[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެމެންގެ ދަރިން ނުކިޔަމަންތެރި ނުވުމަށްޓަކައި … (36)

ކުޑަކުދިން އެކުދިންގެ މައިންބަފައިންނަށް ކިޔަމަންތެރިވާނީ އެކުދިން އެމައިންބަފައިންނަށް އިޙުތިރާމްކުރާނަމައެވެ. އެމައިންބަފައިންގެ މަޤާމާއި މަތިވެރިކަން އެނގޭނަމައެވެ. ދަރިންގެ މައްޗަށް އެމީހުންނަށް ލިބިފައިވާ ބާރު އެނގޭނަމައެވެ. އެކުދިން މައިންބަފައިންނަށް ކިޔަމަންތެރިވާނީ މައިންބަފައިން އެކުދިންގެ މައްޗަށް ބައެއް ކަންކަން ލާޒިމުކުރީމައެވެ. މިކަންކަމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅާ އަމުރުކުރައްވާފައިވާ ކަންކަމެވެ. އެހެންކަމުން ތިރީގައި މިބަޔާންކޮށްލަނީ ކޮންމެހެންވެސް ދަރިފުޅުގެ މައްޗަށް، އެކަންކަމުގައި ހިފައި ބޯލެނބުން ލާޒިމު ކަންކަމެވެ:

1- މައިންބަފައިން ކައިރީ ދަރިފުޅު ކައިރިއަށް އައުމަށް ނޭދި، އެކުދިން މައިންބަފައިން ކައިރިއަށް ދާށެވެ. އަދި ހިނގަމުން ދާއިރު މައިންބަފައިންނަށްވުރެ ކުރިއަރައި ނުދާށެވެ. އަދި އެދެމީހުންނާއެކު ގޮސް އެދެމީހުންނަށްވުރެ ކުރިން އެދާ ތަނަކަށް ނުވަންނާށެވެ. އެމީހުންނާ ނުލައި ކާން ނުފަށާށެވެ. އެދެމީހުންގެ ކޮޓަރިއަށް ވަނުމުގެ ކުރިން ހުއްދަ ހޯދާށެވެ. އެދެމީހުން ވާހަކަ ދައްކާއިރު ވާހަކަ މެދު ނުކަނޑާށެވެ. އެދެމީހުންގެ ނަމުން ނުގޮވާށެވެ. ރަޙުމަތްތެރިންނާ މަޖާކުރާ ގޮތަށް އެދެމީހުންނާ މަޖާ ނުކުރާށެވެ. އަދި މަޖަލަކަށްވެސް އެދެމީހުން ކޮށްޕާނުލާށެވެ.

2- މައިންބަފައިން ކުޑައިމީސްކޮށް ވާހަކަ ނުދައްކާށެވެ. އެދެމީހުންގެ ހާޒިރުގައިވެސް އަދި ޣައިރު ހާޒިރުގައިވެސް އެދެމީހުންގެ ޤަދަރު ކުޑަވާ ގޮތަށް ވާހަކަ ނުދައްކާށެވެ. ބައެއް މަންމައިން ރަނގަޅު ކަމެއް ކަމުގައި ދެކި، އެމީހުންގެ ދަރިންނަށް، އެކުދިންނަކީ ބުއްދިވެރި، ބޮޑު އަދި ޙިކުމަތްތެރި މީހުން ކަމަށާއި، ކަންކަމުގައި ރައުޔު ގެންގުޅޭ ވަރު ފެންވަރު ކުދިންކަމަށް އެކުދިންނަށް ވިސްނައިދެއެވެ. އަދި މަންމައަކީ ކިޔަވައިގެން ހުރި މީހަކަށް ނުވާތީ އެފަދަ މީހެއް ނޫންކަމަށް ބުނެއެވެ. އެއީ މަންމައަކީ ބަލިކަށި އަންހެނެއްކަމާއި، ކަންކަމުގައި ރައުޔު ނުގެންގުޅެވޭ ވަރުގެ މީހެއް ކަމާއި، ޙިކުމަތްތެރިކަން ދަށް މީހެއްކަމަށް ބުނެދެއެވެ. އެހެންވެ ފިރިހެން ދަރިފުޅުގެ މައްޗަށް މަންމަގެ ބާރެއް ނުބޭއްވޭނެ ކަމަށް ވިސްނައިދެއެވެ. މިފަދަ މަންމައިން ގިނަ ފަހަރަށް މިހެން ވިސްނައިދެނީ ފިރިހެންދަރިންގެ ކިބައިގައި ފިރިހެންވަންތަކަން އަށަގެންނެވުމަށާއި، ބުއްދިވެރި ބައެއްކަމުގައި ހެދުމަށްޓަކައެވެ. އެހެންނަމަވެސް މިކަން ޙާސިލުކުރުމަށްޓަކައި މިބޭނުންކުރެވެނީ ނުބައި ގޮތެކެވެ. ސަބަބަކީ މިގޮތަށް ކަންކުރުމުގެ ސަބަބުން ދަރިފުޅަށް އެދަސްކޮށްދެވެނީ މަންމައަށްވުރެ އޭނާއަކީ ޤާބިލު މީހެއް ކަމާއި، މަންމައަށްވުރެ ވިސްނޭ މީހެއް ކަމަށް ދެކި، އޭނާގެ ނަޒަރުގައި މަންމަގެ ޤަދަރުކުޑަވެއެވެ. އަދި މަންމަގެ މަޤާމާމެދު ނަޒަރު ކުޑަކޮށްލެވެއެވެ. މީގެ ސަބަބުން މަންމަގެ ކުރިމަތީގައި ޒުވާބުކޮށް، މަންމަ ދޭ ނަސޭޙަތްތަކާމެދު ޖޯކުޖަހައި ހީ ހަދައެވެ. އަދި މަންމައަކީ އެއްޗެއް ނޭނގޭ މީހެއްކަމަށް ދެކެއެވެ. އެހެންކަމުން މިގޮތަށް ކަންކުރުމުން މަންމައަށް އެދަސްކޮށްދީ ހިތްވަރު އެދެވެނީ މަންމައަށް ނުކިޔަމަންތެރިވެ، ދެކޮޅުވެރިވުމަށެވެ. އަދި މައިންބަފައިންނަށް ނުކިޔަމަންތެރި ދަރިއަކަށް ދަރިފުޅު ހެދެނީއެވެ!

ވީމާ އެއްވެސް ޙާލެއްގައި، ތިމާގެ ދަރިންގެ ކުރިމަތީގައި ތިމާގެ ދަރަޖަ ދަށްވާ ގޮތަށް ވާހަކަ ދައްކައި ނަހަދާށެވެ. އެކުދިން މަންމައަށް އިތުބާރުކޮށް، މަންމަގެ ރައުޔާއި، ޙިކުމަތާމެދު އިތުބާރު ކުރުވާށެވެ. މަންމައާއި ބައްޕައަކީ އެކުދިން މަޝްވަރާކޮށް ސުވާލުކުރާ ފަރާތްކަމުގައި ހަދާށެވެ. ޙަޤީޤަތަކީ މައިންބަފައިންނަކީވެސް އިންސާނުން ކަމުގައިވީތީ ކުށްކުރެވޭނެއެވެ. އަދި މައިންބަފައިންނަކީ ދަރިންނާ ތަފާތު ޖީލެއްގެ ބައެކެވެ. އެހެންނަމަވެސް، ތިއީ އެކުދިންގެ މަންމައާއި ބައްޕައެވެ. އަދި އެކުދިން ބަލައި ބޮޑުކުރާ މީހުންނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާވަނީ ތިޔަ ދެމީހުންނަށް ކިޔަމަންތެރިވެ، ހެޔޮކޮށް ހިތުމަށް ދަރިންނަށް އަމުރުކުރައްވާފައެެވެ. އެހެންވީމާ، މިދަރަޖަ ތިޔަ މައިންބަފައިން ހިފަހައްޓާށެވެ. އޭރުން މައިންބަފައިންނަށް ދަރިން އެމީހުންގެ ކިޔަމަންތެރިކަމުގެ ދަށުގައި ގެންގުޅެވި، އަދި އެންމެހައި ނުބައި މަގުތަކުން އެދަރިން ދުރުކޮށް، މުންކަރާތްތަކަށް އަރައިގަތުމުން އެކުދިން ދުރުކުރެވޭނެއެވެ.

މަންމައަކީ އަންހެނެއް ކަމުގައި ވިއަސް، ފިރިހެން ދަރިފުޅަށްވުރެ މަންމަގެ ދަރަޖަ ﷲވަނީ މަތިވެރިކުރައްވާފައެއެވެ. ފިރިހެންދަރިންގެ މައްޗަށް މަންމައަކީ ބެލެހެއްޓުންތެރިއެކެވެ. އަދި އެކުދިން ތަރުބިއްޔަތުކުރާ މީހާއެވެ. އެހެންކަމުން، މިމަސައްކަތް ހުއްޓާނުލާ ކުރިއަށް ދާށެވެ. މިފަދައިން ތިބާ ކަންތައް ކޮށްފިނަމަ، ދަރިފުޅުގެ ހިތް އަތުލެވި، އަދި އޭނާއަށް ދެދުނިޔެއިން ހެޔޮކަން ލިބޭނެ މަގު ފަހިކޮށްދެވުނީއެވެ. ހަމައެކަނި މިޤާޢިދާގައި ހިފަހައްޓައިފިނަމަވެސް، މިފޮތް އިތުރަށް ނުކިޔައި ނުވަތަ ތަރުބިއްޔަތާބެހޭ އިތުރު ފޮތްތައް ނުކިޔައިވެސް ފުދޭނެއެވެ.

3- މައިންބަފައިންނާއި ދިމާއަށް “އުއްފު”ވެސް ނުބުނާށެވެ. ދަރިފުޅު މިފަދައިން ކަންކޮށްފިނަމަ ވަގުތުން އޭނާ ހުއްޓުވާ ނަޞޭޙަތް ދޭށެވެ. މިފަދައިން އޭނާގެ ޢަމަލު ބަހައްޓަން ދޫކޮށް ނުލާށެވެ. ސަބަބަކީ މިއީ ކީރިތި ޤުރުއާނުގައި ނަޙީކުރެވިފައިވާ ކަމެކެވެ. އެހެންކަމުން، ދަރިފުޅު ކުޑައޭ ކިޔާފައި މިއީ އާދައިގެ ކަމެއް ކަމަށް ނަހަދާށެވެ. ނުވަތަ ކުޑަކުއްޖަކު އެގޮތަށް އުޅުމުން ލޮބުވެތި ގޮތެއް ހުންނަކަމަށް ދެކި، މިކަމާ އަޅާ ނުލައި ދޫކޮށް ނުލާށެވެ. ނުވަތަ ތިމާ ވަރުބަލިވެފައި ހުރި ވަގުތެއް ކަމުގައި ވުމުން، ނުވަތަ ބިޒީ ގަޑިއެއްކަމުގައި ވާތީ، ފަހުން ދަރިފުޅު އަދަބުވެރި ކުރުވަން ދޫކޮށް ނުލާށެވެ. މިކަމަށް އޮތް ޙައްލަކީ މަދު ބަސްތަކެކެވެ. ދަރިފުޅު ކައިރީ މިފަދައިން ބުނާށެވެ. “މަންމައާ ތިގޮތަށް ވާހަކަ ނުދައްކާނެ. އަދަބުވެރިކަމާއި އެއްކޮށް ވާހަކަ ދައްކާ.” ތިބާ ކޮންމެ ފަދަ ޙާލަތެއްގައި ހުރި ކަމުގައި ވީނަމަވެސް މިފަދައިން ބުނާށެވެ. ފަރުވާކުޑަކޮށް އަޅާ ނުލައި ދޫކޮށްފިނަމަ، މިކަންދާނީ ނުބައި ފައްތަރަކަށެވެ.

4- ދަރިފުޅު މަންމަގެ ކުރިމަތީގައި އަޑުގަދަ ނުކުރާނެއެވެ. މަންމައަށްވުރެ އަޑު ގަދަކޮށްފިނަމަ، މަޑުމައިތިރި، އެހެނަސް ސާބިތުކަމާއެކީ ދަރިފުޅަށް ހަނދާންކޮށްދޭށެވެ. މިގޮތަށް ބުނާނީ މަދު ބަސްކޮޅަކުން، ލަސްލަހުންނެވެ. އަދި ދަރިފުޅާ ދިމާއަށް ބަލަންހުރެ، ވަގުތާ މުނާސަބު ގޮތަކަށް ހަށިގަނޑުގެ ހަރަކާތް ބަހައްޓައިގެންނެވެ. ދަރިފުޅުގެ އަޑު މަޑުކޮށް ހަމަޖެހިގެން ވާހަކަ ދެއްކުމުން މެނުވީ އޭނާއަށް އިޖާބަ ނުދޭށެވެ.

5- ދަރިފުޅު ރުޅިއައިކަން ފާޅުކުރުމަށްޓަކައި، ބިންމައްޗަށް ތަކެތި އުކައިފިނަމަ، ނުވަތަ އެއާ ކައިރި ނުވާށޭ ބުނެފައިވާ ރީތިކުރާ ސާމާނެއް ނަގައިފިނަމަ، ނުވަތަ ބިންމަތީގައި ދެފައިން ތަޅަން ފަށައިފިނަމަ، އެފަދައިން ކަންތައް ކުރުމަށް ކުއްޖާ ދޫކޮށްނުލާށެވެ. ސާބިތުކަމާއެކު ކުއްޖާ ކުރަނީ ގޯސްކަމެއްކަމުގައި ބުނެ އަދި ވަގުތުން އެކަން ހުއްޓާލުމަށް ބުނާށެވެ. އަދި ފިރިމީހާއަކީ ރުޅިގަދަ މީހަކަށްވާތީ ދަރިފުޅުވެސް ރުޅި ގަދަ ކުއްޖަކަށް ވަނީ ކަމުގައި ނުބުނާށެވެ. މިއީ ރަނގަޅު ގޮތެއް ނޫނެވެ. ދަރިފުޅު އޭނާގެ ބައްޕަ ކޮޕީކުރަނީއެވެ. އެއްގޮތަކަށްވެސް އޭނާގެ ޝަޚްޞިއްޔަތުގައި އެގޮތަށް ބިންވަޅުނެގިފައި އޮތީއެއް ނޫނެވެ. ގިނަ ފަހަރަށް ރުޅިއައުމަކީ ދަސްވެފައިވާ ކަމެކެވެ.  ރުޅިއަކީ ބޮޑެތި މީހުންގެ ކިބައިންވެސް ބަލައިގަނެވޭ ސިފައެއް ނޫނެވެ. (އެމީހުން ރުޅި އަންނަން ޖެހުނު ސަބަބެއް އޮތް ކަމުގައި ވިއަސްމެއެވެ.) އެހެންކަމުން ދިރިއުޅުމުގެ މާބޮޑު ކަންކަމާ ކުރިމަތިލާން ނުޖެހި ތިބި ކުޑަކުދިންގެ ކިބައިން މިކަން ބަލައިގަނެވޭނީ ކިހިނެއް ހެއްޔެވެ؟ އޭނާ އެކުރާ ކަމަކީ ޢާއިލާގެ މީހުން އިމްތިޙާނުކުރަނީއެވެ. އަދި އޭނާ ބޭނުންވާ ކަންކަން ކުރުވަންވެގެން އުޅެނީއެވެ. އެހެންކަމުން އޭނާގެ ޑިމާންޑުތަކަށް ދޫ ނުދޭށެވެ. އެނޫނީ އޭނާކުރުވަން ބޭނުން ކޮންމެ ކަމެއް ކުރުވުމަށްޓަކައި މައިންބަފައިންނާ ދެކޮޅު ހަދައި ބޮޑާ ހާކަން ފަށައިފާނެއެވެ.

މިކަމަށް އޮތް ޙައްލަކީ މިފަދަ ޙާލަތެއްގައި ތިބާގެ މޫނުމަތިން ރުޅިވެރިކަން ދައްކާށެވެ. އަދި އޭނާގެ އަތުގައި ބާރަށް ހިފަހައްޓައި، އޭނާގެ ލޮލަށް ބަލައި، ބާރަށް ތަޅުވާލާށެވެ. އަދި މަޑުމައިތިރިކަމާއި، ސާބިތުކަމާއެކު މިފަދައިން ބުނާށެވެ. “ތިފަދަ އުޅުމެއް އުޅުމަށް މަންމަ ފުރުޞަތު ނުދޭނަމެވެ. މީގެ ފަހުން ނަމަ ނަމަ ތިފަދަ އުޅުމެއް ތަކުރާރު ނުކުރައްޗެވެ.” މިގޮތަށް ބުނާއިރު ވަރަށް ސީރިއަސް ވާށެވެ. އޭރުން ދަރިފުޅު ބިރުން އެފަދަ އުޅުމެއް ދެން ނޫޅޭނެއެވެ. މިފަދަ އުޅުމެއް ތަކުރާރުކޮށްފިނަމަ، އަނެއްކާވެސް މިފަދައިން މަސައްކަތްކުރާށެވެ. ދަރިފުޅު ކުޑައިރު މިގޮތަށް ކަންތައް ކޮށްފިނަމަ، މިއަށް އިޖާބަދޭލެއް އަވަސްވާނެއެވެ. އަދި މިފަދަ އުޅުންތައް އިސްލާޙުކުރަން ފަސޭހަވާނެއެވެ.

6- މައިންބަފައިން ކުރުމަށް އަމުރުކުރާ ކޮންމެ ކަމަކަށް، އެއްވެސް ޖަދަލުކުރުމަކާ ނުލައި ދަރިން ކިޔަމަންވާންވާނެއެވެ. ދަރިން ކުޑަކޮށް ބޮޑެތި ވުމުން މައިންބަފައިން ކުރަން އަމުރުކުރާ ކަމަކާ ބެހޭ ގޮތުން ސުވާލުކޮށް، އަދި އެކަމާ މަޝްވަރާކުރުމުގައި މައްސަލައެއް ނެތެވެ. ޝަރުޠަކީ އަދަބު އިޙްތިރާމާއެކީ ވާހަކަ ދެއްކުމެވެ. މަންމަވެސް ދަރިފުޅާ ވާހަކަ ދައްކާއިރު، ދަރިފުޅާއި މަންމައާ ދެމެދު ﷲ ލައްވާފައިވާ މައިވަންތަކަމުގެ ދަރަޖަ ހިފަހައްޓަންވާނެއެވެ. ދަރިފުޅަށް، މަންމައާއި ޒުވާބުކުރުމަށް ނުވަތަ ކުށްވެރިކުރުމަށް ފުރުޞަތު ނުދޭށެވެ. އަދަބުވެރިކަމާ އެކީ އޭނާގެ ވާހަކައާ ދެކޮޅުކަން ބުނެދޭށެވެ. އަދި ދެން އޭނާގެ ރައްދުވެސް އަޑުއަހާށެވެ. އޭނާ ދެކޮޅު ނަހަދާނަމަ، އޭނާ ކިޔަމަންތެރިވާންވާނެއެވެ. ﷲއަށް ނުއުރެދޭ ކަންކަމުގައި ހިތްރުހޭ ކަންކަމުގައިއާއި ނުރުހޭ ކަންކަމުގައިވެސް މައިންބަފައިންނަށް ކިޔަމަންވުމަކީ މުސްލިމުންގެ ސިފައެކެވެ.

7- ދަރިފުޅަށް ކުރިމަތިވާ ހުރިހާ ކަންކަމެއްގައި އެންމެ ފުރަތަމަ އޭނާ މަޝްވަރާކުރާ ފަރާތަކީ ތިބާ ކަމުގައި ހެދުވުމަށް އާދަކުރުވާށެވެ. މިފަދައިން ބުނަމުން ދަރިފުޅު އައިސްގެން ނުވާނެއެވެ. “މަދަރުސާއިން ހަމަޖައްސާފައިވާ ދަތުރެއްގައި އަހަރެން ބައިވެރިވާތީ ރުފިޔާ ދީބަލާށެވެ.” އޭގެ ބަދަލުގައި ދަރިފުޅު ސުވާލުކުރަންވާނީ މިހެންނެވެ. “އަހަރެން އެހެން ދަރިވަރުންނާއެކު ދަތުރު ދިއުމާއިމެދު މަންމަގެ ޚިޔާލަކީ ކޮބާ؟” ދަރިފުޅުގެ ޙަޔާތުގައި މަންމަގެ ރައުޔު އެއީ ވަރަށް މުހިއްމު އެއްޗެކެވެ. ކުއްޖާ ދިރިއުޅެނީ އާއިލާއާ އެކުގައިކަމާއި، އާއިލާއަށް އެނގިގެން މެނުވީ އަދި އެމީހުންގެ ރުހުމާއި އެކުގައި ނޫނީ ކަންކަން ނުކުރުމަށް ދަރިފުޅު ލައްވާ އާދަކުރުވާށެވެ.

އާއިލާ މީހުންނާ މަޝްވަރާކުރުމަކީ ކުއްޖާގެ ޝަޚްސިއްޔަތު ގެއްލޭ އަދި ފިރިހެންވަންތަކަމާ ފުށުއަރާ ކަމެއް ކަމުގައި ނުދެކޭށެވެ. އެހެންނަމަވެސް، މިގޮތަށް ކަންތައް ކުރުމަކީ ޝަޚުސިއްޔަތު ވަރުގަދަކަމާއި އަދި ފިރިހެންވަންތަކަމުގެ ތެރެއިންވާ ކަމެކެވެ. ދިރިއުޅުމުގެ އެކި ކަންކަމާމެދު މަޝްވަރާ ނުކޮށް އުޅެބޭނީ ކޮން ބަޔަކަށް ހެއްޔެވެ؟ އެހެންކަމުން ތިބާގެ ދަރިފުޅު ކަންކަމާ މަޝްވަރާކުރާ މީހަކީ ތިބާ ކަމުގައި ނުވެއްޖެނަމަ، އޭނާ ދެން މަޝްވަރާ ކުރާނީ ނުބައި ރަޙުމަތްތެރިންނާއެވެ. އަދި ނަމޫނާއަކަށް ބަލާނީ އެފަދަ އެކުވެރިންނެވެ.

*******************

(ނުނިމޭ)

___________________________

މި ލިޔުމުގެ އިތުރު ލިޔުންތައް ބެއްލެވުމަށް ފިއްތަވާލައްވާ!