الحمد لله.
މައުމޫމުންނާނި އިމާމު މީހާގެ ނަމާދުގައި، ވަރަށް ކުޑަ ތަފާތެއް މެނުވީ ނުވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ އަންނަނިވި ޙަދީޘް ބަސްފުޅުގައި އިމާމު މީހާ އަދި މައުމޫމުން ޝާމިލު ވެގެންވެއެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައި ވެއެވެ.
((صَلُّوا كَمَا رَأَيْتُمُونِي أُصَلِّي)) [1]
މާނައީ: “ތިމަންކަލޭގެފާނު ނަމާދު ކުރެއްވީތީ ދުށް ގޮތަށް ތިޔަބައިމީހުން ނަމާދު ކުރާށެވެ.”
އިމާމު މީހާ އަދި މައުމޫމުންގެ ނަމާދުގައި އެންމެ މުހިއްމު އެއް ތަފާތަކީ އިމާމު މީހާ ނަމާދުގެ ތަކުބީރުތައް އަޑު ހަރުކޮށް ކިޔުމެވެ. މައުމޫމުންގެ މައްޗަށް ވަނީ ސިއްރުން ކިޔުމެވެ. މައުމޫމުން ނަމާދުގެ ތަކުބީރުތައް އަޑު ހަރުކޮށް ނުކިޔާނެ އެވެ. މިކަމަށް ދަލީލުކޮށްދޭ ބައެއް ޙަދީޘް ބަސްފުޅުތައް ވާރިދުވެފައި ވެއެވެ. އަދި މިކަމުގެ މައްޗަށް ޢިލްމުވެރިންގެ އިޖުމާޢުވެސް ވެއެވެ. އަދި މުސްލިމުން ހުރިހާ ޤައުމެއްގައިވެސް މިކަމުގައި ޢަމަލު ކުރަމުން އަންނަ ގޮތްވެސް މިކަމަށް ދަލީލު ކޮށްދެއެވެ.
ޖާބިރު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ.
((صَلَّى بِنَا رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَأَبُو بَكْرٍ خَلْفَهُ، فَإِذَا كَبَّرَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ كَبَّرَ أَبُو بَكْرٍ لِيُسْمِعَنَا)) [2]
މާނައީ: “ނަބިއްޔާ صلى الله عليه وسلم ތިމަން ބޭކަލުންނާއިގެން ނަމާދު ކުރެއްވެވިއެވެ. އަދި އަބޫބަކުރު رضي الله عنه އެކަލޭގެފާނުގެ ފަހަތްޕުޅުގައި ހުންނެވިއެވެ. ފަހެ ނަބިއްޔާ صلى الله عليه وسلم ތަކުބީރު ވިދާޅުވުމުން، ތިމަން ބޭކަލުންނަށް އަޑު އިއްވެވުމަށް އަބޫބަކުރު رضي الله عنه ވެސް ތަކުބީރު ވިދާޅުވެއެވެ.”
އެއީ ނަބިއްޔާ صلى الله عليه وسلم އާލާސްކަންފުޅާ އުޅުއްވި ދުވަސްވަރެވެ. ވުމާއެކު އެކަލޭގެފާނުގެ އަޑުފުޅު މަޑުވުމުގެ ސަބަބުން އެކަލޭގެފާނުގެ ފަހަތްޕުޅުގައި ނަމާދަށް ތިއްބަވާ ބޭކަލުންނަށް ރަނގަޅަށް އަޑު އިވިވަޑައިނުގަންނަވައެވެ.
ވުމާއެކު ނަބިއްޔާ صلى الله عليه وسلم ތަކުބީރު ވިދާޅުވުމުން، އެކަލޭގެފާނުގެ ފަހަތްޕުޅުގައި ތިއްބަވާ ބޭކަލުންނަށް އަޑު އިއްވުމަށް އަބޫބަކުރު رضي الله عنه ތަކުބީރު ވިދާޅުވެއެވެ. ނަބިއްޔާ صلى الله عليه وسلم އަށް ތަބަޢަވެ އެކަލޭގެފާނުގެ ފަހަތްޕުޅުގައި ނަމާދަށް ތިއްބަވާ އެންމެހާ ބޭކަލުން ނަމާދުގެ ތަކުބީރުތައް އަޑު ހަރުކޮށް ވިދާޅުވާނަމަ، އެކަލޭގެފާނުގެ ފަހަތްޕުޅުގައި ނަމާދަށް ތިއްބަވާ ބޭކަލުންނަށް އަޑު އިއްވެވުމަށް އަބޫބަކުރު رضي الله عنه އެކަނި އަޑު އުފުއްލަވަން ޖެހިވަޑައި ނުގެންނެވީހެވެ.
އަދި ހަމައެއާއެކު ނަމާދަށް ހުންނަ މީހާ، ނަމާދަށް ހުރި އެހެން މީހަކަށް އުނދަގޫވާނެ ގޮތަށް އަޑު ހަރުކޮށް ޤުރުއާން ކިޔެވުން ނަބިއްޔާ صلى الله عليه وسلم ވަނީ ނަހީ ކުރައްވާފައެވެ. ފަހެ އެކަލޭގެފާނު صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ.
((أَمَا إِنَّ أَحَدَكُمْ إِذَا قَامَ فِي الصَّلَاةِ فَإِنَّهُ يُنَاجِي رَبَّهُ، فَلْيَعْلَمْ أَحَدُكُمْ مَا يُنَاجِي رَبَّهُ، وَلَا يَجْهَرْ بَعْضُكُمْ عَلَى بَعْضٍ بِالْقِرَاءَةِ فِي الصَّلَاةِ)) [3]
މާނައީ: “އަދި ހަމަކަށަވަރުން ތިޔަބައިމީހުންކ ުރެ މީހަކު ނަމާދަށް ތެދުވެއްޖެ ކަމުގައިވާނަމަ އެމީހަކު އެވަނީ އެމީހެއްގެ ރައްބަށް މުނާޖާ ދެންނެވުމުގައެވެ. ފަހެ ތިޔަބައިމީހުން ކުރެ ކޮންމެ މީހަކުވެސް އެމީހެއްގެ ރައްބަށް މުނާޖާ ދެންނެވުމަކީ ކޮބައިކަން ދެނެގަންނާށެވެ. އަދި ނަމާދުގައި ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް (އުނދަގޫ ވާގޮތަށް) ޤުރުއާން ކިޔެވުމުގައި އަޑު ހަރު ނުކުރާށެވެ.”
އަދި މައުމޫމުން ނަމާދުގެ ތަކުބީރު އަޑުހަރުކޮށް ކިޔާނަމަ އޭގެ ސަބަބުން ނަމާދުގައި ތިބޭ އެހެން މީހުންނަށް އުނދަގޫ ވާނެއެވެ. އަދި ފަހަރެއްގައި އޭގެ ސަބަބުން މީހަކަށް ނަމާދުގައި ކުށެއްވެސް ކުރެވިދާނެ އެވެ. މިޘާލަކަށް އިމާމު މީހާ ސަޖިދައިގައި ވަނިކޮށް މީހަކު ނަމާދުގެ ޖަމާޢަތާއި ގުޅިދާނެއެވެ. އަދި އެމީހަކު ސަޖިދައަށް ދިއުމަށް އަޑު ހަރުކޮށް ތަކުބީރު ކިޔުމުން، ނަމާދުގައި ދެން ތިބި މީހުން، އިމާމު މީހާ ސަޖިދައިން ތެދުވީކަމަށް ބަލައި ސަޖިދައިން ތެދުވެދާނެއެވެ.
މިކަމުގެ ސަބަބުން އަލްބުހޫތީ އަލްޙަންބަލީ رحمه الله ވިދާޅުވެފައި ވެއެވެ.
“ނަމާދުގައި މައުމޫމުން އެއްވެސް އެއްޗެއް ކިޔުމުގައި އަޑު ހަރު ކުރުން މަކުރޫހަވެގެންވެއެވެ. އެހެނީ އެކަމުގެ ސަބަބުން ނަމާދުގައި ތިބޭ އެހެން މީހުންނަށް އުނދަގޫ ވާނެތީއެވެ.” [4]
އަދި މިކަމުގައިވާ ޢިލްމުވެރިންގެ އިޖްމާޢު އާއި މެދު ދަންނައެވެ. ފަހެ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވަނީ ނަމާދުގައި ތަކުބީރު ކިޔުމުގައި މައުމޫމުން އަޑު ހަރު ނުކުރާނެ ކަމަށް އިމާމުން އިއްތިފާޤު ވެލައްވާ ކަމަށް ވިދާޅުވެފައެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ.
“ޙާޖަތަކާއި ނުލައި ނަމާދުގައި އިމާމު މީހާގެ ފަހަތުގައި ތިބޭ މީހުން ތަކުބީރު ކިޔުމުގައި އަޑު ހަރު ކުރުމަކީ، އިމާމުންގެ އިއްތިފާޤުން، ޝަރުޢުވެގެންވާ ކަމެއް ނޫނެވެ.” [5]
ޙަނަފީ މަޛްހަބުގެ މުޢުތަމަދު ފޮތެއްގައި އައިސްފައި ވެއެވެ.
“އިމާމު މީހާ ތަކުބީރު ކިޔުމުގައި އަދި سمع الله لمن حمده ކިޔުމުގައި އަޑު ހަރުކުރުން ސުންނަތް ވެގެންވެއެވެ. އެއީ ނަމާދުގައި އެއް ޙާލަތުން އަނެއް ޙާލަތައް ބަދަލުވެއްޖެކަން އިޢުލާނު ކުރުމަށް ޙާޖަތް ޖެހިގެން ވާތީއެވެ. މައުމޫމުން އަދި ހަމަ މި ފަދައިން އެކަނި ނަމާދު ކުރާ މީހާއަށް މިގޮތަށް (އެއް ޙާލަތުން އަނެއް ޙާލަތައް ބަދަލުވެއްޖެކަން އިޢުލާނު ކުރުމަށް) ޙާޖަތް ޖެހިގެން ނުވެއެވެ.” [6]
މާލިކީން ތަކުބީރަތުލް އިޙްރާމު އިސްތިޘްނާ ކޮށް، މައުމޫމުން ތަކުބީރަތުލް އިޙްރާމުގައި އަޑު ހަރުކުރުން ހުއްދަ ކުރައްވައެވެ.
އައްނަފްރާވީ އަލްމާލިކީ ވިދާޅުވެފައި ވެއެވެ.
“ތަކުބީރަތުލް އިޙްރާމުގައި، ނަމާދު ކުރާ ކޮންމެ މީހަކު އަޑު ހަރުކުރުން އެދެވިގެންވެއެވެ. އަދި ތަކުބީރަތުލް އިޙްރާމު ފިޔަވައި އެހެން ތަކުބީރުތަކުގައި އެކަނި ނަމާދު ކުރާ މީހާ އަދި މައުމޫމުންގެ މައްޗަށް ވަނީ ސިއްރުން ކިޔުމެވެ. އިމާމު މީހާގެ ތަކުބީރާއި ތަސްމީޢު (سمع الله لمن حمده ކިޔުން) އަޑު ހަރުކޮށް ކިޔުމަށް އޮންނަނީ، މައުމޫމުން އިމާމު މީހާއަށް ތަބަޢަވުމަށެވެ.” [7]
އަދި އައްނަވަވީ އައްޝާފިޢީ رحمه الله ވިދާޅުވެފައި ވެއެވެ.
“އިމާމު މީހާ ފިޔަވައި ދެން އެހެން މީހުންގެ މައްޗަށް ސުންނަތް ވެގެންވަނީ ތަކުބީރު ސިއްރުން ކިޔުމެވެ. އެއީ އެކަނި ހުރެ ނަމާދު ކުރާ މީހާ ނުވަތަ މައުމޫމުންކަމުގައި ވިޔަސް މެއެވެ.” [8]
އަދި މުސްލިމުން އެމީހުންގެ މިސްކިތްތަކުގައި ޢަމަލު ކުރާ ގޮތްވެސް މިކަމަށް ދަލީލު ކޮށްދެއެވެ. މިސްކިތެއްގައި މައުމޫމަކު ތަކުބީރު ކިޔުމުގައި ނުވަތަ (އެހެން މީހުންނަށް އުނދަގޫ ވާގޮތަށް) ޤުރުއާން ކިޔެވުމުގައި އަޑު ހަރުކޮށްފިނަމަ އެކަން މަނާ ނުކޮށް ނުތިބޭނެއެވެ.
މީގެ ޚުލާޞާއަކީ މައުމޫމުންގެ މައްޗަށް ވަނީ (ޖަމާޢަތުގެ ނަމާދުގައި ޤުރުއާނާއި އަދި ތަކުބީރުތައް) ސިއްރުން ކިޔުމެވެ. އަދި މިކަމުގައި އަޑު ހަރުކުރުމަކީ ހަމައެކަނި އިމާމު މީހާއަށް ޚާއްޞަވެގެންވާ ކަމެކެވެ.
ޖަމާޢަތުގައި މައުމޫމުން (ޤުރުއާން ނުވަތަ ޛިކުރު) ކިޔުމުގައި އަޑު ހަރުކުރުމާއި ގުޅޭގޮތުން އައްޝައިޚް އިބްނު ބާޒް رحمه الله ވިދާޅުވެފައި ވެއެވެ.
“މައުމޫމުން ނަމާދުގައި ޤުރުއާން ކިޔެވުމުގައި އަދި ހުރިހާ ޛިކުރުތަކަކާއި ދުޢާ ކުރުމުގައިވެސް ސުންނަތް ގޮތަކީ ސިއްރުން ކިޔުމެވެ. އެއީ މައުމޫމުން މިކަންކަމުގައި އަޑު ހަރުކުރުމަށް ދަލީލެއް އައިސްފައި ނުވާތީއެވެ. އަދި މައުމޫމުން އަޑު ހަރު ކުރުމުގެ ސަބަބުން ކައިރީގައި ނަމާދަށް ތިބޭ މީހުންނަށް އުނދަގޫ ފޯރާނެތީވެސް މެއެވެ.” [9]
والله أعلم
[1] رواه البخاري (٦٣١)
[2] رواه مسلم (٤١٣)
[3] رواه أحمد في المسند (٨/٥٢٣) بسند صحيح
[4] كشف القناع (١/٣٣٢)
[5] مجموع الفتاوى (٢٣/٤٠٢)
[6] مراقي الفلاح (ص.٩٧)
[7] الفواكه الدواني (١/١٩٢)
[8] المجموع (٣/٢٩٥)
[9] مجموع فتاوى ومقالات الشيخ ابن باز (١١/٢٣٧)