[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖިންނީންނަކީ ޙަޤީޤަތެކެވެ. ޚުރާފާތެއްނޫނެވެ. 5

ޖިންނީންގެ ވައްތަރުތައް

އަބޫ ޘަޢްލަބަތިލް ހުޝަނީ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. الْجِنُّ ثَلَاثَةُ أَصْنَافٍ : صِنْفٌ لَهُمْ أَجْنِحَةٌ يَطِيْرُوْنَ فِيْ الْهَوَاءِ وَ صِنْفٌ حَيَّاتٌ وَ كِلَابٌ وَ صِنْفٌ يَحِلُّوْنَ وَ يَظْعَنُوْنَ (رواه حاكم في المستدرك و صححه الذهبي) “3 ވައްތަރެއްގެ ޖިންނީން އުޅެއެވެ. ވަރަތަކެއް ލާފައިވާ، ޖައްވުގައި އުދުހޭ ޖިންނީންތަކަކާއި، ހަރުފައާއި ކުއްތާގެ ގޮތުގައި އުޅޭ ޖިންނީންތަކަކާއި، ތަނެއްގައި އުޅުމަށްފަހު އެތަން ދޫކޮށް އެހެންތަނަކަށް ދަތުރުކުރުމުގައި ދިރިއުޅޭ ޖިންނީންތަކެކެވެ.”

ޖިންނީން ދިރިއުޅެނީ ކޮންތާކު؟

ޖިންނީން ދިރިއުޅެން އިސްކަންދެނީ ޞަޙަރާތައްފަދަ، އިންސީން ނުއުޅޭ ތަންތާގައެވެ. ބައެއް ޖިންނީން ގޮނޑުތަކުގައި ދިރިއުޅެއެވެ. އަދި ބައެއް ޖިންނީން އިންސީންނާއެކުގައިވެސް ދިރިއުޅެއެވެ.

އެހެންކަމުން ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެތައްފަހަރުމަތިން ޞަޙަރާއަށް ވަޑައިގެން، ޖިންނީންނަށް ދަޢުވަތުދެއްވައި، ޤުރުއާން ކިޔަވައި ދެއްވައި، ދީނުގެ ކަންތައް އުނގަންނަވައި ދެއްވިކަމަށް، އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާއާއި، އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހުމާގެ އަރިހުން، ބުޚާރީއާއި މުސްލިމުގައި ރިވާކުރައްވާފައިވެއެވެ.

އަދި އެސޮރުމެން ގޮނޑުތަކުގައި ދިރިއުޅެއެވެ. އެތަންތަނަށް އުކާލެވޭ، އިންސާނުން ކައިފައިވާ އެއްޗިހީގެ ކަށްޓަކީ އެސޮރުމެންގެ ކާނާކަން ޞަޙީހް މުސްލިމުގައި ވާރިދުވެފައިވާ، އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހު ރިވާކުރެއްވި ޙަދީޘަކުން ޘާބިތުވެއެވެ. އެ ޙަދީޘް މިސިލްސިލާގެ ކުރީގެ ބައެއްގައި ގެނެސްދެވިފައިވާނެއެވެ.

އަދި ފާޚާނާތަކުގައިވެސް ޖިންނީން ދިރިއުޅެއެވެ. ޒައިދު ބިން އަރްޤަމް ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. إِنَّ هَذِهِ الْحُشُوشَ مُحْتَضَرَةٌ فَإِذَا أَتَى أَحَدُكُمُ الْخَلاَءَ فَلْيَقُلْ أَعُوذُ بِاللَّهِ مِنَ الْخُبُثِ وَالْخَبَائِثِ (رواه أبوداود وصححه الألباني) “މި ފާޚާނާތަކަށް ޖިންނީންތައް ޙާޟިރުވެއެވެ. ފަހެ ތިޔަބައިމިހުންގެ ތެރެއިން މީހަކު އެތަނަށް ގޮސްފިނަމަ، أَعُوذُ بِاللَّهِ مِنَ الْخُبُثِ وَالْخَبَائِثِ މިފަދައިން ކިޔާށެވެ.” أَعُوذُ بِاللَّهِ مِنَ الْخُبُثِ وَالْخَبَائِثِ ގެ މާނައަކީ، ޖިންނީންގެ ތެރެއިންވާ ފިރިހެން ޝައިޠާނުންނާއި އަންހެން ޝައިޠާނުންގެ ކިބައިން ރައްކާތެރިކޮށް ދެއްވުމަށް، މިއަޅާ ﷲގެ ޙަޟްރަތުގައި ދަންނަވަމެވެ.”

(ޝެއިޚް ވަޙީދް ޢަބްދުއްސަލާމް ބާލީ ވިދާޅުވިއެވެ)

އަހުރެން މުސްލިމް ޖިންނިއަކާއި ސުވާލުކުރީމެވެ: ތިބާ ފާޚާނާތަކުގައި އުޅެމުހެއްޔެވެ؟

އޭނާ ބުންޏެވެ: ނުއުޅެމެވެ.

އަހުރެން ބުނީމެވެ: އެކަމަކު ޖިންނީން ފާޚާނާތަކުގައި ދިރިއުޅޭކަމުގައި ވާރިދުވެފައިވެއެވެ.

އޭނާ ބުންޏެވެ: އާނއެކެވެ. ނަމަވެސް އެއީ ކާފިރު ޖިންނީންނެވެ. އެސޮރުމެން ބޮޑަށް އިސްކަންދެނީ ނަޖިސްތަންތާނގައި ދިރިއުޅުމަށެވެ. (މިހާ ހިސާބުން މުޙާވަރާ ނިމުނީއެވެ.)

އޭނާ އެބުނީ ރަނގަޅު ވާހަކައެއް ކަމުގައި ބެލެވެއެވެ. އެހެނީ މީރުވަސްތައް ދުވުމުން ކާފިރު ޖިންނީންތަކަށް އުނދަގޫ ވާކަމަށް އަހުރެންނަށް ފާހަނގަ ކުރެވިފައިވެއެވެ. ޚާއްޞަކޮށް ގޮމަގަސްތޫރި ވަހަށެވެ. އެހެނެއްކަމަކު މުސްލިމު ޖިންނީންތައް، އެމީހުންގެ އަޚުންކަމުގައިވާ މުސްލިމް އިންސީން ފަދައިން އެވަސްތަކަށް ލޯބިކުރެއެވެ.

ބިމުގައިވާ ވަޅުގަނޑުތަކާއި ހޮރުތަކުގައިވެސް ޖިންނީން ދިރިއުޅެއެވެ. އިމާމް ނަސާއީ އެކަލޭގެފާނުގެ ސަނަދުން ސުނަނުގައި ގެންނަވާފައިވާ، ޢަބްދުﷲ ބިން ސަރްޖިސް ރަޟިޔަﷲ ޢަންހުގެ ކިބައިން، ޤަތާދާ ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. لَا يَبُوْلَنَّ أَحَدُكُمْ فِيْ جُحْرٍ “ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހަކު، (ބިމުގައިވާ) ހޮރަކަށް ކުޑަކަމު ނުދާށެވެ.” ޤަތާދާއަށް ދެންނެވުނެވެ. ހޮރުތަކަށް ކުޑަކަމުދިއުން މަނާކުރެވުނީ ކީއްވެތޯއެވެ؟ ޤަތާދާ ވިދާޅުވިއެވެ. ބުނެވޭގޮތުން އެއީ ޖިންނީން ދިރިއުޅޭ ތަނެކެވެ. (މިއީ ޤަތާދާ ރަޙިމަހުﷲ، ޢަބްދުﷲ ބިން ސަރްޖިސް ރަޟިޔަﷲ ޢަންހުގެ އަރިހުން އަޑުއައްސަވާފައިވާ ޙަދީޘެއްކަމުގައި އަބޫ ޒުރްޢާ ރަޙިމަހުﷲއާއި އަބޫ ޙާތިމް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. އެހެންކަމުން މިއީ ޞައްޙަ ޙަދީޘެކެވެ.)

އަދި ޖަމަލު ކޮށިތަކުގައިވެސް އެސޮރުމެން ދިރިއުޅެއެވެ. ޞަޙީޙް މުސްލިމާއި، އަދި އެހެން ފޮތްތަކުގައިވެސް އެއީ އެސޮރުމެން ދިރިއުޅޭ ތަނެއްކަމުގައި ވާރިދުވެފައިވެއެވެ.

– ނުނިމޭ –

________________________

އަޞްލު: وِقَايَةُ الْإِنْسَانِ مِنْ الْجِنِّ وَالشَّيْطَانِ

މި ސިލްސިލާގެ އެހެން ބައިތައް ބެއްލެވުމަށް