ފޮތުގެ މަޝްހޫރު ނަން: |
صَحِيْحُ ابْن خُزَيْمَة (އިބްނު ޚުޒައިމާގެ ޞަޙީޙު) |
ފޮތުގެ ފުރިހަމަ ނަން: |
مُخْتَصَرُ الْمُخْتَصَر مِن الْمُسْنَدِ الصَّحِيْحِ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ |
މުއައްލިފުގެ ނަން / އަވަހާރަވި ތާރީޚު: |
أَبُو بَكْر مُحَمَّد بْن إِسْحَاق بْن خُزَيْمَة، النَّيْسَابُوْرِي / 311 هــ
|
މައުޟޫޢު: | ޙަދީޘް |
ފޮތުގެ ތަޢާރުފާއި ޚާއްޞަކަން: |
މިއީ އިބްނު ޚުޒައިމާ رحمه الله ގެ އެހެން ފޮތެއްކަމުގައިވާ އަލްމުސްނަދުއް ޞަޙީޙުން (ޞައްޙަ ސަނަދުން ގުޅިފައިވާ ފޮތުން) ޚުލާޞާކުރައްވައިގެން އެކަލޭގެފާނު އެކުލަވާލެއްވި ފޮތެކެވެ. އެއީ ޢަދުލުވެރިން ޢަދުލުވެރިންގެ އަރިހުން ނަބިއްޔާ صلى الله عليه وسلم އާ ހަމައަށް، މެދުކެނޑުމެއް ނެތި، ގުޅިފައިވާ ސަނަދުން ރިވާކުރައްވާފައިވާ ޙަދީޘްތަކެކެވެ. އެކަލޭގެފާނު އެ ފޮތް ތަރުތީބުކުރައްވާފައިވަނީ ފޮތްތަކަކާއި ބާބުތަކެއްގެ މައްޗަށެވެ. ޙަދީޘެއްގައި އެއް ސަނަދަށް ވުރެ ގިނަ ސަނަދުވާނަމަ އެކަލޭގެފާނު އެކަން ބަޔާންކުރައްވާފައި ވެއެވެ. އަދި ޢާންމު ގޮތެއްގައި ޙަދީޘްގެ ސަނަދާއި މަތަނާ ބެހޭގޮތުން ވާހަކަފުޅުދައްކަވާފައި ވެއެވެ. އަދި ޙަދީޘްގެ ލަފްޒުގައި ފިލިޖައްސަވާފައިވެސް ވެއެވެ. މީގެ އިތުރުން، އެއް ރާވީ އަނެއް ރާވީއާ ދެމެދު ލަފްޒުގައިވާ ޚިލާފުތަކަށް ސަމާލުކަން ދެއްވާފައިވެސް ވެއެވެ. އިމާމު ބުޚާރީ رحمه الله އާއި އަބޫދާވޫދު رحمه الله ފަދަ މުޙައްދިޘުންގެ ތެރޭގައިވާ ފިޤުހުވެރި ބޭކަލުން ޢަމަލުކުރައްވާފައިވާ ގޮތަށް، އެކަލޭގެފާނުވެސް އެކަލޭގެފާނުގެ އަރިހުގައި އެ މައްސަލާގައި ބުރަދަން ހުރި ގޮތް (ރާޖިޙު ގޮތް) ވަރަށް ގިނައިން ބަޔާންކުރައްވާފައި ވެއެވެ. ޢިލްމުވެރިންވަނީ އިބްނު ޚުޒައިމާ رحمه الله ގެ ޞަޙީޙު ރިވާކުރެއްވުމާއި އަޑު އެހުމާ އަދި އެ ނަޤުލުކުރުމުގައި ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާފައެވެ. މިހާރު ފެންނަން އޮތީ އިބްނު ޚުޒައިމާ رحمه الله ލިޔުއްވި އަޞްލު ފޮތުގެ ހަތަރުބައިކުޅަ އެއްބައެވެ. އަނެއް ބައި ވަނީ ގެއްލިފައެވެ. |