ޤަޟާކުރަން ޖެހިފައިވާ ރޯދަތައް ހިފުމުގެ ވަޤުތު
ރަމަޟާން މަހުން ރޯދައެއް ދޫކޮށްލާ މީހާ ޖެހިގެން އަންނަ ރޯދަ މަސް އައުމުގެ ކުރިން އެ ރޯދައެއް ޤަޟާ ކުރުން ވާޖިބުވެގެންވާކަމުގައި ފިޤުހީ މަޛްހަބުތަކުގެ އިމާމުންވަނީ އިއްތިފާޤު ވެލައްވާފައެވެ. ރޯދަ ޤަޟާ ކުރުމުގައި އަވަސް ކުރުމަކީ އެންމެ މާތް ގޮތެވެ. އަދި ޛިއްމާއިން ބަރީއަވުމުގައިވެސް މިގޮތް މާ ރަނގަޅެވެ.
ޢާއިޝާ رَضِيَ اللَّهُ عَنْهَا ވިދާޅުވިކަމަށް ޞައްޙަގޮތުގައި އައިސްފައި ވެއެވެ.
“(ފާއިތުވި) ރަމަޟާން މަހުން ތިމަންކަމަނާގެ ޤަޟާ ރޯދަ ހުންނަވައެވެ. އަދި ޝަޢުބާން މަހު މެނުވީ ތިމަންކަމަނާއަށް އެ ރޯދަތައް ޤަޟާ ނުކުރެވެއެވެ. އަދި އެއީ ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّمَ ހުންނަވަނިކޮށެވެ.” [1]
އަލްޙާފިޡު އިބްނު ޙަޖަރު رَحِمَهُ اللَّهُ ވިދާޅުވިއެވެ.
“ޝަޢުބާން މަހުގައި ރޯދަތައް ޤަޟާ ކުރުމަށް އެކަމަނާ (ޢާއިޝާ رَضِيَ اللَّهُ عَنْهَا) ރައްކާތެރިވެވަޑައިގެންފައި ވުމުން، ޖެހިގެން އަންނަ ރޯދަ މަސް ފެށެންދެން ޤަޟާ ރޯދަތައް ނުހިފައި ލަސްކުރުން ހުއްދަ ނުވާނެކަން އެނގިގެން ދެއެވެ.” [2]
ޤަޟާކުރަން ޖެހިފައިވާ ރޯދައެއް، ބަލިވުމުގެ ސަބަބުން އަދި ޖެހިގެން އަންނަ ރަމަޟާން މަހާއި ހަމައަށްވެސް ބަލިން ފަސޭހަ ނުވުން ފަދަ (ޝަރުޢީ) ޢުޛުރަކާއި ލައިގެން ޤަޟާ ނުކުރެވުނު ނަމަ އޭނާގެ މައްޗަށް އެއްވެސް ފާފައެއް ނެތެވެ. ސަބަބަކީ މި ޙާލަތުގައި ލަސްވެފައި މިވަނީ (ޝަރުޢީ) ޢުޛުރަކާއި ލައިގެންނެވެ. އަދި އޭނާގެ މައްޗަށް (ފަހުން) އެ ރޯދަތައް ޤަޟާ ކުރުން މެނުވީ ނުވެއެވެ.
(ޝަރުޢީ) ޢުޛުރެއް ނެތި ފާއިތުވި ރަމަޟާން މަހުން ޤަޟާ ކުރަން ޖެހިފައިވާ ރޯދައެއް، ޖެހިގެން އަންނަ ރަމަޟާން މަސް ފެށޭއިރުވެސް ޤަޟާ ނުކޮށްފި މީހަކު އެކަމުގެ މައްޗަށް ފާފަވެރި ވާނެއެވެ. އެމީހެއްގެ މައްޗަށް އެ ރޯދަތައް ޤަޟާ ކުރުމާއި އެކު ތައުބާވުން ވާޖިބުވެގެން ވާކަމުގައި އިމާމުން ވަނީ އިއްތިފާޤު ވެލައްވާފައެވެ. އެހެންނަމަވެސް މިފަދަ މީހާ އެ ރޯދަތައް ޤަޟާ ކުރުމާއި އެކު ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދޭން ޖެހޭނެ ކަމާ މެދު ޚިލާފު ވެލައްވައެވެ.
ފަހެ އިމާމުންގެ ތެރެއިން މާލިކު، އައްޝާފިޢީ އަދި އަޙްމަދު رَحِمَهُمُ اللَّهُ ދެކިލައްވާ ގޮތުގައި އެމީހަކު ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދޭން ޖެހޭނެއެވެ.
މިފަދައިން ވިދާޅުވެފައިވަނީ އަބޫ ހުރައިރާ އަދި އިބްނު ޢައްބާސް رَضِيَ اللَّهُ عَنْهُمْ ފަދަ ބައެއް ޞަޙާބީ ބޭކަލުންގެ ކިބައިން މިގޮތަށް ވާރިދުވެގެން އައިސްފައި ވާތީއެވެ.
އައްޝައިޚް އިބްނު ބާޒު رَحِمَهُ اللَّهُ ވެސް ޚިޔާރު ކުރައްވާފައިވަނީ މި ޤައުލެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
“މިހާ ގިނަ ދުވަސް ލަސްކޮފައި ވުމުން ތިބާ اللَّهُ سُبْحَانَهُ ގެ ޙަޟްރަތަށް ތައުބާވާން ޖެހޭނެއެވެ. އަދި ދެން ޖެހިގެން އަންނަ ރަމަޟާން މަސް ފެށުމުގެ ކުރިން ޤަޟާ ކުރަން ޖެހިފައިވާ ރޯދަތައް ހިފުން ތިބާގެ މައްޗަށް ވާޖިބުވެގެންވެއެވެ. އަދި ތިބާގެ މައްޗަށް ތައުބާ ވުމާއެކު ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދޭން ޖެހޭނެއެވެ. އެއީ ކޮންމެ ރޯދައަކަށް ނިޞްފު (ބައި) ޞާޢެއްގެ މިންވަރުން ކަދުރު ނުވަތަ ހަނޑޫ ނުވަތަ ޤައުމުގައި ޢާންމުކޮށް ކައިއުޅޭ އެއްޗަކުންނެވެ. އެއީ ގާތްގަނޑަކަށް ބައި ކިލޯ އެވެ. މި މިންވަރު އެކީގައި އެކިއެކި ފަޤީރުންނަށް ބަހާލާނީއެވެ. ނުވަތަ މި މިންވަރު އެކީގައި އެއް ފަޤީރަކަށް ދޭނީއެވެ.” [3]
އިމާމު އަބޫ ޙަނީފާ رَحِمَهُ اللَّهُ ވިދާޅުވެފައި ވަނީ އޭނާގެ މައްޗަށް ޤަޟާ ކުރުމާއެކު މިސްކީނަކަށް ކާންދޭން ނުޖެހޭނެ ކަމަށެވެ.
މިކަމަށް ދަލީލެއްގެ ގޮތުގައި ގެންނަވާފައި ވަނީ ރަމަޟާން މަހުން ރޯދައެއް ދޫކޮށްލާ މީހާ ހަމައެކަނި ރޯދަ ޤަޟާ ކުރުމަށް اللَّهُ تَعَالَى ވަޙީ ކުރައްވާފައިވާ ބަސްފުޅެވެ. މިސްކީނަކަށް ކާންދޭން ޖެހޭނެކަމަށް ވަޙީ ނުކުރައްވައެވެ. އެއިލާހު ވަޙީކުރައްވާފައި ވެއެވެ.
﴿وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ﴾ [4]
މާނައީ: “އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުށްޓެވެ.”
އިމާމު ބުޚާރީ رَحِمَهُ اللَّهُ ޚިޔާރު ކުރައްވާފައި ވަނީވެސް މި (ދެވަނަ) ޤައުލެވެ. އެކަލޭގެފާނުގެ ޞަޙީޙުގައި ވިދާޅުވެފައި ވެއެވެ.
“އިބްރާހީމް (އައްނަޚްޢީ) ވިދާޅުވިއެވެ. (ޤަޟާ ކުރަން ޖެހިފައިވާ ރޯދަ) ޖެހިގެން އަންނަ ރަމަޟާން މަހާއި ހަމައަށް ނުހިފައި ލަސްކުރި ނަމަވެސް އޭނާގެ މައްޗަށް މިސްކީނުންނަށް ކާންދޭން ޖެހޭނެ ކަމަށް ތިމަންކަލޭގެފާނު ދެކިނުލައްވަމެވެ. އަބޫ ހުރައިރާ އަދި އިބްނު ޢައްބާސް رَضِيَ اللَّهُ عَنْهُمْ މި ޙާލަތުގައި މިސްކީނަކަށް ކާންދޭ ކަމުގައި ޛިކުރުވެފައި ވެއެވެ.”
އެއަށްފަހު ބުޚާރީ رَحِمَهُ اللَّهُ ވިދާޅުވިއެވެ.
طމިސްކީނަކަށް ކާންދޭން ޖެހޭނެކަމަށް ﷲ ތަޢާލާ ވަޙީ ނުކުރައްވައެވެ. އެހެންނަމަވެސް ވަޙީ ކުރެއްވީ ﴿فَعِدَّةٌ مِّنْ أَيَّامٍ أُخَرَ﴾ (މާނައީ: “ފަހެ އެހެން ދުވަސްތަކަކުން އެ ރޯދަތައް ހަމަކުރަން ހުއްޓެވެ.”) މިފަދައިންނެވެ.” [5]
މި ޙާލަތުގައި މިސްކީނުންނަށް ކާންދޭން ނުޖެހޭނެ ކަމަށް އިޤުރާރުވެ ލައްވައި އައްޝައިޚް އިބްނު ޢުޘައިމީން رَحِمَهُ اللَّهُ ވިދާޅުވެފައި ވެއެވެ.
“ޞަޙާބީ ބޭކަލުންގެ ބަސްފުޅުތައް ޤުރުއާނުގެ ޡާހިރާއި (އާޔަތްތަކުގެ މާނައިގެ ބޭރު ފުށާއި) ޚިލާފު ވާނަމަ އެބޭކަލުންގެ ބަސްފުޅުތައް ޙުއްޖަތަކަށް ވާނެތޯ ނުވަތަ ނޫންތޯ މިއީ ބަލާލަން ޖެހޭ ކަމެކެވެ. މިކަމުގައި މިސްކީނުންނަށް ކާންދިނުން ވާޖިބު ކުރުމަކީ ޤުރުއާނުގެ ޡާހިރާއި ޚިލާފު ކަމެކެވެ. ސަބަބަކީ އެހެން ދުވަސްތަކަކުން އެ ރޯދަތައް ހިފައި ފުރިހަމަ ކުރުމަށް މެނުވީ ﷲ ތަޢާލާ ވާޖިބު ކުރައްވާފައި ނުވެއެވެ. މި ނޫން އިތުރު ކަމެއް ވާޖިބު ނުކުރައްވައެވެ. މިކަމުގެ މައްޗަށް ބިނާކޮށް ﷲ ތަޢާލާ އެއިލާހުގެ އަޅުތަކުންނަށް ވާޖިބު ކުރައްވާފައިވާ ކަމެއް މެނުވީ ވާޖިބު ނުކުރަމެވެ. އިބްނު ޢައްބާސް އަދި އަބޫ ހުރައިރާ رَضِيَ اللَّهُ عَنْهُمْ ގެ ކިބައިން ރިވާވެގެންވާ ކަމާއި މެދު ދަންނައެވެ. އެބޭކަލުން އެގޮތަށް ކަން ކުރެއްވީ ވާޖިބު ކަމެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވައި މުސްތަޙައްބު ކަމެއްގެ ގޮތުގައި ކަމަށް ވެދާނެއެވެ. ފަހެ މި މައްސަލައިގައި ޞައްޙަ ގޮތަކީ އޭނާގެ މައްޗަށް އެ ރޯދަތައް ޤަޟާކުރުމުގެ އިތުރުން އޭމީހަކު ރޯދަތައް ޤަޟާ ނުކޮށް ލަސްކުރުމުގެ މައްޗަށް ފާފަވެރިވުން ނޫން އިތުރު ކަމެއް ނެތުމެވެ.” [6]
ވުމާއެކު އެމީހެއްގެ މައްޗަށް ވަނީ ހަމައެކަނި އެ ރޯދަތައް ޤަޟާ ކުރުމެވެ. ނަމަވެސް ބޭނުންވާ މީހާ ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދިން ކަމުގައި ވިޔަސް އެންމެ ރަނގަޅެވެ.
ޖެހިގެން އަންނަ ރަމަޟާން މަހާއި ހަމައަށް ރޯދަތައް ޤަޟާ ނުކޮށް ލަސްކޮށްފިނަމަ މިސްކީނުންނަށް ކާންދިނުން ވާޖިބު ވެގެންވާ ކަމުގައި ނުވަތަ އެއީ އެންމެ ރައްކާތެރި ގޮތް ކަމުގައި ދެކިލައްވާ ބޭކަލުންގެ އަރިހުގައި މި ރޯދަތައް ޤަޟާ ކުރުމުގެ ކުރިން ރޯދައިގެ ބަދަލުގައި މިސްކީނުންނަށް ކާންދިނުން އެއީ އެންމެ މޮޅުއިތުރު ގޮތެވެ. އެއީ ހެޔޮކަމުގައި އަވަސްވެ ގަތުމަށެވެ. އަދި ހަނދާން ނެތި އިތުރަށް ލަސްވުން ފަދަ ޢާފާތްތަކުން ރައްކާތެރި ވުމަށެވެ.
އަލްމަރްދާވީ އަލްޙަންބަލީ رَحِمَهُ اللَّهُ ވިދާޅުވިއެވެ.
“ކައްފާރާ ފުރިހަމަވާ މިންވަރަށް ކާންދޭނީއެވެ. އަދި ރޯދަތައް ޤަޟާ ކުރުމުގެ ކުރިން، ނުވަތަ ޤަޟާ ކުރަމުން ނުވަތަ ޤަޟާ ކުރުމަށް ފަހުގައި ކާން ދިނުންވެސް ހުއްދައެވެ. އަލްމަޖްދު (ޝައިޚުލް އިސްލާމްގެ ކާފާފުޅު އިބްނު ތައިމިއްޔާ) رَحِمَهُ اللَّهُ ވިދާޅުވިއެވެ. ތިމަންބޭކަލުންގެ އަރިހުގައި ޤަޟާ ކުރުމުގެ ކުރިއަށް ކާން ދިނުން އިސްކުރުން މޮޅުއިތުރު ވެގެން ވެއެވެ. އެއީ ހެޔޮ ކަމުގައި އަވަސްވެ ގަތުމަށެވެ. އަދި ހަނދާން ނެތި އިތުރަށް ލަސްވުން ފަދަ ޢާފާތްތަކުން ރައްކާތެރި ވުމަށެވެ.” [7]
ރޯދަތައް ޤަޟާ ކުރުމަށް ފެށުމުގެ ކުރިން ފިދުޔަ ދިނުން ހުއްދައެވެ. ސަބަބަކީ މި ފިދުޔަ އަކީ ރޯދަ ޤަޟާކުރުން ލަސްކުރުމުގެ ސަބަބުން ދޭ ފިދުޔައެކެވެ. ރޯދަތައް ޤަޟާކުރަން ފެށުމާއި މި ފިދުޔަ ގުޅިފައި ނުވެއެވެ. [8]
ޤަޟާ ކުރަން ޖެހިފައިވާ ވާޖިބު ރޯދަ އައްޔާމުއް ތަޝްރީޤުގެ ދުވަސް ތަކުގައި ހިފި ނަމަ އެ ރޯދަތައް ޞައްޙަ ނުވާނެއެވެ. އައްޔާމުއް ތަޝްރީޤުގެ ދުވަސް ތަކަކީ އަޟްޙާ ޢީދު ދުވަހާއި ޖެހިގެން އަންނަ ތިން ދުވަހެވެ. އެއީ ޙައްޖު މަހުގެ އެގާރަ ވަނަ ދުވަހާއި ބާރަ ވަނަ ދުވަހާއި އާދި ތޭރަ ވަނަ ދުވަހެވެ. މި ދުވަސް ތަކަކީ ރޯދަ ހިފުން ޙަރާމްވެގެންވާ ދުވަސްތަކެކެވެ.
އެއީ ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّمَ ގެ އަންނަނިވި ޙަދީޘް ބަސްފުޅަށް ބިނާކޮށެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.
«أَيَّامُ التَّشْرِيقِ أَيَّامُ أَكْلٍ وَشُرْبٍ» [9]
މާނައީ: އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކަކީ ކެއުމާއި ބުއިމުގެ ދުވަސްތަކެވެ.”
އަދިވެސް އެކަލޭގެފާނު صَلَّى اللهُ عَلَيهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.
«إِنَّ يَوْمَ عَرَفَةَ وَيَوْمَ النَّحْرِ وَأَيَّامَ التَّشْرِيقِ عِيدُنَا أَهْلَ الْإِسْلَامِ وَهِيَ أَيَّامُ أَكْلٍ وَشُرْبٍ» [10]
މާނައީ: “ހަމަކަށަވަރުން ޢަރަފާތް ދުވަހާއި ނަޙްރުގެ ދުވަހާއި އަދި އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކަކީ އަހަރެމެން އިސްލާމުގެ އަހުލުންގެ ޢީދެވެ. އެއީ ކެއުމާއި ބުއިމުގެ ދުވަސްތަކެވެ.”
ތަމައްތުޢުކޮށް ޙައްޖު ކުރާ މީހުން އަދި ޤިރާންކޮށް ޙައްޖު ކުރާ މީހުންގެ ތެރެއިން ކަތިލުމަށް ހަދްޔު ނުލިބިއްޖެ މީހަކަށް މެނުވީ މި ދުވަސް ތަކުގައި ރޯދަ ހިފުމުގެ ލުއި ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّمَ ނުދެއްވައެވެ. ޢާއިޝާ رَضِيَ اللَّهُ عَنْهَا އަދި އިބްނު ޢުމަރު رَضِيَ اللَّهُ عَنْهُ ގެ ފަރާތުން އިމާމް ބުޚާރީ ރިވާ ކުރައްވާފައި ވެއެވެ.
“ހަދްޔު ނުލިބިއްޖެ މީހަކު މެނުވީ އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކުގައި ރޯދަ ހިފުމެއް ނުވެއެވެ.” [11]
މި ދުވަސްތަކުގައި ސުންނަތް ރޯދައެއް ވިޔަސް، ޤަޟާ ރޯދައެއް ވިޔަސް ނުވަތަ ނަދުރު ރޯދައެއް ވިޔަސް ހިފުން ޖުމްހޫރު ޢިލްމުވެރިން މަނާ ކުރައްވައެވެ. އަދި އެބޭކަލުން ދެކިލައްވާ ގޮތުގައި މި ދުވަސްތަކުގައި ރޯދަ ހިފި ނަމަވެސް އެ ރޯދައެއް ބާޠިލު ވާނެއެވެ. [12]
އައްޝައިޚް އިބްނު ބާޒު رَحِمَهُ اللَّهُ ވިދާޅުވިއެވެ.
“އަދި ހަމަ އެފަދައިން ނަޙްރުގެ ދުވަހާއި އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކުގައިވެސް ރޯދަ ނުހިފާނެއެވެ. އެހެނީ ރަސޫލާ صَلَّى اللهُ عَلَيهِ وَسَلَّمَ މިކަން ނަހީ ކުރައްވާފައި ވާތީއެވެ. އެއީ ތަމައްތުޢުކޮށް ޙައްޖު ކުރާ މީހުންގެ ތެރެއިން ހަދްޔު ނުލިބިއްޖެ މީހަކު ފިޔަވައެވެ. މިފަދަ މީހާ އަދި ޚާއްޞަކޮށް ޤިރާނުކޮށް ޙައްޖު ކުރާ މީހުންގެ ތެރެއިން ހަދްޔު ނުލިބިއްޖެ މީހަކު އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކުގައި ރޯދަ ހިފުން ހުއްދަކަމަށް ދަލީލު އައިސްފައި ވެއެވެ. މިނޫން ސަބަބަކާ ހުރެ ނުވަތަ ސުންނަތް ރޯދައެއް ވިޔަސް، ޢީދު ދުވަސް ފަދައިން މި ދުވަސްތަކުގައިވެސް ހިފުން ހުއްދަވެގެން ނުވެއެވެ.” [13]
އައްޝައިޚް އިބްނު ޢުޘައިމީން رَحِمَهُ اللَّهُ ވިދާޅުވިއެވެ.
“ތަމައްތުޢުކޮށް ޙައްޖު ކުރާ މީހުން އަދި ޤިރާނުކޮށް ޙައްޖު ކުރާ މީހުންގެ ތެރެއިން ކަތިލުމަށް ހަދްޔު ނުލިބިއްޖެ މީހަކު މި ތިން ދުވަހު (އައްޔާމުއް ތަޝްރީޤުގެ 3 ދުވަސް) ރޯދަ ހިފުން ހުއްދައެވެ. އެއީ މިފަދަ މީހަކު ރޯދަ ހިފައި ނިމުމުގެ ކުރިން ޙައްޖު މޫސުން ނިމިދިޔަ ނުދިނުމަށެވެ. މިނޫން މީހަކަށް (މި ދުވަސްތަކުގައި) ރޯދަ ހިފުން ހުއްދަވެގެން ނުވެއެވެ. އެއީ ދެމަސްދުވަހު ޖެހިޖެހިގެން ރޯދަ ހިފަން ޖެހިފައިވާ މީހެއްކަމުގައި ވިޔަސްމެއެވެ. އެ މީހަކު ޢީދު ދުވަހާއި އަދި ޖެހިގެން އަންނަ ތިން ދުވަހު ރޯދަ ނުހިފައި އެއަށް ފަހުގައި ރޯދަ ހިފުން ކުރިއަށް ގެންދާނީއެވެ.” [14]
[1] رواه البخاري (1950) ومسلم (1146)
[2] فتح الباري (4/191)، އަދި ބައްލަވާ: موقع الإسلام سؤال وجواب، جواب السؤال رقم:26865
[3] مجموع فتاوى ابن باز (15/341)
[4] سورة البقرة 185
[5] صحيح البخاري (3/35)
[6] الشرح الممتع (6/451)، އަދި ބައްލަވާ: موقع الإسلام سؤال وجواب، جواب السؤال رقم:95736
[7] الإنصاف 3/333
[8] ބައްލަވާ: موقع الإسلام سؤال وجواب، جواب السؤال رقم:95736
[9] رواه مسلم (1141) من حديث نُبَيْشة الهذلي
[10] رواه النسائي (3004)، والترمذي (773)، وأبو داود (2419) من حديث عقبة بن عامر، وصححه الألباني في “صحيح أبي داود”
[11] رواه البخاري 1998
[12] ބައްލަވާ: موقع الإسلام سؤال وجواب، جواب السؤال رقم :21049
[13] “فتاوى رمضان”، جمع أشرف عبد المقصود ص:716
[14] فتاوى رمضان ص:727، އަދި ބައްލަވާ: موقع الإسلام سؤال وجواب، جواب السؤال رقم:21049