މިއީ މި މައުޟޫއުގައި އަޅުގަނޑު ދިސަލަފިއްޔާ.ނެޓް ގައި ލިޔަމުންދާ ލިޔުމުގެ ދެވަނަ ބަޔެވެ. ލިޔުމުގެ މިހާހިސާބުން މައުޟޫއުގެ މުހިއްމުކަމަށް ކުރުގޮތަކަށް އަލި އަޅުވާލުމަށް އަޅުގަނޑު ގަސްތުކޮށްލީމެވެ. މިގޮތުން ބަލާއިރު މިލިޔުމަކީ ﷲ ތަޢާލާގެ ނަންފުޅުތަކާއި އެއިލާހުގެ މާތްވެގެންވާ ސިފަސުޅުތަކަށް އީމާން ވުމުގައި އަޅުގަނޑުމެން އަހުލުއްސުންނަތުގެ އަހުލުވެރިން ޤަބޫލްކުރާގޮތް ނުވަތަ އަޅުގަނޑުމެން ތަބާވާގޮތް ބުނެދިނުމަށް ލިޔާލިޔުމެކެވެ. ﷲ ތަޢާލާގެ ނަންފުޅުތަކާއި ސިފަފުޅުތަކަށް އީމާންވުމުގެ ހެޔޮގޮތް ދަނެގަތުމުގެ ތައުފީޤުދެއްވިކަމަށްޓަކައި ﷲ އަށް ޙަމްދުކުރަމެވެ.
ﷲ ތަޢާލާގެ ނަންފުޅުތަކާއި ސިފަފުޅުތަކަށް އީމާންވުމަކީ ތަވްޙީދުގެ 3 ބައިގެ ތެރެއިން އެއްބަޔެވެ. އެއާއި ނުލާ ފުރިހަމަ ގޮތުގައި ﷲ ތަޢާލާ އެއްކައުވަންތަ ނުކުރެވޭނެ އެއްކަމެވެ. ހިތާމަޔަކީ އަޅުގަނޑުމެންގެ ޤިބުލައިގެ އަހުލުވެރިންގެ ތެރެއިން ވަރަށް ޤާބިލް މީހުންކަމަށް ބެލެވޭމީހުންވެސް ﷲ ތަޢާލާގެ ނަންފުޅުތަކާއި ސިފަފުޅުތަކަށް އީމާންވުމުގައި ޙައްޤުގެމަގުން އެއްކިބާވެފައިވާކަމެވެ. ސަބަބަކީ އެބައިމީހުން ޤުރްއާނާއި ސުންނަތުގެ މައްޗަށް އެބައިމީހުންގެ ބުއްދި އިސްކުރުމެވެ. އަދި މިކަމުގެ ސަބަބުން ޢަޤީދާގެ މައްސަލަތަކުގައި ބިދުޢަތައް ހަދައި އެތައް ބާޠިލް ފިރުޤާތަކެއް އަހުލުއްސުންނަތުގެ މަގުން އެއްކިބާވެ ގޮސްފައިވާކަން ހަނދާންކޮށްދެމެވެ. އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައިވެސް ﷲ ތަޢާލާގެ ސިފަފުޅުތައް ބަދަލުކޮށް އެއިން ގޯސްމާނަ ނަގާ ތައުވީލުކުރާމީހުން އެބަތިބިކަން ހިތާމަޔާ އެކީ ފާހަގަކުރަމެވެ. މިހެން ވުމުގެ ސަބަބުން ބައެއްފަހަރަށް މީސްތަކުންނަށް ﷲ ތަޢާލާ މަޢްރިފާކޮށް ދެނެގަތުމުގެ ޢިލްމު އޮޅުންއަރާގޮތްވެ އެއިލާހާމެދު އޮންނަ އިތުބާރު ކުޑަވެގެންދެއެވެ. އަހުލުއްސުންނާ ވަލްޖަމާޢަތަށް، އެހެނިހެން ބާޠިލްޢަޤީދާތަކުގެ މީހުންގެ ތެރެއިން އެންމެގިނަމީހުން ވަންނަމުންދާ އެންމެ މައި ދޮރަކީ އަސްމާއު ވައްޞިފާތުގެ ބާބެވެ. ސަބަބަކީ އަހުލުއްސުންނާ ވަލްޖަމާޢަތުގެ މީހުން ﷲ ތަޢާލާއަށް ޙައްޤުވެގެންވާ ޞިފަތައް އެންމެ ފުރިހަމަވެގެންވާގޮތުގައި އެއިލާހަށް ސާބިތުކުރާތީއެވެ. އަދި ހުރިހާ އުނި ސިފަތަކުން އެއިލާހު ހުސްޠާހިރުވަންތަ ކުރާތީއެވެ.
ކުރީގައިވެސް ބަޔާންވެދިޔަފަދައިން ﷲ ތަޢާލާގެ ނަންފުޅުތަކާއި ސިފަފުޅުތަކުގައި އެއިލާހު އެއްކައުވަންތަކުރުން ނުވަތަ “ތަވްޙީދުލް އަސްމާއި ވައްޞިފާތި” އަކީ ތައުޙީދު ބެހިގެންވާ ބައިތަކުގެ ތެރެއިން ބަޔެކެވެ. އެހެންކަމުން “ތަވްޙީދުލް އަސްމާއި ވައްޞިފާތި” ގެ ދަރަޖަ އިސްލާމްދީނުގައި ވަރަށް މަތިވެރިވެގެންވެއެވެ. އެހެނީ އެއްވެސް މީހަކަށް ﷲ ތަޢާލާގެ އިސްމުފުޅުތަކާއި(ނަންފުޅުތަކާއި) ސިފަފުޅުތަކުގެ ރަނގަޅަށް އެނގިގެން މެނުވީ ފުރިހަމަ ގޮތުގައި އެއިލާހަށް އަޅުކަން ނުކުރެވޭނެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. (وَلِلَّـهِ الْأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا) މާނައީ: ” އެންމެރިވެތި ނަންފުޅުތައް މިލްކުވެގެންވަނީ، ﷲ އަށެވެ. ފަހެ، އެ ނަންފުޅުތަކުން ތިޔަބައިމީހުން އެކަލާނގެ ޙަޟްރަތަށް ދުޢާ ކުރާށެވެ! “ މިއާޔަތުގައި މިވާ ދުޢާގެ ތެރޭގައި ދުޢާގެ 2 ވައްތަރުކަމުގައިވާ “ދުޢާއުލް މަސްއަލާ”( ކަންތައްތަކަށް އެދި ކުރާދުޢާ ) އާއި “ދުޢާއުލް ޢިބާދާ” ހިމެނެއެވެ. “ދުޢާލް މަސްއަލާ”ގެ މިސާލަކީ ދުޢާކުރުމުގައި “އޭ ފާފަފުއްސަވާ އިލާހެވެ! މިއަޅާގެ ފާފަ ފުއްސަވާނދޭވެ.’ މިފަދައިން ކުރެވޭދުޢާތަކެވެ. އަދި “ދުޢާއުލް ޢިބާދާ”އަކީ އެއިލާހުގެ އިސްމުޅުފުޅުތައް ނުވަތަ ނަންފުޅުތައް އެނގުމުން އެއާއިއެއްގޮތަށް އަޅުކަންކުރުމެވެ. މިސާލަކަށް އެއިލާހަކީ التَّوَّابُ “ތައުބާ ލައްވާފަރާތް” ކަން އެނގުމުން އެއިލާހު އެއަޅަކަށް ތައުބާލެއްވުން އެދި އޭނާ ދުޢާކުރުމެވެ. އަދި އެއިލާހަކީ السَّمِيْعُ “އަސްސަވާވޮޑިގެންވާ ފަރާތް” ކަން އެނގުމުން އެއަޅަކު އޭނާގެ ދުލުން ކަމަކަށް އެދުމުން އެ އަޑު އެއިލާހު އައްސަވާވޮޑިގެންވާކަން އޭނާއަށް އެނގި ކަންކަމަށް އެއިލާހުގެ ޙަޟްރަތުގައި އޭނާ އެދޭނެއެވެ. މިގޮތުން ފުރިހަމަގޮތުގައި އެއިލާހަށް އަޅުވެތިވުމަށް އޭނާއަށް ދަސްވާނެއެވެ.
ނަމަވެސް ﷲ ތަޢާލާގެ ސިފަފުޅުތަކަށް އިންކާރު ކުރާ “ޖަހުމީން”ނާއި “އަޝްޢަރީން” ފަދަ ބިދުޢަވެރި ފިރުޤާތަކުގެ މީހުންވަނީ އެއިލާހުގެ ބަސްފުޅު ކަމުގައިވާ ކީރިތި ޤުރްއާނުގައިވާ އެއިލާހުގެ ސިފަފުޅުތައްވެސް އެމީހުން ހިތައްއެރި އެއްޗަކަށް އިންކާރުކޮށް ހިތަށްއެރި އެއްޗެއް ލަފްޒީ ގޮތުންނާއި މާނައިގެ ގޮތުން ބަދަލުކޮށް އެއިލާހު ތަޢާލާ އެއިލާހުގެ ޒާތުފުޅަށް ނިސްބަތްކުރެއްވި އެތައް ސިފަފުޅަކަށް އިންކާރުކޮށްފައެވެ. މިސާލެއްގެ ގޮތުން އަޝްޢަރީން ވަނީ ކީރިތި ޤުރްއާނުގައި ﷲއަށް އެއިލާހަށް އެކަށީގެންވާގޮތުގައި ދެއަތްޕުޅު ލިބިވޮޑިގެންވާކަމަށް އަންގަވާފައި އޮތުމުން އެއަށް އިންކާރުކޮށް އެއީ އެއިލާހުގެ ޤުދުރަތްފުޅު ކަމުގައި ބުނެފައެވެ. މި އަޝްޢަރީ ޢަޤީދާގެ އަސަރުތައް އަޅުގަނޑުމެންގެ ރާއްޖެއިން ވަރަށް ބޮޑަށް ފެންނަންއޮތެވެ. މިގޮތުން ކުރީގެ ލިޔުންތަކުގައި ﷲ ތަޢާލާގެ އަތްޕުޅު ގެ ލަފްޒު އައިސްފައި އޮންނަ އާޔަތްތަކުގެ މާނަކުރާއިރު އެއީ “ޔަދު ޤުދްރަތްޕުޅު” ކަމުގައި އޮންނައޮތުން ފަހަގަކޮށްލަމެވެ. އަދިވެސް މަދުން ނަމަވެސް އެ އަޤިދާއަށް ގޮވާލާ ބައެއްމީހުން ތިބިކަން ހިތާމައާއި އެކީ ފާހަގަކޮށްލަމެވެ. އުފަލާއި އެކީ ފާހަގަކޮށްލަންވީ ކަމަކީ މިއަދު އަޅުގަނޑުމެންގެ ރާއްޖޭގައި މިވަނީ ސަލަފުއް ޞާލިޙުންގެ ޢަޤީދާއަކީ އެބައިމީހުންގެ ޢަޤީދާ ކަމުގައި ގިނަ މުސްލިމް އަޚުހްނާއި އުޚްތުން ބަލައިގެންފައެވެ. އެހެންކަމުން ދެން އަޅުގަނޑުމެންގެ މި ފަސްގަނޑުން ޢަޤީދާގެ އެއްވެސް ބާޠިލް ފިރުޤާއަކަށް ޖާގަ ނުދިނުމަށް އަޅުގަނޑުމެން އެންމެންވެސް އަތާއި އަތްގުޅުވާލައިގެން މަސައްކަތްކުރުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތްދީނީ ވާޖިބެކެވެ.
ދެން މިބަލާލަނީ ﷲ ތަޢާލާގެ ނަންފުޅުތަކާއި ސިފަފުޅުތަކަށް އިންކާރުކޮށް ބަދަލުކުރާ ބިދުޢަވެރިން އެނަންފުޅުތަކާއި ސިފަފުޅުތައް ބަދަލުކޮށް އެއަށް އިންކާރުކޮށް އޭގެ މާނައޮޅުވައި އެއަށް މިސާލުޖަހައި އޭގެ ކައިފިއްޔަތު ބަޔާންކޮށް ﷲ ތަޢާލާ އެންގެވި ޙައްޤުގެމަގުން އެއްކިބާވެގަންނަ ގޮތަށެވެ. މިގޮތުން އެބައިމީހުން ތިރީގައި ބަޔާންމިކުރާ ގޮތްތަކަށް އެ ނަންފުޅުތަކާ ސިފަފުޅުތަކާމެދު ޢަމަލުކުރެއެވެ.
1- التَّحْرِيْفُ
2- التَّعْطِيْلُ
3- التَّكْيِيْفُ
4- التَّمْثِيْلُ وَ التَّشْبِيْهُ
التَّحْرِيْفُ: ކީރިތި ޤުރްއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅުތަކުގެ ނައްޞުން ލަފްޒުތަކަށް ބަދަލުގެނައުން ނުވަތަ އޭގެ މާނަޔަށް ބަދަލުގެނައުމެވެ. މިގޮތަށް ބަދަލުގެނައުމުން ބައެއްފަހަރު ލަފްޒާ އެއްކޮށް މާނަ ބަދަލުވެއެވެ. އަދި މާނަ ބަދަލު ނުވެވެސް ހުރެއެވެ. އަދި މިގޮތަށް ބަދަލު ގެނައުން 3 ގޮތަކަށް ބެހިގެންވެއެވެ.
1- ނަޞުތަކުގައިވާ ލަފްޒުތައް ބަދަލުކުރުމާއެކު އޭގެ މާނަވެސް ބަދަލުކުރުން:
މިގޮތުން އެބައިމީހުން ﷲ ތަޢާލާގެ ބަސްފުޅު (وَكَلَّمَ اللَّـهُ مُوسَىٰ تَكْلِيمًا)( سورة النساء 164) މާނައީ: ” ( މެދުވެރިއެއްނެތި) މޫސާގެފާނަށް اللَّه ބަސް ވަޙީކުރެއްވިއެވެ.”، ބަދަލުކުރާ ބަދަލުކުރުން ހިމެނެއެވެ. އެބައިމީހުން މިއާޔަތުގައިވާ ލަފްޒުލް ޖަލާލާގެ “ހާ” ގައި އަބަފިލި ޖަހައެވެ. އަދި ކަންކުރި ފަރާތަކީ މޫސާގެފާނު ކަމަށް ހަދައެވެ. އޭރުން މޫސާގެފާނު ﷲ ތަޢާލާއާއި ވާހަކަފުޅުދެއްކެވި ކަމަށް އާޔަތުގެ މާނަ ބަދަލުވެގެންދެއެވެ.
2- ނައްޞުތަކުގައިވާ ލަފްޒުތައް ބަދަލުކުރުމާއެކު މާނަޔަށް ބަދަލު ނާންނަގޮތަށް ބަދަލުކުރުން:
މިގޮތުން މިސާލަކަށް (الْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ ) ކިޔަވާއިރު (الْحَمْدُ)ގެ ދާލުގައި އަބަފިލި ޖެހުން ހިމެނެއެވެ. މިހެން ބަދަލުވިޔަސް އާޔަތުގެ މާނަޔަށް ބަދަލެއް ނާދެއެވެ. މިގޮތަށް ބަދަލުކުރެވެނީ ގިނަފަހަރު ޤުރްއާން ކިޔަވަން ރަނގަޅަށް ނޭނގޭމީހުންގެ ކިބައިން ނޭނގުމެއްގެތެރޭގައެވެ.
3- ލަފްޒުތަކުގެ މާނަޔަށް ބަދަލުގެނައުން:
މިގޮތުން ކީރިތި ޤުރްއާނުގައި ﷲ ތަޢާލާއަށް ނިސްބަތްވެގެން އައިސްފައިވާ އެއިލާހުގެ މާތް ދެ އަތްޕުޅުގެ ވާހަކަ އަންނަ އާޔަތްތަކުގައި އެ އަތްޕުޅުގެ ލަފްޒު އޮތްގޮތަށް ބޭއްވުމަށްފަހު އޭގެމާނައަކީ ބާރުވެރިކަމާއި، ނިޢުމަތާއި، ޤުދުރަތޭ ކިޔައި އޭގެ އަސްލު މާނަ އޮޅުވާލުމެވެ.
التَّعْطِيْلُ: ﷲ ތަޢާލާއަށް ސާބިތުކުރުން ވާޖިބުވެގެންވާ ނަންފުޅުތަކާއި ސިފަފުޅުތައް އެއިލާހަށް ސާބިތުކުރުމަށް އިންކާރުކުރުމެވެ. މިގޮތުން އެ ހުރިހާ ނަންފުޅުތަކާއި ސިފަފުޅުތަކަށް އިންކާރުކުރުން، އަދި އެއިން ބައެއް ނަންފުޅުތަކާއި ސިފަފުޅުތަކަށް އިންކާރުކުރުން ހިމެނެއެއެވެ. ﷲ ތަޢާލާގެ ނަންފުޅުތަކާއި ސިފަފުޅުތަކަށް އިންކާރު ކުރުން ބެހިގެންވަނީ 2 ބަޔަކަށެވެ:
1- މުޅިން އެއްކޮށް އިންކާރުކުރުން: މިގޮތުން ﷲ ތަޢާލާގެ ހުރިހާ ސިފަފުޅަކަށް އިންކާރުކުރަނީ އަހުލުސުންނަތުގެ މަގުން އެއްކިބާވެފައިވާ ބިދުޢަވެރި ފިރުޤާއެއް ކަމުހައިވާ ޖަހުމީންނެވެ. މި ހައްދުފަހަނައަޅާފައިވާ މީހުންގެ ތެރެއިން އިތުރަށް ހައްދުފަހަނައަޅާފައިވާ ބަޔަކު ﷲ ތަޢާލާގެ މަތިވެރިވެގެންވާ ނަންފުޅުތަކަށްވެސް އިންކާރުކުރެއެވެ.
2- ވަކި ބަޔަކަށް އިންކާރުކުރުން: މިގޮތުން އަހުލުއް ސުންނަތުގެ މަގުން އެއްކިބާވެފައިވާ ބިދުޢަވެރި ފިރުޤާއެއް ކަމުގައިވާ ޢަޝްޢަރިއްޔަތުގެ އަހުލުވެރިން ﷲ ތަޢާލާގެ ބައެއް ސިފަފުޅުތައް ސާބިތުކޮށް އެހެން ސިފަފުޅުތަކަށް އިންކާރު ކުރެއެވެ. އަދި މި އުއްމަތުގައި އެންމެ ފުރަތަމަ ﷲ ތަޢާލާގެ ނަންފުޅުތަކާއި ސިފަފުޅުތަކަށް އިންކާރު ކުރިކަމަށް އެނގެން އޮތީ ޢަލްޖަޢްދު ބުން ދިރްހަމް އޭކިޔާމީހެކެވެ. ﷲ ތަޢާލާގެ ސިފަފުޅުތަކަށް އިންކާރު ކުރުމުގެ ކަންތައް ފެށިގެން އައިސްފައިފަނީ ޔަހޫދީންނާއި މުޝްރިކުންނާއި ފަލްސަފާގެ އަހުލުވެރިންގެ ފަރާތުންނެވެ. މިގޮތުން މިއުއްމަތުގައި އެންމެ ފުރަތަމަ ﷲ ތަޢާލާގެ ސިފަފުޅުތަކަށް އިންކާރުކުރި އަލްޖަޢްދު ބުން ދިރްހަމް އޭނާގެ ފިކުރު ނަގާފައިވަނީ އަބާން ބުން ސަމްޢާން ގެ ފަރާތުން ޠާލޫތުގެ ފަރާތުން ލުބައިދު ބުން އަޢްޞަމްގެ ފަރާތުން ކަމަށް ބުނެވެއެވެ. މި ލުބައިދަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް ސިހުރުހެދި ޔަހޫދީ ކަލޭގެއެވެ. އަދި ޢަލްޖަޢްދު ބުން ދިރްހަމް އޭނާގެ ކުފުރުގެ ގޮވާލުމުގެ ސަބަބުން ޤަތުލުކުރެވުނެވެ.
التَّكْيِيْفُ: ﷲ ތަޢާލާގެ ސިފަފުޅުތައް ވަނީ ކިހިނެއްކަން ބަޔާންކުރުމެވެ. އޭގެ ކައިފިއްޔަތު ބަޔާންކުރުމެވެ. މިސާލަކަށް ﷲ ތަޢާލާގެ އަތްޕުޅު ވަނީ މިވެނި އެވެނި ގޮތަކަށޭ ކިޔައި އޭގެ ގޮތް ބަޔާންކުރުމެވެ. އަދި ﷲ ތަޢާލާ ދުނިޔޭގެ އުޑަށް ފައިބައިވޮޑިގަންނަވަނީ މިވެނި އެވެނި ގޮތަކަށޭ ބުނެ އޭގެ ގޮތް ކިޔުމެވެ.
التَّمْثِيْلُوَالتَّشْبِيْهُ:
التَّمْثِيْلُ: ﷲ ތަޢާލާގެ ސިފަފުޅަކާ އެންމެހާ ގޮތަކުން އެއްފަދަ އެހެންފަރާތެއް ވާކަމަށް ބުނުމެވެ.
التَّشْبِيْهُ: ﷲ ތަޢާލާގެ ސިފަފުޅަކާ ގިނަގޮތްގޮތުން އެއްފަދަވެގެންވާ އެހެންފާރާތެއް ވާކަމަށް ބުނުމެވެ.
މި ދެ ލަފްޒު އެއް މާނައެއްގައިވެސް ބޭނުންކުރެވެއެވެ.
ތަމްޘީލާއި ތަޝްބީހު،އަދި ތަކްޔީފާ ހުރި ފަރަޤު:
1- ތަކްޔީފަކީ ސިފަފުޅެއްގެ ގޮތްހޯދުމެވެ. ނުވަތަ ބުނުމެވެ. އެއީ އެ ސިފަފުޅާ އެއްފަދަވެގެންވާކަމަށް ފަރާތަކަށް ނިސްބަތްކޮށްގެން ނުވަތަ ވަކިފަރާތަކަށް ނިސްބަތްނުކޮށް ވިޔަސްމެވެ. ތަމްޘީލް ކޮށް ތަޝްބީހު ކުރެވޭ ކޮންމެ ސިފައަކީ ތަކްޔީފުވެސް ކުރެވިފައިވާ ސިފައެކެވެ. ސަބަބަކީ މި ޙާލަތުގައި ތަކްޔީފު، ތަމްޘީލާއި ތަޝްބީހަށްވުރެ ޢާއްމުވެގެންވެއެވެ. ތަމްޘީލާއި ތަޝްބީހަ ޚާއްޞަވެގެންވެއެވެ. އެހެންކަމުން ސިފައަކަށް މިޘާލެއް ޖަހައި އެހެން ފަރާތަކާއި އެއްގޮތްކޮށް ތަޝްބީހުކޮށްފި މީހަކީ ތަކްޔީފު ވެސް ކޮށްފި މީހަކެވެ. އެހެން ނަމަވެސް ތަކްޔީފު ކުރާ ކޮންމެ މީހަކީ ތަމްޘީލްކޮށް ތަޝްބީހު ކުރާ މީހެއް ނޫނެވެ.
2- ތަކްޔީފު ކުރުމަކީ ސިފަތަކަށް ޚާއްސަވެގެންވާ ކަމެކެވެ. އެހެނެއްކަމަކު ތަމްޘީލަކީ ޤުދްރަތްތެރިކަމާއި ސިފަފުޅުތަކާއި ޒާތުފުޅަށް ނިސްބަތްކޮށް ކުރެވޭއެއްޗެކެވެ. މި ގޮތަށް ބަލާއިރު ތަކްޔީފަށްވުރެ ތަމްޘީލް ޢާއްމުވެގެންވެއެވެ.
ތަޝްބީހު ކުރުމުގައި ނުވަތަ ﷲ ތަޢާލައާއި އެއްފަދަ އެހެން ފަރާތްތައް ވާކަމަށް ބުނެ މަގުފުރެދިފައިވާ މީހުން ބެހިގެންވަނީ 2 ބަޔަކަށެވެ:
1- ޚާލިޤު މަޚްލޫޤާ އެއްވައްތަރުކުރުން.
2- މަޚްލޫޤު ޚާލިޤާ އެއްވައްތަރުކުރުން.
ޚާލިޤު މަޚްލޫޤާ އެއްވައްތަރުކުރުން:
މިއީ ﷲ ތަޢާލާ އަށް ޚާއްސް ކަމެއް ނުވަތަ ސިފަފުޅެއް ނުވަތަ ޙައްޤެއް މަޚްލޫގަކަށް ސާބިތުކުރުމެވެ.
1- މިސާލަކަށް ﷲ ތަޢާލާގެ ރުބޫބިއްޔަތަށް ޝިރުކުކުރާ މީހުން ﷲ ތަޢާލާ އާއި އެކީ ޚަލްޤު ކުރައްވާ އެހެން ފަރާތެއް ވާކަމަށް ބުނިބުނުމެވެ.
2- މުޝްރިކުން ޢަމަލުކުރިގޮތަށް އެބައިމީހުން އަޅުކަންކުރަން ގެންގުޅުނު ބުދުތަކުގައި ﷲ ތަޢާލާގެ ޙައްޤެއް ކަމުގައިވާ އުލޫހިއްޔަތުގައި ނުވަތަ އިލާހުވަންތަކަމުގެ ބައެއް އެ ބުދުތަކުގައި ވާކަމަށްބުނެ އެތަކެއްޗަށް އަޅުކަންކުރުމެވެ.
3- ހައްދުފަހަނަ އަޅާފައިވާ ބިދުޢަވެރިން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށާއި އެހެނިހެން މީހުންނަށް މަދަޙަ ކިޔަމުންގޮސް ﷲ ތަޢާލާއަށް ޚާއްސަކަމެއް އެކަލޭގެފާނަށް ނުވަތަ އެހެންމީހަކަށް ނިސްބަތްކުރުމެވެ. މިފަދަ އެއްޗެހި ރާއްޖޭގައި ކުރީޒަމާނުގައި ކިޔަމުން އައި މައުލޫދުތަކުގައި ކިޔާކަމުގައިވެއެވެ.
މަޚްލޫޤު ޚާލިޤާ އެއްވައްތަރުކުރުން:
ﷲ ތަޢާލާގެ ސިފަފުޅަކާއި މަޚްލޫޤެއްގެ ކިބައިގައިވާ ސިފައަކާއި އެއްގޮތްކަމަށް ބުނުމެވެ. މިސާލަކަށް ބިދުޢަވެރިން ﷲ ތަޢާލާގެ އަތްޕުޅަކީ މަޚްލޫޤުންގެ އަތްތަކާއި އެއްގޮތް އަތްޕުޅެއް ކަމަށް ބުނާބުނުމެވެ. އަދި ﷲ ތަޢާލާ ޢަރްޝިކޮޅަށް އިސްތިވާއުވެގެވޮޑިގަންނަވަނީ މަޚްލޫގުން އެއްޗަކަށް އަރާގޮތަށްކަމަށް ބުނުމެވެ.
ބުނެވޭގޮތުގައި އެންމެ ފުރަތަމަ މިގޮތަށް ﷲ ތަޢާލާގެ ސިފަފުޅަކާއި މަޚްލޫޤުންގެ ސިފަޔާއި އެއްގޮތްވެގެންވާ ކަމަށް ދަޢުވާކުރީ ޙިޝާމް ބުން އަލްޙަކަމް އައްރާފިޟީ (ޝިޔަޢީ އެއް) އެވެ. و الله أعلم
ﷲ ތަޢާލާ އެންގެވި ޙައްޤުގެމަގުން އެއްކިބާވެގަންނަގޮތް
الإِلْحَادُ: ޢަޤީދާގައި އީމާންވާންޖެހޭ ކަންތައްތަކުގައި އަދި ދީނުގައި ޢަމަލު ކުރަންޖޭހޭކަންތައްތަކުގައި ޙައްޤުގެ މަގުން އެއްކިބާވުމެވެ.
އަލްއިލްޙާދު ދެ ބަޔަކަށް ބެހެއެވެ:
1- ﷲ ތަޢާލާގެ ނަންފުޅުތަކުގައި އިލްޙާދުކުރުން.
2- ﷲ ތަޢާލާގެ އާޔަތްތަކާއި (ހެކިތަކުގައި) އިލްޙާދުކުރުން.
ﷲ ތަޢާލާގެ ނަންފުޅުތަކުގައި އިލްޙާދުކުރުން: މިއީ ވާޖިބުވެގެންވާ ޙައްޤުގޮތްދޫކޮށް، 4 ގޮތަކަށް ޙަޤުގެމަގުން އެއްކިބާވެގަތުމެވެ. އެ 4 ގޮތަކީ:
1- ﷲ ތަޢާލާގެ ނަންފުޅުތަކުގެ ތެރެއިން ނަންފުޅުތަކަކަށް އިންކާރުކުރުމެވެ. އަދި ނަންފުޅަކުން ދަލާލަތު ކުރާ ސިފަފުޅަކަށް ނުވަތަ ސިފަފުޅުތަކަކަށް އިންކާރުކުރުމެވެ. މިއީ ﷲ ތަޢާލާގެ ނަންފުޅުތަކަށާއި ސިފަފުޅުތަކަށް އިންކާރުކުރާ މުޢައްޠިލާއިން ޢަމަލުކުރާގޮތެވެ.
2- މަޚްލޫޤަކަށް ﷲތަޢާލާ އަށް ޚާއްޞަ ނަންފުޅެއް ކިޔުން އެކަށީގެންވާކަމަށް ބުނެ އެއިލާހުގެ ނަންފުޅުތަކުގައި ތަޝްބީހަކުރުމެވެ. މިއީ ﷲ ތަޢާލާއާއި އެހެން ފަރާތްތައް އެއްފަދަކުރާ މުޝައްބިހާއިން ޢަމަލުކުރިގޮތެވެ.
3- ﷲ ތަޢާލާ އެއިލާހުގެ ނަފްސުފުޅަށް ނިސްބަތް ނުކުރައްވާ ނަމަކުން އެއިލާހަށް ނިސްބަތްކުރުމެވެ. މިގޮތުން ނަޞާރާއިން އެއިލާހަށް ބައްޕަގެ ނަމުން ނަންކިޔައެވެ. އަދި ފިލޯސަފަރުން އެއިލާހަށް “علة”(މާނަ: ސަބަބު)، “فاعل”(މާނަ: ކަންކުރާ ފަރާތް) މިފަދަ ނަންނަމުން ނިސްބަތްކުރެއެވެ. މީއީ ހުއްދަވެގެންވާ ކަމެއްނޫނެވެ.
4- ﷲ ތަޢާލާގެ ނަންފުޅުތަކުން ނަގައިގެން ބުދުތަކަށް ނަންކިޔުމެވެ. މިގޮތުން މައްކާގެ މުޝްރިކުން އަޅުކަން ކުރަމުން ގެންދިޔަ ދެ ބުދަކަށް “އައްލާތަ” އަދި “އަލްޢުއްޒާ” ކިޔުނެވެ. “އައްލާތަ” ހެދިފައިވަނީ “އަލްއިލާހް” އިންނެވެ. އަދި “އަލްޢުއްޒާ” ހެދިފައިވަނީ “އަލްޢަޒީޒް” އިންނެވެ.
ﷲ ތަޢާލާގެ އާޔަތްތަކުގައި އިލްޙާދުކުރުން: ﷲ ތަޢާލާގެ އާޔަތްތަކުގެ ތެރޭގައި ޝަރީޢަތުގެ އާޔަތްތައް ހިމެނެއެވެ. އެއީ ރަސޫލުބޭކަލުން ގެންނެވި ޙުކުމްފުޅުތަކާއި ޚަބަރުފުޅުތައް ހިމެނޭ އާޔަތްތަކެވެ. އަދި އެއިލާހުގެ އާޔަތްތަކުގެ ތެރެއިން ކައުނިއްޔަ އާޔަތްތައް(ހެކިތައް) ހިމެނެއެވެ. މިއީ ﷲ ތަޢާލާ ހައްދަވާފައިވާ ހުރިހާއެއްޗެކެވެ. މިގޮތުން އުޑުތަކާއި ބިންތައް ހެއްދެވީ ﷲ ތަޢާލާއެވެ.
1- ﷲ ތަޢާލާގެ ޝަރީޢަތުގެ އާޔަތްތަކުގައި އިލްޙާދުކުރުން: އެއީ މި އާޔަތްތައް ބަދަލުކޮށް އޭގައިވާ ޚަބަރުތައް ދޮގުކޮށް އޭގައިވާ ޙުކުމްތަކަށް ޢަމަލުނުކޮށް ނުކިޔަމަންތެރިވުމެވެ.
2- ﷲ ތަޢާލާގެ ކައުނިއްޔަ އާޔަތްތަކުގައި(ހެކިތަކުގައި) އިލްޙާދުކުރުން: އެއީ މި އާޔަތްތައް ﷲ ތަޢާލާ ފިޔަވައި އެހެން ފަރާތަކަށް ނިސްބަތްކުރުމެވެ. މިސާލަކަށް އިރު އެއީ ﷲ ފިޔަވައި އެހެންފަރާތެއްގެ ޚަލްޤެއް ކަމަށްބުނުމެވެ. ނުވަތަ މި އާޔަތްތައް ހެއްދެވުމުގައި އެއިލާހާ އެކި އެހެންފާރަތެއް ބައިވެރިވެގެންވާކަމަށް އިޢްތިޤާދު ކުރުމެވެ.
އިލްޙާދުގެ މި 2 ބަޔަކީވެސް ޙަރާވެގެންވާ ދެބަޔަވެ. މުލްޙިދުންނަށް އިންޒާރުދެއްވައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (وَلِلَّـهِ الْأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا ۖ وَذَرُوا الَّذِينَ يُلْحِدُونَ فِي أَسْمَائِهِ ۚ سَيُجْزَوْنَ مَا كَانُوا يَعْمَلُونَ ﴿١٨٠﴾) ( އަލް އަޢްރާފް ) މާނައީ: (” އެންމެރިވެތި ނަންފުޅުތައް މިލްކުވެގެންވަނީ، ﷲ އަށެވެ. ފަހެ، އެ ނަންފުޅުތަކުން ތިޔަބައިމީހުން އެކަލާނގެ ޙަޟްރަތަށް ދުޢާ ކުރާށެވެ! އަދި އެކަލާނގެ ނަންފުޅުތަކާމެދު، ޙައްޤުގެ މަގުން އެއްކިބާވެގަތް މީހުން، ތިޔަބައިމީހުން ދޫކޮށްލާށެވެ! އެއުރެން ކޮށްއުޅުނު ކަންތަކަށް އެއުރެންނަށް ޖަޒާ ދެއްވާހުށްޓެވެ. “)
އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (إِنَّ الَّذِينَ يُلْحِدُونَ فِي آيَاتِنَا لَا يَخْفَوْنَ عَلَيْنَا ۗأَفَمَن يُلْقَىٰ فِي النَّارِ خَيْرٌ أَم مَّن يَأْتِي آمِنًا يَوْمَ الْقِيَامَةِ ۚ اعْمَلُوا مَا شِئْتُمْ ۖ إِنَّهُ بِمَا تَعْمَلُونَ بَصِيرٌ ﴿٤٠﴾) (“ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އާޔަތްތަކާމެދުގައި ދެކޮޅުހަދައި، އެއްކިބާވާމީހުން ތިމަންރަސްކަލާނގެއަށް ވަންހަނާވެގެންނެއްނުވެތެވެ. ފަހެ، ހެޔޮކަންބޮޑީ ނަރަކަޔަށް އެއްލައިލެވޭ މީހާހެއްޔެވެ؟ ނުވަތަ ޤިޔާމަތްދުވަހު އަމާންކަމާއެކުގައި އަންނަމީހާ ހެއްޔެވެ؟ ތިޔަބައިމީހުން އެދޭކަމެއްކުރާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ތިޔަބައިމީހުން ކުރާކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. “) (ފުއްޞިލަތު 40)
-ނިމުނީ-
( މި ލިޔުމުގެ ފުރަތަމަ ބައި ވިދާޅުވުމަށް ކްލިކްކޮށްލައްވާ )
މަޢްލޫމާތު ނަގާފައިވަނީ: فتح ربّ البرية بتلخيص الحموية لفضيلة الشيخ العلامة محمد بن صالح العثيمين – رحمه الله –