[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމްދީނުގައި (ޝަރުޢީ) ޢިލްމުގެ މަޤާމު

اَلْحَمْدُ لِلَّهِ.

ﷲ ތަޢާލާ އިންސާނާ ޚަލްޤުކުރައްވައި ޢިލްމު ޙާޞިލުކުރުމަށް ބޭނުންވާނޭ ކަންކަން ދެއްވިއެވެ. އެއީ އަޑު އިވުމާއި، ފެނުމާއި އަދި ބުއްދިއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

﴿وَاللَّهُ أَخْرَجَكُم مِّن بُطُونِ أُمَّهَاتِكُمْ لَا تَعْلَمُونَ شَيْئًا وَجَعَلَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ ۙ لَعَلَّكُمْ تَشْكُرُونَ﴾ [1]

މާނައީ: “ތިޔަބައިމީހުންނަށް އެއްވެސް އެއްޗެއް އެނގުމެއް ނުވާ ޙާލު، ތިޔަބައިމީހުންގެ މައިންގެ ބަނޑުން، ތިޔަބައިމީހުން ނެރުއްވީ ﷲ އެވެ. އަދި އެއިލާހު ތިޔަބައިމީހުންނަށް އިވުމާއި، ފެނުމާއި، ހިތްތައް ލެއްވި އެވެ. އެއީ ތިޔަބައިމީހުން، ޝުކުރު ކުރުމަށްޓަކައެވެ.”

އިސްލާމްދީނަކީ ޢިލްމުގެ ދީނެވެ. ޤުރުއާނުގައި އެންމެ ފުރަތަމަ ބާވައިލެއްވުނު އާޔަތުގައިވެސް އަމުރު ކުރެވިފައިވަނީ ކިޔުމަށެވެ. ކިޔުމަކީ ޢިލްމުތަކުގެ ތަނޅުދަނޑި އެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

﴿اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ * خَلَقَ الْإِنسَانَ مِنْ عَلَقٍ * اقْرَأْ وَرَبُّكَ الْأَكْرَمُ * الَّذِي عَلَّمَ بِالْقَلَمِ * عَلَّمَ الْإِنسَانَ مَا لَمْ يَعْلَمْ﴾ [2]

މާނައީ: “ކަލޭގެފާނުގެ ވެރި ރައްބުގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ. ގަނޑު ލޭކޮޅަކުން ﷲ އިންސާނާ ހެއްދެވިއެވެ. ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ. ކަލޭގެފާނުގެ ވެރި ރައްބަކީ އެންމެ ދީލަތިވަންތަ އިލާހެވެ. ﷲ އީ ޤަލަމުން (ލިޔަން) އުނގަންނަވައިދެއްވި އިލާހެވެ. އިންސާނާއަށް އޭނާއަށް ނޭނގޭ ކަންކަން އެއިލާހު އުނގަންނަވައި ދެއްވިއެވެ.”

އިސްލާމްދީނުގައި ޢަމަލުގެ ކުރިއަށް ޢިލްމު އާދެއެވެ. ޢިލްމާއި ނުލައި ޢަމަލެއް ނުވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

﴿فَاعْلَمْ أَنَّهُ لَا إِلَٰهَ إِلَّا اللَّهُ وَاسْتَغْفِرْ لِذَنبِكَ وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ﴾ [3]

މާނައީ: “ފަހެ، ﷲ މެނުވީ އިލާހަކު ނުވާކަން ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ! އަދި ކަލޭގެފާނަށާއި، މުއުމިނު ފިރިހެނުންނަށާއި، މުއުމިނު އަންހެނުންނަށް ފާފަފުއްސެވުމަށް އެދިވަޑައިގަންނަވާށެވެ!”

ޢިލްމާއި ނުލައި ވާހަކަ ދެއްކުމާއި މެދު، ﷲ ތަޢާލާ ވަނީ ކޮންމެ މުސްލިކަމަށް އިންޛާރު ކުރައްވާފައެވެ. އެއިލާހު ވަޙީކުރައްވާފައި ވެއެވެ.

﴿وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ  ۚ  إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَٰئِكَ كَانَ عَنْهُ مَسْئُولًا﴾ [4]

މާނައީ: “އަދި ތިބާއަށް އެކަމަކާއިމެދު ޢިލްމެއް ނުވާކަމަކަށް، ތިބާ ތަބަޢަ ނުވާށެވެ! ހަމަކަށަވަރުން އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާއިމެދު ސުވާލު ކުރައްވާނެ ކަމެއްކަމުގައި ވިއެވެ.”

ޢިލްމާއި ޢިލްމުވެރިންގެ މަޤާމުގެ މަތިވެރިކަން ބަޔާންކޮށްދިނުމުގެ ގޮތުން ﷲ ތަޢާލާ ވަނީ، އެއިލާހުގެ އެއްކައުވަންތަ ކަމަށް ހެކިވުމަށް ޢިލްމުވެރިންނަށް ގޮވާލައްވަވާފައި އެވެ. އެއިލާހު  ވަޙީކުރައްވާފައި ވެއެވެ.

﴿شَهِدَ اللَّهُ أَنَّهُ لَا إِلَٰهَ إِلَّا هُوَ وَالْمَلَائِكَةُ وَأُولُو الْعِلْمِ قَائِمًا بِالْقِسْطِۚ   لَا إِلَٰهَ إِلَّا هُوَ الْعَزِيزُ الْحَكِيمُ﴾ [5]

މާނައީ: “ހަމަކަށަވަރުން ﷲ،  އެއިލާހު ފިޔަވައި އިލާހަކު ނުވާކަމަށް ހެކިވެވޮޑިގެންފިއެވެ. އަދި  މަލާއިކަތުންނާއި، ޢިލްމުގެ އަހުލުވެރިންވެސް (އެކަމަށް) ހެކިވިއެވެ. (އެއިލާހު ހެއްދެވި ތަކެތި ތަދުބީރު ކުރެއްވުމުގައި) ޢަދުލުވެރި ކަމާއިގެން އެއިލާހު ޤާއިމުވެވޮޑިގެން ވެއެވެ. އެއިލާހު މެނުވީ އިލާހަކު ނުވެއެވެ. އެއިލާހީ ޢަޒީޒުވަންތަ، ޙަކީމުވަންތަ އިލާހެވެ.”

ﷲ ތަޢާލާ މަޢުރިފާކޮށް ދެނެގަތުމާއި އެއިލާހަށް ބިރުވެތިވުން ފުރިހަމަވާނީ އެއިލާހުގެ އާޔަތްތަކާއި މަޚުލޫޤުންނާއި ބެހޭގޮތުން ދަސްކޮށް އުނގެނިގެންނެވެ. އަދި މިކަންކަން އެނގޭ ބަޔަކީ ޢިލްމުވެރިންނެވެ. ވުމާއެކު ﷲ ތަޢާލާ ޢިލްމުވެރިންނަށް ޘަނާގެ ބަސް ވަޙީކުރައްވާފައި ވެއެވެ.

﴿إِنَّمَا يَخْشَى اللَّهَ مِنْ عِبَادِهِ الْعُلَمَاءُ﴾  [6]

މާނައީ: “އެއިލާހުގެ އަޅުތަކުންކުރެ ޙައްޤުގޮތުގައި އެއިލާހަށް ބިރުވެތިވާކަން ކަށަވަރީ ޢިލްމުވެރިންނެވެ.”

އިސްލާމްދީނުގައި ޢިލްމުވެރިންނަށް ވަރަށް ޝަރަފުވެރި މަޤާމެއް ލިބިގެންވެއެވެ. މި މަޤާމަކީ ދުނިޔެއާއި އާޚިރަތުގައިވެސް އެހެން މީހުންގެ މައްޗަށް މަތިވެރިވެގެންވާ މަޤާމެކެވެ. ﷲ ވަޙީކުރައްވާފައި ވެއެވެ.

﴿يَرْفَعِ اللَّهُ الَّذِينَ آمَنُوا مِنكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ﴾ [7]

މާނައީ: “ތިޔަބައިމީހުންގެ ތެރެއިން އީމާންވި މީހުންނާއި، ޢިލްމު ލިބިގެންވާ މީހުން ﷲ ދަރަޖަތަކަކަށް އުފުއްލަވައެވެ.”

ޢިލްމަށް ދެއްވިފައިވާ އަހަންމިއްޔަތުގެ ބޮޑުކަމުން ﷲ ތަޢާލާ ވަނީ އެއިލާހުގެ ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ އަށް ޢިލްމު އިރުތުކޮށްދެއްވުމަށް އެދި ދުޢާކުރުމަށް އަންގަވާފައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

﴿وَقُل رَّبِّ زِدْنِي عِلْمًا﴾ [8]

މާނައީ: “އަދި ކަލޭގެފާނު ވިދާޅުވާށެވެ. އަޅުގެ ވެރި ރައްބެވެ! މިއަޅާއަށް ޢިލްމު އިތުރު ކޮށްދެއްވާނދޭވެ!”

ﷲ ތަޢާލާ ވަނީ ޢިލްމުވެރިންނަށް މަދަޙައާއި ޘަނާގެ ބަސް ވަޙީކުރައްވާފައި ވެއެވެ.

﴿قُلْ هَلْ يَسْتَوِي الَّذِينَ يَعْلَمُونَ وَالَّذِينَ لَا يَعْلَمُونَ ۗ إِنَّمَا يَتَذَكَّرُ أُولُو الْأَلْبَابِ﴾ [9]

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަ މީހުންނާއި، ނުދަންނަ މީހުން ހަމަހަމަވާނެ ހެއްޔެވެ؟ ނަޞޭޙަތް ލިބިގަންނަކަން ކަށަވަރީ ބުއްދީގެ އަހުލުވެރިންނެވެ.”

ޙައްޤު ގޮތް އެނގި އަދި ޙައްޤައް ތަބަޢަވުން އެންމެ ގާތް އަދި އަވަސްވެގެންވާނެ ބަޔަކީ ޢިލްމުވެރީންނެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿وَلِيَعْلَمَ الَّذِينَ أُوتُوا الْعِلْمَ أَنَّهُ الْحَقُّ مِن رَّبِّكَ فَيُؤْمِنُوا بِهِ فَتُخْبِتَ لَهُ قُلُوبُهُمْ﴾ [10]

މާނައީ: “އަދި ޢިލްމު ލިބިގެންވާ މީހުންނަށް، ހަމަކަށަވަރުން އެއީ ކަލޭގެފާނުގެ ވެރި ރައްބުގެ ޙަޟްރަތުން އައި ޙައްޤު ބަސްފުޅުކަން އެނގުމަށްޓަކައެވެ. ދެން އެއަށް އީމާންވެ، ދެން އެއާމެދު އެއުރެންގެ ހިތްތައް ހަމަޖެހިގެން ދިއުމަށްޓަކައެވެ.”

އިސްލާމްދީން ޢިލްމު އުނގެނުމަށް ގޮވާލައެވެ. ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ވަނީ ޢިލްމު އުނގެނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވެސް ފަރުޟެއްކަމުގައި ލައްވަވާފައެވެ. ހަނދު، އެންމެހާ ތަރިތަކުގެ މައްޗަށް މަތިވެރިވެގެންވާ ފަދައިން، ޢިލްމުވެރިޔާ، އަޅުވެރިޔާގެ މައްޗަށް މަތިވެރިވެގެންވާ ކަމަށާއި، އަދި ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރިޘުން (ވާރުތަވެރިން) ކަމުގައި އެކަލޭގެފާނު صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ބަޔާންކޮށްދެއްވި އެވެ. ނަބީބޭކަލުން ވާރުތަ މުދަލުގެ ގޮތުގައި ދީނާރެއް ނުވަތަ ދިރުހަމެއް ދޫ ނުކުރައްވަ އެވެ. ވާރުތަ މުދަލުގެ ގޮތުގައި އެބޭކަލުން ދޫކުރެއްވީ ޢިލްމެވެ. ފަހެ އެ ޢިލްމުގައި ހިފައިފި މީހާ، ބޮޑުވެގެންވާ ނަޞީބެއް ލިބިގެންފިއެވެ. އަދި ޢިލްމު އުނގެނުމަކީ ސުވަރުގެއަށް ދެވޭނެ މަގެއްކަމުގައި ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޚަބަރުދެއްވިއެވެ. އެކަލޭގެފާނު صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާފައި ވެއެވެ.

((مَن سلَكَ طريقًا يلتَمِسُ فِيهِ عِلمًا، سَهَّلَ اللَّهُ لَهُ طريقًا إلى الجنَّةِ)) [11]

މާނައީ: “ޝަރުޢީ ޢިލްމު ޙާޞިލު ކުރުމަށް މަގަކުން ހިނގައިފި މީހަކަށް، އޭގެ ސަބަބުން އޭނާއަށް ސުވަރުގެ ދިއުމަށް މަގެއް ﷲ ތަނަވަސް ކޮށްދެއްވާނެ އެވެ.”

މަންފާކުރަނިވި ހުރިހާ ޢިލްމެއްވެސް އުނގެނުމަށް އިސްލާމްދީން ބާރުއަޅާ ގޮވާލައެވެ. ޢިލްމުތައް ވަނީ ދަރަޖަތަކަކަށް ބެހިގެންނެވެ. އަދި އެންމެ މަތިވެރި މާތްވެގެންވާ ޢިލްމަކީ ޝަރުޢީ ޢިލްމެވެ. އެއަށްފަހު ބޭސްފަރުވާގެ ޢިލްމެވެ. އެއަށްފަހު އެހެނިހެން ޢިލްމުތަކެވެ.

އެންމެހާ ޢިލްމުތަކުގެ ތެރެއިން އެންމެ މާތް އަދި މަތިވެރި ޢިލްމަކީ ޝަރުޢީ ޢިލްމެވެ. ޝަރުޢީ ޢިލްމަކީ އެ ޢިލްމެއްގެ ސަބަބުން އިންސާނާ އޭނާގެ ރައްބާއި، ދީނާއި އަދި އޭނާގެ ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ދެނެގަންނަ ޢިލްމެވެ. ﷲ ތަޢާލާ އެއިލާހުގެ ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ އަށް ދެއްވި ޢިލްމަކީވެސް ޝަރުޢީ ޢިލްމެވެ. އެއީ އެ ޢިލްމު އިންސާނުންނަށް އުނގަންނައި ދިނުމަށްޓަކައެވެ. އެ އިލާހު ވަޙީކުރައްވާފައި ވެއެވެ.

﴿لَقَدْ مَنَّ اللَّهُ عَلَى الْمُؤْمِنِينَ إِذْ بَعَثَ فِيهِمْ رَسُولًا مِنْ أَنْفُسِهِمْ يَتْلُو عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَإِنْ كَانُوا مِنْ قَبْلُ لَفِي ضَلَالٍ مُبِينٍ﴾ [12]

މާނައީ: “ހަމަކަށަވަރުން، މުއުމިނުންގެ މައްޗަށް ﷲ ދަރުމަވަންތަވެ ވޮޑިގެންފިއެވެ. (އެއީ) އެއުރެންގެ ތެރެޔަށް، ހަމަ އެއުރެންގެ ތެރެއިން ރަސޫލަކު ފޮނުއްވި ހިނދުގައެވެ. އެއިލާހުގެ އާޔަތްތައް އެއުރެންނަށް ކިޔަވައިދެއްވާ އަދި، އެއުރެން ޠާހިރުކުރައްވާ، އަދި ފޮތާއި ޙިކުމަތް، އެއުރެންނަށް އުނގަންނަވައިދެއްވާ ބޭކަލެއްގެ ގޮތުގައެވެ. އޭގެކުރިން އެއުރެންވީ، ބަޔާންވެގެންވާ މަގުފުރެދުމެއްގައިކަން ކަށަވަރެވެ.”

ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައި ވެއެވެ.

((مَن يُرِدِ اللَّهُ به خَيْرًا يُفَقِّهْهُ في الدِّينِ)) [13]

މާނައީ: ” ﷲ، މީހަކަށް ހެޔޮ ގޮތެއް އިރާދަކުރައްވާނަމަ، އެމީހަކަށް ދީނުގެ ފިޤުހުވެރިކަން ދެއްވައެވެ.”

ޤުރުއާން އުނގެނުމާއި، ޤުރުއާން އުނގަންނައި ދިނުމާއި ބެހޭގޮތުން ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައި ވެއެވެ.

((خَيرُكُم مَن تعلَّمَ القرآنَ وعلَّمَهُ)) [14]

މާނައީ: “ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ ޤުރުއާން އުނގެނި، އެ ޤުރުއާން (މީސްތަކުންނަށް) އުނގަންނައިދޭ މީހާއެވެ.”

އެ ޢިލްމަކަށް ޢަމަލު ނުކުރާ ޢިލްމެއްގައި އެއްވެސް ހެވެއް ނުވެއެވެ. އަދި އެ ބުނުމަކަށް ޢަމަލުނުކުރާ ބުނުންތަކުގައިވެސް ހެވެއް ނުވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

﴿يَا أَيُّهَا الَّذِينَ آمَنُوا لِمَ تَقُولُونَ مَا لَا تَفْعَلُونَ * كَبُرَ مَقْتًا عِندَ اللَّهِ أَن تَقُولُوا مَا لَا تَفْعَلُونَ﴾ [15]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނުކުރާ ކަންތަކުގެ ވާހަކަ ތިޔަބައިމީހުން ބުނެއުޅެނީ ކީއްވެގެން ހެއްޔެވެ؟ ތިޔަބައިމީހުން ނުކުރާ ކަންތަކުގެ ވާހަކަ ބުނުން، اللَّه ގެ ޙަޟްރަތުގައި ނުރުއްސެވުން ބޮޑުވެގެންވެތެވެ.”

ކޮންމެ ތަނަކާއި ކޮންމެ ޒަމާނެއްގައިވެސް އުއްމަތް ވަނީ ޢިލްމުވެރިންނަށް ޙާޖަތް ޖެހިގެންނެވެ. ޢިލްމާއި ޢިލްމުވެރިންނާއި ނުލައި އުއްމަތް ވާނީ ވަހުމުތަކާއި އަނދިރިގަނޑެއްގެ ތެރޭގައި އެވެ.

ﷲ ތަޢާލާ ޝަރުޢު ކުރައްވާފައިވާ ކަންތައްތައް އުނގެނި (ޝަރުޢީ ޢިލްމު އުނގެނި)، އެ ޢިލްމުން އުއްމަތް މަޙުރޫމުކޮށް މީސްތަކުންނަށް އެ ޢިލްމު ވަންހަނާކޮށްފި މީހެއްގެ އަނގައިގައި ޤިޔާމަތް ދުވަހުން ﷲ ތަޢާލާ އަލިފާނުންވާ ލަގަނެއް އަޅުއްވާނެ އެވެ. އަދި މިކަމުން ތައުބާ ވެއްޖެ މީހަކު ފިޔަވާ އެންމެންގެ މައްޗަށް ލަޢުނަތް ވަނީ ޙައްޤުވެގެންނެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

﴿إِنَّ الَّذِينَ يَكْتُمُونَ مَا أَنزَلْنَا مِنَ الْبَيِّنَاتِ وَالْهُدَىٰ مِن بَعْدِ مَا بَيَّنَّاهُ لِلنَّاسِ فِي الْكِتَابِ أُولَٰئِكَ يَلْعَنُهُمُ اللَّهُ وَيَلْعَنُهُمُ اللَّاعِنُونَ * إِلَّا الَّذِينَ تَابُوا وَأَصْلَحُوا وَبَيَّنُوا فَأُولَٰئِكَ أَتُوبُ عَلَيْهِمْ وَأَنَا التَّوَّابُ الرَّحِيمُ﴾ [16]

މާނައީ: “ހަމަކަށަވަރުން ބަޔާންވެގެންވާ ހެކިތަކާއި ތެދުމަގުގެ ތެރެއިން ތިމަންއިލާހު ބާވައިލެއްވި ތަކެތި މީސްތަކުންނަށް ތިމަންއިލާހު އެފޮތުގައި ބަޔާން ކޮށްދެއްވުމަށް ފަހު، އެތަކެތި ވަންހަނާކުރާ މީހުން (ދަންނާށެވެ!) އެއުރެންނަށް ﷲ ލަޢުނަތް ލައްވާނެއެވެ. އަދި ލަޢުނަތް ދޭ މީހުންވެސް އެއުރެންނަށް ލަޢުނަތް ދޭނެއެވެ. ތައުބާވެ އެއުރެންގެ ޢަމަލުތައް އިޞްލާޙުކޮށް (ވަންހަނާކޮށް އުޅުނު ކަންތައްތައް) ބަޔާންކޮށް އުޅުނު މީހުން މެނުވީއެވެ. ފަހެ، އެއުރެންނަށް ތިމަންއިލާހު ތައުބާ ލައްވާހުށީމެވެ. އަދި ތިމަންއިލާހަކީ ގިނަގިނައިން ތައުބާ ޤަބޫލުކުރައްވާ ރަޙީމުވަންތަ އިލާހެވެ.”

ޢިލްމުވެރިޔާއަށް މަތިވެރިވެގެންވާ ޘަވާބާއި އަޖުރު ހުއްޓެވެ. ހެޔޮ ކަންކަމަށް މަގު ދައްކާ މީހާ، އެކަން ކުރާ މީހާ ފަދައެވެ. ޢިލްމުވެރިޔާ މަރުވުމަށްފަހުވެސް اللَّه ތަޢާލާގެ ޙަޟްރަތުގައި އެ ޢިލްމުވެރިޔާގެ އަޖުރު މެދުނުކެނޑި ވެއެވެ. ޢިލްމުވެރިޔާ މަރުވި ނަމަވެސް، އޭނާގެ ޢިލްމުން މީސްތަކުންނަށް ކޮށްދީފައިވާ މަންފާއާއި އެއްވަރަށް އަޖުރު ލިބިގެންދެއެވެ. ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައި ވެއެވެ.

((إِذَا مَاتَ الإِنْسَانُ انْقَطَعَ عَمَلُهُ إِلَّا مِنْ ثَلَاثَةٍ: إِلَّا مِنْ صَدَقَةٍ جَارِيَةٍ، أَوْ عِلْمٍ يُنْتَفَعُ بِهِ، أَوْ وَلَدٍ صَالِحٍ يَدْعُو لَهُ)) [17]

މާނައީ: “އިންސާނާ މަރުވުމަށްފަހު، ތިން ކަމަކުން މެނުވީ އޭނާގެ ޢަމަލުތައް ކެނޑިގެން ދެއެވެ. އެއީ ދެމިގެންދާ ޞަދަޤާތަކާއި، މަންފާކުރަނިވި ޢިލްމަކާއި ނުވަތަ އޭނާގެ މައްޗަށް ދުޢާ ކޮށްދޭނެ ހެޔޮލަފާ ޞާލިޙު ދަރިއެކެވެ.”

މީސްތަކުންގެ ތެރޭގައި ޢިލްމު ފަތުރައިފިނަމަ އެއަށް ތަބަޢަވާ ކޮންމެ މީހެއްގެ އަޖުރު ލިބިގެންދާނެއެވެ. ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވެއެވެ.

((مَنْ دَعَا إِلَى هُدًى كَانَ لَهُ مِنَ الْأَجرِ مِثْلُ أُجورِ مَن تبِعهُ لَا ينقُصُ ذَلِكَ مِن أُجُورِهم شَيئًا، وَمَن دَعَا إِلَى ضَلَالَةٍ كَانَ عَلَيهِ مِن الإِثمِ مِثْلُ آثامِ مَن تبِعهُ لَا ينقُصُ ذَلِكَ مِن آثامِهم شَيئًا)) [18]

 މާނައީ: “ހެޔޮ މަގަށް ގޮވާލާ މީހާއަށް، އޭނާގެ ގޮވާލުމަށް ތަބަޢަވާ މީހުންގެ އަޖުރުވެސް ލިބޭ ހުއްޓެވެ. އެއީ އެ ހެޔޮ މަގަށް ތަބަޢަވާ މީހުންގެ އަޖުރުން އެއްވެސް މިންވަރެއް އުނިވުމެއް ނެތިއެވެ. އަދި ނުބައި މަގަށް ގޮވާލާ މީހާއަށް، އޭނާގެ ގޮވާލުމަށް ތަބަޢަވާ މީހުންގެ ފާފަވެސް ލިބޭ ހުއްޓެވެ. އެއީ އެ ނުބައި މަގަށް ތަބަޢަވާ މީހުންގެ ފާފައިން އެއްވެސް މިންވަރެއް އުނިވުމެއް ނެތިއެވެ.”

ދީނުގައި ފިޤުހުވެރި ވުމަކީ މުސްލިމަކު ލިބިގަންނާނެ އެންމެ މަތިވެރި ޝަރަފެވެ. ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވެއެވެ.

((مَن يُرِدِ اللَّهُ به خَيْرًا يُفَقِّهْهُ في الدِّينِ)) [19]

މާނައީ: “ﷲ، މީހަކަށް ހެޔޮ ގޮތެއް އިރާދަކުރައްވާނަމަ، އެމީހަކަށް ދީނުގެ ފިޤުހުވެރިކަން ދެއްވައެވެ.”

އަދި ޤުރުއާން ކިޔެވުމާއި، ޤުރުއާން އުނގެނުމާއި، މީސްތަކުންނަށް ޤުރުއާން އުނގަންނައި ދިނުމަކީ އެންމެ މާތް ޢަމަލުތަކުގެ ތެރެއިން ހިމެނޭ ކަންކަމެވެ. ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައި ވެއެވެ.

((لا حَسَدَ إِلا فِي اثْنَتَيْنِ: رَجُلٌ أَتَاهُ اللَّهُ الْقُرْآنَ فَهُوَ يَقُومُ بِهِ آنَاءَ اللَّيْلِ وَآنَاءَ النَّهَارِ، وَرَجُلٌ آتَاهُ اللَّهُ مَالا فَهُوَ يُنْفِقُهُ آنَاءَ اللَّيْلِ وَآنَاءَ النَّهَارِ)) [20]

މާނައީ: “ދެކަމެއްގައި މެނުވީ ޙަސަދަވެރިވުމެއް ނުވެއެވެ. ﷲ މީހަކަށް ޤުރުއާން އުނގަންނަވައި ދެއްވައި، އެމީހަކު ރެޔާއި ދުވާލު އެ ޤުރުއާން ކިޔަވައެވެ. އަދި ﷲ މީހަކަށް މުދާ ދެއްވައި، އެމީހަކު ރެޔާއި ދުވާލު އެ މުދާ ހޭދަކުރެއެވެ.”

(ނޯޓު: ޙަސަދައިގެ ވައްތަރުތަކެއް ވެއެވެ. އެއީ އިސްލާމީ ޝަރީޢަތުގައި ޙަރާމް ވެގެންވާ ޙަސަދަ އަކާއި އަދި މުސްތަޙައްބު ވެގެންވާ ޙަސަދަ އެކެވެ. ދީނުގައި ޙަރާމް ވެގެންވާ ޙަސަދަ އަކީ އެހެން މީހަކަށް ލިބިފައިވާ ނިޢުމަތެއް އޭނާގެ ކިބައިގެން ފިލައިގެން ދިއުމަށް އެދުމެވެ. ދީނުގައި މުސްތަޙައްބު ވެގެންވާ ޙަސަދަ އަކީ އެހެން މީހެއްގެ ކިބައިގައި ހެޔޮކަމެއް ފެނުމުން، އޭނާގެ ކިބައިން އެ ނިޢުމަތެއް ފިލައި ދިއުމަށް އެދުމަކާއި ނުލައި، ތިމާގެ އަމިއްލަ ނަފްސަށް އެ ނިޢުމަތެއް ލިބުމަށް އެދުމެވެ. މި ޙަސަދަ އަށް ކިޔާ ނަމަކީ “އަލްޣިބްޠާ” އެވެ. ބަޔާންވެ ދިޔަ ޙަދީޘްގައި ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާފައިވާ ޙަސަދައަކީވެސް މިއީ އެވެ.) [ބައްލަވާ: https://www.dorar.net/hadith/sharh/64965 ]

ލިޔުމުގެ އަޞްލު

 


 

[1]  سورة النحل  (٧٨)

[2]  سورة العلق (٥،٤،٣،٢،١)

[3]  سورة محمد (١٩)

[4]  سورة الإسراء (٣٦)

[5]  سورة آل عمران (١٨)

[6]  سورة فاطر (٢٨)

[7]  سورة المجادلة (١١)

[8]  سورة طه (١١٤)

[9]  سورة الزمر (٩)

[10]  سورة الحج (٥٤)

[11]  رواه البخاري (كتاب العلم/10)

[12]  سورة آل عمران (١٦٤)

[13]  متفق عليه أخرجه البخاري (٦٩)

[14]  أخرجه البخاري (٤٦٣٩)

[15]  سورة الصف (٣،٢)

[16]  سورة البقرة (١٥٩،١٦٠)

[17]  رواه مسلم (١٦٣١)

[18]  رواه مسلم (٢٦٧٤)

[19]  متفق عليه

[20]  أخرجه البخاري (٧٣)، ومسلم (٨١٥)