ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވެއެވެ. ” فَمَن كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا ﴿١١٠﴾ ” – سورة الكهف – الآية – މާނަ : ” ފަހެ، އެމީހެއްގެ ވެރިރަސްކަލާންގެއާ ބައްދަލުވުމަށް އެދޭމީހާ ދަންނާށެވެ! ފަހެ، އެމީހާ ޞާލިޙު ޢަމަލުން ޢަމަލު ކުރާ ހުށިކަމެވެ! އަދި އެމީހާގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރުމުގައި، އެއިލާހާއި އެއްވެސް ފަރާތެއް ބައިވެރި ނުކުރާހުށިކަމެވެ! “
އެހެންކަމުން ﷲ ތަޢާލާއާއި ބައްދަލުވުމަށް އެދޭމީހަކަށް އޮތީ އެއިލާހު ފިޔަވައި މީސްތަކުން އަޅުކަންކުރާހައި ތަކެއްޗަކަށް ކާފަރުވެ، ހަމައެކަނި ﷲ ތަޢާލާއަށް އަޅުކަންކުރުމެވެ. ޝިރުކާއި ޝިރުކުގެ އަހުލުވެރިންނާއި ދުރުހެލިވުމެވެ. އަދި ޞާލިޙް ޢަމަލުކުރުމެވެ. ﷲ ތަޢާލާ ކުރަން އަމުރުކުރެއްވެވި ހެޔޮ ޢަމަލުތަކުން އެއްކިބާވެ ތިމާގެ ހަވާނަފްސު އެދޭހައި ގޮތަކަށް ދިރިއުޅުން ބައްޓަށްކޮށްފި ކަމުގައި ވާނަމަ އާޚިރުގައި ވަދެ އޮންނަން ޖެހޭނީ ނަރަކާގައެވެ. ﷲ ތަޢާލާ ނުފެނި، ޣައިބުގައި އެއިލާހަށް އީމާންވެ ، ތިމާއަށް އެއިލާހު ނުފެނުނަސް ، އެއިލާހު ތިމާއަށް ބައްލަވާވޮޑިގެންވާކަން ޔަޤީންކޮށް، ތިމާގެ ހަވާނަފްސު އެދިގޮވާ، ފާޙިޝް ކަންތައްތަކާއި މުންކަރާތްތަކުން އެއްކިބާވެ، ޙަޔާތް ވޭތުކޮށްލިމީހާއީ ﷲ ތަޢާލާގެ ހަޟްރަތުގައި ކިހައި ލޮބުވެތިކަންބޮޑު އަޅަކަށް ވާނެތޯއެވެ؟ އެފަދަ އަޅަކަށް ﷲ ތަޢާލާ ތައްޔާރުކުރައްވާފައިވާ ނިޢުމަތްތައް ކިހައި ފުރިހަމަވާނެތޯއެވެ؟
ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވެއެވެ. ” إِنَّ الَّذِينَ يَخْشَوْنَ رَبَّهُم بِالْغَيْبِ لَهُم مَّغْفِرَةٌ وَأَجْرٌ كَبِيرٌ ﴿١٢﴾ ” سورة الملك މާނަ: ” ހަމަކަށަވަރުން، ޣައިބުގައި އެއުރެންގެ ވެރިރަސްކަލާނގެއަށް ބިރުވެތިވާމީހުން ދަންނާށެވެ! ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ، އެމީހުންނަށް ހުށްޓެވެ.” ޤުދުސިއްޔަ ޙަދީޘެއްގައި ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ” أَعْدَدْتُ لِعِبَادِي الصَّالِحِينَ مَا لاَ عَيْن رَأَتْ ، وَلاَ أُذُن سَمِعَتْ ، وَلاَ خَطَر عَلَى قَلْبِ بَشَرٍ ” رواه البخاري މާނަ : ” ތިމަންއިލާހުގެ ޞާލިޙު އަޅުންނަށްޓަކައި ތިމަން އިލާހު ތައްޔާރުކުރައްވާފައިވާ ނިޢުމަތްތަކަކީ، އެއްވެސް ލޮލަކަށް ފެނިފައިނުވާ، އަދި އެއްވެސް ކަންފަތަކަށް އޭގެ ވާހަކަ އިވިފައިނުވާ އަދި އެއްވެސް މީހެއްގެ ހިތައްވެސް އަރާފައި ނުވާފަދަމަތިވެރި ނިޢުމަތްތަކެވެ. “
ލޮބުވެތި އަޚުންނޭވެ! ސުވަރުގެއަށް ވަދެވެނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުނު އަޅަކަށެވެ. އެއިލާހުގެ ރުހިވޮޑިގަތުން ލިބޭނީ ދުނިޔެމަތީގައި އެއިލާހު އެންގެވި ގޮތައް ދުވަސްތައް ހޭދަކުރެވިގެންނެވެ. ސުވަރުގޭގެ އަހުލުވެރިންނަށްޓަކައި އެތަނުގައި އެއްވެސް އުނިކަމެއްނުވެއެވެ. އެތަނުގައިވަނީ ފުރިހަމަކަމެވެ. އެބައިމީހުން ހިތް ނޭދޭ އެއްވެސްކަމެއް އެތަނުގައި އެބައިމީހުންނަކަށް ކުރިމައްޗެއްނުވާނެތެވެ. އަދިކިއެއްހެއްޔެވެ. އެތަނުން އެބައިމީހުން ހިތްއެދޭހައި ކަމެއް ހާޞިލިވާނެއެވެ. ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައިވެއެވެ. ” يُطَافُ عَلَيْهِم بِصِحَافٍ مِّن ذَهَبٍ وَأَكْوَابٍ ۖ وَفِيهَا مَا تَشْتَهِيهِ الْأَنفُسُ وَتَلَذُّ الْأَعْيُنُ ۖ وَأَنتُمْ فِيهَا خَالِدُونَ ﴿٧١﴾ ” سورة الزخرف މާނަ : ” އެއުރެންގެ ގާތުގައި ރަނުގެ ކަންވާރުތަކާއި، ތަށިތަކާއިގެން ބުރުޖެހޭނެތެވެ. އަދި އެތާނގައި އެއުރެން ހިތްއެދޭހައި ކަމެއް، އަދި ލޯތަކަށް އަރާމު ލިބިދޭ ހުރިހާ ތަކެތި ވެއެވެ. އަދި ތިޔަބައިމީހުން އެތާނގައި ދެމިތިބޭނެތެވެ. “ ސުވަރުގޭގެ ނިޢުމަތްތަކާއިބެހޭގޮތުން ކީރިތި ޤުރުއާނާއި މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި އެތައް ނައްސެއް ވާރިދުވެގެން އައިސްފައިވެއެވެ.
ސުވަރުގޭގެ އަހުލުވެރިން ހިތް އެދޭހައި ކަމެއް، އެތަނުގައި، ﷲ ތަޢާލާ ލައްވާފައިވާކަން މަތީގައި ބަޔާންވެދިޔަ އާޔަތުން ހާމަވެގެން ހިނގައްޖެއެވެ. އެބައިމީހުން އިތުރު ނިޢުމަތަކަށް ބޭނުންނުވާފަދަ ފުރިހަމަ ނިޢުމަތްތަކެކެވެ. ދާއިމީ ނިޢުމަތްތަކެކެވެ. އެހެންނަމަވެސް އެބައިމީހުން އެ ފުރިހަމަވެގެންވާ ބޮޑެތި ނިޢުމަތްތަކުގެ މަތިން އެވަގުތު ހަނދާންނެތިގެންދާނެ ، އެއްމެ ބޮޑުނިޢުމަތް އެއިލާހު ތަޢާލާގެ ހަޞްރަތުގައި ވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ” لَهُم مَّا يَشَاءُونَ فِيهَا وَلَدَيْنَا مَزِيدٌ ﴿٣٥﴾ ” سورة ق މާނަ: ” އެ ސުވަރުގޭގައި އެއުރެންނަށް އެއުރެން އެދޭހާ ކަމެއްވެއެވެ. އަދި ތިމަންރަސްކަލާނގެ ޙަޟްރަތުގައި އިތުރު ނިޢުމަތްތައްވެސް ވެއެވެ.” އެއީ ކޮންނިޢުމަތެއްތޯއެވެ؟ އާދެ އެއީ ރަޙްމާނުވަންތަ އިލާހުގެ މޫނުފުޅު ސުވަރުގޭގެ އަހުލުވެރިންނަށްޓަކައި ކަޝްފުކުރެއްވުމެވެ. އެއަށްވުރެ ބޮޑު ނިޢުމަތެއް ލިބޭނެތޯއެވެ؟ ޣައިބުގައި އެއިލާހު ނުފެނި، އެލާހުގެ ހައިބަވަންތަކަމާއި ބޮޑުކަމަށް ބިރުން، އެއިލާހަށް އަޅުކަންކޮށްއުޅުނު އަޅުތަކުންނަށް އެއިލާހުގެ މޫނުފުޅު ފެނުމުން އެންމެހައި ނިޢުމަތްތަކުގެ މަތިން ހަނދާންނެތިގެންދާނެއެވެ. އެމީހުން އެފަރާތަކާއި ބައްދަލުވުމަށް އުއްމީދުކޮށްގެ އަޅުކަންކުރަމުން ދިޔަ ގަދަކީރިތިވަންތަ ﷲ ސުބްޙާނަހު ވަތަޢާލާގެ މޫނުފުޅަށް އެބައިމީހުން އެއްވެސް ހުރަހެއްނެތި ބާލާނެއެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވެއެވެ. ” وُجُوهٌ يَوْمَئِذٍ نَّاضِرَةٌ ﴿٢٢﴾ ” سورة القيامة މާނަ : ” އެދުވަހުން މޫނުތަކެއް ރީތިވެ، އަލިވެގެންވެއެވެ.” – ” إِلَىٰ رَبِّهَا نَاظِرَةٌ ﴿٢٣﴾ ” سورة القيامة މާނަ : ” އެ މޫނުތަކުގެ ވެރިރަސްކަލާނގެއަށް ބަލަބަލައި ތިބޭހާލުގައެވެ. “
ކޮންމެ މުސްލިމެއްގެ ވެސް އެދުމަކަށް ވާނީ ، އޭނާގެ ވެރި ރައްބާއި ބައްދަކުކުރުންކަންކަށަވެރެވެ. އެހެންކަމަށްވާނަމަ ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިން ވުމަށްޓަކައި ﷲ ތަޢާލާއަށް މިއަދު ، ދުނިޔޭގައި ، ބިރުވެތިވެ ކިޔަމަންތެރިވާށެވެ. ހަވާނަފްސުގެ އެދުންތައް އެއްކިބާކޮށް ، އާޚިރަތުގެ ދިރިއުޅުން އިސްކުރަމާތޯއެވެ.
ނަރަކައިގެ އަހުލުވެރިންނާއިބެހޭގޮތުން ސޫރަތުލްމުޠައްފިފީން ގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ” كَلَّا إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍ لَّمَحْجُوبُونَ ﴿١٥﴾” މާނަ : ” ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެއުރެންގެ ވެރިރަސްކަލާނގެ ހަޟްރަތުން އެދުވަހު، އެއުރެން ފަރުދާ ކުރެވިގެންވާނޭކަން ކަށަވަރެވެ. “ ނަރަކައިގެ އަހުލުވެރިންނަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.