[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހުދަންބަރާއި ރަން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

މާތް ﷲ ދެ ފަހަރެއްގައި ކީރިތި ޤުރުއާން ބާވައިލެއްވިއެވެ.

ފުރަތަމައީ: ލައުޙުލް މަޙްފޫޡް (ހުރިހާ ކަމެއް ލިޔެވި ރައްކާތެރިކުރެވިފައިވާ ފިލާ) އިން ދުނިޔޭގެ އުޑަށް ބާވައިލެއްވުމެވެ.

ދެވަނައީ: ދުނިޔޭގެ އުޑުން ޖިބްރީލްގެފާނު މެދުވެރިކުރައްވައި ރަސޫލާ ﷺ އަށް 23 އަހަރުގެ ތެރޭ ބާވައިލެއްވުމެވެ.

މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރެއްވިއެވެ.

﴿إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ﴾‏ [سورة القدر ١]

މާނައީ: “ހަމަކަށަވަރުން ތިމަން އިލާހު އެ ޤުރުއާން ބާވައިލެއްވީ ލައިލަތުލް ޤަދްރީގައެވެ.”

އެއީ ޤުރްއާނުގެ ފުރަތަމަ ބާވައިލެއްވުމެވެ. ނުވަތަ ފުރަތަމަ ބާވައިލެއްޓުން ފެއްޓުނު އަހަރުގައި އެކަން ހިނގާފައިވަނީ ލައިލަތުލްޤަދްރީގައެވެ. [1]

ލައިލަތުލް ޤަދްރި ނުވަތަ މިންވަރުކުރައްވާ ރޭގެ ނަމުން ނަން ދެވުމުގެ ސަބަބާއި މެދު ޢިލްމުވެރިން އެކި ސަބަބު ބަޔާން ކުރައްވާފައިވެއެވެ. މިގޮތުން އެއް ސަބަބަކީ އެއީ ކުރިއަށް އޮތް އަހަރުގައި ހިނގާނޭ ކަންކަމުގެ މިންވަރު ކަނޑައަޅުއްވާ ރޭކަމުގައި ވާތީއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ.

﴿فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ﴾‏ [سورة الدخان ٤]

މާނައީ: “އެ ރޭ، ކަނޑައެޅިގެންވާ ކޮންމެކަމެއް ބަޔާންކުރައްވަތެވެ.”

އަދި ޤަދަރުވެރި ރޭގެ ގޮތުގައި ވެސް ޢިލްމުވެރިން ލައިލަތުލް ޤަދްރި މާނަ ކުރައްވައެވެ. އެއީ އެ ރެޔަށް ލިބިފައިވާ މާތްކަމާއި އެރޭ ކުރެވޭ އަޅުކަމުގެ ޤަދަރުވެރިކަމުގެ ސަބަބުންނެވެ. މާތް ﷲ ވަޙީކުރެއްވިއެވެ.

﴿لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ﴾ [سورة القدر ٣]

މާނައީ: “ލައިލަތުލް ޤަދްރި ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ.”

އެއްހާސް މައްސަރަކީ ކިހާ ދުވަހެއްތޯއެވެ؟ އެއީ ގާތްގަނޑަކަށް 83 އަހަރާއި 4 މަސް ދުވަހެވެ. މިއީ ނަބިއްޔާ ﷺ ބަޔާންކުރައްވާފައިވާ މިއުންމަތުގެ މީހުންގެ ‘އެވަރެޖް’ ޢުމުރުކަމުގައިވާ 60 އާއި 70 އަޅާބަލާއިރުވެސް މާ ދިގު މުއްދަތެކެވެ. އެންމެ ރެއަކުން ޢުމުރު ދުވަހު އަޅުކަންކުރުމުގެ ސަވާބު ލިބިގަތުމުގެ ފުރުސަތު ހުޅުވާލާ ރަނުގެ ދޮރާއްޓެކެވެ. އެރޭގެ ބަރަކާތް ލިބިގަނެއްޖެ މީހާ ބޮޑުވެގެންވާ ކާމިޔާބީއެއް ހޯދައިފިއެވެ. އަދި އެ ބަރަކާތްތެރި ރޭ ނަގާލައިފި މީހާ، އެމީހާ ވަނީ ރަސޫލާ ﷺ ބަޔާންކުރެވި ފަދައިންނެވެ.

«مَنْ حُرِمَ خَيْرَهَا فَقَدْ حُرِمَ» [رواه النسائي (2106) وصححه الألباني في صحيح الجامع الصغير (55)]

މާނައީ: “އެ ރޭގެ ހެޔޮކަމުން މަޙްރޫމުވެއްޖެ މީހާ، ފަހެ ހަމަކަށަވަރުންވެސް މަޙްރޫމުވެއްޖެއެވެ.”

ހުދަންބަރާއި މާވަހަރު ލިބޭ ނަސީބުވެރިންނަށް އެ ލިބެނީ ދެ އަތް އުރާލައިގެން ބޮޑު އަށީގައި އޮތީމަކާއެއް ނޫނެވެ. މާކަނޑުގައްޔާއި ގޮނޑުދޮށްތައް މަތީ ހުށިޔާރު ލޮލަކުން ފާރަލައިގެން ތިބީމައެވެ. ހަމަ އެފަދައިން ލައިލަތުލް ޤަދްރި ލިބިގަތުމަށް އެދޭ މީހާއަށްވެސް އޮތީ ފާރަވެރިކަމާއި އެކު އެރޭ ލިބިގަތުމަށް ފަހު ދިހައިގެ ހުރިހާ ރެއެއްގައި މަސައްކަތް ކުރުމެވެ. އެހެނީ، އެއީ ކޮން ރެއެއްކަމެއް މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ ކަމުގައި ވާތީއެވެ.

މި ބަރަކާތްތެރި ރޭ ހޯދުމަށް ރަސޫލާ ﷺ އަހަރެމެންނަށް އިރުޝާދު ދެއްވިއެވެ.

«تَحَرَّوْا لَيْلَةَ القَدْرِ فِي العَشْرِ الأَوَاخِرِ مِنْ رَمَضَانَ» [رواه البخاري (2020)]

މާނައީ: “ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކުގައި ލައިލަތުލް ޤަދްރި ހޯދުމަށް މަސައްކަތް ކުރާށެވެ.”

އެހެން ރިވާޔަތެއްގައި ވެއެވެ.

«تَحَرَّوْا لَيْلَةَ القَدْرِ فِي الوِتْرِ مِنَ العَشْرِ الأَوَاخِرِ مِنْ رَمَضَانَ» [رواه البخاري (2017)]

މާނައީ: “ރަމަޟާން މަހުގެ ފަހު ދިހައިގެ އޮނަހިރި ރޭތަކުގައި ލައިލަތުލް ޤަދްރި ހޯދުމަށް މަސައްކަތް ކުރާށެވެ.”

ރަސޫލާ ﷺ މި އރުޝާދު ދެއްވީ ޢަމަލީ ގޮތުން ނަމޫނާ ދެއްކެވުމާއި އެކުއެވެ. އެކަލޭގެފާނުގެ ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކުގައި މިސްކިތްކޮޅުގައި އިޢުތިކާފަށް އިންނަވާ، ﷲ އަށް އަޅުކަންކުރެވުމަށް ހުސްވެވަޑައިގެންނެވިއެވެ.

ރަސޫލާ ﷺ ހަދީޘްކުރެއްވިއެވެ.

«مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ» [رواه البخاري (37) ومسلم (173 – (759))]

މާނައީ: “އީމާންތެރިކަމާއެކު އަދި ސަވާބަށް އެދޭ ހާލު، ލައިލަތުލް ގަދްރި ވިލޭރޭގައި ރޭއަޅުކަންކޮށްފި މީހަކަށް، އޭނާގެ އިސްވެދިޔަ ފާފަތައް ފުއްސެވޭނެއެވެ.”

އަޅުގަނޑުމެންނަށް މިއޮތީ ހުނދަންބަރާއި މާވަހަރާއި ރަނާއި ރިއްސަށް ވުރެ އަގު ބޮޑު ފުރުސަތެއް ލިބިފައެވެ. އެހެނީ މާތް ﷲ ވަޙީކުރެއްވިއެވެ.

﴿إِنَّ الَّذِينَ كَفَرُوا وَمَاتُوا وَهُمْ كُفَّارٌ فَلَن يُقْبَلَ مِنْ أَحَدِهِم مِّلْءُ الْأَرْضِ ذَهَبًا وَلَوِ افْتَدَىٰ بِهِ‎﴾ [سورة آل عمران ٩١]

މާނައީ: “ހަމަކަށަވަރުން، ކާފިރުވެ، އަދި  ކާފަރުން ކަމުގައިތިބެ މަރުވި މީހުން ބިން ފުރޭހައި ރަނުން ފިދުޔަ ދިން ކަމުގައިވިޔަސް، އެއިން އެކެއްގެ ކިބައިންވެސް އެކަން ޤަބޫލް ނުކުރައްވާ ހުށްޓެވެ.”

އަޅުގަނޑުމެންނަށް މިއޮތީ މުއުމިނުންގެ ގޮތުގެ ތިބެ، އިޚްލާސްތެރި އަޅުކަމެއްގެ ތެރެއިން އަޅުގަނޑުމެންގެ ފާފަތައް ފުއްސަވަނިވި މަގެއް ހޯދުމުގެ ފުރުސަތު ލިބިފައެވެ. އެއީ ދުނިޔެ ފުރޭހާ ހުދަންބަރާއި ރަނަށް ވުރެ މާ އަގުހުރި ނިޢުމަތެއް ނޫންތޯއެވެ؟

 

________________

[1] ބައްލަވާ: فتح الباري لابن حجر (9 / 4 – 5).