[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެމެންގެ ދަރިން ނުކިޔަމަންތެރި ނުވުމަށްޓަކައި … (33)

5- ދަރިންގެ މުދަލާމެދު ބިރުވެތިވުން: ފައިސާ ހޭދަކުރާނެ ގޮތުގެ ނަމޫނާ ކުދިންނަށް ދައްކާށެވެ. އެއްޗެއް ގަންނައިރު ބޭނުންޖެހިފައިވާ އެއްޗެހި ގަންނާށެވެ. އަދި ބޭނުން ޖެހިފައި ނުވާ އެއްޗެއް ހިލޭ ބެހިއަސް ނުނަގާށެވެ. އަދި އެއަށް ބޭނުންޖެހިފައި ތިބޭ އެހެން މީހުންނަށް ދޫކޮށްލާށެވެ. މިކަމުން އެކުދިންނަށް ފުދުންތެރިކަން ދަސްވެގެންދާނެއެވެ. ފުދިގެން އުޅުމަކީ ވަރަށް މަތިވެރި ސިފައެކެވެ. ގިނަ މުދާތަކާއި އެމުދާތައް ޕްރޮމޯޓު ކުރުމަށް އެތަކެއް އިޝްތިހާރު ދައްކައެވެ. އަހަރެމެންނަށް ހުރިހާ އެއްޗެއް ގަތުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ފުދުންތެރިކަން މީހާގެ ކިބައިގައި އަށަގެންނެވޭނީ “ގިނަ ތަކެތި މިލްކުކުރުމާއި” “އެއްޗެހި ގަތުމަށް ލޯބިކުރުމާއި” މި ދެ ޣަރީޒާ ތަހުޒީބުކޮށްގެންނެވެ. މިކަން ޙާސިލުކުރުމަށްޓަކައި ކުރެވިދާނެ ކަންކަން ތިރީގައި ބަޔާންކޮށްލާނަމެވެ.

  • މުދާ މިލްކުކުރުމަށް ލޯބިކުރުމަކީ ވަރަށް ބާރުގަދަ ޣަރީޒާއެކެވެ. ތިބާގެ ދަރިފުޅު އަތުގައި އޭނާ އެހެން ކުދިންނަށް ނުދޭ ބައެއް ތަކެތި ބަހައްޓާށެވެ. އަދި އެއެއްޗެއްސަށް އޭނާ ބޭނުން ގޮތެއް ހަދަން ދޫކޮށްލާށެވެ. (ޝަރުޠަކީ އެތަކެތި ހަލާކުކޮށްގެން ނުވާނެއެވެ.) އޭނާގެ އެނދާއި، ފޮތް ހަރުގަނޑާއި، ހެދުން ލާ ކަބަޑާއި، ކުޅޭ ތަކެތި ބަހައްޓަން ތަނެއް ކޮޓަރީގައި ޚާއްސަކުރާށެވެ. އަދި މިފަދަ ބައެއް އެއްޗެހި އިސްރާފު ނުވާނޭހެން ޢީދު ފަދަ މުނާސަބަތުތަކުގައި އާކޮށްލާށެވެ.
  • ކުއްޖާގެ ހުއްދައާ ނުލައި އޭނާއަށް ޚާއްސަ އެއްޗެހީގައި އަތްލަން އެކަކަށްވެސް ހުއްދަ ނުދޭށެވެ. އަދި އޭނާގެ ކުޅޭ އެއްޗެހި އެހެން ކުދިންނަށް ދޭން ނުބުނާށެވެ. އެއީ އެހެން ދީފިނަމަ އެހެން ކުދިންގެ އަތުން އެކުޅޭ އެއްޗެހި ހަލާކުވުމުގެ ސަބަބުން އޭނާ އެކަމާ ދެރަވެ، އެހެން ކުދިންނަށް ކުޅޭ އެއްޗެހި ދޭން ދެކޮޅު ހަދާފާނެއެވެ. ހަމަ މިއާއެކު ކުއްޖާއަށް ދީލަތިވުމަށް ލޯބިކުރުވާށެވެ. އަދި އޭނާގެ އަޚުންނާ ކުޅޭ އެއްޗެހި ދީގެން ކުޅުވާށެވެ.
  • މައިންބަފައިން ފިޔަވައި އެހެން މީހުން އަތުން އެއްޗެހި ނުހޯދަން ދަރިން އާދަކުރުވާށެވެ. ގާތްތިމާގެ މީހުން ޢީދު ދުވަހު ދޭ ހަދިޔާ ފަދަ އެއްޗެހި ހޯދުމުގައި މައްސަލައެއް ނެތެވެ. އެހެނަސް ޝަރުޠަކީ އެމީހުން އެތަކެތި ދޭންވާނީ އެމީހުން އަމިއްލައަށް ފެނިގެން އަމިއްލައަށެވެ.
  • ދަރިފުޅު އަތުގައި، އޭނާގެ އުމުރާގުޅޭ ވަރަށް ކޮންމެވެސް ވަރެއްގެ ރުފިޔާއެއް ބާއްވާށެވެ. އަދި އޭނާއަށް އެރައްކާކޮށް، ބޭނުމެއް ޖެހުމުން ބޭނުންކުރަން ދަސްކޮށްދެވިދާނެއެވެ. އެއީ ބައެއް ކުދިން އެހެން ލިބޭ ރުފިޔާ އެދުވަހުން އެދުވަހަށް ހޭދަކޮށް ހުސްކޮށްލައެވެ.

މިޖީލުގެ ކުދިން ފައިސާ މިލްކުކުރަން އެހާ ވަރު ހުންނައިރުވެސް، އެފައިސާ އަތަށް ލިބޭ އިރަށް އޭގެ އަގު ވަޒަން ނުކުރެއެވެ. އަދި އޭގެއިން އެކި ތަކެތި ގަނެ، މާގިނަ ދުވަސްތަކެއް ނުވެ އެތަކެތި މަތިން ފޫހިކޮށްލައެވެ. އޭގެ ފަހުން އަނެއްކާ އާއެއްޗެހި ގަންނަން ފަށައެވެ.

އަހަރެމެންގެ ދަރިން އެކުދިންނަށް ލިބޭ ފައިސާގެ އަދަދު ގިނަ ކުރަން ބުނެއެވެ. އެއަށްފަހު އެފައިސާތައް އަޅާލަނީ ޑަސްބިނަށެވެ! ނިކަން ކެންޓީނުތަކަށް ވަދެ ބަލާލާށެވެ. އެތާނގައި މަސައްކަތްކުރާ މީހުން ޖޫސް ޕެކެޓުތަކުގެ ދެބައިކޮށް އެއްބައި ހުއްޓާ އެޑަސްބިނަށް އަޅާތަން ފެންނާނެއެވެ. މީރު ސޭންޑްވިޗްތައް މޭޒު މައްޗަށް ދޫކޮށްލެވިފައިވާ ތަން ފެންނާނެއެވެ. އެތަކެތި ކައިބޮއި ހަދަން ބޭނުން ނޫނިއްޔާ އެތަކެތި ގަތުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟

ގިނަ ކުދިންނަކީ އެކުދިންގެ އަތަށް ފައިސާ ދީފައި ބަހައްޓަން ރަނގަޅު ކުދި ބައެއް ނޫނެވެ. އެކުދިން އިސްކަންދޭ ކަންކަމަކީ ބޭކާރު ކަންކަމެވެ. އަދި އެކުދިންގެ ބުއްދި ވަރަށް ބަލިކައްޓެވެ. އެކުދިން އިސްރާފުކޮށް ފައިސާގެ އަގު ވަޒަން ނުކުރެއެވެ. އެހެންކަމުން އެކުދިންނަށް ބޭނުންޖެހިފައިވަނީ ފައިސާގެ އަގު ވަޒަންކޮށް، އަދި ހެޔޮ ގޮތުގައި އެ ހޭދަކުރާނެ ގޮތުގެ އިރުޝާދުތަކަށެވެ. އެހެން ނުވާކަމުގައި ވަނީނަމަ، ބޭކާރު ގޮތުގައި ފައިސާ ހޭދަކުރުމަށް އެކުދިން އަތަށް ނުދޭށެވެ.

  • އެކި ތަކެތި ވިއްކުމަށް ހަދާފައި ހުންނަ އިޝްތިހާރުތަކުން ކުދިން ވީހާވެސް ބޮޑަށް ދުރުކުރާށެވެ. އެއީ މިފަދަ އެއްޗެއްސަކީ އެއްޗެހި ގަތުމުގެ ޝައުޤުވެރިކަން ހިތުގައި އިތުރުކުރާނެ އެއްޗެއްސެވެ. ޓީވީއިން ވެސް އެފަދަ އިޝްތިހާރު އަންނަ ނަމަ އެބަދަލުކޮށްލާށެވެ. އަދި ބާޒާރުތަކާއި ފިހާރަތަކުގައި ހުންނަ ކުޅޭ އެއްޗެހިން އެކުދިން ދުރުކުރުވާށެވެ. ޚާއްސަ މުނާސަބަތުތަކުގައި މެނުވީއެވެ. މުދަލަކީ ދިރިއުޅުމަށްޓަކައި ބޭނުންކުރެވޭ ވަސީލަތެކެވެ. އެހެންކަމުން އެއިން ގަންނަންވާނީ ތިމާއަށް ބޭނުންވާ ޟަރޫރީ އެއްޗިއްސެވެ. ފުދޭ މިންވަރަށް ވުރެ ގިނައިން ލިބޭ ނަމަ، އަހަރެމެން އެއަށް ބޭނުން ޖެހޭ އެއްޗެހި ގަނެވިދާނެއެވެ. އަދި ވަރަށް ގިނައިން ފައިސާ ލިބޭ ނަމަ، އެއެއްޗެހިން ދިރިއުޅުން ފަސޭހަވެ، އެއިން މަންފާކުރާނެ އެއްޗެހި ގަނެވިދާނެއެވެ.
  • އެވަރެޖް އަގެއްގައި އެއްޗެހި ގަންނަން ލިބޭ ކަހަލަ ބާޒާރުތަކަށް އެކުދިން ގޮވައިގެން ގޮސް، އިސްރާފު ނުވާވަރަށް އެކުދިން ބޭނުންވާ ކާއެއްޗެއްސާއި، ހެދުމާއި ފޮތް ގަނެދޭށެވެ. އަދި ޢީދުތަކުގައާއި، އެކުދިންނަށް ކަމެއް ޙާސިލުވުމުން އޭގެ އުފާ ފާޅުކުރުމުގެ ގޮތުން ކުޅޭ އެއްޗެހި ވިއްކާ ފިހާރައަކަށް އެކުދިން ގެންގޮސް އެކުދިން ބޭނުންވާ އެއްޗެއް ގަނެދޭށެވެ. އަދި ދަރިފުޅަށް ލިބޭ އެއްޗަކަށް ރުހެން ދަސްކޮށްދިނުމުގެ ގޮތުން، އެދަރިފުޅަށް ބަޖެޓެއް ކަނޑައަޅާށެވެ. އަދި އެއިން އެދަރިފުޅުގެ އުމުރާއި ގުޅޭ އަދި އެދަރިފުޅު ޝައުގުވެރިވާ އެއްޗެއް ގަނެދޭށެވެ. އޭގެ ސަބަބުން އެދަރިފުޅަށް މިނިވަންކަން އިޙުސާސްވެ، އޭނާ ބޭނުން އެއްޗެއް ނުލިބޭ ކަމުގެ އިޙުސާސް ވުމުން ދުރުކޮށް ދޭނެއެވެ.
  • ދަރިން ބޭނުން ނުކުރާ ބޮކިތައް ނުނިއްވާ ބަހައްޓައެވެ. އަދި ޓީވީ ޖައްސާފައި ނުނިއްވައެވެ. ފެން އިސްކުރު ބަންދު ނުކޮށް ބަހައްޓައެވެ. ފެން އިސްރާފު ކުރެއެވެ. އަދި ދުނިޔެ ނުސާފުވުމާމެދު އެއްގޮތަކަށްވެސް ނުވިސްނައެވެ. އެހެންކަމުން ކުދިން މުދަލާމެދު ގެންގުޅޭ ވިސްނުން ރަނގަޅުކުރުވާށެވެ. މުދަލަކީ އެރައްކާތެރިކަމާއެކު ބަލަން ޖެހޭ ނިޢުމަތެއްކަން ބުނެދޭށެވެ. ދިރިއުޅުމުގެ ޚަރަދުތަކަކީ ގިނަ ޚަރަދުތަކެއް ކަމާއި، އެހެންކަމުން އެކަންކަން ރަނގަޅަށް ބަލަހައްޓައި ފައިދާކުރާނެ ގޮތުގައި ހޭދަކުރަން ބުނެދޭށެވެ. ޕިއްޒާއެއް ގަތުމަށްވުރެ، ފުށް މޮޑޭނެ މެޝިނެއް ގަތުމަކީ މާ ރަނގަޅުކަމެކެވެ. ޗިޕްސް ގަތުމަށްވުރެ، ތަރުކާރީ ކޮށާނެ މެޝިނެއް ގަތުން މާ ރަނގަޅު ވާނެއެވެ. މިއީ މުޅި އާއިލާއަށް އެއްކޮށް އޭގެ ފައިދާކުރާނެ ކަންކަމެވެ.

ބްރޭންޑެޑް އެއްޗެއްސަކީ އަހަރެމެންނަށް އެއާ ނުލައި އުޅެވިދާނެ އެއްޗެއްސެވެ. ވަރަށް ގިނަ ފިހާރަތަކާއި ބާޒާރުތަކުން އެކި ބާވަތް ބާވަތުގެ ތަކެތި ލިބެން ހުރެއެވެ. އަދި މުއްސަނދިންވެސް މިފަދަ ތަންތަނުން ވިޔަފާރިކުރެއެވެ. އަގު ހެޔޮ އެއްޗެހި ގަންނަން އެމީހުންވެސް ލަދެއް ނުގަނެއެވެ.

  • ފަހަށް ރައްކާކުރުމަކީ އައިބެއް ނޫނެވެ. އެހެންނަމަވެސް، ތިމާއީ ދަށް މީހެއް ކަމަށް ދެކޭ ދެކުމަކީ އައިބެކެވެ. އަހަރެމެންގެ ދަރިން ފަހަށް ރައްކާކުރުމާ ދުރުވަނީ މިސަބަބާ ހުރެއެވެ. މިޙަޤީޤީ ޙާދިޘާ އަޑުއަހާލަމާ ހިނގާށެވެ. ކޮންމެވެސް ސްކޫލެއްގައި އެސްކޫލުގެ ދަރިވަރުން ވަކި ވައްތަރެއްގެ ގަމީހެއް ލާންޖެހޭނެކަމަށް ކަނޑައެޅިއެވެ. އޭގެ އަގަކީ 80 ރިޔާލެވެ. ފަޤީރު ކުދިން އެއަގަށް އެނުގަނެފިނަމަ ދެން ލަދާ ކުރިމަތިލާންޖެހޭނެ ކަމަށް ހީކޮށް، އެއަގުގައި އެގަމީސް ގަތެވެ. މުއްސަނދި ކުދިން އާދައިގެ ގަމީހެއް އެއަގުގައި ގަންނަން ދެކޮޅު ހެދިއެވެ. އަދި އެހެން ތަންތަނުން އެއަށްވުރެ އަގު ހެޔޮކޮށް އެގަމީސް ގަންނަން ލިބޭތީ އެންމެ ފަހުން ސްކޫލުން އެކަމާ އެއްބަސްވުމުން އެކުދިން ގަމީސް ގަތީ އަގު ހެޔޮކޮށެވެ!

ފަރަންސޭސި ވިލާތުގެ ރައްޔިތުން، ދުނިޔެއަށް ކުރިމަތިވި ތަދު މަޑުކަމުގެ ސަބަބުން އެމީހުންގެ ދިރިއުޅުމުގެ މިންގަނޑު ދަށް ކުރިއެވެ. އެމީހުންގެ ފަޤީރުންނާއި މުއްސަނދިންވެސް އެއްޗެހި ގަންނަން ފެށީ އެންމެ އަގު ހެޔޮ ފިހާރަތަކުންނެވެ. އެމީޙުންގެ ދިރިއުޅުން އެއްކޮށް ބަދަލުކޮށް، އާއްމުންގެ އާދައިގެ ފިހާރަތަކުން ގަނޑުކޮށް އެއްޗެހި ގަތެވެ. އަދި ދިރިއުޅުން ފަސޭހަކޮށްދޭ އެކި އެކި އެއްޗެހި ނުގަނެ، އަގުބޮޑު މުދާ ގަތުމާއި އެއްކޮށް ދުރުހެލިވިއެވެ!

އެހެންކަމުން ވިސްނާލަބަލާށެވެ. މުއްސަނދިން މުއްސަނދިވެފައިވަނީ އެމީހުން ފަހަށް ރައްކާކޮށް އިޤްތިޞާދުކުރުމުގެ ސަބަބުން ނޫން ހެއްޔެވެ؟ ވީމާ ދަރިންގެ ޝަޚްޞިއްޔަތު ވަރުގަދަ ކުރާނެ ގޮތް ދަސްކޮށްދީ، އާމްދަނީ ހޭދަކޮށް ރައްކާކުރާނެ ގޮތް ދަސްކޮށްދޭށެވެ. އިޤްތިޞާދުކުރުމަށް އަހަރެމެންގެ ދަރިން ލަދުގަނެއެވެ. އަދި އެކުދިން ދެކޭ ގޮތުގައި އެއީ ދަހިވުމެވެ. އެކުދިންގެ ނަޒަރުގައި އިސްރާފުވާ ވަރަށް ފައިސާ ހޭދަކުރުމަކީވެސް ރަނގަޅު ކަމެކެވެ. 

*************************

އެހެންކަމުން، މިބަޔާންކުރެވުނު 5 ކަމަކީ އެކަންކަމާ އެއްގޮތަށް ޢަމަލުކޮށްފިނަމަ ކުދިން އިސްލާޙުވެ، އިޙްތިރާމް ލިބިގެންދާނެ ބަޔަކަށް ވާނެ ކަންކަމެވެ. (ނުނިމޭ)

*************************

__________________________

މި ލިޔުމުގެ އިތުރު ލިޔުންތައް ބެއްލެވުމަށް ފިއްތަވާލައްވާ!