الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ބޭންކުން މައިގަނޑު ގޮތެއްގައި ދޫކުރާ ކާޑުތަކުގެ ތަޢާރަފް:
އެއީ އެ ކާޑުގައި ހުރި ފައިސާއިން ނުވަތަ ފައިސާ ނެތްނަމަ ކާޑު ދޫކުރި ފަރާތުގެ (ބޭންކުގެ) ބެލުމުގެ ދަށުގައިވާ ދަރަންޏެއްގެ ގޮތަށް، އެ ކާޑުގެ ވެރިފަރާތުން ބޭނުންވާ ތަކެތި ގަތުމަށް ނުވަތަ ބޭނުންވާ ޚިދުމަތްތައް ލިބިގަތުމަށްޓަކައި، ބޭންކަކުން ނުވަތަ އެފަދަ މުއައްސަސާއަކުން މީހަކަށް ދޫކޮށްފައިވާ ކާޑެވެ.
ބޭންކު ކާޑުތަކުގެ ތެރެއިން މަޝްހޫރު ބައެއް ކާޑުތައް:
އެމެރިކަން އެކްސްޕްރެސް، ވިސާ، މާސްޓަރ ކާޑް
ބޭންކުން ދޫކުރާ ކާޑުތަކުގެ މައިގަނޑު ވައްތަރުތައް:
ބޭންކުން ދޫކުރާ ކާޑުތަކުގެ މައިގަނޑު ދެ ވައްތަރެއް ވެއެވެ. އެއީ:
- ޑެބިޓްކާޑު (Debit Card)
- ކްރެޑިޓްކާޑު (Credit Card)
ފުރަތަމައީ: ޑެބިޓްކާޑު (Debit Card)
އެއީ ކާޑުގެ ވެރިފަރާތުން ކާޑަށް ފައިސާ އަޅައިގެން ބޭނުންކުރާ ކާޑެވެ. މިފަދަ ކާޑު ދޫކުރާއިރުގައި ކާޑު ދޫކުރާ ފަރާތުން (ބޭންކުން) ކަނޑައަޅާފައިވާ ވަކި ޢަދަދަކަށް ކާޑު ހެދުމަށް ނުވަތަ އާ ކުރުމަށް ފީއެއް ނަގާފާނެއެވެ.
މިފަދަ ކާޑުގެ ޙުކުމް: މިފަދަ ކާޑު ބޭނުންކުރުމަކީ ހުއްދަކަމެކެވެ. އެއީ މިފަދަ ކާޑެއްގެ ވެރިފަރާތުން ބޭނުންކުރަނީ އޭނާގެ އަމިއްލަ ފައިސާއެވެ. ފަހެ، އަޞްލު މި މުޢާމަލާތުގައި ޤަރްޟެއް (ދަރަންޏެއް) ނެތެވެ. އެއަށް އަޅާ ފައިސާގެ ޢަދަދުން އެއިން ނެގޭގޮތަށް ބޭނުންކުރާ ފައިސާ ހުއްދަވެގެން ވެއެވެ.
ދެވަނައީ: ކްރެޑިޓްކާޑު (Credit Card)
އެއީ ކާޑުގެ ވެރިފަރާތުން ކާޑަށް އެމީހެއްގެ އަމިއްލަ ފައިސާ ނާޅާ ބޭނުންކުރާ ކާޑެވެ. އޭގެ މައިގަނޑު 3 ވައްތަރެއް ވެއެވެ. އެއީ:
ފުރަތަމަ ވައްތަރަކީ: ކާޑުގެ ވެރިފަރާތުން ތަކެތި ގަތުމަށް، ކާޑު ދޫކުރި ފަރާތުގެ ފައިސާ (ބޭންކުގެ ފައިސާ) ދަރަންޏެއްގެ ގޮތުގައި (ފަހުން އަނބުރާ ދައްކާ ގޮތަށް) ބޭނުން ކުރާ ކާޑެވެ. އަދި އެ ދަރަނި އަނބުރާ ދައްކާއިރުގައި ދައްކަނީ އޭނާ ބޭނުން ކުރި ޢަދަދެވެ. އިންޓަރެސްޓު (ރިބާ) ގެ ގޮތުގައި އޭނާ އިތުރު ފައިސާއެއް ދައްކާކަށް ނުޖެހެއެވެ.
މިފަދަ ކާޑުގެ ޙުކުމް: މިފަދަ ކާޑު ބޭނުންކުރުމަކީ ހުއްދަ ކަމެކެވެ. އެއީ އެ މުޢާމަލާތުގައި އިންޓަރެސްޓު (ރިބާ) ހިމަނާފައި ނުވާތީއެވެ. އަދި އިސްލާމީ ޝަރީޢަތުގައި މަނާކުރައްވާފައިވާ އެހެން ކަމެއް ނުހިމެނޭތީއެވެ.
ދެވަނަ ވައްތަރަކީ: ކާޑުގެ ވެރިފަރާތުން ތަކެތި ގަތުމަށް، ކާޑު ދޫކުރި ފަރާތުގެ ފައިސާ (ބޭންކުގެ ފައިސާ) އިންޓަރެސްޓު އަރާ (ރިބަވީ) ދަރަންޏެއްގެ ގޮތުގައި (ފަހުން އަނބުރާ ދައްކާ ގޮތަށް) ބޭނުން ކުރާ ކާޑެވެ. އެއީ ކާޑުގެ ވެރިފަރާތުން ބޭންކަށް ފައިސާ އަނބުރާ ދައްކާއިރުގައި ކަނޑައެޅިފައިވާ މުއްދަތަށް ވުރެ ލަސްވިޔަސް އަދި ނުވިޔަސް އިންޓަރެސްޓު (ރިބާ) އަރާ ގޮތަށް ހުންނަ ކާޑުތަކެވެ.
މިފަދަ ކާޑުގެ ޙުކުމް: މިފަދަ ކާޑު ބޭނުންކުރުމަކީ ޙަރާމްކަމެކެވެ. އެއީ މި މުޢާމަލާތުގައި ރިބާ އެކުލެވިގެން ވާތީއެވެ.
ތިންވަނަ ވައްތަރަކީ: ކާޑުގެ ވެރިފަރާތުން ތަކެތި ގަތުމަށް، ކާޑު ދޫކުރި ފަރާތުގެ ފައިސާ (ބޭންކުގެ ފައިސާ) ދަރަންޏެއްގެ ގޮތުގައި (ފަހުން އަނބުރާ ދައްކާ ގޮތަށް) ބޭނުން ކުރާ ކާޑެވެ. އެއީ ކާޑުގެ ވެރިފަރާތުން ބޭންކަށް ފައިސާ އަނބުރާ ދައްކާއިރުގައި ކަނޑައެޅިފައިވާ މުއްދަތަށް ވުރެ ލަސްވެއްޖެނަމަ އިންޓަރެސްޓު (ރިބާ) އަރާ ގޮތަށް ހުންނަ ކާޑުތަކެވެ.
މިފަދަ ކާޑުގެ ޙުކުމް: މިފަދަ ކާޑު ބޭނުންކުރުމަކީ ޙަރާމް ކަމެކެވެ. އެއީ މި ކަމުގައި ރިބާގެ ޝަރުޠު ހިމަނާފައިވާތީއެވެ.
ޑެބިޓްކާޑާއި ކްރެޑިޓްކާޑާ ގުޅުންހުރި ބައެއް ޙުކުމްތައް:
* ކްރެޑިޓްކާޑު ބޭނުންކުރުން ހުއްދަވެގެންވަނީ އެންމެ ޙާލަތެއްގައެވެ. އެއީ އޭގައި އެކުލެވިގެންވާ މުޢާމަލާތަކީ ހެޔޮވެގެންވާ ދަރަންޏެއް (ރިބާ ނުހިމެނޭ ދަރަންޏެއް) ކަމުގައިވާ ނަމައެވެ. އެ މުޢާމަލާތުގައި އެއްވެސް ވަރަކަށް އިންޓަރެސްޓް (ރިބާ) ހިމެނިގެން ނުވާނެއެވެ. އެ ނޫން ޙާލަތެއްގައި އެފަދަ ކާޑެއް ހެދުމަކީ ނުވަތަ ބޭނުންކުރުމަކީ ހުއްދަ ކަމެއް ނޫނެވެ.
* ކާޑު ދޫކުރާ ފަރާތުން ކާޑު ދޫކުރާއިރުގައި ނުވަތަ ކާޑު އާ ކުރާއިރުގައި، އެ ފަރާތުން އެ ދޭ ޚިދުމަތުގެ އަގުގެ ގޮތުގައި، އެކަމަށް ފީއެއް ނެގުމަކީ ހުއްދަ ކަމެކެވެ. އެހެނަސް އެ ނަގާ ފީއަކީ ޚިދުމަތް ލިބިގަންނަ ފަރާތަށް އެ ދޭ ޚިދުމަތުގެ ޙަޤީޤީ އަގުކަމުގައި ވާންޖެހޭނެއެވެ. އަދި އެ އަގަކީ ނަގާ ދަރަންޏާއި ގުޅުވާލައިފައިވާ، އެ ދަރަނީގެ ބޮޑުކުޑަމިނަށް ބަލައި ނުވަތަ މުއްދަތަށް ބަލައި ނަގާ ޢަދަދަކަށް ވެގެން ނުވާނެއެވެ. (އެބަހީ: ދަރަނީގެ މިންވަރަށް ބަލައި ނަގާ ޕަސަންޓޭޖަކަށް ވެގެން ނުވާނެއެވެ.)
الفقه (4): أكاديمية زاد، بإشراف: الشيخ محمد صالح المنجد (ص: 40 – 41).