الحمد لله رب العالمين، وصلى الله وسلم وبارك على عبده ورسوله نبينا محمد وعلى آله وأصحابه وأتبائه بإحسان. أما بعد:
ހަމަކަށަވަރުން ކީރިތި ޤުރުއާނަކީ ޢިއްޒަތް ލިބިގެންވާ ފޮތެކެވެ. ނުހަނު މާތް ފޮތެކެވެ. އެއީ ﷲގެ ކަލާމްފުޅެވެ. އަދި އެއިލާހުގެ ވަޙީ ބަސްފުޅެވެ. އެ ފޮތް ބާވައިލެއްވުނީ އެއިލާހުގެ އަޅާ މުޙައްމަދު صلى الله عليه وسلم އަށެވެ. އެއީ އިންޛާރުކުރައްވައި ބޭކަލަކުކަމުގައި އެކަލޭގެފާނު ވުމަށްޓަކައެވެ.
މި ޤުރުއާނަކީ ހިދާޔަތާއި ނޫރެވެ. އަދި އުފާވެރިކަމުގެ ޚަބަރާއި ޝިފާއެވެ. އަދި އެންމެހާ ކަންތައްތައް ބަޔާންކޮށްދީ، އޮޅުން ފިލުވައިދެއެވެ. އެއީ މުސްލިމުންގެ ލޯތަކުގެ ފިނިކަމެވެ. އަދި ހިތްތަކުގެ ބަހާރެވެ. އަދި އެބައިމީހުންގެ ހިތާމަތައް ފިލުވައިދޭ އެއްޗެވެ. އެއީ އެކަނިވެރިވެފައިވާ މީހާގެ އެކަނިވެރިކަން ފިލުވައިދޭ އެއްޗެކެވެ. އަދި ބަލިމީހާގެ ބައްޔަށް ހުރި ޝިފާއެކެވެ. އެއީ އަޅުގަނޑުމެންނަށްޓަކައިވާ ދުސްތޫރާއި މަންހަޖެވެ. އެއީ އަޅުގަނޑުމެންނަށް ހިދާޔަތު ލިބި މަތިވެރިވުމުގެ ސަބަބެވެ. އަޅުގަނޑުމެންނަށް އެއާ ނުލައި މަތިވެރިކަމާއި ހިދާޔަތެއް ނުވެއެވެ. އެއީ އެންމެހާ މުސްލިމުންގެ ހިތްތަކުގައި އެބައިމީހުންގެ ރޫޙަށް ވުރެވެސް އަގުހުރި އެއްޗެކެވެ. އަދި ކިއެއް ހެއްޔެވެ! އެއީ އެބައިމީހުންގެ ރޫޙުތަކުން އެއަށް ފިދާވާ އެއްޗެކެވެ. އެ ފަދައިން ނުވާނީ ކީއްވެގެން ހެއްޔެވެ! އެއީ ޢާލަމްތަކުގެ ރައްބުގެ ކަލާމްފުޅެވެ. جل في علاه.
ފަހެ ކާފިރުންގެ ތެރެއިން ހަރުކަށި ނުވިސްނޭ މީހަކު އެ ފޮތުގެ ޙުރުމަތް ކެނޑުމުން ފަހެ ފަސްކަމެއްގެ މައްޗަށް ވަޞިއްޔަތް ކުރަމެވެ.
ފުރަތަމައީ: އެންމެންވެސް ދެނެގަތުން ލާޒިމުކަމަކީ ކީރިތި ޤުރުއާނުގެ ޙައްޤުގެ މައްޗަށް އިޢުތިދާވެ ހައްދުފަހަނަ އެޅުމަކީ މުއުމިނުންގެ ހިތްތަކަށް ރުޅިވެރިކަން އިޙްސާސުވެ، އުނދަގޫވާ ކަމެކެވެ. އެފަދައިން ނުވާނީ ކިހިނަކުން ހެއްޔެވެ. އެއީ ވަރަށް މަތިވެރި އެއްޗެއްގެ މައްޗަށް ވެވޭ ހައްދުފަހަނަ އެޅުމެކެވެ. އެއީ ވަރަށް މަތިވެރި އެއްޗެކެވެ. ފަހެ އިސްލާމްދީނުގެ އަހުލުވެރިންނަށް އެކަމުން އުނދަގޫވެ، ރުޅިއައުމަކީ ޙައްޤުވެގެންވާ ކަމެކެވެ. އަދި އެ މުޑުދާރު ޢަމަލުގެ ސަބަބުން އެބައިމީހުންގެ ލޭ ކެކޭނެއެވެ. އަދި މޫނުގެ ކުލަވަރު ބަދަލުވާނެއެވެ.
ފަހެ އެފަދައިން އިޙްސާސު ނުވާ މީހަކު އެމީހެއްގެ އީމާންކަން މުރާޖަޢާ ކުރާށެވެ. ފަހަރުގައި އެމީހަކަށް އިޙްސާސް ނުވެ ނިފާޤުކަމުގެ ފޭރާމެއް ލެވިފައި ހުރެދާނެއެވެ. އޭ އަޚުންނޭވެ! ފަހެ މި ރުޅިވެރިކަމާއި އުނދަގޫ އިޙްސާސްވުމާއި މިފަދަ ކަންކަން އަޅުގަނޑުމެންނަށް ގޮވާލަނީ އެ ފޮތުގައި (އެބަހީ: ކީރިތި ޤުރުއާނުގައި) ވަރުގަދައަށް ހިފެހެއްޓުމަށެވެ. އަދި އޭގެ ނޫރާއި ހިދާޔަތަށް ތަބާވުމަށެވެ. އަދި އެ ފެތުރުމަށެވެ. އަދި އިރުމައްޗާއި ހުޅަނގުގައިވާ މީސްތަކުންނަށް މިފޮތާމެދު ވިސްނާ ފިކުރުކުރުމަށް ދަޢުވަތު ދިނުމަށެވެ.
ﷲ ގެ މަގަށް ދަޢުވަތު ދިނުމަށް ބޭނުންކުރެވޭނެ އެންމެ ބޮޑު ވަސީލަތަކީ ކޮބާތޯ ސުވާލުކުރެވިއްޖެނަމަ ދަންނާށެވެ. ފަހެ، އަޅުގަނޑު ދަންނަވާނީ އެއީ ހަމަކަށަވަރުން މި ޤުރުއާނެވެ. ހިދާޔަތު ލިބުމަށް މި ޤުރުއާން އެކަނިވެސް ފުދެއެވެ. އެއީ އިންޞާފުވެރިކަމާއެކު ޙައްޤު ހޯދުމަށް އެދި އެ ފޮތް ކިޔައިފި މީހަކަށެވެ.
﴿يُضِلُّ بِهِ كَثِيرًا وَيَهْدِي بِهِ كَثِيرًا ۚ وَمَا يُضِلُّ بِهِ إِلَّا الْفَاسِقِينَ﴾ [سورة البقرة ٢٦]
މާނައީ: “އެއިން އެއިލާހު ގިނަ ބަޔަކު މަގުފުރައްދައެވެ. އަދި އެއިލާހު ގިނަ ބަޔަކަށް ތެދުމަގު ދައްކައެވެ. ފާސިޤުން މެނުވީ އެއިން އެއިލާހު މަގެއް ނުފުރައްދައެވެ.”
ކާފިރުންގެ ތެރެއިން ކިތައް މީހުން، ހަމައެކަނި ކީރިތި ޤުރުއާން ކިޔައިގެން އޭގެ ސަބަބުން އިސްލާމްދީނަށް ވަދެއްޖެ ހެއްޔެވެ! ބައެއް މީހުން ޤުރުއާން ފިޔަވާ އެހެން އެއްޗެއް ނުކިޔައެވެ. ނުވަތަ ހަމައެކަނި ޤުރުއާނުގެ ޞަފްޙާތަކެއް ކިޔާލުމުން އެއީ ޢާލަމްތަކުގެ ރައްބުގެ ޙައްޤު ކަލާމްފުޅުކަން އެބައިމީހުންނަށް އެނގެއެވެ. އަދި އެ އަޅުގަނޑުމެންގެ ގާތަށް ފޯރުކޮށްދެއްވީ ﷲ ގެ ތެދުވެރި ރަސޫލާ صلى الله عليه وسلم ކަން އެނގެއެވެ.
މި ސަބަބަށްޓަކައި، ﷲ عز وجل ގެ ޢަދުއްވުން، މުސްލިމުން އެއިން ދުރުކުރަން އެންމެ ބޭނުންވާ އެއްޗަކީ މިއެވެ. މި ފަހުން އަޅުގަނޑުމެންނަށް މި އަޑުއިވޭ، ފާފަވެރި މުޖުރިމަކު މުޞްޙަފާމެދު ކޮށްގެން އުޅޭ ކަމަކީ އެއީއެވެ. އޭނާ ބޭނުންވަނީ މުސްލިމުން ރުޅިއަރުވާށެވެ. އެއީ ކީރިތި ޤުރުއާނާމެދު އޭނާގެ ހިތުގައި އޮތް ބޮޑު ރުޅިވެރިކަމުގެ ސަބަބުންނެވެ. މި މަތިވެރި ޤުރުއާނުގެ ސަބަބުން އޭނާގެ ހިތް އެ ހުންނަނީ ރުޅިވެރިކަމުން އަނދައަނދައެވެ. އަދި ޢާލަމްތަކަށް އޭގެ ސަބަބުން ކުރާ އަސަރުންވެސް މެއެވެ. ފަހެ އެ އަންދައިގެން މެނުވީ އޭނާގެ ނަފްސަށް ހަމަޖެހުމެއް ނުލިބިދާނެކަމަށް ދެކެނީކަމުގައި ވެދާނެއެވެ. އެއީ އޭނާއަށް ޖެހިފައި އެވާ ވަރުގަދަ ރުޅިވެރިކަމެއްގެ ސަބަބުންނެވެ.
ފަހެ، މިކަމުގައި އޮތް ހެޔޮ ގޮތް އަޅުގަނޑުމެން ދެނެގަންނަށް ޖެހެއެވެ. އެއީ މި ޤުރުއާނަކީ ސީދާވެގެންވާ ތެދުމަގަށް މަގުދައްކާ އެންމެ ބޮޑު އެއް ސަބަބުކަމެވެ. ފަހެ ﷲ ގެ ޢަދުއްވުން ފުށުން މި ހިނގާ ހުތުރުކަން ބޮޑު ޖަރީމާތަކުގެ ސަބަބުން އަޅުގަނޑުމެން ވީ ކީރިތި ޤުރުއާން އިތުރަށް ފަތުރާ، މީސްތަކުންނަށް އެއާ މެދު ވިސްނާ ފިކުރުކުރުމަށް ދަޢުވަތު ދޭށެވެ.
ދެވަނައީ: މި ހިނގައިގެން އުޅޭ ކަމާމެދު ދަންނައެވެ. މިކަން ހިނގައި ދިޔުމުން މީސްތަކުންނަށް އޮތީ އެކަމުގައި އޮތް ޢިބުރަތްތަކާމެދު ވިސްނާ ފިކުރުކުރުމެވެ. ﷲ سبحانه وتعالى ގެ މަތިވެރި ޙިކުމަތްފުޅުން މިކަން ތަޤްދީރު ކުރެއްވުމުންނެވެ. އަދި ﷲ عز وجل ގެ ޞިފަފުޅުތަކުގެ އަޘަރުތަކުން މިކަމުން ދަލީލުކުރަނީ ކޮން ކަމަކާމެދުގައި ކަމެވެ. މި ޙާދިޘާގައިވާ ކަންކަމާމެދު ވިސްނާ ފިކުރުކުރާށެވެ. މީގައިވާ ﷲ عز وجل ގެ ޙިލްމުފުޅުގެ ޞިފަފުޅުތަކާމެދުގައެވެ. ހަމަކަށަވަރުން ﷲ جل وعلا އަވަސްނުކުރައްވައެވެ. އެއީ އެންމެހާ ކަންކަމުގެ އަމުރުފުޅު އެއިލާހުގެ އަތްޕުޅުގައިވާ އިލާހެވެ. އެއިލާހު އެބައިމީހުންގެ ޢުޤޫބާތް އަވަސްނުކުރައްވައެވެ. މިފަދަކަމެއް ހިނގައި ދިޔުމަށް މެދުވެރިކުރެއްވުމުގައިވާ ﷲ ގެ ޙިކުމަތްފުޅާމެދު ވިސްނާ ފިކުރުކުރާށެވެ. އަޅުގަނޑުމެން އެންމެހާ މުސްލިމުން އިމްތިހާނުކުރެއްވުން މިކަމުގައި ހިމެނެއެވެ. މިކަމާމެދު އަޅުގަނޑުމެން ކަންތައްކުރާ ގޮތް ﷲ سبحانه وتعالى ބައްލަވާވޮޑިގަތުމަށެވެ.
﴿ذَٰلِكَ وَلَوْ يَشَاءُ اللَّهُ لَانتَصَرَ مِنْهُمْ وَلَـٰكِن لِّيَبْلُوَ بَعْضَكُم بِبَعْضٍ﴾ [سورة محمد ٤]
މާނައީ: “އަދި ﷲ އިރާދަކުރައްވާނަމަ އެބައިމީހުންގެ މައްޗަށް ތިޔަބައިމީހުންނަށް ނަޞްރު ލިބުނީސްކަން ކަށަވަރެވެ. އެހެނެއްކަމަކު (އެއިލާހު އިރާދަކުރައްވަނީ) ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކު އިމްތިޙާނުކުރެއްވުމަށްޓަކައެވެ.”
ހިނގައިގެން އުޅޭ ޙާދިޘާއާމެދު ވިސްނާ ފިކުރުކުރާށެވެ. އޭގައިވާ ﷲ عز وجل ގެ مَكْرُ ގެ ޞިފަފުޅާ މެދުގައެވެ. ﷲ، އެއިލާހުގެ ޢަދުއްވުންނާ ދެކޮޅަށް ރާއްވަވައެވެ. އެއީ އެއިލާހުގެ ދީނާ ދެކޮޅަށް ކަންކަން ރާވާ މީހުންނެވެ.
﴿وَيَمْكُرُونَ وَيَمْكُرُ اللَّهُ ۖ وَاللَّهُ خَيْرُ الْمَاكِرِينَ﴾ [سورة الأنفال ٣٠]
މާނައީ: “އެބައިމީހުން މަކަރުވެރި، ނުބައި ރޭވުންތައް ރާވައެވެ. އަދި ﷲ (އެބައިމީހުންގެ ރޭވުންތައް ބާޠިލުކުރައްވައި، އެބައިމީހުންނަށް ކެހި ލިބޭނެގޮތަށް) ރާއްވަވައެވެ. އަދި ﷲ އީ ރާއްވަވާ ފަރާތްތަކުގެ ތެރެއިން އެންމެ މޮޅަށް ރާއްވަވާ އިލާހެވެ.”
ﷲ عز وجل އެބައިމީހުންގެ ކަންކަން ލަސްކުރައްވައެވެ. އެއީ ޢަޒީޒުވަންތަ، ކުޅަދުންވަންތަ އިލާހެއްގެ ހިއްޕެވުމަކުން އެބައިމީހުން ހިއްޕެވުމަށެވެ.
﴿وَلَا يَحْزُنكَ الَّذِينَ يُسَارِعُونَ فِي الْكُفْرِ ۚ إِنَّهُمْ لَن يَضُرُّوا اللَّهَ شَيْئًا ۗ يُرِيدُ اللَّهُ أَلَّا يَجْعَلَ لَهُمْ حَظًّا فِي الْآخِرَةِ ۖ وَلَهُمْ عَذَابٌ عَظِيمٌ﴾ [سورة آل عمران ١٧٦]
މާނައީ: “ކާފިރުވުމުގައި، އަވަސްވެގަންނަ މީހުން ކަލޭގެފާނު ހިތާމަވެރި ކުރުވިޔަ ނުދެއްވާށެވެ! ހަމަކަށަވަރުން އެއްވެސްކަމަކުން އެބައިމީހުންނަކަށް ﷲއަށް ގެއްލުމެއް ނުދެވޭނެއެވެ. ﷲ އިރާދަކުރައްވަނީ އެބައިމީހުންނަށް އާޚިރަތުގައި އެއްވެސް މިންވަރެއް ނުލެއްވުމަށެވެ. އަދި އެބައިމީހުންނަށް ބޮޑުވެގެންވާ ޢަޛާބު ހުށްޓެވެ.”
﴿إِنَّ الَّذِينَ اشْتَرَوُا الْكُفْرَ بِالْإِيمَانِ لَن يَضُرُّوا اللَّهَ شَيْئًا وَلَهُمْ عَذَابٌ أَلِيمٌ﴾ [سورة آل عمران ١٧٧]
މާނައީ: “ހަމަކަށަވަރުން އީމާންކަމުގެ ބަދަލުގައި ކާފިރުކަން ގަތްމީހުންނަކަށް އެއްވެސްކަމަކުން ﷲއަށް ގެއްލުމެއް ނުދެވޭނެއެވެ. އަދި އެބައިމީހުންނަށް ވޭންދެނިވި ޢަޛާބު ހުށްޓެވެ.”
﴿وَلَا يَحْسَبَنَّ الَّذِينَ كَفَرُوا أَنَّمَا نُمْلِي لَهُمْ خَيْرٌ لِّأَنفُسِهِمْ ۚ إِنَّمَا نُمْلِي لَهُمْ لِيَزْدَادُوا إِثْمًا ۚ وَلَهُمْ عَذَابٌ مُّهِينٌ﴾ [سورة آل عمران ١٧٨]
މާނައީ: “ތިމަންއިލާހު އެބައިމީހުންނަށް (ޖަޒާ ދެއްވުމުގައި) ލަސްކުރެއްވުން އެއީ، އެބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ހެޔޮ ގޮތެއްކަމަށް ކާފިރުވި މީހުން ހީނުކުރާހުށިކަމެވެ! ތިމަންއިލާހު އެބައިމީހުންނަށް އެކަން ލަސްކުރައްވާކަން ކަށަވަރީ އެބައިމީހުންގެ ފާފަ އިތުރުވުމަށެވެ. އަދި އެބައިމީހުންނަށް އިހާނަތްތެރިކަން ދެނިވި ޢަޛާބު ހުށްޓެވެ.”
އެއީ އެބައިމީހުންނަށް ބޮޑުވެގެންވާ ޢަޛާބަކާއި ވޭންދެނިވި ޢަޛާބަކާއި އިހާނަތްތެރިކަން ދެނިވި ޢަޛާބެއް ދެއްވުމަށްޓަކައެވެ.
ތިންވަނައީ: އަޅުގަނޑުމެން މުސްލިމުންނަށް އޮތް އުފާވެރިކަމުގެ ޚަބަރެވެ. އެއީ ކީރިތި ޤުރުއާނަކީ ﷲ ގެ ރައްކާތެރިކުރެއްވުމުން ރައްކާތެރިކުރެއްވޭނޭ ފޮތެއްކަމުގެ ޚަބަރެވެ.
﴿إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ﴾ [سورة الحجر ٩]
މާނައީ: “ހަމަކަށަވަރުން ތިމަންއިލާހު ޤުރުއާން ބާވައިލެއްވީމެވެ. އަދި ހަމަކަށަވަރުން ތިމަންއިލާހު އެ ރައްކާތެރި ކުރައްވާހުށީމެވެ.”
ތިޔަބައިމީހުންނަށް ކުރެވުނު ކަމެއް ކުރާށެވެ. އެކަމު ﷲ ގަންދީ ބުނަމެވެ. މި ޤުރުއާންވަނީ ރައްކާތެރިކުރެވިގެންނެވެ. ޢިޔާޟު އަލްމުޖާޝީ رضي الله عنه، ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޘެއް ޞަޙީޙު މުސްލިމުގައިވެއެވެ. އެކަލޭގެފާނުގެ ރައްބު ޚަބަރުދެއްވިކަމަށް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އެއީ ދިގު ޙަދީޘެކެވެ. އެ ޙަދީޘްގައި ﷲ جل وعلا ވަޙީކުރެއްވިއެވެ.
«وَأَنْزَلْتُ عَلَيْكَ كِتَابًا لَا يَغْسِلُهُ الْمَاءُ» [رواه مسلم (63 – (2865))]
މާނައީ: “އަދި ތިމަންއިލާހު ކަލޭގެފާނަށް ފޮތެއް ބާވައިލެއްވީމެވެ. ފެނުން އެ ނުދޮވެވޭ ހުއްޓެވެ.” [1]
މިއީ ހިތްތަކުގައި ރައްކާތެރިކުރެވިފައިވާ ފޮތެކެވެ. ޒަމާންތައް މާޒީވެދިޔަކަމުގައި ވިޔަސް ދެމިގެންވާ ގޮތުގައެވެ.
އޭ ﷲ ގެ ޢަދުއްވުންނޭވެ! ފަހެ ތިޔަބައިމީހުންނަށް ހުރި ނުބައިކަމުގެ ޚަބަރު ލިބިގަންނާށެވެ. އަދި އަހަރަކު މި މުސްޙަފުގެ އެތަން މިލިޔަން މުޞްޙަފް ޗާޕުކުރެވޭކަން ދަންނާށެވެ. އަދި ކޮންމެ އަހަރަކު އެތައް ހާސް ތަރުޖަމާ އެކުލަވާލެވޭކަން ދަންނާށެވެ. އަދި އިރުމައްޗާއި ހުޅަނގުގައި (ޤުރުއާން) ހިތުދަސްކުރާ މީހުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަން ދަންނާށެވެ. ތިޔަބައިމީހުން މި ޤުރުއާނާ މެދު ރުޅިއަންނަންޏާ އަދި އެއާ މެދު (މީސްތަކުން) ފަރުވާތެރިވުމުން އެކަމާ ރުޅިއަންނަންޏާ، ފަހެ ތިޔަ ރުޅިވެރިކަން އިތުރުވާނެކަމުގެ ޚަބަރު ލިބިގަންނާށެވެ. ﷲ ގަންދީ ބުނަމެވެ. ތިޔަބައިމީހުން ނުރުހުންވާ ކަންކަން މެނުވީ ތިޔަބައިމީހުންނަށް ނުފެންނާނެއެވެ.
ހަތަރުވަނައީ: ﷲ ތިބާ ރައްކާތެރިކުރައްވާށިއެވެ! އެއީ ޢިއްޒަތްތެރި ފޮތެއްކަމުގެ ޚަބަރު ﷲ جل وعلا ދެއްވާފައިވާކަމާމެދު ވިސްނާ ފިކުރުކުރާށެވެ. އެއީ ހިދާޔަތުގެ ފޮތެވެ. ނަމަވެސް ތަވާޟުޢުވެރިކަމާއެކު އެކަން ލިބިގަތުމަށް އެދޭ މީހަކަށް މެނުވީ އެއިން ހިދާޔަތާއި އޭގައިވާ ހެޔޮކަމާއި ނޫރު ނުލިބޭނެއެވެ. އަދި އޭނާގެ ނަފްސަށް އިންޞާފުވެރިވެ، ޙައްޤު ހޯދުމަށް އެދޭ މިހާއަށް މެނުވީއެވެ. އެހެން ނޫންނަމަ، ކިބުރުވެރިވެގެންފި މީހާގެ ނަފްސު ވެގެންދާނީ އެމީހެއްގެ ހަލާކާއި އަބާއްޖަވެރިކަމުގެ ސަބަބަށެވެ.
﴿يُضِلُّ بِهِ كَثِيرًا وَيَهْدِي بِهِ كَثِيرًا ۚ وَمَا يُضِلُّ بِهِ إِلَّا الْفَاسِقِينَ﴾ [سورة البقرة ٢٦]
މާނައީ: “އެއިން އެއިލާހު ގިނަ ބަޔަކު މަގުފުރައްދައެވެ. އަދި އެއިލާހު ގިނަ ބަޔަކަށް ތެދުމަގު ދައްކައެވެ. ފާސިޤުން މެނުވީ އެއިން އެއިލާހު މަގެއް ނުފުރައްދައެވެ.”
މި ފޮތާމެދު ﷲ سبحانه وتعالى ވަނީ މި އަޖައިބުކުރަނިވި ޚަބަރުދެއްވާފައެވެ. އެއީ މި ފޮތަކީ ޤައުމެއްގެ ބަޔަކަށް ހިދާޔަތެކެވެ. އަދި އަނެއް ބަޔަކު މަގުފުރެދުމުގެ ސަބަބެވެ.
﴿ قُلْ هُوَ لِلَّذِينَ آمَنُوا هُدًى وَشِفَاءٌ ۖ وَالَّذِينَ لَا يُؤْمِنُونَ فِي آذَانِهِمْ وَقْرٌ وَهُوَ عَلَيْهِمْ عَمًى﴾ [سورة فصلت ٤٤]
މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! އެ ފޮތަކީ އީމާންވި މީހުންނަށްވާ ތެދުމަގެކެވެ. އަދި ޝިފާއެއްވެސް މެއެވެ. އަދި އީމާން ނުވާ މީހުންގެ ކަންފަތްތަކުގައި ބީރުކަމެއް ވެއެވެ. އަދި އެ ފޮތަކީ އެބައިމީހުންގެ މައްޗަށްވާ ކަނުކަމެކެވެ.”
ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ.
﴿وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا﴾ [سورة الإسراء ٨٢]
މާނައީ: “ތިމަން އިލާހު ޤުރުއާނުން މުއުމިނުންނަށް ރަޙްމަތާއި ޝިފާކަމުގައިވާ ތަކެތި ބާވައިލައްވަމެވެ. އަދި އެ ޤުރުއާނުން އަނިޔާވެރިވި މީހުންނަށް ގެއްލުމެއް މެނުވީ އިތުރު ނުވާ ހުށްޓެވެ.”
ޞަޙީޙު މުސްލިމުގައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«إِنَّ اللهَ يَرْفَعُ بِهَذَا الْكِتَابِ أَقْوَامًا، وَيَضَعُ بِهِ آخَرِينَ» [رواه مسلم (269 – (817))]
މާނައީ: “ހަމަކަށަވަރުން ﷲ، މި ޤުރުއާނުގެ ޒަރިއްޔާއިން ބަޔަކު މަތިވެރި ކުރައްވައެވެ. އަދި އަނެއް ބަޔަކު ނިކަމެތި ކުރައްވައެވެ.”
ފަސްވަނައީ: – މިއީ އެންމެ ފަހު ނުކުތާއެވެ. – ﷲ عز وجل ގެ ޢަދުއްވުން ކޮންމެ ކަމެއް ގެނައިމުގައިވިޔަސް ދަންނާށެވެ. އޭ މުސްލިމުންނޭވެ! ހެޔޮ ނިމުންވަނީ ތަޤުވާވެރިންނަށެވެ. ﷲ ގަންދީ ބުނަމެވެ. އަޅުގަނޑުމެންގެ ރައްބު އަޅުގަނޑުމެންނަށް މިކަން ފުރިހަމަކޮށްދެއްވާނެއެވެ. ﷲ ގަންދީ ބުނަމެވެ. ރޭދުވާ ފޯރާ ކޮންމެ ހިސާބަކަށް މިކަން ފޯރާނެއެވެ. ޢިއްޒަތްތެރިވާ މީހަކު ޢިއްޒަތްތެރިވެގެންނެވެ. ނުވަތަ ނިކަމެތިވާ މީހަކު ނިކަމެތިވެގެންނެވެ.
﴿يُرِيدُونَ لِيُطْفِئُوا نُورَ اللَّهِ بِأَفْوَاهِهِمْ وَاللَّهُ مُتِمُّ نُورِهِ وَلَوْ كَرِهَ الْكَافِرُونَ﴾ [سورة الصف ٨]
މާނައީ: “އެބައިމީހުން އެދެނީ ﷲ ގެ ނޫރުފުޅު (އެބަހީ: އިސްލާމްދީން) އެބައިމީހުންގެ އަނގަތަކުން ފުމެ، ނިއްވައިލުމަށެވެ. އަދި ކާފިރުން ނުރުހުނުކަމުގައި ވިޔަސް ﷲ އެއިލާހުގެ ނޫރުފުޅު ފުރިހަމަ ކުރައްވާ ހުށްޓެވެ.”
﴿هُوَ الَّذِي أَرْسَلَ رَسُولَهُ بِالْهُدَىٰ وَدِينِ الْحَقِّ لِيُظْهِرَهُ عَلَى الدِّينِ كُلِّهِ وَلَوْ كَرِهَ الْمُشْرِكُونَ﴾ [سورة الصف ٩]
މާނައީ: “އެއިލާހީ، ތެދުމަގާއި ޙައްޤާއިގެން އެއިލާހުގެ ރަސޫލާ ފޮނުއްވި އިލާހެވެ. އެއީ އެންމެހާ ދީންތަކުގެ މައްޗަށް މި ދީން މަތިވެރި ކުރެއްވުމަށެވެ. މުޝްރިކުން ނުރުހުނުކަމުގައި ވިޔަސްމެއެވެ.”
﴿لِيُحِقَّ الْحَقَّ وَيُبْطِلَ الْبَاطِلَ وَلَوْ كَرِهَ الْمُجْرِمُونَ﴾ [سورة الأنفال ٨]
މާނައީ: “(އެއީ) މުޖުރިމުން ނުރުހުނު ކަމުގައިވިޔަސް ޙައްޤު ގަދަކުރައްވައި، ބާޠިލު ނެތި ކުރެއްވުމަށްޓަކައެވެ.”
ކާފިރުން “أُعْلُ هُبَلْ” (މާނައީ: ހުބަލު ކިޔާ ބުދު މަތިވެރިކުރާށޭ) އޭ ބުނެފިނަމަ މުސްލިމުން ބުނާނީ «اللهُ أَعْلَى وأَجَلُّ» އެވެ. (މާނައީ: ﷲ ގެ މަތިވެރިކަމާއި މާތްކަން މާ ބޮޑުވެގެންވެއެވެ.) [2]
އޭ ﷲ! ފޮތް ބާވައިލެއްވި އިލާހެވެ! ވިލާތައް ހިންގަވާ އިލާހެވެ! ޖަމާޢަތްތައް ބަލިކުރައްވާ އިލާހެވެ! މުސްލިމުންގެ ޢަދުއްވުން ބަލިކުރައްވާނދޭވެ! އަދި އިސްލާމްދީނާއި މުސްލިމުންނަށް ނަޞްރު ދެއްވާނދޭވެ! އޭ ﷲ! މި މާތް ފޮތުގެ ޙުރުމަތް ކަނޑާ މީހެއްގެ ހިތް އަންދަވާނދޭވެ! އަދި އޭނާގެ ގުނަވަންތައް ވާ ކުރައްވާނދޭވެ! އަދި އޭނާއީ މީސްތަކުންނަށް ހުރި ޢިބުރަތެއްކަމުގައި ލައްވާނދޭވެ! އޭ ދުޢާތައް އައްސަވާ އިލާހެވެ! އޭ ﷲ! މި ޤުރުއާނުގެ ޒަރިއްޔާއިން އަޅަމެންގެ ޤަދަރު އުފުއްލަވާނދޭވެ! އޭ ﷲ! މި ޤުރުއާނުގެ ޒަރިއްޔާއިން އަޅަމެންގެ ޤަދަރު އުފުއްލަވާނދޭވެ! އޭ ﷲ! މި ޤުރުއާނުގެ ޒަރިއްޔާއިން އަޅަމެންގެ ޤަދަރު އުފުއްލަވާނދޭވެ!
اللهم صل وسلم على نبينا محمد وعلى آله وصحبه أجعين.
މިއީ އައްޝައިޚު ޞާލިޙު ބުން ޢަބްދުލްޢަޒީޒު ސިންދީ – حفظه الله – މި މައުޟޫޢުގައި ދެއްވާފައި ނަސޭޙަތެއްގެ ތަރުޖަމާއެވެ.
[1] ފެނުން އެ ނުދޮވެވުމުގެ މާނައަކީ: އެ ފޮތްވަނީ މީސްތަކުންގެ ހިތްތަކުގައި ރައްކާތެރިކުރެވިފައެވެ. އެ ނެތިގެން ދިޔުމެއް ނުވެއެވެ. ޒަމާންތައް މާޒީވެ ދިޔަކަމުގައިވިޔަސް އެ ދެމި އޮންނާނެއެވެ. (ބައްލަވާ: شرح النووي على مسلم (17 / 198)).
[2] މިއީ އުޙުދު ހަނގުރާމައިގައި ހިނގާ ދިޔަ ޙާދިޘާއެއްގެ ތަންކޮޅެކެވެ. (ބައްލަވާ: صحيح البخاري (3039)).