[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެމެންގެ ދަރިން ނުކިޔަމަންތެރި ނުވުމަށްޓަކައި … (29)

އެއްވަނަ އަސާސް: ބިރު

މައިންބަފައިންގެ ހިތުގައި ދަރިންނާމެދު އޮންނަ ބިރުވެތިކަމަކީ އެކުދިން އިސްލާހުވެގެންދިއުމަށް މަގުފަހިވާ ކަމެކެވެ. ދަރިންނަށް ކުރިމަތިވެދާނެ ނުރައްކަލަކުން އެކުދިން ސަލާމަތްކޮށް އެކުދިންގެ ޝަޚުޞިއްޔަތު ބިނާކުރުމަށްޓަކައި މައިންބަފައިންގެ ހިތުގައި އެކުދިންނާމެދު ބިރުވެތިކަމެއް ހުންނަން ޖެހޭނެއެވެ. މިތާނގައި އަޅުގަނޑު، ބިރުގެ ގޮތުގައި މިބަޔާންކުރަނީ ޠަބީޢީ ބިރެވެ. މިސާލަކަށް: ދަރިފުޅަށް ކުރިމަތިވެދާނެ ނުރައްކަލަކަށް ބިރުގަނެ، އެކަމުން އެކުދިން ސަލާމަތްކުރުމަށް އެޅެންހުރި ފިޔަވަޅުތައް އެޅުމެވެ. އަދި ރަނގަޅު ކަންކަމަށް އެކުއްޖާއަށް މަގު ދެއްކުމެވެ. އަދި ޝުބުހާތްތަކާއި، ކުށްތަކާއި، ނުރައްކާތަކުން ސަލާމަތްކުރުމެވެ. އަދި ނުބައި ރަޙުމަތްތެރިންނާއި، ގޯސްކަންތައް ޒީނަތްތެރި ކޮށްދޭ މީހުންގެ ކިބައިން ދުރުކުރުމެވެ. އަދި އެކުދިންގެ އަމިއްލަ ނަފްސު ރައްކާތެރިކުރާނެ ގޮތް ބުނެދިނުމެވެ.

މިކަންކަން ކުރުމުގެ ގޮތުން 5 ކަމަކަށް ރައްކާތެރިވާންޖެހޭނެއެވެ. އަދި ދަރިން ޞާލިޙު ބައެއްގެ ގޮތުގައި ވެގެންދިއުމަށްޓަކައި، މައިންބަފައިން، މިބަޔާންކުރެވޭ ކަންކަން ނެތިދާނެކަމަށް ބިރުގަނެ، އަދި އެކަންކަން ހުރި ނެތް ގޮތް ރަނގަޅަށް ބަލަހައްޓައި ހަދަންވާނެއެވެ. މި 5 ކަމަކީ ދީނުގައި އެކަންކަން ރައްކާތެރިކުރުމަށް އަންގަވާފައިވާ 5 ކަމެވެ.

ދަރިންތަރުބިއްޔަތުކުރުމުގައި ތަބާވާންޖެހޭ އަސާސީ ޤަވާއިދުތައް:

  • ތިބާގެ ދަރިފުޅުގެ ދީންވެރިކަމަށް ލޮޅުންއަރާފާނެކަމަށް، އަދި ބަލިކަށިވެދާނެކަމަށް ބިރުވެތިވުން: އެއީ ދީނަކީ، މީހާ އިޞްލާޙުވުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބެވެ. އެހެންކަމުން ދަރިފުޅުގެ އީމާންތެރިކަން ހުރިނެތް މިންވަރު ބަލާށެވެ. އަދި އޭނާ ޤަބޫލުކުރާ ޤަބޫލުކުރުންތަކަކީ ކޮބައިކަން ބަލާށެވެ. އަދި ނަމާދާއި ރޯދަ ފަދަ އަޅުކަންތައް އަދާ ކުރާގޮތް ބަލާށެވެ. ސަބަބަކީ ދީނުގެ ސަބަބުން މީހާގެ އަޚްލާޤު މަތިވެރިވެގެންދެއެވެ. ދީނަކީ ދުނިޔަވީ ކަންކަމުން ވަކި ކުރެވޭނެ އެއްޗެއް ނޫނެވެ. އެހެންވީމާ، އާއްމު ދިރިއުޅުމުގެ ކޮންމެ ކަމެއްވެސް ދީނާ ގުޅުވާށެވެ. އޭގެ ސަބަބުން ދަރިން ބޮޑުވަމުންދާނީ ﷲއަށް ކިޔަމަންތެރިވާ ބައެއްގެ ގޮތުގައެވެ. އަދި އެކުދިންގެ އުޅުން ވެގެންދާނީ ﷲ ރުއްސަވާ، އަދި ހެޔޮމަގުގައި ސީދާވެފައިވާ އުޅުމެއް ކަމުގައެވެ. އަދި މައިންބަފައިންގެ ޙައްޤުތައް ދަންނަ، އަދި މައިންބަފައިންގެ މަޤާމަކީ ކޮބައިކަން އެނގި އެމީހުންނަށް ކިޔަމަންތެރިވާ ބައެއްގެ ގޮތުގައެވެ.

ޙަޔާތުގެ ހުރިހާ ވަގުތެއްގައިވެސް ދީންވަނީ އަހަރެމެންނާ ގުޅިފައެވެ. އެހެންކަމުން ކުދިންގެ ޢަޤީދާ ހަރުދަނާކޮށް، އިސްލާމީ ރިވެތި އަޚްލާޤާއި އުސޫލުތައް، ދަރިފުޅުގެ ކިބައިގައި ހަރުލެއްވުމަށްޓަކައި މިފަދަ ފުރުސަތުތަކުގެ ބޭނުން ހިފާށެވެ.

އާއްމު ދިރިއުޅުމުގެ ކަންކަމުގައި އުޅޭއިރު ދިމާވާ ކަންކަން، އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ގޮތަށް ޙައްލުކުރާށެވެ. މިސާލަކަށް: ތިބާގެ ދަރިފުޅު، ފެން ބުއިމަށްޓަކައި އޭނާ އިށީނދެ އިންތަނުން ތެދުވެގެން ގޮސްފައި އައިއިރު އެތާނގައި، އޭނާގެ ކޮއްކޮ އިށީނދެއްޖެއެވެ. އޭގެ ސަބަބުން ދެކުދިންގެ މެދުގައި ޒުވާބު ހިނގައި ދެކޮޅުވެރިވާން ފެށުމުން، އެދެކުދިންގެ މެދުގައި ޝަރުޢުގައި ކަނޑައެޅިގެންވާ ގޮތަށް ގޮތް ނިންމާށެވެ. އެއީ އެތަނުގައި އިށީދެ އިނުން ހައްޤުކަން ބޮޑީ އެތަނުގައި ފުރަތަމަ އިށީނދެ އިން ކުއްޖާއެވެ. އެހެނީ، ޙަދީޘްގައި އައިސްފައިވާގޮތުން، ޙާޖަތަކަށްޓަކައި މީހަކު އިންތަނުން ތެދުވެގެން ގޮސްފައި، އެނބުރި އައިސްފިނަމަ އެތަނުގައި އިށީނުމުގެ ޙައްޤުކަން ބޮޑީ އޭނާއަށެވެ. އެހެންކަމުން، ކޮންމެ ކަމެއްގައިވެސް ހެވާއި ނުބައި ވަކިކޮށް ނިޔާ ކަނޑައަޅަނީ އިސްލާމްދީންކަން އެކުދިންނަށް ވިސްނިގެންދާނެއެވެ. ގޭތެރޭގައާއި އެހެނިހެން ތަންތާނގައިވެސް، އަހަރެމެންގެ އުޅުން ހަމަމަގަށް އަޅުވަނީ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތްތަކުންކަން އެކުދިންނަށް ވިސްނޭނެއެވެ.

މިގޮތަށް ކަންތައްތައް ކުރުމަށްޓަކައި، ގިނަގިނައިން ޙަދީޘް ފޮތްތަކާއި، ތަފްސީރު ފޮތްތައް ކިޔާށެވެ. އަދި ދީނުގެ ޙުކުމްތައް އުނގެނި ދަސްކުރާށެވެ. ނަބަވީ އާދަތަކާއި، އަޚްލާޤާއި، މުސްލިމެއްގެ ޝަޚުޞިއްޔަތު ހުންނަންވާ ގޮތް ދެނެގަތުމަށްޓަކައި ފޮތްތައް ކިޔާށެވެ. އެއަށްފަހު، މިއަދަބުތައް ދަސްކޮށްދެވޭނެފަދަ ފުރުޞަތުތަކުގެ ބޭނުން ހިފާށެވެ. އޯގާތެރިކަމާއި އެކީގައެވެ. މިސާލަކަށް: ދަރިފުޅު ހަޑިބަހުން ވާހަކަ ދައްކައިފިނަމަ، އަވަހަށް ދަރިފުޅު ހުއްޓުވައި، ހަޑިބަސް ބޭނުންކުރުމަކީ ގޯސްމީހުން ކުރާ ކަމެއްކަމަށާއި، އިއްޒަތްލިބިގެންވާ ބަޔަކު އެކަހަލަ ކަންކަން ނުކުރާނެކަން ބުނެދޭށެވެ. ((لَيْسَ الْمُؤْمِنُ بِالطَّعَّانِ وَلاَ اللَّعَّانِ وَلاَ الْفَاحِشِ وَلاَ الْبَذِيءِ)) މާނައީ: “މުއުމިނަކީ މީހުންގެ އަބުރާ ބެހި، އަނެކުންނަށް ލަޢުނަތްދީ، ހަޑި ހުތުރު ބަސްތައް ބުނެ، ބޭކާރު ވާހަކަ ދައްކައި އުޅޭނެ މީހަކު ކަމުގައި ނުވެއެވެ.” މިފަދަ ދަލީލުތަކުގެ އަލީގައި ދަރިންނަށް ނަސޭހަތްދިނުމުގައި މަންމަ ދެމިހުރެއްޖެނަމަ، އެފަދަ ގޯސް ކަންތަކުން ދަރިފުޅު ދުރުކުރުމަކީ ފަސޭހަކަމެކެވެ. އެހެންނަމަވެސް، އެފަދަ ހަޑި ބަސްތައް ބޭނުންކުރުމުގައި ދަރިފުޅު ދެމިހުރެއްޖެނަމަ، މިއަށްވުރެ ހަރުކަށިކޮށް އެކަމާ މުޢާމަލާތްކުރަންޖެހޭނެއެވެ. އެދަރިފުޅު އެކުރަނީ މުސްލިމަކު ކުރަން ހެޔޮނުވާ ވަރުގެ ކަމެއްކަމާއި، އަދި އެއްވެސް ގޮތެއް ހުންނަ މީހަކާ އެކަށޭނަ ކަމެއް ނޫންކަން އެދަރިފުޅަށް އިޙުސާސްކޮށްދޭށެވެ. އަދި އެދަރިފުޅު އިސްލާހުކުރުމުގައި ގަދައަޅައި މަސައްކަތްކުރާށެވެ. މިގޮތަށް ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ އެކުދިންގެ ޚުލްޤު ބައްޓަންވެގެންދާނީ ޤުރުއާނުގައި އަންގަވާފައިވާ ގޮތަށެވެ. އަދި އެކުދިންގެ ޙަޔާތުގައި ދިމާވާ ކަންކަން ޙައްލުކުރުމުގައި އެކުދިން ރުޖޫޢަވާނީ އިސްލާމްދީނަށެވެ.

ރީތިކޮށް ޤުރުއާން ކިޔަވާ ޤާރީއެއް އިޚްތިޔާރުކުރުމަށްފަހު، އެޤާރީއެއްގެ ކިޔެވުން ޖަހާފައި ބަހައްޓާށެވެ. އެއީ ކުދިން ޤުރުއާން އަޑުއެހުމަށް ހޭނުވުމަށާއި، ޤުރުއާން ހިތުދަސްކުރުމަށެވެ. އަދި އެކުދިންނަށް ނަބީބޭކަލުންގެ ވާހަކަތައް ކިޔައިދޭށެވެ. ކުދިން ތަންކޮޅެއް ބޮޑުވުމުން ސޫރަތްތަކުގެ ތަފްސީރު ކިޔައިދޭށެވެ. އަދި ކީރިތި ޤުރުއާނުގައި ބަޔާންވެފައިވާ އެކި ޙާދިޘާތަކުގެ ވާހަކަ ކިޔައިދޭށެވެ. މިސާލަކަށް: ކަހުފު ބާގައިގެ މީހުންގެ ވާހަކައާއި، ނަބީ ބޭކަލުންގެ ވާހަކައާއި، އަޙްޒާބު ހަނގުރާމައިގެ ވާހަކަ ފަދަ ވާހަކަތަކެވެ. އެހެނީ މިފަދަ ވާހަކަތަކަކީ ރީތި އަދި އޭގައި އެތައް އިބްރަތްތައް ހިމެނިފައިވާ ވާހަކަތަކެވެ. އެހެންކަމުން މިފަދަ ވާހަކަތައް ކިޔައިދިނުމުގެ ސަބަބުން އެކުދިންގެ ހިތްތަކުގައި އިސްލާމީ އަޤީދާ ބިންވަޅު ނެގި، އަދި ހަމައެއާއެކީ އެއިން އިބްރަތްވެސް ޙާސިލުވެގެންދާނެއެވެ.

ދަރިންނަށް ހެޔޮބަސް އިއްވައި ނަސޭހަތް ދޭށެވެ. މުނާސަބު ވަގުތެއް ކުރިމަތިވެއްޖެނަމަ، ހެޔޮ ބަހެއް އިއްވާލާށެވެ. އެކުދިންނަށް ކުށެއް ކުރެވިއްޖެނަމަ، އަވަހަށް އެކަން އިސްލާހުކުރަން މަސައްކަތްކުރާށެވެ. އަދި އެފަދަ ކުށެއް ކުރެވިއްޖެނަމަ، ﷲ އެކުދިން ނަރަކައަށް ވައްދަވާނޭ ބުނުމުގެ ބަދަލުގައި، ސުވަރުގެ ހޯދުމަށްޓަކައި މިވެނި ކަމެއް ކުރާށޭ ބުނާށެވެ. ކުޑަކުދިންނަކީ ވަރަށް އަވަހަށް ކަންކަން ދެކެ ފޫހިވެ، އަދި އެކުދިންނަށް އަވަހަށް ލިބޭނެ ފައިދާއަށް ލޯބިކުރާ ބައެކެވެ. ސުވަރުގެއަކީ މަރުވުމަށްފަހު ލިބެން އޮތް ތަނެކެވެ. އަދި އެތަންވަނީ ޣައިބުގައެވެ. އެހެންކަމުން، ބައެއް ކުދިންނަށް މިކަން ދޭހަވާން އުނދަގޫވެދާނެއެވެ. އެހެންކަމުން، މަތީގައި ބަޔާންކުރެވުނު އުސްލޫބާއި އެކީ ތިރީގައި މިބަޔާންކުރެވޭފަދަ ތަފާތު އެހެން އުސްލޫބެއް ބޭނުންކޮށްލާށެވެ:

ދަރިފުޅަށް މަގު ދައްކައިދޭއިރު، ރިވެތި އުސޫލާއި އަޚްލާޤާ ގުޅުވައިގެން މަގު ދައްކާށެވެ. ޝަރީޢަތުގައި އައިސްފައިވާ އުސޫލުތަކަށް އިސްކަންދޭށެވެ. އަދި މުޖުތަމައުގައާއި، އިހްތިރާމް ލިބިގެންވާ މީހުން ގެންގުޅޭ ރީތި އުސޫލުތަކަށްވެސް ރިޢާޔަތްކުރާށެވެ. އެއީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަވެސް ކަން ކުރައްވާފައިވާ ގޮތެވެ. ޞަޙާބީ ބޭކަލުންނަށް ވުޟޫކުރަން އެކަލޭގެފާނު ދަސްކޮށްދެއްވި ގޮތަށް ނިކަން ބަލާށެވެ: “ގޭދޮރުމަތީގައި ކޯރެއް އޮވެ އެކޯރުން ކޮންމެ ދުވަހަކު 5 ފަހަރު ފެންވަރާ މީހެއްގެ ގައިގާ އެއްވެސް ކިލައެއް ހުންނާނެ ހެއްޔެވެ؟” އަޅުކަމެއްގެ ވާހަކަ ބަޔާންކޮށްދެއްވުމަށްޓަކައި އެކަލޭގެފާނު ބޭނުންފުޅު ކުރައްވާފައިވަނީ ދުނިޔަވީ މިސާލެކެވެ. ފިރިހެނަކު ޒިނޭކުރުމާއި ދުރުކުރުމަށް އޭނާއަށް ވިސްނައިދެއްވިގޮތް ބަލާށެވެ: “ކަލޭގެ މަންމައަށް އެކަން ލޯބި ކުރަން ހެއްޔެވެ؟ ކަލޭގެ ދައްތައަށް/ ކޮއްކޮއަށް އެކަން ލޯބި ކުރަން ހެއްޔެވެ؟” މިކަން އެކަލޭގެފާނު ގުޅުއްވާލެއްވީ ކޮންމެ މީހަކުވެސް ލޯބިކުރާ އުސޫލުތަކާއިއެވެ (އެއީ އާއިލާގެ މީހުންގެ އިއްޒަތާއި އަބުރު ސަލާމަތްކުރުމެވެ). އެކަލޭގެފާނު އެޒުވާނާ ކައިރީ ތިޔައީ ޙަރާމްކަމެކޭ، ތިބާ ދާނީ ނަރަކައަށޭ، ހުރިހާ ޢަމަލުތައް ގެއްލިދިއައީއޭ ކިޔައި ދޫކޮށް ނުލައްވައެވެ. އެހެންކަމުން، ދަރިންނަށް ހެޔޮ މަގަށް މަގު ދައްކައިދޭއިރު މިފަދަ އުސްލޫބު ބޭނުންކުރާށެވެ. އޭރުން އެކުދިން ތިބާއަށް ތަބާވާނެއެވެ.

މައިންބަފައިން އެމީހުންގެ ދަރިންގެ ކިބައިގައި ހަރުލައްވަން ޖެހޭ ވަރަށް ގިނަ ރިވެތި ސިފަތައްވެއެވެ. އޭގެ ތެރޭގައި ޢަދްލުވެރިކަމާއި، ތެދުވެރިކަމާއި، ތަޤްވާވެރިކަމާއި، ބުނާ ބަހުގައި ޘާބިތުވުމާއި، އޯގާތެރިކަން ހިމެނެއެވެ. މިގޮތުން ރަޙްމަތާއި އޯގާތެރިކަން އެކުދިންގެ ކިބައިގައި އަށަގެންނެވުމަށް ކުރެވިދާނެ ކަމެއް މިތާނގައި ބަޔާންކޮށްލާނަމެވެ: ތިބާގެ ދަރިފުޅު ޖަނަވާރަކަށް އަނިޔާ ދެނިކޮށް ފެނިއްޖެނަމަ، އަވަހަށް ގޮސް އޭނާގެ އަތުން އެޖަނަވާރެއް އަތުލާށެވެ. އަދި އެޖަނަވާރުގެ ގައިގައި ފިރުމާލާށެވެ. އަދި އޯގާތެރިކަމާއެކީ އެޖަނަވާރަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ބަލާށެވެ. އަދި އަސްތަޣުފިރުﷲ ނުވަތަ لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ  ބާރަށް ކިޔާށެވެ. އެއަށްފަހު، ދަރިފުޅާ ދިމާއަށް އެނބުރި އޯގާތެރިކަމާއެކު އޭނާ ކައިރީ ސުވާލުކުރާށެވެ. “ކީއްވެތަ އެޖަނަވާރަށް ތިގޮތަށް ހެދީ؟ އޭތި ދަރިފުޅަށް ގެއްލުމެއް ދިނީތަ؟” އެއަށްފަހު، ކަންތައް ވެގެންދިޔަ ގޮތާމެދު މަންމަ ދެރަވިކަން ބުނެދީ، އަދި އެޖަނަވާރުގެ ސަލާމަތަށް މަންމަ އަހައްމިއްޔަތުދޭ ކަން ފާޅުކޮށް އެކުއްޖާގެ ޒަމީރު ހޭލައްވަން މަސައްކަތްކުރާށެވެ. އަދި ޖަނަވާރުތަކާބެހޭ މަޢުލޫމާތާއި ވާހަކަތައް ދަރިފުޅަށް ކިޔައިދޭށެވެ. އަދި އެއެއްޗެއްހީގެ އިހުސާސްތައް ހުންނަ ގޮތާއި، އަދި ތަދު އިހުސާސްކުރާ ގޮތް ކިޔައިދޭށެވެ. އަދި މާތް ﷲ އަހަރެމެންނަށް ޖަނަވާރުތަކަށްވެސް އިޙުސާންތެރިވުމަށް އަންގަވާފައިވާކަމަށް ބުނެދޭށެވެ. އަދި އަހަރެމެންނަށް ގެއްލުންދޭ ޖަނަވާރެއް މަރާއިރުވެސް އިޙުސާންތެރިވާންޖެހޭ އިރު، އަހަރެމެންނަށް ގެއްލުން ނުދޭ ޖަނަވާރަކަށް ގެއްލުންދިނުމަކީ ކިހާ ވަރެއްގެ ކަމެއްކަން ވިސްނައިދޭށެވެ. އެއްވެސް ސަބަބެއް ނެތި ޖަނަވާރުންނަށް އަނިޔާ ދިނުމަކީ ﷲ ކޯފާވެވޮޑިގެންވާކަމެއްކަން ބުނެދޭށެވެ. މާތް ﷲ، ބައެއް ޖަނަވާރުން ހައްދަވާފައިވަނީ ޒީނަތެއްގެ ގޮތުގައެވެ. އަހަރެމެން އޭގެ ސިފައާއި އަޑުތަކުން ހިތްހަމަޖެހުން ހޯދުމަށްޓަކައެވެ. ނުވަތަ އެޖަނަވާރުތައް މެދުވެރިކޮށް ނުރައްކާތެރި ސޫފިތަކުން އަހަރެމެން ސަލާމަތްކޮށްދެއްވުމަށްޓަކައެވެ. އެއީ ފައިދާހުރި، އަދި ރީތި އެއްޗެއްސެވެ. އަދި ރީތި ކުލަކުލައިގެ ފޮޓޯތައް ހުންނަ ޖަނަވާރުތަކާއިބެހޭ ފޮތް ދަރިފުޅަށް ދޭށެވެ. އަދި ޖަނަވާރެއް ފެނުމުން، އޭގެ ރީތި ސޫރައާއި، އޭގެ ހަރަކާތްތައް ތިބާއަށް ރީތިވިކަން ފާޅުކޮށް ދައްކާށެވެ. އަދި ދަރިފުޅު ލައްވައި އޭގައި އަތް ލައި ކުޅެން ބޭނުންނަމަ ކުޅެން ދޭށެވެ. އޭގެ ސަބަބުން ޖަނަވާރުތައް ދެކެ ލޯބިވެ، އެއެއްޗެއްސަށް އަނިޔާކުރުން ހުއްޓާލާނެއެވެ.

ދަރިންނަށް ހެޔޮ މަގަށް މަގުދައްކައި، ގޯސްކަންތައް އިސްލާޙުކޮށް ހެދުމުގައި ހުއްޓާނުލައި ކުރިއަށްދާށެވެ. ކުދިންނަކީ ނަސޭޙަތް އަޑުއެހުމަށްވުރެ ބޮޑަށް އެކުދިން އިސްކަންދެނީ މަޖާކުރުމަށެވެ. އަދި ދެވޭ ނަސޭހަތަށް ތަބާވުމަށްވުރެ، އެހެން މީހުން އުޅޭ ގޮތް ކޮޕީކުރުމަކީ އެކުދިން ކުރާ ހިތްވާކަމެކެވެ. އެހެންކަމުން، ދެވޭ ނަސޭހަތަށް ތަބާވުމަށް ހަނދާންނެތި، އަނެއްކާވެސް ޖަނަވާރުންނަށް އަނިޔާކޮށްފާނެއެވެ. ނުވަތަ އެހެންވެސް ނުކުރަން ބުނާ ކަމެއް ކޮށްފާނެއެވެ. މިގޮތަށް ކަންތައްވިއަސް ހިތްވަރު އެލުވާނުލައި އެކުދިންނަށް ހަނދާންކޮށްދިނުމުގައި ދެމި ހުންނާށެވެ. އެހެނީ ހަނދުމަކޮށްދިނުމން މުއުމިނުންނަށް ފައިދާކުރާނެއެވެ. (ނުނިމޭ)

__________________________

މި ލިޔުމުގެ އިތުރު ލިޔުންތައް ބެއްލެވުމަށް ފިއްތަވާލައްވާ!