ފޮތުގެ ނަން: |
مُسْنَدُ أَحْمَد (އިމާމު އަޙްމަދުގެ މުސްނަދު) |
މުއައްލިފުގެ ނަން / އަވަހާރަވި ތާރީޚު: |
أَحْمَدُ بْنُ مُحَمَّد بْن حَنْبَل بْن هِلَال بْن أَسَد، الشَّيْبَانِي / ٢٤١ هــ |
މައުޟޫޢު: | ޙަދީޘް |
ފޮތުގެ ތަޢާރުފާއި ޚާއްޞަކަން: |
މިއީ އިމާމު އަޙްމަދު رحمه الله ކުރައްވާފައިވާ ވަރަށް ބުރަ މަސައްކަތެކެވެ. މިފޮތުން ފުރިހަމަ ނުވެ އޮތީ އަބޫ ހުރައިރާ رضي الله عنه ގެ މުސްނަދުގެ ބައެކެވެ. އެބައި ފުރިހަމަ ނުކުރެއްވުނީ އެ މަސައްކަތް ފުރިހަމަކުރެއްވުމުގެ ކުރިން އެކަލޭގެފާނު ލޮލުގެ ފެނުން ގެއްލުމުންނެވެ. މި މުސްނަދުގައި ރިވާކުރައްވާފައިވަނީ އެކަލޭގެފާނުގެ އަރިހުގައި އެބޭކަލެއްގެ ތެދުވެރިކަމާއި ދީންވެރިކަން ޘާބިތުވެފައިވާ ބޭކަލުންގެ އަރިހުންނެވެ. ދޮގުވެރިއެއްކަން ކަނޑައެޅިގެން އެނގިފައިވާ މީހެއްގެ އަރިހުން އެކަލޭގެފާނު މި ފޮތުގައި ރިވާ ނުކުރައްވައެވެ. މި ފޮތުގައި ސާޅީސް ހާސް ޙަދީޘް ވެއެވެ. ވަރަށް ގިނަ ބޭކަލުންވަނީ މި ފޮތަށް ޚިދުމަތް ކުރައްވާފައެވެ. އެގޮތުން އިބްނު ހަޖަރު رحمه الله ވަނީ މި ފޮތް الأطراف ގެ ފޮތްތައް ހުންނަ ގޮތަށް ތަރުތީބުކުރައްވާފައެވެ. އަދި الشيخ أحمد بن عبد الرحمن الساعاتي رحمه الله ވަނީ ކިތާބުތަކަކާއި ބާބުތަކަށް ބަހާލައި، މި ފޮތް ތަރުތީބުކުރައްވާފައެވެ. އަދި އައްޝައިޚް އަޙްމަދު ޝާކިރު رحمه الله ވެސް ވަނީ މުސްނަދަށް ޚިދުމަތްކުރައްވާފައެވެ. އެގޮތުން މި ފޮތުގެ އުނދަގޫ ލަފްޒުތައް ޝަރަޙަކުރައްވައި ޙަދީޘްތަކުގެ ދަރަޖަތައް ބަޔާންކުރައްވާފައި ވެއެވެ. އަދި މި ފޮތަށް ފިހުރިސްތެއް ތައްޔާރުކުރައްވައި ދެ ބަޔަކަށް ބައްސަވާފައި ވެއެވެ. އަދި الشيخ شعيب الأرناؤوط رحمه الله ގެ ބެއްލެވުމުގެ ދަށުން މި ފޮތްވަނީ ތަޙުޤީޤު ކުރައްވާފައެވެ. އެ މަސައްކަތް ނިމުނު އިރު މި ފޮތުގައި 50 މުޖައްލަދު ވެއެވެ. |