[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެމެންގެ ދަރިން ނުކިޔަމަންތެރި ނުވުމަށްޓަކައި … (39)

ދަރިފުޅަށް ތިބާގެ ލޯބި އިޙުސާސްކުރުވާނީ ކިހިނެތް؟

– ދަރިފުޅު އުފަންވެގެން އަންނަނީ އެންމެންގެ ލޯބި ލިބިގެންނެވެ. ދަރިފުޅުގެ އެންމެ ޅަފަތުގައިވެސް، އެދަރިފުޅާ ވާހަކަ ދައްކައި އަޅާލާހަދާނެ މީހުންނަށް އެދަރިފުޅު ބޭނުންވެއެވެ. އަދި އެފަދަ މީހަކު ފެނުމުން އޭނާ އުފާވެ، ހިނިތުންވެއެވެ. ދަރިފުޅު ބަލަހައްޓައި އަޅާލާތީ ދަރިފުޅު އެމަންމަ ދެކެ ލޯބިވެ ވަފާތެރިވެއެވެ. އެހެންވީމާ، އެދަރިފުޅު ތިބާއަށް ފާޅުކުރާ ލޯބީގެ ބަދަލުގައި އެދަރިފުޅަށް ލޯތްބާއި އަޅާލުން ދޭށެވެ. އަދި އޭނާއާއި އެކު ވަގުތު ހޭދަކޮށް އެކަމުން އުފާ ލިބިގަންނާށެވެ. ދަރިންނަކީ ހިތަށް އުފާވެރިކަން ގެނުވާ ބައެކެވެ. އެހެންކަމުން އެދަރިފުޅު ތިބާއާއެކު އުޅޭ އުޅުމުން އުފާވެރިކަން ތިބާއަށް ލިބޭނެއެެެވެ. އަދި އޭނާ ބައެއް ކަންކަމުގައި ގެންގުޅޭ ވިސްނުން ފެނި ތިބާ ހެއްވާލާނެއެވެ.

– ދަރިފުޅަށް ތަޢުރީފުކުރުމަކީ ދަރިފުޅުގެ ހިތުގައި ލޯބީގެ އޮށް އިންދޭނެކަމެކެވެ. ތެދުވެރިކަމާއެކު ދަރިފުޅަށް ތައުރީފުކުރާށެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ޞަހާބީންނަށް ތަޢުރީފު ކުރެއްވެވި ގޮތަށެވެ. އެކަލޭގެފާނު ބިލާލުގެފާނުގެ އަޑުފުޅަށް ތަޢުރީފުކުރެއްވެވިއެވެ. އަބޫބަކުރުގެފާނުގެ ދީލަތިކަމަށް ތަޢުރީފުކުރެއްވެވިއެވެ. ޢުމަރުގެފާނުގެ ޝަޚުޞިއްޔަތަށް ތަޢުރީފުކުރެއްވެވިއެވެ. މިގޮތުން ދަރިފުޅުގެ ކިބައިގައި ހުރި ރަނގަޅު ސިފައަކާ ގުޅުވައި ދަރިފުޅަށް ލަޤަބެއް ދެވިދާނެއެވެ. ބައެއް ޞަޙާބީންނަށްވެސް އެކި ލަޤަބުތައް ދެވުނު ފަދައިންނެއެވެ. މިސާލަކަށް “ޙިބްރުލް އުއްމާ”، “ޒުއް ނޫރައިން”، “ސައިފުﷲ އަލްމަސްލޫލް” މިފަދަ ލަޤަބުތައް ޞަޙާބީންނަށް ދެވުނެވެ.

– ތިބާގެ ދަރިފުޅަށް އޯގާތެރިވާށެވެ. އޭނާއަށް ލޯބި ދޭށެވެ. ތަރުބިއްޔަތު ފަސާދަ ނުކޮށް، ލޯބި ދިނުމުގެ ނަމުގައި ދަރިފުޅު ހަލާކު ނުވާގޮތަށް، އޯގާތެރިކަމުން އޭނާގެ ހިތް ފުރާލާށެވެ. ތިބާގެ ކޮޓަރިއަށް ދަރިފުޅު ވަންނަ ކޮންމެ ފަހަރަކު، ނުވަތަ ތިބާ އޭނާގެ ކޮޓަރިއަށް ވަދެފައި އޯގާތެރިކަމާއެކު އޭނާގެ ބޮލުގައި ނުވަތަ ބުރަކަށީގައި ފިރުމާލާށެވެ. އޭނާގެ ޙާލު އަހާލާށެވެ. “ދަރިފުޅުގެ ޙާލު ކިހިނެތް؟ ދުވާލުގެ ކަންތައް ކިހިނެތް ކުރިއަށް ދަނީ؟ އެއްވެސް ކަމެއް ބޭނުންތަ؟ ކޮން އިރަކު ކާނީ؟”، މިފަދައިން ސުވާލުކޮށް ހެދުމުން ތިބާއާއި ދަރިފުޅާ ދެމެދު ކުލުނު އުފެދި، ގުޅުން ވަރުގަދަވާނެއެވެ.

ރޭގަނޑު ދަރިފުޅު ނިދުމުގެ ކުރިން އޭނާއަށް ބާއްޖަވެރި ރެއަކަށް އެދޭށެވެ. އަދި ހަމަހިމޭންކަމާއެކު ދަރިފުޅު ނިދަން ބާއްވާށެވެ. އޭނާ ތެދުވާ ގަޑީގައި އޭނާއަށް ހިނިތުންވެލާށެވެެ. އަދި ތެދުވެރިކަމާއި އެކު ބުނެލާށެވެ. “މަންމަ ދަރިފުޅު ވަރަށް މިސްވިއެވެ.” (މިއީ ވަރަށް ބޮޑު ތެދެކެވެ. އެއީ ދަރިން ނިދާފައި ތިބޭއިރު ކޮންމެ މަޔަކުވެސް އެދަރިން މަތިން ހަނދާންވާނެއެވެ! އެކުދިން ހޭލައި އުޅެންފެށުމުން، އެކުދިންގެ ހަޅޭކުގެ އަޑުގެ ސަބަބުންނާއި، އެދޭ ކަންކަން ގިނަ ކަމުގެ ސަބަބުން ރުޅިއަޔަސް މެއެވެ!) ދެން ދަރިފުޅާ މިފަދައިން ސުވާލުކުރާށެވެ. “އަރާމުކޮށް ނިދާލެވުނުތަ؟ ހުވަފުނުގަ ފެނުނީ ކޮންއެއްޗެއް؟” ހުވަފެނަކީ، އިންސާނާގެ ނަފްސު ބިރުގަންނަ ކަންކަމާއި، ނަފްސުގެ ސިއްރުތައް ދެނެގަނެވޭނެ އެއްޗެކެވެ. އެހެންކަމުން ދަރިފުޅުގެ ސިއްރުތަކާއި، އޭނާގެ ކަންބޮޑުވުންތައް މިފަދައިން ކުރެވޭ ސުވާލުތަކުން ލިބޭ ޖަވާބުތަކުން އެނގިގެންދާނެއެވެ.

 ސްކޫލަށް ދާ އުމުރުފުރާގެ ކުދިން ދެކެވާ ލޯބި އެކުދިންނަށް އިޙުސާސްކުރުވާނީ ކިހިނެތް ހެއްޔެވެ؟ ދަރިފުޅުގެ ހިތް ލޯބިން ފުރިފައިވާ ޙާލުގައި އެދަރިފުޅު ސްކޫލަށް ދާނެ ގޮތް ހަދާނީ ކިހިނެތް ހެއްޔެވެ؟ މި އުމުރުފުރާގެ ކުދިންނަށްވެސް އެކުދިން ދެކެ ތިބާވާ ލޯބި އިޙްސާސްކުރުވަން ހަމަ އެއް އުސްލޫބެއް ބޭނުންކުރެވިދާނެއެވެ. ތިރީގައި މިބަޔާންކުރަނީ އަޅުގަނޑުުގެ ޙަޔާތުގައި ތަންފީޒުކޮށް ތަޖުރިބާކޮށްފައިވާ ކާމިޔާބު އުކުޅުތަކެކެވެ:

ދަރިފުޅު އުފާވެރި މިޒާޖުގައި ހުރުމަށާއި، އަދި ރިވެތި އަޚުލާޤުގައި ހުރުމަށް ހަމަ ނިދި ލިބުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެހެންކަމުން، ދަރިފުޅަށް ހަމަ ނިދި ލިއްބައިދޭށެވެ. ދަރިފުޅު ހެނދުނު ހޭލައްވާއިރު، އޯގާތެރިކަމާއި މަޑުމައިތިރިކަމާއިއެކު ހޭލައްވާށެވެ. އަދި ދަރިފުޅު ނިދިއައިސްފައި ހުންނަ ވަގުތުތައް ދެނެގަނެ، ނިދިން ހޭލެވި ރަނގަޅަށް ހަމަޖެހެންދެން ކެތްތެރިވާށެވެ. ތިބާ ދަރިފުޅާ މުޚާޠަބުކުރުމަށް ބޭނުންކުރާ ލަފުޒުތަކާމެދު ސަމާލުވާށެވެ. އޭގެއިން އެދަރިފުޅަށް ކުރާނެ އަސަރާމެދުވެސް މެއެވެ. ކޮންމެ ދުވަހެއްގައި ދަރިފުޅު ހޭލެއްވުމަށް ތަފާތު އުކުޅުތައް ބޭނުންކުރެވޭތޯ ބަލާށެވެ. (ބައެއް ދުވަސް ދުވަހު އެލާމް ގަޑީގެ އަޑަށް ހޭލައްވާށެވެ. އަނެއް ބައި ދުވަހު ދަރިފުޅު ގައިގައި ކުޑަކޮށް ތަޅުވާލައިގެންނެވެ. އަނެއް ބައި ދުވަސް ދުވަހު ދަރިފުޅުގެ މޫނުގައި ފެންފޮދެއް ހާކާލައިގެންނެވެ.) ކޮންމެ ދުވަހަކު އެއް އިބާރާތްތަކެއް ބޭނުންކުރުމުގެ ބަދަލުގައި ތަފާތު އިބާރާތްތައް ބޭނުންކުރާށެވެ. އެނޫނީ އަބަދު އެއް އިބާރާތްތަކެއް އިވިއިވި ދަރިފުޅަށް އެއިން އުނދަގޫވެ އެބުނާ ކަންކަން ކުރުމުން ދުރުހެލިވާން އުޅެފާނެއެވެ.

ދަރިފުޅުގެ ނިދި ނަގާލަން ޖެހުމުން ދެރަވާ ވާހަކަ ބުނެލާށެވެ. އެހެންނަމަވެސް ސްކޫލަށް ދާންޖެހޭނެކަން ބުނާށެވެ. ހެނދުނު ގަޑީގައި، ކުދިންނަށް ނިދިން ހޭލަން އުނދަގޫވެ، ލަސްލަހުން ސްކޫލަށް ދާން ތައްޔާރުވެއެވެ. ފާޚާނާއަށް ދާއިރު ދާނީ ވެއްޓެމުންކަހަލަ ގޮތަކަށެވެ. ފާޚާނާއިން ނުކުންނާނީ ބުރަހެލިކަމާއެކުއެވެ. މިފަދަ ޙާލަތްތަކުގައި، ދަރިފުޅަށް ޔުނިފޯމް ލައްވަން އެހީތެރިވެދީ، ގަމީހުގެ ގޮށް އަޅުވަން އެހީވެ ދިނުމުގައި މައްސަލައެއް ނެތެވެ. ދަރިފުޅު ހުރިހާ ކަމެއް ނިމި، ތައްޔާރުވެ، ޔުނިފޯމު ލައި، ކިރުތަށި ބޮއި ނިމިގެން ވަގުތު އޮވެއްޖެނަަމަ، ތިބާ ދަރިފުޅާ ވާހަކަ ދައްކާލާށެވެ. އެއީ އޭނާގެ ސިކުނޑި ތާޒާކޮށްލުމަށެވެ. އަދި ދަރިފުޅަށް ހިތްވަރުދީ، އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުކުރުމަށެވެ.

ދަރިފުޅު ސްކޫލަށް ދާން ނުކުންނަ ވަގުތު ދޮރާށި ކައިރިއަށް ގޮސް ދަރިފުޅާ ސަލާމްކޮށްލާށެވެ. އަދި ދަރިފުޅަށް ބޮސްދީ ހިނިތުންވެލާށެވެ. އަދި ޓާާޓާ ކިޔާލާށެވެ. އަދި ދަރިފުޅަށް ބާއްޖަވެރި ދުވަހަކަށް އެދި އެވާހަކަ ބުނާށެވެ. އަދި ދަރިފުޅަށް ހެޔޮ ދުޢާކޮށްދީ، ދަރިފުޅު ﷲގެ ރައްކާތެރިކަމުގެ ދަށުގައި ލެހެއްޓެވުމަށް އެދި ދުޢާ ކޮށްލާށެވެ. ދަރިފުޅު ސްކޫލުން ނުވަތަ އެހެން ތަނަކުން އެނބުރި ގެއަށް އަންނަ ވަގުތު ޖެހިއްޖެނަމަ، މެހެމާނަކަށް އިންތިޒާރު ކުރާ ފަދައިންް އެދަރިފުޅު އިސްތިޤްބާލުގައި ހުންނާށެވެ. ދަރިފުޅަށް ދޮރު ހުޅުވައިދޭށެވެ. އަދި އެންމެ ފުރިހަމަ ގޮތުގައި އެދަރިފުޅަށް މަރުހަބާ ކިޔާށެވެ. ދަރިފުޅު ނުފެނި އެތައް ދުވަހެއް ހޭދަ ވެއްޖެކަމަށް އިޙުސާސްވާ ގޮތަށެވެ. އަދި ބުނާށެވެ. “މަރުހަބާ، އަވަހަށް އާދޭ.” އަދި ދަރިފުޅާ ސަލާމްކޮށް ދަރިފުޅަށް ބޮސްދޭށެވެ. ދަރިފުޅު ގެއަށް ވަދެ ނިމުމުން ބުނާށެވެ. “ދަރިފުޅު ވަރަށް މިސްވި. ދަރިފުޅު ނެތުމުގެ އިޙުސާސްކުރެވުނު” ބައެއް ފަހަރު ދަރިފުޅާ ސަމާސަ ކޮށްލުމަށްޓަކައި، ދަރިފުޅު ނެތުމުން ގޭތެރެ ވަރަށް އަޑުމަޑުކަމަށާއި، ގޭތެރެ އޮތީ ވަރަށް ތަރުތީބުކޮށް އަދި ސާފުކޮށްކަމަށް ބުނެވިދާނެއެވެ.

މެންދުރު ނުވަތަ ރޭގަނޑު ކާގަޑިއަކީ އާއިލާ އެއްމެން އެއްތަނަކަށް އެއްވެ، ވާހަކަ ދައްކާލަން ލިބޭ ރަނުގެ ފުރުސަތެކެވެ. މިގޮތަށް ވާހަކަ ދައްކާ ހަދާލުމުން މަންމައަށް، ދަރިންގެ ދުވަހުގެ ކަންތައް ހިނގައި ދިޔަ ގޮތް އެނގިގެންދާނެއެވެ. އެކުދިންނަށް ދިމާވި އުނދަގޫތަކާއި، އެކުދިންނަށް ތަޖުރިބާކުރެވުނު އުފާވެރިި ކަންކަން އެނގިގެންދާނެއެވެ. މިއީ އެކުދިންނާއި ގާތްގުޅުމެއް އުފެދި ލޯބި އުފެދޭނެ ކަމެކެވެ. ތިބާގެ ހުރިހާ ހިއްސުތަކެއް ހާޒިރުކޮށްގެން ހުރެ ދަރިފުޅު ދައްކާ ވާހަކަ ކަނުލައި އަޑުއަހާށެވެ. އަދި އޭނާގެ އިޙުސާސްތަކަށާއި ފިކުރުތަކަށް އަންނަ ބަދަލު ރަގަޅަށް ބަލާށެވެ. ކޮންމެ ދުވަހަކުވެސް ދަރިފުޅުގެ ހިތުން ތިބާއަށް ޖާގައެއް ހޯދާށެވެ.

ތިބާ ދަރިފުޅުގެ ޙާލު އަޙުވާލު އަހާލާށެވެ. އޭނައާ ކުރިމަތިވި ކަންތަކަކީ ކޮބައިތޯ އަހާށެވެ. އޭނާގެ ދުވަހުގައި ދިމާވި އުފާވާ ކަންކަމަކީ ކޮބައިތޯ އާއި ދެރަވި ނުވަތަ ކަންބޮޑުވި ކަންކަމަކީ ކޮބައިތޯ އަހާލާށެވެ. އެއަށްފަހު، އޭނާއަށް ހަމަޖެހިގެން ވާހަކަ ދައްކަން ފުރުޞަތު ދޭށެވެ. އޭނާގެ ލޮލަށް ބަލަަމުން އޭނާ ދައްކާ ވާހަކައާއި އެއްބައިވަމުން ދާށެވެ. އޭނާއަށް ކުރިމަތިވިި ކަންކަމަށް އަދި އޭނާގެ ތަޖުރިބާތަކަށް އަހައްމިއްޔަތުކަން ދޭށެވެ. އޭނާއަށް ދެރަކަމެއް މެދުވެރިވުމުން އެކަމާ ހިތާމަކުރާކަން ފާޅުކުރާށެވެ. އަދި އުފާވެރިކަމެއް ދިމާވުމުން އެކަމާއި އުފާކުރާށެވެ. އޭނާގެ ކާމިޔާބީއާއި މެދު ފަޚުރުވެރިވާށެވެ. އޭނާ ކިޔައިދޭ ޖޯކުތަކަށް ހޭށެވެ. މިހުރިހާ ކަމެއް ކުރަމުން، އޭނާއަށް ލަފާދޭންޖެހޭ ކަމެއްގައި ލަފާ ދިނުމާއި، ރަނގަޅު ކުރަންޖެހޭ ކަމެއްގެ ވާހަކަ ބުނުމަކުން މައްސަލައެއް ނެތެވެ. އަދި އެއީ ލޯބި ނުވާކަން ދައްކައިދޭ ކަމެއްވެސް ނޫނެވެ. ވީމާ މިފަދައިން ވާހަކަތައް ދެކެވޭ ވަގުތުތަކުގައިވެސް، ދަރިފުޅަށް ނަޞޭޙަތްދީ، ރަގަޅު މަގަށް މަގުދައްކައިދޭޭށެވެ. މިގޮތަށް ކަންކުރުމަށް ބިރުގަނެ، ފަސް ނުޖެހޭށެވެ.

ދުވާލުގެ ވަގުތުތަކުގައި، ދަރިފުޅު އުޅޭ ނޫޅޭ ގޮތް ބަލާލާށެވެ. އަދި އޭނާއާއެކު އޭނާ ކުރާ ކަމެއްކުރުމުގައި ބައިވެރިވެލާށެވެ. އޭނާއަށް މޭވާ ކޮޅެއް ނުވަތަ ޖޫސްތައްޓެއް ނަމަވެސް ދޭށެވެ. ނުވަތަ ޖޯކެއް ކިޔާލަދޭށެވެ. ނުވަތަ ހަދިޔާއެއް ދޭށެވެ. ދަރިފުޅުގެ ކޮޓަރިއަށް ވަންނަ ވަގުތެއްގައި އޭނާ ކަމެއްގައި މަޝްޣޫލުވެފައި ހުރި ނަމަ، އޭނާގެ ބޮލުގައި ނުވަތަ ބުރަކަށީގައި ފިރުމާލާށެވެ. އޭނާ ކުރާކަމެއްގެ ވާހަކަ ތިބާއާއި ޙިއްސާކޮށްފިނަމަ، އެއަށް ކަނުލައި އަޑުއަހާށެވެ.

ދަރިފުޅު ނިދުމުގެ ކުރިން އޭނާއާއެކު، އޭނާގެ ކޮޓަރީގައި ނުވަތަ އެނދުގައި ކުޑަ ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. ދަރިފުޅަކީ ވަރަށް ހިކި ކުއްޖެއްނަމަ، ތިބާގެ ކޮނޑުމަތީގައި ބަހައްޓައިގެން އޯގާތެރިކަމާއި ލޯތްބާއެކު ވާހަކަދައްކާށެވެ. އަދި އޭނާއާއެކު މަޖާކޮށްލާ، ނިދުމުގެ ކުރިން ވާހަކައެއް ކިޔައި ދޭށެވެ. ނުވަތަ އޭނާއާއި އެކު ޖެހިގެން އަންނަ ދުވަހުުގެ ޕްރޮގްރާމް ރާވާލާށެވެ. ނުވަތަ ހަފްތާ ބަންދު ހޭދަކުރާނެ ގޮތާއި މެދު މަޝްވަރާކޮށްލާށެވެ.

 ދަރިފުޅު ބަލިވެއްޖެނަމަ، އޭނާއަަށް އޯގާތެރިވާ މިންވަރު އިތުރުކޮށްލާށެވެ. ބަލިން ފަސޭހަަަންދެން އޭނާއަށް ބޮޑަށް އަޅާލުން ދޭށެވެ. ދަރިފުޅު ދާއިމީ ބައްޔެއް ތަޙައްމަލުކުރަމުން ދާނަމަ، އޭނާއަކީ އެހެން މީހުންނަށްވުރެ ޚާއްސަ މީހެއްގެ ގޮތުގައި މުޢާމަލާތްކުރާށެވެ. އެއީ އޭނާއަށް އެއްވެސް ކަމެއް އުނިވާ ކަމުގެ އިޙްސާސްވެވިޔަ ނުދިނުމަށާއި، ކުރިމަތިވާ ދަތިތަކާއި ކުރިމަތިލުމަށް ހިތްވަރަކަށް ވުމަށްޓަކައެވެ.

ކުޑަކުދިން ގިނަ ވަގުތު ކުޅުމުގައި ނޫނީ އެކަނި ކުޅެން ވަގުތު ހޭދަކުރެއެވެ. ނޫނީ އަނެއް ބައި ވަގުތުތަކުގައި އޭނާ ހުންނާނީ ނިދި އައިސް ނޫނީ ވަރުބަލިވެފައެވެ. މިފަދަ ވަގުތުތަކަކީ ލޯބީގެ މެސެޖުތައް ލިބިގަންނަން އެންމެ އެކަށޭނަ ވަގުތުތަކަކަށް ނުވެދާނެއެވެ. އަދި ތިބާ ލޯބިން ބަހެއް ބުނެލިއަސް ނުވަތަ ކަމެއް ކޮށްލިއަސް، އޭގެ ބަދަލުގައި އިދިކޮޅު ރައްދު ލިބިގެން ހިނގައިދާނެއެވެ. އެހެންކަމުން، މިފަދަ ވަގުތުތައް ދެނެގަނެ އޭނާއި ކުޑަކޮށް އެކަހެރިވެލާށެވެ. އެއަށްފަހު އޭނާއާއި ވާހަކަ ދައްކަން މުނާސަބު ވަގުތު ހޯދާށެވެ.

ކޮންމެ ދުވަހަކު ދަރިފުޅު ކުރާ ކަންކަމާބެހޭ ގޮތުންނާއި، އޭނާ ބިޒީވާ ކަންކަމާބެހޭ ގޮތުން ސުވާލުކުރާށެވެ. އޭނާގެ ކުޑަ ދުނިޔޭގައި އޭނާއާއެކު އުޅެލާށެވެ. އޭނާ ޙާސިލުކުރާ ކަންކަމަށް ތަޢުރީފުކުރާށެވެ. އޭނާގެ ރީތި އުޅުމަށް ތަޢުރީފުކޮށް، އެގޮތުގައި ހުރުމަށް ހިތްވަރު ދޭށެވެ. މިގޮތަށް ކަންތައް ކުރުމުން، އޭނާ ގަޔާވެ ދާނެއެވެ. ނުވަތަ ގަޔާ ނުވެވެސް ހިނގައިދާނެއެވެ. އެހެންކަމުން، އޭނާގެ ޖަވާބުތައް ހުންނަ ގޮތަކަށް އެބަލައިގަންނާށެވެ. އަދި މާބޮޑަށް ވާހަކަ ދައްކުވަން ގަދަކަމުން މަސައްކަތް ނުކުރާށެވެ. ދަރިފުޅު ކަމެއްގައި ބިޒީވެ، ނުވަތަ ކަމެއްގެ ތެރެއަށް ގެއްލިފައި ހުންނަ ވަގުތުތަކުގައި އޭނާގެ  އަމިއްލަވަންތަކަމަށް އިޙްތިރާމްކުރާށެވެ. އަދި އޭނާގެ މަސައްކަތްކުރުމުގައި ދޫކޮށްލާށެވެ. އެއަށްފަހު، އޭނާއާއި ވާހަކަ ދައްކާލުމަށް އެކަށޭނަ ފުރުޞަތެއް ހޯދާށެވެ. ސަބަބަކީ މައިންބަފައިން މިތިބެނީ ދަރިންގެ ރަޙުމަތުގެ ދަށުގައެވެ. އެކުދިން އަޅުގަނޑުމެންނަށް ބޭނުންޖެހިއްޖެނަމަ، އެކުދިންނަށް ވަގުތު ދިނުން ނޫން ގޮތެއް އަޅުގަނޑުމެންނަކަށް ނޯވެއެވެ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް އެކުދިންނަށްޓަކައި މުނާސަބު ނޫން ވަގުތެއް ހުސްކުރެވިއްޖެނަމަ، އެއިން ކުރާނެ ފައިދާއެއް ނޯންނާނެއެވެ. އެއީ އެކުދިންނަށްވެސް އެވާނީ ބުރައަކަށެވެ!

ދަރިފުޅު ތިބާގެ އޯގާތެރިކަމާއި، ވަގުތަށް އެދިގެން އަތުވެއްޖެނަމަ، ނުވަތަ ތިބާގެ ޚިޔާލު ހޯދާލަން އައިސްފިނަމަ، ނުވަތަ އެހީ އަކަށް އެދިގެން އައިސްފިނަމަ، އެހެން ހުރިހާ ކަމެއް ދޫކޮށްލާފައި، އެދަރިފުޅަށް ސަމާލުކަން ދޭށެވެ. (އެއީ ތިބާ ކިތަންމެ ބިޒީ ވިއަސްމެއެވެ.) ދަރިފުޅު އަމިއްލައަށް އެދިގެން ތިބާގެ ކައިރިއަށް އަންނަ ވަގުތުތަކުގައި، ތިބާއަށް އިތުރު ޚިޔާރެއް ނޯންނާނެއެވެ. ތިބާއަށް އޮތީ އޭނާއަށް ސަމާލުކަންދީ، އޭނާގެ އެދޭކަމެއް   ފުރިހަމަ ކޮށްދިނުމެވެ. ދަރިފުޅަށް ތިބާގެ ބޭނުންޖެހޭ ވަގުތުތަކުގައި، ތިބާ އޭނާއަށްޓަކައި ހުންނަންޖެހޭނެއެވެ. އަދި ތިބާގެ ލޯތްބާއި، ތިބާ އޭނާއަށް ދޭ އަހައްމިއްޔަތުކަން އޭނާއަށް އިޙްސާސްވާންޖެހޭނެއެވެ. އެހެންނޫންނަމަ، އެދަރިފުޅު ދެކެ ވާލޯބި އިޙްސާސްކޮށްދީ، ތިދެމެދުގައިވާ އިތުބާރު ވަރުގަދަކުރަން ލިބޭ ރަނުގެ ފުރުސަތެއް ބޭކާރުވެގެންދާނީއެވެ. މިގޮތަށް ދަރިފުޅު އަމިއްލައަށް އަންނަ ވަގުތުތަކުގައި އެދަރިފުޅަށް ސަމާލުކަން ނުދެވޭ ފަހަރު ގިނަވެއްޖެނަމަ، ތިދެމެދުގައިވާ ލޯތްބަށް އަސަރުކުރާނެއެވެ. އަދި އޭނާއާއި އޮންނަ ގުޅުން ހީނަރުވެގެންދާނެއެވެ.

ތިބާގެ ކައިރިއަށް ދަރިފުޅު އަމިއްލައަށް ވާހަކަދައްކަން އައިސްފިނަމަ، ތިބާ އޭނާ ދައްކާ ވާހަކަ ކަނުލައި އަޑުއަހާށެވެ. އަދި އޭނާ ކިޔާ އެއްޗެއް ދެނެގަންނަން މަސައްކަތްކުރާށެވެ. ތިބާ މަސައްކަތެއްގައި މަޝްޣޫލުވެގެން ހުރި ގަޑިއެއް ނަމަވެސް، މަންމަ މަސައްކަތްކޮށް ނިމުުނީމަ ފަހުން ވާހަކަ ދައްކާނީ އޭ ބުނެ އޭނާ ފޮނުވާ ނުލާށެވެ. ސަބަބަކީ ފަހުން ތިބާ އޭނާގެ ގާތަށް ދާއިރު، އޭނާ ވާހަކަ ދައްކާ ހިތް ކެނޑިފައި ހުރެދާނެއެވެ. އަދި އޭނާ ކުޅުމުގައި މަޝްޣޫލުވެ ހުރެދާނެއެވެ. ނޫންނަމަ އޭނާ އަމިއްލައަށް ބޭނުންވެގެން ވާހަކަ ދައްކަން އައި ވަގުތެކޭ އެއްފަދައިން އެހެންވަގުތެއްގައި ތިބާއަށް މާބޮޑު އިޖާބައެއް ނުދޭނެއެވެ. އެއީ ފުރަތަމަ، އޭނާގެ ވާހަކަ ދައްކާނީ ފަރިތަކޮށް،އެއްވެސް މަޖުބޫރުކަމެއް ނެތިއެވެ. (އެއީ އޭނާ ވާހަކަ ދައްކަނީ އޭނާ އަމިއްލައަށް ބޭނުންވެެގެން، އެކަމަށް ދުރާލައި ވިސްނައިގެން ކަމުގައިވާތީއެވެ.) އޭނާ މިފަދައިން އަންނަ ވަގުތުގައި އިތުރު ތަފްސީލުދީ ހަދާނެއެވެ. އެހެންނަމަވެސް، ތިބާ އޭނާގެ ވާހަކަ މަޑުޖައްސާލައި ފަސްކުރުވައިފިނަމަ، އޭނާ ދައްކަން އުޅުނު ވާހަކަ މަތިން ހަނދާންވެސް ނެތިދާނެއެވެ. ނުވަތަ އެއްބައި އުނި ވެދާނެއެވެ. އެހެންކަމުން، ދަރިފުޅު ވާހަކަދައްކަން ބޭނުންވާ ވަގުތު އޭނާއަށް ވާހަކަ ދައްކަން ފުރުޞަތު ދޭށެވެ. ދަރިފުޅު ދައްކަން އުޅެނީ މުހިއްމު ވާހަކައެއްކަން ނުވަތަ ބޭކާރު ވާހަކައެއްކަން، މަންމައަށް ދެނެގަންނަން ފަސޭހަވާނެއެވެ. އޭނާ ދައްކަން އައީ މުހިއްމު ވާހަކަ އެއް ކަމުގައި ވާނަމަ، އެފަސް ނުކުރާށެވެ. އަދި އޭނާއަށް ވާހަކަ ދައްކަން ފުރުޞަތު ދޭށެވެ. އޭނާ ދައްކާ ވާހަކައަށް ކަނުލައި އަޑުއަހާށެވެ. ތިބާގެ ލޮލާއި ކަންފަތުން އޭނާއަށް ސަމާލުކަންދޭށެވެ. އޭނާގެ ޝައުޤުވެރިކަން އިތުރުކުރުމަށްޓަކައި އޭނާ ދައްކާ ވާހަކައާ ގުޅުވައިގެން ސުވާލުވެސް ކުރާށެވެ. އޭނާ ދައްކާ ވާހަކައިން ތިބާއަށް އުފާވެރިކަން ލިބޭކަމާއި، އަދި އޭނާއާއި އެކީ ވަގުތު ހޭދަކުރެވޭތީ އުފާވާކަން ފާޅުކުރާށެވެ.

ޚުލާސާއަކީ، ތިބާ ތިބާގެ ދަރިފުޅާއި މެދު އިހުމާލު ނުވާށެވެ. އެނޫނީ އޭނާ ތިބާއާއި ދުރުވެ އެކަނި ވަގުތު ހޭދަކުރަން ފަށާނެއެވެ. ދަރިފުޅުގެ ދަތިއުނދަގުލާއި، ވޭނުގައި އަދި އުއްމީދުގައި (ތިބާދޭ ލޯބިންނާއި، ނަޞޭހަތުން) އޭނާއާއި އެކު ވާށެވެ. އެއީ އޭނާއަށް، އެފަދަ ވަގުތުތަކުގައި މަދަދާއި އެހީ ފޯރުކޮށްދޭނެ ބަޔަކުވާކަމާއި، ދަތި އުނދަގޫ ވަގުތުތަކުގައި ހިތްވަރުދޭނެ ބަޔަކު ވާނެކަން އިޙްސާސްވެގެންދާނެއެވެ. އޭރުން، އޭނާގެ ޅަގޮތްތައް ދޫކޮށް، އޭނާއަށް ލިބިފައިވާ ހުނަރުތަކުގެ ބޭނުންކޮށް، އޭނާގެ ޝަޚްސިއްޔަތު ބިނާކޮށް، ޤާބިލް ފިރިހެނަކަށް ވުމަށް މަގުފަހިވެގެންދާނެއެވެ.

ދަރިފުޅު، ތިބާ ބުނާ ގޮތެއް ނެހެދުމުގެ ސަބަބުން ،ތިބާ އޭނާއަށް ނަޞޭހަތްދީ ހެދުމުން ދަރިފުޅު ތިބާގެ ކިބައިން މާފަށް އެދުމުން އޭނާ ކައިރީ މިފަދައިން ބުނާށެވެ. “ދަރިފުޅު ތިގޮތަށް މާފަށް އެދުމުން މަންމަ ވަރަށް އުފާވެއްޖެއެވެ. އަދި ދަރިފުޅުގެ އުޅުން ކޮންމެ ގޮތަކަށް ހުއްޓަސް މަންމަ ދަރިފުޅު ދެކެ ލޯބިވެއެވެ. އެހެން އެއްވެސް ކުއްޖަކަށް ދަރިފުޅުގެ މަޤާމް ނުލިބޭނެއެވެ. މަންމަ ހަމައެކަނި ބޭނުންވަނީ ދަރިފުޅު އިސްލާޙުވުމެވެ.”

*******************

(ނުނިމޭ)

_____________________________

މި ލިޔުމުގެ އިތުރު ލިޔުންތައް ބެއްލެވުމަށް ފިއްތަވާލައްވާ!