ޖިންނީން ކައިބޮއެ ހަދާހެއްޔެވެ؟
ޖިންނީން ކައިބޮއެ ހަދާކަމަށް، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްތަކުގައި ވަރަށް ޞަރީޙަކޮށް ބަޔާންކުރައްވާފައިވެއެވެ.
ޞަޙީހުލް ބުޚާރީގައިވެއެވެ. عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ أَنَّهُ كَانَ يَحْمِلُ مَعَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِدَاوَةً لِوَضُوئِهِ وَحَاجَتِهِ فَبَيْنَمَا هُوَ يَتْبَعُهُ بِهَا فَقَالَ مَنْ هَذَا فَقَالَ أَنَا أَبُو هُرَيْرَةَ فَقَالَ ابْغِنِي أَحْجَارًا أَسْتَنْفِضْ بِهَا وَلَا تَأْتِنِي بِعَظْمٍ وَلَا بِرَوْثَةٍ فَأَتَيْتُهُ بِأَحْجَارٍ أَحْمِلُهَا فِي طَرَفِ ثَوْبِي حَتَّى وَضَعْتُهَا إِلَى جَنْبِهِ ثُمَّ انْصَرَفْتُ حَتَّى إِذَا فَرَغَ مَشَيْتُ فَقُلْتُ مَا بَالُ الْعَظْمِ وَالرَّوْثَةِ قَالَ هُمَا مِنْ طَعَامِ الْجِنِّ وَإِنَّهُ أَتَانِي وَفْدُ جِنِّ نَصِيبِينَ وَنِعْمَ الْجِنُّ فَسَأَلُونِي الزَّادَ فَدَعَوْتُ اللَّهَ لَهُمْ أَنْ لَا يَمُرُّوا بِعَظْمٍ وَلَا بِرَوْثَةٍ إِلَّا وَجَدُوا عَلَيْهَا طَعَامًا “އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ވުޟޫކުރެއްވުމަށާއި، އެކަލޭގެފާނު ޤަޟާ ޙާޖަތްކުރެއްވުމަށްފަހު ޠާހިރުވެވަޑައިގަތުމަށްޓަކައި، ފެންހަމެއް ހިއްޕަވައިގެން ތިމަންކަލޭގެފާނު ވަޑައިގެންނަވަމެވެ. (އެއްދުވަހަކު) ފެންހަން ހިއްޕަވައިގެން ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ފަހަތްޕުޅުން ވަޑައިގަންނަވަނިކޮށް ޙަދީޘްކުރެއްވިއެވެ. ކޮން ބޭކަލެއްތޯއެވެ؟ ދެންނެވީމެވެ. އަބޫ ހުރައިރާއެވެ. ދެން ޙަދީޘްކުރެއްވިއެވެ. ތިމަންކަލޭގެފާނު އިސްތިންޖާ ކުރެއްވުމަށްޓަކައި ހިލަތަކެއް ގެނެސްދެއްވާށެވެ. ކަށްޓާއި ޖަނަވާރުގެ (ހަރުވެފައިވާ) ބޮޑުކަމުދާ އެއްޗެހި ނުގެންނަވާށެވެ. އެހިނދު ތިމަންކަލޭގެފާނުގެ ހެދުމުގެ ފަސްބަޔަށް ހިލައަޅުއްވައިގެން ގެނެސް، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ކައިރީގައި ބެހެއްޓެވުމަށްފަހު ވަޑައިގެންނެވީމެވެ. ދެން އެކަލޭގެފާނު ގަޟާޙާޖަތުން ނިމިވަޑައިގަތުމުން، އެކަލޭގެފާނުގެ އަރިހަށް ވަޑައިގެން ދެންނެވީމެވެ. ކަށްޓާއި ޖަނަވާރުގެ ބޮޑުކަމުދާ އެއްޗެހި (ނުގެންނަން އެންގެވީ) ކީއްވެތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. އެއީ ޖިންނީންގެ ކާނާއެކެވެ. ތިމަންކަލޭގެފާނުގެ އަރިހަށް ނަޞީބީން ކިޔުނު ސަރަހައްދުގެ ޖިންނީންގެ ވަފުދެއް އަޔެވެ. އެ ޖިންނީންގެ ހެޔޮ (ރަނގަޅު) ކަމާއެވެ! އެސޮރުމެންގެ ކެއުމާއި ބެހޭގޮތުން އެސޮރުމެން ސުވާލުކުރިއެވެ. ދެންފަހެ، އެސޮރުމެންނަށް ލިބޭ ކޮންމެ ކަށްޓަކާއި، ޖަނަވާރުގެ ބޮޑުކަމުދާ އެއްޗެއްގައި (އެސޮރުމެންނަށްޓަކައި) ކާނާ ލެއްވުމަށް އެދި ތިމަންކަލޭގެފާނު، ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ދުޢާ ދެންނެވީމެވެ. (އިންސީންގެ ޖަނަވާރުގެ ބޮޑުކަމުދާ އެއްޗަކީ، އެސޮރުމެންގެ ޖަނަވާރުތަކުގެ ކެއުމެވެ.)
އިމާމް މުސްލިމް ރިވާކުރައްވާފައިވާ، ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. إِذَا أَكَلَ أَحَدُكُمْ فَلْيَأْكُلْ بِيَمِينِهِ وَإِذَا شَرِبَ فَلْيَشْرَبْ بِيَمِينِهِ فَإِنَّ الشَّيْطَانَ يَأْكُلُ بِشِمَالِهِ وَيَشْرَبُ بِشِمَالِهِ “ތިޔަބައިމީހުންގެ ތެރެއިން މީހަކު ކާކަމުގައި ވަނީނަމަ ކަނައަތުން ކާހުށިކަމެވެ. އަދި އެއްޗެއް ބޯކަމުގައިވަނީނަމަ ކަނައަތުން ބޯހުށިކަމެވެ. ފަހެ ހަމަކަށަވަރުން ޝައިޠާނާ ކަނީ ވައަތުންނެވެ. އަދީ އެކަލޭގެ އެއްޗެހި ބޮނީވެސް ވައަތުންނެވެ.”
ޞަޙީޙް މުސްލިމުގައި ވާރިދުވެގެންވާ، ޙުޛައިފާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. كُنَّا إِذَا حَضَرْنَا مَعَ النَّبِىِّ -صلى الله عليه وسلم- طَعَامًا لَمْ نَضَعْ أَيْدِيَنَا حَتَّى يَبْدَأَ رَسُولُ اللَّهِ -صلى الله عليه وسلم- فَيَضَعَ يَدَهُ وَإِنَّا حَضَرْنَا مَعَهُ مَرَّةً طَعَامًا فَجَاءَتْ جَارِيَةٌ كَأَنَّهَا تُدْفَعُ فَذَهَبَتْ لِتَضَعَ يَدَهَا فِى الطَّعَامِ فَأَخَذَ رَسُولُ اللَّهِ -صلى الله عليه وسلم- بِيَدِهَا ثُمَّ جَاءَ أَعْرَابِىٌّ كَأَنَّمَا يُدْفَعُ فَأَخَذَ بِيَدِهِ فَقَالَ رَسُولُ اللَّهِ -صلى الله عليه وسلم- « إِنَّ الشَّيْطَانَ يَسْتَحِلُّ الطَّعَامَ أَنْ لاَ يُذْكَرَ اسْمُ اللَّهِ عَلَيْهِ وَإِنَّهُ جَاءَ بِهَذِهِ الْجَارِيَةِ لِيَسْتَحِلَّ بِهَا فَأَخَذْتُ بِيَدِهَا فَجَاءَ بِهَذَا الأَعْرَابِىِّ لِيَسْتَحِلَّ بِهِ فَأَخَذْتُ بِيَدِهِ وَالَّذِى نَفْسِى بِيَدِهِ إِنَّ يَدَهُ فِى يَدِى مَعَ يَدِهَا “ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައާއެކު، ފަރިއްކުޅުއްވަން ވަޑައިގެންފިނަމަ، އެކަލޭގެފާނު ފެއްޓެވުމުގެ ކުރިން ތިމަންބޭކަލުން ކާއެއްޗެހީގައި އަތް ނުލައްވަމެވެ. އެއްދުވަހަކު އެކަލޭގެފާނާއެކު، ތިމަންބޭކަލުން ފަރިއްކޮޅަކަށް ވަޑައިގެންނެވީމެވެ. ދެންފަހެ (ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ފަރީއްކުޅުއްވަން ފެއްޓެވުމުގެ ކުރިން) ކުޑަ އަންހެން ކުއްޖަކު އެތަނަށް އަޔެވެ. ފަހަތުން، މީހަކު އެކުއްޖާ ކޮއްޕަމުން އަންނަކަހަލައެވެ. އެއައިގޮތަށް އައިސް ކާއެއްޗިއްސަށް އަތްލުމަށް އެކުއްޖާ މަސައްކަތްކުރިއެވެ. ނަމަވެސް އެކުއްޖާގެ އަތުގައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ހިއްޕެވިއެވެ. އެއަށްފަހު އަޢުރާބީއަކު އެތަނަށް އަޔެވެ. އޭނާ ކޮއްޕަމުންވެސް މީހަކު އަންނަކަހަލައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އޭނާގެ އަތުގައިވެސް ހިއްޕެވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ. ހަމަކަށަވަރުން ބިސްމި ނުކިޔައި (ކާން ފެށިއްޖެ) ކޮންމެ ކާއެއްޗެއް ޝައިޠާނާ (އޭނައަށް) ޙަލާލުކުރެތެވެ. (ޔަޢުނީ: އެއިން އެކަލޭގެ ކާނެއެވެ.) މި އަންހެން ކުއްޖާ ގޮވައިގެން އެކަލޭގެ އައީ، މިކުއްޖާ ލައްވާ މި ކާއެއްޗެހި އެކަލޭގެއަށް ހުއްދަކުރުވުމަށްޓަކައެވެ. ދެންފަހެ ތިމަންކަލޭގެފާނު އެކުއްޖާގެ އަތުގައި ހިއްޕެވީމެވެ. ދެން މި އަޢުރާބީ ގޮވައިގެން އޭކަލޭގެ އައީވެސް ކާއެއްޗެހި އެކަލޭގެއަށް ހުއްދަކުރުވުމަށްޓަކައެވެ. ނަމަވެސް ތިމަންކަލޭގެފާނު އޭނާގެ އަތުގައިވެސް ހިއްޕެވީމެވެ. އެފަރާތެއްގެ އަތްޕުޅުގައި ތިމަންކަލޭގެފާނުގެ ނަފްސު ވާ އިލާހު ގަންދެއްވައި ތިމަންކަލޭގެފާނު ޙަދީޘްކުރައްވަމެވެ. ޝައިޠާނާގެ އަތް، (އެއަންހެން ކުއްޖާގެ އަތުގައި ހިއްޕެވިއިރު) އެއަންހެން ކުއްޖާގެ އަތާއެކު ތިމަންކަލޭގެފާނުގެ އަތްޕުޅުގައިވިއެވެ.” އަދި ޞަޙީޙް މުސްލިމްގެ އެހެން ރިވާޔަތެއްގައިވެއެވެ. ثُمَّ ذَكَرَ اسْمَ اللَّهِ وَأَكَلَ “އެއަށްފަހު ބިސްމިކިޔުއްވުމަށްފަހު އެކަލޭގެފާނު ފަރިއްކުޅުއްވިއެވެ.”
ޞަޙީޙް މުސްލިމްގައިވާ، ޖާބިރް ބިން ޢަބްދިﷲ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާގެގެންވާ ރިވާޔަތެއްގައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. إِذَا دَخَلَ الرَّجُلُ بَيْتَهُ فَذَكَرَ اللَّهَ عِنْدَ دُخُولِهِ وَعِنْدَ طَعَامِهِ قَالَ الشَّيْطَانُ لاَ مَبِيتَ لَكُمْ وَلاَ عَشَاءَ. وَإِذَا دَخَلَ فَلَمْ يَذْكُرِ اللَّهَ عِنْدَ دُخُولِهِ قَالَ الشَّيْطَانُ أَدْرَكْتُمُ الْمَبِيتَ. وَإِذَا لَمْ يَذْكُرِ اللَّهَ عِنْدَ طَعَامِهِ قَالَ أَدْرَكْتُمُ الْمَبِيتَ وَالْعَشَاءَ “މީހަކު ގެއަށް ވަންނައިރާއި ކާއިރު، ﷲގެ މަތިން ހަދުމަކޮށްފިނަމަ (ޔަޢުނީ: ގެއަށް ވަންނައިރާއި ކާއިރު ކިޔަން ވާރިދުވެފައިވާ ޛިކުރު ކޮށްފިނަމަ)، ޝައިޠާނާ (އޭނާގެ ޖަމާޢަތުގެ މީހުންނަށް) ބުނާނެތެވެ. ތިޔަބައިމީހުންނަށް ނިދާނެ ތަނެއްވެސް، އަދި ރޭގަނޑުގެ ކެއުމެއްވެސް ނެތެވެ. އަދި އޭނާ ގެއަށް ވަންނައިރު ޛިކުރު ނުކޮށްފިނަމަ، އެކަލޭގެ ބުނާނެތެވެ. ތިޔަބައިމީހުންނަށް ނިދާނެ ތަނެއް ލިބިއްޖެއެވެ. އަދި ކާއިރު ޛިކުރު ނުކޮށްފިނަމަ، އެކަލޭގެ ބުނާނެތެވެ. ތިޔަބައިމީހުންނަށް ނިދާނެތަނާއި، ރޭގަނޑުގެ ކެއުންވެސް ލިބިއްޖެއެވެ.”
ޖިންނީންގެ ކެއުމާއި ބުއިމާއި ބެހޭގޮތުން 3 ރައުޔެއް އައިސްފައިވެއެވެ.
1-ޖިންނީންގެ ތެރެއިން އެއްވެސް ބަޔަކު ކައިބޮއެ ނަހަދައެވެ. މިއީ އެއްވެސް ދަލީލެއް ނެތް ބާޠިލު ރައުޔެކެވެ.
2-ޖިންނީންގެ ތެރޭގައި ކައިބޮއެ ހަދާ ބައެއްވެސް އުޅެއެވެ. އަދި ނުކައި ނުބޮއެ އުޅޭ ބަޔެއްވެސް އުޅެއެވެ. މި ރައުޔުގެ އަހުލުވެރިން ދަލީލަކަށް ގެންނަވަނީ އިބްނު ޢަބްދިލްބައްރް، ވަހްބު ބިން މުނައްބިހުގެ އަރިހުން ރިވާކުރައްވާފައިވާ ރިވާޔަތެކެވެ. ވަހްބު ބިން މުނައްބިހް ވިދާޅުވިއެވެ. ޖިންނީންގެ ތަފާތު ވައްތަރުތަކެއް ވެއެވެ. އެސޮރުމެންގެ މައިގަނޑު ވައްތަރަކީ ވަޔެވެ. މިވައްތަރުގެ ޖިންނީން ކައިބޮއެ ނަހަދާނެއެވެ. އަދި އެސޮރުމެން ދަރިން ނުވިހާނެއެވެ. އަދި ޖިންނީންގެ ތެރޭގައި، ކައިބޮއެ ހަދާ، ދަރިން ވިހާ ވައްތެރެއްގެ ބަޔަކުވެސް އުޅެއެވެ. އޭގެ ތެރޭގައި ހަރުފައާއި ކުއްތާގެ ސިފައިގައި އުޅޭ ޖިންނީންވެއެވެ.
މި ރައުޔުގެ އަހުލުވެރީންގެ އަނެއް ދަލީލަކީ އަބޫ ޘަޢުލަބަތިލް ޚުޝަނީ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވާ ޙަދީޘެކެވެ. އެ ޙަދީޘް، މި ސިލްސިލާގެ ކުރީގެ ބައެއްގައި، ޖިންނީންގެ ވައްތަރުތައް ބަޔާންކުރަމުން ގެނެސްދީފައިވާނެއެވެ.
މި ރައުޔަކީ މިއީ ބުރަދަނެއް ހުރި، ޙައްޤުކަމުގައިވުން ގާތް ރައުޔެކެވެ.
ހުރިހާ ޖިންނީންވެސް ކައިބޮއެ ހަދައެވެ. މިއީ އެންމެ ބޮޑަށް ޙައްޤުކަމުގައިވުން ގާތް ރައުޔެވެ. އަދި ކިއެއްތަ! މިސިލްސިލާގެ ކުރީގެ ބައިތަކުގައި ގެނެވިފައިވާ، ޞައްޙަ ޙަދީޘްތަކުން ބާރުލިބެނީ މި ރައުޔަށެވެ.
ޖިންނީންގެ ކެއުމާއި ބެހޭގޮތުން އިބްނު މަސްޢޫދް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން އައިސްފައިވާ ޙަދީޘްގެ އެކި ރިވާޔަތްތަކަށް ބަލާއިރު، އޭގެ ރާވީއަށް އޮޅުމެއް ނުވާކަމުގައިވާނަމަ، އެ ރިވާޔަތްތައް ޖަމަޢަކުރުމަށްޓަކައި، ‘ﷲގެ އިސްމުފުޅު ކިޔުމަށްފަހު ކަތިލާފައިވާ ޖަނަވާރުތަކުގެ ކަށްޓަކީ މުސްލިމް ޖިންނީންގެ ކާނާއެކެވެ. އަދި ބިސްމި ނުކިޔައި ކަތިލާފައިވާ ޖަނަވާރުތަކުގެ ކަށްޓަކީ ކާފަރު ޖިންނީންގެ ކާނާއެކެވެ.’ ބުނެވިދާނެއެވެ. އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ.
– ނުނިމޭ –
________________________
އަޞްލު: وِقَايَةُ الْإِنْسَانِ مِنْ الْجِنِّ وَالشَّيْطَانِ