الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ރިބާއަކީ ވަރަށް ނުރައްކާތެރި އެއްޗެކެވެ. ރިބާ ކެއުމަކީ ބޮޑުފާފައެކެވެ. ފަހެ، ރިބާކާ މީހާއަށް މެނުވީ ﷲ ތަޢާލާގެ ޙަޟްތަރުން ހަނގުރާމައިގެ ވަޢީދު ބަސްފުޅު ވަޙީކުރައްވާފައި ނުވެއެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
﴿يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَذَرُوا مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ [٢٧٨] فَإِن لَّمْ تَفْعَلُوا فَأْذَنُوا بِحَرْبٍ مِّنَ اللَّهِ وَرَسُولِهِ ۖ وَإِن تُبْتُمْ فَلَكُمْ رُءُوسُ أَمْوَالِكُمْ لَا تَظْلِمُونَ وَلَا تُظْلَمُونَ [٢٧٩]﴾ [سورة البقرة: 278 – 279]
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! އަދި ތިޔަބައިމީހުން މުއުމިމުންކަމުގައި ވާނަމަ ރިބާގެ ތެރެއިން ބާކީ (ލިބެން) ހުރި އެއްޗެއް ތިޔަބައިމީހުން ދޫކޮށްލާށެވެ! [278] ފަހެ، ތިޔަބައިމީހުން (އަމުރުވެވިގެންވާ ގޮތަށް) ޢަމަލުނުކޮށްފިނަމަ، ﷲ އާއި އެއިލާހުގެ ރަސޫލާގެ ޙަޟްރަތުން ހަނގުރާމައެއް އަތުވެދާނެކަމަށް ތިޔަބައިމީހުން ޔަޤީންކޮށް ދެނެގަންނަ ހުށިކަމެވެ! ތިޔަބައިމީހުން (ރިބާ ދޫކޮށް) އެނބުރި ރުޖޫޢަވެ، ތައުބާވެއްޖެނަމަ ތިޔަބައިމީހުންގެ ރައުސްމާލުތައް ފަހެ، ތިޔަބައިމީހުންނަށް ހުށްޓެވެ. (އިތުރުކޮށްގެން) ތިޔަބައިމީހުން އަނިޔާވެރި ނުވާ ގޮތުގައެވެ. އަދި (އުނިވުމުން) ތިޔަބައިމީހުންނަށްވެސް އަނިޔާ ނުލިބޭ ގޮތުގައެވެ. [279]”
ރިބާއާ ގުޅުން ހުރި ޙުކުމްތައް ދެނެގަނެގެން ނޫނީ ރިބާއިން ރައްކާތެރި ނުވެވޭނެއެވެ. އެއީ އަޅާ އޭނާގެ ދީން ރައްކާތެރިކުރުމަށާއި ﷲ ތަޢާލާގެ ޢަޛާބުން ރައްކާތެރިވުމަށްޓަކައެވެ.
ބަހުގެ ގޮތުން ރިބާ:
الربا ގެ މާނައަކީ: އިތުރުވުމެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَمِنْ آيَاتِهِ أَنَّكَ تَرَى الْأَرْضَ خَاشِعَةً فَإِذَا أَنزَلْنَا عَلَيْهَا الْمَاءَ اهْتَزَّتْ وَرَبَتْ﴾ [سورة فصلت: 39]
މާނައީ: “ގަހެއްނެތި ހިކިފައިވާ ބިން، ތިބާ ދެކޭނެއެވެ. ފަހެ، އެ ބިމުގެ މައްޗަށް ތިމަންއިލާހު ވާރޭ ވެއްސަވައިފި ހިނދު، އެބިމުގެ ގަސްތަކުގެ ޙަރަކާތްތައް ފެށި، ގަސްތައް އިތުރުވެއެވެ. އެއީ އެއިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ.”
ޝަރުޢީ އިޞްޠިލާޙުގައި ރިބާ:
އެއީ ޚާއްޞަ އެއްޗެއްގައި އިތުރުކުމެވެ.
އަދި ބުނެވެއެވެ. އެއީ އެއް މުދާ އަނެއް މުދަލަށް ބަދަލުކުރާ އިރު، ބަދަލަކާ ނުލާ އިތުރުކުރެވޭ މުދަލެކެވެ.
ރިބާގެ ޙުކުމް:
ރިބާއަކީ ޙަރާމް އެއްޗެކެވެ. އެއީ ކީރިތި ޤުރުއާނާއި ސުންނަތާއި އިޖުމާޢުންނެވެ.
– ކީރިތި ޤުރުއާނުގެ ދަލީލު:
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَأَحَلَّ اللَّهُ الْبَيْعَ وَحَرَّمَ الرِّبَا ۚ فَمَن جَاءَهُ مَوْعِظَةٌ مِّن رَّبِّهِ فَانتَهَىٰ فَلَهُ مَا سَلَفَ وَأَمْرُهُ إِلَى اللَّهِ ۖ وَمَنْ عَادَ فَأُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ [٢٧٥] يَمْحَقُ اللَّهُ الرِّبَا وَيُرْبِي الصَّدَقَاتِ ۗ وَاللَّهُ لَا يُحِبُّ كُلَّ كَفَّارٍ أَثِيمٍ [٢٧٦] إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ لَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ [٢٧٧] يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَذَرُوا مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ [٢٧٨] فَإِن لَّمْ تَفْعَلُوا فَأْذَنُوا بِحَرْبٍ مِّنَ اللَّهِ وَرَسُولِهِ ۖ وَإِن تُبْتُمْ فَلَكُمْ رُءُوسُ أَمْوَالِكُمْ لَا تَظْلِمُونَ وَلَا تُظْلَمُونَ [٢٧٩]﴾ [سورة البقرة: 275 – 279]
މާނައީ: “ﷲ ވަނީ ވިޔަފާރިކުރުން ހުއްދަ ކުރައްވާފައެވެ. އަދި ރިބާވަނީ ޙަރާމް ކުރައްވާފައެވެ. ފަހެ، އޭނާގެ ރައްބުގެ ޙަޟްރަތުން ދެއްވާ ވަޢުޡާއި ނަސޭހަތް އެމީހަކާ ހަމައަށް އައުމުން އެކަން (އެބަހީ: ރިބާ ކެއުން) ހުއްޓާލައިފި މީހާ (ދަންނާށެވެ!) ފަހެ، އިސްވެ ދިޔަ އެއްޗެއް އެމީހަކަށް ހުށްޓެވެ. (އެބަހީ: ރިބާގެ ޙުކުމްތައް އައުމުގެ ކުރިން އޭނާ ބޭނުންކުރި ތަކެތި މާފުކުރައްވާފައި ވެއެވެ.) އަދި އެމީހެއްގެ ކަންތައް އޮތީ ﷲ އަށް ޚާއްޞަވެގެންނެވެ. އަދި އަލުން (އެކަމަށް) އެނބުރި އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެބައިމީހުންނީ ނަރަކައިގެ އަހުލުވެރިންނެވެ. އެބައިމީހުންނީ އެތަނުގައި ދެމިތިބެނިވި ބަޔެކެވެ. (275) ﷲ، ރިބާ އުނި ކުރައްވައި، އޭގެ ބަރަކާތް ނެތި ކުރައްވައެވެ. އަދި ޞަދަޤާތް އިތުރު ކުރައްވައެވެ. (އެބަހީ: ދުނިޔޭގައި އޭގެ ބަރަކާތް އިތުރު ކުރައްވައި، އާޚިރަތުގައި އޭގެ ދަރުމަ ގިނަގުނަ ކުރައްވައެވެ.) އަދި ފާފަވެރި، ކޮންމެ ކާފިރަކު ދެކެ، ﷲ ލޯބިވެ ވޮޑިގެނެއް ނުވެއެވެ. (276) ހަމަކަށަވަރުން އީމާންވެ، ޞާލިޙު ޢަމަލުތައްކޮށް، ނަމާދު ޤާއިމުކޮށް، ޒަކާތްދީ އުޅުނު މީހުންނަށް އެބައިމީހުންގެ ދަރުމަ، އެބައިމީހުންގެ ރައްބުގެ ޙަޟްރަތުގައި ވެއެވެ. އަދި އެބައިމީހުންގެ މައްޗަށް އެއްވެސް ބިރެއް ނެތެވެ. އަދި އެބައިމީހުންނަކީ ހިތާމަ ކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ. (277) އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! އަދި ތިޔަބައިމީހުން މުއުމިމުންކަމުގައި ވާނަމަ ރިބާގެ ތެރެއިން ބާކީ (ލިބެން) ހުރި އެއްޗެއް ތިޔަބައިމީހުން ދޫކޮށްލާށެވެ! [278] ފަހެ، ތިޔަބައިމީހުން (އަމުރުވެވިގެންވާ ގޮތަށް) ޢަމަލުނުކޮށްފިނަމަ، ﷲ އާއި އެއިލާހުގެ ރަސޫލާގެ ޙަޟްރަތުން ހަނގުރާމައެއް އަތުވެދާނެކަމަށް ތިޔަބައިމީހުން ޔަޤީންކޮށް ދެނެގަންނަ ހުށިކަމެވެ! ތިޔަބައިމީހުން (ރިބާ ދޫކޮށް) އެނބުރި ރުޖޫޢަވެ، ތައުބާވެއްޖެނަމަ ތިޔަބައިމީހުންގެ ރައުސްމާލުތައް ފަހެ، ތިޔަބައިމީހުންނަށް ހުށްޓެވެ. (އިތުރުކޮށްގެން) ތިޔަބައިމީހުން އަނިޔާވެރި ނުވާ ގޮތުގައެވެ. އަދި (އުނިވުމުން) ތިޔަބައިމީހުންނަށްވެސް އަނިޔާ ނުލިބޭ ގޮތުގައެވެ. [279]”
– ނަބަވީ ސުންނަތުގެ ދަލީލު:
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«اجْتَنِبُوا السَّبْعَ المُوبِقَاتِ»، قَالُوا: يَا رَسُولَ اللَّهِ وَمَا هُنَّ؟ قَالَ: «الشِّرْكُ بِاللَّهِ، وَالسِّحْرُ، وَقَتْلُ النَّفْسِ الَّتِي حَرَّمَ اللَّهُ إِلَّا بِالحَقِّ، وَأَكْلُ الرِّبَا، وَأَكْلُ مَالِ اليَتِيمِ، وَالتَّوَلِّي يَوْمَ الزَّحْفِ، وَقَذْفُ المُحْصَنَاتِ المُؤْمِنَاتِ الغَافِلاَتِ» [رواه البخاري (2766)]
މާނައީ: “ހަލާކުކުރަނިވި ހަތް ކަމަކުން (އެބަހީ: ހަތް ފާފައިން) ތިޔަބައިމީހުން ދުރުހެލިވާށެވެ.”
އެބޭކަލުން ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ! އެއީ ކޮން ކަންތައްތަކެއް ހެއްޔެވެ؟”
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “(އެއީ) ﷲ އަށް ޝިރުކުކުރުމާއި، ސިޙުރުހެދުމާއި، ﷲ ހުރުމަތްތެރިކުރައްވާފައިވާ ނަފްސެއް ޙައްޤަކާ ނުލާ ޤަތުލު ކުރުމާއި، ރިބާ ކެއުމާއި، ޔަތީމުންގެ މުދާ ކެއުމާއި، ހަނގުރާމައިގައި ދުޝްމަނުންނާއި ބައްދަލުވާ ވަގުތު ހަނގުރާމައިގެ މައިދާނުން ފިލަން ދުއްވައިގަތުމާ އަދި ޢިއްފަތްތެރިކަމަށް ރައްކާތެރިވެ ބަދުއަޚުލާޤީ ޢަމަލުތަކުން ޣާފިލުވެފައި ތިބި މުއުމިނު އަންހެނުންނަށް ޤަޛްފުކުރުމެވެ.”
ޖާބިރު رضي الله عنه ވިދާޅުވިއެވެ.
«لَعَنَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ آكِلَ الرِّبَا، وَمُؤْكِلَهُ، وَكَاتِبَهُ، وَشَاهِدَيْهِ»، وَقَالَ: «هُمْ سَوَاءٌ» [رواه مسلم (106 – (1598))]
މާނައީ: ”ރިބާ ކާ މީހާއާއި، އެ ދޭ މީހާއާއި، އެ (މުޢާމަލާތް) ލިޔާ މީހާ އަދި އެކަމަށް ހެކިވާ ދެ ހެކިވެރިންނަށް ﷲ ގެ ރަސޫލާ صلى الله عليه وسلم ލަޢުނަތް ދެއްވިއެވެ.“
އަދި ޙަދީޘްކުރެއްވިއެވެ. ”އެބައިމީހުން (ފާފައިގައި) ހަމަހަމަވެގެން ވެއެވެ.“
– އިޖުމާޢުގެ ދަލީލު:
އިބްނު ޤުދާމާ رحمه الله ވިދާޅުވިއެވެ.
“ރިބާ ޙަރާމްވެގެންވާކަމަށް އުންމަތް ވަނީ އިޖުމާޢު ވެފައެވެ.”
އަލްމާވަރްދީ رحمه الله ވިދާޅުވިއެވެ.
“ހަމަކަށަވަރުން އެއްވެސް ޝަރީޢަތެއްގައި ރިބާ ހުއްދަވެގެން ނުވެއެވެ. އެއީ ﷲ ތަޢާލާގެ އަންނަނިވި ވަޙީ ބަސްފުޅުންނެވެ.”
﴿وَأَخْذِهِمُ الرِّبَا وَقَدْ نُهُوا عَنْهُ﴾ [سورة النساء: 161]
މާނައީ: “އަދި އެބައިމީހުންނަށް އެކަންތައް ނަހީކުރައްވާފައިވާ ޙާލު، އެބައިމީހުން ރިބާގައި ހިފުމުގެ ސަބަބުންނެވެ.”
______________________________
الفقه (4): أكاديمية زاد، بإشراف: الشيخ محمد صالح المنجد (ص: 25 – 26).