[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އައްޝައިޚް މުޙައްމަދު ބުން ޞާލިޙުލް ޢުޘައިމީން رحمه الله – 2

ދެވަނައީ: އެކަލޭގެފާނު އުފަންވުމާއި ބޮޑުފުޅުވުން

 

އެކަލޭގެފާނު އުފަންވީ ހިޖުރައިން 1347 ވަނަ އަހަރުގެ ރަމަޟާން މަހުގެ 27 ވަނަ ވިލޭރޭ، ޢުނައިޒާގައެވެ. ޢުނައިޒާއަކީ ޤަޞީމުގެ ރަށެކެވެ. އަދި ހެޔޮ ރަނގަޅުވެގެންވާ ތަރުބިއްޔަތަކުން އެކަލޭގެފާނު ތަރުބިއްޔަތު ލިބިވަޑައިގަތެވެ.

އެކަލޭގެފާނު ލިޔަންކިޔަން ދަސްކުރެއްވީ ކުޑަކުދިންނަށް ޚާއްޞަ މަދަރުސާއަކުންނެވެ. ޤުރުއާން އުނގެނިވަޑައިގަތީ އެކަލޭގެފާނުގެ މަންމަ ފަރާތުގެ ބޮޑުބޭބެ، ޢަބްދުއްރަޙްމާނު ބުން ސުލައިމާނު އާލު ދާމިޣުގެ އަރިހުންނެވެ. އަދި ޤުރުއާން ހިތުދަސްކުރެއްވީ އައްޝައިޚް އަލްޢައްލާމާ ޢަބްދުއްރަޙްމާނު ބުން ނާޞިރު އައްސަޢުދީ رحمه الله ގެ އަރިހުގައި ދަރިވަރުވެ ވަޑައިގެންނެވެ.

ރިޔާޟުގެ ޢިލްމީ މަޢްހަދު ހުޅުވުމާ އެކު އެތަނުގައި ކިޔަވާ ވިދާޅުވުމަށް އެކަލޭގެފާނުގެ ޝައިޚް ޢަބްދުއްރަޙްމާނު ބުން ސަޢުދީގެ އަރިހުން އިޛުނަ ހޯއްދެވިއެވެ. އެއަށްފަހު މަޢުހަދުގައި ކިޔަވާ ވިދާޅުވިއެވެ. އޭރުގައި އިބްތިދާއީއަށް ފަހު ކުއްލިއްޔާ (ބެޗްލަރސް)އަށް ވަނުމާ ހަމައަށް ކިޔެވުމުގެ މުއްދަތަކީ ހަތަރު އަހަރެވެ. އެކަލޭގެފާނު ވަދެވަޑައިގަތީ ދެވަނަ އަހަރަށެވެ.

އޭރުގައި އެއީ (ކުއްޖާގެ ކިޔެވުމުގެ ހުނަރަށް ބަލައި) މަތީ ގުރޭޑުތަކަށް ވަދެވުމުގެ ނިޡާމު އޮތް ދުވަސްވަރެވެ.

އަދި އެކަލޭގެފާނު ވެވަޑައިގަތީ ކިޔެވުމުގައި ކުރިއަށް ދެވުމުގެ ފުރުޞަތު ލިބިގެންވި ބޭފުޅަކަށެވެ. ހޫނު މޫސުމުގެ ޗުއްޓީގައި ކުރިއަށް އޮތް އަހަރުގެ މާއްދާތައް ކިޔެވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވިއެވެ. އަދި ދެވަނަ ޓާމު ފެށުމާއެކު މި އަހަރުގެ މާއްދާތަކުގެ ޓެސްޓުތައް ހައްދަވައި އޭގެ ކުރިއަށް އޮތް އަހަރުގެ ކިޔެވުން ފެއްޓެވިއެވެ.

އެކަލޭގެފާނު ދެވަނަ އަހަރަށް ވަދެވަޑައިގަނެ ހޫނު މޫސުމުގެ ޗުއްޓީގައި ތިންވަނަ އަހަރުގެ މާއްދާތައް ކިޔަވައި ނިންމަވާލެއްވުމަށް ފަހު ހަތަރުވަނަ އަހަރުގެ ކިޔެވުން ފެއްޓެވިއެވެ. ތިންވަނަ އަހަރުގެ ކިޔެވުން ނިމުނު ތަނާހެން، ހިޖުރައިން 1374 އަހަރު ޢުނައިޒާގައި ޢިލްމީ މަޢުހަދު ހުޅުވުނެވެ.

އެކަލޭގެފާނުގެ ޝައިޚް ޢަބްދުއްރަޙްމާނު ބުން ސަޢުދީގެ އަރިހުގައި ކިޔަވާ ވިދާޅުވަމުން ޢުނައިޒާގެ ޢިލްމީ މަޢުހަދުގައި ކިޔަވާދެއްވަމުން ގެންދެވީ ޝަރީޢާ ކުއްލިއްޔާގައިވެސް ކިޔަވާ ވިދާޅުވަމުންނެވެ. ކޮންމެ އަހަރެއްގެވެސް ފަހުކޮޅު ޓެސްޓު ހެއްދެވުމަށް ރިޔާޟަށް ވަޑައިގަންނަވައެވެ. އަދި ކުއްލިއްޔާގެ ކިޔެވުން ނިމެންދެން މިފަދައިން ޢަމަލުކުރެއްވިއެވެ.

ޤަޞީމުގައި ކުއްލިއްޔަތުއް ޝަރީޢާ ވަ އުޞޫލުއް ދީން ހުޅުވުމާއެކު މަޢުހަދުގައި ކިޔަވާދިނުން ދޫކޮށްލައްވައި ޤަޞީމްގެ ކުއްލިއްޔާއަށް ބަދަލުވެވަޑައިގަތެވެ. އަދި އެކަލޭގެފާނު رحمه الله އަވަހާރަވަންދެން އެތަނުގައި ކިޔަވާދެއްވުން ކުރިޔަށް ގެންދެވިއެވެ.

ހިޖުރައިން 1376 ވަނަ އަހަރު އެކަލޭގެފާނުގެ ޝައިޚް ޢަބްދުއްރަޙްމާނު ބުން ސަޢުދީ رحمه الله އަވަހާރަވުމާއެކު އަލްޖާމިޢުލް ކަބީރު މިސްކިތުގެ އިމާމުކަމާއި ޚަޠީބުކަމާ އަދި އެ މިސްކިތުގައި ކިޔަވާދެއްވުމާއި ޝައިޚް ހަވާލުވެ ވަޑައިގެންނެވިއެވެ. އަދި ޝައިޚް އަވަހާރަ ވަންދެން މިކަން ކުރިއަށް ގެންދެވިއެވެ.

_______________________

މި ލިޔުމުގެ ހިޖުރައިން 1421 ވަނަ އަހަރުގެ ޝައްވާލު މަހުގެ 24 ވީ ހުކުރު ވިލޭރޭ މަދީނާގެ އަލްޖާމިޢަތުލް އިސްލާމިއްޔާގައި އައްޝައިޚް ޢަބްދުލް މުޙްސިން އަލްޢައްބާދު حفظه الله ދެއްވާފައިވާ ދަރުސެކެވެ.

 

މި ލިޔުމުގެ އެހެންބައިތައް