ޤަޟާ ރޯދައިގެ ނިޔަތް
ޤަޟާ ރޯދައަށް ހުރުމަށް ރޭގަނޑު ނިޔަތްގަންނަން ޖެހޭނެއެވެ. ސަބަބަކީ ޤަޟާ ރޯދައިގެ ޙުކުމަކީ ހަމަ އަދާއަށް ރޯދަ ހިފުމުގެވެސް ޙުކުމެވެ. ވުމާއެކު ހިފާ ނިމިފައިވާ ސުންނަތް ރޯދައެއް އެއީ ޤަޟާ ރޯދައެއް ކަމުގައި ހެދުމަށް ނިޔަތް ބަދަލުކޮށްލުމަކީ ހުއްދަކަމެއް ނޫނެވެ. އެހެނީ ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައި ވެއެވެ.
«مَنْ لَمْ يُجْمِعِ الصِّيَامَ قَبْلَ الْفَجْرِ، فَلَا صِيَامَ لَهُ» [1]
މާނައީ: “ފަޖުރުގެ ކުރިން ރޯދައަށް ހުރުމަށް ނިޔަތް ނުގަންނަ މީހާއަށް ރޯދައެއް ނުވެއެވެ.”
މި ޙަދީޘް ބަސްފުޅަށް ފަހުގައި އިމާމު ތިރުމިޛީ رَحِمَهُ اللهُ ވިދާޅުވެފައި ވެއެވެ.
“ޢިލްމުގެ އަހުލުވެރިންގެ އަރިހުގައި މި ޙަދީޘްގެ މާނައަކީ ރަމަޟާން މަހުގެ ރޯދައަށް ހުރުމަށް ނުވަތަ ރަމަޟާން މަހުގެ ރޯދައެއް ޤަޟާ ކުރުމަށް ނުވަތަ ނަދުރުގެ ރޯދައަކަށް ހުރުމަށް، ފަޖުރުގެ އަލިކަން ފާޅުވުމުގެ ކުރިން ނިޔަތް ނުގަންނަ މީހަކަށް ރޯދައެއް ނުވެއެވެ. ރޭގަނޑުގައި ނިޔަތް ނުގަންނަ ނަމަ އެ ރޯދަ ރަނގަޅު ނުވާނެއެވެ. އެހެން ނަމަވެސް (ފަތިސް ވަގުތު ވީއްސުރެ އެއްޗެއް ނުކައި ހުރި މީހަކު) ސުންނަތް ރޯދައަށް ހުރުމަށް އިރު އަރާ ފަހުންވެސް ނިޔަތް ގަނެވިދާނެއެވެ. އިމާމު އައްޝާފިޢީ، އަޙްމަދު އަދި އިސްޙާޤު رَحِمَهُمُ اللهُ ގެ ބަސްފުޅަކީ މިއީއެވެ.” [2]
ޢާޝޫރާ ދުވަސް ނުވަތަ ޢަރަފާތް ދުވަސް ނުވަތަ ރޯދަހިފުން މުސްތަޙައްބުވެގެންވާ ދުވަހަކާއި ދިމާކޮށް ޤަޟާ ރޯދައަކަށާއި އެކު ނިޔަތް ގަނެފި ނަމަ އެ މީހަކަށް އެ ދުވަހުގައި ޤަޟާ ރޯދަ ފުދޭނެއެވެ. އަދި އެ މުސްތަޙައްބުވެގެންވާ ރޯދައިގެ ޘަވާބުވެސް ލިބޭނެކަމަށް އުއްމީދުކުރެވެއެވެ.
އައްރަމްލީ رَحِمَهُ اللهُ ވިދާޅު ވިއެވެ.
“ޝައްވާލު މަހުގައި ނުވަތަ ޢާޝޫރާ ދުވަހުގައި، ޤަޟާ ރޯދައެއް ނުވަތަ ނަދުރުގެ ގޮތުން ރޯދަ ހިފި ނަމަވެސް ޝައްވާލުގެ ނުވަތަ ޢާޝޫރާގެ ސުންނަތުގެ ޘަވާބު ޙާޞިލުވާނެއެވެ. މިއީ އަލްބާރިޒީއާއި އުޞްފޫނީއާއި އައްނާޝިރީއާއި ޢަލީ ބުނު ޞާލިޙު އަލްޙަޟްރަމީ ފިޤުހުވެރިޔާ އަދި މި ނޫންވެސް ކިތައްމެ ބޭކަލުންނަކަށް ތަބާވެ، ބައްޕާފުޅު ފަތުވާ ދެއްވާފައިވާ ފަދައިންނެވެ.” [3]
އައްޝައިޚު އިބްނު ޢުޘައިމީން رَحِمَهُ اللهُ ވިދާޅު ވިއެވެ.
“ރަމަޟާން މަހުގެ ޤަޟާކުރަން ޖެހިފައިވާ ރޯދަ ހުއްޓައި ޢަރަފާތް ދުވަހުގެ ނުވަތަ ޢާޝޫރާ ދުވަހުގެ ރޯދަ ހިފި ނަމަވެސް އެ މީހެއްގެ ރޯދަ ޞައްޙަވާނެއެވެ. އެހެން ނަމަވެސް މި ދުވަސްތަކުގައި ޤަޟާ ރޯދައަށްވެސް ނިޔަތް ގަނެފިނަމަ، ދެ އަޖުރު ޙާޞިލުވާނެއެވެ. ޤަޟާ ރޯދައިގެ އަޖުރާ އެކު ޢަރަފާތް ދުވަހުގެ ރޯދައިގެ އަޖުރު ނުވަތަ ޢާޝޫރާ ދުވަހުގެ ރޯދައިގެ އަޖުރެވެ.” [4]
ސުޢޫދީ ޢަރަބިއްޔާގެ ފަތުވާދޭ ދާއިމީ ކޮމިޓީގެ ފަތުވާގައި ވެއެވެ.
“ޢަރަފާތް ދުވަހުގެ ރޯދަ ހިފާއިރު ޤަޟާ ރޯދައިގެ ނިޔަތާ އެކު ހިފުން ހުއްދަވެގެން ވެއެވެ.” [5]
އެހެންނަމަވެސް ހަމައެކަނި ސުންނަތް ރޯދައެއް ހިފުމަށް ނިޔަތްގަތް މީހާއަށް، އެ ރޯދަ ވާޖިބު ރޯދައެއްގެ ބަދަލުގައި ނުފުދޭނެއެވެ. އޭރަށް އެ މީހަކަށް ލިބޭނީ ހަމައެކަނި އެ ސުންނަތް ރޯދައިގެ ޘަވާބެވެ. މިޘާލަކަށް: ހަމައެކަނި ޢާޝޫރާ ދުވަހުގެ ރޯދަ ހިފުމަށް ނިޔަތްގަތް މީހަކަށް، އެ ރޯދަ ރަމަޟާން މަހުގެ ޤަޟާ ރޯދައެއްގެ ގޮތުގައި ނުފުދޭނެއެވެ.
ރަމަޟާން މަހުގެ ޤަޟާ ރޯދައާ އެކު އޭގެ ޛާތުގައި ރޯދަ ހިފުމަށް ޤަޞްދު ވެވޭ ފަދަ ރޯދައެއް، މިޘާލަކަށް ކައްފާރާ ރޯދައެއް ނުވަތަ ނަދުރު ރޯދައެއްގައި އެއް ނިޔަތެއްގައި ޖަމާކުރުން ހުއްދަވެގެން ނުވެއެވެ.
ޝައްވާލު މަހުގެ ހަ ރޯދަ ހިފާއިރު ޤަޟާ ރޯދައިގެ ނިޔަތާ އެކު ހިފުން ހުއްދަވެގެން ނުވެއެވެ. ސަބަބަކީ ޝައްވާލު މަހުގެ ހަ ރޯދަ ހިފުން ވަނީ ރަމަޟާން މަހުގެ ރޯދަތައް ފުރިހަމަ ކުރުމަށް ފަހުގައެވެ.
އައްޝައިޚު އިބްނު ޢުޘައިމީން رَحِمَهُ اللهُ ވިދާޅު ވިއެވެ.
“ރަމަޟާން މަހުގެ ޤަޟާ ރޯދަ ހުއްޓައި ޢަރަފާތް ދުވަހުގެ ނުވަތަ ޢާޝޫރާ ދުވަހުގެ ރޯދަ ހިފި ނަމަވެސް އެ މީހެއްގެ ރޯދަ ޞައްޙަވާނެއެވެ. އެހެން ނަމަވެސް މި ދުވަސްތަކުގައި ޤަޟާ ރޯދައަށް ވެސް ނިޔަތް ގަނެފިނަމަ ދެ އަޖުރު ޙާޞިލުވާނެއެވެ. ޤަޟާ ރޯދައިގެ އަޖުރާ އެކު ޢަރަފާތް ދުވަހުގެ ރޯދައިގެ އަޖުރު ނުވަތަ ޢާޝޫރާ ދުވަހުގެ އަޖުރެވެ. މިއީ ރަމަޟާން މަހުގެ ރޯދައާއި ގުޅުމެއް ނުވާ އެހެނިހެން މުޠުލަޤު ރޯދަތަކުގައެވެ. އެހެން ނަމަވެސް ޝައްވާލު މަހުގެ ރޯދަތަކާއި މެދު ދަންނައެވެ. ޝައްވާލު މަހުގެ ރޯދައަކީ ރަމަޟާން މަހުގެ ރޯދައާއި ގުޅިފައިވާ ރޯދައެކެވެ. ވުމާ އެކު ރަމަޟާން މަހުގެ ޤަޟާ ރޯދަތައް ފުރިހަމަކޮށްފައި މެނުވީ ޝައްވާލު މަހުގެ ހަ ރޯދަ ހިފުމެއް ނުވެއެވެ. ޤަޟާ ރޯދަތައް ފުރިހަމަ ނުކޮށް ޝައްވާލު މަހުގެ ރޯދަ ހިފިނަމަވެސް މިކަމުގެ އަޖުރު ޙާޞިލު ނުވާނެއެވެ. އެއީ ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވާ ބަސްފުޅުގެ މައްޗަށް ބިނާކޮށެވެ.
«مَنْ صَامَ رَمَضَانَ، ثُمَّ أَتْبَعَهُ بِسِتٍّ مِنْ شَوَّالٍ، فَكَأَنَّمَا صَامَ الدَّهْرَ» [6]
(މާނައީ: ރަމަޟާން މަހު ރޯދަ ހިފާ، ދެން އެއަށްފަހު ޝައްވާލުމަހު ހަ ރޯދަ ހިފައިފިމީހާ ދަންނައެވެ. އޭނާ މުޅި އަހަރު ރޯދަހިފި ފަދައެވެ.”)
ރަމަޟާން މަހުން ބައެއް ޤަޟާ ކުރަން ޖެހިފައިވާ މީހަކު އެ ރޯދަތައް ޤަޟާކުރުމުގެ ކުރިން ރަމަޟާން މަހުގެ ރޯދަ ފުރިހަމައަށް ހިފި މީހެއް ކަމުގައި ނުވާނެއެވެ.” [7]
[1] سنن أبي داود، كتاب الصوم – باب النية في الصيام، رقم الحديث: (2454)، (2 / 329)، وصححه الألباني في إرواء الغليل، رقم الحديث: (914)، (4 / 25 – 26).
[2] سنن الترمذي – تحقيق: شاكر (3 / 99).
[3] تحفة المحتاج في شرح المنهاج وحواشي الشرواني والعبادي (3 / 457).
[4] مجموع فتاوى ورسائل العثيمين (20 / 47).
[5] فتاوى اللجنة الدائمة – المجموعة الأولى (10 / 347).
[6] سنن أبي داود، كتاب الصوم – باب في صوم ستة أيام من شوال، رقم الحديث: (2433)، (2 / 324)، وصححه الألباني في صحيح سنن أبي داود، رقم الحديث: (2102)، (7 / 191).
[7] مجموع فتاوى ورسائل العثيمين (20 / 48).