ގެއަށް ވަންނަހިނދު ކިޔާ ޛިކުރު
قَالَ النَّبِيُّ ﷺ: «إِذَا دَخَلَ الرَّجُلُ بَيْتَهُ، فَذَكَرَ اللَّهَ عِنْدَ دُخُولِهِ وَعِنْدَ طَعَامِهِ، قَالَ الشَّيْطَانُ: لَا مَبِيتَ لَكُمْ، وَلَا عَشَاءَ». [رَوَاهُ مُسْلِمٌ]
ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ. “މީހަކު އޭނާގެ ގެއަށް ވަންނަހިނދު ﷲ ހަނދުމަކޮށްފިނަމަ އަދި ކާއިރުގައި ﷲ ހަނދުމަކޮށްފިނަމަ (އެބަހީ: باسم الله ކިޔައިފިނަމަ) ޝައިޠާނާ (އެހެން ޝައިޠާނުންނަށް) ބުނާނެއެވެ.
” ތިޔަބައިމީނުންނަށް މިގޭގައި ރޭކުރާނެ ތަނެއް އަދި ރޭގަނޑު ކާނޭ އެއްޗެއްވެސް ނުވެއެވެ.”
[ރިވާކުރެއްވީ އިމާމް މުސްލިމް رحمه الله]
އާ ހެދުމެއްލާއިރު ކިޔާ ދުޢާ
كَانَ النَّبِيُّ ﷺ إِذَا ٱسْتَجَدَّ ثَوْبًا، سَمَّاهُ بِاسْمِهِ – عِمَامَةً، أَوْ قَمِيصًا، أَوْ رِدَاءً – ثُمَّ يَقُوْلُ: «اللَّهُمَّ لَكَ الْحَمْدُ أنْتَ كَسَوتَنِيهِ، أَسْأَلُكَ خَيْرَهُ وَخَيْرَ مَا صُنِعَ لَهُ، وَأَعُوذُ بِكَ مِن شَرِّهِ وَشَرِّ مَا صُنِعَ لَه». [رَوَاهُ تِرْمِذِيُّ]
އާ ހެދުމެއް ތުރުކުރައްވާކަމުގައިވަނީނަމަ، ނަބިއްޔާ ﷺ ، އެތުރުކުރައްވާ އެއްޗެއްގެ ނަން ޛިކުރުކުރެއްވުމަށް ފަހު- މި ފަގުޑި ނުވަތަ މި ޤަމީސް ނުވަތަ މި ރިދާ – ދެން އެއަށްފަހު އަންނަނިވި ދުޢާ ވިދާޅުވެއެވެ.
«اللَّهُمَّ لَكَ الْحَمْدُ أنْتَ كَسَوتَنِيهِ، أَسْأَلُكَ خَيْرَهُ وَخَيْرَ مَا صُنِعَ لَهُ، وَأَعُوذُ بِكَ مِن شَرِّهِ وَشَرِّ مَا صُنِعَ لَه»
މާނައީ: “އޭ ﷲ! އެންމެހާ ޙަމްދު ތަޢުރީފެއް ޙައްޤުވެގެންވަނީ އިބައިލާހަށެވެ. މިއަޅާއަށް މިހެދުން ދެއްވީ އިބައިލާހެވެ. މި ހެދުމުގައިވާ ހެޔޮކަމާ އަދި އެކަމަށްޓަކައި މި ހެދުން އުފެއްދެވުނުކަމުގެ ހެޔޮކަން ދެއްވުން މިއަޅާ އިބައިލާހުގެ ޙަޟްރަތުން އެދި ދަންނަވަމެވެ. މި ހެދުމުގައިވާ ނުބައިކަމާއި އަދި އެކަމަށްޓަކައި މި ހެދުން އުފެއްދެވުނުކަމުގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުން އެދި މިއަޅާ އިބައިލާހުގެ ޙަޟްރަތުން ދަންނަވަމެވެ.”
[ރިވާކުރެއްވީ ތިރްމިޛީ رحمه الله]
___________________________________
الأذكار والآداب – ޝައިޙް ޢަބްދުލް މުޙްސިން ބުން މުޙައްމަދު އަލްޤާސިމް حفظه الله –