[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެމެންގެ ދަރިން ނުކިޔަމަންތެރި ނުވުމަށްޓަކައި … (37)

 މުސްލިމް މީހާ މަޑުމޮޅިވެ ކިއަމަންތެރިވިއެއް ކަމަކު، އޭނާ ހުރިހާ ކަމަކަށް އެއްބަސްވެ ނުހަދާނެއެވެ. އެހެންކަމުން ތިބާގެ ދަރިފުޅަށް، ޝަރުޢާއި ޚިލާފުވާ އަމުރުތަކަށް އިޖާބަ ނުދިނުމަށާއި، އަދި ކޮންމެކޮންމެ އާދަކާދައަކަށް ނަފްސު ކިޔަމަންތެރިކަމާއެކު ހުށަނުއެޅުމަށާއި، އަދި ޢާދަތަކާއި ޘަގާފަތްތައް އެދޭހައި ގޮތަކަށް އޭނާގެ މައްޗަށް މަގު ކޮށައިދިޔަ ނުދިނުމަށް ދަސްކޮށްދޭށެވެ. އަދި އިސްލާމްކަމާއި އަބުރުވެރިކަން ނަފީކުރާ ކަންކަމަށް ނުރުހުމަށާއި، އަދި އެފަދަ ކަންކަން އޭނާގެ ޙަޔާތުން  ދުރުހެލި ކުރުމަށް ދަސްކޮށްދޭށެވެ.

ޚުލާސާ: ކުއްޖާގެ މައްޗަށް ވާޖިބުވެގެންވަނީ އޭނާގެ މައިންބަފައިންނާ ދިމާއަށް އިޙްތިރާމާއި ޤަދަރު ކުރާފަދަ ލޮލަކުން ބެލުމަށެވެ. އަދި ތަނަވަސް ހިތަކާއި ފުޅާ މެއަކުން އެ ދެމީހުންގެ ބަހާއި ނަސޭހަތްތަކަށް އަހަންމިއްޔަތުކަން ދޭ ޙާލު ޤަބޫލު ކުރުމެވެ. އަދި އެ ދެމީހުންނަށް ހެޔޮކޮށް ހިތުމާއި، ރިވެތިކޮށް މުޢާމަލާތުކުރުމުގައި ފަރުވާތެރިވެ، ޙަލާލުވެގެންވާ ކޮންމެ އަމުރަކަށް ކިޔަމަންވުމެވެ.

މިއީ ފުރަތަމަ ކަންތައް ކަމުގައިވާ ޤަވާޢިދާއި ޤާނޫނާ ގުޅިގެން އަންނަ ކަންތަކެވެ. ދެން ފަހެ ދެވަނަ ކަންތައް ދަންނައެވެ. ((ބާރުވެރި ނޫފޫޒެއްގެ ސަބަބުން އަހަރެމެންގެ ދަރިންގެ ސާބިތުކަމަށް ޔަޤީންކަން އިތުރުކޮށްދެއެވެ. އަދި އެކުދިންނަށް ކަންކަން އޮޅުންބޮޅުން އަރައިގެންދާ ހިނދު ރުޖޫޢަވާނޭ ނުފޫޒެއް ކަމުގައި އެފަރާތް ވާނެއެވެ.)) އެހެންކަމުން އަޅުގަނޑު ހުރިހައި މައިންނަށް ބުނަމެވެ:

((ތަރުބިއްޔަތު/އަދަބުވެރިކަން))  އޭގެ ޒާތުގައި ކުއްޖާ އަމިއްލައަށް އިރުޝާދާ ނުލައި ދެނެނުގަނެއެވެ. އަދި އަމިއްލަ ތަޖުރިބާ މެދުވެރިކޮށްވެސް ދެނެނުގަނެވެއެވެ. (އަހަރެން މިތާގައި މިބަޔާންކުރާ ވާހަކައަކީ ކުއްޖާ ނުކިޔަމަންތެރިވުމުން އޭގެ ސަބަބުން ނިކުންނަ ނަތީޖާގެ ރަހަ ލިބިގަންނަން ޖެހޭނެ ކަމެވެ. މިކަމުގެ ސަބަބުން ކުއްޖާއަށް، އޭނާގެ މައިންބަފައިންގެ ޙިކްމަތުގެ މިންވަރު އެނގި ބަޔާންވެ ދާނެއެވެ.) އެހެނެއްކަމަކު މިކަން ކުރެވޭނީ މަޖުބޫރުކުރުމާއި ބާރު ފޯރުވޭފަދަ ނުފޫޒު ހުރި ފަރާތަކަށެވެ. އަދި މިކަން އަށަގަންނާނީ ފަރިތަކުރުވުމުންނާއި އާދަކުރުވުމުންނެވެ. އަދި މިކަމަށްޓަކައި ބާރުހުރި ނުފޫޒުހުރި ފަރާތަކަށް، ކުއްޖާ ކިޔަމަންތެރިކުރުމަށްޓަކައި ބޭނުން ޖެހިގެންވެއެވެ.

ތިބާ ސަމާލުވާށެވެ! އަދި ދަންނާށެވެ! ތިބާގެ ދަރިފުޅު ތިބާގެ ކިޔަމަންތެރިކަމުގެ ދަށުން ދޫކުރުމުން ދުރުހެލިވާށެވެ؛ ފަހެ ހިފެހެއްޓުން ދަށްވެގެން ދިއުމަކީ ނުކިޔަމަންތެރިކަމުގެ ކުދިކުދި އޮށްތައް އިންދުން ފަދަ ކަމެކެވެ. އަދި މިކަންތައް ދުނިޔޭގައި ތިބާގެ މައްޗަށް ނުބައި ކަމެއްގެ ގޮތުގައި ރައްދުވާނެއެވެ. އަދި ތިބާ އެކަމާ ހިތާމަކުރާނެއެވެ. – ﷲ ތަޢާލާ މިފަދައިން މެދުވެރިނުކުރައްވާފާނދޭވެ. –  އެއީ ފަހުން މިކަމާ ހިތާމަ ކުރިއަސް ވާނެ ފައިދާއެއް ނޯންނާނެއެވެ. އަދި ދުނިޔޭގައި ތިބާގެ ދަރިފުޅަށް މައިންބަފައިންނަށް ނުކިޔަމަންތެރިވުމުގެ ސަބަބުން އޭގެ ހިތިކަން ރައްދުވާނެއެވެ. (އެއީ މައިންބަފައިންނަށް ނުކިޔަމަންތެރި ވުމުގެ ޢުޤޫބާތް އަވަސްވެގެންވާތީއެވެ.) އަދި އާޚިރަތުގެ ޢުޤޫބާތުންވެސް އޭނާ ނަޖާވެގެން ނުދާނެއެވެ. އެހެންކަމުން ތިބާ ޙަޤީޤަތުގައި ވެސް، ތިބާގެ ދަރިފުޅު ދެކެ ލޯބިވާނަމަ އޭނާ ބައެއް ޤަވާއިދުތަކަށް ހާނުވާށެވެ. އެހެނީ އެއާއެކު ތިބާ، އޭނާގެ ކިބައިގައި މަތިވެރި ސިފަތައް ކަމުގައިވާ: ހެޔޮކަމާއި، އަދަބުވެރިކަމާއި، ކިޔަމަންތެރިކަމާއި، އިޙްތިރާމާއި، ވަފާތެރިކަން ފަދަ ސިފަތައް އަށަގެންނެވުމަށް ތަރުބިއްޔަތު ކުރެއެވެ.  އަދި މި ސިފަތަކާއެކު ސަލާމަތްތެރިވެގެންވާ ޙިއްސެއް ފޯދި ބޮޑުވެގެންދެއެވެ. ދެން ފަހެ މި ސިފަތައް އޭނާގެ އެތެރެއިން ރައްކާތެރިކަން ދޭނެއެވެ. އެގޮތުން އޭނާގެ ނަފްސުގެ ނުބައިކަމުން ޙިމާޔަތްކޮށްދޭނެއެވެ. އަދި އޭނާގެ ޝަހުވަތްތަކުންނާއި ނުބައި ރައްޓެހިންގެ ކިބައިން ޙިމާޔަތްކޮށްދޭނެއެވެ. އަދި -ﷲ އިރާދަފުޅުކުރެއްވިއްޔާ- ސީދާވެގެންވާ މަގުގެ މަތީގައި ޘާބިތުވުމަށް ނުހަނު ބޮޑަށް މަގުފަހިކޮށްދޭނެއެވެ.

ކުރީގައި ފާހަގަކުރެވުނު ޤަވާޢިދުތަކަށް ތިބާގެ ދަރިފުޅު ކިޔަމަންތެރި ކުރުވައި ލާޒިމްކުރުވާނީ ކިހިނެއް ހެއްޔެވެ؟

1- ދަރިފުޅަށް ކަންކަމަށް އަމުރުކޮށް، މަނާކުރަން ކުޑައިރުއްސުރެ ފަށާށެވެ! އަދި ކުރާ އަމުރުތަކަށް ކިޔަމަންތެރިކުރުވުމުގައި ޘާބިތުވާށެވެ!

ފުރަތަމަ އަހަރުން ފެށިގެން އޭނާ ޤަވާއިދުތަކަށް ހާނުވަން ފަށައިގަންނާށެވެ. (ފަސް ނުކުރާށެވެ). ތިބާގެ ދަރިފުޅު، ދަގަނޑު މޮހޮރެއް ކަރަންޓު ޕުލަގަކަށް ކޮއްޕާތަން ތިބާއަށް ފެނިއްޖެނަމަ ކަންތައް ކުރާނީ ކިހިނަކުން ހެއްޔެވެ؟ ހަމަގައިމުވެސް ތިބާގެ ގައިގައި ހުރި ބާރެއްލައި އޭނާގެ ފުރާނައަށް ގެއްލުންވެދާނެ ކަމަށް ބަލައި އެކަން ހުއްޓުވާނެއެވެ. އަދި އެއްވެސް ޙާލެއްގައި ކަރަންޓާ ކުޅެގެން ނުވާނެކަމަށް ވިސްނުވައިދޭން ތިބާ މަސައްކަތްކުރާނެއެވެ. ހަމަ މިގޮތަށް، ދަރިން ލައްވައި ތިމާއަށް އިޙްތިރާމް ކުރުވައި، ކިޔަމަންތެރިކުރުވައި، ގަވާއިދުތަކަށް ބޯލަނބުވަން މަސައްކަތްކުރުމުގައި ދެމިހުންނާށެވެ. ފުރަތަމަ ކަރަންޓާ ކުޅުން މަނާކުރުމަށް ހެދި ގަވާއިދަކީ، ދަރިފުޅުގެ ފުރާނަ ސަލާމަތުން ބެހެއްޓުމަށްޓަކައި ނުހަނު ބޭނުންތެރި ގަވާއިދަކަށްވާ ފަދައިން ދެން މިބަޔާންވެދިޔަ ގަވާއިދަކީ ﷲ ރުއްސަވާނެ ފަދަ ދިރިއުޅުމެއް އުޅުމަށްޓަކައި އަދި ﷲގެ ރިޒުޤު ތަނަވަސްވެ ދިރިއުޅުން ކުރިއަށް ގެންދިއުމަށްޓަކައި އެއަށް ތަބާވާންޖެހޭ ވަރަށް މުހިއްމު ޤަވާއިދެކެވެ.

ދެން ތިބާ ސުވާލުކޮށްފާނެއެވެ. ގަވާއިދުތަކާއި އަމުރުތަކަށް ދަރިފުޅު ކިޔަމަންތެރިކުރުވާނީ ކިހިނެއް ހެއްޔެވެ؟ މީގެ ޖަވާބަކީ: ދަރިފުޅުގެ ޅަ އުމުރުން ފެށިގެން ގަވާއިދުތަކާއި އަމުރުތަކަށް ބޯލެނބުވުމުގެ މައްޗަށް ތަރުބިއްޔަތު ކުރާށެވެ. މިސާލަކަށް، ދަރިފުޅު ގޭގައި ހުންނަ އަގު ބޮޑެތި އެއްޗެއްސާ ކުޅެން ފަށައިފިނަމަ، ނޫނެކޭ ބުނެ އެކަން މަނާކުރާށެވެ. މިގޮތަށް މިކަން މަނާކުރުމުން ދަރިފުޅު ތިބާގެ މޫނުގެ ކުލަވަރު ހުރި ގޮތް ބަލާނެއެވެ. އެހެންކަމުން ސީރިއަސް ކަން ދައްކަމުން ނޫނެކޭ ބުނެ ތަކުރާރުކުރާށެވެ. މިހެން ހެދުމުން އެއެއްޗެއް ދަރިފުޅު ދޫކޮށްލާނެއެވެ. މިގޮތުގައި ދަރިފުޅަށް އެކަން މަނާކުރުމުގައި ސާބިތުވާށެވެ. މިގޮތަށް ކަންތައް ކުރުމުން ދަރިފުޅު ތިބާގެ އަމުރަށް ބޯލަނބާތަން ފެންނާނެއެވެ. ދަރިފުޅު ބޮޑުވަމުން ދާވަރަކަށް މިގަވާއިދުތަކާއި އަމުރުތައް އުމުރާ އެކަށޭނަ ގޮތަށް އިތުރުކުރަމުން މަތިކުރަމުން ގެންދާށެވެ. “ސްކޫލަށް ދިއުމުގެ ކުރިން ހެދުން ހަރުގަނޑުގައި އަޅުވާށެވެ. އަދި ގެއަށް އައިސް ޔުނިފޯމް ދޮންނަ މެޝިނަށް އަޅާށެވެ.” މިފަދަ އަމުރުތަކާއި ގަވާއިދުތައް، ދަރިފުޅަށް ސާފުކޮށް ދޭހަވާނެ ގޮތަށް ބަޔާންކުރާށެވެ. މިސާލަކަށް “މަންމަ އަތަށް ސަމުސާ ދީބަލާށެވެ.” “ކިރު ޕެކެޓު ފްރިޖަށް ލާށެވެ.” މިގޮތަށް އަމުރުތައް ސާފުކޮށް ބަޔާންކުރުމުން އެކަންކަަމަށް ބޯލަނބަން ފަސޭހަވާނެއެވެ.

މީގެ އިތުރުން ދަރިފުޅުގެ ކިބައިން އެދެވިގެންވާ ކަންކަމުގެ ތެރޭގައި މަންމަ ނުވަތަ ބައްޕަގެ ގައިގައި ނުޖެހުމާއި، އެދެމީހުން ކުރިމަތީގައި ޒުވާބު ނުކުރުމާއި، އެދެމީހުން ކަމަކު ބުނެފިިނަމަ، އެކަމަކަށް ނޫނެކޭ ނުބުނުން ހިމެނެއެވެ.

2- ނޫނެކޭ ބުނަން ޖެހޭ ޙާލަތްތައް ވީހާވެސް ބޮޑަށް މަދުކުރާށެވެ.

ގާނޫނުތަކަކީ ކުޑަކުދިންނާއި ބޮޑެތި މީހުންގެ ދިރިއުޅުމުގެ މުހިއްމު އެއް ބައެވެ. ދިރިއުޅުމުގައި ކިޔަމަންތެރިވާންޖެހޭ ފަރާތެއް ހުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ކުޑަކުދިން ކޮންމެ ކަމެއް ކުރުމުގެ ކުރިން މައިންބަފައިންނާއި މަޝްވަރާކުރަން ޖެހޭނެއެވެ. އަދި އެމީހުންގެ ހުއްދަ ލިބިގެން މެނުވީ ކަމެއް ކުރަން ފަށައިގެން ނުވާނެއެވެ. ދިރިއުޅުމުގެ ކަންކަމުގައި ބައެއް ފަހަރު، ތިބާ، އެކަންކަމަށް ގަވާއިދުތައް ނަހަދާ ހުންނަ ކަންކަމުގައިވިޔަސް އެކުދިން މައިންބަފައިންގެ ހުއްދަ ހޯދަން އެދެން ޖެހޭނެއެވެ. އަޅުގަނޑު ދޭނެ ނަޞޭޙަތަކީ ގިނަ ފަހަރު އެކުދިން އެދޭ ކަންކަމަށް އެއްބަސް ވުމެވެ. އަދި ނޫނެކޭ ބުނުން މަދުކުރުމެވެ. އޭނާގެ އަމިއްލަ ނަފްސަށް ގެއްލުން ނުލިބޭނެކަން ޔަޤީންވާ ފަދަ ކަންކަމުގައި، ގޭތެރޭގައި އުޅޭއިރު އޭނާއަށް ފުރިހަމަ މިނިވަންކަން ދޭށެވެ. (އޭނާއަށް ގެއްލުން ލިބޭނެ ކަންކަމުންނާއި، ގޭތެރޭގައި ހިފާ ގެންގުޅޭ ސާމާނު ހަލާކު ކުރުމުން ދުރުހެލިކުރާށެވެ.) ދަރިފުޅު، ކުޅޭ އެއްޗެއް ސިޓިން ރޫމުން ބަދިގެއަށް ގެންގޮސްގެން ލިބޭނެ ގެއްލުމެއް ކޮބައި ހެއްޔެވެ؟ އެގޮތަށް ދަރިފުޅު އެކަންކުރަނީ ތިބާއާ ކައިރީގައި ހުރުމަށެވެ. ވީމާ، އޭނާއަށް ތިބާ ކައިރީ ހުރުމުގެ ހިތްހަމަޖެހުން ލިބިގަތުމަށް ދޫކޮށްލާށެވެ. ދަރިފުޅު އެދިގެން އެއް ދުވަހު ސްކޫލަށް ނުދާ ގޮތަށް ނިންމުން ކިހިނެތްތޯއެވެ؟ އޭނާ އެއްކޮށްފައި ހުރި ފައިސާއިން ކްރެޔޯނެއް ގަނެލަން އެއްބަސްވުން ކިހިނެތްވާނެތޯއެވެ؟

އަޅުގަނޑު ދޭނެ ނަޞޭޙަތަކީ މިގޮތަށް ގޭގައި ގަވާއިދުތައް ހެދިފައި ނުވާ ކަންކަމުގައި އެކުދިންނަށް މިނިވަންކަން ދިނުމެވެ. މިގޮތުން އެކުދިން ކުޅެން ކޮޓަރިއެއް ޚާއްސަކުރާށެވެ. އެކުދިންގެ ރަޙުމަތްތެރިން ގެއަށް ގެނައުމުގެ ހުއްދަ ދޭށެވެ. އާއިލީ ދަތުރު ތަކުގައި އެކުދިންނަށް މިނިވަންކަމާއެކު އުޅެލުމުގެ ފުރުޞަތު ދޭށެވެ. އެކުދިންގެ ހެލިފެލިވެ އުޅުން މިފަދަ ބަސްތަކުން ހަނި ނުކުރާށެވެ. “ގަހަށް ނާރާ، ހެދުން ހަޑި ނުކުރޭ.” ޚުލާސާއަކީ އެކުދިން މަޖާކޮށް އުޅުން މަނާ ނުކުރާށެވެ. އެހެންނަމަވެސް، އެކުދިން ހެލިފެލިވެ ހަރަކާތްތެރިވެ އުޅެން ދޫކުރުމަށްފަހު، ދުރުގައި ހުރެ އެކުދިންގެ އުޅުން ހުންނަ ގޮތް ބަލާށެވެ.

އަޅުގަނޑުމެންގެ އަހުލުން އަޅުގަނޑުމެން ކުޑައިރު މަޖާކޮށް އުޅުމުން ދުރުކުރިއެވެ. އަދި ހެދުން ހަޑިވެދާނެތީއާއި އަތްތަކުގައި ހިރަފުސް ހޭކި ދާނެތީ، ކުޅިވަރު ކުޅުމުން މަނާކުރިއެވެ! އެމީހުން އަހަރެމެންނަށް ކުޅެން މަނާކޮށް، އަދި އެނބުރި އައުމުން އަނެއްކާ ފެންވެރުމަށްވެސް އަންގަނީއެވެ. އަހަރެމެން ނުވެސް ކުޅޭ އިރު، ހެދުން ސާފުކުރުމަށް އަންގައެވެ. އަހަރެމެންނަށް ކުޅިވަރު ކުޅެ މަޖާކޮށްލަން ފުރުޞަތު ނުދޭތާ، ހެދުން ދޮވެ، އެސާފުކުރުމުންވެސް އަހަރެމެންނަށް ދޫ ނުދެއެވެ.

ވީމާ ދަރިފުޅަށް ނޫނެކޭ ބުނުން މަދުކުރާށެވެ. މިބަސް ބުނުމުގެ ކުރިން ރަނގަޅަށް ވިސްނާށެވެ. ތިބާ ކަމަކަށް ނޫނެކޭ ބުނެފިނަމަ، ދަރިފުޅު ޖެހޭނީ އެއަށް ކިޔަމަންވާށެވެ. އިތުރު އިޚްތިޔާރެއް ނޯންނާނެއެވެ. އަދި އިތުރަށް ހުއްދަ ދިނުމަށް އެދި އާދޭސްކޮށްގެންވެސް ނުވާނެއެވެ. އެހެންކަމުން، ދަރިފުޅަށް ނޫނެކޭ ބުނުމުގެ ކުރިން ރަނގަޅަށް ވިސްނާށެވެ.

މަތީގައި މިބަޔާންކުރެވުނީ ކުދިން ކިޔަމަންތެރިކުރުވުމަށް ބޭނުންވާ ޟަރޫރީ ނުކުތާތަކެވެ. ދެން މިބަޔާންކޮށްލަނީ އިތުރަށް ސަމާލުކަން ދޭންވީ ކަންކަމެވެ:

1- ދަރިފުޅަށް ހަދިޔާ ދީގެންނާއި، އެހެނިހެން ކަންކަމަށް ހިތްޖައްސުވައިގެން މައިންބަފައިންނަށް ކިޔަމަންތެރިކުރުވަން ނަހަދާށެވެ. މިއީ ގޯސް ގޮތެކެވެ. އެއީ މައިންބަފައިންނަށް ކިޔަމަންތެރިވާންޖެހެނީ ކަންކަމަށް ޝަރުޠުކޮށްގެން ކަމުގައި ނުވާތީއެވެ.

2- ބައެއް ފަހަރު ތިބާ ވަރަށް ސާބިތުވެ މިޤާއިދާގައި ހިފަންޖެހޭނެއެވެ. “ތަންފީޒުކުރާށެވެ. އެއަށްފަހު ދާށެވެ.” މިއަށް ތަބާވާށެވެ. މާނައަކީ ބައެއް ފަހަރު ދަރިން ރުއްސައިގެން ހުރިހާ ކަމެއް ނުކުރުވޭނެއެވެ. އަދި އެކަމުގެ ފަހަތުގައިވާ ޙިކުމަތަކީ ކޮބައިކަން ބަޔާންކޮށް ނުދެެވިދާނެއެވެ. އަދި އަޅުގަނޑުމެން ހަދާފައިވާ ޤާނޫނުތަކުގެ ފަހަތުގައިވާ ސިއްރުތައް ބުނެ ނުދެވިދާނެއެވެ. އެހެންކަމުން، އެކުދިންގެ މައްޗަށް އޮތީ ސަބަބުތައް ނޭނގުުނު ކަމުގައިވިއަސް މައިންބަފައިންގެ އަމުރަށް ކިޔަމަންތެރިވުމެވެ.

3- ދަރިފުޅު ޝައުގުވެރިވާ އެހެންކަމެއްގައި މަޝްޣޫލުވެ ހުންނަ ގަޑިއަކު އެކުދިންނަށް ކަންކަމަށް އަމުރު ނުކުރާށެވެ. އޭނާ އެކުރާ ކަމެއްކޮށް ނިމެންދެން ބަހައްޓާށެވެ. އޭރުން އޭނާ ހުންނާނީ ތިބާގެ އަމުރުތައް އަޑުއެހުމަށް އެކަށޭނަ ޙާލަތުގައެވެ. ދަރިފުޅު ތިބާއަށް ކިޔަމަންތެރި ކުރުވުމަށްޓަކައި މާބޮޑަށް ހަރުކަށި ނުވާށެވެ. އެހެންނޫނީ އޭނާ ތިބާގެ އަމުރުތަކަށް ބޯނުލަނބާނެއެވެ. އަދި ކިޔާ އެއްޗަކަށް ފަރުވާލެއްވެސް ނުބަހައްޓާނެއެވެ. ތިބާއާ މެދު އަޅައެއް ނުލާނެއެވެ. އަދި ދީފާނެ އަދަބަކަށް ބިރުވެސް ނުގަންނާނެއެވެ. ނުވަތަ ތިބާގެ ހާޒިރުގައި ބުނާ ބަސް އަޑު އެހުމަށްފަހު، ތިބާގެ ޣައިރު ހާޒިރުގައި ބަސް ނާހާނެއެވެ. މިއީ ނުރައްކާތެރިކަމެކެވެ. އެހެންކަމުން އެކުދިންނަށް އޯގާތެރިވާށެވެ. އަދި އޭނާގެ ޙާލަތަށް ރިޢާޔަތްކުރުމަށްފަހު ކަންކަމަށް އަމުރުކުރާށެވެ. މިދަންނަވަނީ ދަރިފުޅު ކިޔަމަންތެރި ނުކުރުވާށެކޭ ނޫނެވެ. އެހެންނަމަވެސް، އޭނާ ކިޔަމަންތެރިކުރުވުމުގައި ރިވެތި އުސްލޫބު ބޭނުން ކުރާށެވެ.

4- އަބަދު ދަރިފުޅާ އަމުރުވެރި ރާގަށް ވާހަކަ ނުދައްކާށެވެ. ބައެއް ފަހަރު އޯގާތެރިކަމާއި މަޑުމައިތިރިކަމާއެކު ވާހަކަ ދައްކާށެވެ. މިސާލަކަށް: ދަރިފުޅު ބަނޑުހައިވޭތަ؟ މިގަޑީގައި ކާން ވީނު؟ މިފަދަ ގޮތަށް ސުވާލުކުރެވިދާނެއެވެ. އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރިންގެ ދެމެދުގައި އޮންނަންޖެހޭނީ ހަމައެކަނި އަމުރުކުރުމާއި މަނާކުރުމުގެ ގުޅުމެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ މައިވަންތަކަމާއި ލޯބީގެ މައްޗަށް ޤާއިމުވެފައި އޮންނަންޖެހޭ ގުޅުމެކެވެ. އަދި ބަލިކަށި ކުޑަކުއްޖެއްގެ ބަލަދުވެރިކަމާއި، އަދި އެދަރިފުޅަށް ހެޔޮކަންތަކަށް މަގު ދައްކައި، އަދި ނުބައި ކަންކަމުން ދުރުހެލިކުރުމުގެ މައްޗަށް ބިނާވެފައި އޮންނަންޖެހޭ ގުޅުމެކެވެ.

5- ދަރިފުޅު މާބޮޑަށް ސަކަރާތް ޖަހާނަމަ، ސާބިތުކަމާއި، މަޑުމައިތިރިކަމާއެކު ބުނާށެވެ. “މަންމަ ބުނީ މިކަން ކުރާށޭ.” ދެން އެއަށްފަހު، އެދަރިފުޅު ތިބާގެ އަމުރަށް ކިޔަމަންތެރިވާނެ ކަމުގެ ޔަޤީންކަމާއެކު، ތިބާ އެހެންކަމަކާ މަޝްޣޫލުވާށެވެ. އަދި އޭނާގެ ސަކަރާތްޖެހުމާއި، ބަސްނޭހުމާމެދު އުފާ ނުކުރާށެވެ. އަދި އެއީ ފިރިހެންވަންތަ ސިފައެއް ކަމުގައިވެސް ނުދެކޭށެވެ. ފިރިހެންވަންތަކަމަކީ ސަކަރާތްޖެހުމާއި، ޒުވާބުކުރުމެއް ނޫނެވެ. އަދި ނުކިޔަމަންތެރިވުމާއި، ދެކޮޅުވެރިކަން ދެއްކުމެއްވެސް ނޫނެވެ. އެއީ ވިސްނައިގަނެވުމާއި، ކިޔަމަންތެރިކަމެވެ. މައިންބަފައިންނާ ދެކޮޅުވެރިވުމަކީ އެއްވެސް މުސްލިމަކަށް ހުއްދަ ކަމެއް ނޫނެވެ. ފިރިހެންވަންތަކަމަކީ އަނިޔާވެރި ވެރިއެއްގެ ކުރިމަތީގައި ޙައްޤު ބަސް ބުނުމެވެ. ފިރިހެނަކީ ﷲގެ މަގުގައި އުޅޭއިރު މަލާމާތްކުރާ މީހުންގެ މަލާމާތަށް ފަރުވާލެއް ބަހައްޓާ މީހެއް ނޫނެވެ. އޭނާއަކީ އަނިޔާވެރިންގެ ކުރިމަތީގައި ކެރޭ، އަދި އަނެކާގެ ޙައްޤު ހޯދައިދިނުމުގައި ކެރޭ މީހާއެވެ. އެހެންނަމަވެސް، މައިންބަފައިންނާއި މުއުމިނުންގެ ކައިރީގައި އޭނާއަކީ މަޑުމޮޅި މީހެކެވެ.

6- ދަރިފުޅަށް 10 އަހަރު ފުރޭއިރުވެސް، އޭނާ މައިންބަފައިންނަށް ކިޔަމަންތެރިވާން އާދަ ނުވާނަމަ، އޭނާ އެކަންކަން ދެކެ ލޯބިވާ ކަންކަމުން މަޙުރޫމުކުރާށެވެ. އެއީ އޭނާއަށް ވިސްނައިދީ، ބަސްނޭހުން ހުއްޓުވުމަށެވެ. އަދި އޭނާއަށް އަދަބު ދޭށެވެ. އަދި އެކަންކަމާ އޭނާ ދެކޮޅު ހެދިއަސް އެކަމާ އަޅާނުލާށެވެ. އެހެންނޫންނަމަ، އެދަރިފުޅުގެ މައްޗަށް ތިބާގެ ބާރު އެއްކޮށް ކެނޑިގެން ހިނގައިދާނެއެވެ.

****************

އަދަބުވެރިކަން، ކިޔަމަންތެރިކަމާއި ބަސްއެހުމާ އެކުވެއްޖެނަމަ ކިހާ ފުރިހަމަވާނެ ހެއްޔެވެ! ދަރިފުޅަށް ކަމަކަށް އަމުރުކުރާނަމަ، މިފަދައިން ބުނާށެވެ. “އަޅެ .. ދޮރުހުޅުވާލަދީބަލަ.”، “އަޅެ.. ފެންތައްޓެއް އަޅާދީބަލަ..” މިގޮތަށް އެދުމުގެ މާނައަކީ ދަރިފުޅު ބޭނުންނަމަ މައިންބަފައިންނަށް ކިޔަމަންތެރިވުމާ ނުވަތަ ނުކިޔަމަންތެރިވުމުގެ އިޚްތިޔާރު އޮތް ވާހަކައެއް ނޫނެވެ. އެހެންނަމަވެސް، މިއީ އެހެންމީހުންނާމެދުވެސް އަދި އަޅުގަނޑުމެން މައިންބަފައިންނާމެދުވެސް އަދަބުވެރިކަމާއެކު ވާހަކަ ދެއްކުމަށް އާދަކުރުވުމުގެ ގޮތުން ކުރެވޭ ކަމެކެވެ. އެހެންނަމަވެސް، މިސާލަކަށް: ދަރިފުޅާ ގުޅޭ ޚާއްސަ އަމުރެއްނަމަ (މިސާލަކަށް: ފިލާވަޅު ހެދުމާއި، ދަތް އުނގުޅުން ފަދަ) އޭނާއާ މެދު އަދަބުވެރިވާކަށް ނުޖެހެއެވެ. އެހެނީ މިއީ އޭނާގެ މައްޗަށް ކުރުން ވާޖިބުކަމެކެވެ.

 ބާރުގަދަ، ކުޅެދޭ، އަދި ވިސްނޭ މީހަކީ ތިބާއަށްވާއިރު، އެދަރިފުޅު ކުޑައިރު ތިބާއަށް ކިޔަމަންތެރި ނުވާނަމަ އޭނާ ދެން ތިބާއަށް ކިޔަމަންތެރިވާނީ ކޮން އިރަކު ހެއްޔެވެ؟ ފުރާވަރަށް އެޅުމުން އޭނާ ކިޔަމަންތެރިކުރުވާނީ ކިހިނެތް ހެއްޔެވެ؟ އޭރަށް އެދަރިފުޅު ގައިގެ ބާރުޖެހި ބޮޑުވެފައިވާއިރު، ތިބާވާނީ ގައި ބާރުދެރަވެފައެވެ. އަދި އޭރަށް، އޭނާ ތިބާގެ މައްޗަށް ބާރު ހިންގަން ފަށާނެއެވެ. އެހެންކަމުން، އެދަރިފުޅު ރަނގަޅަށް ތަރުބިއްޔަތުކުރުމަށްޓަކައި، ތިބާގެ އަތުުގައި އެދަރިފުޅުގެ މައްޗަށް ބާރު އޮންނަންވާނެއެވެ. އަދި އޭނާގެ ތިބާ ކަނޑައަޅާފައިވާ ޙައްދުން ބޭރުވާނަމަ، އެޙައްދުގެ ތެރޭގައި ބެހެއްޓުމަށް މިބާރު ވަރަށް މުހިއްމެވެ. އަދި ޙަރާމް ކަންކަމުން އޭނާ ދުރުކުރުވުމަށާއި، ޙަޤީޤީ ފިރިހެނެއްގެ ގޮތުގައި ބޮޑުކުރުމަށްވެސް މެއެވެ.

އެހެންކަމުން ތިބާ ގެންގުޅެންވީ އުސޫލަކީ: ތިބާ ގޮތްތައް ނިންމާ، އަމުރުކުރާށެވެ. އެކަން ތަންފީޒުކުރާނީ ދަރިފުޅެވެ. މިއީ ޝަރުޢީ ގޮތުން ކަން އޮންނަންވާ ގޮތެވެ. އަދި މިއީ މައިންބަފައިންނަށް ހެޔޮކޮށްހިތުމުގެ ތެރެއިންނާއި، ޚުލުޤުވެރިކަމުގެ ތެރެއިންނާއި އަދަބުވެރިކަމުގެ ތެރެއިންވާ ކަންކަމެވެ.

ތިބާއަށް ދަރިފުޅުގެ މައްޗަށް ބާރު އޮވެއްޖެނަމަ، ފުރާވަރަށް އެޅުމުން އޭނާ ތިބާގެ ބަސް ނާހާ ނޫޅޭނެއެވެ. އަދި އޭނާއަށް ރަގަޅު ތަރުބިއްޔަތު ދީ، ރަނގަޅު މަގަށް މަގުދައްކައި ހެދުމަށް ފަސޭހަވާނެއެވެ.

***********************

(ނުނިމޭ)

_____________________________

މި ލިޔުމުގެ އިތުރު ލިޔުންތައް ބެއްލެވުމަށް ފިއްތަވާލައްވާ!