ރަމަޟާން މަހުގެ ރޯދަ ޤަޟާކުރުން ވާޖިބުވެގެންވަނީ ކޮން ބައެއްގެ މައްޗަށް ހެއްޔެވެ؟
ފުރަތަމަ ބަޔަކީ ޝަރުޢީ ޢުޛުރަކާއި ލައިގެން ރޯދަ ދޫކޮށްލާ މީހުންނެވެ. މިޘާލަކަށް ބަލިމީހުންނާއި، ދަތުރުވެރިންނާއި، ޙައިޟުވެރިންނާއި، ނިފާސްވެރިންނާއި، މާބަނޑު އަންހެނުންނާއި، ކިރުމައިންނާ އަދި ރޯދައަށް ހުއްޓައި ބަނޑުހައި ހޫނުކަން ނުވަތަ ކަރުހިއްކުން އިތުރަށް ކެތްނުކުރެވޭނެ ޙާލަތަށް ގޮއްސި މީހެކެވެ. ފަހެ މި މީހުންގެ މައްޗަށް ރަމަޟާން މަހަށް ފަހު، ދޫކޮށްލި ރޯދަތައް ޤަޟާކުރުން ވާޖިބުވެގެންވެއެވެ. [1] ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
﴿وَمَنْ كَانَ مَرِيضًا أَوْ عَلَى سَفَرٍ فَعِدَّةٌ مِنْ أَيَّامٍ أُخَرَ﴾ [2]
މާނައީ: “އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައި ވާ މީހާ (ރަމަޟާން މަހުގެ ރޯދައެއް ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުއްޓެވެ.”
މުޢާޛަތު رَضِيَ اللهُ عَنْهَا ވިދާޅުވިކަމަށް ޘާބިތުވެގެން ވެއެވެ.
سَأَلْتُ عَائِشَةَ فَقُلْتُ: مَا بَالُ الْحَائِضِ تَقْضِي الصَّوْمَ، وَلَا تَقْضِي الصَّلَاةَ… قَالَتْ: «كَانَ يُصِيبُنَا ذَلِكَ، فَنُؤْمَرُ بِقَضَاءِ الصَّوْمِ، وَلَا نُؤْمَرُ بِقَضَاءِ الصَّلَاةِ» [3]
މާނައީ: “ތިމަންކަމަނާ ޢާއިޝާ رَضِيَ اللهُ عَنْهَا އާއި ސުވާލު ދެންނެވީމެވެ. “ޙައިޟުވެރިން ރޯދަ ޤަޟާކުރަން ޖެހިފައި ނަމާދު ޤަޟާކުރަން ނުޖެހެނީ ކިހިނެއްވެތޯއެވެ؟”
އެކަމަނާ ވިދާޅުވިއެވެ. “(ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައިވެސް) ތިމަންބޭކަނބަލުންނަށް (އަންހެން ކަނބަލުންނަށް) އެކަން މެދުވެރިވެއެވެ. ފަހެ، ތިމަންބޭކަނބަލުންނަށް އަމުރުކުރައްވާފައިވަނީ ރޯދަ ޤަޟާކުރާށެވެ. އަދި ނަމާދު ޤަޟާކުރަން އަމުރުކުރައްވާފައި ނުވެއެވެ.”
ދެވަނަ ބަޔަކީ މާބަނޑު އަންހެނުންނާ އަދި ކިރުމައިންނެވެ. މާބަނޑު އަންހެނުންނާ އަދި ކިރުމައިން ދޫކޮށްލާ ރޯދަ ޤަޟާކުރުމުގެ ޙުކުމާއިމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފުވެފައިވެއެވެ.
ފުރަތަމަ ޤައުލު: މާބަނޑު އަންހެނުންނާ އަދި ކިރުމައިންގެ މައްޗަށް ވަނީ ހަމައެކަނި ރޯދަ ޤަޟާކުރުމެވެ. [އިމާމު އަބޫ ޙަނީފާގެ މަޛްހަބުގެ ބަހަކީ މިއީއެވެ. އަދި ޞަޙާބީ ބޭކަލުންގެ ތެރެއިން ޢަލީ رَضِيَ اللهُ عَنْهُ ވިދާޅުވެފައި ވަނީވެސް މިފަދައިންނެވެ.]
ދެވަނަ ޤައުލު: މާބަނޑު އަންހެނާ ނުވަތަ ކިރުމައި މީހާ ރަމަޟާން މަހުގެ ރޯދަ ދޫކޮށްލީ އެ އަންހެނާގެ އަމިއްލަ ނަފުސަށް ގެއްލުމެއް ލިބިދާނެ ބިރަށް ކަމުގައި ވާނަމަ އޭނާގެ މައްޗަށް ވަނީ ހަމައެކަނި ރޯދަ ޤަޟާކުރުމެވެ. ނަމަވެސް އެ އަންހެނާ ރޯދަ ދޫކޮށްލީ ދަރިފުޅަށް ގެއްލުމެއް ލިބިދާނެ ބިރަށް ކަމުގައި ވާނަމަ އެ އަންހެނާ ރޯދަ ޤަޟާކުރުމާއެކު ދޫކޮށްލި ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދޭން ޖެހޭނެއެވެ. [މިއީ އިމާމު އައްޝާފިޢީ އަދި އިމާމު އަޙްމަދުގެ މަޛްހަބުގެ ބަހެވެ. އަދި އިބްނު ޢުމަރު رَضِيَ اللهُ عَنْهُمَا ގެ ކިބައިން އަލްޖައްސާސު މިފަދައިން ނަޤުލުކުރައްވާފައިވެއެވެ.]
ތިންވަނަ ޤައުލު: މާބަނޑު އަންހެނުންނާއި ކިރުމައިންގެ މައްޗަށް ވަނީ ރޯދަ ޤަޟާކުރުމަކާއި ނުލައި، ރަމަޟާން މަހުން ދޫކޮށްލާ ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދިނުމެވެ. [ޞަޙާބީ ބޭކަލުންގެ ތެރެއިން އިބްނު ޢައްބާސް رَضِيَ اللهُ عَنْهُ މިފަދައިން ވިދާޅުވެފައި ވެއެވެ. އަދި އިބްނު ޤުދާމާ އިބްނު ޢުމަރު رَضِيَ اللهُ عَنْهُ ގެ ކިބައިންވެސް މިފަދައިން ނަޤުލުކުރައްވާފައި ވެއެވެ.] [4]
ބަޔާންވެދިޔަ ޤައުލުތަކުގެ ތެރެއިން އެންމެ ރާޖިޙު ޤައުލަކީ ފުރަތަމަ ޤައުލެވެ. އެއީ މާބަނޑު އަންހެނާ އަދި ކިރުމައިންގެ މައްޗަށް ވަނީ ހަމައެކަނި ރޯދަ ޤަޟާކުރުން ކަމަށް ބުނާ ޤައުލެވެ. މިފަދައިން ބުނާ ބޭކަލުން ގިނަ ދަލީލުތަކެއް ގެނެސްފައި ވެއެވެ. އޭގެ ތެރެއިން ބައެއް ދަލީލުތައް ތިރީގައި މިވަނީއެވެ.
އަނަސް رَضِيَ اللهُ عَنْهُ ގެ ކިބައިން ރިވާވެގެން އައިސްފައި ވެއެވެ. ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
«إِنَّ اللَّهَ وَضَعَ عَنِ الْمُسَافِرِ نِصْفَ الصَّلَاةِ وَالصَّوْمَ، وَعَنِ الْحُبْلَى وَالْمُرْضِعِ» [5]
މާނައީ: “ހަމަކަށަވަރުން ﷲ ވަނީ ދަތުރުވެރިޔާގެ ކިބައިން ނަމާދާއި ރޯދައިން ބައެއް އުފުއްލަވާ ދެއްވާފައެވެ. އަދި މާބަނޑު އަންހެނާ އާއި ކިރުމައި މީހާގެ ކިބައިންވެސް މެއެވެ.”
މާބަނޑު އަންހެނާ އާއި ކިރުމައި މީހާގެ ޙުކުމް ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّمَ ކަނޑައަޅުއްވާފައި މިވަނީ ދަތުރުވެރިޔެކޭ އެއްފަދައިންނެވެ. ދަތުރުވެރިޔާ ރަމަޟާން މަހުން ދޫކޮށްލާ ރޯދަ، މަސް ނިމުމުން ޤަޟާކުރަނީއެވެ. ވުމާއެކު މާބަނޑު އަންހެނާ އަދި ކިރުމައި މީހާގެ މައްޗަށްވެސް ވަނީ މި ޙުކުމެވެ. [6]
ބަލިމީހާ އަށް ޤިޔާސްކޮށް، ބަލިމީހާ ރަމަޟާން މަހުން ދޫކޮށްލާ ރޯދަ ހަމައެކަނި ޤަޟާކުރާ ފަދައިން، މާބަނޑު އަންހެނާ އަދި ކިރުމައި މީހާވެސް ހަމައެކަނި ޤަޟާކުރާނީ އެވެ. [7]
ޢިލްމުވެރިންގެ ތެރެއިން ގިނަބަޔަކު ވަނީ މި ޤައުލު ޚިޔާރު ކުރައްވާފައެވެ. އައްޝައިޚް އިބްނު ބާޒު އާއި އިބްނު ޢުޘައިމީން رَحِمَهُمَا اللهُ ވެސް ރާޖިޙު ކުރައްވާފައި ވަނީ މި ޤައުލެވެ. [8]
ރޯދަ ޤަޟާކުރުން ވާޖިބުވެގެންވާ ތިންވަނަ ބަޔަކީ ރަމަޟާން މަހު ޝަރުޢީ ޢުޛުރަކާއި ނުލައި ރޯދަ ދޫކޮށްލާ މީހުންނެވެ. ރަމަޟާން މަހުގެ ރޯދައެއް ޝަރުޢީ ޢުޛުރަކާއި ނުލައި ދޫކޮށްލައިފި މީހަކު އަޞްލުގައި ރޯދައަށް ހުރުމަށް ނިޔަތް ނުގަންނަ މީހެއް ފަދައެވެ.
ރޯދައަށް ހުރެ ޝަރުޢީ ޢުޛުރަކާއި ނުލައި ރޯދަ ދޫކޮށްލައިފި މީހަކު ބޮޑުވެގެންވާ ފާފައަކަށް އަރައިގެންފިއެވެ. އަދި ﷲ ތަޢާލާގެ ނުރުއްސެވުމާއި އެއިލާހުގެ ޢުޤޫބާތަށް އޭނާގެ ނަފްސު ހުށައަޅައިފިއެވެ. އަދި އެމީހެއްގެ މައްޗަށް ތެދުވެރި ތައުބާއަކުން ތައުބާވުން ލާޒިމުވެގެން ވެއެވެ. އަދި ޢިލްމުވެރިންގެ ގިނަ ބޭކަލުން ވިދާޅުވާގޮތުގައި އޭނާގެ މައްޗަށް ދޫކޮށްލި ރޯދަ ޤަޟާކުރުން ވާޖިބުވެގެން ވެއެވެ. އަދި ބައެއް ބޭކަލުން މިކަމަށް އިޖުމާޢު ނަޤުލުކުރައްވައެވެ.
އިބްނު ޢަބްދިލްބައްރު رَحِمَهُ اللهُ ވިދާޅުވެފައި ވެއެވެ.
“ރަމަޟާން މަހުގެ ރޯދައަކީ ފަރުޟު ކުރެވިފައިވާ ކަމެއް ކަމުގައި ޤަބޫލުކުރި ނަމަވެސް، ޤަޞްދުގައި އޭނާގެ ނުބައިކަމާއި ބޮޑާކަމުގެ ސަބަބުން ރަމަޟާން މަހުގެ ރޯދަ ދޫކޮށްލައިފިނަމަ، އެކަމުން ތައުބާވި ނަމަވެސް އޭނާގެ މައްޗަށް ދޫކޮށްލި ރޯދަ ޤަޟާކުރުން ވާޖިބުވެގެންވާކަމަށް އުއްމަތް އިޖުމާޢުވެފައި ވެއެވެ.” [9]
އިބްނު ޤުދާމާ އަލްމަޤްދިސީ رَحِمَهُ اللهُ ވިދާޅުވެފައި ވެއެވެ.
“އެކަމުގައި (ޢުޛުރަކާއި ނުލައި ރަމަޟާން މަހުގެ ރޯދަ ދޫކޮށްލާ މީހާ، އެ ރޯދަ ޤަޟާކުރުން ވާޖިބު ވެގެންވާކަމުގައި) ޚިލާފެއް ވާކަމަށް އެނގިފައެއް ނެތެވެ. ސަބަބަކީ ރޯދައަކީ އަޅާގެ މައްޗަށް ޘާބިތުވެގެންވާ ޛިއްމާއެކެވެ. އަދި ރޯދަ ހިފައިގެން މެނުވީ (އެމީހެއްގެ ކިބައިން) އެ ޛިއްމާ ނުކެނޑޭނެއެވެ. ރޯދަ ނުހިފާ ނަމަ ޛިއްމާ ނުކެނޑި އެގޮތުގައި އޮންނާނެއެވެ.” [10]
އައްޝައިޚް އިބްނު ބާޒު رَحِمَهُ اللهُ އާއި ސުވާލު ދެންނެވުނެވެ.
ރަމަޟާން މަހުގެ ރޯދަ ޝަރުޢީ ޢުޛުރަކާއި ނުލައި ދޫކޮށްލާ މީހާގެ ޙުކުމަކީ ކޮބައިތޯއެވެ؟ އެއީ ސަތާރަ އަހަރަށް އަޅާފައިވާ މީހެކެވެ. ރޯދަ ދޫކޮށްލުމަށް އެއްވެސް ޢުޛުރެއް އޭނާގެ ނެތެވެ. އޭނާ ޢަމަލު ކުރަން ޖެހޭ ގޮތަކީ ކޮބައިތޯއެވެ؟ އޭނާގެ މައްޗަށް ދޫކޮށްލި ރޯދަ ޤަޟާކުރުން ވޭ ހެއްޔެވެ؟
(ޖަވާބުގައި) ޝައިޚް ވިދާޅުވިއެވެ.
“އާނއެކެވެ. އޭނާގެ މައްޗަށް ދޫކޮށްލި ރޯދަ ޤަޟާކުރުން ވާޖިބުވެގެންވެއެވެ. އަދި ރޯދައަށް އިހުމާލުވެ، (ޢުޛުރަކާއި ނުލައި) ރޯދަ ދޫކޮށްލިކަމުގެ މައްޗަށް އޭނާ ﷲ سُبْحَانَهُ وَتَعَالَى އަށް ތައުބާވުންވެސް ވާޖިބުވެގެން ވެއެވެ.
ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّمَ ޙަދީޘް ކުރެއްވިކަމަށް ވާރިދުވެގެން އައިސްފައިވެއެވެ. .
من أفطر يومًا من رمضان من غير رخصة ولا مرض لم يقضِ عنه صيام الدهر كله، وإن صامه
މާނައީ: “ޢުޛުރަކާއި ނުލައި ނުވަތަ ބަލިވުމަކާއި ނުލައި ރަމަޟާން މަހުގެ ރޯދައެއް ދޫކޮށްލައިފި މީހަކު، މުޅި އަހަރު ރޯދަ ހިފި ކަމުގައި ވިޔަސް އެ ދޫކޮށްލި ރޯދަ ޤަޟާ ނުކުރެވޭނެއެވެ.”
މި ބަސްފުޅާމެދުދަންނައެވެ. މިއީ ޢިލްމުވެރިންގެ އަރިހުގައި ބަލިކަށި ޙަދީޘެކެވެ. މިއީ ޞައްޙަ ޙަދީޘެއް ނޫނެވެ. [11]
ރަމަޟާން މަހުގެ ޙުރުމަތް ކަނޑައި ޤަޞްދުގައި ކައިބޮއި ހަދައި ރޯދަ ފަސާދަ ކޮށްލާ މީހުންގެ މައްޗަށް ކައްފާރާ ދިނުން ވާޖިބުވެގެންވާ ކަމުގައި މާލިކީން ފަދަ ބައެއް ޢިލްމުގެ އަހުލުން ވިދާޅުވެއެވެ. އެއީ އެމީހުންނަކީ ރޯދަ ވާބިޖުވުމުގެ ޝަރުޠުތައް ހަމަވެގެންވާ ބައެއް ކަމުގައި ވާނަމައެވެ. އެމީހުންގެ ޙުކުމަކީ ރަމަޟާން މަހުގެ ދުވާލު ޖިމާޢުވާ މީހުންގެ ޙުކުމެވެ.
މިކަމުގައި ރާޖިޙު ގޮތަކީ ރަމަޟާން މަހު ދުވާލުގެ ވަޤުތުގައި ޖިމާޢުވެގެން މެނުވީ ކައްފާރާ ދިނުން ވާޖިބު ނުވުމެވެ. އެހެނީ އަޞްލަކީ ޝަރީޢަތުގައި ކައްފާރާ ނުވަތަ ފިދުޔަ ދިނުން އައިސްފައި ނުވާ ކަމެއްގައި ކައްފާރާ ނުވަތަ ފިދުޔަ ދޭން ނުޖެހުމެވެ. އިސްލާމީ ޝަރީޢަތުގައި ރޯދަ މަހުގެ ދުވާލު ޖިމާޢުވެގެން މެނުވީ ކައްފާރާ ވާޖިބު ކުރައްވާފައި ނުވެއެވެ. އަދި ރޯދަ މަހުގެ ދުވާލު ޖިމާޢުވުމާއި، ކެއުމާއި ބުއިމަށް ކުރާ ޤިޔާސް އަކީ ރަނގަޅު ޤިޔާސް އެއް ނޫނެވެ. ޖުމްހޫރު ޢިލްމުވެރިންގެ ބަސްފުޅަކީ މިއީ އެވެ. [12]
[1] موقع الإسلام سؤال وجواب: جواب السؤال رقم: 23296
[2] سورة البقرة 185
[3] رواه مسلم 335
[4] المغني (3/37)
[5] رواه النسائي 2274، وصححه الألباني في صحيح النسائي
[6] أحكام القرآن للجصاص
[7] المغني (3/37)، والمجموع (6/273)
[8] ބައްލަވާ: موقع الإسلام سؤال وجواب، جواب السؤال رقم: 49794
[9] الاستذكار (1/77)
[10] المغني (4/365)
[11] فتاوى نور على الدرب (201/16)، އަދި ބައްލަވާ: موقع الإسلام سؤال وجواب، جواب السؤال رقم: 234125
[12] موقع الإسلام سؤال وجواب، جواب السؤال رقم: 293076، 106476