[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤަޟާ ރޯދައާއި ގުޅޭ ޝަރުޢީ ބައެއް ޙުކުމްތައް – 1

اَلْحَمْدُ لِلَّهِ.

ރަމަޟާން މަހުގެ ރޯދައަކީ އިސްލާމުކަން ބިނާވެގެންވާ ރުކުންތަކުގެ ތެރެއިން އެއް ރުކުނެވެ. ކުރީގެ އުއްމަތްތަކުގެ މައްޗަށް ރޯދަ ފަރުޟު ކުރެއްވުނު ފަދައިން މި އުއްމަތުގެ މައްޗަށްވެސް ރޯދަ ފަރުޟު ކުރެއްވިކަން އަންގަވައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ﴾ [1]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ އުއްމަތްތަކުގެ މައްޗަށް ރޯދަ ފަރުޟު ކުރެވުނު ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟު ކުރެވިއްޖެއެވެ. އެއީ ތިޔަބައިމީހުން ތަޤުވާވެރި ވުމަށްޓަކައެވެ.”

ރަމަޟާން މަސް ވަދެއްޖެނަމަ (ރަމަޟާން މަސް ބައްދަލުކޮށްފިނަމަ) ރަށުގައި ޤާއިމުވެ، ޞިއްޙަތު ސަލާމަތުން ހުރި، ކޮންމެ މުސްލިމު މުކައްލަފެއްގެ މައްޗަށް ރޯދަ ހިފުން ވާޖިބުވެގެން ވެއެވެ. الله ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿فَمَنْ شَهِدَ مِنْكُمْ الشَّهْرَ فَلْيَصُمْهُ وَمَنْ كَانَ مَرِيضاً أَوْ عَلَى سَفَرٍ فَعِدَّةٌ مِنْ أَيَّامٍ أُخَرَ﴾ [2]

މާނައީ: “ފަހެ ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި ޙާޟިރުވެ ހުރެއްޖެ މީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ! އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ (ރޯދައެއް ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުށްޓެވެ.”

ރޯދަ ފަރުޟު ކުރައްވާފައިވަނީ ރޯދަ ހިފުމުގެ ކުޅަދާނަކަން ލިބިފައިވާ މީހުންގެ މައްޗަށް ކަމީ ﷲ ތަޢާލާ އެއިލާހުގެ އަޅުތަކުންނަށް ލައްވަވާފައިވާ ލުއިފަސޭހަ ކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ. ޝަރުޢީ ޢުޛުރަކާއި ލައިގެން ރޯދަ ހިފުމުގެ ކުޅަދާނަކަން ލިބިފައި ނުވާ މީހުންނަށް ރަމަޟާން މަހުގެ ރޯދަ ދޫކޮށްލުން ވަނީ ޝަރުޢު ކުރައްވާފައެވެ. މިޘާލަކަށް ދަތުރުވެރިންނާއި އަދި ބަލި މީހުންނަށް ދިމާވެދާނެ އުނދަގުލާއި ދަތިން ރައްކާތެރިކުރުމަށް ރަމަޟާން މަހުގެ ރޯދަ ދޫކޮށްލުން ޝަރުޢު ކުރެއްވިއެވެ. الله ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿شَهۡرُ رَمَضَانَ ٱلَّذِیۤ أُنزِلَ فِیهِ ٱلۡقُرۡءَانُ هُدًى لِّلنَّاسِ وَبَیِّنَـٰت مِّنَ ٱلۡهُدَىٰ وَٱلۡفُرۡقَانِۚ فَمَن شَهِدَ مِنكُمُ ٱلشَّهۡرَ فَلۡیَصُمۡهُۖ وَمَن كَانَ مَرِیضًا أَوۡ عَلَىٰ سَفَر فَعِدَّة مِّنۡ أَیَّامٍ أُخَرَۗ یُرِیدُ ٱللَّهُ بِكُمُ ٱلۡیُسۡرَ وَلَا یُرِیدُ بِكُمُ ٱلۡعُسۡرَ﴾ [3]

މާނައީ: “ރަމަޟާން މަހަކީ އެ މައްސަރެއްގައި ޤުރުއާން ބާވައިލެއްވުނު މައްސަރެވެ. (އެ ޤުރުއާން ބާވައިލެއްވުނީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި ހިދާޔަތެއް ކަމުގައްޔާ އަދި ޙައްޤާއި ބާޠިލު ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. ފަހެ ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި ޙާޟިރުވެ ހުރެއްޖެ މީހާ އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ! އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުށްޓެވެ. الله ތިޔަބައިމީހުންނަށް ލުއިފަސޭހަ ގޮތް އިރާދަ ކުރައްވަތެވެ. އަދި ދަތި އުނދަގޫ ގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ.”

ޢުޛުރުވެރިޔާ ރޯދަ ދޫކޮށްލުމަށް ދިމާވާ ޙާލަތު ކެނޑެންދެން ނުވަތަ ބަލިމީހާ ބަލިން ރަނގަޅު ވަންދެން ރޯދަ ދޫކޮށްލުން ޝަރުޢު ކުރައްވާފައި އޮތުމަކީ ﷲ ތަޢާލާ އެއިލާހުގެ އަޅުތަކުންނަށްވާ އޯގާވަންތަކަމާއި އަދި އެއިލާހު އަޅުތަކުންނަށް ދެއްވަވާފައިވާ ލުއިފަސޭހަކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

މިގޮތުން މި ލިޔުމުގައި ބަލައިލާނީ، ރަމަޟާން މަހުގެ ރޯދަ ދޫކޮށްލާ މީހުން ރޯދަ ޤަޟާ ކުރުމާއި ގުޅޭ ބައެއް މައްސަލަތަކާއި އޭގެ ޙުކުމްތަކަށެވެ.

 


 

[1] سورة البقرة 183

[2] سورة البقرة 185

[3] سورة البقرة 185

 

ޤަޟާ ރޯދައާ ގުޅޭ ޝަރުޢީ ބައެއް ޙުކުމްތައް