[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އައްޝައިޚް މުޙައްމަދު ބުން ޞާލިޙުލް ޢުޘައިމީން رحمه الله – 10

އަށްވަނައީ: ދަރިވަރުންނަށް ހުރި ބައެއް ވަޞިއްޔަތްތައް

 

ޢިލްމު އުނގެނޭ ދަރިވަރުންނަށް ކުރާނެ އެންމެ މުހިއްމު ވަޞިއްޔަތަކީ ޢިލްމު އުނގެނުމުގައި މަޝްޢޫލުވުމަށް ސަމާލުކަން ދޭށެވެ. އަދި ތިޔަ ދަރިވަރުންގެ ޙަޔާތުގައި ދުނިޔޭގައި ތިބި ޢިލްމުގެ އަހުލުންގެ ކިބައިން ފައިދާ ޙާޞިލު ކުރުމަށެވެ. ފަހެ އެބޭކަލުން ތިޔަ ދަރިވަރުންގެ ތެރޭ ތިއްބަވަނިކޮށް، ފުރުޞަތުގެ ބޭނުން ހިފައި އެބޭކަލުންގެ ކިބައިން ޢިލްމު ޙާޞިލުކުރާށެވެ. ތިޔަ ދަރިވަރުންނަށް އޮޅުންއަރާ ކަންކަމާ ބެހޭގޮތުން ސުވާލުކުރުމަށް އެބޭކަލުންގެ އަރިހަށް ދާށެވެ. އަދި އަހުލުއް ސުންނާ ވަލް ޖަމާޢަތުގެ ކުރިޔާއި ފަހުގެ ބޮޑެތި ޢިލްމުވެރިންގެ ފައިދާ ހުރި ފޮތްތައް ހޯދުމަށް ސަމާލުކަން ދިނުމަށް ވަޞިއްޔަތް ކުރަމެވެ. އަދި ދަރިވަރުން އެކުވެރިކަމާ އެކީގައި ކިޔަވާ، ކިޔަވާ ފިލާވަޅުތައް ފަރިތަކުރުމަށާ އަދި ފައިދާ ހުރި ފޮތްތައް ކިޔުމުގައި ވަޤުތުތައް ހޭދަކުރުމަށް ވަޞިއްޔަތް ކުރަމެވެ. އަދި ދުނިޔެއާއި އާޚިރަތުގައި ދަރިވަރުންނަށް ފައިދާ ކުރާނެ ކަންކަމުގައި މަޝްޣޫލު ވާށެވެ.

ޝައިޚް ދޫކުރެއްވި ޢިލްމީ އަޘަރުތަކާއި މެދު އަޅުގަނޑުގެ ޚިޔާލެއް އެބަ އޮތެވެ. އެއީ ޝައިޚްގެ ދަރިވަރުން ކުރެ ޝައިޚް ލިޔުންތަކާއި އޯޑިއޯ ރެކޯޑިންގތަކުގެ މަޢުލޫމާތު ރަނގަޅަށް އެނގޭ ކުދިން އެ ހުރިހާ ލިޔުންތަކާއި އޯޑިއޯ ދަރުސްތައް ހިމެނޭނެހެން ފުރިހަމަ ފިހުރިސްތެއް ތައްޔާރު ކުރާށެވެ. އެއީ ޝަރުޢީ ޢިލްމު އުނގެނޭ ދަރިވަރުންނަށް އެ ތަކެތީގެ މަޢުލޫމާތު ފޯރުކޮށް ދިނުމަށްޓަކައެވެ. އޭރުން އެ ކުދިން ޝައިޚުގެ ލިޔުންތަކާއި ދަރުސްތަކުން ޙާޞިލު ކުރެވުނު މިންވަރެއް ޙާޞިލު ކުރާނެއެވެ.

އަދި ދެން އޮތް ޚިޔާލަކީ އެ އޯޑިއޯ ދަރުސްތަކުގެ ތެރެއިން އަދި މިހާތަނަށް ނުލިޔެވި ހުރި ދަރުސްތައް ލިޔުމެވެ. ދެން އެ ތަކެތި ޗާޕު ކުރާނޭ ފަރާތްތައް ހޯދުމެވެ. އެއީ ޝަރުޢީ ޢިލްމު އުނގެނޭ ދަރިވަރުން، މި ބޮޑު ޢިލްމުވެރިޔާ ދޫކުރައްވާފައިވާ ޢިލްމީ އަޘަރުތަކާއި އަހުލުވެރި ވުމަށްޓަކައެވެ. އަދި އެ އަޘަރުތައް ހޯދައި އޭގެން ފައިދާ ޙާޞިލު ކުރުމަށްޓަކައެވެ.

އެއަށްފަހު ބުނަމެވެ. ޝައިޚްއަކީ އިޖްތިހާދުކޮށް އަދި ޤުރުއާނާއި ސުންނަތުގެ ދަލީލަށް ތަބަޢަވުމަށް ރައްކާތެރިވާ ޢިލްމުވެރިންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. (ޝަރުޢީ) މައްސަލަތައް ތަޙުޤީޤުކޮށް ޤުރްއާނައި ސުންނަތާއި އިޖުމާޢު އަދި ބުއްދީގެ ގޮތުން މިކަންކަމަށް ދަލީލު ނެންގެވުމަށް ވަރަށް ބޮޑަށް އިސްކަމެއް ދެއްވިއެވެ. އެކަލޭގެފާނު ކަމެއްގެ ދަލީލެއް ބަޔާންކުރެއްވުމަށް ފަހު ވަރަށް ބޮޑަށް ތަފްޞީލުކޮށްދެއްވައެވެ. އަދި އެ މައްސަލައާއި ދަލީލާއި އޮންނަ ގުޅުން ބަޔާންކޮށްދެއްވައެވެ. އެކަލޭގެފާނަކީ ދީނުގެ ފިޤުހު ދެއްވިގެންވާ ބޭކަލުންގެ ތެރެއިން ބޭކަލެކެވެ.

)މި ހުރިހާ ކަމަކުން) އެނގިގެންދަނީ ޝައިޚަކީ ބޮޑު ޢިލްމުވެރިއެއް ކަމެވެ. އަދި އެކަލޭގެފާނުގެ ޢިލްމުފު ތަނަވަސްވެގެންވާ ކަމެވެ. އަދި އެކަލޭގެފާނުގެ ފައިދާ ވަރަށް ބޮޑެވެ. އަދި އެކަލޭގެފާނުގެ ފަރާތްޕުޅުން ލިބިފައިވާ ނަފާ ވަރަށް ގިނައެވެ. ވުމާއެކު އެކަލޭގެފާނުގެ (ޢިލްމީ) އަޘަރުތަކަށް ފަރުވާތެރިވެ އޭގެން ފައިދާ ލިބިގަތުމަށް ވަޞިއްޔަތް ކުރަމެވެ.

ނިންމާލަމުން ދަންނަވަމެވެ. ޞަޙީޙު މުސްލިމުގައި އުންމު ސަލަމާގެ އަރިހުންވާ ޙަދީޘެއްގައި ވެއެވެ.

އަބޫ ސަލަމާ އަވަހާރަވުމުން ނަބިއްޔާ صلى الله عليه وسلم ދުޢާ ކުރެއްވިއެވެ. “ޔާﷲ! އަބޫ ސަލަމާއަށް ފާފަ ފުއްސަވާނދޭވެ! އަދި ހިދާޔަތް ލިބިގެންވި މީހުންނާއެކު އެކަލޭގެފާނުގެ ދަރަޖަ ސުވަރުގޭގައި އުފުއްލަވާނދޭވެ! އަދި އެކަލޭގެފާނުގެ ދޫކޮށް ދިޔަ މީހުން އިބަ އިލާހުގެ ރައްކާތެރިކަމުގެ ތެރޭގައި ލައްވާނދޭވެ! އޭ ޢާލަމްތަކުގެ ވެރިރައްބެވެ! އަޅަމެންނަށާ އެކަލޭގެފާނަށް ފާފަ ފުއްސަވާނދޭވެ! އަދި އެކަލޭގެފާނަށްޓަކައި އެކަލޭގެފާނުގެ ޤަބުރުފުޅު ތަނަވަސްކޮށްދެއްވާނދޭވެ! އަދި އެތަނުގައި އެކަލޭގެފާނަށްޓަކައި ނޫރެއްލައްވައި އަލިކޮށް ދެއްވާނދޭވެ!” [1]

އަދި އަޅުގަނޑު ބުނެލަން ބޭނުމެވެ.

ޔާﷲ! އައްޝައިޚް މުޙައްމަދު ބުން ޢުޘައިމީނަށް ފާފަ ފުއްސަވާނދޭވެ! އަދި ހިދާޔަތް ލިބިގެންވި މީހުންނާއެކު އެކަލޭގެފާނުގެ ދަރަޖަ ސުވަރުގޭގައި އުފުއްލަވާނދޭވެ! އަދި އެކަލޭގެފާނު ދޫކޮށް ދިޔަ މީހުން އިބަ އިލާހުގެ ރައްކާތެރިކަމުގެ ތެރޭގައި ލައްވާނދޭވެ! އޭ ޢާލަމްތަކުގެ ވެރިރައްބެވެ! އަޅަމެންނަށާ އެކަލޭގެފާނަށް ފާފަ ފުއްސަވާނދޭވެ! އަދި އެކަލޭގެފާނަށްޓަކައި އެކަލޭގެފާނުގެ ޤަބުރުފުޅު ތަނަވަސްކޮށްދެއްވާނދޭވެ! އަދި އެތަނުގައި އެކަލޭގެފާނަށްޓަކައި ނޫރެއްލައްވައި އަލިކޮށް ދެއްވާނދޭވެ!

އަދި އަޅަމެން އެންމެނަށް، ފައިދާކުރަނިވި ޢިލްމު (ޝަރުޢީ ޢިލްމު) ޙާޞިލު ކުރުމަށާއި، ޞާލިޙު ޢަމަލުކުރުމުގެ ތައުފީޤު ދެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ދަންނަވަމެވެ. ހަމަކަށަވަރުން އެއިލާހަކީ (ދުޢާ ކުރާ މީހުންގެ ދުޢާ) އައްސަވާވޮޑިގެންވާ އިލާހެވެ.”

وصلى الله وسلم وبارك على عبده ورسوله نبيِّنا محمَّدٍ وعلى آله وأصحابه أجمعين.

= ނިމުނީ =

_______________________

މި ލިޔުމުގެ ހިޖުރައިން 1421 ވަނަ އަހަރުގެ ޝައްވާލު މަހުގެ 24 ވީ ހުކުރު ވިލޭރޭ މަދީނާގެ އަލްޖާމިޢަތުލް އިސްލާމިއްޔާގައި އައްޝައިޚް ޢަބްދުލް މުޙްސިން އަލްޢައްބާދު حفظه الله ދެއްވާފައިވާ ދަރުސެކެވެ.

މި ލިޔުމުގެ އެހެންބައިތައް

 

[1] صحيح مسلم 920