[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެމެންގެ ދަރިން ނުކިޔަމަންތެރި ނުވުމަށްޓަކައި … (32)

4- ދަރިފުޅު އެކަންކަމަށް ހުށަހެޅޭ ކަންކަމާމެދު ބިރުވެތިވުން: އިދިކޮޅު ޖިންސަށް ހިތް ކިއައި، އެއިހުސާސަށް އަމަލުކުރަން ފެށުމަކީ ހުއްޓުވަން ވަރަށް އުނދަގޫ ޣަރީޒާއެކެވެ. އެކި ވަސީލަތްތައް ބޭނުންކޮށްގެން އެކަންކަން ހަމަ މަގަށް އަޅުވައި ސީދާކުރުވުމަކީ މައިންބަފައިންނަށް ކުރެވޭނެ ކަމެކެވެ. މިގޮތުން ދެޖިންސު މަސްހުނިވުން މަދުކޮށް، މިފަދަ ޣަރީޒާތަކާއި، އިހުސާސްތައް އިތުރުކުރުވާ ކަންކަމާ ދަރިފުޅު ދުރުކުރުވިދާނެއެވެ.

ހިތާމައަކީ މިއަދު މިވަނީ ދަރިން ހެޔޮ މަގުން ކައްސާލުން، އެއީ ވަރަށް ފަސޭހަ އަދި އެންމެންނާވެސް ކައިރި ކަމަކަށްވެފައިވާތީއެވެ. ފޯނުތައް ޒުވާނުން އެކަކު އަނެކަކާ ގާތްކޮށްދެއެވެ. އިންޓަނެޓު މިވަނީ ދެޖިންސުގެ ދެމެދުގައި ގާތް ގުޅުމެއް އުފައްދާފައެވެ. އަދި އަހަރެމެން ސަލާމަތްވެވެން އޮތީ ހަމައެކަނި ތަޤްވާގެ މަގުންނެވެ. ކުޑައިރުއްސުރެން ގިނަ ކުދިންނަށް، އަންހެން ކުދިންނާއި ފިރިހެން ކުދިންނަށް ވަކި ޚާއްސަ ޢާލަމެއް ވާކަން އެކުދިންނަށް އެނގޭނެއެވެ. ކުދިންގެ ސަމާލުކަމަށް މިކަހަލަ ކަންކަން ގެނެސްގެން އެކުދިންގެ ހިތްތަކުގައި މިމަފްހޫމުތައް ބިންވަޅު އަޅުވާނީ މައިންބަފައިންނެވެ. މިސާލަކަށް: އަނެއް ޖިންސުގެ މީހުންނާ އެއްވައްތަރުވުމަކީ ޙަރާމްކަމެއް ކަމަށް އެކުދިން ކައިރީ ބުނެވިދާނެއެވެ. އަދި ފޯނުގެ ޒަރީއާއިންނާއި، ބާޒާރުތަކުގައި އަނެއް ޖިންސުގެ މީހުންނާއި ގުޅި ބޭކާރު އަނގަތަޅައި އުޅުމަކީ މުރޫއަތްތެރިކަމާއި، ރިވެތި އަޚްލާޤާއި ފުށުއަރާ ކަމެއް ކަމާއި އަދި ނުރައްކާތެރި ކަންކަމަށް ހުށަހެޅިގެންދާނެ ކަމެއް ކަމަށް ބުނެދޭށެވެ.

މިގޮތަށް ކުދިން ތަރުބިއްޔަތުކުރުމަށް އެހީވެދޭ އަނެއް ކަމަކީ، ޠަބީޢީ ގޮތުން ފިރިހެން ކުއްޖާގެ އުމުރުން 7 އަހަރުން ފެށިގެން ދެން އެކުދިން އަންހެން ކުދިންނާ ދުރަށް ދާން ފަށައެވެ. އަދި އެކުދިންގެ އަމިއްލަ ދިރިއުޅުމެއް އުޅެއެވެ. އެކުދިންގެ ގާތްތިމާގެ އަންހެން ކުދިންނާއެކުވެސް ކުޅެން ދެކޮޅު ހަދައި، ހަމައެކަނި ފިރިހެންކުދިން ވަކިން އުޅުމެއް އުޅެއެވެ. މިގޮތަށް ކަންކުރަން ފެށުމުން އަންހެންކުދިން ދެރަވެ، ފިރިހެންކުދިން ކުޅެން ހަދާފައި ހުންނަ އެއްޗެހި ހަލާކުކޮށްލައި، މައްސަލަ އުފައްދާލައެވެ. މިފަދަ ފުރުޞަތުތަކަކީ، އަންހެންކުދިންގެ ނަފްސުތަކުގައި އަންހެންވަންތަކަން އަށަގަންނުވައި، އަދި ފިރިހެންކުދިންގެ ނަފްސުތަކުގައި ފިރިހެންވަންތަކަން އަށަގެންނެވުމަށް މަސައްކަތްކުރަންވީ ފުރުޞަތުތަކެކެވެ. އެގޮތުން ކޮންމެ ޖިންސެއްގެ ކުދި ބަޔަކުވެސް އެބައަކަށް ޚާއްސަ ޢާލަމަށް ގުޅި، އެއްޖިންސުގެ ކުދިން އަނެކަކާ ގާތްކޮށް މުޢާމަލާތްކުރެއެވެ. އަދި އިދިކޮޅު ޖިންސުގެ ކުދިންނާ ރަސްމީގޮތަށް ވާހަކަ ދައްކައި، އަދި ވާހަކަ ދައްކަންޖެހޭ ޙާލަތެއް އައިސްފިނަމަ އެކަނި ވާހަކަ ދައްކައެވެ. އަދި އަނެއް ޖިންސުގެ މީހުންނަށް ޚާއްސަ ކަންކަމަށް އިހުތިރާމްކުރެއެވެ. މިކަމަކީ އެކުދިން ބޮޑެތި ވުމަށްފަހު އެކުދިން އިދިކޮޅު ޖިންސުގެ ކުދިންނާ މުޢާމަލާތްކުރުމުގެ އުސޫލުތަކުގައި ހިފަހައްޓާނެ އަދި އެކަމުގައި މާ ކަންފަސޭހަކޮށްލުމުން ދުރުކޮށްދޭނެކަމެކެވެ.

އާއްމު ދިރިއުޅުން އުޅެމުންދާއިރު މިފަދަ މަފްހޫމުތައް ކުދިންގެ ހިތްތަކުގައި އެންމެ ކުޑައިރުއްސުރެ ބިންވަޅު ނެގިގެންދާނެއެވެ. އަދި ދިރިއުޅުމުގެ ކޮންމެ ދުވަހެއްގައި ހިނގާ ކަންކަމުންވެސް މިކަން އެކުދިންގެ ކިބައިގައި ހަރުލާނެއެވެ. މިކަން ޙާސިލުކުރުމަށްޓަކައި ކޮންމެ ނުބައި ކަމެއް ހިނގާތަން ފެނުމުން އެކުދިންނަށް އިވޭވަރަށް ބުނާށެވެ. “މިއީ މަކުރޫހަކަމެކެވެ.”، “މިއީ ހުއްދަ ކަމެކެވެ.”، “މިއީ ކުރުން ރަނގަޅު ކަމެއް ނޫނެވެ. އަދި މުރޫއަތްތެރިކަމާ ޚިލާފުކަމެކެވެ.”، “މިއީ ކުރުން އެންމެ ރަނގަޅު ކަމެކެވެ.” މިގޮތަށް ކަންކުރުމުގެ ސަބަބުން އެކުދިން ހަޑި ކަންކަން އެއީ ހަޑިކަންކަމުގެ ގޮތުގައި ދެކި، ދީނީ ގޮތުން އަމުރުކުރައްވާފައިވާ ކަންކަމަށް ލޯބި ކޮށް އެކަންކަމަށް ހިތްވަރު ދޭނެއެވެ. އެކުދިންގެ ކުރިމަތީގައި ޝަރީޢަތާ ޚިލާފަށް އުޅޭ ހެދުމަށް ނުރުހުން ފާޅުކުރާށެވެ. އަދި ފޯނުން އިދިކޮޅު ޖިންސުކުދިންނަށް އުނދަގޫކުރުން ފަދަ ކަންތަކަށް ނުރުހުން ފާޅުކުރާށެވެ. އަދި ބެލުން ތިރިކުރާ މީހާއަށާއި، ޝަރުޢީ މިންގަނޑާ އެއްގޮތަށް ހެދުން އަޅާ މީހާއަށް ތައުރީފު ކުރާށެވެ. ޓީވީ ބަލަމުންދާ ގަޑީގައި ބަލަން ނުވާ ފަދަ މަންޒަރެއް ފެނިއްޖެނަމަ، އެއަށް އިންކާރުކުރުމާއެކު އަވަހަށް އެހެން ޗެނަލަކަށް ބަދަލުކޮށްލާށެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘުންނާއި ޤުރުއާނުގެ އާޔަތްތަކުން އެކަންކަމަށް އައިސްފައިވާ ދަލީލުތައް ބުނެދޭށެވެ. މިގޮތަށް ބުނެދިނުމުން އެކުދިންގެ ސިކުނޑީގައި މިފަދަ މުހިއްމު ވާހަކަތައް ހަރުލާނެއެވެ. އަދި ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް މިފިކުރުތަކުގެ ބޭނުން ހިފައި، އެދިފާޢުކުރަން މަސައްކަތްކުރާނެއެވެ. އަދި އެކުދިން ވަށައިގެން ހެއްލުންކުރަނިވި ކަންކަން ގިނަވިއަސް އެކުދިންގެ ޟަމީރު އެފަދަ ދަލީލުތަކާއި ޚިލާފުވާ ކަންކަމާ ދެކޮޅުވާނެއެވެ.

ގެއަށް ވަނުމުގެ ކުރިން ހުއްދަ ހޯދުމަށް އެކުދިން އާދަކުރުވާށެވެ. އަދި ގޭގެއަށް ގޮސް އެގޭގެ ބެލް ޖަހަން ދަސްކޮށްދޭށެވެ. އަދި ލައްޕާފައިވާ ދޮރެއް ވެއްޖެއްޔާ އެދޮރެއް ހުޅުވުމުގެ ކުރިން މަޑުމައިތިރި ކަމާއެކު ޓަކި ޖެހުމަށް ދަސްކޮށްދޭށެވެ. ތިބާ ގޭގެ މަސައްކަތުގައި އުޅެނިކޮށް، ތިބާގެ ހަށިގަނޑުން ތަނެއް ފާޅުވެއްޖެނަމަ، އަވަހަށް ދަރިފުޅުގެ ބެލުން ތިރިކުރުމަށް ބުނާށެވެ. ޓީވީއިން އަންހެނަކު ޚަބަރު ކިޔާނަމަ، ޓީވީ ކުރިމަތީ އެއަށް ބަލަހައްޓައިގެން ނުހުރެ، ހަމައެކަނި އަޑު އެހުމަށް ބުނާށެވެ. މިއިން ކޮންމެ ކަމަކީ ޝަހުވާނީ އެދުންތަކާ އެކުދިން ދުރުވުމަށް އާދަކޮށްދޭނެ ކަންކަމެވެ.

މިމައުޟޫއާ ގުޅޭ ގޮތުން ކިޔައިދެވޭ ޙަޤީޤީ ވާހަކަތަކުން އެކުދިންނަށް ވަރަށް ހެޔޮ އަސަރުކުރާނެއެވެ. މިގޮތުން އަންހެންކުދިންނަށް ކުރިމަތިވާ އޮޅުވާލުމުގެ ޙާދިސާތަކުގެ ވާހަކަ ކިޔައިދޭށެވެ. އަންހެންކުދިންނާއި ފިރިހެންކުދިންގެ ކިބައިގައިވާ ތަފާތުތައް ބުނެދޭށެވެ. އަންހެންކުދިން ދެކޭ ގޮތުގައި ކޮންމެ މަޑުމައިތިރިކަމާއެކު ބުނެވޭ ބަހަކީ ޙަޤީޤީ ލޯތްބެވެ. އެހެންނަމަވެސް އެއީ ފިރިހެންކުދިން އެއްވެސް ސީރިއަސްކަމެއް ނެތި، ވަގުތު ހޭދަކޮށްލަންކުރާ ކަމެއްކަމަށް ބުނެދޭށެވެ. އަދި އެމީހުންވެސް ކައިވެނި ކުރަން ބޭނުންވެއްޖެނަމަ، މަގުމަތިން އަންހެންކުދިން ނުހޯދާނެ ކަމާއި، އިއްފަތްތެރި ޢާއިލާއަކަށް ނިސްބަތްވާ އަންހެންކުދިން ހޯދާނެކަން ބުނެދޭށެވެ.

ތިބާގެ ފުރާވަރުގެ ފިރިހެންދަރިފުޅުގެ ކިބައިން ގޯސްކަމެއް ފެނިއްޖެނަމަ، އަދި އޮރިޔާން ސައިޓުތަކަށް ވަންނަތަން ފެނިއްޖެނަމަ، ފޮރުވުމެއްނެތި އޭނާއާ ވާހަކަ ދައްކާށެވެ. އަދި ރިވެތި އުސްލޫބެއް ބޭނުންކޮށްގެންވެސް، އެފަދަ ސައިޓުތަކަށްވަދެ އޭގައިވާ މަންޒަރުތައް ބެލުމުގެ ސަބަބުން ލިބޭ ގެއްލުމަކީ، އެބަލައިގެން ލިބޭ ލައްޒަތައްވުރެ މާ ބޮޑު ކަން ބުނެދޭށެވެ.

އެއްބަނޑު އެއްބަފާ ފިރިހެންކުދިން ވަކި ކޮޓަރިއެއްގައި، އަދި އަންހެންކުދިން ވަކި ކޮޓަރިއެއްގައި، ނިންދެވުމަކީ އެންމެ ރަނގަޅު ގޮތެވެ. އެއީ އޭގެ ސަބަބުން އެކަކު އަނެކަކު ކުރާ ކަންކަން ބަލައި، އެކަކު އަނެކެއްގެ މައްޗަށް ރައްކާތެރިވެވޭނެއެވެ. އަދި އެކަކު އަނެކަކާ ގާތްގުޅުމެއް އުފެދި، އަންހެންކުދިންނާ ޙަރާމް ގުޅުމެއް އުފެއްދުމުން ދުރުހެލިކޮށްދޭނެއެވެ. އަދި އަންހެންކުދިންވެސް ފިރިހެންކުދިންނާ ޙަރާމްގުޅުމެއް އުފެއްދުމުން ދުރުހެލިކޮށްދޭނެއެވެ. (ނުނިމޭ)

__________________________

މި ލިޔުމުގެ އިތުރު ލިޔުންތައް ބެއްލެވުމަށް ފިއްތަވާލައްވާ!