[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖިންނީންނަކީ ޙަޤީޤަތެކެވެ. ޚުރާފާތެއްނޫނެވެ. 4

އަލިފާނުން ޚަލްޤު ކުރެވިފައިވާއިރު، ކާފިރު ޖިންނީންނަށް އަލިފާނުން ޢަޛާބު ދެވެނީ ކިހިނެއް؟

މިއީ ވަރަށް ގިނަމީހުން ތަކުރާރުކޮށް ކުރަމުންދާ ސުވާލެކެވެ. ނަމަވެސް، އެމީހުން ހަމަބުއްދިން ވިސްނައިފިނަމަ، މީގެ ޖަވާބު އެމީހުންނަށް އެނގޭނެއެވެ. އިންސާނުން ޚަލްޤުކުރެވުނީ މަށީންކަން އަޅުގަނޑުމެން އެންމެނަށްވެސް އެނގެއެވެ. ނަމަވެސް މިހާރު އަޅުގަނޑުމެން މިއީ މަށްޓެއް ނޫނެވެ. މަށްޓަކީ އަޅުގަނޑުމެންގެ އަޞްލެވެ. (އެބަހީ: މިހާރު އަޅުގަނޑުމެންގެ ހަށިގަނޑުގައި މިވަނީ ކަށްޓާއި މަހާއި ހަމެވެ.) ހަމައެފަދައިން ޖިންނީންވެސް އަލިފާނުން ޚަލްޤުކުރެވުނު ކަމުގައިވިޔަސް، އެސޮރުމެން މިހާރުވަނީ އަލިފާނުންނެއް ނޫނެވެ. މިކަމަށް ވަރަށް ގިނަ ދަލީލުތައް ވެއެވެ.

-އޭގެ ތެރެއިން އެއް ޙަދީޘަކީ، އިމާމް ނަސާއީ ރަޙިމަހުﷲ، ބުޚާރީ ރަޙިމަހުﷲގެ ޝަރުޠާއި އެއްގޮތް ޞައްޙަ ސަނަދަކުން ރިވާކުރައްވާފައިވާ، ޢައިޝާ ރަޟިޔަﷲ ޢަންހާގެ ޙަދީޘެކެވެ. އެކަމަނާ ވިދާޅުވިއެވެ. “ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ނަމާދުކުރައްވަން ހުންނަވަނިކޮށް ޝައިޠާނާ އައުމުން (އެބަހީ: އައިސް އެކަލޭގެފާނަށް ވަސްވާސްދޭން އުޅުމުން)، ހިފެހެއްޓުމަށްފަހު، އެކަލޭގެ ކަރުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ހިއްޕެވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ތިމަންކަލޭގެފާނުގެ އަތްޕުޅުން، އެސޮރުގެ ދުލުގެ ފިނިކަމުގެ އަޘަރު ފެނިވަޑައިގަތެވެ. (އެބަހީ: އެކަލޭގެފާނު އެސޮރުގެ ކަރުގައި ހިއްޕެވުމުން، އެސޮރުގެ ދޫބޭރުވެ އެކަލޭގެފާނުގެ އަތްޕުޅުން އެދުލުގެ ތެތްކަމުގެ އަޘަރު ފެނިވަޑައިގަތެވެ.)” މިހާރު ޖިންނީންވަނީ އަލިފާނުން ނޫންކަން މިޙަދީޘުން އެނގިގެންދެއެވެ. އެހެނީ އެސޮރުމެން އަލިފާނުންވާނަމަ، އެކަލޭގެ ދުލުން ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ތެތް، ފިނިކަމެއް އިޙްސާސްވެވަޑައެއްނުގަތީހެވެ.

-ރަސޫލު ﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. إِنَّ عَدُوَّ اللَّهِ إِبْلِيسَ لَعَنَهُ اللَّهُ جَاءَ بِشِهَابٍ مِنْ نَارٍ ، لِيَجْعَلَهُ فِى وَجْهِيْ (رواه مسلم) “ﷲގެ ޢަދުއްވު އިބްލީސް، ތިމަންކަލޭގެފާނު މޫނުފުޅު އެންދުމަށްޓަކައި އަލިފާނުގެ ހުޅެއް ހިފައިގެން އައެވެ.” މި ޙަދީޘުންވެސް، އިބްލީސް މިހާރުވަނީ އަލިފާނުން ނޫންކަން އެނގެއެވެ. އެހެނީ، އެސޮރު މިހާރުވެސް ވަނީ އަލިފާނުންނަމަ އިތުރު އަލިފާން އެއްޗެއް އެސޮރު ގެންނާކަށް ނުޖެހުނީހެވެ.

-ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ހަދީޘްކުރައްވާފައިވެއެވެ. إِنَّ الشَّيْطَانَ يَجْرِي مِنْ الْإِنْسَانِ مَجْرَى الدَّمِ (متفق عليه) “އިންސާނާގެ ހަށިގަނޑުގައި ލޭ ދައުރުކުރާފަދައިން ޝައިޠާނާ ދައުރުކުރެއެވެ.” އެހެންކަމުން އެސޮރުގެ އަޞްލުކަމުގައިވާ އަލިފާނުން މިހާރުވެސް އެސޮރުވާނަމަ، އިންސާނާ އެނދީހެވެ.

މީހަކު ބުނެފާނެއެވެ. މި ޙަދީޘްގެ މުރާދަކީ އިންސާނާގެ ހަށިގަނޑުގައި ޝައިޠާނާގެ ވަސްވާސް ދައުރުކުރާ ވާހަކައެވެ. އެމީހަކަށް އަހަރެމެން ބުނަން އޮތީ، ޤަރީނާއެއް އޮވެގެން މެނުވީ ވާހަކައެއް އޭގެ ޡާހިރު މާނަ ނޫން އެހެން މާނައަކަށް ނުގެންދެވޭނެކަމަށް އުޞޫލުގެ ޢިލްމުވެރިންވަނީ އިއްތިފާޤުވެލައްވާފައެވެ. އެފަދަ ޤަރީނާއެއް ކޮބައިތޯއެވެ؟

އިންސާނުންވެސް ޚަލްޤުކުރެވިފައިވަނީ ފެނާއި މަށިން ކަމުގައިވުމާއެކުވެސް، އެ ދޭތިން އެމީހުންނަށް ސަޒާ ދެވިދާނެއެވެ. (މަށިން ހަދާފައިވާ ގަލަކުން ޖަހައިފިނަމަ އިންސާނަކަށް ގެއްލުން ނުވާނެތޯއެވެ؟ ހަމައެފަދައިން ފެންއެއްޗެއްގެ ތެރެއަށް އިންސާނަކުލުމަށްފަހު، ނޭވާލުމަށްޓަކައި މައްޗަށް އަރަން ނުވަތަ އެހެންވެސް ގޮތަކަށް ނޭވާލުމަށް ފުރުސަތު ނުދީފިނަމަ އޭނައަށް ވާނީ ކިހިނެއްތޯއެވެ؟)

މިހުރިހާ ވާހަކައަކަށްވުރެވެސް ފުރިހަމަ، އެންމެ ރަނގަޅު ޖަވާބަކީ، އެސޮރު އަލިފާނުން އުފައްދަވާފައިވިޔަސް، ހަމަ އަލިފާނުން އެސޮރަށް ޢަޛާބު ދެއްވުމަށް ﷲ ތަޢާލާ ކުޅަދުންވަންތައެވެ.

– ނުނިމޭ –

________________________

އަޞްލު: وِقَايَةُ الْإِنْسَانِ مِنْ الْجِنِّ وَالشَّيْطَانِ

މި ސިލްސިލާގެ އެހެން ބައިތައް ބެއްލެވުމަށް