ބައްޔަކުން ފަސޭހަ ވާނޭކަމުގެ އުންމީދެއް ނެތި ރޯދަ ދޫކޮށްލާ މީހާއަށް، އޭގެ ފަހުގައި ﷲ ތަޢާލާ ޝިފާ ދެއްވައިފިނަމަ ދޫކޮށްލި ރޯދަތައް ޤަޟާކުރުން.
ބަލިމީހާ ރޯދަ ދޫކޮށްލީ އެ ބައްޔަކުން ފަސޭހަ ވާނޭކަމުގެ އުންމީދެއް ނެތް ފަދަ ބައްޔެއްގެ ސަބަބުން ކަމުގައި ވާނަމަ، ފަހެ އޭނާގެ މައްޗަށް ރޯދަ ޤަޟާކުރުން ވާޖިބުވެގެން ނުވެއެވެ. އޭނާގެ މައްޗަށް ވާޖިބުވެގެން ވަނީ ދޫކޮށްލާ ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާން ދިނުމެވެ.
އެއީ ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
﴿وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ﴾ [1]
މާނައީ: ” އަދި އުނދަގޫކަމާއެކު އެކަމަށް ކުޅަދާނަވާ މީހުންގެ މައްޗަށްއޮތީ (ރޯދަ ދޫކޮށްލުމާއެކު) ފިދުޔަ ދިނުމެވެ. (ފިދުޔައިގެ މިންވަރަކީ) މިސްކީނަކަށް ކާންދޭ މިންވަރެވެ.”
އިބްނު ޤުދާމާ رَحِمَهُ اللهُ ވިދާޅުވިއެވެ.
“ބަލިން ފަސޭހަ ވާނޭ ކަމުގެ އުންމީދެއް ނުވާ ބަލި މީހާ ރޯދަ ދޫކޮށްލައި އަދި (ރޯދަ ދޫކޮށްލާ) ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާން ދޭނީއެވެ. ސަބަބަކީ އޭނާ ވަނީ މުސްކުޅި މީހާގެ މާނާގައެވެ.” [2]
ބަލިން ފަސޭހަވުމުގެ އުންމީދެއް ނެތި ރޯދަ ދޫކޮށްލާ މީހާ، ދޫކޮށްލި ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާން ދޭ ފަހުން، ﷲ ތަޢާލާ އެމީހަކަށް ބަލިން ޝިފާ ދެއްވި ނަމަވެސް ދޫކޮށްލި ރޯދަތައް ޤަޟާ ކުރާކަށް ނުޖެހޭނެ އެވެ. ސަބަބަކީ އެ ޙާލަތުގައި އޭނާގެ މައްޗަށް ލާޒިމުވެގެންވާ ކަންތައް އަދާކޮށްފައި ވާތީއެވެ. އަދި އޭނާގެ ކިބައިން ޛިންމާ ކެނޑިފައި ވާތީއެވެ.
އައްޝައިޚް އިބްނު ޢުޘައިމީން رَحِمَهُ اللهُ އާއި ސުވާލު ދެންނެވުނެވެ.
ސުވާލު: ފަސޭހަ ނުވާނެކަމަށް ޑޮކްޓަރުން ބުނެފައިވާ ބައްޔެއްގައިވާ މީހަކު، ރޯދަ މަސް ފާއިތުވެ ދުވަސް ތަކެއް ފަހުން އެ ބައްޔަށް ޝިފާ ލިބިއްޖެނަމަ، އެ ބަލީގެ ސަބަބުން ދޫކޮށްލި ރޯދަތައް ޤަޟާކުރަން ޖެހޭނެ ހެއްޔެވެ؟
ޖަވާބު: “ޢާންމުކޮށް ކަން ހިނގާ ގޮތަށް ބަލާފައި ނުވަތަ އިތުބާރު ކުރެވޭ ޑޮކްޓަރެއްގެ ބަހަކަށް ބުރަވެ، ފަސޭހަ ނުވާނެ ފަދަ ބައްޔެއްގެ ސަބަބުން ރޯދަ މަސް އެކީ ނުވަތަ ރޯދަ މަހުން ބައެއްގައި ރޯދަ ދޫކޮށްލައިފި މީހާގެ މައްޗަށް ވާޖިބުވެގެންވަނީ ދޫކޮށްލާ ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާން ދިނުމެވެ. މި ފަދައިން ޢަމަލުކުރި ފަހުން އެމީހަކަށް ބަލިން ޝިފާ މިންވަރު ކުރެއްވިޔަސް ދޫކޮށްލި ރޯދަތައް ޤަޟާކުރާކަށް ނުޖެހޭނެއެވެ. ސަބަބަކީ ރޯދަހިފުމުގެ ބަދަލުގައި އޭނާގެ މައްޗަށް ލާޒިމުވެގެންވި ކަންތައް – މިސްކީނަކަށް ކާންދިނުން – ފުރިހަމަ ކޮށްފައިވުމުން އެމީހެއްގެ ޛިންމާ އެވަނީ އަދާވެފައެވެ.
އެމީހެއްގެ ޛިންމާ އަދާވެފައި ވާނަމަ އިތުރަށް އެކަމާ ގުޅިގެން އެމީހެއްގެ މައްޗަށް ކުރުން ވާޖިބުވެގެންވާނެ ކަމެއް ނޯންނާނެއެވެ. މިކަމުގައި ބުރަވެފައި މި ވަނީ ފިލައި ނުދާނެ ފަދަ އުޛުރެއް ދިމާވުމުގެ ސަބަބުން ފަރުޟު ޙައްޖު ނުކުރެވޭ މީހާ، އޭނާގެ ބަދަލުގައި އެހެން މީހަކު ޙައްޖު އަދާ ކުރާ ފަހުން އެ ޢުޛުރެއް ކެނޑުނު ނަމަވެސް އެމީހެއްގެ މައްޗަށް ދެވަނަ ފަހަރަށް ފަރުޟު ޙައްޖު ކުރަން ނުޖެހޭނެ ކަމަށް ފިޤުހުވެރިން ބުނާ ބަހަށެވެ.” [3]
[1] سورة البقرة 184
[2] المغني (4/396)، موقع الإسلام سؤال وجواب، جواب السؤال رقم: (189448)
[3] مجموع فتاوى الشيخ ابن عثيمين (19/126)، موقع الإسلام سؤال وجواب، جواب السؤال رقم: (84203)