[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރުޤްޔާއާއި (މެތުރުމާއި) ތަވީދުތައް ނަންގަތް ބާބު – 1

ރުޤްޔާއާއި (މެތުރުމާއި) ތަވީދުތައް ނަންގަތް ބާބު

 

އެބަހީ: ސަލަފުއްޞާލިހުންގެ ކިބައިން މިކަމަށް (ރުޤްޔާކުރުމާއި މެތުރުމާއި ތަވީދު ތަވީދު އެޅުމަށް) އައިސްފައިވާ ނަހީ ބަޔާންކޮށްދިނުމާ އަދި މީގެ ތެރޭގައިވާ ހުއްދަ ގޮތްތަކާއި މަނާގޮތްތަށް ބަޔާންކޮށްދިނުން

فِي الصَّحِيحِ: عَنْ أَبِيْ بَشِيرِ اﻷَنصَارِي رَضِيَ اللّٰهُ عَنْهُ: «أَنَّهُ كَانَ مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي بَعْضِ أَسْفَارِهِ، فَأَرْسَلَ  رَسُولاً:  أَلَّا يَبْقَيَنَّ فِي رَقَبَةِ بَعِيرٍ قِلَادَةٌ مِنْ وَتَرٍ، أَوْ قِلَادَةٌ إِلَّا قُطِعَتْ». [رواه البخاري ومسلم]

ޞަޙީޙު ބުޙާރީ އާއި ޞަޙީޙު މުސްލިމުގައި މާތް ﷲ ރުއްސުންލެއްވި އަބޫ ބަޝީރު އަލްއަންޞާރީގެ އަރިހުން ރިވާވެފައިވެއެވެ.

“އެއްދުވަހަކު އެކަލޭގެފާނު ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި ދަތުރުފުޅެއްގައި ވަޑައިގަތެވެ. އަދި އެކަލޭގެފާނު މީހަކު ފޮނުއްވާ ޢިއުލާނު ކުރެއްވިއެވެ. އެއްވެސް ޖަމަލެއްގެ ކަރުގައި ދުނިދަނޑީގެ ވަރައިން ހަދާފައިވާ ހާރެއްވިޔަސް ނުވަތަ އެހެން އެއްޗަކުން ހަދާފައިވާ ހާރެއްވިޔަސް އޮވެގެން ނުވާނެއެވެ. އޮވެއްޖެނަމަ ކަނޑައިލާ ހުށިކަމެވެ.”

 

 

ސުވާލު 1:

– މި ޙަދީޘްގައިވާ «قِلَادَةٌ مِنْ وَتَرٍ» ގެ މުރާދަކީ ކޮބާ ހެއްޔެވެ؟

– އަދި “الوَتَر” އަކީ ކޮން އެއްޗެއް ހެއްޔެވެ؟

– އަދި «أَوْ قِلَادَةٌ» ގައިވާ «أَوْ» ގެ މާނައަކީ ކޮބާ ހެއްޔެވެ؟

ޖަވާބު:

– މިތަނުގައި القِلَادَة ގެ މުރާދަކީ ޖާހިލިއްޔަ ޒަމާނުގެ އަހުލުވެރިން އެޅުމަށްޓަކައި ދުނޑިދަނޑީގެ ވަރައިން ހަދާފައިވާ ހާރެވެ.

– الوَتَر އަކީ أَوْتَارُ ގެ ގިނަގޮތެވެ. ޖާހިލިއްޔަ ޒަމާނުގެ މީހުން ދުނޑިދަނޑީގެ ވަރަ ބާވުމުން (އޭގެ އަޞްލު ދިޔުމުން) އެ ބަދަލުކުރެއެވެ. އަދި ބާވުމުން ބަދަލުކުރާ ވަރަތަށް އެބައިމީހުންގެ ސަވާރީތަކުގައި އެލުވައެވެ. އެއީ އެބައިމީހުން ދަޢުވާކުރާ ގޮތުގައި ސަވާރީތައް އެސްފީނާއިން ރައްކާތެރިކޮށްދޭ ކަމެކެވެ. އިސްލާމްދީން އައުމަށްފަހު އެބައިމީހުންގެ އެ ޤަބޫލުކުރުން ބާޠިލު ކުރިއެވެ.

– «أَوْ قِلَادَةٌ» ގައިވާ «أَوْ» (ނުވަތަ) އަކީ ޙަދީޘްރިވާކުރެއްވި ރާވީއަށް ޝައްކުވުމުން ބޭނުންކޮށްފައިވާ ލަފްޒެކެވެ. އެއީ އެ ރާވީއަށް ޝައިޚު ވިދާޅުވީ «قِلَادَةٌ مِنْ وَتَرٍ» ކަން ނުވަތަ ހަމައެކަނި «قِلَادَةٌ» ކަން ޔަގީން ނުވުމުންނެވެ..

 

ސުވާލު 2:

އެފަދަ ހާރުތައް ކަނޑައިލުމަށް ރަސޫލާ صلى الله عليه وسلم އަމުރުކުރެއްވުމުން އެއިން ލިބޭ ފައިދާއަކީ ކޮބާ ހެއްޔެވެ؟

ޖަވާބު:

އެއިން ލިބޭ ފައިދާއަކީ އެކަމަކީ މުންކަރާތެއް ކަމާއި އެ ނައްތާލުމަކީ ވާޖިބެއްކަން އެނގިގެން ދިޔުމެވެ. އަދި އެކަމަށް ބޮޑަށް ބާރުލިބޭ ކަމަކީ «أَلَّا يَبْقَيَنَّ» މިބަސްފުޅުގައިވާ ނޫނަކީ އިތުރަށް ތައުކީދު (ވަރުގަދަކޮށްދޭ) ނޫނެއްކަމުގައި ވާތީއެވެ.

 

ސުވާލު 3:

މާތް ﷲ ރުއްސުންލެއްވި އަބޫ ބަޝީރު އަލްއަންޞާރީގެ ޙަދީޘް، މި ބާބާ މުނާޞިބުވަނީ ކިހިނެއްކަން ބަޔާންކޮށްދޭށެވެ.

ޖަވާބު:

ރަސޫލާ صلى الله عليه وسلم އެކަމަށް އިންކާރުކުރައްވާ، އެ ހާރުތައް ކަނޑައިލުމަށް އަމުރުކުރެއްވުމުން އެނގިގެންދަނީ އެ ހާރުތަކާމެދު އެބައިމީހުން ޤަބޫލުކުރި ޤަބޫލުކުރުމަކީ ޝިރުކުގެ ވައްތަރުތަކުގެ ތެރެއިން ވައްތަރެއް ކަމެވެ. އެހެނީ   ﷲ ނޫން އެހެން އެއްޗަކުން (ޝަރުއީ ގޮތުން އަދި ޙިއްސީ ގޮތުންވެސް ސަބަބެއްގެ ގޮތުގައި ނުލައްވާ އެއްޗެއް) އަޘަރެއް ކުރުވާކަމަށް ޤަބޫލުކުރީމައެވެ.

 

*  *  *  *

 

– އަލްޖާމިޢުލް ފަރީދް (ޝައިޚް ޢަބްދު ﷲ ބުން ޖާރު ﷲ ބުން އިބްރާހީމް އަލް ޖާރު ﷲ) –

 

މިފޮތަކީ ސުވާލާއި ޖަވާބުގެ އުސްލޫބަށް ކިތާބުއްތައުޙީދު ކިޔަވާ ދިނުމަށް ތައްޔާރުކުރެވިފައިވާ ފޮތެކެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް