُ يَقُولُ: مَنْ يَدْعُونِي فَأَسْتَجِيبَ لَهُ، مَنْ يَسْأَلُنِي فَأُعْطِيَهُ، مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ» [صحيح البخاري (1145) وصحيح مسلم 168 (758) – ]
މާނައީ: “ކޮންމެ ރެއެއްގެ ތިން ބައިން ފަހު ބަޔަށް ވެފައިވަނިކޮށް، އަޅަމެންގެ ރައްބު تبارك وتعالى ދުނިޔޭގެ އުޑަށް ފައިބައިވޮޑިގަންނަވައި ވަޙީކުރައްވައެވެ. ‘ތިމަން އިލާހުގެ ޙަޟްރަތަށް ދުޢާ ދަންނަވަނީ ކާކު ހެއްޔެވެ. ފަހެ އެމީހެއްގެ ދުޢާ އިޖާބަކުރައްވާ ހުށީމެވެ. ތިމަން އިލާހުގެ ޙަޟްރަތުން ކަމަކަށް އެދެނީ ކާކު ހެއްޔެވެ. ފަހެ އެމީހަކު އެދޭކަމެއް ދެއްވާ ހުށީމެވެ. ތިމަންއިލާހުގެ ޙަޟްރަތުގައި ފާފަފުއްސެވުމަށް އެދި ދަންނަވަނީ ކާކު ހެއްޔެވެ. ފަހެ އެމީހެއްގެ ފާފަ ފުއްސަވާ ހުށީމެވެ.”
މިއީ މި ޙަދީޘްގެ ޞައްޙަކަމާމެދުގައި އެއްވެސް ކިލަނބުކަމެއް ނުވާ ޘާބިތު ޞައްޙަ ޙަދީޘެކެވެ.
އަދި މިކަމުގެ މައްޗަށް ޢިލްމުވެރިންވަނީ އިޖުމާޢު ނަޤުލުކުރައްވާފައެވެ.
އަބޫ ޢުމަރު އައްޠަލަމަންކީ [އަވަހާރަވީ 429 ހ] رحمه الله ވިދާޅުވިއެވެ.
“ޙަދީޘްތަކުގައި ވާރިދުވެފައިވާ ފަދައިން ކޮންމެ ރެއެއްގައި، ﷲ އިރާދަކުރެއްވި ގޮތެއްގައި ދުނިޔޭގެ އުޑަށް އެއިލާހު ފައިބައިވޮޑިގަންނަވާކަމަށް އެ ބޭކަލުންވަނީ އިޖުމާޢުވެވަޑައިގެންފައެވެ.” [11]
ﷲ ތަޢާލާގެ ޚަބަރުފުޅުތަކުގެ ގޮތުގައި ވާރިދުވެފައިވާ މިފަދަ ޞިފަތައް އިންކާރުކުރާ ހުރިހާ ބިދުޢަވެރި ފިރުޤާތައް އެކި ޒަމާންތަކުގައި މި ޙަދީޘް އިންކާރުކޮށްފައިވެއެވެ. އެބައިމީހުން ބުނަނީ މިކަން ބުއްދިން ޤަބޫލުނުކުރެވޭ ކަމުގައެވެ. އެހެނަސް މިއީ ހަމަ ބުއްދި އާ ތަޢާރުޟުވާ ކަމެއް ނޫނެވެ. އެހެނީ ބުއްދި ޙައިރާންވާ ވަރުގެ ޚަބަރުތައް ޤުރުއާނާއި ސުންނަތުގައި އައިސްފައިވިޔަސް ހަމަ ބުއްދިއާ ތަޢާރުޟުވާ ކަމެއް އައިސްފައި ނުވެއެވެ.
މިފަދަ ޙަދީޘްތައް އިންކާރުކުރުމުގައި އެބައިމީހުންގެ އިމާމަކީ ޖަހުމު ބުން ޞަފްވާނެވެ. އަދި އޭނާ އެކަން އުނގެނުނީ ޖަޢުދު ބުން ދިރުހަމުގެ ގާތުންނެވެ. އަދި އޭނާގެ އުސްތާޛަކީ އަބާނު ބުން ސަމްޢާނެވެ. އަދި އޭނާ އެކަން އުނގެނުނީ ޠާލޫޠުގެ ގާތުންނެވެ. ޠާލޫޠަކީ ނަބިއްޔާ صلى الله عليه وسلم އަށް ސިޙުރު ހެދި ޔަހޫދީ ލަބީދު ބުން އަލްއަޢުޞަމުގެ އުޚްތެއްގެ ދަރިއެކެވެ. އަދި ޠާލޫޠު އެކަން ދަސްކުރީ ލަބީދުގެ ގާތުންނެވެ.[12] އެހެންކަމުން ކީރިތި ޤުރުއާނާއި ސުންނަތުގެ ނައްޞުތައް އިންކާރުކުރުން ކުރި ފަޅާފައި މިވަނީ ޔަހޫދީންގެ ފުށުންނެވެ.
އަޞްލު ޙަޤީޤަތުގައި މިފަދަ މީހުން ޤުރުއާނާއި ސުންނަތުގެ ނައްޞުތައް އިންކާރު ކުރަނީއެވެ. އެހެނަސް ފާޅުގައި އެކަން ކޮށްފިނަމަ މުރުތައްދެއްގެ ޙުކުމް ކަނޑައަޅާފާނެތީ ކޮންމެވެސް ތައުވީލެއް ނުވަތަ ބަހަނާއެއް ނުވަތަ އޮޅުން އަރާ ވާހަކައެއް ދައްކާފައި އިންކާރު ކުރަނީއެވެ.
އިބްނު ޚުޒައިމާ [އަވަހާރަވީ 311 ހ] رحمه الله ވިދާޅުވިއެވެ.
“ﷲ ތަޢާލާ ކޮންމެ ރެއެއްގައި ދުނިޔޭގެ އުޑަށް ފައިބައިވޮޑިގަތުމާ ބެހޭގޮތުން ޙިޖާޒާއި ޢިރާޤުގެ ޢިލްމުވެރިން ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ރިވާކުރައްވާފައިވާ ސަނަދު ޞައްޙަ ޙަދީޘްތައް ޛިކުރުކޮށްފައިވާ ބާބު.
މި ޙަދީޘްތަކުގައި އަޅަމެންގެ ރައްބު ފައިބައިވޮޑިގެންވާކަން ބަޔާންކުރައްވާފައިވާ ވާހަކަ ކައިފިއްޔަތު ބަޔާންކުރުމެއް ނެތި، ދުލުން އިޤުރާރުވެ، ހިތުން ކަށަވަރުކޮށް މި ޙަދީޘްތަކުގައިވާ ވާހަކަތަކާ މެދު ޔަޤީންކޮށް ހެކިވަމެވެ.
އެހެނީ އަހަރެމެންގެ ނަބިއްޔާ صلى الله عليه وسلم އަހަރެމެންނަށް ޚާލިޤުވަންތަ އިލާހު ދުނިޔޭގެ އުޑަށް ފައިބައިވޮޑިގަންނަވާ ގޮތުގެ ކައިފިއްޔަތު ބަޔާންކުރައްވާފައި ނުވެއެވެ. އަހަރެމެންނަށް ޚަބަރުދެއްވާފައިވަނީ ﷲ جل وعلا ފައިބައިވޮޑިގަންނަވާ ކަމެވެ. އަދި އެއިލާހާއި އެއިލާހުގެ ނަބިއްޔާ صلى الله عليه وسلم އަހަރެމެންނަށް ޙާޖަތެއް ޖެހިފައިވާ ދީނުގެ އެއްވެސް މަޢުލޫމާތެއް ދޫކުރައްވާފައި ނުވެއެވެ. ފަހެ އެހެންވެ މި ޙަދީޘްތަކުގައިވާ ޚަބަރުތަކުގައި ﷲ ތަޢާލާ ފައިބައިވޮޑިގެންވާކަން ބަޔާންކުރައްވާފައިވާތީ އަހަރެމެން އެކަމުގެ ޞިފަ ބަޔާންކުރުމެއް ނެތި އަދި ކައިފިއްޔަތު ބަޔާން ކުރުމެއް ނެތި ތެދުކޮށް ކަށަވަރުކުރަމެވެ. އެހެނީ މި ޙަދީޘްތައް ޞައްޙަކޮށް ޘާބިތުވެ ފާޅުވެފައިވާއިރު ނަބިއްޔާ صلى الله عليه وسلم ، އެއިލާހު ފައިބައިވޮޑިގަންނަވާ ކައިފިއްޔަތު ބަޔާންކުރައްވާފައި ނުވެއެވެ. ބަޔާންކުރައްވާފައިވަނީ ދުނިޔޭގެ އުޑުގެ މަތީގައި އެއިލާހު ވޮޑިގެންވެ، އެއުޑާ ހަމައަށް ފައިބައިވޮޑިގެންވާ ކަމެވެ. އެހެނީ ޢަރަބި ބަހުގައި މީހަކު ތިރިން މައްޗަށް ފައިބައިފިއޭ ބުނުމަކީ މުސްތަޙީލު ކަމެކެވެ. ފަހެ މި ޙަދީޘުން ދޭހަވަނީ ފައިބައިވޮޑިގަންނަވަނީ މަތިން ތިރިއަށެވެ.” [13]
އެގޮތުން ﷲ ތަޢާލާ ދުނިޔޭގެ އުޑަށް ފައިބައިވޮޑިގަންނަވާކަން އިންކާރުކުރަން ރާއްޖޭގައި ދައްކާފައި ހުރި ބައެއް ވާހަކަތަކާއި އޭގެ ޖަވާބު މިތަނުގައި ޛިކުރުކޮށްލާނަމެވެ.
- ސުވާލު: އުޑު އުފެއްދެވުމުގެ ކުރިން ﷲ ވޮޑިގެންވީ ކޮންތާކު ތޯއެވެ؟
ޖަވާބު: ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿مَّا أَشْهَدتُّهُمْ خَلْقَ السَّمَاوَاتِ وَالْأَرْضِ وَلَا خَلْقَ أَنفُسِهِمْ وَمَا كُنتُ مُتَّخِذَ الْمُضِلِّينَ عَضُدًا﴾ [سورة الكهف ٥١]
މާނައީ: “އުޑުތަކާއި، ބިން ޚަލްޤުކުރެއްވުމުގައި ތިމަންއިލާހު އެއުރެން ހެތްކެއް ނުކުރައްވަމެވެ. އަދި އެއުރެންގެ އަމިއްލަ ނަފްސުތައް ހެއްދެވުމުގައިވެސްމެއެވެ. އަދި މަގުފުރައްދާ ޝައިޠާނުންނީ، އެހީތެރިންކަމުގައި ތިމަންއިލާހު ނުހިއްޕަވަމެވެ.”
ޢަރުޝީގެ މައްޗަށް އިސްތަވާވެވޮޑިގަތުމުގެ ކުރިން ﷲ ތަޢާލާ ވޮޑިގެންވީ ތަނެއް ނުވަތަ ކައިފިއްޔަތުގެ ޚަބަރު އެއިލާހު އަޅުގަނޑުމެންނަށް ދެއްވާފައި ނުވެއެވެ. އަދި އެކަން ހޯދާކަށްވެސް އަންގަވާފައި ނުވެއެވެ. އަދި އިމާމު މާލިކު رحمه الله ވިދާޅުވެފައިވާ ފަދައިން މިފަދަ ކަންކަމުގެ ‘ކައިފިއްޔަތާ’ ބެހޭގޮތުން ސުވާލުކުރުމަކީ ބިދުޢައެކެވެ. ﷲ ތަޢާލާގެ އިސްތަވާވެވޮޑިގަތުން އިންކާރުކުރާ މީހާ މީސްތަކުންނާ މި ސުވާލު ކުރިމަތި ކުރުވިޔަސް މިއީ ޙަޤީޤަތުގައި ސީދާ ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވޭ ސުވާލެކެވެ. تعالى الله عما يقولون علوا كبيرا.
- ސުވާލު: ﷲ އަށް ވުރެ އުޑު ބޮޑީ ތޯއެވެ؟
ޖަވާބު: ﷲ އަށް ވުރެ އެއްވެސް މަޚްލޫޤެއް ބޮޑެއް ނުވާނެއެވެ.
އައްސަޢުދީ رحمه الله އެކަލޭގެފާނުގެ ތަފްސީރުގައި ވިދާޅުވިއެވެ.
“الكَبِيْر: އެއިލާހަށް ވުރެ ބޮޑު އަދި މަތިވެރި އެއްވެސް ފަރާތެއް ނުވެއެވެ. އެއިލާހީ ޛާތުގައްޔާއި ޞިފާތުގައިވެސް ބޮޑު ފަރާތެވެ.” [14]
ﷲ أكْبَر ގެ މާނައަކީ އެއީއެވެ. އެންމެ ބޮޑީ އަދި އެންމެ މަތިވެރީ ﷲ އެވެ.
އަދި ﷲ ތަޢާލާ އެއްވެސް މަޚްލޫޤަކަށް ބޭނުންވެވޮޑިގެންވެސް ނުވެއެވެ. އެއިލާހަކީ الغَنِيّ (ފުދިވޮޑިގެންވާ) އިލާހެވެ. އެހެނަސް އެއިލާހު ވަކި ޙިކުމަތަކަށްޓަކައި މަޚްލޫޤެއް ޚަލްޤުކުރައްވައި އެކަން އަޅުގަނޑުމެންނަށް އެންގެވުމުން ދެން އެކަން ޤަބޫލުކުރުން ނޫން ގޮތެއް އަޅުގަނޑުމެންނަކަށް ނުވެއެވެ.
- ސުވާލު: ﷲ އުޑުގައި ވޮޑިގެންވާނަމަ ﷲ ކުޑަ ކުރެވުނީތޯއެވެ؟ ނުވަތަ އުޑު ބޮޑު ކުރެވުނީތޯއެވެ؟
ޖަވާބު: ﷲ ތަޢާލާ ވޮޑިގެންވަނީ އުޑަކު ނޫނެވެ. އެހެނަސް ހަތް އުޑުގެ މަތީގައިވާ ޢަރުޝީގެ މަތީގައެވެ. “ﷲ ކުޑަ ކުރެވުނީ ހޭ” މިގޮތަށް ސުވާލުކުރުމަކީ ޔަހޫދީންނާއި ނަޞާރާއިންވެސް ކުރާފަދަ ކަންކަމެއް ނޫނެވެ. މިއީ ﷲ އާ މެދު މީހަކަށް ބުނެވޭނެ އެންމެ އިހާނެތި އެއް ބަހެވެ. އިހުގެ ޢިލްމުވެރިންގެ ތެރެއިންވެސް ﷲ ތަޢާލާ ޢަރުޝީގެ މަތީގައިވުން އިންކާރުކުރެއްވި ބައެއް ޢިލްމުވެރިން އުޅުއްވިއެވެ. މުސްލިމުންގެ އިޖުމާޢާ ޚިލާފަށެވެ. އެހެނަސް މިފަދަ އިހާނާތްތެރި ބަސްތަކެއް ﷲ މެދު ބޭނުންކުރި ކަމެއް އެނގޭކަށް ނެތެވެ. އެ ޒަމާނުގައި އުޅުނު ބިދުޢަވެރިން ފިޔަވައެވެ. އެމީހުންވަނީ ކުފުރުގެ އެތައް ބަހެއް ﷲ އާ މެދުގައި ބުނެފައެވެ. تعالى الله عما يقولون علوا كبيرا.
- ސުވާލު: ﷲ ރޭގަނޑު އެއްވަނަ އުޑަށް ފައިބައި ވޮޑިގަންނަވާ ކަމަށް ބުނާނަމަ އަނެއް 6 އުޑު ފަށްފަށް ޖަހާފައި ކުޑަ ކޮށްފައި 1 ވަނަ އުޑަށް ލައްވާފައި ދެން ﷲ 1 ވަނަ އުޑަށް ފައިބައި ވޮޑިގަތީތޯއެވެ؟
- ސުވާލު: ﷲ ރޭގަނޑު 1 ވަނަ އުޑަށް ފައިބައި ވޮޑިގަތުމުން 7 އުޑު ހުރީ ހުހަށްތޯއެވެ؟
- ސުވާލު: އުޑާ ބިމާ ދައުރު ކުރާގޮތުން ކޮންމެ 4 ސިކުންތަކުން ބިމުގެ ކަންކޮޅަކަށް ރޭގަނޑު ވާހިނދު ދެން ﷲ 7 ވަނަ އުޑުގައި ވޮޑިގަންނަވާނީ ކޮން ވަގުތަކުތޯއެވެ؟
ﷲ ތަޢާލާ ދުނިޔޭގެ އުޑަށް ފައިބައި ވޮޑިގެންނެވުމާމެދު އިންކާރުކޮށް ޝައްކު އުފެއްދުމަށްޓަކައި ކޮށްފައިވާ 3 ސުވާލަކީވެސް ﷲ ތަޢާލާ މަޚްލޫޤާތުތަކާ ވައްތަރުކުރުމުގެ ނަތީޖާއެއްގެ ގޮތުގައި އުފެދިފައިވާ ތިން ސުވާލެވެ. ﷲ ތަޢާލާއާ އެއިލާހުގެ ރަސޫލާ صلى الله عليه وسلم ބަޔާންކޮށްދެއްވި މިންވަރަށް “އީމާންވެއްޖައީމޭ” ބުނެ ހުއްޓާލިނަމަ އެކަމުގައި މުއުމިނަކަށް ފުދުނީހެވެ. އެހެނަސް އަޅަކު ހަތްވަނަ އުޑުން ތިރީ އުޑަށް ފައިބާނެ ގޮތާއި ދެތަނެއްގައި އެއް ވަގުތެއްގައި ހުންނަ ގޮތް، ޚާލިޤުވަންތަ ﷲ އާ ވައްތަރުކޮށްފައި ދެން އެކަން އެކުއެކީ އިންކާރުކުރުމުން އެ މީހަކަށް ތިން ނުބައި އެ ޖަމާ ކުރެވުނީއެވެ.
ފުރަތަމައީ: ﷲ އާއި އަޅުތަކުން ވައްތަރުކުރެވުނީއެވެ.
ދެވަނައީ: ބާޠިލު ވިސްނުމެއް ހިތް މައްޗަށް ގެނެސްގަނެވުނީއެވެ.
ތިންވަނައީ: އެއިލާހު ދުނިޔޭގެ އުޑަށް ފައިބައި ވޮޑިގަންނަވާކަމަށް އޮތް ޞައްޙަ މާނަ ނަފީކުރެވުނީއެވެ.
އެގޮތުން ދުނިޔެއަށް ބަލާލާއިރު ކޮންމެވެސް ތަނަކަށް އަބަދުވެސް ރޭގަނޑުގެ ތިންބައިން ފަހު ބަޔަށް ވެފައި ވާނެތީ ﷲ ތަޢާލާ އަބަދުވެސް ފައިބައިވެވޮޑިގެންވާނެކަމަށް ބުނުމަކީ އެއީ ﷲ ތަޢާލާ މަޚްލޫޤުންނާ ވައްތަރުކުރުމެވެ. މަޚްލޫޤެއްގެ ކަންތައް އެގޮތަށް ހުރުން އެކަށީގެންވެއެވެ. އެހެނަސް ﷲ ތަޢާލާ އެކަން ކުރައްވާ ‘ކައިފިއްޔަތު’ އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވާފައި ނުވެއެވެ. އަދި ރަސޫލާ صلى الله عليه وسلم ވެސް ބަޔާންކޮށްދެއްވާފައި ނުވެއެވެ. ފުރާނައިގެ ޙަޤީޤަތާއި ސުވަރުގޭގައި ލިބޭ ނިޢުމަތްތަކުގެ ‘ކައިފިއްޔަތާ’ ވައްތަރު އަޅުގަނޑުމެންނަށް އެނގިގެން ނުވާއިރު ﷲ ތަޢާލާގެ ޛާތުފުޅުގެ ކައިފިއްޔަތާ ބެހޭގޮތުން ވަޙީގެ ޛަރީޢާއިން މެނުވީ އެނގޭނީ ކިހިނަކުން ހެއްޔެވެ؟ ކީރިތި ޤުރުއާނާއި ސުންނަތުގައިވެސް ސިފަފުޅުތަކުގެ ‘ކައިފިއްޔަތު’ ތައް އަންގަވާފައި ނުވެއެވެ.
އަދި ﷲ ތަޢާލާ ހިނދުކޮޅެއްގެ ތެރޭގައި މަޚްލޫޤުންގެ ޙިސާބު ބައްލަވާ އެއެންމެންގެ އެދުންތަކާ ވިސްނާ ފިކުރުކުރުން މޮޅަށް ދެނެވޮޑިގެންވާއިރު އެފަދަ މަތިވެރި ފަރާތަކާއި ނިކަމެތި މަޚްލޫޤެއްގެ ކަންތައް ހުންނަ ގޮތާ އަޅާ ކިޔާފައި އެއިލާހު އެއިލާހުގެ ނަބިއްޔާ صلى الله عليه وسلم ގެ ޛަރިއްޔާއިން މީސްތަކުންނަށް ދެއްވި ޚަބަރެއް ނިކަމެތި މަޚްލޫޤުން އިންކާރުކުރާނީ ކޮންފަދައަކުން ހެއްޔެވެ؟!
ފަހެ ޝަރުޢީ ނައްޞުތަކުގެ އަލީގައި އެނގެން އޮތީ ﷲ ތަޢާލާ ދުނިޔޭގެ އުޑަށް ފައިބައިވޮޑިގަންނަވާ ކަމެވެ. އެއީ އެއިލާހުގެ ޛާތުފުޅައިގެންކަމެއް ނުވަތަ ނޫންކަމެއް ޞަރީޙަކޮށް ވާރިދުވެފައި ނުވެއެވެ. އަދި އެވަގުތު ޢަރުޝި ހުސްވަނީތޯ ނުވަތަ ނޫން ތޯވެސް ވާރިދުވެފައި ނުވެއެވެ. މިއީ މިކަން އިންކާރުކުރުމަށް ބިދުޢަވެރިން އުފައްދާ ސުވާލުތަކެކެވެ. ފަހެ އެކަމުގެ ‘ކައިފިއްޔަތެއް’ އަޅުގަނޑުމެންނަކަށް އެނގިގެން ނުވެއެވެ. އަދި އެނގޭކަށްވެސް ނުޖެހެއެވެ. [15]
އިބްނު ރަޖަބު [އަވަހާރަވީ 794 ހ] رحمه الله ވިދާޅުވިއެވެ.
“މި ޢިލްމު އެނގޭ ބައެއް މީހުން (އެބަހީ: ނުޖޫމީ ޢިލްމުވެރިން) ވަނީ ރޭގަނޑުގެ ތިން ބައިން ފަހު ބައިގައި ﷲ ތަޢާލާ ދުނިޔޭގެ އުޑަށް ފައިބައިވޮޑިގެންވާކަން އިންކާރުކޮށްފައެވެ. (އެބައިމީހުންގެ ބަހަކީ) އެކި ރަށްތަކަށް ރޭގަނޑުގެ ތިން ބައިން ފަހު ބައި ތަފާތުވާ އިރުގައި ވަކި ވަގުތެއްގައި ފައިބައިވޮޑިގަންނަވާކަމުގައި ނުބުނެވޭނެއެވެ.
މި އިޢުތިރާޟުގެ މުޑުދާރުކަމީ މިއީ އިސްލާމްދީނުގައި ޟަރޫރީކޮށް ކޮންމެ މީހަކަށްވެސް އެނގެން ޖެހޭ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި ހަމަކަށަވަރުން ރަސޫލާ صلى الله عليه وسلم ނުވަތަ ހަތަރު ޚަލީފާއިންގެ ތެރެއިން ބޭކަލަކަށް މި ވާހަކަ އިވިވަޑައިގެންނެވި ނަމަ އެމީހަކާ މުނާޡަރާ ކުރެއްވީހެވެ. އަދި ކިއެއް ހެއްޔެވެ. އެމީހަކަށް ޢުޤޫބާތް ކަނޑައެޅުއްވުމުގައި އަވަސްވެވަޑައިގެންނެވީހެވެ. އަދި ޚިލާފުވެގަތް މުނާފިޤުންނާއި ދޮގުކުޅަ މީހުންގެ ޖަމާޢަތުގައި އެމީހަކު ހިމެނީހެވެ.” [16]
އިބްނު ތައިމިއްޔާ [އަވަހާރަވީ 728 ހ] رحمه الله ވިދާޅުވިއެވެ.
“ﷲ ތަޢާލާ ފައިބައިވޮޑިގެންނެވުމާ ބެހޭގޮތުން ވާރިދުވެފައިވާ ޙަދީޘަށް އިބްނު ޙަޒަމާ އަދި އެހެން ބޭކަލުން ވިދާޅުވާ ބަސްފުޅަށް ހުރި ޖަވާބު މިހާ ހިސާބުން ފާޅުވެގެން ދެއެވެ… އެބޭކަލުން ވިދާޅުވަނީ އެކި ރަށްތަކުގައި އުޅޭ މީސްތަކުންނަށް ރޭގަނޑު ތަފާތެވެ. އެގޮތުން އިރުމަތީ ފަރާތުގެ ރަށްތަކަށް ރޭގަނޑުގެ ފުރަތަމަ ބަޔާއި ދެވަނަ ބަޔާ އަދި ފަހު ބައި ވަނީ ހުޅަނގު ފަރާތުގެ ރަށްތަކަށް ރޭގަނޑުގެ ފުރަތަމަ ބަޔާއި ދެވަނަ ބަޔާ އަދި ފަހު ބައި ވުމުގެ ކުރިންނެވެ. އެބޭކަލުން ވިދާޅުވަނީ ފައިބައިވޮޑިގަތުމަކީ އަހަރުމެން މިދަންނަ ފައިބައިވޮޑިގަތުން ކަމުގައި ވާނަމަ މުޅި ރޭ އެއްކޮށް ފައިބައިވޮޑިގެންވާން ޖެހޭނެއެވެ. އެހެނީ ބިމުގެ ކޮންމެވެސް ތަނަކަށް އަބަދުވެސް ރޭގަނޑުވާނެއެވެ. އަދި އަބަދުމެ އަރައިވޮޑިގެންނެވުމާއި ފައިބައިވޮޑިގަތުމުގެ ދެމުގައިވާ ވާނެވެ. އޭރުން ވާނީ އިދިކޮޅު ދެކަމެއް ޖަމާކުރެއްވުމުގައެވެ.
އެބޭކަލުން މިފަދައިން ވިދާޅުވުމަށް މެދުވެރި ސަބަބަކީ ﷲ ތަޢާލާގެ ފައިބައި ވޮޑިގަތުން އިންސާނުންގެ ތެރެއިން މީހެއްގެ ފޭބުމާ އެއްގޮތްކުރުމުންނެވެ. މިއީ ސީދާ މަޚްލޫޤުންނާ ވައްތަރުކުރުމެވެ. އަދި މީހަކާ އެއްވައްތަރުކޮށްފައި ދެން އެ ހެދީ މީހުންގެ ތެރެއިންވެސް އެންމެ ނުކުޅެދުންތެރި މީހެކޭ އެއްގޮތަށެވެ…
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވާ ގޮތުގައި އަޅާ ﴿الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ﴾ [سورة الفاتحة ٢] ކިޔެވުމުން ﷲ ތަޢާލާ ވަޙީކުރައްވާނެއެވެ. ތިމަން އިލާހުގެ އަޅާ ތިމަންއިލާހަށް ޙަމްދުކޮށްފިއެވެ. އަދި އަޅާ ﴿الرَّحْمَٰنِ الرَّحِيمِ﴾ [سورة الفاتحة ٣] ކިޔެވުމުން ﷲ ތަޢާލާ ވަޙީކުރައްވާނެއެވެ. ތިމަން އިލާހުގެ އަޅާ ތިމަން އިލާހުގެ މައްޗަށް ޘަނާކިޔައިފިއެވެ. ފަހެ އެތައް ބަޔަކު އެއްވަގުތެއްގައި، ﷲ ތަޢާލާއަށް މުނާޖާ ދަންނަވާނެއެވެ. އެއާއެކުވެސް އެއްކަމެއްގެ ސަބަބުން އެއިލާހު އަނެއްކަމެއް ކުރެއްވުމުން އެއްކިބާވެ ވޮޑިގެން ނުވެއެވެ.” [17]
ޚުލާޞާ
– ﷲ ތަޢާލާ ވޮޑިގެންވަނީ ހަތް އުޑުގެ މަތީގައިވާ ޢަރުޝީގެ މަތީގައެވެ. މިއީ ކީރިތި ޤުރުއާނާއި ސުންނަތާއި އިޖުމާޢުން ޘާބިތުކަމެކެވެ.
– އަދި ކޮންމެ ރެއެއްގެ ތިން ބައިން ފަހު ބައިގައި ﷲ ތަޢާލާ ދުނިޔޭގެ އުޑަށް ފައިބައިވޮޑިގަންނަވައެވެ. މިކަން ޞައްޙަ ސުންނަތާއި ޢިލްމުވެރިންގެ އިޖުމާޢުން ޘާބިތުވެގެންވެއެވެ.
– ﷲ ތަޢާލާ ޢަރުޝީގެ މަތީގައި ވޮޑިގެންވާކަމާއި ފައިބައިވޮޑިގެންވާކަން ބައެއް ބިދުޢަވެރިން އިންކާރުކުރެއެވެ. އެބައިމީހުންނީ ޙައްޤުމަގުން އެއްކިބާވެފައިވާ މަގުފުރެދިފައިވާ ބައެކެވެ.
އިބްނުލް ޤައްޔިމު [އަވަހާރަވީ 751 ހ] رحمه الله ވިދާޅުވިއެވެ.
“المُعَطِّل (އެބަހީ: ﷲ ތަޢާލާގެ އިސްމުފުޅުތަކާއި ޞިފަފުޅުތައް އިންކާރުކުރާ މީހުން) އެ އަޅުކަން ކުރަނީ ވުޖޫދުގައި ނުވާ ފަރާތަކަށެވެ.” [18]
[1] މިކަމަށް އިޖުމާޢު ނަޤުލުކުރައްވާފައިވާ ބައެއް ޢިލްމުވެރިންގެ ތެރޭގައި: އަލްއަޢުޒާޢީ [އަވަހާރަވީ 157 ހ] (ބައްލަވާ: مختصر العلو للذهبي (ص: 137)) ޤުތައިބާ ބުން ސަޢީދު [އަވަހާރަވީ 240 ހ] (ބައްލަވާ: مختصر العلو للذهبي (ص: 187)) ޒަކަރިއްޔާ އައްސާޖީ [އަވަހާރަވީ 307 ހ] (ބައްލަވާ: مختصر العلو للذهبي (ص: 223)) އަދި މި ނޫނަސް އެތައް ބޭކަލުންނެއް ހިމެނިވަޑައިގަންނަވައެވެ.
[2] ބައްލަވާ: نقض الدارمي على المريسي (ص: 42).
[3] ބައްލަވާ: نونية لابن القيم (ص: 87).
[4] سير أعلام النبلاء (8 / 107).
[5] ބައްލަވާ: الأسماء والصفات للبيهقي (ص: 527) وشرح الواسطية للعثيمين (2 / 354 – 355) وشرح الواسطية للفوزان (ص: 112).
[6] مختصر العلو للذهبي (ص: 137).
[7] مختصر العلو للذهبي (ص: 187).
[8] مختصر العلو للذهبي (ص: 223).
[9] الإبانة الكبرى لابن بطة (7 / 136).
[10] مختصر العلو للذهبي (ص: 264).
[11] شرح حديث النزول لابن تيمية (ص: 188).
[12] ބައްލަވާ: مجموع الفتاوى لشيخ الإسلام (5 / 20).
[13] التوحيد لابن خزيمة (1 / 289 – 290).
[14] نفسير السعدي (ص: 177).
[15] ބައްލަވާ: مختصر الصواعق المرسلة للموصلي (ص: 469).
[16] بيان فضل علم السلف على علم الخلف لابن رجب (ص: 2).
[17] بيان تلبيس الجهمية لابن تيمية (4 / 56).
[18] الصواعق المرسلة لابن القيم (1 / 148).