ތިންވަނަ އަސާސް: ލޯބި
އޯގާވެރިކަމާއި، ލޯތްބާއި ހިތްހެޔޮކަމުން ދަރިފުޅުގެ ހިތް ފުރާލާށެވެ. އަދި އޭނާއަށް އަމާންކަން އިޙްސާސް ކުރުވާށެވެ.
މައިންބަފައިން ދަރިންނަށް ހޯދައިދޭ އެންމެހައި ތަކެތިންނާއި، އެކުދިންނަށްޓަކައިވާ ޤުރުބާނީ އިން އެމީހުން އެކުދިން ދެކެ ވާ ލޯބި އިޙްސާސް ނުކުރެވެއެވެ. ހަސަދަވެރިކަމާއި، ފެއިލްވުމާއި، ނުރުހުންތެރިވުމާއި މިފަދަ އިޙްސާސްތަކަކީ މައިންބަފައިންނާއި ދަރިންނާ ދުރުކުރުވާ، އެކުދިންގެ ވިސްނުމަށް ނޭދެވޭ އަސަރު ކުރުވާ ކަންކަމެވެ. އެއްވެސް މީހަކަށް، ސީދާކޮށް އެމީހެއް ދެކެ ލޯބިވާކަން ބުނެ ފާޅު ނުކުރާނަމަ، އެކަން ނޭނގޭނެއެވެ. އެހެންކަމުން، އަޅުގަނޑުމެން މައިންބަފައިން ދަރިންދެކެވާ ލޯބި ފާޅުކުރަމާ ހިނގާށެވެ.
ތިބާގެ ކޮންމެ ދަރިއަކު ކައިރީގައި މިފަދައިން ބުނާށެވެ. “މަންމަ ދަރިފުޅު ދެކެ ވަރަށް ލޯބިވެއެވެ.” ތެދުުވެރިކަމާއި، އަސަރާއި އެކީ ލޯބިވާކަން ބުނެދޭށެވެ. އަދި މިފަދައިން ލޯބި ފާޅުކުރުން ގިނަ ކުރާށެވެ. އެއްވެސް މުނާސަބަތަކާ ނުލައި، އަދި ޝަރުޠަކާ ނުލައި ދަރިފުޅުު ދެކެ ލޯބި ވާ ވާހަކަ ބުނާށެވެ. އޯގާތެރިކަމާއެކު ދަރިފުޅާ ދިމާއަށް ބަލާލާށެވެ. އެއަށްފަހު ދަރިފުޅު ގާތު މިފަދައިން ބުނާށެވެ. “މަންމަ ދަރިފުޅު ދެކެ ވަރަށް ލޯބިވެއެވެ.” “ދަރިފުޅު ތިއީ މަންމަގެ ދަރިއަކަށްވުމުން މަންމަ ވަރަށް އުފާވެއެވެ.” “ދަރިފުޅަކީ މަންމައަށް ވަރަށް އަގުހުރި ކުއްޖެކެވެ.”
ތިބާ ދަރިފުޅު ދެކެ ލޯބިވާކަން އެދަރިފުޅަށް އިޙްސާސްވުމަކީ ލާޒިމުކަމެކެވެ. ދަރިފުޅު ކުޑައިރު، ދަރިފުޅަށް ލޯބި ނުލިބިއްޖެނަމަ، ބޮޑުވެ ފުރާފުރިހަމަވުމުން އޭނާއަށް އެހެން މީހުން ދެކެ ލޯބިވާން ނޭނގޭނެއެވެ. އޭނާގެ ވަށައިގެން ހިނގާ ހުރިހާ ކަމެއް އޭނާ އެދޭ ގޮތަށް ވާންޖެހޭނެކަމަށް ދެކި، އަމިއްލަ އެދުން ބޮޑު މީހަކަށް އޭނާ ވެދެއެވެ. ލޯތްބާއި ދެކޮޅުވެރިކަމުގެ ދެމެދުގައި އޭނާގެ ނަފްސުގެ ތަޢާރުޟުވޭވޭ ހުރެއެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް އާދަވެފައިވަނީ ލޯބި ފާޅުކުރުމަށްވުރެ، އެމީހުންގެ ދަތިތަކާއި އުނދަގުލުގެ ވާހަކަ ފާޅުކުރާށެވެ. އެހެންކަމުން، މަންމަ ދަރިފުޅާމެދު ރުހިފައި ހުންނަ ވަގުތުތަކުގައި ލޯބިވާ ވާހަކަ ނުބުނެ، ހަމައެކަނި ރުޅި އަންނަ ވަގުތުގައި ލޯބި ނުވެއޭ ބުނެއެވެ. ދަރިފުޅު ދެކެ ތިބާ ރުހިގެންވާ ވަގުތު، އޭނާއާއި ދިމާއަށް ތިބާ ރުޅި އައިސްފައި ހުރި އިރު ބުނި ބަސް ނަފީވެގެން ނުދެއެވެ. މިގޮތަށް ކަންތައްވުމުގެ ސަބަބުން ދަރިފުޅު ބޮޑުވަމުން ދާއިރު އޭނާގެ ހިތުގައިވާ ލޯބީގެ އިޙުސާސް މަރާލަނީ ރުޅިވެރިކަމުގެ އިޙްސާސުންނެވެ.
ތިބާއަށް އެނގޭ ހެއްޔެވެ؟ ހަޑިހުތުރު އުޅުމާއި، އަމިއްލަ އެދުން ބޮޑުވުމާއި، ދެކޮޅުވެރިވުމާއި މިފަދަ ގޯސް ސިފަތަކަކީ މީހަކަށް ކުރެވިފައިވާ ތަޖުރިބާތަކެއްގެ ސަބަބުން މެދުވެރިވާ ރައްދުގެ ޢަމަލުތަކެކެވެ. މިފަދަ ނުބައި ސިފަތައް އަށަގަތުމުގެ ސަބަބަކީ އެފަދަ ކުދިންނަށް ލޯބީގެ އިޙްސާސް ނުކުރެވުން ހެއްޔެވެ؟ ދުނިޔޭގެ ގިނަ މުޖުރިމުންނާއި އަނިޔާވެރިންނަކީ ކުޑައިރު ލޯތްބާއި އަޅާލުމުން މަޙުރޫމުވެފައިވާ މީހުންކަން އެނގޭ ހެއްޔެވެ؟ އެމީހުންނަށް ކުރިމަތިވި ތަޖުރިބާތަކެއްގެ ސަބަބުން އެމީހުން ރަނގަޅު މަގުން އެއްކިބާވެ، ހިތްހަރު ބައެއް ކަމުގައި ބޮޑެތި ވީއެވެ.
ތަރުބިއްޔަތުގެ މައިދާނުގައި ލޯތްބަކީ ވަރަށް މުހިއްމު އެއްޗެކެވެ. ލޯބި ލިބިގެން ބޮޑުވާ ކުއްޖާ ބޮޑުވަނީ ނަފްސާނީ ގޮތުން ދުޅަ ހެޔޮ މީހެއްގެ ގޮތުގައެވެ. އެހެންކަމުން އޭނާ ލޯތްބަށް ފެންބޮވައިގަނެގެން، އަމާނާތްތެރި ނުވެ، މާފުނުކޮށް، މިފަދައިން އުޅެން އޭނާގެ ނަފްސު ބޭނުމެއް ނުވާނެއެވެ. ޢާޠިފީ ގޮތުން ނަފްސު ފުރިފައިވާނަމަ، ދަތި އުނދަގުލުގެ ކުރިމަތީގައި ކެތްތެރިކަމާއި އެކު ޘާބިތުވެ، ރަނގަޅު އުސޫލުތައް ދިފާޢުކޮށް، ފަސާދައާއި ކުރިމަތިލައި ހެދުމަށް ފަސޭހަވެއެވެ.
އެހެންކަމުން، ތިބާގެ ދަރިފުޅަށް ދޭ ލޯބީގެ ސަބަބުން އޭނާއަށް ރިވެތި އުސޫލުތައް ދަސްވެ، ނަޞޭހަތް ޤަބޫލުކޮށް، ތިބާ ދައްްކާ މަގުން ހިނގުމަށް ފަސޭހަވެގެންދެއެވެ.
(ނުނިމޭ)
_____________________________