ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައި ވެއެވެ. ” وَالسَّابِقُونَ السَّابِقُونَ ﴿١٠﴾” މާނަ : ” އަދި ހެޔޮކަމުގައި ކުރިއަރައިދިޔަ މީހުންނަކީ ހަމަ ކުރިއަރައިދިޔަ މީހުންނެވެ. “ – “أُولَـٰئِكَ الْمُقَرَّبُونَ ﴿١١﴾” މާނަ: ” ﷲ ތަޢާލާއާއި އެންމެ ކުއްތަންވެގެންވީ މީހުންނަކީ، އެއުރެންނެވެ .” – “فِي جَنَّاتِ النَّعِيمِ ﴿١٢﴾” މާނަ: ” ނިޢުމަތުގެ ސުވަރުގެތަކުގައެވެ. “ – “ثُلَّةٌ مِّنَ الْأَوَّلِينَ ﴿١٣﴾” މާނަ : ” ކުރީގެ އުއްމަތްތަކުގެ މީހުންގެ ތެރެއިން ގިނަބަޔެކެވެ. “ – “وَقَلِيلٌ مِّنَ الْآخِرِينَ ﴿١٤﴾ ” މާނަ : ” އަދި ފަހުގެ މީހުންގެ ތެރެއިން މަދުބަޔެކެވެ. “ – سورة الواقعة –
ކުރިއަރައދިޔަމީހުންނަކީ ، ދުނިޔެ ހޯދައި މަޤާމާއި ފައިސާގެ ގޮތުން ކުރިއަރައިދިޔަމީހުންނެއްނޫނެވެ. ހުޅަނގުން ހުށަހަޅާ މަދު ޑޮލަރުކޮޅަކަށް ތިމާގެ އީމާންކަން ވިއްކާލި މީހުންނެއްވެސް ނޫނެވެ. އެހެނެއްކަމަކު އެބައިމީހުންނަކީ އީމާންކަމުގައި ޘާބިތުވީ މީހުންނެވެ. ހެޔޮޢަަމަލުތައް ކުރުމުގައި ކުރިއަރައިދިޔަމީހުންނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭތޯ ގަދައަޅައި މަސައްކަތްކުރި މީހުންނެވެ. މަތިވެރިވެގެންވާ ، ނިޢުމަތްތަކުން ފުރިގެންވާ ސުވަރުގެ ތަކުގެ މަތިވެރި ދަރަޖަތައް ޙާޞިލުކުރުމުގައި ކުރިއަރައި ދިޔަމީހުންނެވެ.
އެދަރަޖަތައް ޙާޞިލުކުރުމުގައި، ﷲ ތަޢާލާގެ ދީނަށް ނަސްރު ދިނުމަށްޓަކައި ކާފަރުންނާއި ފާސިޤުންނާއި މުނާފިޤުންގެ ބިރު ދެއްކުންތަކަކަށް ޖެހިލުންވުމެއްނެތިއެވެ. ފުރައްސާރަކުރާމީހާގެ ފުރައްސާރައަށާއި، މަލާމާތްކުރާ މީހާގެ މަލާމާތައް ބެލުމެއްނެތިއެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވެއެވެ. ” يَا أَيُّهَا الَّذِينَ آمَنُوا مَن يَرْتَدَّ مِنكُمْ عَن دِينِهِ فَسَوْفَ يَأْتِي اللَّـهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُ أَذِلَّةٍ عَلَى الْمُؤْمِنِينَ أَعِزَّةٍ عَلَى الْكَافِرِينَ يُجَاهِدُونَ فِي سَبِيلِ اللَّـهِ وَلَا يَخَافُونَ لَوْمَةَ لَائِمٍ ۚ ذَٰلِكَ فَضْلُ اللَّـهِ يُؤْتِيهِ مَن يَشَاءُ ۚ وَاللَّـهُ وَاسِعٌ عَلِيمٌ ﴿٥٤﴾ ” މާނަ :” އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން އެމީހެއްގެ ދީން ދޫކޮށް މުރުތައްދު ވާމީހާ (ދަންނާށެވެ!) ފަހެ، (އެއުރެންގެ ބަދަލުގައި) އެބަޔަކަށް އެކަލާނގެ ލޯބިވެވޮޑިގެންވާ، އަދި އެބަޔަކު އެކަލާނގެދެކެ ލޯބިވާ ބަޔަކު ﷲ ގެންނަވާނެތެވެ. އެއީ މުއުމިނުންގެ މައްޗަށް އޯގާވެރި، މަޑުމައިތިރި ބަޔެކެވެ. ކާފިރުންގެ މައްޗަށް ގަދަފަދަ ޢިއްޒަތްތެރި ބަޔެކެވެ. ﷲ ގެ މަގުގައި އެއުރެން ޖިހާދު ކުރާނެތެވެ. އަދި މަލާމާތްކުރާ މީހެއްގެ މަލާމާތަކަށް އެއުރެން ބިރެއް ނުގަންނާނެތެވެ. އެއީ ﷲ ގެ ފަޟްލުވަންތަކަމެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް އެކަން ދެއްވަތެވެ. އެއީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. “
އެބައިމީހުންނަކީ އުޑުތަކާއި ބިންތައްފަދަ ތަނަވަސްވެގެންވާ ސުވަރުގެތައް އެއީ ، އެބައިމީހުންގެ ދާއިމީ ގޮވެތިކަމުގައި ހެދުމަށްޓަކައި ، ރޭގަނޑު މީސްތަކުން ނިދާފައި ތިބޭވަގުތުގައި ، ތަންމަތިތަކުން އެބައިމީހުންގެ ބުރަކަށިތައް ވަކިކޮށް ، އެބައިމީހުންގެ ވެރިރައްބަށް މުނާޖާދެންނެވުމުގައި ހޭދަކޮށްލިމީހުންނެވެ. އެބައިމީހުންނަކީ ބޮޑުވެގެންވާ ކާމިޔާބީ ޙާޞިލުކުރިމީހުންނެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވެއެވެ. ” سَابِقُوا إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا كَعَرْضِ السَّمَاءِ وَالْأَرْضِ …﴿٢١﴾ ” މާނަ : ” ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، އެތާނގެ ތަނަވަސްކަން އުޑާއި ބިމުގެ ތަނަވަސްކަންފަދަ ސުވަރުގެ ލިބިގަތުމަށް ތިޔަބައިމީހުން ކުރިއަރައިދާށެވެ! “ އެހެން އާޔަތެއްގައި އެއިލާހު ވަޙީ ކުރައްވާފައިވެއެވެ. ” إِنَّ الْمُتَّقِينَ فِي جَنَّاتٍ وَعُيُونٍ ﴿١٥﴾ آخِذِينَ مَا آتَاهُمْ رَبُّهُمْ ۚ إِنَّهُمْ كَانُوا قَبْلَ ذَٰلِكَ مُحْسِنِينَ ﴿١٦﴾ كَانُوا قَلِيلًا مِّنَ اللَّيْلِ مَا يَهْجَعُونَ ﴿١٧﴾ وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ ﴿١٨﴾ ” މާނަ : ” ހަމަކަށަވަރުން، ތަޤުވާ ވެރިންވަނީ، ސުވަރުގެތަކާއި، ފެންއާރުތަކުގެ ނިޢުމަތުގައެވެ. (15) އެއުރެންވަނީ، އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންނަށް ދެއްވި ޘަވާބު ލިބިލިބިއެވެ. ހަމަކަށަވަރުން، އޭގެކުރިން އެއުރެންވީ އިޙްސާންތެރިން ކަމުގައެވެ. (16) އެއުރެން ނިދައިއުޅުނީ ރޭގަނޑުން ވަރަށްކުޑަ ވަގުތުކޮޅެއްގައެވެ. (17) އަދި އެއުރެން ހާރުދަމުގައި ފާފަފުއްސެވުމަށްއެދި ދުޢާ ކުރެތެވެ.”
ފިރުޢައުނުގެ އަންހެން ދަރިފުޅުުގެ ބޮލުގައި ފުނާ އެޅުމަށް އުޅުއްވީ ﷲ ތަޢާލާ އަށް އީމާންވެ، ފިރުއައުނުގެ އަނިޔާވެރިކަމުގެ ސަބަބުން އީމާންކަން ވަންހަނާކޮށްގެން އުޅުއްވި ، އަންހެން ސާޙިބެކެވެ. އެކަމަނާ އެއްދުވަހެއްގައި ، ފިރުއައުނުގެ އަންހެން ދަރިފުޅުގެ ބޮލުގައި ފުނާއަޅުއްވަނިކޮށް ، ފުނާ ވެއްޓުނެވެ. ދެން އެކަމަނާ ، ފުނާ ނެގުމަށްޓަކައި ތިރިވެ بِسْمِ الله ކީ އަޑު ފިރުއައުނުގެ ދަރިފުޅަށް އިވުމުން ބުންޏެވެ. އެއީ، ތިމަންނަގެ ބައްޕަ ހެއްޔެވެ؟ ( މާނައަކީ : ﷲ ، އެއީ ފިރުއައުނަށް ކިޔާ އެހެންނަމެއް ހެއްޔެވެ؟) ދެން ޖަވާބުގައި އެކަމަނާ ބުންޏެވެ. ނޫނެކެވެ. އެހެނެއްކަމަކު އެއީ އަޅުގަނޑާއި ، ތިބާއާއި އަދި ތިބާގެ ބައްޕަގެ ވެރި ރަސްކަލާންގެއެވެ. ދެން ފިރުޢައުނު ގެ ދަރިފުޅު ބުންޏެވެ. ތިމަންނާ ތިވާހަކަ ތިމަންނަގެ ބައްޕައަށް އަންގާނަމެވެ. ދެން އެކަމަނާ ވިދާޅުވިއެވެ. އާއެކެވެ. އަންގާށެވެ. ދެން ފިރުޢައުނަށް އެ ޚަބަރު ލިބުމުން ، ﷲ އަށް އީމާންވެގެންވާ ޠާހިރު ކަމަނާ، އޭނާގެ ގާތައް ގެއްގޮސް ސުވާލުކުރަންފެށިއެވެ. އޭ އަންހެނާއެވެ! ތިމަންނަ ފިޔަވައި އެހެން އިލާހެއް ކަލެއަށްވޭހެއްޔެވެ؟ އެ ކަނބުލޭގެ ބުންޏެވެ. އާއެކެވެ. އެއީ އަޅުގަނޑާއި ކަލޭގެ ވެރިރަސްކަލާންގެ، ﷲ އެވެ. އެކަމަނާ އެއްކައުވަންތަ ﷲ އަށް އީމާންވުމުގެ ސަބަބުން އެކަމާއަށް އަނިޔާކުރެވުނެވެ. އެކަމަނާގައިގައި ތެޅުނެވެ. ނަމަވެސް ޙައްޤުގެ މަތީގައި ޘާބިތުވުމަށް އަނިޔާވެރިންގެ އަނިޔާއަކަށް ބެލުމެއްނެތެވެ. ދެން، ފިރުޢައުނުގެ އަމުރަށް ލޮއިން ތައްޔާރުކޮށްފައިވާ ބޮޑު ބިޔަ ތެޔޮތާހެއް ހޫނުކުރެވިއްޖެއެވެ. އެއަށްފަހު އެކަމަނާއާއި އެކަމަނާގެ ދަރީންތައް އެ ތާހަށް އަޅާލުމަށް، ޖައްބާރު އަނިޔާވެރި ފިރުޢައުނު އަމުރުކުރިއެވެ. އެ ހިނދު އެކަމަނާ ވިދާޅުވިއެވެ. ތިމަންނަ އެދޭ އެދުމެއް އެބަ އޮތެވެ. އެއީ ތިމަންނައާއި ތިމަންނަގެ ދަރިންގެ ކަށިތައް އެއް ފޮތިގަނޑަކަށްލައި އެއްތަނެއްގައި ވަޅުލުމެވެ. ފިރުޢައުނު އެކަމާއި އެއްބަސްވިއެވެ. ދެން އެކަމަނާގެ ކުރިމަތީގައި ، އެކަމަނާގެ ލޯބިވާ ދަރީންތައް ފަހަރަކު ދަރިއަކު އެ ލޯގަނޑަށް އެއްލާލަމުން ދިޔައެވެ. ނަމަވެސް އެކަމަނާ ކެއްތެރިވިއެވެ. ޘާބިތުވިއެވެ. ވޭންދެނި ޢަޒާބު ދެއްކެމުންދަނީ އެއްކައުވަންތަ ﷲ އަށް ކާފިރު ނުވުމުގެ ސަބަބުންނެވެ. ހުރިހާ ދަރީން ތެޔޮ ތާހަށް އެއްލާލުމަށް ފަހު އެކަމަނާ އަށް އަމުރުކުރީ ފިރުއައުނަށް އީމާންވުމަށެވެ. ނަމަވެސް އެކަމަނާ އެކަމާއި އިންކާރުކުރިއެވެ. ފިރުއައުނުގެ ރުޅިވެރިކަން އިންތިހާއަށް އިތުރު ވެއްޖެއެވެ. އެކަމަނާގެ ކުރިމަތީގައި އަނިޔާވެރިކަމާއި އެކު ލޯބިވާ ދަރީންތައް މެރެމުންދާއިއިރުވެސް އެކަމަނާ ޘާބިތުވިއެވެ. ކޮންމެއަކަސް އެހެންގޮސް އެންމެ ފަހުގެ ދަރިފުޅާއި ޖެހިއްޖެއެވެ. އެއީ ކިރުތުނބުން ވީއްލާވަރުނުވާ ތުއްތު ކުއްޖެކެވެ. އެ ހިނދު އެކުއްޖާ އަށް ﷲ ތަޢާލާ ، ވާހަކަދެއްކުމުގެ ކުޅަދާނަކަން ދެއްވިއެވެ. އެކުއްޖާ އެއްލާލެވެން ތައްޔާރުވަނީއެވެ. ލޯބިވާ ތުއްތު ދަރިފުޅު، ކުރިމަތީގައި މަރާލެވޭ ހިނދު މަންމައަށް ކޮންފަދަ އަސަރެއްކުރާނެތޯއެވެ؟ ކޮންމެއަކަސް އެ ތުއްތު ކުއްޖާ މަންމެގެ އުރުގައި އޮވެގެން، އެހިނދު ﷲގެ އަމުރަށް ވާހަކަދައްކަން ފެށިއެވެ. ބުންޏެވެ. އޭ ލޯބިވާމަންމާއެވެ. ކެއްތެރިވާށެވެ. މަންމަ ތިވަނީ ޙައްޤުގެ މަތީގައެވެ. ދެން އެ ތުއްތު ކުއްޖާ ތެޔޮތާހަށް އެއްލާލެވިއްޖެއެވެ. އެމަންޒަރު ބަލަން ހުރި މަންމަގެ ހިތް ހަށިގަނޑާއި ވަކިވެގެން ދިޔަފަދައެވެ. ދެން އެކަމަނާވެސް އެ ތާސްތެރެއަށް އެއްލާލެވިއްޖެއެވެ.
ކޮންފަދަ މަތިވެރި ޘާބިތުވުމެއްތޯއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިސްރާ ކުރެއްވުނު ރޭ އެކަލޭގަފާނަށް ވަރަށް މީރުވަހެއް ދުވިއެވެ. ދެން އެކަލޭގެފާނު ، އެ ވަހާއި ބެހޭގޮތުން ޖިބުރީލު ޢަލައިހިއްސަލާމާއި ސުވާލުދެއްނެވުމުން ވިދާޅުވިއެވެ. އެއީ ފިރުޢައުނުގެ ދަރިފުޅުގެ ބޮލުގައި ފުނާ އަޅުއްވަން އުޅުއްވި އަންހެން ސާޙިބާ އާއި އެކަނބުލޭގެ ދަރީންގެ މީރުވަހެވެ. ކޮންފަދަ ބޮޑު ނިޢުމަތެއްހެއެޔެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވެއެވެ. ” وَلَا تَحْسَبَنَّ الَّذِينَ قُتِلُوا فِي سَبِيلِ اللَّـهِ أَمْوَاتًا ۚ بَلْ أَحْيَاءٌ عِندَ رَبِّهِمْ يُرْزَقُونَ ﴿١٦٩﴾ فَرِحِينَ بِمَا آتَاهُمُ اللَّـهُ مِن فَضْلِهِ وَيَسْتَبْشِرُونَ بِالَّذِينَ لَمْ يَلْحَقُوا بِهِم مِّنْ خَلْفِهِمْ أَلَّا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴿١٧٠﴾ ” މާނަ : “ﷲ ގެ މަގުގައި ޤަތުލުވެގެންދާ ޝަހީދުންނަކީ، މަރުވެފައިވާ ބަޔެކޭ ހީނުކުރާ ހުށިކަމެވެ! އަދި، ކިއެއްތަ! އެއުރެންނީ އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ރިޒުޤުލިބޭ ޙާލު، ދިރިތިބި ބަޔެކެވެ.(169) އެއުރެން ތިބޭހުށީ ﷲ ތަޢާލާ، އެކަލާނގެ ފަޟްލުވަންތަކަމުން އެއުރެންނަށް ދެއްވި ކަންތަކާމެދު، އުފާކުރާ ޙާލުގައެވެ. އަދި، އެއުރެންގެ ފަހަތުން އައިސް އަދި، ބައްދަލުނުކޮށްތިބި މީހުންނާމެދު އެއުރެންގެ މައްޗަށް ބިރެއް ނެތްކަމަށާއި، އަދި، އެއުރެންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައި ނުވާކަމާމެދު، އެއުރެންނަށް އުފާކުރާވެރިކަމުގެ ޚަބަރުދޭ ޙާލުގައެވެ. “
ކުރިއަރައި ދިޔަމީހުންނަކީ ހަމަ ކުރިއަރައި ދިޔަ މީހުންނެވެ. އެބައިމީހުންވަނީ ކޮންފަދަ ބޮޑެތި ނިޢުމަތްތަކެއްގެ މަތީގައި ތޯއެވެ؟ ދާއިމީ ނިޢުމަތްތަކެވެ. ﷲ ތަޢާލާ އަލްވާޤިޢާ ސޫރަތުގައި ވަހީކުރައްވާފައިވެއެވެ. “فِي جَنَّاتِ النَّعِيمِ ﴿١٢﴾ ثُلَّةٌ مِّنَ الْأَوَّلِينَ ﴿١٣﴾ وَقَلِيلٌ مِّنَ الْآخِرِينَ ﴿١٤﴾ عَلَىٰ سُرُرٍ مَّوْضُونَةٍ ﴿١٥﴾ مُّتَّكِئِينَ عَلَيْهَا مُتَقَابِلِينَ ﴿١٦﴾ يَطُوفُ عَلَيْهِمْ وِلْدَانٌ مُّخَلَّدُونَ ﴿١٧﴾ بِأَكْوَابٍ وَأَبَارِيقَ وَكَأْسٍ مِّن مَّعِينٍ ﴿١٨﴾ لَّا يُصَدَّعُونَ عَنْهَا وَلَا يُنزِفُونَ ﴿١٩﴾ وَفَاكِهَةٍ مِّمَّا يَتَخَيَّرُونَ ﴿٢٠﴾ وَلَحْمِ طَيْرٍ مِّمَّا يَشْتَهُونَ ﴿٢١﴾ وَحُورٌ عِينٌ ﴿٢٢﴾ كَأَمْثَالِ اللُّؤْلُؤِ الْمَكْنُونِ ﴿٢٣﴾ جَزَاءً بِمَا كَانُوا يَعْمَلُونَ ﴿٢٤﴾ لَا يَسْمَعُونَ فِيهَا لَغْوًا وَلَا تَأْثِيمًا ﴿٢٥﴾ إِلَّا قِيلًا سَلَامًا سَلَامًا ﴿٢٦﴾” سورة الواقعة މާނަ : ” ނިޢުމަތުގެ ސުވަރުގެތަކުގައެވެ. ކުރީގެ އުއްމަތްތަކުގެ މީހުންގެ ތެރެއިން ގިނަބަޔެކެވެ. އަދި ފަހުގެ މީހުންގެ ތެރެއިން މަދުބަޔެކެވެ. ރަނާއި، ޖަވާހިރުން އަތްކަން އަޅުއްވާފައިވާ ދާންތަކެއްގެ މަތީގައެވެ. އެ ދާންތަކުގެ މަތީގައި، އެކަކު އަނެކަކާ ކުރިމަތިލައި، ލެނގިގެންވާ ޙާލުގައެވެ. ޒުވާންކަންމަތީ ދެމިތިބޭ ޒުވާން ފިރިހެންކުދިން، އެއުރެންގެ ޚިދުމަތުގައި ބުރުޖަހާނެތެވެ. ތަށިތަކަކާއި، ކުރާތަކަކާއިގެންނެވެ. އަދި ހިނގަހިނގާ ހުންނަ އާރަކުން ނެގޭ ރާތަށިތަކަކާއިގެންނެވެ. އޭގެސަބަބުން އެއުރެންނަށް ބޮލުގެ ރިހުމެއް ނުލިބޭނެތެވެ. އަދި މަސްތުވުމެއްވެސް ނުމެލިބޭނޭމެއެވެ. އަދި އެއުރެން ބޭނުންގޮތަކަށް ނަގާނޭ މޭވާތަކާއިގެންނެވެ. އަދި އެއުރެން ހިތްއެދޭ ބާވަތްތަކުގެ ދޫނިސޫފާސޫފީގެ މަހާއިގެންނެވެ. އަދި ކަޅިރަވަ ރީތި، ޙޫރުލްޢީނުން ތިބޭނެއެވެ. ރައްކާތެރިކުރައްވާފައިވާ ރަންމުތްތަކަކާ އެއްފަދަވެގެންވާ ބައެއެގެ ގޮތުގައެވެ. (އެއީ)އެއުރެން ކޮށްއުޅުނު ޢަމަލުތަކަށް ޖަޒާއެއް ކަމުގައެވެ. ބޭކާރު ބަސްތަކެއްވެސް، އަދި ކުށްވެރިކުރަނިވި ބަސްތަކެއްވެސް، އެތާކު އެއުރެންނަކަށް ނީވޭނެތެވެ. އެހެނެއްކަމަކު އެއުރެންނަށް އިވޭނީ ސަލާމްހުށްޓޭ، ސަލާމްހުށްޓޭ، ބުނެވޭ އަޑެވެ. “
އެސުވަރުގެތަކުގައި އެބައިމީހުން ހިތްއެދާހައި ނިޢުމަތްތަކެއް ލައްވާފައިވެއެވެ. އަދި އޭގެ އިތުރައްވެސް ﷲ ތަޢާލާ އެބައިމީހުންނަށް ނިޢުމަތްދެއްވައެވެ.