[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެމެންގެ ދަރިން ނުކިޔަމަންތެރި ނުވުމަށްޓަކައި … (30)

2- ތިބާގެ ދަރިފުޅުގެ ދިރިއުޅުމަށް ގެއްލުމެއް ލިބިދާނެކަމަށްޓަކައި ބިރުހީވުން: އަހަރެންގެ 15 އަހަރުގެ ދަރިފުޅު، ވަރަށް ކާރުބާރު ބޮޑު މަގެއް ހުރަސްކުރަން ދަނިކޮށް އަހަރެން މަޑުމަޑުން މިފަދައިން ކީމެވެ. “ﷲ ދަރިފުޅު ޙިމާޔަތްކުރައްވާށި!”. މިއަޑު އަހަރެންގެ ރަޙުމަތްތެރިއަކަށް އިވިގެން އޭނާ ބުންޏެވެ. “ކިހާ ދުވަހެއްވަންދެން އެދަރިފުޅާމެދު ބިރުހީވެ ތިހެން އުޅޭނީ؟ އޭނާ އަމިއްލައަށް އުޅެން ދޫކޮށްލާ، އޭނާ ކަންކަމާއި ކުރިމަތިލައި ދަސްކޮށް ބޮޑު މީހަކަށްވެގެންދާނެ.”

އަހަރެން މިފުރުޞަތުގެ ބޭނުން ހިފައި، ގިނަ މަންމައިން އިހުމާލުވެ އެމީހުންގެ ފިރިހެން ދަރިން އަމިއްލައަށް ބޮޑެތިވާން ދޫކޮށްލާ ކުރުމާއިމެދު އަހަރެންގެ ނުރުހުންތެރިކަން ފާޅުކުރީމެވެ. އަހަރެން ބުނީމެވެ. “ފިރިހެނުންނަށް ކަމެއް ވެދާނެތީ އެކަމާ ކަންބޮޑުނުވަންތަ؟ އެހެން މީހުންނެކޭ އެއްފަދައިން ފިރިހެނުންނަށްވެސް އެކިއެކި ޙާދިސާތަކާ ކުރިމައްޗެއް ނުވޭތަ؟!” އަހަރެން ވަރަށް އަމިއްލަ ނަފްސަށް އިތުބާރާއި އެކީ ވާހަކަ ކުރިއަށް ގެންދިއައީމެވެ. “އަހަރެންގެ ދަރިފުޅާމެދު ކަންބޮޑުވީމަ ކީއްވެ އެކަމާ އަޖާއިބުވާންވީ؟ އިހަކަށް ދުވަހަކު ނޫންތަ ތިބާގެ ތިމާގެ ޑޮކްޓަރެއްގެ ކާރު އެކްސިޑެންޓެއް މިފަދަ މަގަކުން ހިނގީ؟ އޭނަ އެއީ ބޮޑު ފިރިހެނެއް، އެތައް ދަރިންގެ ބައްޕައެއް، އަދި ސާޖަންއެއް، އޭނައަށް އެނގޭނެ އެކްސިޑެންޓުތަކުގައި މީހުންގެ ފުރާނަ ދާކަންވެސް. އެހެންވީމަ، އަހަރެން ކީއްވެ އަހަރެންގެ ފިރިހެން ދަރިފުޅަށް ކަމެއް ވެދާނެތީ ބިރު ނުގަންނަންވީ؟”

އަހަރެންގެ ރަޙުމަތްތެރިޔާ އަހަންނާ އެއްބަސްވުމުގެ ގޮތުން ބޯޖަހާލީމަ އަހަރެން ހައިރާންވެސް ވިއެވެ. އަދިވެސް އަހަރެން ބުނީމެވެ. “މިސާލަކަށް: އަހަރެންގެ ދަރިފުޅާމެދު އާދަޔާ ޚިލާފަށް ބިރުގަންނަނަމަ، އަހަރެން އޭނާ ބަހައްޓާނީ ގޭގައި ހައްޔަރުކޮށްފަ، އަދި ޒަރޫރީ ބޭނުމަކަށްޓަކައި މެނުވީ ބޭރަށް ދިޔަކަ ނުދޭނަން، އޭނަ ބައްޕައާ އެކީ ނޫނީ. އެހެންނަމަވެސް، އަހަރެންނަށް އެނގޭ އަހަރެންގެ ދަރިފުޅަކީ ބާލިޣުވެފައިވާ، ބުއްދިހުރި، ރަނގަޅު ގޮތް އެނގޭ ކުއްޖެއްކަން. އެހެންވީމަ އަހަރެން ހަމައެކަނި އޭނާ ސުޕަވައިޒްކުރަނީ، އަދި ނުރައްކާތެރި ކަމެއް އަންނަނަމަ އޭނާ އެކަމާމެދު ހުޝިޔާރުކުރުވަނީ. އަދި އެކިއެކި އާލާތްތަކާއި ތަކެތި ބޭނުންކުރަން ދަސްކޮށްދީ، އޭނާގެ އަމިއްލަ ނަފްސު ދިފާޢުކުރާނެގޮތް ބުނެދީ، އެއަށްފަހު އޭނާއަށް ހެޔޮ ދުޢާކޮށްދީ ﷲއާ ވަކީލުކުރަނީ. އޭނާ ބޮޑުވަމުންދާ ވަރަކަށް އަހަރެން އޭނާގެ ކަންކަން ބެލުމުން ދުރުހެލިވަން، އޭރުން އޭނާގެ ކަންކަންކުރުމަށް އަމިއްލަނަފްސަށް އެއްކޮށް ބަރޯސާވާނެ، އަދި އޭނާ ހަނދާން ނެތިއްޖެނަމަ ހަނދާންކޮށްދީ، އަދި ގޯސްކޮށް ކަމެއް ކުރެވިއްޖެނަމަ ނަސޭހަތްދޭން އަހަރެން ޖެހޭނީ.”

އެހެންކަމުން އަހަރެންގެ ނަސޭހަތަކީ ދަރިފުޅުގެ ޙަޔާތަށް އައިސްދާނެ ނުރައްކަލަށް ބިރުވެތިވެ، އެންމެހައި އާފާތްތަކާއި، އައިބުތަކުން އޭނާ ސަލާމަތްވެ ހުރުމަށް އެދޭށެވެ. ހަށިގަނޑުގެ އެއްވެސް ގުނަވަނަކަށް ގެއްލުން ލިބުމަކީވެސް ނަފްސާނީ ގޮތުން ކުއްޖާއަށް އަސަރުކުރާނެ ކަންކަމެވެ. އެހެންކަމުން އެފަދަ ގެއްލުމެއް ލިބިދާނެފަދަ ކަންކަމުން ދަރިފުޅު ދުރުކުރާށެވެ. މިސާލަކަށް: ބެލްކަނީގެ ފާރު ނުވަތަ ދަނގަޑު މަތީގައި ނީށީނުމަށާއި، ތޫނު އެއްޗެހި ނުނެގުމަށާއި، ކަރަންޓާ ނުކުޅުމަށް ބުނާށެވެ. މަންމަމެން ކޮޕީ ކުރަން މަސައްކަތްކުރަނިކޮށް އެކުދިންގެ އިނގިލި ކަނޑައިގެންގޮސް ނުވަތަ ލޮލަށްވެސް އަނިޔާ ލިބިފައިވަނީ ކިތައް ކުދިންނަށް ހެއްޔެވެ! އެހެންކަމުން ދަރިފުޅު ކައިރީގައި ބަހައްޓައިގެން މޭވާ ކޮށާށެވެ. އަދި ތޫނު ވަޅިފަދަ ތަކެތި ބޭނުންކުރާނެ ގޮތް ބުނެދޭށެވެ. އަދި އޮރެންޖުފަދަ މޭވާގެ ތޮށި ނައްޓާއިރު ވަޅި ގެންގުޅޭނެ ގޮތާއި، ގޭސް އުނދުން ރޯކޮށް ނިއްވާނެ ގޮތާއި، އަވަން ހުޅުވައި އޭގައި ހުންނަ އެއްޗެހި ނަގަން ކަންތައް ކުރަންޖެހޭ ގޮތާއި، ރައްކާތެރިކަމާއި އެކު މަގު ހުރަސް ކުރާނެ ގޮތާއި، ދުއްވާ އެއްޗެހީގެ ދޮރު ދުއްވަ ދުއްވަ ހުއްޓާ ނުހުޅުވުމަށާއި، ކާރުގެ ހުންގާނު ފަދަ ތަކެއްޗާ ނުކުޅުމަށް ބުނާށެވެ.

ސަލާމަތްކަމާއި ފުރިހަމަ ސިއްޙަތެއްގައި ހުރުމީ، ދަރިންނަށް ޙަޔާތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ހެޔޮ އަމަލުތައްކޮށް ތަޤުވާވެރިވުމަށް މަސައްކަތްކުރުމަށް މަގު ފަހި ކޮށްދޭނެ ކަމެކެވެ. ބައެއް މައިންބަފައިން އެމީހުންގެ ދަރިން އުމުރުން ވަރަށް ޅައިރުގައި އެކުދިންނަށް އާ ކާރު ގަނެދީ، ޤާނޫނީ ގޮތުން ބޮޑެތި މީހުންނަށް ނުވަނީސް ދުއްވަން ދެއެވެ. މީގެ ސަބަބުން އެކުދިންގެ ފަރުވާލެއް ނެތް ދިރިއުޅުމަކަށް ހިތްވަރުދެވިގެންދެއެވެ. އަދި އޭގެ ސަބަބުން ނުބައި ނަތީޖާތައް ނުކުމެއެވެ. އެކުދިންގެ ފުރާނައާއި އެހެން މީހުންގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެންދެއެވެ.

އަދިވެސް ދަރިފުޅު އެކަނި ދަތުރުކުރުމާމެދު ބިރުވެތިވާށެވެ. މިއީ ސުންނަތުގެ ތެރޭގައި ހިމެނޭ ކަމެއްވެސް މެއެވެ. ދަތުރުކުރާއިރު އެންމެ އެދެވިގެންވާ ގޮތަކީ ގިނަ މީހުން އެކީގައި ގްރޫޕު ގްރޫޕުގައި ދަތުރުކުރުމެވެ. މަދުވެގެން ތިން މީހުންގެ ގުރޫޕެއްގައެވެ. މީހަކު އެކަނި ދަތުރުކުރުމަކީ މަކުރޫހަވެގެންވާ ކަމެކެވެ. ޙަދީޘެއްގައި އައިސްފައިވެއެވެ. ((الرَّاكِبُ شَيْطَانٌ، وَالرَّاكِبَانِ شَيْطَانَانِ، وَالثَّلَاثَةُ رَكْبٌ)) މިޙަދީޘްގައިވެސް މިވަނީ “އެކަނި ދަތުރުކުރާ މީހާއަކީ ޝައިޠާނެއް ކަމުގައެވެ. އަދި ދެ މީހުންނަކީ ދެ ޝައިޠާނުން ކަމުގައެވެ. އަދި ތިން މީހުންނަކީ ދަތުރުވެރިންގެ ޖަމާޢަތެއް ކަމުގައެވެ.” އެހެންކަމުން، ދަރިން އެކަނި ދަތުރުކުރުމަށް ދޫކޮށްނުލާށެވެ. ބައެއް މައިންބަފައިން އެމީހުންގެ ދަރިން، ހައިވޭތަކުން އެއް އަވަށުން އަނެއް އަވަށަށް، ނުވަތަ އެއް ގައުމުން އަނެއް ގައުމަށް ދިއުމަށް ދޫކޮށްލައެވެ. ބައެއްފަހަރު މިފަދަ ދަތުރުތަކަކީ ވަރަށް ދުވަސް ނަގާ، އަދި އެއްވެސް ބޭނުމެއްނެތި ކުރެވޭ ދަތުރުތަކެކެވެ. އަދި އަމިއްލަ ކާރުގައި ދާނަމަ، ނިދީގެ ސަބަބުން ނުވަތަ ބާރަށް ދުއްވުމުގެ ސަބަބުން އެކުދިން ނުރައްކަލަށް ހުށަހެޅެއެވެ. އަދި އެގޮތަށް ދަތުރުކުރާއިރު، އެބައެއްގެ ހިތުގައި ބަލިމަޑުކަންވާ ބައެއްގެ ދަންތުރައެއްގައި އެކުދިން ޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެފަދަ ބަޔަކު އެކުދިންނަށް ގެއްލުން ދީފިނަމަ އެކުދިންނަށް ނަފްސާނީ ގެއްލުމާ ކުރިމަތިލާން ޖެހިދާނެއެވެ. ތިމާގެ ދަރިން ނަފްސާނީ ގޮތުން ދުޅަހެޔޮ ކަންމަތީ ބެހެއްޓުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެހެންނޫނީ އެކުދިންނަށް ނުރައްކަލެއް ކުރިމަތިވެއްޖެނަމަ އޭގެ އަސަރު މުޅި އުމުރަށް ދެމިގެންދާނެއެވެ. (ނުނިމޭ)

__________________________

މި ލިޔުމުގެ އިތުރު ލިޔުންތައް ބެއްލެވުމަށް ފިއްތަވާލައްވާ!