[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތިންވަނަ ޚަލީފާ: ޢުޘްމާން ބުން ޢައްފާން رضي الله عنه – 25

5- މިނާގައި ނަމާދު ޤަޞްރު ނުކުރައްވާ ފުރިހަމައަށް (ހަތަރު ރަކުޢަތް) ކުރެއްވުން.

ޙައްޖުގެ އަޅުކަމުގެ ތެރޭގައި މިނާގައި މަޑުކުރެއްވި ދުވަސްތަކުގައި ޢުޘްމާނުގެފާނު ހަތަރު ރަކުޢަތުގެ ނަމާދުތައް ޤަޞްރު ނުކުރައްވާ ފުރިހަމައަށް ހަތަރު ރަކުޢަތް ކުރެއްވުމާމެދު ދަންނައެވެ. އިބްނު ޙަޖަރު فتح الباري ގައި ޒުހުރީގެ އަރިހުން ރިވާކުރައްވާފައިވެއެވެ.

“ހަމަކަށަވަރުން ޢުޘްމާނުގެފާނު މިނާގައި ހަތަރު ރަކުޢަތް ކުރެއްވީ އެ އަހަރު އަޢުރާބީން ގިނަވުމުގެ ސަބަބުންނެވެ. އެކަލޭގެފާނު ބޭނުންފުޅުވީ (ފުރިހަމައަށް ކުރާ) ނަމާދުގައި ވަނީ ހަތަރު ރަކުޢަތްކަން އެބައިމީހުންނަށް އުނގަންނައިދެއްވާށެވެ.” [1]

ޢުޘްމާނުގެފާނަށް އިވިވަޑައިގެންނެވީ އަޢުރާބީން ނަމާދު ޤަޞްރުކުރުމުގައި ފިތުނަވެރިވެފައިވާ ކަމުގައެވެ. އެގޮތުން އެބައިމީހުންގެ ގެތަކުގައި ނަމާދުކުރާއިރުގައިވެސް ދެ ރަކުޢަތުން ޤަޞްރުކުރާކަމުގައެވެ. އެހެންކަމުން ޢުޘްމާނުގެފާނަށް ވިސްނިވަޑައިގެންނެވީ އެކަލޭގެފާނު ސުންނަތުގައި އޮތް ގޮތަށް މިނާގައި ފަރުޟު ނަމާދުތައް ދެ ރަކުޢަތުން ޤަޞްރުކުރައްވައިފިނަމަ އަދި އެކަމުގައި ސުންނަތުގައި އޮތް ގޮތަށް ހިފައިފިނަމަ އެކަމުގެ ސަބަބުން އަޢުރާބީން އެގޮތުގައި ހިފާ، ފަރުޟުތައް ފުރިހަމަ ނުކޮށް ދޫކޮށްލުމުގެ ބިރުއޮތްކަމަށެވެ. އެހެނީ އަޢުރާބީންނަކީ ދީނުގެ ކަންކަމުގައި ޖާހިލު ބައެކެވެ. އެހެންކަމުން އެއީ އެކަލޭގެފާނު ކުރެއްވި އިޖުތިހާދެކެވެ.

 

ޢާއިޝާ رضي الله عنها ދަތުރުމަތީގައި ހަތަރު ރަކުޢަތް ކުރެއްވިތޯ ޢުރުވާ ބުން އައްޒުބައިރުގެ އަރިހުގައި ޒުހުރީ ސުވާލު ދެންނެވުމުން އެކަލޭގެފާނު ވިދާޅުވިއެވެ.

“އެކަމަނާވެސް ޢުޘްމާނުގެފާނު ކުރެއްވި ގޮތަށް އެކަމުގައި ޢަމަލުކުރެއްވިއެވެ.” [2]

 

  1. އަބޫ ޛައްރުގެފާނު މަދީނާއިން ފޮނުވާލިކަމަށް ތުހުމަތުކުރުން

އަބޫ ޛައްރުގެފާނު މަދީނާގެ ކައިރީގައިވާ އައްރަބަޛާ ކިޔާ ރަށަށް ވަޑައިގެންނެވީ އެކަލޭގެފާނުގެ އަމިއްލަ އިޚްތިޔާރުގައެވެ. ޢުޘްމާނުގެފާނު އެކަމަށް މަޖުބޫރުކުރައްވައިގެންނެއް ނޫނެވެ. އެކަން ހިނގާދިޔަ ގޮތް އަބޫ ޛައްރު رضي الله عنه ގެ އަރިހުން ޞަޙީޙުލް ބުޚާރީގައި ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު އައްރަބަޛާއަށް ވަޑައިގެންނެވި ސަބަބާ ބެހޭގޮތުން ވިދާޅުވިއެވެ.

“كُنْتُ بِالشَّأْمِ، فَاخْتَلَفْتُ أَنَا وَمُعَاوِيَةُ فِي: ﴿وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلَا يُنفِقُونَهَا فِي سَبِيلِ اللَّهِ﴾ [سورة التوبة: 34] قَالَ مُعَاوِيَةُ: نَزَلَتْ فِي أَهْلِ الكِتَابِ، فَقُلْتُ: نَزَلَتْ فِينَا وَفِيهِمْ، فَكَانَ بَيْنِي وَبَيْنَهُ فِي ذَاكَ، وَكَتَبَ إِلَى عُثْمَانَ رَضِيَ اللَّهُ عَنْهُ يَشْكُونِي، فَكَتَبَ إِلَيَّ عُثْمَانُ: أَنِ اقْدَمِ المَدِينَةَ فَقَدِمْتُهَا، فَكَثُرَ عَلَيَّ النَّاسُ حَتَّى كَأَنَّهُمْ لَمْ يَرَوْنِي قَبْلَ ذَلِكَ، فَذَكَرْتُ ذَاكَ لِعُثْمَانَ، فَقَالَ لِي: إِنْ شِئْتَ تَنَحَّيْتَ، فَكُنْتَ قَرِيبًا، فَذَاكَ الَّذِي أَنْزَلَنِي هَذَا المَنْزِلَ، وَلَوْ أَمَّرُوا عَلَيَّ حَبَشِيًّا لَسَمِعْتُ وَأَطَعْتُ”. [رواه البخاري (1406)]

މާނައީ: “ތިމަންކަލޭގެފާނު ޝާމްކަރައިގައި ހުންނެވިއިރު، މުޢާވިޔަތުގެފާނާ ދެބޭކަލުން އަންނަނިވި އާޔަތާމެދު ޚިލާފުވިއެވެ.

﴿وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلَا يُنفِقُونَهَا فِي سَبِيلِ اللَّهِ﴾ [سورة التوبة: 34]

މާނައީ: “އަދި ރަނާއި ރިހި ޚަޒާނާކޮށް، ﷲގެ މަގުގައި އެތަކެތި ހޭދަނުކޮށް ތިބޭ މީހުން (ދަންނާށެވެ!)”

މުޢާވިޔަތުގެފާނު ވިދާޅުވިއެވެ. “އެ އާޔަތް ބާވައިލެއްވުނީ އަހުލު ކިތާބީންނާ ބެހޭގޮތުންނެވެ.”

ތިމަންކަލޭގެފާނު ދެންނެވީމެވެ. “އެ އާޔަތް ބާވައިލެއްވުނީ ތިމަންމެންނާއި އެބައިމީހުންނާ ބެހޭގޮތުންނެވެ.”

ފަހެ، އެކަމުގައި ތިމަންކަލޭގެފާނާ އެކަލޭގެފާނާ ދެމެދުގައި ޚިލާފު އޮތެވެ. އަދި އެކަލޭގެފާނު، ތިމަންކަލޭގެފާނުގެ ޝަކުވާކުރައްވާ ޢުޘްމާނު رضي الله عنه އަށް ސިޓީއެއް ލިޔުއްވިއެވެ. ދެން ޢުޘްމާނުގެފާނު ތިމަންކަލޭގެފާނަށް ސިޓީއެއް ފޮނުއްވިއެވެ. އޭގައިވަނީ މަދީނާއަށް ވަޑައިގެންނެވުމަށެވެ. ދެން ތިމަންކަލޭގެފާނު މަދީނާއަށް ވަޑައިގެންނެވީމެވެ. ފަހެ، ތިމަންކަލޭގެފާނުގެ އަރިހަށް (މަދީނާއަށް ވަޑައިގެންނެވި ސަބަބާ ބެހޭގޮތުން ސުވާލުކުރުމަށް) އަންނަ މީހުން ގިނަވިއެވެ. އެބައިމީހުންނަށް ތިމަންކަލޭގެފާނު ކުރިން ފެނިފައި ނުވާ ފަދައެވެ.

ފަހެ، ތިމަންކަލޭގެފާނު އެވާހަކަ ޢުޘްމާނުގެފާނުގެ އަރިހުގައި ދެންނެވުމުން ވިދާޅުވިއެވެ.

“ކަލޭގެފާނު ބޭނުންފުޅުވާނަމަ އެހެން ރަށަކަށް ވަޑައިގަންނަވާށެވެ. ފަހެ، ކައިރި ރަށެއްގައި އުޅުއްވާށެވެ.”

ފަހެ، ތިމަންކަލޭގެފާނު މިތަނަށް ގެނުވި ކަމަކީ އެއީއެވެ. ފަހެ، ޙަބަޝީ (އަޅަކު) ތިމަންކަލޭގެފާނުގެ މައްޗަށް ވެރިކުރެވުނުކަމުގައި ވިޔަސް، ތިމަންކަލޭގެފާނު އަޑުއަހާ ކިޔަމަންވީމުހެވެ.”

 

މުޙައްމަދު ބުން ސީރީން ވިދާޅުވިއެވެ.

“އެކަލޭގެފާނު (އެބަހީ: އަބޫ ޛައްރުގެފާނު) ވަޑައިގެންނެވީ އެކަލޭގެފާނު އަމިއްލަފުޅަށެވެ. ޢުޘްމާނުގެފާނު އެކަލޭގެފާނު ފޮނުއްވާ ނުލައްވައެވެ.” [3]


 

الخلفاء الراشدون لسليمان بن عبد الله الرومي – رحمه الله –

 

ތިންވަނަ ޚަލީފާ: ޢުޘްމާން ބުން ޢައްފާން رضي الله عنه –

 

[1]  فتح الباري لابن حجر (2 / 571).

[2]  صحيح البخاري (1090).

[3]  تاريخ المدينة لابن شبة (3 / 1037).