[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢީދުތަކަކީ ހަމައެކަނި އާދަކާދައެއް ނޫން

الحمد لله، والصلاة والسلام على نبينا محمد، وعلى آله وصحبه، ومن والاه، أما بعد:

 

ކާފިރުންގެ އާދަކާދަތަކުގެ ތެރޭގައި ދީނީ އެއްވެސް ކުލަވަރެއް ނުހިމެނޭ ކަންތައްތަކެއް ވެއެވެ. ޖުމްލަ ގޮތެއްގައި ދަންނަވާނަމަ، އެބައިމީހުން އުފައްދާ ކާރާއި ފޯނުފަދަ ތަކެތި ބޭނުންކުރުމަކީ އެބައިމީހުންގެ ދީނީ އެއްވެސް ކަމެއްގައި ބައިވެރިވުން އެކަމުގައި ހިމެނިފައިވާ ކަމެއް ނޫނެވެ.

އެހެނަސް އެބައިމީހުން ފާހަގަކުރާ ޢީދުތަކަކީ އެއާ މުޅިން ތަފާތު ކަމެކެވެ. ފަހެ ޢީދުތައް ވަނީ އެބައިމީހުންގެ ޝަރީޢަތުގެ ތެރެއިންނެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

﴿‏لِّكُلِّ أُمَّةٍ جَعَلْنَا مَنسَكًا هُمْ نَاسِكُوهُ﴾ [سورة الحج: 67]

މާނައީ: “ތިމަން އިލާހު ކޮންމެ އުންމަތަކަށްވެސް އެބައިމީހުން އެއަށް ތަބާވުމަށްޓަކައި، ޝަރީޢަތެއް ލެއްވީމެވެ.”

 

މި އާޔަތުގެ ތަފްސީރުގައި އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ.

“އެއީ އެބައިމީހުންގެ ޢީދުތަކެވެ.” [1]

 

މިކަމާ ބެހޭގޮތުން ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ.

“ޖުމްލަ ގޮތެއްގައި ބަލާނަމަ އެބައިމީހުންގެ ޢީދުތައް ހިމެނިގެންވަނީ އެބައިމީހުންގެ ޝަރީޢަތާއި މަންހަޖާ އަދި އަޅުކަންތަކުގެ ތެރެއިންނެވެ. އެކަމާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿‏لِّكُلِّ أُمَّةٍ جَعَلْنَا مَنسَكًا هُمْ نَاسِكُوهُ﴾ [سورة الحج: 67]

މާނައީ: “ތިމަން އިލާހު ކޮންމެ އުންމަތަކަށްވެސް އެބައިމީހުން އެއަށް ތަބާވުމަށްޓަކައި، ޝަރީޢަތެއް ލެއްވީމެވެ.”

އޭގެ ތެރޭގައި ޤިބްލައާއި ނަމާދާ ރޯދަ ހިމެނެއެވެ.” [2]

އަދިވެސް ވިދާޅުވިއެވެ.

“އަދި ކިއެއް ހެއްޔެވެ! ޢީދުތަކަކީ އެކި ޝަރީޢަތްތަކުގައިވާ އެންމެ ބޮޑު ތަފާތެވެ. އަދި އޭގައިވާ އެންމެ ފާޅުކަން ބޮޑު ޝިޢާރުތަކެވެ.” [3]

 

ފަހެ ޢީދެއް ގެނެސްގަތުމަކީ ޝަރީޢަތްތަކުގެ ޚާއްޞަކަމުގެ ތެރޭގައިވާ ކަމެކެވެ. އެއީ އާދަތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ. މިކަމަށް ދަލާލަތު ކުރާ ކަމަކީ ނަބިއްޔާ صلى الله عليه وسلم މަދީނާއަށް ހިޖުރަކުރެއްވި އިރު، އެތަނުގެ އަހުލުވެރިން އަހަރުގެ ތެރޭގައި ދެ ޢީދެއް ފަހަގަކުރާތަން ފެނިވަޑައިގެންނެވުމުން، ﷲ ތަޢާލާ އެ ދެ ދުވަސް އެއަށްވުރެ ހެޔޮ ދެ ދުވަހަށް ބަދަލުކުރެއްވިކަމުގެ ޚަބަރު ދެއްވިކަން ބަޔާންކުރެއްވި ޙަދީޘެވެ. އަބޫ ދާވޫދާއި ނަސާއީ އެބޭކަލުންގެ ސުނަނުގައި، އަނަސް ބުން މާލިކު رضي الله عنه ގެ އަރިހުން ރިވާކުރައްވާފައިވެއެވެ.

كَانَ لِأَهْلِ الْجَاهِلِيَّةِ يَوْمَانِ فِي كُلِّ سَنَةٍ يَلْعَبُونَ فِيهِمَا، فَلَمَّا قَدِمَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ الْمَدِينَةَ، قَالَ: «كَانَ لَكُمْ يَوْمَانِ تَلْعَبُونَ فِيهِمَا وَقَدْ أَبْدَلَكُمُ اللَّهُ بِهِمَا خَيْرًا مِنْهُمَا: يَوْمَ الْفِطْرِ، وَيَوْمَ الْأَضْحَى» [رواه أبو داود (1134) والنسائي (1556) واللفظ له]

މާނައީ: “ޖާހިލިއްޔަ ޒަމާނުގެ މީހުން ކޮންމެ އަހަރެއްގައިވެސް އެ ދެ ދުވަހުގައި ކުޅެއުޅުނު ދެ (ޢީދު) ދުވަހެއް ވިއެވެ. ފަހެ ނަބިއްޔާ صلى الله عليه وسلم މަދީނާއަށް ވަޑައިގަންނަވާފައި ޙަދީޘްކުރެއްވިއެވެ. ‘ތިޔަބައިމީހުން އެ ދެ ދުވަހުގައި ކުޅެ އުޅުނު ދެ (ޢީދު) ދުވަސް ވިއެވެ. ހަމަކަށަވަރުން ﷲ ތަޢާލާވަނީ އެއަށް ވުރެ ހެޔޮ ދެ ދުވަހަށް އެ ދެ ދުވަސް ބަދަލުކޮށްދެއްވާފައެވެ. (އެއީ) އަޟްޙާ ޢީދު ދުވަހާއި ފިޠުރު ޢީދު ދުވަހެވެ.’ “

 

ފަހެ، ޢީދު ފާހަގަކުރުމަކީ އާދަކާދައިގެ ތެރޭގައި ހިމެނޭކަމެއް ނަމަ، އެހެން ހުއްދަ ކަންތައްތައް މަނާނުކުރައްވާ ދޫކޮށްލެއްވި ފަދައިން އެބައިމީހުންގެ ޢީދުތައްވެސް ދޫކޮށްލެއްވީހެވެ.

އައްޝައިޚް އިބްނު ޢުޘައިމީން رحمه الله ވިދާޅުވިއެވެ.

“ޢީދު ފާހަގަކުރުމަށްޓަކައި ދުވަސްތައް ނުވަތަ މަސްތައް ނުވަތަ އަހަރުތައް ޚާއްޞަކުރުންވަނީ ޝަރީޢަތުގެ ތެރެއިންނެވެ. އާދަތަކުގެ ތެރެއަކުން ނޫނެވެ. ފަހެ ނަބިއްޔާ صلى الله عليه وعلى آله وسلم މަދީނާއަށް ހިޖުރަކުރެއްވިއިރު އެބައިމީހުން ކުޅެއުޅޭ ދެ ޢީދެއް ވެއެވެ. ފަހެ، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«مَا هَذَانِ الْيَوْمَانِ؟»

މާނައީ: “މިއީ ކޮން ދެ ދުވަހެއް ހެއްޔެވެ؟”

އެބައިމީހުން ދެންނެވިއެވެ. “ޖާހިލިއްޔަ ޒަމާނުގައި، ތިމަންމެން އެ ދެ ދުވަހު ކުޅެއުޅެމެވެ.”

ﷲ ގެ ރަސޫލާ صلى الله عليه وعلى آله وسلم އެބައިމީހުންނަށް ޙަދީޘްކުރެއްވިއެވެ.

«إِنَّ اللَّهَ قَدْ أَبْدَلَكُمْ بِهِمَا خَيْرًا مِنْهُمَا: يَوْمَ الْأَضْحَى، وَيَوْمَ الْفِطْرِ» [رواه أبو داود (1134)]

މާނައީ: “ހަމަކަށަވަރުން ﷲ. އެ ދެ ދުވަސް އެއަށްވުރެ ހެޔޮ ދެ ދުވަހަށް ބަދަލުކޮށްދެއްވައިފިއެވެ. (އެއީ) އަޟްޙާ ޢީދު ދުވަހާއި ފިޠުރު ޢީދު ދުވަހެވެ.”

އިސްލާމްދީނުގައި ޢީދުތަކަކީ އާދަތަކަށް ތަބާވާ އެއްޗެއްކަމުގައިވާނަމަ، ހިނގާ ކޮންމެ ކަމަކާ ގުޅިގެން މީސްތަކުން ޢީދެއް ހެދީހެވެ. އޭރުން ޝަރުޢީ ޢީދުތަކުގެ މާ ބޮޑު ފައިދާއެއް ނުވާނެއެވެ.”  [4]

 

އަލްޙާފިޡް އިބްނު ކަޘީރު رحمه الله މި ޙަދީޘާ ބެހޭގޮތުން ވިދާޅުވިއެވެ.

“މި ޙަދީޘުން ދަލާލަތުކުރަނީ ކާފިރުން ބުނެ އުޅޭ ބަސްތަކާއި ކުރާ ޢަމަލުތަކާއި ލާ ހެދުމާއި އެބައިމީހުންގެ ޢީދުތަކުގައްޔާއި އަޅުކަންތަކުގައި އެބައިމީހުންނާ ވައްތަރުވެގަތުމުގައި އަދި އެނޫނަސް އެބައިމީހުންގެ ކަންތައްތަކުގެ ތެރެއިން އަޅުގަނޑުމެންނަށް ޝަރުޢުކޮށްފައި ނުވާ އަދި އިޤުރާރުވެފައި ނުވާ ކަންތައްތަކުގައި އެބައިމީހުންނާ ވައްތަރުވެގަތުމުގައި ހުރި ނުރައްކާތެރިކަމާއި ވަޢީދާ އަދި އެކަމާ މެދު ނަހީކުރައްވާފައިވާ ނަހީގެ ވަރުގަދަކަމެވެ.” [5]

 

އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ.

“މުޝްރިކުންގެ ޢީދެއްގައި މުސްލިމުން ބައިވެރިވުމަކީ ހުއްދަކަމެއް ނޫންކަމުގައި ޢިލްމުވެރިންވަނީ އިއްތިފާޤުވެވަޑައިގެންފައެވެ. ހަތަރު މަޛްހަބުގެ އިމާމުންނަށް ތަބާވެވަޑައިގެންނެވި ފިޤުހުވެރިންވަނީ އެބޭކަލުންގެ ފޮތްތަކުގެ ޞަރީޙަކޮށް އެވާހަކަ ބަޔާންކުރައްވާފައެވެ. އަލްބައިހަޤީވަނީ ޞައްޙަ ސަނަދަކުން ރިވާކުރެއްވިއެވެ. ޢުމަރު ބުން އަލްޚައްޠާބު رضي الله عنه ވިދާޅުވިއެވެ.

‘މުޝްރިކުންގެ ޢީދެއްގައި އެބައިމީހުންގެ ކަނީސާއަށް ނުވަންނާށެވެ. ފަހެ ހަމަކަށަވަރުން އެފަދަ ވަގުތުތަކަކީ ﷲ ގެ ކޯފާ އެބައިމީހުންގެ މައްޗަށް ބާވައިލައްވަފާނެ ވަގުތެކެވެ.’

އަދިވެސް އެކަލޭގެފާނު ވިދާޅުވިއެވެ.

‘ﷲގެ ޢަދުއްވުންނާ އެބައިމީހުންގެ ޢީދު ދުވަހުގައި ތިޔަބައިމީހުން ދުރުހެލިވާށެވެ.’ ” [6]

 

والله تعالى أعلم.

 


 

މަޞްދަރު

 

[1]  تفسير الطبري (16 / 626).

[2] اقتضاء الصراط المستقيم لابن تيمية (1 / 528).

[3] اقتضاء الصراط المستقيم لابن تيمية (1 / 528).

[4] مجموع فتاوى ورسائل فضيلة الشيخ محمد بن صالح العثيمين (16 / 203).

[5] تفسير ابن كثير (1 / 374).

[6] أحكام أهل الذمة لابن القيم (1 /723 – 724).