
‘ވިޤާޔަތުލް އިންސާން މިނަލް ޖިންނި ވައްޝައިޠާން’ގައި، ޝެއިޚް ވަޙީދް ޢަބްދުއްސަލާމް ބާލީ ލިޔުއްވާފައިވެއެވެ.
((ބަލިމީހުންނަށް ފަރުވާކުރުމުގައި، ޖިންނީންގެ އެހީ ހޯދުމަކީ ކޮންކަހަލަ ކަމެއްތޯ، ވަރަށް ގިނަ ރާޤީން ސުވާލުކުރެއެވެ. ޚާއްޞަކޮށް ތިމަންނައަކީ މުސްލިމް ޖިންނިއެއްކަމަށް ދަޢުވާކޮށް، އެއްވެސް ޝަރުޠަކާނުލައި އެހީވެދޭނެކަމަށް އެޖިންނި ބުނާނަމައެވެ.
ޖަވާބު: މިއީ ހުއްދަކަމެއް ނޫނެވެ. ވަރަށް ގިނަ ސަބަބުތަކަށްޓަކައެވެ. ބަދަލަކާއިނުލައި، އެއްވެސް ޖިންނިއެއް އިންސާނަކަށް އެހީތެރިއެއް ނުވާނެއެވެ. ރާޤީއަށް މިކަން އެނގުނަސް، އަދި ނޭނގުނުކަމުގައި ވިޔަސްމެއެވެ.
އަންނަނިވި ދެގޮތަށް މެނުވީ، ޖިންނި އެހީއެއްނުވާނެއެވެ.
1-އެތާނގައިތިބި މީހުންގެ ތެރެއިން ކޮންމެވެސް މީހެއްގެ ގަޔަށްވަދެ، ބަލިމީހާއަށް އުނދަގޫކުރާ ޖިންނިއާއި ކުރިމަތިލައިގެން، ނުވަތަ އެމީހާއަށް ކުރިމަތިވެގެންއުޅެނީ، ސިޙުރެއްތޯ، ޙަސަދެއްތޯ، ނުވަތަ ޖިންނިއަވަލައިގެން އުޅެނީތޯ، ބަޔާންކޮށްގެންނެވެ. މިގޮތަށް ބަޔާންކުރާނީ އެތާނގައިތިބި މީހުންގެ ތެރެއިން ކޮންމެވެސް މީހެއްގެ ގަޔަށްވަދެ، އޭނާގެ ދުލުންނެވެ.
2-ބަލިމީހާގެ ގަޔަށްވަދެ، އެމީހާއަށް އުދަގޫކުރާ، އަވަލައިގެންއުޅޭ ޖިންނިއާއި ކުރިމަތިލައި، ކުޅަދާނަވެއްޖެނަމަ އެމީހާގެ ހަށިގަނޑުން އެޖިންނި ނެރެގެންނެވެ. މިގޮތަށް ބަލިމީހާގެ ގަޔަށް މިޖިންނިވަނުމުން، ރާޤީ އޭނައާއި މުޚާޠަބުކުރަންޖެހޭނީ ދެމީހުން(ޖިންނިއާއި ރާޤީ) އެއްބަސްވާ ބަސްތަކަކުންނެވެ.
މިދެގޮތުގެ ތެރެއިން، އެއްވެސްގޮތެއް ހުއްދަވެގެންނުވެއެވެ.
ދެންފަހެ، ފުރަތަމަގޮތް ދަންނައެވެ! މިގޮތް ހުއްދަނުވަނީ އަންނަވި ސަބަބުތަކަށްޓަކައެވެ.
1-އިންސާނެއްގެ ހަށިގަނޑަށް ވަނުމުގެ އިޛުނަ ޖިންނިއަކަށް ދިނުމަކީ ހުއްދަވެގެންވާކަމެއްނޫނެވެ. (މިހެންބުނެވުމުން) މީހަކު ބުނެފާނެއެވެ. ގަޔަށް ވަނުމަށް، އެ އިންސާނާގެ އެއްވެސް އިއުތިރާޟެއް ނެތްނަމަވެސްތޯއެވެ؟ ޖަވާބަކީ، އާނއެކެވެ. އެ އިންސާނާ ރުހުނުކަމުގައި ވިޔަސްމެއެވެ. އެހެނީ މީހަކު ރުހުމުން، ޙަރާމްކަމެއް ޙަލާލެއް ނުވާނެއެވެ. ފަހެ ރިބާގެ މުޢާމަލާތްކުރާ ދެމީހުން، އެމުޢާމަލާތްކުރަނީ ރުހިގެންނެވެ. އެހެނަސް ރިބާހުއްދަ އެއްނުވާނެއެވެ. އެދެމީހުން އެކުރަނީ ޙަރާމްކަމެއްކަމުގައި މެނުވީ ނުވާނެއެވެ. ހަމަ މިގޮތަށް ދެމީހުން ރުހިގެން ޒިނޭ ކުރުމަކުން، ޒިނޭ ހުއްދައެއް ނުވާނެއެވެ. އެދެމީހުން އެކުރަނީ ޙަރާމްކަމަކަށް މެނުވީ ނުވާނެއެވެ.
2-އެ ބަލިމީހާއަށް ކުރިމަތިވެގެން އުޅެނީ މިވެނިކަމެކޭބުނެ، ޖިންނި ދައްކާ ވަހަކައަކީ ޙަޤީޤަތާއި ޚިލާފު ވާހަކައަކަށްވެސް ވެދާނެއެވެ. އެހެނީ ޖިންނީންނަކީ ދޮގުހެދުން ގިނަ ބަޔެކެވެ. އެހެންކަމުން ސިޙުރު ޖެހިފައިވާ މީހަކަށް، ޖިންނިއަވަލައިފަވާ މީހެކޭވެސް ޖިންނި ބުނެފާނެއެވެ. އަދި ޖިންނިއަވަލައިފަވާ މީހަކަށް، އެސްފިންނާ ޖެހިފައިވާ މީހެކޭވެސް ބުނެފާނެއެވެ.
3-މިގޮތަށް އިންސާނެއްގެ ހަށިގަނޑަށް ވަނުމުގެ އިޛުނަ ޖިންނިއަކަށް ދިނުމުން، އެމީހާއާއި ޖިންނިއަވަލުމުގެ ފުރުޞަތު ވަރަށް ބޮޑެވެ.
ދެވަނަގޮތް ހުއްދަނުވަނީ އަންނަނިވި ސަބަބުތަކަށްޓަކައެވެ.
1-ތިމަންނައަކީ މުސްލިމެކޭބުނެ، ޖިންނިކުރި ދަޢުވާއަކީ ދޮގަކަށްވެސް ވެދާނެއެވެ. އެހެންކަމުން މިއީ ކާފިރެއްގެ އެހީއާއި މަދަދު ހޯދުންކަމަށް ވެދާނެއެވެ.
2-ބަލިމީހާގެ ހަށިގަނޑުން ނުނިކުތަސް، ކުޑަދުވަސްކޮޅަކަށް މަޑުމަޑުން ހުރުމަށް، ދެޖިންނި އެއްބަސްވެދާނެއެވެ. އެހިނދުން، ޖިންނި ނިކުމެއްޖެކަމަށް، ރާޤީ(ފަރުވާކުރާމީހާ) ހީކޮށްފާނެއެވެ. މިއީ ވަރަށްގިނަފަހަރު ކަންތައް ވަމުންދާގޮތެވެ.
3-ޤުރުއާނުން ފަރުވާކުރުމުގެ ބަދަލުގައި، ޖިންނީގެ އެހީތެރިކަން ހޯދުމީ، ޤުރުއާނުން ފަރުވާކުރުމަށް އޭނާ އިތުބާރުކުރާ މިންވަރު ކުޑަވެގެންދާނެ ކަމެކެވެ. އަދިކިއެއްތަ! އިތުބާރު ގެއްލިގެންދިއުމަކީވެސް ދުރުކަމެއް ނޫނެވެ.
4-މިސާލަކަށް ރާޤީންތައް، ފަރުވާކުރުމުގައި ޖިންނީންގެ އެހީ ހޯދަން ފަށައިފިނަމަ، ފަރުވާ ހޯދަންދިއުމަށްޓަކައި މީސްތަކުން ޚިޔާރުކުރާނީ ކާކުތޯއެވެ؟ ހަމަޔަޤީނުންވެސް އޭނާ، އެ ރާޤީންގެ މަޢުލޫމާތުތައް ހޯދާނެއެވެ. އެހިނދު އޭނައަށް ބުނެވޭނެތެވެ. މިވެނި މީހަކު ގެންގުޅޭ ޖިންނިއަކީ ވަރަށް ކުޑަ ޖިންނިއެކެވެ. އަދި އެވެނި މީހަކު ގެންގުޅޭ ޖިންނިއަކީ ބަލިކަށި ނިކަމެތި ޖިންނިއެކެވެ. ބައެއްފަހަރު ކާމިޔާބުވެއެވެ. އަދި ބައެއްފަހަރު ނުވެއެވެ. އެހެންވީމާ އެ ދެމީހުން ކައިރިއަށްވެސް ނުދާށެވެ. އެހެނެއްކަމަކު މިވެނި މީހެއް ކައިރިއަށް ދާށެވެ! އޭނާ ގެންގުޅެނީ ވަރަށް ވަރުގަދަ ޖިންނިއެކެވެ.
މި ޙާލަތުގައި މީސްތަކުންގެ ހިތްތައް ގުޅުނީ ކޮންއެއްޗަކާ ހެއްޔެވެ؟ ޤުރުއާނާއި ހެއްޔެވެ؟ ﷲސުބުޙާނަހޫ ވަތަޢާލާއާއި ހެއްޔެވެ؟ ނޫނެކެވެ. ޖިންނީންނާއެވެ. މިއީ އެކަމަކުން ރައްކާތެރިވުމަށްޓަކާއި ޝަރުޢީރުޤްޔާގައި ހިފި ކަމެވެ. އެހެންކަމުން ﷲގެ ޢަޛާބަށް ބިރުވެތިވެ، އެއިލާހުގެ ޙަޟްތަރުން ޘަވާބަށްއެދޭ މީހާ މިކަންތަކުން ދުރުވާހުށިކަމެވެ.
ޚުލާޞާއަކީ ފަރުވާކުރުމުގައި ޖިންނީންގެ އެހީ ހޯދުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ.))