[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އާދަމް ޢަލައިހިއްސަލާމްގެ ދެކޮޅުހެއްދެވުމާއި ހަނދުމަފުޅުނެތުން

ފެށުން:

މިއަދު އާރކެއޮލޮޖިސްޓުން ދަނީ ދުނިޔޭގައި ކުރީޒަމާނުގައި މީހުން އުޅެފައިވާ ތަންތަނާއި ސަރަހައްދުތައް ހޯދައި އެތަންތަންކޮނެ ދިރާސާތައް ކުރަމުންނެވެ. އަދި މިތަންތަނުން ކުރީގެ އުއްމަތްތަކުގެ މީހުން ގެންގުޅެފައިވާ ތަކެތިހޯދައި އެތަކެއްޗާއި ބެހޭ ތަހުލީލްތައްކޮށްހަދައެވެ. މީގެ ބޭނުމަކީ އަޅުގަނޑުމެންގެ ކާބަފައިން މިދުނިޔޭގައި އުޅެފައިވާގޮތް ދެނެގަތުމެވެ. އަދި އެބައިމީހުންގެ ޚަބަރުތަކާއި ޙާލަތްތައް ދެނެގަތުމެވެ. އެހެންނަމަވެސް މިފަދަ ދިރާސާތަކުން ކަންތައް ހިނގާފައިވާގޮތުގެ ޙަޤީގަތް ސީދާއެނގޭގޮތްވަނީ ވަރަށްމަދު ފަހަރެއްގައެވެ. އަދި ގިނައިން ހުންނަނީ ޙައްޤެއް ބާޠިލެއް ވަކިނުވާ ތިއަރީތަކެކެވެ. ހޯދައިނިމިފައިވާ ޙަޤީޤަތްތަކެއް ނޫނެވެ. އަދި ފުންވެގެންވާ މާޞީގެ ތެރެޔަށްފީނައި ޙަޤީޤަތްތައް ހޯދުމަކީ އެހާފަސޭހަކަމެއްވެސް ނޫނެވެ. އެހެންނަމަވެސް މާޟީގައި ހިނގާފައިވާ ކަންތައްތަކާއި ބޭހޭގޮތުން ﷲ ތަޢާލާ ވަޙީކުރއްވާފައިވާ ވަޙީބަސްފުޅުތަކަކީ މަޟީގެ ޚަބަރުތައް އެންމެ ޞައްޙަކަމާއިއެކީ ދެނެގަތުމަށް އޮތް އޭގެ އަގު އަޅުގަނޑުމެންނަށް ވަޒަންނުކުރެވޭފަދަ އަގުބޮޑު ޚަޒާނާއެކެވެ. ސަބަބަކީ ﷲ ތަޢާލާއަށް ހުރިހާކަމެއް އެންމެ ސާފުކޮށް އެނގިވޮޑިގަންނަވައެވެ. އެއިލާހުއީ ޢަލީމްވަންތަ ޚަބީރުވަންތަ އިލާހެވެ. އެއިލާހަށް ވަންހަނާވެގެންވާ އެއްވެސް އެއްޗެއް އުޑާއި ބިމުގައިވެސް ނުވެއެވެ.

ތާރީޚީ ބައެއް ޢިލްމުތަކަކީ ވަޙީގެ ޒަރިއްޔާއިން މެނުވީ އެއަށް ވާސިލްނުވެވޭނެ ޢިލްމުތަކެވެ. އެހެންކަމުން ތިރީގައި މިބަޔާންކުރާ ހަދީޘުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަޅުގަނޑުމެންނަށް ބުނެދެއްވަނީ އެފަދަ ޢިލްމެކެވެ. އަޅުގަނޑުމެންގެ ބައްޕާފުޅު އާދަމް ޢަލައިހިއްސަލާމްގެ ޠަބީޢަތުގައި ﷲ ތަޢާލާ ލެއްވި ބައެއް ކަންތައްތަކާއި އަދި އެކަލޭގެފާނުގެ ކިބައިން އަޅުގަނޑުމެންނަށް ވާރުތަވެގެން އައިސްފައިވާ ބައެއްކަންތައް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަޅުގަނޑުމެންނަށް ވިދާޅުވެދެއްވާފައިވެއެވެ. އަދި ﷲ ތަޢާލާ އާދަމް ޢަލައިހިއްސަލާމަށާއި އެކަލޭގެފާނުގެ ދަރިފަސްކޮޅަށް ޝަރުޢުކުރެއްވި ބައެއް ޙުކުމްތައްވެސް ޙަދީޘްކުރައްވާފައިވެއެވެ.

ޙަދީޘް:

عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:( لَمَّا خَلَقَ اللَّهُ آدَمَ مَسَحَ ظَهْرَهُ, فَسَقَطَ مِنْ ظَهْرِهِ كُلُّ نَسَمَةٍ هُوَ خَالِقُهَا مِنْ ذُرِّيَّتِهِ إِلَى يَوْمِ الْقِيَامَةِ ,وَجَعَلَ بَيْنَ عَيْنَيْ كُلِّ إِنْسَانٍ مِنْهُمْ وَبِيصًا مِنْ نُورٍ, ثُمَّ عَرَضَهُمْ عَلَى آدَمَ, فَقَالَ: أَيْ رَبِّ, مَنْ هَؤُلَاءِ؟ قَالَ: هَؤُلَاءِ ذُرِّيَّتُكَ. فَرَأَى رَجُلًا مِنْهُمْ, فَأَعْجَبَهُ وَبِيصُ مَا بَيْنَ عَيْنَيْهِ, فَقَالَ: أَيْ رَبِّ, مَنْ هَذَا؟ فَقَالَ: هَذَا رَجُلٌ مِنْ آخِرِ الْأُمَمِ مِنْ ذُرِّيَّتِكَ, يُقَالُ لَهُ: دَاوُدُ, فَقَالَ: رَبِّ, كَمْ جَعَلْتَ عُمْرَهُ؟ قَالَ: سِتِّينَ سَنَةً, قَالَ: أَيْ رَبِّ, زِدْهُ مِنْ عُمْرِي أَرْبَعِينَ سَنَةً, فَلَمَّا قُضِيَ عُمْرُ آدَمَ جَاءَهُ مَلَكُ الْمَوْتِ, فَقَالَ: أَوَلَمْ يَبْقَ مِنْ عُمْرِي أَرْبَعُونَ سَنَةً؟ قَالَ: أَوَلَمْ تُعْطِهَا ابْنَكَ دَاوُدَ؟ قَالَ: فَجَحَدَ آدَمُ فَجَحَدَتْ ذُرِّيَّتُهُ, وَنُسِّيَ آدَمُ فَنُسِّيَتْ ذُرِّيَّتُهُ, وَخَطِئَ آدَمُ فَخَطِئَتْ ذُرِّيَّتُهُ)
قَالَ أَبُو عِيسَى هَذَا حَدِيثٌ حَسَنٌ صَحِيحٌ وَقَدْ رُوِيَ مِنْ غَيْرِ وَجْهٍ عَنْ أَبِي هُرَيْرَةَ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ

މާނަ:  (އިމާމް ތިރްމިޒީ އެކަލޭގެފާނުގެ ސުނަނުގައި) އަބޫހުރައިރާ ރަޟިޔަﷲޢަންހުގެ އަރިހުން ރިވާކުރައްވާފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. (ﷲ ތަޢާލާ ޢާދަމް ޢަލައިހިއްސަލާމް ހެއްދެވުމަށްފަހު، އެކަލޭގެފާނުގެ ބުރަކަށިފުޅުގައި ބީއްސެވިއެވެ. އެހިނދު އެކަލޭގެފާނުގެ ބުރަކަށިފުޅުން، ޤިޔާމަތާއިޖެހެންދެން އެކަލޭގެފާނުގެ ދަރިފަސްކޮޅުން އެއިލާހު ޚަލްޤުކުރައްވާނެ ހުރިހާ އެންމެންގެ ނަފްސުތައް ނުކުތެވެ. އަދި އެއިން ކޮންމެ އިންސާނެއްގެ ދެލޮލުގެ ދެމެދުގައި އައްޔެއް ލެއްވިއެވެ. އެއަށްފަހު އާދަމް ޢަލައިހިއްސަލާމަށް އެބައިމީހުން ދެއްކެވިއެވެ. އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަޅުގެ ރައްބެވެ. މީކޮންބައެއްތޯއެވެ؟ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. މިއީ ކަލޭގެފާނުގެ ދަރިފަސްކޮޅެވެ. އެވަގުތު އެމީހުންގެ ތެރެއިން މީހެއްގެ ދެލޮލުގެ ދެމެދުގައިވާ އައްޔާއިމެދު އެކަލޭގެފާނު ޝަވްޤުވެރިކުރުވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: އޭ އަޅުގެ ރައްބެވެ. މިއީ ކާކުތޯއެވެ؟ ﷲތަޢާލާ ވަޙީކުރެއްވިއެވެ. މިއީ ކަލޭގެފާނުގެ ދަރިފަސްކޮޅުގެތެރެއިން ފަހުޒަމާނުގެ އުއްމަތެއްގެ މިހެކެވެ. އޭނާ އަށް ކިޔަނީ ދާވުދު އެވެ. އާދަމް ޢަލައިހިއްސަލާމް ދެންނެވިއެވެ. އަޅުގެ ރައްބެވެ، އިބަ އިލާހު އޭނާގެ އުމުރު ކަމުގައި ކަނޑައަޅުއްވާފައިވަނީ ކޮން އުމުރެއްތޯއެވެ؟ ﷲތަޢާލާ ވަޙީކުރެއްވިއެވެ: 60 އަހަރެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: އޭ އަޅުގެ ރައްބެވެ، އަޅުގެ އުމުރުން 40 އަހަރު އެކަލޭގެފާނަށް ދެއްވާށެވެ. އަދި އެއަށްފަހު އާދަމް ޢަލައިހިއްސަލާމުގެ އުމުރިފުޅު ހަމަވުމުން މަލަކަލް މައުތު ޢަލައިހިއްސަލާމް އެކަލޭގެފާނުގެ އަރިހަށް ވަޑައިގަތެވެ. އާދަމް ޢަލައިހިއްސަލާމް ވިދާޅުވިއެވެ: ތިމަންކެލޭގެފާނުގެ ޢުމުރުފުޅުން އަދި 40 އަހަރު ބާކީ ނެތްތޯއެވެ؟ މަލަކަލް މައުތު ވިދާޅުވިއެވެ: ކަލޭގެފާނުގެ ދަރިކަލުން ދަވޫދަށް އެ (40 އަހަރު) ނުދެއްވަންތޯއެވެ؟ ދެން ރަސޫލުﷲ ޞައްލަﷲ ޢަލއިހިވަސައްލަމް ޙަދީޘްކުރެއްވިއެވެ: އެހިނދު އާދަމް ޢަލައިހިއްސަލާމް އެކަމާއި ދެކޮޅުހެއްދެވިއެވެ. އަދި އެކަލޭގެފާނުގެ ދަރިފަސްކޮޅު ދެކޮޅުހަދައެވެ. އަދި އާދަމް ޢަލައިހިއްސަލާމް ހަދުމަނެއްތެވުނެވެ. އަދި އެކަލޭގެފާނުގެ ދަރިފަސްކޮޅުވެސް ހަނދާންނެއްތެވެއެވެ. އަދި އެކަލާގެފާނަށް ކުށްކުރެވުނެވެ. އަދި އެކަލޭގެފާނުގެ ދަރިފަސްކޮޅަށްވެސް ކުށްކުރެވުނެވެ.)

އަބޫޢީސާ ވިދާޅުވެފައިވެއެވެ. މި ޙަދީޘަކީ ޙަޞަން ޞަޙީޙް ޙަދީޘެކެވެ. އަދި މި ޙަދީޘް އެހެން ގޮތަކަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ފަރާތުން އަބޫހުރައިރާ ރަޟިޔަﷲޢަންހު ރިވާ ކުރައްވާފައިވެއެވެ.

ތިރީގައި މިވަނީ މިޙަދީޘްގެ އަނެއް ރިވާޔަތެވެ.

عَنْ أَبِي هُرَيْرَةَ قَالَ:قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: (لَمَّا خَلَقَ اللَّهُ آدَمَ وَنَفَخَ فِيهِ الرُّوحَ عَطَسَ فَقَالَ الْحَمْدُ لِلَّهِ فَحَمِدَ اللَّهَ بِإِذْنِهِ فَقَالَ لَهُ رَبُّهُ يَرْحَمُكَ اللَّهُ يَا آدَمُ اذْهَبْ إِلَى أُولَئِكَ الْمَلَائِكَةِ إِلَى مَلَإٍ مِنْهُمْ جُلُوسٍ فَقُلْ السَّلَامُ عَلَيْكُمْ قَالُوا وَعَلَيْكَ السَّلَامُ وَرَحْمَةُ اللَّهِ ثُمَّ رَجَعَ إِلَى رَبِّهِ فَقَالَ إِنَّ هَذِهِ تَحِيَّتُكَ وَتَحِيَّةُ بَنِيكَ بَيْنَهُمْ فَقَالَ اللَّهُ لَهُ وَيَدَاهُ مَقْبُوضَتَانِ اخْتَرْ أَيَّهُمَا شِئْتَ قَالَ اخْتَرْتُ يَمِينَ رَبِّي وَكِلْتَا يَدَيْ رَبِّي يَمِينٌ مُبَارَكَةٌ ثُمَّ بَسَطَهَا فَإِذَا فِيهَا آدَمُ وَذُرِّيَّتُهُ فَقَالَ أَيْ رَبِّ مَا هَؤُلَاءِ فَقَالَ هَؤُلَاءِ ذُرِّيَّتُكَ فَإِذَا كُلُّ إِنْسَانٍ مَكْتُوبٌ عُمْرُهُ بَيْنَ عَيْنَيْهِ فَإِذَا فِيهِمْ رَجُلٌ أَضْوَؤُهُمْ أَوْ مِنْ أَضْوَئِهِمْ قَالَ يَا رَبِّ مَنْ هَذَا قَالَ هَذَا ابْنُكَ دَاوُدُ قَدْ كَتَبْتُ لَهُ عُمْرَ أَرْبَعِينَ سَنَةً قَالَ يَا رَبِّ زِدْهُ فِي عُمْرِهِ قَالَ ذَاكَ الَّذِي كَتَبْتُ لَهُ قَالَ أَيْ رَبِّ فَإِنِّي قَدْ جَعَلْتُ لَهُ مِنْ عُمْرِي سِتِّينَ سَنَةً قَالَ أَنْتَ وَذَاكَ قَالَ ثُمَّ أُسْكِنَ الْجَنَّةَ مَا شَاءَ اللَّهُ ثُمَّ أُهْبِطَ مِنْهَا فَكَانَ آدَمُ يَعُدُّ لِنَفْسِهِ قَالَ فَأَتَاهُ مَلَكُ الْمَوْتِ فَقَالَ لَهُ آدَمُ قَدْ عَجَّلْتَ قَدْ كُتِبَ لِي أَلْفُ سَنَةٍ قَالَ بَلَى وَلَكِنَّكَ جَعَلْتَ لِابْنِكِ دَاوُدَ سِتِّينَ سَنَةً فَجَحَدَ فَجَحَدَتْ ذُرِّيَّتُهُ وَنَسِيَ فَنَسِيَتْ ذُرِّيَّتُهُ قَالَ فَمِنْ يَوْمِئِذٍ أُمِرَ بِالْكِتَابِ وَالشُّهُود)
قَالَ أَبُو عِيسَى هَذَا حَدِيثٌ حَسَنٌ غَرِيبٌ مِنْ هَذَا الْوَجْهِ وَقَدْ رُوِيَ مِنْ غَيْرِ وَجْهٍ عَنْ أَبِي هُرَيْرَةَ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْ رِوَايَةِ زَيْدِ بْنِ أَسْلَمَ عَنْ أَبِي صَالِحٍ عَنْ أَبِي هُرَيْرَةَ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ

މާނަ: (އިމާމް ތިރްމިޒީ އެކަލޭގެފާނުގެ ސުނަނުގައި) އަބޫހުރައިރާ ރަޟިޔަﷲޢަންހުގެ އަރިހުން ރިވާކުރައްވާފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. ( ﷲ ތަޢާލާ އާދަމް ޢަލައިހިއްސަލާމް ހެއްދެވި ހިނދު އެއިލާހު ފުމެލެއްވެވުމަކުން އެކަލޭގެފާނަށް ރޫޙު އެޅުއްވެވިއެވެ. އެވަގުތު އެކަލޭގެފާނު ކިނބިހިފުޅެއް އެޅުއްވިއެވެ. އަދި ﷲތަޢާލާގެ އިޒުނަފުޅާއިއެކު އެއިލާހަށް ޙަމްދުކުރެއްވިއެވެ. ދެންފަހެ އެކަލޭގެފާނުގެ ވެރި ރައްބު އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. އޭ އާދަމެވެ. ﷲ ތިބާއަށް ރަޙްމަތްލައްވައެވެ. ކަލޭގެފާނު  އެތާނގައި އެއްވުމެއްގައި އިށީންދެވަޑައިގެންއެތިއްބެވި މަލާއިކަތުންގެ ގާތަށް ދާށެވެ. އަދި السَّلَامُ عَلَيْكُمْ އޭ ދަންނަވާށެވެ. ދެން(އެކަލޭގެފާނު ސަލާމް ގޮވުމުން) އެބޭކަލުން އޭގެޖަވާބުގައި وَعَلَيْكَ السَّلَامُ وَرَحْمَةُ اللَّهِ އޭ ވިދާޅުވިއެވެ. އެއަށްފަހު އާދަމް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ރައްބުގެ ހަޟްރަތަށް ވަޑައިގެންނެވިއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: ހަމަކަށަވަރުން ތި ސަލާމަކީ ކަލޭގެފާނުގެ ސަލާމެވެ. އަދި ކަލޭގެފާނުގެ ދަރިފަސްކޮޅުގެ ތެރޭގައި އެބައިމީހުންގެ ސަލާމަކީވެސް ތިއީއެވެ. އަދި ﷲ ތަޢާލާ އެއިލާހުގެ ދެއަތްޕުޅު މުށްކުރެއްވުމަށްފަހު އެއިން އެކަލޭގެފާނު ބޭނުންފުޅު އަތްޕުޅެއް ޚިޔާރުކުރެއްވުމަށް އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. އާދަމް ޢަލައިހިއްސަލާމް ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ޚީޔާރުކުރާނީ ތިމަންގެ ރައްބުގެ ކަނައަތްޕުޅެވެ. އަދި ތިމަންގެ ރައްބުގެ ދެއަތްޕުޅަކީވެސް ބަރަކާތްތެރި ދެކަނައަތްޕުޅެވެ. އެއަށްފަހު ﷲ ތަޢާލާ އެއަތްޕުޅު ހުޅުއްވިއެވެ. އެވަގުތު އެ އަތްޕުޅުގެ ތެރޭގައި އާދަމްގެފާނާއި އެކަލޭގެފާނުގެ ދަރިފަސްކޮޅުވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަޅުގެ ރައްބެވެ. މީ ކޮންބައެއްތޯއެވެ؟ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. މިއީ ކަލޭގެފާނުގެ ދަރިފަސްކޮޅެވެ. އޭރު ކޮންމެ އިންސާނެއްގެ އުމުރު އެމީހެއްގެ ދެ ލޮލުގެ ދެމެދުގައި ލިޔެވިފައިވެއެވެ. އެބައިމީހުންގެ ތެރޭގައި އެހެންމީހުންނަށްވުރެ ބޮޑަށް ވިދާބަބުޅާ މީހަކުވެއެވެ. އާދަމް ޢަލައިހިއްސަލާމް ދެންނެވިއެވެ: އޭ މި އަޅާގެ ރައްބެވެ. މީ ކާކުތޯއެވެ؟ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: ތިއީ ކަލޭގެފާނުގެ ދަރިކަލުން ދާވުދު އެވެ. ތިމަން އިލާހު އެކަލޭގެފާނުގެ އުމުރުފުޅަކީ 40 އަހަރުފުޅުކަމުގައި ލެއްވީމެވެ. އާދަމް ޢަލައިހިއްސަލާމް ދެންނެވިއެވެ: އޭ އަޅުގެ ރައްބެވެ. އެކަލޭގެފާނުގެ އުމުރު އިތުރުކޮށްދެއްވާށެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: އެއީ ތިމަން އިލާހު އެކަލޭގެފާނަށްޓަކައި ލިޔުއްވާފައިވާ އުމުރެވެ. އާދަމް ޢަލައިހިއްސަލާމް ވިދާޅުވިއެވެ: ފަހެ ހަމަކަށަވަރުން ތިމަންކަލޭގެފަނު ތިމަންކަލޭގެފާނުގެ އުމުރުން 60 އަހަރު އެކަލޭގެފާނަށް (ދެއްވަން) ކަނޑައަޅަމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: ކަލޭގެފާނަށް އެދޭގޮތަކަށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ: އަދި ސުވަރުގޭގައި ﷲ ތަޢާލާ އިރާދަކުރެއްވިހާ ދުވަހަކަށް އާދަމްޢަލައިހިއްސަލާމް ހުންނެވިއެވެ. އަދި އެއަށްފަހު ސުވަރުގެއިން ބިމަށް ފޮނުވާލެވުނެވެ. އާދަމްޢަލައިހިއްސަލާމް ވަޑައިގެންނެވީ އެކަލޭގެފާނުގެ އަމުރުގެ ދުވަސް ގުނަމުންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ: ދެން އެކަލޭގެފާނުގެ ގާތަށް މަލަކަލް މައުތު ވަޑައިގެންފިއެވެ. އާދަމްޢަލައިހިއްސަލާމް ވިދާޅުވިއެވެ: ހަމަކަށަވަރުންވެސް ތިބާ ތިޔައީ މާ އަވަހަށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނަށް 1000 އަހަރު ލިޔުއްވިފައިވެއެވެ. މަލަކަލް މައުތު ވިދާޅުވިއެވެ: އާދޭހެވެ. އެހެނެއްކަމަކު ކަލޭގެފާނު ކަލޭގެފާނުގެ ދަރިކަލުން ދާވުދަށް ކަލާގެފާނުގެ އުމުރުފުޅުން 60 އަހަރު ދެއްވީމެވެ. ދެން އާދަމްޢަލައިހިއްސަލާމް އެކަމާއި ދެކޮޅުހެއްދެވިއެވެ. އަދި އެކަލޭގެފާނުގެ ދަރިފަކޮޅުވެސް ދެކޮޅުހެދިއެވެ. އެކަލޭގެފާނު ހަނދުމަފުޅުނެތުނެވެ. އަދި އެކަލޭގެފާނުގެ ދަރިފަސްކޮޅުވެސް ހަނދާންނެތުނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވިއެވެ. އެހެންކަމުން އެދުވަހުން ފެށިގެން އެގްރީމެންޓު ލިޔުމާއި ހެކިވެރިކުރުވުމަށް އަމުރު ކުރެވުނެވެ.)

އަބޫ އީސާ ވިދާޅުވެފައިވެއެވެ: މިޙަދީޘްގެ މި ވަޖުހުން މިއީ ޙަސަން ޣަރީބު ޙަދީޘެކެވެ. އަދި زَيْدِ بْنِ أَسْلَمَ ގެ އަރިހުން  أَبِي صَالِحٍ ގެ އަރިހުން އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން އައިސްފައިވާ ރިވާޔަތެއްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން މިޙަދީޘް އެހެން ވަޖުހަކުން އައިސްފައިވެއެވެ.

ހަދީޘްގެ ޝަރަޙަ:

ﷲ ތަޢާލާ އާދަމްޢަލައހިއްސަލާމް ހެއްދެވީ އިންސާނެއްގެ އެންމެ ފުރިހަމަ ސިފައިގައެވެ. ހުރިހާ ޙިއްސުތަކެއްވެސް ފުރިހަމަވެގެންވާ ޙާލުކޮޅުގައެވެ. މިއަދު އިންސާނުންގެ ތެރެއިން ބައެއްމީހުން ބުނާ ގޮތަށް އެކަލޭގެފާނު އުފެދުނީ މަކުނުގެ ޢާއިލާއަކުނ ނޫނެވެ. އަދި ގަސްގަހާއި ގެއްސަކުންވެސް ނޫނެވެ.  ﷲ ތަޢާލާ އާދަމް ޢަލައިހިއްސަލާމް ޚަލްޤުކުރެއްވުމަށްފަހު އެންމެ ފުރަތަމަ ވަގުތުއްސުރެ އެކަލޭގެފާނުވަނީ ވިސްނުންތެރިކަމާއި ހަމަބުއްދި ލިބިގެންވާ ޙާލުކޮޅުގައެވެ. އަދި ވާހަކަފުޅު ދައްކަވާ، ކިޔާނުކިޔާ އެއްޗެއް، އަދި އަޑުއިވޭ އެއްޗެއް، ފަހުމުކޮށް ދަނެގަތުމުގެ ބާރު، އެކަލޭގެފާނުގެ ކިބައިގައިވެއެވެ. އަދި އެކަލޭގެފާނާއި މުޚާޠަބު ކުރެވުމުން އެންމެ މުނާސަބު ޖަވާބުދެއްވުމުގެ ކުޅަދާނަކަށްވެސް އެކަލޭގެފާނަށް ލިބިވަޑައިގެންފައި ވެއެވެ.

ﷲ ތަޢާލާ އާދަމް ޢަލައިހިއްސަލާމްގެ ހަށިކޮޅަށް، ފުމެލައްވައި ރޫޙު އެޅުއްވުމަށްފަހު، އެކަލޭގެފާނު ކިނބިހިއެއް އެޅުއްވިއެވެ. އަދި ﷲ އަށް ޙަމްދުކުރެއްވިއެވެ. އެހިނދު ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. އޭ އާދަމެވެ. ތިބާޔަށް ﷲ ރަޙްމަތް ލައްވައިފިއެވެ. އަދި އިށީނދެވަޑައިގެން ތިއްބެވި މަލާއިކަތުންގެ ޖަމާޢަތެއްގެ ގާތަށްގޮސް އެބޭކަލުންނަށް ސަލާމް ގޮވުމަށް އެންގެވިއެވެ. ދެން އެކަލޭގެފާނު ﷲ އެންގެވިގޮތަށް ސަލާމް ކުރެއްވިއެވެ. އަދި މަލާއިކަތްބޭކަލުން އެސަލާމް އެއަށްވުރެ ފުރިހަކުރައްވައި އެއަށް ޖަވާބުދެއްވިއެވެ. އަދި މި ސަލާމަކީ އާދަމް ޢަލައިހިއްސަލާމްގެ ސަލާމް ކަމުގައި ﷲ ތަޢާލާ އެންގެވިއެވެ. އަދި އެކަލޭގެފާނުގެ ދަރިފަސްކޮޅުގެ މީހުން އެބަމީހުންގެ ތެރޭގައި ބޭނުންކުރާނެ ސަލާމަކީވެސް މިއީކަމުގައި ﷲ ތަޢާލާ ޚަބަރުދެއްވިއެވެ. އަދި އޭރުވެސް އެކަލޭގެފާނުވަނީ ހިންގަވައި، އަޑުއައްސަވައި، ވާހަކަދައްކަވައި، ކިނބިހިއަޅުއްވައި، ބުއްދީގެބޭނުންކުރައްވައި، އެކަލޭގެފާނާއި ދެކެވޭ ވާހަކަތައް ފަހުމްވެވަޑައިގަންނަވާ ހާލުކޮޅުގައެވެ. އެހެންކަމުން މިއިން ޑާރވިންގެ ތިއަރީއަކި އުނިކަންބޮޑު ދޮގުތަކުން ފުރިގެންވާ ތިއަރީއެއްކަމާއިމެދު އެއްވެސް ޝައްކެއްނެތެވެ.

މިޙަދީޘުން ﷲގެ އަޅާ އާދަމް ޢަލަހިއްސަލާމަށް ހުރި އެއިލާހުގެ ބެއްލެހެއްޓެވުން އަޅުގަނޑުމެންނަށް ވަޒަންކުރެވިގެންދެއެވެ. އަދި އެކަލޭގެފާނު ކިނބިހިފުޅު އެޅުއްވުމުން އެކަލެގެފާނަށް ﷲ ތަޢާލާ ރަޙްމަތް ލައްވައިފިކަން އެއިލާހުވަނީ އަންގަވާފައެވެ. ﷲ ތަޢާލާ އެމީހަކަށް ރަޙްމަތްލައްވައިފި މިހަކަށް އެއިލާހުގެ ބެލެހެއްޓުންތެރިކަމާއި ރައްކާތެރިކަމާއި ދީލަތިކަމުގެ ނިޢުމަތް ލިބިއްޖެކަން ކަށަވަރެވެ. އެހެންކަމުން އާދަމް ޢަލައިހިއްސަލާމަށް ކުރެވުނު ކުށަށް އިޢުތިރާފުވެ ﷲ ގެ މަގަށް ރުޖޫޢަވުމުން އެއިލާހު އެކަލޭގެފާނަށް ފާފަފުއްސެވިއެވެ. ހަމަކަށަވަރުން އަޅުގަނޑުމެންގެ ކިބައިގައި މި ހުންނަފަދަ އުނިކަންތައް ﷲ ތަޢާލައަށް ނިސްބަތްވެގެންނުވެއެވެ. އެއިލާހު އަޅުގަނޑުމެންނަށް ޔަޤީންކުރުމުގެ ބާރާއި އީމާންތެރިކަން ދެއްވިއެވެ. އަދި އެއިލާހު އަޅުގަނޑުމެންގެ ހަށިތަކަށް ރޫޙު އަޅުއްވައި އަޅުގަނޑުމެންނަށް އެހީތެރިވެވޮޑޮގަންނަވައެވެ.

އާދަމް ޢަލައިހިއްސަލާމް ސުވަރުގޭގައި ވަނިކޮށް ﷲ ތަޢާލާ ވަނީ އެކަލޭގެފާނަށާއި އެކަލޭގެފާނުގެ ދަރިފަސްކޮޅަށް ކިނބިހިއެޅިއްޖެނަމަ ޙަމްދުކުރުމަށް ޝަރުޢު ކުރައްވާފައެވެ. އަދި އެ ޙަމްދުކުރެވޭ އަޑުއިވޭ މީހާ ކިނބިހިއެޅި މިހާއަށް ރަޙްމަތްލެއްވުން އެދި ދުޢާ ކުރުންވެސް އެއިލާހުވަނީ ޝަރުޢުކުރައްވާފައެވެ. އަދި السَّلَامُ عَلَيْكُمْ މިއީ އާދަމްޢަލައިހިއްސަލާމް އާއި އެކަލޭގެފާނުގެ ދަރިފަސްކޮޅުގެ ސަލާމްކަމުގައި އެއިލާހު ވަނީ ލައްވާފައެވެ.

އަދި އަޅުގަނދުމެންގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް އަޅުގަނޑުމެންނަށް ބުނެދެއްވައެވެ. އަޅުގަނޑުމެންގެ ވެރި ރައްބު އާދަމްގެ ފާނުގެ ބުރަކަށި ފުޅުގައި ބީއްސެވިއެވެ. އެވަގުތު އެކަލޭގެފާނުގެ ބުރަކަށިފުޅުން ޤިޔާމަތާއި ޖެހެންދެން އެއިލާހު ޚަލްޤު ކުރައްވާނޭ ހުރިހާ އިންސާނުންނެއްގެ ނަފްސުތައް ނިކުތެވެ. އަދި ﷲ ތަޢާލަ އެއިލާހުގެ އަތްޕުޅުތެރެޔަށް މުޅި އާދަމްގެފާނުގެ ދަރިފަސްކޮޅުލެއްވިއެވެ. އަދި މުށްކުރެއްވިއެވެ. އަދި އެއިލާހުގެ ދެ އަތްޕުޅުން އާދަމްޢަލައިހިއްސަލާމް ބޭނުންފުޅު އަތްޕުޅެއް ޚިޔާރުކުރެއްވުމަށް އެންގެވިއެވެ. އާދަމް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ވެރި ރައްބުގެ ކަނައަތްޕުޅު ޚިޔާރުކުރެއްވިއެވެ. ﷲ ތަޢާލާގެ ދެ އަތްޕުޅަކީވެސް ދެ ކަނައަތްޕުޅެވެ. ﷲ ތަޢާލާ އެއިލާހުގެ އަތްޕުޅު ހުޅުއްވިއިރު އޭގެތެރޭގައި އާދަމްގެފާނާއި އެކަލޭގެފާނުގެ ދަރިފަސްކޮޅުވެއެވެ.

އާދަމްގެފާނަށް ﷲ ތަޢާލާ ކުރިޔަށްއޮތްތަނުގައި ޚަލްޤުކުރައްވާނެ، އެކަލޭގެފާނުގެ ދަރިފަސްކޮޅު ފެނިވަޑައިގަތެވެ. އަދި އެއިން ކޮންމެ މީހެއްގެ ދެ ލޮލުގެ ދެމެދުގައި ﷲ ތަޢާލާ އައްޔެއް ލައްވާފައިވެއެވެ. އަދި ހަމަ އެފަދައިން އެއިންކޮންމެ މީހެއްގެ ދެލޮލުގެ ދެމެދުގައި އެމީހެއްގެ އުމުރު ލިޔެވިގެންވެއެވެ. އެ އެންމެންގެ ތެރެއިން މާ އަލިގަދަ ނޫރެއް ލިބިފައުވާ ފިރިހެނަކު އެކަލޭގެފާނު ދެކެވަޑައިގަތެވެ. އަދި އެއީ ކާކުތޯ އެކަލޭގެފާނު ސުވާލުކުރެއްވިއެވެ. އެއީ އެކަލޭގެފާނުގެ ދަރިންގެތެރެއިން ފަހުޒަމާނުގައި އަންނާނެ އުއްމަތެއްގެ ދަރިއެއްކަމުގައި އެކަލޭގެފާނަށް ޚަބަރުދެވުނެވެ. އަދި އޭނާގެ ނަމަކީ ދާވުދު ކަމުގައިވެސް ޚަބަރުދެއްވުނެވެ. އަދި ދާވުދު ޢަލައިހިއްސަލާމްގެ އުމުރަކީ 60 އަހަރުކަމުގައިވެސް އާދަމްގެފާނަށް އެންގެވުނެވެ. އަދި އަނެއް ރިވާޔަތުގެ އެކަލޭގެފާނުގެ އުމުރަކީ 40 އަހަރު ކަމުގައިވެސް ވެއެވެ. އެންމެ ޞައްޙަކަން ބޮޑީ އެކަލޭގެފާނުގެ އުމުރަކީ 60 އަހަރުކަމުގައި އަންނަރިވާޔަތެވެ. އަދި އާދަމްޢަހައިހިއްސަލާމްގެ ހިތްޕުޅަށް ދާވުދު ޢަލައިހިއްސަލާމްގެ އުމުރުފުޅު މާ ކުރުކަމުގައި ފެނުނެވެ. އަދި އެކަލޭގެފާނުގެ އުމުރުފުޅު ދިގުކޮށްދެއްވުންއެދި ﷲ ތަޢާލާއަށް ދެންނެވިއެވެ. އަދި އެއީ ދަވުދު ޢަލައިހިއްސަލާމަށް ﷲ ތަޢާލާ ލިޔުއްވާފައިވާ އުމުރު ކަމުގައި އެއިލާހު ވަޙީކުރެއްވިއެވެ. ދެން އާދަމް ޢަލައިހިއްސަލާމް ދާވުދު ޢަލައިހިއްސަލާމްގެ އުމުރުން 100 އަހަރު ހަމަކުރެވޭ މިންވަރަށް އެކަލޭގެފާނުގެ އުމުރުން އަހަރުތައް ދެއްވިއެވެ.

މިޙަދީޘުން އެނގޭގޮތުގައި ﷲ ތާޢާލާ އާދަމް ޢަލައިހިއްސަލާމްގެ އުމުރަކީ ކޮބައިކަން މޮޅަށް ދެނެވޮޑިގެންވެއެވެ. އެކަލޭގެފާނު 1000 އަހަރު ދިރިއުޅުއްވާނެކަން އެއިލާހު ދެނެވޮޑިގެންވެއެވެ. އެކަލޭގެފާނު ޢުމުރުފުޅުން 1000 އަހަރުވާން ބާކީ 40 އަހަރުއޮތްވާ މަލަކަލްމައުތު ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ފުރާނަފުޅު ހިއްޕެވުމަށްޓަކައި އެކަލާގެފާނުގެ އަރިހަށް ވަޑައިގެންނެވިއެވެ. އެހެނަސް އާދަމް ޢަލައިހިއްސަލާމް މަލަކަލްމައުތު ޢަލައިހިއްސަލާމް އާއި ދެކޮޅުހެއްދެވިއެވެ. އަދި އެކަލޭގެފާނުގެ އަޖަލު ހަމަވުމުގެކުރިން އެކަލޭގެފާނުގެ ފުރާނަފުޅު ހިއްޕެވުމާމެދު އިންކާރުކުރެއްވިއެވެ. މިޙަދީޘުން އެނގޭގޮތުގައި އާދަމް ޢަލައިހިއްސަލާމް ދިޔައީ އެކަލޭގެފާނުގެ ޙަޔާތުން ބާކީއޮތީ ކިހާވަރެއްތޯ ބަލައި ގުނަމުންނެވެ. ދެން މަލަކަލްމައުތު ޢަލައިހިއްސަލާމް ، އެކަލޭގެފާނުގެ އުމުރުފުޅުން ބާކީއޮތް އަހަރުތަކަކީ، އެކަލޭގެފާނުގެ ދަރިކަލުން ދަވުދު ޢަލައިހިއްސަލާމައަށް އެކަލޭގެފާނުގެ އުމުރުން ހިބަކޮށްދެއްވި އަހަރުތައްކަން ހަނދާންކޮށްދެއްވިއެވެ. އެހެންނަމަވެސް އާދަމް ޢަލައިހިއްސަލާމް މިކަން ހަނދުމަފުޅުނެތިއްޖެއެވެ. އަދި އެކަލޭގެފާނުގެ ފުރާނަފުޅު ހިއްޕެވުމާއި ދެކޮޅުހެއްދެވިއެވެ. އަދި އެކަލޭގެފާނުގެ ދަރިފަސްކޮޅުގެ ހުރިހާ އެނެމެނަށްވެސް އެކަލޭގެފާނުގެ ކިބައިން މި ސިފަތައް ވާރުތަވެފައިވެއެވެ. އެކަލޭގެފާނު ފަދައިން ހުރިހާ އިންސާނުންވެސް ހަނދާންނެތެއެވެ. އަދި އެކަލޭގެފަނު ފަދައިން ހުރިހާ އިންސާނުންވެސް ދެކޮޅުހަދައެވެ. އެހެންކަމުން ﷲ ތަޢާލާ، އެއްބަސްވުންތަކުގައި އެގްރީމެންޓްތައް ލިޔުމަށާއި ހެކިވެރިން ހެކި ކުރުމަށް އަމުރު ކުރައްވާފައި ވަނީ މި ދެ ކަމާއި ކުރިމަތިލުވުމަށް ޓަކައެވެ. ދެކޮޅުހަދާމީހުން ދެކޮޅުވާއިރެވެ. އަދި ހަނދާންނެތޭމީހުން ހަނދާންނެތޭއިރެވެ.

މި ޙަދީޘުން ލިބޭ ފިލާވަޅުތައް:

1-   އާދަމް ޢަލައިހިއްސަލާމް ހެއްދެވުމަށްފަހު އެންމެ ފުރަތަމަވެސް ވަނީ އެންމެ ފުރިހަމަ އިންސާނެއްގެ ގޮތުގައިކަމެވެ. ބައެއް މަގުފުރެދިފައިވާ މީހުންބުނާގޮތަށް އެކަލޭގެފާނުގެ ކިބައިގައި އެއަވެސް އުނިކަމެއް ނުވާކަމެވެ. މަގުރުފުރެދިފައިވާ ޑާރވިން އާއި އޭނާ އަށް ތަބާވާމީހުން ބުނާގޮތުގައި އެންފުރަތަމަ އިންސާނާވީ މަކުނެއްގެ ގޮތަށެވެ. ދެން މަކުނު ގިނަ ޒަމާންތަކަށްފަހު ބަދަލުތައް އަންނަމުން އައިސް ހަށިގަނޑު ތަރައްޤީވެ މިޒަމާނުގައި އިންސާނުން މިވާގޮތަށް ބަދަލުވީއެވެ. ނަމަވެސް މިޙަދީޘުން އެމީހުންގެ މި ދަޢުވާ ބާޠިލްކުރެއެވެ. އާދަމް ޢަލައިހިއްސަލާމް ޚަލްޤުކުރައްވާފައިވާ ގޮތުގެ ފުރިހަމަކަން ބަޔާކުރައްވަމުން، އެކަލޭގެފާނުގެ ދިގު މިނަކީ 60 މުށް ކަމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްވަނީ އަޅުގަނޑުމެންނަށް ޚަބަރު ދެއްވާފައެވެ. އާދަމް ޢަލައިހިއްސަލާމަށްފަހު އިންސާނުންގެ ސައިޒު އުނިވަމުން އައިސް އިންސާނުންގެ ސައިޒް ޤަރާރުވެފައިވަނީ މިހާރު އިންސާނުން މިތިބަ ސައިޒުގައެވެ. އަދި ޤިޔާމަތްދުވަހު ﷲ ތަޢާލާ މުއުމިނުން ސުވަރުގެއަށް ވައްދަވާނީ އިންސަނުންގެ އެންމެ ފިރިހަމަ ސޫރަ ކަމުގައިވާ އާދަމް ޢަލައިހިއްސަލާމް އެ ސޫރައެއްގައި ﷲ ތަޢާލާ ޚަލްޤުކުރެއްވި ސޫރައިގައި ކަމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.

2-   އަޅުގަނޑުމެންގެ ބައްޕާފުޅު އާދަމް ޢަލައިހިއްސަލާމް ކަންތައް ކުރެއްވި ގޮތާއި އެކަލޭގެފާނާއި މެދު ކަންތައްހިނގިގޮތް އަޅުގަނޑުމެންނަށް އެނގިގެންދިޔުމެވެ. މިގޮތުން އެކަލޭގެފާނަށް ރޫޙު އެޅުމުން ކިނބިހި އެޅުއްވިކަމާއި، އަދި އެއަށްފަހު ﷲ އަށް ޙަމްދުކުރެއްވި ކަމާއި، ﷲ ތަޢާލާ އެކަލޭގެފާނަށް ރަޙްމަތްލައްވައިފި ކަމަށް ވަޙީކުރެއްވުމާއި، މަލާއިކަތުންގެ މައްޗަށް އެކަލޭގެފާނު ސަލާމްގޮވާލެއްވުމާއި އެބޭކަލުން އެލޭގެފާނަށް ޖަވާބުދެއްވުމާއި، ﷲ ތަޢާލާ އެކަލޭގެފާނުގެ ބުރަކަށިފުޅުގައި ބީއްސެވުމާއި އަދިވެސް މިޙަދީޘްގައި އައިސްފައިހުރި އެހެންނިހެން ކަންތަކެވެ.

3-   ކިނބިހި އެޅުމުން ޙަމްދުކުރުމާއި، ޙަމްދުކުރާމީހާގެ އަޑުއިވުމުން އޭނާއަށް ރަޙްމަތްލެއްވުންއެދި ދުޢާކުރުމާއި، ސަލާމްގޮވުމާއި، ސަލާމަތް ޖަވާބުދިނުމަކީ ﷲ ތަޢާލާ ހުރިހާ ޒަމާނެއްގައިވެސް ބާވައިލެއްވި ހުރިހާ ޝަރީޢަތެއްގައިވެސް ޝާމިލްވެގެންވާ ކަންކަންކަމުގައި އެނގިގެންދެއެވެ. އަދި އެއީ އަޅުގަނޑުމެންގެ ބައްޕާފުޅު އާދަމްގެ ފާނުގެ ވާރުތަމުދަލުގެ ތެރެއިން އަޅުގަނޑުމެންނަށް ވަރުތަވެފައިވާ ކަންތަކެއް ކަން އެނގިގެންދެއެވެ.

4-   ﷲ ތަޢާލާގެ ދެ އަތްޕުޅު ވާކަން މިޙަދީޘުން ޘާބިތު ވެގެންވެއެވެ. އަދި އެއިލާހު އިރާދަކުރެއްވި ވަގުތެއްގައި އެއިލާހު އިރާދަކުރެއްވި ގޮތަކަށް އެއިލާހުގެ އަތްޕުޅު މުށްކުރައްވައެވެ. އަދި އެއިލާހުގެ އެއްވެސް ސިފައަކަށް ގޮތްކިޔުމެއް ނުވެއެވެ. އަދި އިންކާރުކުރުމެއްވެސް ނުވެއެވެ. އަދި ތައުވީލު ކުރުމެއްވެސް ނުވެއެވެ. އަދި އެއިލާހާއި އެއްފަދަވެގެންވާ ހަމަ އެކައްޗެއްވެސް ނުވެއެވެ. އެއިލާހީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.

5-   ﷲ ތަޢާލާގެ ނަބިއްޔާ ދާވުދު ޢަލައިހިއްސަލާމްގެ މާތްކަމާއި، އެކަލޭގެފާނުގެ އީމާންކަމުގެ ވަރުގަދަކަން އެކަލޭގެފާނުގެ ދެލޯފުޅުދެމެދުގައިވާ އަލީގެ ވިދުމުގެ ގަދަކަމުން ދަލީލްކޮށްދެއެވެ.

6-   އާދަމް ޢަލައިހިއްސަލާމަށް ގުނުމާއި ހިސާބުހެއްދެވުމަށް އެނގިވަޑައިގަންނަވާކަމަށް މިހަދީޘުން ދަލީލުލިބެއެވެ.

7-   މި ޙަދިޘުން އާދަމް ޢަލައިހިއްސަލާމްގެ އުމުރުފުޅަކީ 1000 އަހަރުކަން އެނގިގެންދެއެވެ. އަދި ޙަދީޘްގައި ދާވޫދު ޢަލައިހިއްސަލާމްގެ ޢުމުރުވެސް ބަޔާންވެގެންވެއެވެ.

8-   ދެކޮޅުހެދުމާއި ހަނދާންނެތުމަކީ އާދަމް ޢަލައިހިއްސަލާމް އާއި އެކަލޭގެފާނުގެ ދަރިފަސްކޮޅުގެ ޠަބީޢަތުގައިވާ ދެ ސިފައެވެ.

9-   އެއްބަސްވުންތައް ލިޔުމާއި ހެކިވެރިން ހެކިވެރިކުރުވުމަކީ ޝަރުޢުވެގެންވާ 2 ކަންތައްކަން މިޙަދީޘުން ސާބިތުވެއެވެ.