[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެމެންގެ ދަރިން ނުކިޔަމަންތެރި ނުވުމަށްޓަކައި … (40)

ދަރިންދެކެ ލޯބިވުމުގެ ޙަޤީޤީ މާނަ އޮޅުވާ ނުލާށެވެ.

ގިނަ ކުދިންނަށް އެކުދިންގެ މައިންބަފައިންގެ ހިތާމަތަކާއި، އެމީހުންގެ ގައިގައި އަޅާ ވޭނާއި އުފުލާ ބުރައިގެ އިޙުސާސް ނުކުރެވެވެ. އެކުދިން ދެކޭ ގޮތުގައި އެކުދިންގެ ޙައްޤުގައި މައިންބަފައިން ވަމުންދާ ޤުރުބާނީއަކީ އެމީހުންގެ ވާޖިބެވެ. އަދި އެވާޖިބު އަދާ ނުކޮށްފިނަމަ އެމީހުން ދަރިންނަށް އިހުމާލުވީއެވެ! މިއީ ވަރަށް ގޯސް ވިސްނުމެކެވެ. އެހެންކަމުން، ތިބާގެ ދަރިފުޅު މިފަދަ ވިސްނުންތަކާއި ދުރުކުރާށެވެ. ތިބާގެ ދަރިފުޅު ފަސާދަވެގެން ނުދިއުމަށްޓަކައި މިފަދައިން ކަންތައް ކުރާށެވެ:

– ތިބާ ދަރިފުޅު ދެކެ ވާ ލޯބީގެ ބަދަލު ލޯބިން ދިނުމަށް އެދޭށެވެ. ދަރިފުޅުގެ ޙާލު ބައެއްފަހަރު އަހާ ގޮތަށް އަނެއްބައި ފަހަރު ދަރިފުޅުވެސް ތިބާގެ ޙާލު އަހައި، ތިބާގެ އިޙްސާސްތައް ހުރީ ކިހިނެތްތޯ ދެނެގަންނާށެވެ. (މިއީ ދަރިފުޅު މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި ދުރުހެލިވުމަށް މެދުވެރިވާނެ ކަމެކެވެ. އަދި ދަރިފުޅަކީ ޞާލިޙް ދަރިއަކަށް ވެގެން ދިއުމަށް މަގުފަހިވާނެ ކަމެކެވެ). ތިބާ ކަމަކާ ދެރަވެއްޖެނަމަ، އެކަމެއް ދަރިފުޅަށް އަންގާށެވެ. (މިސާލަކަށް، ތިބާގެ ރަޙްމަތްތެރިއަކު ބަލިވީއެވެ. ނުވަތަ ގާތް މީހަކު އޮޕަރޭޝަނެއް ކުރަނީއެވެ.) މިފަދަ  ކަމެއް ކުރިމަތިވުމުން ތިބާގެ އުޅުމަށް އައި ބަދަލު ފާޅުކުރާށެވެ. އަދި ދަރިފުޅާ ކުރެވޭ މުޢާމަލާތް މަދުކޮށް، ތިބާގެ ހިތުގައި އަޅާ ވޭން ފާޅުކުރާށެވެ. ދަރިފުޅު ތިބާއަށް ހަމްދަރުދީ ފާޅުކޮށްފިނަމަ، އެކަން ބަލައިގަނެ، ދަރިފުޅަށް ޝުކުރު އަދާކުރާށެވެ. އަދި ތިބާއަށް ކޮށްފައިވާ އަސަރު ދޭހަވާނެ ފަދައިން ބުނާށެވެ. “މިއަދު މަންމައަށް ދަރިފުޅުގެ ކަންކަމަށް މާބޮޑަށް ސަމާލުކަންދީ ނެހެދޭނެއެވެ. މަންމައަށް މިއުޅެނީ ބޮޑު ކަމެއް ދިމާވެގެންނެވެ. އެމައްސަލަ ޙައްލުކުރަން މަންމަ އެބަ މަސައްކަތްކުރަމެވެ.” މިވަރުންވެސް ދަރިފުޅު ތިބާއާމެދު އަޅާ ނުލާނަމަ، ތިބާއާމެދު ދަރިފުޅުގެ ހިތުގައިވާ އިޙްސާސްތައް މުރާޖަޢާކުރަންޖެހެއެވެ. އިންސާނާގެ ހިތުގައި ޝުކުރުވެރިކަމުގެ އިޙްސާސް އުފެދިގެން އަންނަނީ އުފާވެރިކަމުގެ ވަގުތުގައެވެ. އަދި އެޘާބިތުވެގެންދަނީ އެކަކު އަނެކަކާ ވާހަކަދައްކައި އިޙުސާސްތައް ފާޅުކުރުމުންނެވެ.

-ދަރިފުޅަށް، ތިބާ އެދަރިފުޅަށްޓަކައި ވަމުންދާ ޤުރުބާނީތައް ކިޔައިދޭށެވެ. އާއިލާ އެންމެން އެކީ ވަގުތު ހޭދަކުރާ ވަގުތުތަކުގައާއި، އެކިއެކި ވާހަކަ ދެކެވޭ ވަގުތުތަކުގައި، ތިބާއަށް ތަޖުރިބާކުރެވިފައިވާ ކަންކަމުގެ ވާހަކަ ކިޔައިދޭށެވެ. މިސާލެއްގެ ގޮތުން އަޅުގަނޑުގެ ތަޖުރިބާ ޙިއްސާކޮށްލާނަމެވެ. އެއްފަހަރެއްގައި އަޅުގަނޑުގެ ދަރިފުޅު ބަލިވިއެވެ. އެހެންވެ އެއްރޭ ދަންވަރު ތިނެއް ޖެހިއިރު އޭނާ އަށް ހޭލެވިގެން އަޅުގަނޑަށް ގޮވިއެވެ. އަޅުގަނޑު ތެދުުވެ، ދަރިފުޅަށް އެހީތެރިވެ އޭނާއަށް އަޅާލުމުގައި ހޭލާ ހުރީމެވެ. ޖެހިގެން އައި ދުވަހު، އަޅުގަނޑު އޭނާ ކައިރީ ބުނީމެވެ. “މަންމަ ދަރިފުޅާމެދު ކަންބޮޑުވި ވަރު ދަރިފުޅަށް އެނގޭނެ ނަމައެވެ. ދަރިފުޅު ބަނޑުގައި ރިއްސާތީ މަންމައަށް ގޮވިއިރު މަންމަ އޮތީ ހަމަ ނިދި ރަނގަޅަށް ނުލިބޭތާ ދެތިން ރޭ ވީމަ، ވަރަށް ފުން ނިންޖެއްގައެވެ. އެހެންނަމަވެސް، ދަރިފުޅު އޮތް ހާލު ފެނުމުން މަންމަގެ ލޮލުން ނިދީގެ އަސަރު އެއްކޮށްފިލިއެވެ. އެހެންވެ، މަންމަ ތެދުވެ ދަރިފުޅަށް ބޭސްދީ، ދަރިފުޅުގެ ޙާލު ރަގަޅުވެ ނިދެންދެން ދަރިފުޅު ކައިރީ ހުރީމެވެ. އެއަށްފަހު، މަންމައަށް ޖެހުނީ އިތުރަށް ނުނިދައި، މަންމަ ދާންޖެހޭ ބައްދަލުވުމަކަށް ދާށެވެ. މިހާރު މަންމަ މިހުރީ ވަރަށް ބޮޑަށް ނިދި އައިސްފައެވެ. ދަރިފުޅުގެ ޙާލު ރަގަޅު ކަން ޔަޤީންވީމަ މަންމަ ނިދާލަން ދާނީއެވެ.”… ދަރިފުޅުގެ ޙައްޤުގައި ތިބާ ވަމުން ދާ ޤުރުބާނީ ގެ ވާހަކަ ބުނެދޭށެވެ. (އެހެންނަމަވެސް، ކަލަ ގޮވުމާއި، ދަށްކޮށް ނިކަމެތިކޮށް ހެދުމަކާއި ނުލައެވެ). މިވާހަކަތައް ބަޔާންކޮށްދޭނީ އަސަރާއެކު، ވީހާވެސް ސާދާ ގޮތަކަށެވެ. ދަރިފުޅަށްޓަކައި ތިބާ ވަމުންދާ ޤުރުބާނީގެ އިޙުސާސް އެދަރިފުޅަށް އިޙްސާސްކޮށްދޭށެވެ. ދަރިފުޅަށްޓަކައި މަންމަކޮށް ދޭ ކަންކަމަކީ، ﷲ އެމައިމީހާގެ މައްޗަށް ފަރުޟުކުރައްވާފައިވާ ވަރަށް ވުރެ ވެސް އިތުރުކަންކަމެވެ. މައިމީހާގެ ވަޒީފާގެ ތެރޭގައި ހިމެނޭ ކަންކަމުގެ އިތުރަށް އެތައް ކަމެއް އޭނާ ކޮށްދެއެވެ. ދަރިފުޅަކީ އެމައިމީހާގެ ދިރިހުރުމުގެ ހުޅުކޮޅެވެ. އޭނާގެ އެެއްމެ ބޮޑު އުއްމީދެވެ. ދަރިފުޅަށް ދަތިކަމެއް ދިމާވެއްޖެނަމަ، ރޭގަނޑު ހޭލާހުރެއެވެ. ބަލިވެއްޖެނަމަ އެކަމާ ހިތާމަކުރެއެވެ. ދަރިފުޅާއެކު މަންމަ ބަލިވެއްޖެނަމަ، އަމިއްލަ ނަފްސަށް އިހުމާލުވެ ދަރިފުޅުގެ ކަންކަން ކޮށްދީ ހަދައެވެ. މަންމައަކީ ފަޤީރެއް ނަމަ، މަންމަ ނުކައި ހުރެ ދަރިންނަށް ކާންދެއެވެ. މަންމަ އެދޭ ކަންކަމާއި ދަރިފުޅު އެދޭ ކަންކަމާއި ފުށު އަރާ ވަގުތުތަކުގައި، ތިމާ އެދޭ ކަންކަމުގެ މައްޗަށް ދަރިފުޅު އެދޭ ކަންކަން އިސްކުރެއެވެ. މިހުރިހާ ކަމަކީ މަންމަ ކޮށްދޭ ހެޔޮކަންކަމެވެ. އެހެންކަމުން، މިހެޔޮ ކަމަށް ޝުކުރުވެރިވެ، މަންމަ އެވާ ޤުރުބާނީތަކުން ބައެއް ކަންކަން ލުއިކޮށް ދިނުމަކީ ދަރިފުޅު ކުރަންޖެހޭ ކަމެއް ނޫން ބާއެވެ؟

އެހެންކަމުން، ދަަރިފުޅު ކައިރީ ބައެއް ފަހަރު ބުނާށެވެ. “މަންމަ މިހުރީ ވަރަށް ވަރުބަލިވެފައެވެ. އެހެންނަމަވެސް، މަންމަ ދަރިފުޅަށް ފިލާވަޅު ބުނެދޭނަމެވެ.” އަނެއް ބައި ފަހަރު، ދަރިފުޅު ކައިރީ މާފަށް އެދެމުން ބުނާށެވެ. “މަންމަ މިވަގުތު ވަރަށް ބިޒީއެވެ. ވަރަށް ބޮޑަށް މާފުކުރާށެވެ. މުދައްރިސް ދީފައި އޮތް މަސައްކަތުގައި މަންމައަށް އެހީތެރިކަމެއް ނުދެވޭނެއެވެ.” ދަރިފުޅު ލައްވާ ބައެއް މަސައްކަތްކުރުވާށެވެ. އޭނާއަށް ބުރަވެގެން އުޅޭނަމަ، މަންމަ ކޮންމެ ދުވަހަކު ތިޔަ މަސައްކަތްތައް ކުރާ ކަމަށާއި، އަދި އޭގެ އިތުރުން އެހެނިހެން މަސައްކަތްވެސް ކުރާ ވާހަކަ ބުނެދޭށެވެ. އެއީ އޭނާގެ ސިކުނޑިއަށް ލުއިކޮށްދީ ހިތްހަމަޖައްސާލަދިނުމަށެވެ.

ދަރިފުޅާއެކު ވާހަކަ ދައްކާ ހަދާލާ ވަގުތުތަކުގައި، ދަރިފުޅަށް އެންމެ މީރު ފޮނިކާ ތަކެތި ހަދަން އުޅުމުގެ ސަބަބުން މަންމަ ވަރަށް ވަރުބަލިވެއްޖެކަމަށް ބުނާށެވެ. ހެދުން ފަށްޖަހަން ވަރަށް ގިނަ ވަގުތު ހޭދަވި ކަމަށް ބުނާށެވެ. މަންްމަ ކާޕެޓު ފޮޅާ ހަދާ ހިތް ނުވާ ވާހަކަ ބުނާށެވެ. އަދި އުކާލެވިފައިވާ ކުޅޭ އެއްޗެހިވެސް ނަގާނެހާ ވަރެއް ނެތްކަމަށް ބުނާށެވެ. އެހެންނަމަވެސް، މިކަންކަން ކުރާ ހިތް ނުވިއަސް ކުރަންޖެހޭ ކަމުގައި ބުނާށެވެ. މީގެ ބޭނުމަކީ، ތިބާވެސް ބައެއް މަސައްކަތް ކުރާ ހިތް ނުވާކަން ދަރިފުޅަށް އަންގައި ދިނުމެވެ. މަންމަވެސް ވަރުބަލިވާ ކަމާއި، ފޫހިވާކަމާއި، އެހެންމީހުންގެ އެހީއަށްވެސް ބޭނުންވާކަން އަންގައި ދިނުމެވެ. މަންމަ ދައްކާ ވާހަކައާއި މެދު ޝަކުވާކޮށްފިނަމަ، މަޑުމައިތިރިކަމާއެކު އޭނާއަށް އެއްޗެއް ބުނެލާށެވެ. އަދި އޭނާ އެންމެ އެހީއަށް ބޭނުންވެގެން އަންނަ ވަގުތު އެކަމެއް ކޮށް ދިނުމުން މަނާވެގަންނާށެވެ. އެއްދުވަސް ނުވަތަ ދެދުވަސް އޭނާއާ އެކަހެރިވެލާށެވެ. އެއީ އޭނާއަށް ތިބާގެ އެހީތެރިކަމުގެ އަގު ވަޒަންކުރުވައި ދިނުމަށެވެ.

ދަރިފުޅު ތިބާ ދައްކާވާހަކައާ އެއްބައިވެ، ތިބާ އުފުލާ ބުރައާއިމެދު ވިސްނާނަމަ، މިއީ ވަރަށް އުފާވެރި އަދި ހެޔޮކަމެކެވެ. ތިބާގެ ކަންކަމާމެދު ވިސްނައި އަހައްމިއްޔަތުކަންދޭތީ، އެކަން ފާހަގަކުރާށެވެ. ދަރިފުޅުވެސް ތިބާދެކެވާ ލޯބި ފާޅުކޮށް އޯގާތެރިވާނަމަ އެކަމަށް ހިތްވަރުދޭށެވެ. ދަރިފުޅަށް ތިބާދެކެ ލޯބިވުމަށް އެހީތެރިވެދޭށެވެ. ލޯތްބަކީ ހެޔޮކަމާއި އިޙްސާންތެރިކަމުގެ އޮށް އިންދުމަށްޓަކައި ތައްޔާރުކުރެވޭ ބިންގަނޑަށް ވަރަށް މުހިއްމު އެއްޗެކެވެ. އެހެންކަމުން، ދަރިފުޅުގެ ލޯބި އޭނަގެ މައިންބަފައިންނަށާއި އެއްބަނޑު އެއްބަފާކުދިންނަށް ލިބުނަދޭށެވެ. އަދި އެމީހުންގެ މަޤާމަށާއި، ޙައްޤުތަކަށް އިޙްތިރާމްކުރުވާށެވެ. މިއީ މުސްލިމެއްގެ އަޚްލާޤު ހުންނަންޖެހޭ ގޮތެވެ.

-ދަރިފުޅަކީ ތިބާއާއި ދެކޮޅުވެރިއެއް ކަމުގައި ނުހަދާށެވެ. ތިބާ ވަރުބަލިކުރުވާ، ތިބާގެ ދުވަސް ޚަރާބުވުމުން، ދަރިފުޅަށް ފާޑުކިޔައި، އަނިޔާ ނުކުރާށެވެ. ސަބަބަކީ ތިބާއަކީ އޭނާ ބަލަހައްޓާފަރާތެވެ. އޭނާގެ މަންމައެވެ. އެއީ ކުޑަކުއްޖެކެވެ. ދަރިފުޅު ކުރާކަންތަކުގެ ތެރެއިން، ބޮޑުކަމަކަށް ނަހަދައި އަޅާނުލައި ދޫކޮށް ލެވޭ ވަރުގެ ކަންކަން އަޅާނުލައި ދޫކޮށްލާށެވެ. ދަރިފުޅަށް ކުށެއް ކުރެވިއްޖެނަމަ ރަގަޅު މަގަށް މަގު ދައްކައި ދޭށެވެ. ގޯސްކަމެއް ކޮށްފިނަމަ، ތިބާގެ ގޮތުގައި ހިފަހައްޓާ ރަގަޅުކުރުވާށެވެ. ސާފު އިބާރާތުން ޘާބިތު އަޑަކުން ބުނާށެވެ. “ދަރިފުޅު ކުށެއް ކޮށްފި. އެކަމަށް މާފަށް އެދޭ. ރަގޅު މީހަކީ އެމީހާގެ ކުށް ޤަބޫލުކުރާ މީހާ.” ދަރިފުޅު ކުރި ކަންތައް ރަގަޅު ކުރެވޭނެ ނަމަ، އޭނާ ލައްވައި އެކަން ރަގަޅު ކުރުވާށެވެ. އެކަން ކުރުވުމުގައި ފަރުުވާ ކުޑަ ނުކުރާށެވެ.

ދަރިންތަރުބިއްޔަތުކުރުމުގައި ދަރިންނަށް ލޯތްބާއި އަޅާލުން ދިނުމާއި، އެދަރިން ފަސާދަކުރުމަކީ ކޮބައިކަން  ދެނެގަތުމަށްޓަކައި ތިރީގައި އިތުރު ތަފްޞީލު ބަޔާންކޮށްލާނަމެވެ:

ލޯތްބަކީ ދަރިފުޅަށް އަމާންކަން ހޯދައިދިނުމާއި، ކަންކަން ކުރުމަށް އޭނާއަށް ހިތްވަރު ދިނުމެވެ. ފަސާދަކުރުމަކީ އޭނާގެ އަމިއްލަ އިރާދަ ދަށްކޮށް، މައިންބަފައިންނަށް ބަރޯސާވެ، އަމިއްލަ ބުއްދިން ވިސްނާނެ ޤާބިލިއްޔަތު ނެތް މީހަކަށް ހެދުމެވެ.

ލޯތްބަކީ ދަރިފުޅަށް މަޢުނަވީގޮތުން ހިތްވަރު ދިނުމެވެ. އެއީ ދަރިފުޅަށް ދަތި އުނދަގުލާއި ކުރިމަތިލައި ކެތްކުރަން ދަސްކޮށްދިނުމެވެ. ދަރިފުޅުގެ ބާރުކަނޑުވާލައި ފަސާދަކުރުމަކީ، ކޮންމެ މުޞީބާތަކާއިމެދު ޝަކުވާ ކުރާ މީހަކަށް އޭނާ ހެދުމެވެ.

ލޯތްބަކީ ދަރިފުޅު ގޯސްކަންކަމުން ދުރުކޮށް، މަންފާކުރަނިވި ކަންކަމަށް އޭނާއަށް މަގު ދައްކާ ބާރެކެވެ. ފަސާދަކުރުމަކީ  ދަރިފުޅު އެދޭ ކޮންމެ އެދުމެއް ފުއްދައި ދިނުމުގައި ހައްދުފަހަނައަޅައި ދިނުމެވެ.

ލޯތްބަކީ ދަރިފުޅު ގޯސްކަމެއް ކުރުމުން، އޭނާއަށް ރަގަޅު މަގު ދައްކައިދިނުމެވެ. ފަސާދަކުރުމަކީ ދަރިފުޅު އޭނާގެ އަމިއްލަ ހަވާ ނަފްސު އެދޭ ގޮތަކަށް އުޅެން، އިސްލާހުކުރުމެއް ނެތި ދޫކޮށްލުމެވެ.

އެހެންކަމުން،ދަރިންނަށް ލޯބިދިނުމާއި ފަސާދަކުރުމުގެ ތަޢުރީފެއްގެ ގޮތުގައި ބަޔާންކުރެވެނީ، އެއީ:

ދަރިން ފަސާދަކުރުން: މިއީ ދަރިފުޅު އެދޭ ކޮންމެ އެދުމެއް، އެއީ ބުއްދިއަށް ހަމަ ނުޖެހޭ ކަމެއް ކަމުގައިވިއަސް ފުރިހަމަ ކޮށްދިނުމެވެ. އެކުދިންގެ އުމުރާ ނުގުޅޭ ކަމެއް ކަމުގައިވިއަސް މެއެވެ. (މިސާލަކަށް: ކުޑަ ކުއްޖަކަށް ކޮފީ ބޯން ހުއްދަ ދިނުމެވެ. ނުވަތަ ކުޑަ އަންހެން ކުދިން ކުޑައިރު މޭކަޕް ކުރަން ފުރުޞަތު ދިނުމެވެ.) އަދި ދަރިންގެ އަދަބުކުޑަކަމާއި، މައިންބަފައިންނަށް ކިޔަމަންތެރި ނުވުމާއި އެމީހުންނާއި ދެކޮޅުވެރިވުމާމެދު އަޅާނުލުމެވެ. އެކަން އިޞްލާޙުކުރަން މަސައްކަތް ނުކުރުމެވެ. އެކުދިންނަށް ގެއްލުން ނުލިބޭނެ ކަންކަމާމެދު ބިރުވެތިވުމެވެ. (މިސާލަކަށް: ދަރިފުޅު ވެއްޓިދާނެތީ ބިރުން ގަހަށް އެރުން މަނާކުރުމާއި، ގެނބިދާނެތީ ފެތުން މަނާކުރުމާއި، ދަރިފުޅު ކުޑައޭ ކިޔާފައި އުމުރުން 9 އަހަރު ފުރިފައިވާ ކުދިންނަށް ނަމާދުކުރުމަށް އަމުރު ނުކުރުން ފަދަ ކަންކަމެވެ.)

ލޯތްބާއި އަޅާލުން: މިއީ ލޯބި ލިބުމާއި، ބެލެހެއްޓުން ތެރިކަން ފަދަ އަސާސީކަންކަމުން ދަރިފުޅުގެ ނަފްސު ފުދުންތެރިކުރުވުމެވެ. މިގޮތަށް ލޯތްބާއި އަޅާލުން ލިބޭނަމަ އޭނާ ބޮޑުވެގެންދާނީ ސީދާ މަގުގައެވެ. އޭނާގެ ޤާބިލުކަމަކީ ކޮބައިކަން އެނގޭ ޙާލު އަދި އޭނާގެ ވާޖިބުތައް އަދާކުރުމަށް ފުރިހަމައަށް ތައްޔާރުވެގެންވާ ޙާލުގައެވެ.

ނިންމާލަމުން އަޅުގަނޑު އެންމެހައި މައިންނަށް ބުނެލާނީ: އޯގާތެރިކަމާއި ލޯތްބަކީ ރަނގަޅު ތަރުބިއްޔަތަކަށް ވަރަށް މުހިއްމު ދެކަމެވެ. ލޯބީގެ ނަމުގައި ހައްދު ފަހަނައަޅައިފިނަމަ، ދަރިންގެ ނަފްސުތަކުގައި އަމިއްލަ އެދުން ބޮޑުކަން އުފެދިދާނެއެވެ. އަމިއްލަ އެދުން ބޮޑުވުމަކީ ޝުކުރުވެރިވުމާއި ލޯބިވުން ފަދަ ސިފަތައް ނައްތާލާ ކަމެކެވެ. ނަފްސުގެ ޢިއްޒަތާއި ރަނގަޅު ގޮތުގައި ސާބިތުވުމާއި ރިވެތި އަޚްލާޤު ނެތިގޮސް، ހަޑިހުތުރުކަމާއި، އެއްވެސް ޘާބިތުކަމެއް ނެތުމުގެ ސިފަ މީހާގެ ކިބައިގައި އަށަގަންނުވާ ކަމެކެވެ. އެހެންކަމުން، މައިވަންތަކަމުގެ ހައްދުން ބޭރުވެ އަމިއްލަ ނަފްސު ހަލާކުކޮށް ނުލާށެވެ. ދަރިފުޅު ދެކެ ގޯސް ގޮތުގައި ލޯބިވެ އޭނާއަކީ ގޯސް އަދި އަމިއްލަ އެދުން ބޮޑު ކުއްޖަކަށް ނަހަދާށެވެ. އެހެންނޫނީ، އޭނާ ތިބާ ކޮށްދޭ ކަންކަމަށް ޝުކުރު ނުކުރާނެއެވެ. އެހެންނަމަވެސް ކޮށްދޭ ކަންކަމާއިވެސް ދެކޮޅުވެރިވާނެއެވެ. ދަރިފުޅު ދެކެ ލޯބިވުމާއި އަޅާލުން ދިނުމުގައި ހައްދު ފަހަނައަޅައި ދިއުމަކީ ދަރިފުޅު ފަސާދަކޮށްލާ ކަމެކެވެ. އޭރުން އޭނާއަކީ ރަގަޅު ޞާލިހު މީހަކަށް ވެގެން ނުދާނެއެވެ!

**********************

ފަހު ބަސް

ދަރިން ތަރުބިއްޔަތުގެ މައިދާނުގައި މަސައްކަތްކުރާ އެންމެހާ އުޚްތުންނޭވެ!

ތިބާގެ ދަރިންނަކީ ހަމައެކަނި ތިބާގެ އެކަނި ބައެއް ނޫނެވެ. އެހެންކަމުން، ތިބާ ހިތުހުރި ގޮތަކަށް، ތިބާގެ ހަވާ ނަފްސު އެދޭހާގޮތަކަށް އެކުދިން ތަރުބިއްޔަތުކޮށްގެން ނުވާނެއެވެ. އަޅުގަނޑުމެންނަށް ތަރުބިއްޔަތުގެ މައިދާނުގައި ގޯސްކޮށް ކަމެއް ކުރެވިއްޖެނަމަ، އެހެންމީހުންނަށް އަޅުގަނޑުމެންނަށް ނަޞޭޙަތްދީ އެދެމެދަށް ވަނުމުގެ ޙައްޤު އޮޮންނާނެއެވެ. އަދި އަޅުގަނޑުމެން ކުރާ ކަންތަކާއި ދެކޮޅު ހެދޭނެއެވެ. ވީމާ އަޅުގަނޑު އެދެނީ ތިޔަ މައިންގެ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމެވެ. އަދި އެކުދިން ރިވެތި އަޚްލާޤުން ޒީނަތްތެރިކުރުމެވެ. ތިބާގެ ދަރިންނާއި އަޅުގަނޑުގެ ދަރިންނަކީ ވަޠަނުގެ އަފްރާދުންނެވެ. މުޖުތަމައުގެ ބިންގަލެވެ.

ތިބާގެ ދަރިފުޅަކީ އަޅުގަނޑުގެ ދަރިފުޅުގެ ރަޙްމަތްތެރިޔާ އަދި އަވައްޓެރިޔާއެވެ. ކޮންމެވެސް ދުވަހަކުން އަޅުގަނޑުގެ ދަރިފުޅުގެ ގެ ބިނާކުރުމަށްޓަކައި، ނުވަތަ އެހެންވެސް މުޢާމަލާތަަކަށްޓަކައި ތިބާގެ ދަރިފުޅުގެ އެހީތެރިކަން ބޭނުންވެދާނެއެވެ. ފަހަރެއްގައި ތިބާގެ ފިރިހެން ދަރިފުޅު އަޅުގަނޑުގެ އަންހެން ދަރިއަކާއި ކައިވެނި ކޮށްފާނެއެވެ. އަޅުގަނޑާއި ތިބާ އެދުނަސް ނުވަތަ ނޭދުނަސް އެއް އަވަށެއްގައިވެސް އުޅެން ޖެހިދާނެއެވެ. ނުވަތަ އެއް މުޖުތަމަޢެެއްގައި ނުވަތަ އެއް ޤައުމެއްގައި އުޅެން ޖެހިދާނެއެވެ. ތިިބާ ނުވަތަ އަޅުގަނޑު، އެދަރިން ތަރުބިއްޔަތުކުރުމުގައި އިހުމާލުވެއްޖެނަމަ، އެންމެންނަށް އޭގެ ގެއްލުމުގެ އަސަރުކުރާނެއެވެ. އަދި އެތައް މައްސަލަތަކެއް އުފެދި، އަންނަން އޮތް ޖީލަށް ނުބައި މިސާލަކަށްވެގެން ހިނގައިދާނެއެވެ.

ވީމާ، އަޅުގަނޑުމެންގެ ދަރިން އިޞްލާޙުކުރުމަށްޓަކައި އެކަކު އަނެކަކަށް އެހީތެރިވަމާ ހިނގާށެވެ. ޞާލިޙު، އުފާވެރި ޖީލެއް ބިނާކޮށް، އަމާންކަމާއި ހެޔޮކަމުގައި ދިރިއުޅުމަށްޓަކައި އެންމެން އެކީ އަތް ގުޅާލަމާ ހިނގާށެވެ.

********************