الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ބޮޑީބިލްޑުކުރުމުގެ މައިގަނޑު ބޭނުމަކީ ވަރުގަދަ ހަށިގަނޑެއް ތައްޔާރުކުރުމެވެ. އެއީ އޭގެ ޛާތުގައި ރަނގަޅު މަޤްޞަދެކެވެ. އިސްލާމްދީންވަނީ އިންސާނާގެ ރޫޙާއި ހަށިގަނޑަށްވެސް ސަމާލުވުމަށް އަމުރުކުރައްވާފައެވެ. އަދި އިންސާނާގެ ހަށިގަނޑު ބިނާކުރުމާއި ޞިއްޙަތު ރައްކާތެރިކޮށްދޭ އެކި ބާވަތްތަކުގެ ކުޅިވަރުތަކަކަށްވެސް އިސްލާމްދީންވަނީ ބާރު އަޅުއްވާފައެވެ. އޭގެ ސަބަބުން ނަފްސަށް ހަމަޖެހުމާ އަދި އުފާވެރިކަން ލިބިގެން ދެއެވެ. އެފަދަ ކުޅިވަރުތަކުގެ ތެރޭގައި؛ ފެތުމާއި ދުނި އުކުމާއި އަސްދުއްވުމާއި ކަނޑިން ކުރިމަތިލުމާ އަދި ބަނޑުމުސާރައަށް ބެއްދުންވެސް ހިމެނެއެވެ. [1]
އެހެނަސް އިސްލާމްދީނުގައި މިފަދަ ކުޅިވަރުތައް ބަލައިގަނެފައިވަނީ އަދި އެކަންކަންކުރުމަށް ބާރު އަޅުއްވާފައިވަނީ ވަސީލަތެއްގެ ގޮތުގައެވެ. އެއީ ދީން ޙިމާޔަތްކުރުމަށާއި މުސްލިމުންގެ ކަރާމަތާ އަދި ޙައްޤުތައް ޙިމާޔަތްކުރުމަށެވެ. އެހެނީ އެއީ އިސްލާމްދީނުގެ އަހުލުވެރިންނަށް ބާރުލިބި އަދި ނަޞްރުލިބުމުގެ އެންމެ މުހިންމު އެއް ސަބަބެވެ. އަދި އެއީ އިސްލާމްދީނަށް ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށާ އަދި އެކަންކަން ގިރާކުރުމަށް ލިބޭ ވަރަށް ބޮޑު ބާރެއްވެސް މެއެވެ.
ބޮޑީބިލްޑުކުރުމުގެ މަޤްޞަދަކީ ޖިހާދުގެ މަތިވެރި ފަރުޟު އަދާކުރުމާއި ﷲ ގެ ކަލިމަފުޅު މަތިވެރިކުރުމުގެ ޤާބިލު ހަށިގަނޑެއް ތައްޔާރުކުރުންކަމުގައިވާނަމަ ފަހެ އެއީ އެދެވިގެންވާ ކުޅިވަރެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَأَعِدُّوا لَهُم مَّا اسْتَطَعْتُم مِّن قُوَّةٍ وَمِن رِّبَاطِ الْخَيْلِ﴾ [سورة الأنفال: ٦٠]
މާނައީ: “އެބައިމީހުންނާ ދެކޮޅަށް ތިޔަބައިމީހުންނަށް ކުޅަދާނަވީހައި ބާރެއް ތިޔަބައިމީހުން ތައްޔާރުކުރާށެވެ! އަދި އަސްތައްވެސް ބަނދެ ތައްޔާރުކުރާށެވެ!”
އަދި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«الْمُؤْمِنُ الْقَوِيُّ، خَيْرٌ وَأَحَبُّ إِلَى اللهِ مِنَ الْمُؤْمِنِ الضَّعِيفِ، وَفِي كُلٍّ خَيْرٌ » [رواه مسلم 34 – (2664)]
މާނައީ: “ﷲގެ ޙަޟްރަތުގައި ހެޔޮކަން ބޮޑުވެގެންވަނީ އަދި ލޮބުވެތިކަން ބޮޑުވެގެންވަނީ ބަލިކަށި މުއުމިނަށް ވުރެ ވަރުގަދަ މުއުމިނެވެ. އެ ދެ މީހުންގެ ކިބައިގައިވެސް ހެޔޮކަން ވެއެވެ.”
ފަހެ ބޮޑީ ބިލްޑުކުރުމުގެ ބޭނުމަކީ ނަފްސަށް ލުއިކަން ގެނުވާ އަދި ޞިއްޙަތަށް ރައްކާތެރިވުންކަމުގައިވާނަމަ އެއީ ހުއްދަ ކުޅިވަރެކެވެ. އަދި ބޮޑީ ބިލްޑުކުރުމުގެ ތެރޭގައި މަޝްޣޫލުވެ އުޅޭއިރުގައި ނަމާދުތައް އެޅުމާއި ފިރިހެނުންނާއި އަންހެނުންގެ ޢައުރަ ކަޝްފުކުރުމާއި ހިލޭ ފިރިހެނުންގެ ކުރިމަތީގައި އަންހެނުން ޒީނަތްތެރިކަން ފާޅުކުރުމާ އަދި ދެ ޖިންސުގެ މީހުން މައްސުނިވުންފަދަ ޙަރާމްކަމެއް އެކުލެވޭނަމަ އެއީ ޙަރާމް ކުޅިވަރެކެވެ.
ބޮޑީބިލްޑުކުރާ މީހުންގެ އާދަކައަކަށް ވެފައިވަނީ އެބައިމީހުން އެކަންކުރާ އިރުގައި ޢައުރަ ކަޝްފުކުރުމެވެ. މިއީ އެއްވެސް ޝައްކެތް ނެތް ގޮތުގައި ޙަރާމްކަމެކެވެ. ފަހެ ފިރިހެނާގެ ޢައުރައަކީ ފޫޅުންފެށިގެން ކަކުލާ ހަމައަށެވެ. އެމީހެއްގެ އަނބިމީހާގެ ކުރިމަތީގައި މެނުވީ އެދެމެދު ކަޝްފުކުރުން ހުއްދަވެގެން ނުވެއެވެ. އަދި އެހެން މީހެއްގެ ޢައުރައާ ދިމާއަށް ބެލުންވެސް ހުއްދަވެގެން ނުވެއެވެ. އެކަމުގެ ދަލީލަކީ އަންނަނިވި ޙަދީޘެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
« مَا أَسْفَلَ مِنْ سُرَّتِهِ إِلَى رُكْبَتَيْهِ مِنْ عَوْرَتِهِ» [رواه أحمد في مسنده (6756) وحسنه الألباني في الإرواء (247، 271)]
މާނައީ: “ފޫޅުން ތިރި ހިމެނެނީ ޢައުރައިގެ ތެރެއިންނެވެ. އެއީ ކަކުލާ ހަމައަށެވެ.”
މިކަންކަމުން ދުރުހެލިވެގެން ބޮޑީބިލްޑުކުރެވޭ ކަމުގައިވާނަމަ ފަހެ އެކަންކުރުމަކީ މައްސަލައެއް ނޫނެވެ.
އަދި މިކަމުގައި ސަމާލުވާން ޖެހޭ މުހިންމު ދެ ކަމެއް ވެއެވެ.
ފުރަތަމައީ: ބޮޑީބިލްޑުކުރާ ބައެއް މީހުން އެކަން ކުރަނީ އަމިއްލަ ނަފްސުގެ ދެއްކުންތެރިކަމުގެ ގޮތުންނެވެ. އަދި އެ ނޫންވެސް ގޯސް ނިޔަތްތަކެއް ހުރެގެންނެވެ. ފަހެ މުއުމިނު އަޅާގެ މައްޗަށް ވަނީ އެފަދަ ކަންކަމުން ދުރުހެލިވުމެވެ. އަދި ރިވެރި އަޚުލާޤުން ޒީނަތްތެރިވެ، ބޮޑާވެރިކަން ދޫކޮށްލާ، މީސްތަކުންގެ ކުރިމަތީގައި ދެއްކުންތެރިވުން ދޫކޮށްލާ އަދި ތަވާޟުޢުވެރިވުމެވެ.
ދެވަނައީ: ހަށިގަނޑު ރީތިކުރުމުގައި ހައްދުފަހަނައަޅާ ދިޔުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. އެގޮތުން އެކަންކުރުމުގައި ތަފާތު އެކިބާވަތްތަކުގެ ބޭސްތައް ބޭނުންކުރުމަކީ ޞިއްޙަތަށް ނުރައްކާތެރިކަމެކެވެ. އެހެނަސް އެކަމުގައި ރަނގަޅު މިންވަރަކީ ހެޔޮ ޞިއްޙަތެއްގައި ހުރެވޭނެ މިންވަރަށް އެކަން ކުރުމެވެ. އަދި ދީން ޤާއިމުކުރުމާއި ﷲ ގެ މަގުގައި ޖިހާދުކުރުމާ އަދި ޙައްޖުގެ އަޅުކަން ފަދަ ހަށިގަނޑުގައި ވަރު ހުރުމަށް ބޭނުން ޖެހިފައިވާ އަޅުކަންތައްތައް އަދާކުރުމަށް ހަށިގަނޑުގައި ވަރު ޖެއްސުމެވެ.
ބޮޑީބިލްޑުކުރުމުގައި ހައްދުފަހަނަ އެޅުމަކީ އެއަށް ވުރެ މުހިންމު ކަންކަމުން އެމީހަކު މަޝްޣޫލުކުރުވާނޭ ކަމެކެވެ. އެއީ މިފަދަ ކުޅިވަރުތަކުގައި ބައިވެރިވާ ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. ކޮންމެ ދުވަހެއްގެ އެތައް ގަޑިއިރެއް އެފަދަ މީހުން ކުޅިވަރާ އެކަންކަމާ ގުޅުންހުރި ކަންކަމުގައި ވޭތުކުރެއެވެ.
ފަހެ ހަށިގަނޑު ކިތަންމެ ވަރުގަދަކުރިޔަސް އެމީހެއްގެ ހިތުގައި އީމާންކަމާ އަދި ހެޔޮކަން ނެތިއްޔާ މުސްލިމު އަޅާއަށް އެކަމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟!
ދުޢާއަކީ ދުނިޔެއާއި އާޚިރަތުގެ ހެޔޮކަމާއި ބާއްޖަވެރިކަމަށް އަޅަމެންނަށް ތައުފީޤު ދެއްވުމެވެ.
_______________________
[1] ބައްލަވާ: صحيح الجامع الصغير للألباني (5434).