الحمد لله
- މައިންބަފައިންނަށް އިޙްތިރާމުކުރަމަކީ ﷲ ތަޢާލާ އަދި އެއިލާހުގެ ރަސޫލާ صلى الله عليه وسلم އަށް ކިޔަމަންވުމުގެ ތެރެއިން ހިމެނޭ ކަމެކެވެ.
الله ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
(وَوَصَّیۡنَا ٱلۡإِنسَـٰنَ بِوَ ٰلِدَیۡهِ إِحۡسَـٰنًا) [1]
މާނައީ: “އަދި އިންސާނާ އޭނާގެ މައިންބަފައިންނަށް އިޙްސާންތެރިވުމަށް ތިމަންއިލާހު ވަޞިއްޔަތް ކުރެއްވީމެވެ.”
އަދިވެސް އެއިލާހު ވަޙީކުރައްވާފައިވެއެވެ.
(وَقَضَىٰ رَبُّكَ أَلَّا تَعۡبُدُوۤا۟ إِلَّاۤ إِیَّاهُ وَبِٱلۡوَ ٰلِدَیۡنِ إِحۡسَـٰنًاۚ إِمَّا یَبۡلُغَنَّ عِندَكَ ٱلۡكِبَرَ أَحَدُهُمَاۤ أَوۡ كِلَاهُمَا فَلَا تَقُل لَّهُمَاۤ أُفّ وَلَا تَنۡهَرۡهُمَا وَقُل لَّهُمَا قَوۡلا كَرِیما * وَٱخۡفِضۡ لَهُمَا جَنَاحَ ٱلذُّلِّ مِنَ ٱلرَّحۡمَةِ وَقُل رَّبِّ ٱرۡحَمۡهُمَا كَمَا رَبَّیَانِی صَغِیرا) [2]
މާނައީ: “އަދި ހަމައެކަނި ﷲ އަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުރުމަށާއި، މައިންބަފައިންނަށް އިޙްސާންތެރިވުމަށް، ކަލޭގެފާނުގެ ވެރި އިލާހު ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެ ގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް ‘އުފް’ ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ! (23) އަދި އޯގާވެރިވުމުގެގޮތުން ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރި ރައްބެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާ ވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް ރަޙުމަތް ލައްވާނދޭވެ !(24)”
އިބްނު މަސްޢޫދު رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. އެންމެ މާތް ޢަމަލާއި ބެހޭގޮތުން ނަބިއްޔާ صلى الله عليه وسلم އާއި ސުވާލު ދެންނެވުމުން ޖަވާބުގައި އެކަލޭގެފާނުގެ ޙަދީޘްކުރެއްވިއެވެ. “ނަމާދު އޭގެ ވަގުތުގައި އަދާކުރުމެވެ.” ދެން ސުވާލުދެންނެވުނެވެ. އެއަށްފަހުގައި ކޮން ކަމެއް ހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ.” [3]
މައިންބަފައިންނަށް އިޙްސާންތެރިވެ ކިޔަމަންތެރިވުމާއި ގުޅޭގޮތުން މިނޫނަސް ވަރަށް ގިނަ އާޔަތްތަކާ އަދި ހަދީޘް ބަސްފުޅުތައް އައިސްފައި ވެއެވެ.
- މައިންބަފައިންނަށް ކިޔަމަންތެރިވެ އިޙްތިރާމުކުރުމަކީ ސުވަރުގެ ވަދެވުމުގެ ސަބަބު ތަކުގެ ތެރެއިން ސަބަބެކެވެ. އަބޫ ހުރައިރާ رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((رَغِمَ أَنْفُ ثُمَّ رَغِمَ أَنْفُ ثُمَّ رَغِمَ أَنْفُ قِيلَ مَنْ يَا رَسُولَ اللَّهِ قَالَ مَنْ أَدْرَكَ أَبَوَيْهِ عِنْدَ الْكِبَرِ أَحَدَهُمَا أَوْ كِلَيْهِمَا فَلَمْ يَدْخُلْ الْجَنَّةَ)) [4]
މާނައީ: “(އެނާގެ) ނޭފަތް ހިރަފުހުން ފުރުއްވާނދޭވެ! (އެނާގެ) ނޭފަތް ހިރަފުހުން ފުރުއްވާނދޭވެ! (އެނާގެ) ނޭފަތް ހިރަފުހުން ފުރުއްވާނދޭވެ!”
އެކަލޭގެފާނަށް ދެންނެވުނެވެ. އޭ ﷲގެ ރަސޫލާ އެވެ. ކާކު ހެއްޔެވެ؟
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “މައިންބަފައިން ކުރެ އެކަކު ނުވަތަ ދެ މީހުން، މުސްކުޅި ޢުމުރުގައި އެމީހަކާއި ބައްދަލުވެ، (އެ ދެ މީހުންނަށް ޚިދުމަތްކޮށް ސުވަރުގެ ވަނުމުގެ ފުރުޞަތު ލިބުނު ނަމަވެސް) ސުވަރުގެ ނުވަދުން މީހާއެވެ.”
(ނޯޓު: رَغِمَ أَنْفُ – “ނޭފަތް ހިރަފުހުން ފުރުއްވާނދޭވެ!” – މި ޢިބާރާތަކީ އެފަދަ މީހަކު ނާކާމިޔާބުވެ ނިކަމެތިވުމަށް އެދި ކުރައްވާފައިވާ ބަދު ދުޢާ އެކެވެ.)
- މައިންބަފައިންނަށް އިޙްތިރާމުކޮށް ކިޔަމަންތެރިވުމަކީ ހިތްތައް އެކުވެރިވުމާއި ލޯތްބާއި ކުލުނު އުފެދުމުގެ ސަބަބެކެވެ.
- މައިންބަފައިންނަށް އިޙްތިރާމުކޮށް ކިޔަމަންތެރިވުމަކީ އެ ދެ މީހުންނަށް ޝުކުރުވެރިވުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. ފަހެ އެ ދެ މީހުންނަކީ ތިބާ ދުނިޔޭގައިވުމުގެ ސަބަބެވެ. އަދި ތިބާ ކުޑަކުއްޖެއްކަމުގައި ވީ ދުވަހު ތިބާ ބަލައިބޮޑުކޮށް، ތިބާ ތަރުބިއްޔަތު ކުރިކަމަށްޓަކައި އެ ދެމީހުންނަށް ޝުކުރުވެރިވުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
(أَنِ ٱشۡكُرۡ لِی وَلِوَ ٰلِدَیۡكَ إِلَیَّ ٱلۡمَصِیرُ) [5]
މާނައީ: “ތިމަން އިލާހަށާއި، ތިބާގެ މައިންބަފައިންނަށް ޝުކުރު ކުރާށެވެ! އެނބުރި ރުޖޫޢަވުން ވަނީ، ހަމަ ތިމަން އިލާހުގެ ޙަޟްރަތަށެވެ.”
- މައިންބަފައިންނަށް އިޙްތިރާމުކޮށް ކިޔަމަންތެރިވުމަކީ، އެމީހެއްގެ އަމިއްލަ ދަރިން އޭނާއަށް ކިޔަމަންތެރިވުމުގެ ސަބަބެކެވެ. الله ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
(هَلْ جَزَاءُ الْإِحْسَانِ إِلَّا الْإِحْسَانُ) [6]
މާނައީ: “ހެޔޮކަމުގެ ޖަޒާ އަކީ ހެޔޮކަން ކަމުގައި މެނުވީ ވާނެ ހެއްޔެވެ؟”
والله أعلم
[1] سورة الأحقاف (١٥)
[2] سورة الإسراء (٢٣ ، ٢٤)
[3] رواه البخاري (2782)
[4] صحيح مسلم (٤٦٢٧)
[5] سورة لقمان (١٤)
[6] سورة الرحمن (٦٠)