[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖިންނީންނަކީ ޙަޤީޤަތެކެވެ. ޚުރާފާތެއްނޫނެވެ. 2

ސުންނަތުގެ ދަލީލުތަކުގެ ތެރެއިން:

1-އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. كُنَّا مَعَ رَسُوْلِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ذَاتَ لَيْلَةٍ فَفَقْدْنَاهُ فَالْتَمَسْنَاهُ فِيْ الْأَوْدِيَةِ وَالشِّعَابِ فَقُلْنَا اُسْتُطِيْرَ أَوْ اُغْتِيْلَ قَالَ فَبِتْنَا بِشَرِّ لَيْلَةٍ بَاتَ بِهَا قَوْمٌ فَلَمَّا أَصْبَحْنَا إِذَا هُوَ جَاءَ مِنْ قِبَلِ حِرَاءَ قَالَ فَقُلْنَا يَا رَسُوْلُ اللَّهِ فَقَدْنَاكَ فَطَلَبْنَاكَ فَلَمْ نَجِدْكَ فَبِتْنَا بِشَرِّ لَيْلَةٍ بَاتَ بِهَا قَوْمٌ فَقَالَ أَتَانِيْ دَاعِيْ الْجِنِّ فَذَهَبْتُ مَعَهُ فَقَرَأْتُ عَلَيْهِمْ الْقُرْآنَ قَالَ فَانْطَلَقَ بِنَا فَأَرَانَا آثَارَهُمْ وَآثَارَ نِيْرَانِهِمْ وَسَأَلُوْهُ الزَّادَ فَقَالَ لَكُمْ كُلُّ عَظْمٍ ذُكِرَ اسْمُ اللَّهِ عَلَيْهِ يَقَعُ فِيْ أَيْدِيْكُمْ أَوْفَرَ مَا يَكُوْنُ لَحْمًا وَكُلُّ بَعْرَةٍ عَلَفٌ لِدَوَابِّكُمْ فَقَالَ رَسُوْلُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَلَا تَسْتَنْجُوْا بِهِمَا فَإِنَّهُمَا طَعَامُ إِخْوَانِكُمْ  (رواه مسلم)

އެއްރެޔަކު ތިމަންބޭކަލުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އާއި އެކުގައިވީމެވެ. އެއަށްފަހު ތިމަންބޭކަލުންނަށް އެކަލޭގެފާނު ގެއްލިވަޑައިގަތެވެ. (ޔަޢުނީ: އެކަލޭގެފާނު ކޮންމެވެސް ތަނަކަށް ވަޑައިގަތެވެ.) ދެން ފަހެ ތިމަންބޭކަލުން، ވާދީތަކާއި މަގުތަށް ހޯދީމެވެ. (ނަމަވެސް އެކަލޭގެފާނު ފެނިވަޑައިނުގަތެވެ.) އަނެއްކާ ޖިންނިއެއް އެކަލޭގެފާނު ގެންދިޔައީ ބާވައެވެ! ނުވަތަ ކޮންމެވެސް ބަޔަކު، ސިއްރުން އެކަލޭގެފާނު ޝަހީދުކޮށްލީ ބާވައެވެ! މިފަދައިން ތިމަންބޭކަލުން ބުނަމުން ދިޔައީމެވެ. ތިމަންބޭކަލުން އެރޭ ހޭދަކުރީ، ބަޔަކު ރެއެއް ހޭދާކުރާނޭ އެންމެ ހިތްދަތިކަމާއި މާޔޫސްކަމާ އެކުގައެވެ. ދެން މިގޮތުގައި ތިއްބަވަނިކޮށް، ފަތިސްވަގުތުވެއްޖެއެވެ. އެވަގުތު ހިރާފަރުބަދައާއި ދިމާލުން އެކަލޭގެފާނު ވަޑައިގަންނަވަނީއެވެ. ތިމަންބޭކަލުން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ! ތިމަންބޭކަލުން، ކަލޭގެފާނު ގެއްލިވަޑައިގެން ވަރަށް ކަންބޮޑުވެ، ކަލޭގެފާނު ހޯއްދަވައިފީމެވެ. ދެން ކަލޭގެފާނު ފެނިވަޑައިނުގަތުމުން، ތިމަންބޭކަލުން ރޭ ހޭދަކުރީ ބަޔަކު ރެއެއް ހޭދަކުރާނޭ އެންމެ ހިތްދަތިކަމާއި މާޔޫސްކަމާ އެކުގައެވެ. އެހިނދު، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިމަންކަލޭގެފާނުގެ އަރިހަށް، (ޖިންނީންނަށް ޤުރުއާން އުނގަންނަވައިދެއްވަން ދިޔުމަށް އެދި) ޖިންނިއެއް އަޔެވެ. ދެން އޭނައާއެކު ވަޑައިގެން، އެޖިންނީންނަށް ތިމަންކަލޭގެފާނު ޤުރުއާން ކިޔަވައިދެއްވީމެވެ.” އިބްނުމަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ، އެހެން ޙަދީޘްކުރެއްވުމަށްފަހު، ތިމަންބޭކަލުންނާއިގެން ވަޑައިގެން ޖިންނީން އެތާގައި އުޅުނުކަމުގެ ނިޝާންތަކާއި، އެސޮރުމެން ރޯކޮށްފައިވާ އަލިފާނުގެ ނިޝާންތައް ތިމަންބޭކަލުންނަށް ދެއްކެވިއެވެ. (އެކަލޭގެފާނު އެ ޖިންނީންނާއި އެކުގައި އުޅުއްވި ވަގުތުކޮޅު) އެސޮރުމެން ކެއުމަށްޓަކައި ހުއްދަކުރެވިފައިވަނީ ކޮންއެއްޗެއްތޯއާއި، އެސޮރުމެންގެ ޖަނަވާރުތަކަށް ކާންދޭނީ ކޮންއެއްޗެއްތޯ، އެސޮރުމެން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ދެންނެވުމުން ޙަދީޘްކުރެއްވިއެވެ. “(ކަތިލިއިރު) ﷲގެ އިސްމުފުޅު ކިޔާފައިވާ ކޮންމެ ޖަނަވާރެއްގެ ކަށްޓަކީ ތިޔަބައިމީހުންނަށްޓަކައި ކާނާއެކެވެ. ތިޔަބައިމީހުންނަށް އެކަށިލިބޭއިރު، އޭގެކުރީގައި އެކަށްޓާއެކުގައި ހުރި މަހަށްވުރެ ގިނަ މަސް ﷲތަޢާލާ އޭގައި ލައްވާނެތެވެ. އަދި (އިންސީންގެ) ޖަނަވާރުތަކުގެ ބޮޑުކަމުދާ އެއްޗިއްސަކީ ތިޔަބައިމީހުންގެ ޖަނަވާރުތަކުގެ ކެއުމެވެ.” ދެންފަހެ (މިވާހަކަތަށް ބަޔާންކޮށް ދެއްވުމަށްފަހު، ތިމަންބޭކަލުންނަށް) ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ޖަނަވާރުގެ ކަށްޓާއި، އޭގެ ބޮޑުކަމުދާ އެއްޗިހިން ތިޔަބައިމީހުން އިސްތިންޖާ ނުކުރާށެވެ. ފަހެ އެ އެއްޗިހި ވާކަން ކަށަވަރީ، ޖިންނީންގެ ތެރެއިންވާ ތިޔަބައިމީހުންގެ އަޚުންގެ ކާނާކަމުގައެވެ.”       

2-އަބްދުﷲ ބިން ޢަބްދިއްރަޙްމާން ބިން އަބީ ޞަޢުޞަޢާ އަލްއަންޞާރީ އަށް އަބޫސަޢީދުލް ޚުދްރީ ރަޟިޔަﷲ އަންހު ދެންނެވިއެވެ. إِنِّي أَرَاكَ تُحِبُّ الْغَنَمَ وَالْبَادِيَةَ فَإِذَا كُنْتَ فِي غَنَمِكَ أَوْ بَادِيَتِكَ فَأَذَّنْتَ بِالصَّلَاةِ فَارْفَعْ صَوْتَكَ بِالنِّدَاءِ فَإِنَّهُ لَا يَسْمَعُ مَدَى صَوْتِ الْمُؤَذِّنِ جِنٌّ وَلَا إِنْسٌ وَلَا شَيْءٌ إِلَّا شَهِدَ لَهُ يَوْمَ الْقِيَامَةِ قَالَ أَبُو سَعِيدٍ سَمِعْتُهُ مِنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ (رواه البخاري) “ތިބާ ސަހަރާ(ތެރޭގައި އުޅުމަށް) އާއި، ބަކަރިދެކެ ލޯބިކުރައްވާތީ ތިމަންކަލޭގެފާނަށް ފެނިވަޑަގަންނަވައެވެ. ފަހެ ތިބާ ބަކަރިތައް ކައިރީ އުޅޭއިރާއި ސަހަރާގައި އުޅޭއިރު، ނަމާދު ވަގުތު ޖެހުމުން ބަންގި ގޮވާކަމުގައިވަނީނަމަ، ބާރަށް ގޮވާށެވެ. ފަހެ ހަމަކަށަވަރުން، ބަންގި ގޮވާ މީހާގެ އަޑުއިވޭ (ކޮންމެ) ޖިންނިއެއްވެސް އަދި އިންސިއެއްވެސް އަދި (އެހެން) ހުރިހާ އެއްޗެއްވެސް، އޭނައަށްޓަކައި ޤިޔާމަތްދުވަހު ހެކިވާނެތެވެ.” މިއީ، ތިމަންކަލޭގެފާނު ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން އަޑުއެއްސެވި ޙަދީޘެއްކަމުގައި އަބޫ ސަޢީދުލް ޚުދްރީ ރަޟިޔަﷲ ޢަންހު ބަޔާންކުރެއްވިއެވެ.

 3-عَنْ ابنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ انْطَلَقَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي طَائِفَةٍ مِنْ أَصْحَابِهِ عَامِدِينَ إِلَى سُوقِ عُكَاظٍ وَقَدْ حِيلَ بَيْنَ الشَّيَاطِينِ وَبَيْنَ خَبَرِ السَّمَاءِ وَأُرْسِلَتْ عَلَيْهِمْ الشُّهُبُ فَرَجَعَتْ الشَّيَاطِينُ إِلَى قَوْمِهِمْ فَقَالُوا مَا لَكُمْ فَقَالُوا حِيلَ بَيْنَنَا وَبَيْنَ خَبَرِ السَّمَاءِ وَأُرْسِلَتْ عَلَيْنَا الشُّهُبُ قَالُوا مَا حَالَ بَيْنَكُمْ وَبَيْنَ خَبَرِ السَّمَاءِ إِلَّا شَيْءٌ حَدَثَ فَاضْرِبُوا مَشَارِقَ الْأَرْضِ وَمَغَارِبَهَا فَانْظُرُوا مَا هَذَا الَّذِي حَالَ بَيْنَكُمْ وَبَيْنَ خَبَرِ السَّمَاءِ فَانْصَرَفَ أُولَئِكَ الَّذِينَ تَوَجَّهُوا نَحْوَ تِهَامَةَ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَهُوَ بِنَخْلَةَ عَامِدِينَ إِلَى سُوقِ عُكَاظٍ وَهُوَ يُصَلِّي بِأَصْحَابِهِ صَلَاةَ الْفَجْرِ فَلَمَّا سَمِعُوا الْقُرْآنَ اسْتَمَعُوا لَهُ فَقَالُوا هَذَا وَاللَّهِ الَّذِي حَالَ بَيْنَكُمْ وَبَيْنَ خَبَرِ السَّمَاءِ فَهُنَالِكَ حِينَ رَجَعُوا إِلَى قَوْمِهِمْ وَقَالُوا يَا قَوْمَنَا{إِنَّا سَمِعْنَا قُرْآنًا عَجَبًا يَهْدِي إِلَى الرُّشْدِ فَآمَنَّا بِهِ وَلَنْ نُشْرِكَ بِرَبِّنَا أَحَدًا}فَأَنْزَلَ اللَّهُ عَلَى نَبِيِّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ{قُلْ أُوحِيَ إِلَيَّ}وَإِنَّمَا أُوحِيَ إِلَيْهِ قَوْلُ الْجِنِّ (متفق عليه) ” އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވެއެވެ. ޞަޙާބީންގެ ޖަމާޢަތެއްގައި، ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޢުކާޡުގެ ބާޒާރަށް ދިޔުމަށްޓަކައި ވަޑައިގަތެވެ. (އޭރު) އުޑުތަކުގެ ޚަބަރާއި، (ކާހިނުންނަށް އެޚަބަރު ގެންގޮސްދޭ) ޝައިޠާނުންނާއި ދެމެދު، ގިނިހިލަތައް ފޮނުއްވައި ހުރަސްއެޅިފައިވެއެވެ. ދެން ފަހެ އެ ޝައިޠާނުންތައް އެނބުރިދިޔުމުން، އެސޮރުމެންގެ ޤައުމުގެ އަހުލުވެރިން، ކިހިނެއްވީހޭ އަހައި ސުވާލު ކުރުމުން އެސޮރުމެން ޖަވާބުގައި ބުންޏެވެ. ތިމަންމެނަށް އުޑުގެ ޚަބަރު އެހުމަށް ހުރަސްއެޅިއްޖެއެވެ. ގިނިހިލަތައް ތިމަންމެނާއި ދިމާލަށް ފޮނުވެން ފަށައިފިއެވެ. އެހިނދު، އެސޮރުމެންގެ ތެރެއިން ބަޔަކު ބުންޏެވެ. ތިޔަބައިމީހުންނާއި އުޑުގެ ޚަބަރާއި ދެމެދު ތިޔަ ހުރަސް އެޅުނީ، ބިންމަތީގައި ހިނގަންފެށި ކޮންމެވެސް ކަމެއްގެ ސަބަބުންކަން ކަށަވަރެވެ. ބިންމައްޗަށް ގޮސް އެއީ ކޮންކަމެއްތޯ ހޯދައި ބަލާށެވެ. ދެންފަހެ އެބައިމީހުން ތިހާމާއޭ ކިޔުނު ސަރަހައްދާ ދިމާލަށް ދިޔައިރު، ކަދުރު ރުކެއްގެ ދަށުގައި، އުކާޡުގެ ބާޒަރަށް ދިޔުމަށްޓަކައި ވަޑައިގެންނެވި ޞަޙާބީންނާއިގެން ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ހުންނެވީ ފަތިސްނަމާދު ކުރައްވާށެވެ. ދެން އަކަލޭގެފާނު ޤުރުއާން ކިޔަވައި ވިދާޅުވާ އަޑު އިވުމުން، އެސޮރުމެން ކަނުލައި އަޑުއެހިއެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ބުންޏެވެ. ﷲގަންދީ ބުނަމެވެ. އުޑުގެ ޚަބަރާއި ތިޔަބައިމީހުންނާއި ދެމެދު ހުރަސްއެޅުނީ މިކަމުގެ ސަބަބުންނެވެ. އަދި އެނބުރި ޤައުމަށް ދެވުނު ހިނދު، ޤައުމުގެ އަހުލުވެރީންނަށް އެސޮރުމެން ކިޔައިދީ ބުންޏެވެ. އޭ އަހަރެމެންގެ ޤައުމުގެ މީހުންނޭވެ. ހަމަކަށަވަރުން ޢަޖާއިބު ކުރުވަނިވި ޤުރުއާނެއް އަހަރެމެން އަޑުއަހައިފީމެވެ. އެ (ޤުރުއާން) މަގުދައްކަނީ ޙައްޤު ތެދުމަގަށެވެ. ފަހެ، އަހަރެމެން އެޤުރުއާނަށް އީމާންވެއްޖައީމެވެ. އަދި އަހަރެމެންގެ ވެރިއިލާހާއި އެއްވެސް އެއްޗެއް އަހަރެމެން ޝަރީކުއެއް ނުކުރާނަމެވެ. ދެންފަހެ، ޖިންނީންގެ އެވާހަކަތައް ބަޔާންކުރައްވައި، (ޖިންނި ސޫރަތުގެ ފުރަތަމަ އާޔަތް) قُلْ أُوحِيَ إِلَيَّ، ﷲތަޢާލާ އެއިލާހުގެ ނަބިއްޔާއަށް ބާވައިލެއްވިއެވެ.

އަދި މީގެ އިތުރުންވެސް، ޖިންނީންނަކީ ޚުރާފާތެއް ނޫންކަމާއި، އެއީ ޙަޤީޤަތުގައިވެސް ވާ އެއްޗެއްކަން އަންގައިދޭ ދަލީލުތައް ވަރަށް ގިނައެވެ. މި ސިލްސިލާގައި އޭގެތެރެއިން ގިނަ ދަލީލުތަކެއް -އިންޝާﷲ- ތިޔަލޮބުވެތި އަޚުންނާއި އުޚްތުންނަށް ފެނިގެންދާނެއެވެ.

– ނުނިމޭ –

________________________

އަޞްލު: وِقَايَةُ الْإِنْسَانِ مِنْ الْجِنِّ وَالشَّيْطَانِ

މި ސިލްސިލާގެ އެހެން ބައިތައް ބެއްލެވުމަށް