الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
އިންޝިއުރެންސްގެ 2 ވައްތަރެއް ވެއެވެ. އެއީ:
-
التأمين التعاوني / Cooperative Insurance
މިއީ އެއްބަޔަކު އަނެއް ބައެއްގެ ޙާޖަތްތައް ފުއްދައިދިނުމުގެ ގޮތުން، ބޮޑުކަމެއް މެދުވެރިވެ، ފައިސާގެ އެހީތެރިކަން ބޭނުންވާ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ބަޔަކު އެކުވެގެން، ކޮންމެ މީހަކު ފައިސާ ލައިގެން ހަދާ ފަންޑެކެވެ.
މިފަދަ އިންޝިއުރެންސްގެ ޙުކުމް: މިއީ ހުއްދަ ކަމެކެވެ. އެއީ އަންނަނިވި ކަންކަން އޭގައި ފުރިހަމަ ވާނަމައެވެ.
– އިސްލާމީ ޝަރީޢަތުގެ އުޞޫލުތަކާއި ޤަވާޢިދުތަކާ އެއް ގޮތަށް ހިނގާ ކަމަކަށްވުން.
– އިސްލާމީ ޝަރީޢަތުގައި ޙަރާމުކުރައްވާފައިވާ އެއްވެސް ކަމެއް އޭގައި ނުހިމެނުން.
– އެހީތެރިކަން ފޯރުކޮށްދީ، ނުރައްކާތަކުން ދުރުކޮށްދިނުމުގެ މަޤްޞަދުގައި، މަސްއޫލިއްޔަތުތައް ބަހާލައިގެން ކުރެވޭ ކަމަކަށްވުން.
– މާލީ ފައިދާއެއް ޙާޞިލުކުރުން މި ކަމުގައި ނުހިމެނުން.
* ކޯޕަރޭޓިވް އިންޝިއުރެންސް (التأمين التعاوني / Cooperative Insurance)ގައި ފައިސާ ދައްކާ މީހުންނަށް އަނބުރާ ލިބޭނެވަރު ކަނޑައެޅިގެން އެނގެން ނެތަސް، އޭގައި ބައިވެރިވުން އެއީ މައްސަލައެއް ނޫނެވެ. އެހެނީ އޭގައި ބައިވެރިވާ މީހާއަކީ އެ ފަންޑަށް އެހީވާ މީހެކެވެ. އެހެންކަމުން އޭނާގެ ޙައްޤުގައި އެކަމުގައި ނުރައްކަލެއް އަދި الغرر އެއް (އޭގެ ޙަޤީޤަތާއި އޭގެ މިންވަރާއި އެއިން ދެވޭނެ މިންވަރެއް ނުވަތަ އެއިން ލިބޭނެ މިންވަރެއް ނޭނގުން) އަދި ޖުވާވެސް ނުހިމެނެއެވެ.
* އެއާ ޚިލާފަށް ކޮމާރޝަލް އިންޝިއުރެންސް (التأمين التجاري / Commercial Insurance)އަކީ އެއްޗެއް ދިނުމުން އަނބުރާ އެއްޗެއް ދޭންޖެހޭ މާލީ އަދި ވިޔަފާރީގެ މުޢާމަލާތެކެވެ.
-
التأمين التجاري / Commercial Insurance
މިއީ އިންޝިއުރެންސްދޭ ކުންފުންޏާއި އިންޝިއުރެންސް ނަގާމީހާއާ ދެމެދުގައި ވެވޭ ޢަޤުދެއްގެ މައްޗަށް ބިނާވާ ކަމެކެވެ. އިންޝިއުރެންސް ނަގާމީހާ، ކަނޑައެޅިފައިވާ ވަކި ޢަދަދަކަށް އިންޝިއުރެންސްދޭ ކުންފުންޏަށް ފައިސާ ދައްކަނީ އިންޝިއުރެންސް ނެގިމީހާއަށް ބޮޑުކަމެއް ޖެހުމުން ނުވަތަ އޭނާގެ ގެއަށް ނުވަތަ ކާރުފަދަ އެއްޗަކަށް ގެއްލުމެއްވުމުން، އެ ކުންފުނިން، އިންޝިއުރެންސް ނެގިމީހާ ދެއްކި ފައިސާގެ ޢަދަދަށްވުރެ މަދުން ނުވަތަ އިތުރަށް ފައިސާ ދޭގޮތަށް ޢަޤުދުކޮށްފައެވެ.
މިފަދަ އިންޝިއުރެންސްގެ ޙުކުމް: މިއީ ހުއްދަ ކަމެއް ނޫނެވެ. އެއީ އަންނަނިވި ސަބަބުތަކަށްޓަކައެވެ.
– މި މުޢާމަލަތިގައި ވަރަށް ބޮޑަށް الغرر الفاحش (އޭގެ ޙަޤީޤަތާއި އޭގެ މިންވަރާއި އެއިން ދެވޭނެ މިންވަރެއް ނުވަތަ އެއިން ލިބޭނެ މިންވަރެއް ނޭނގުން) ހިމެނޭތީ: އިންޝިއުރެންސް ނަގާ މީހާއަށް އޭނާއަށް ލިބޭނެ އެއްޗެއް ޔަޤީންކޮށް ބުނާކަށް ނޭނގެއެވެ. އަދި ކުންފުނިން ދައްކަން ޖެހޭނެ މިންވަރެއް އެ ކުންފުންޏަކަށްވެސް ޔަޤީންކޮށް ބުނާކަށް ނޭނގެއެވެ. އަދި ބޮޑު ކަމެއް ޖެހޭނީ ކޮން ވަގުތެއްގައިކަމެއްވެސް ޔަޤީންކޮށް ބުނާކަށް ނޭނގެއެވެ. އަދި ޖެހޭނީ ކިހާ ވަރެއްގެ ކަމެއް ކަންވެސް ނޭނގެއެވެ. މިއީ އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ الغرر އެވެ.
– މި މުޢާމަލަތިގައި ޖުވާ ހިމެނޭތީ: އިންޝިއުރެންސް ނަގާމީހާ ދައްކާ ފައިސާ އޭނާއަށް އަނބުރާ ނުލިބިދާނެއެވެ. ނުވަތަ އެއިން އޭނާއަށް ލިބޭނީ ދެއްކި ޢަދަދަށްވުރެ މަދުން ނުވަތަ ގިނައިންނެވެ. އަދި އެތައް ގުނައަކަށް އިތުރުވެސް ވެދާނެއެވެ.
– މި މުޢާމަލަތިގައި ރިބާ ހިމެނޭތީ: މިކަމުގައި ރިބާގެ ދެ ވައްތަރު (الفضل والنسيئة) ވެސް ހިމެނެއެވެ. އިންޝިއުރެންސް ނަގާމީހާއަށް ލިބެނީ އޭނާ ދައްކާ ފައިސާގެ ޢަދަދަށްވުރެ ގިނައިން ނުވަތަ މަދުންނެވެ. އަދި އެއާއެކު ވަގުތުން އަތަށް ލިބުމުގެ ބަދަލުގައި އެ ލިބެނީވެސް ފަހުންނެވެ.
– މި މުޢާމަލާތުގައި ޙަރާމުކުރައްވާފައިވާ ބެޓުކުރުން ހިމެނޭތީ: މި މުޢާމަލާތް ބިނާވެފައިވަނީ އެމީހެއްގެ ނަސީބު ހުރި ގޮތުގެ މައްޗަށެވެ.
މި ދެ ވައްތަރުގެ އިންޝިއުރެންސްގެ ތަފާތު:
ކޯޕަރޭޓިވް އިންޝިއުރެންސް (التأمين التعاوني / Cooperative Insurance)ގެ ފަންޑަކީ ވަކި ފަރުދަކަށް ނުވަތަ ބަޔަކަށް މިލްކުވާ އެއްޗެއް ނޫނެވެ. އެހެނަސް އެއީ އޭގެން އެހީތެރިކަން ލިބުމުގެ ޝަރުޠު ހަމަވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ އެއްޗެކެވެ.
ކޮމާރޝަލް އިންޝިއުރެންސް (التأمين التجاري / Commercial Insurance)އަކީ އެ ވިޔަފާރި ހިންގާ މީހުންގެ މިލްކެކެވެ. އަދި އެބައިމީހުންގެ އަމިއްލަ އެކައުންޓްތަކަށް އޭގެން ފައިދާ ވަންނަމުން ދާނެއެވެ. އެއީ އިންޝިއުރެންސްދޭ ކުންފުންޏާއި އިންޝިއުރެންސް ނަގާމީހާއާ ދެމެދުގައި ވެވޭ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
* ޖަރުމަނުވިލާތުގައި މިކަމާ ބެހޭގޮތުން ހެދުނު ދިރާސާއެއްގައި ދައްކާގޮތުން އިންޝިއުރެންސްދޭ ކުންފުނިން އިންޝިއުރެންސް ނަގާމީހުންނަށް އަނބުރާ ދެނީ ގާތްގަނޑަކަށް އެބައިމީހުން ދެއްކި ފައިސާގެ % 2.9 އެވެ.
* ކޮމާރޝަލް އިންޝިއުރެންސް (التأمين التجاري / Commercial Insurance)ގެ ހުރިހާ ބާވަތަކީވެސް ޙަރާމް އެއްޗެއްކަން ބަޔާންކޮށް المجمع الفقهي الدولي އިންވަނީ ޤަރާރެއް ނެރެފައެވެ. [1] އޭގައިވަނީ ކޮމާރޝަލް އިންޝިއުރެންސް (التأمين التجاري / Commercial Insurance)ގެ ތެރެއިން އެމީހާގެ ނަފްސު ނުވަތަ ވިޔަފާރި މުދާ ނުވަތަ އެނޫން މުދަލެއްވެސް އިންޝުއާރ ކުރުމަކީ ޙަރާމްކަމެއް ކަމުގައެވެ.
__________________
الفقه (4): أكاديمية زاد، بإشراف: الشيخ محمد صالح المنجد (ص: 42 – 43).
[1] ބައްލަވާ: قرارات المجمع الفقهي الإسلامي في دوراته العشرين – الدورة الأولى (10 شعبان 1398 هـ) – القرار الخامس، (ص: 35 – 47).